Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބޫ ދުޖާނާ ރަޟިޔަ ﷲ ޢަންހު

Ali Ihsaan Level 210 Stories100 Login
September 7, 2018 5 Mins Read
4 Comments

 

ނަންފުޅާއި ނަސްބުފުޅު

أَبو دُجَاَنةَ ގެ ފުރިހަމަނަންފުޅަކީ سِمَاك بن خَرَشة އެވެ. ބައެއް ރިވާޔަތްތަކުގައި އެކަލޭގެފާނުގެ ނަސަބުފުޅު ބަޔާން ކުރެއްވިފައިވަނީ سماك بن أَوس بن خرشة بن لوذان بن عبد وُدّ بن زيد بن ثعلبة بن طَرِيف بن الخَزْرج بن سَاعِدَة بن كعب بن الخزرج الأَكبر الأَنصاري الخزرجي الساعدي މިފަދައިންނެވެ. ފަހުން މިދެންނެވި ނަސަބުނާމާއިން އެނގިވަޑައިގަންނަވާނޭފަދައިން އެކަލޭގެފާނަކީ މަދީނާގެ ޤަދަރުހުރު ޤަބީލާއެއްކަމުގައިވާ ޚަޒްރަޖުވަންހައިގެ ބޭކަލެކެވެ.

އެކަލޭގެފާނު މަޝްޙޫރުވެވަޑައިގެންފައިވަނީ އެކަލޭގެފާނުގެ ކުންނިއްޔަތުގެ ނަންފުޅުކަމުގައިވާ أَبو دُجَاَنةَ މިނަންފުޅުންނެވެ.

އިސްލާމްވެވަޑައިގެންނެވުން

أَبو دُجَاَنةَ رضى اللّـه عنــه އަކީ އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم އިލާހީ ޙަޟްރަތުން ގެންނެވި ރިސާލަތަށް މަދީނާއިން އެންމެ ފުރަތަމަ އިޖާބަދެއްވި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވީ ތެދުހިތްޕުޅަކުންނެވެ. އިސްލާމްދީނަށާއި އެދީނުގެ މުރުޝިދަށް ނަޞްރުދެއްވުމަށްޓަކައެވެ. އެކަން އެކަލޭގެފާނު ކުރެއްވި ހަނގުރާމަތަކާއި މައުރިކާތަކުން ރަނގަޅަށް ހާމަވެގެންދެއެވެ.

أَبو دُجَاَنةَ رضى اللّـه عنــه އިސްލާމްވެވަޑައިގެންނެވި ސީދާ އަހަރެއް ސީރަތުގެ ފަތްފުށްތަކަކުން ފިލާކަށެއްނުހުރެއެވެ. ލަފާކުރެވޭގޮތުގައި އެކަލޭގެފާނުވަނީ ޢަޤަބާގެ ދެވަނަ ބަޢިއަތަށްފަހު އިތުރު ސާހިބާ މަދީނާއަށް ހިޖުރަކުރެއްވުމުގެ ކުރިން އިސްލާމްވެވަޑައިގެންފައެވެ. އެދުވަސްވަރަކީ މަދީނާގެ މީސްތަކުން ބައިބަޔަށް އިސްލާމްދީނަށް ވަންނަމުންގެންދިޔަ ދުވަސްވަރެވެ.

ޖިހާދުގެ މައިދާނުގައި

أَبو دُجَاَنةَ رضى اللّـه عنــه އަކީ ހިތްވަރުފުޅުގަދަކަމާއި ކެރިވަޑައިގެންނެވުމާއި ޖެހިލުންކުޑަކަމުގެ ވަރަށް ރިވެތި ނަމޫނާއެކެވެ. އެކަލޭގެފާނުގެ މިދެންނެވި ސިފަފުޅުތައް އެކަލޭގެފާނުވަނީ ޖިހާދުގެ މައިދާނުގައި ފިސާރި ފިރިހެންވަންތަކަމާއެކު ސާބިތުކޮށްދެއްވާފައެވެ. ތާރީޚުގެ ޢިލްމުވެރިން ވިދާޅުވާގޮތުގައި أَبو دُجَاَنةَ رضى اللّـه عنــه ވަނީ ކައުއިތުރު ނަބިއްޔާ ކުރެއްވި މުހިއްމު ހަނގުރާމަތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

ސީރަތުގެ ޢިލްމު ދިރާސާކުރައްވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން މުސްލިމުންނާއި މުޝްރިކުންނާއި ދެމެދުގައި ކުރެއްވުނު އެންމެ ވަރުގަދަ އެއް ހަނގުރާމައަކީ ބަދުރު ހަނގުރާމައެވެ. އެހަނގުރާމައަކީ ޙައްޤާއި ބާތިލު ވަކިވެގެންދިޔަ ހަނގުރާމައެވެ. އެހަނގުރާމަ ހިނގީ ހިޖުރައިން 2 ވަނަ އަހަރުގެ ރަމަޟާންމަހުގެ ތެރޭގައެވެ. އެހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވުމަށް ވަޑައިގެންނެނެވި ޞަޙާބީންގެ މަތިވެރި މުޤައްދަސު ޖަމާޢަތުގައި أَبو دُجَاَنةَ رضى اللّـه عنــه ހިމެނިވަޑައިގެންނެވިއެވެ.

ބަދުރުގެ މައިދާނުގައި ކުރެވުނު ހަނގުރާމައިގައި ބައިވެރިވި މުސްލިމުންގެ ލަޝްކަރުގެ ޢަދަދަކީ 313 އެވެ. ކާފިރުންގެ ލަޝްކަރުގެ ޢަދަދަކީ 1000 އެވެ. ހަނގުރާނައިގެ މުޤާބަލާ ފެށި ހަނގުރާމައިގެ އުޑި އެނބުރިގަތުމުން دُجَاَنةَ رضى اللّـه عنــه  މުސްލިމުންގެ ލަޝްކަރާއެކު ނުހަނު ވަރުގަދައަށް ހަނގުރާމަކުރެއްވިއެވެ. މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން ކާމިޔާބު ލިބުނީ މުސްލިމުންގެ ލަޝްކަރަށެވެ.

ބަދުރު ހަނގުރާމައިގައި މުޝްރިކުންނަށް ލިބުނު ނާކާމިޔާބީގެ ސަބަބުން އެބައިމީހުން ތިބީ އެކަމުގެ ބަދަލު ހިފާލެވޭނެ ފުރުޞަތަކަށް ބަލަބައެވެ. މިހެންމިކަންވެފައިވަނިކޮށް ޢުޙުދު ހަނގުރާމަ ކުރިމަތިވިއެވެ. ޢުޙުދު ހަނގުރާމަފެށުމުގެ ކުރިން ކައުއިތުރު ނަބިއްޔާ صلّى اللّـه عليه وسلّم މުސްލިމް މުޖާހިދުންނަށް ހިތްވަރުދެއްވިއެވެ. ދުޝްމިނުންނާއި ހަނގުރާމަ ކުރާއިރު ހަނގުރާމައިގެ މައިދާނުގައި ސާބިތުވެ، ފައިތިލަ ސާބިތުކުރުމަށް ނަޞޭހަތްތެރިވެދެއްވިއެވެ. އޭރު ރަސޫލާ صلّى اللّـه عليه وسلّم ހުންނަވީ ދަގަނޑުދަހަނާއެއް ތުރު ކުރައްވައިގެންނެވެ. މިދެންނެވި ބީދައިން މުސްލިމު މުޖާހިދުންނަށް ނަޞޭހަތްޕުޅުދެއްވުމަށްފަހު، އެކަލޭގެފާނުގެ ކަނޑިކޮޅު އުރައިން ދަންމަވައިގެންފައި ޙަދީޘް ކުރެއްވިއެވެ.

“ތިޔަބައިމީހުންގެ ތެރެއިން މިކަނޑީގެ ޙައްޤު ފުރިހަމައަށް އަދާކުރުމުގެ މައްޗަށް ޖާމިނުވެ މިކަނޑި ލިބިގަންނާނީ ކާކުހެއްޔެވެ؟”

ކައުއިތުރު ސާހިބާ صلّى اللّـه عليه وسلّم އެހެން ޙަދީޘް ކުރެއްވުމުން، ޞާޙާބީންގެ އެތައް މުޖާހިދުންނެއް އެކަމަށް އަވަސްވެވަޑައިގެންނެވިއެވެ. އެބޭކަލުންގެ ތެރޭގައި علي بن أبي طالب رضى اللّـه عنــه  އާއި، عمر بن الخطّاب رضى اللّـه عنــه  އާއި الزُّبَيْرُ بن العَوَّام رضى اللّـه عنــه  ފަދަ ދަރަޖަމަތިވެރި އެތައް ފަހުލަވާނުންނެއް ތިއްބެވިއެވެ. އެތަންވަޅު أَبو دُجَاَنةَ رضى اللّـه عنــه ކުރިއަށް ޖެހިވަޑައިގެން ރަސޫލާއަށް ދެންނެވިއެވެ.

“އޭ މާތްﷲގެ ރަސޫލާއެވެ! ތިޔަ ކަނޑިކޮޅުގެ ޙައްޤު އަދާކުރުމަކީ ކޮބައިތޯއެވެ؟”

ކައުއިތުރު ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘުކުރެއްވިއެވެ. “މިކަނޑި ގުދުވެއްޖައުމަށް ދާންދެން މުޝްރިކުންގެ ކަނދުރާތަކުގައި ކަނޑިން ޖެހުމެވެ. އެބައިމީހުން ޤަތުލު ކުރުމެވެ.”

أَبو دُجَاَنةَ رضى اللّـه عنــه ވިދާޅުވިއެވެ. “އޭ މާތްﷲގެ ރަސޫލާއެވެ! ތިޔަކަނޑިކޮޅުގެ ޙައްޤު އަދާކުރަން އަޅުގަނޑު ބޭނުމެވެ.” أَبو دُجَاَنةَ رضى اللّـه عنــه  އެހެން ދެންނެވުމުން ނަބިއްޔާ صلّى اللّـه عليه وسلّم އެކަލޭގެފާނަށް އެކަނޑިކޮޅު ދެއްވިއެވެ.

ކުރިންވެސް ދެންނެވިފައިވާނޭފަދައިން، أَبو دُجَاَنةَ رضى اللّـه عنــه އަކީ މަޝްހޫރު ހެވީންކުރެ ހިތްވަރުފުޅު ގަދަ ފަހުލަވާނެކެވެ. އެކަލޭގެފާނަށް ރަސޫލާގެ ކަނޑިކޮޅު ލިބިވަޑައިގެންނެވިމުން ވަރަށް ފަޚްރުވެރިވެވެވަޑައިގެން ފަތަރާސީ ހިންގެވުމަކުން ހިންގަވައިފައި ވަޑައިގެންނެވިއެވެ. އެ މަންޒަރު ފެނިވަޑައިގެންނެވުމުން ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.

“އެހިނގުމަކީ މިފަދަ ހަނގުރާމައިގެ މުނާސަބާތަކުގައި މެނުވީ މާތްﷲ ރުހިވޮޑިގެންވާ ހިނގުމެއްނޫނެވެ”.

أَبو دُجَاَنةَ رضى اللّـه عنــه ރަތްކުލައިގެ ފަގުޑިކޮޅެއް ގެންގުޅުއްވައެވެ. އެ ފަގުޑިކޮޅު އިސްތަށިފުޅުގައި އަޅުއްވައިފިނަމަ އޭގެމާނާއަކީ އެކަލޭގެފާނު ފަސްޖެހިވަޑައިގަތުމެއްނެތި ކަމާމިޔާބު ހޯއްދަވާނެކަމެވެ. ނުވަތަ ޝަޙީދުވެއްޖެއުމަށް ދާންދެން ހަނގުރާމަކުރެއްވާނެކަމެވެ. ޢުޙުދުގެ ދުވަހު أَبو دُجَاَنةَ رضى اللّـه عنــه ރަސޫލާގެ ކަނޑިކޮޅު އަތުލެއްވުމަށްފަހު އިސްތަށިފުޅުގައި ރަތް ފަގުޑިކޮޅެއް ތުރުކުރެއްވިއެވެ. އެގޮތަށް ވަޑައިގެން ހަނގުރާމަކުރައްވައި ވަރަށް ގިނަ ޢަދަދެއްގެ މުޝްރިކުން ޤަތުލުކުރެއްވިއެވެ.

الزُّبَيْرُ بن العَوَّام رضى اللّـه عنــه  ވިދާޅުވެފައިވެއެވެ. “ރަސޫލާ صلّى اللّـه عليه وسلّم ގެ ކަނޑިކޮޅު ދެއްވުމަށް އިތުރު އެކަލޭގފާނުގެ އަރިހުން އަހަރެން އެދި ދެންނެވީމެވެ. ނަމަވެސް އެކަލޭގެފާނު އެކަނޑިކޮޅު އަހަރެންނަކަށް ނުދެއްވިއެވެ. އެކަނޑިކޮޅު ދެއްވީ أَبو دُجَاَنةَ رضى اللّـه عنــه އަށެވެ. އިތުރު އެކަލޭގެފާނު އެކަނޑިކޮޅު އަހަރެންނަށް ނުދެއްވުމުން އެކަމުގެ ސަބަބުން އަހަރެންނަށް ވަރަށް އަސަރުކުރިއެވެ. އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. “އަހަރެންނަކީ ކައުސާހިބާގެ ބޮޑުދައިތާފުޅުގެ ދަރިކަލަކީމުއެވެ. އަދި ޤުރައިޝުންގެ ތެރެއިންވާ މީހަކީމުއެވެ. އެކަނޑި އަހަރެންނަށް ނުދެއްވައި أَبو دُجَاَنةَ رضى اللّـه عنــه އަށް ދެއްވީ ކީއްވެގެންބާވައެވެ. މާތް ﷲ ގަންދީ ބުނަމެވެ. އަހަރެން އެގޮތެއް ރަނގަޅަށް ބަލާނަމެވެ.”

ދެން އަހަރެން أَبو دُجَاَنةَ رضى اللّـه عنــه ގެ ފަސްފަހަތުން އެކަލޭގެފާނު ހަނގުރާމަ ކުރައްވާތަން ބަލަމުން ގެންދިޔައީމުއެވެ. އެގޮތުން އެކަލޭގެފާނު އެންމެ ފުރަތަމަ އެކަލޭގެފާނު އިސްތަށިފުޅުގައި ރަތްކުލައިގެ ފަގުޑިތުރުކުރެއްވިއެވެ. އެމަންޒަރު ފެނުމުން އަންޞާރުންގެ ބޭކަލުން ވިދާޅުވިއެވެ. أَبو دُجَاَنةَ رضى اللّـه عنــه މަރުގެ ފަގުޑިތުރުކުރައްވައިފިއެވެ. ދެން އެކަލޭގެފާނު މި ޅެން ބައިތު ވިދާޅުވަމުން ވަޑައިގެންނެވިއެވެ.

” އަހަރެމެން ކަދުރުރުއްތަކުގެ ކައިރީގައި އިތުރު އެކަލޭގެފާނަށް ބަޢިއަތު ހިފީމުއެވެ. އަހުދު ކަށަވަރު ހިފީމުއެވެ. ހަނގުރާމައިގެ ކުރީސަފަށް އަރައި ކަނޑިހިންގައި، ﷲ އާއި އެކަލާނގެ ރަސޫލާއަށް ނަޞްރުދިނުމަށެވެ.”

الزُّبَيْرُ بن العَوَّام رضى اللّـه عنــه  ވިދާޅުވެފައިވެއެވެ. މިޅެންބައިތު ވިދާޅުވެފައި أَبو دُجَاَنةَ رضى اللّـه عنــه އެކަލޭގެފާނާއި ކުރިމަތިލައިގެން އަންނަ ކޮންމެ މުޝްރިކަކު ޤަތުލުކުރައްވަމުން ގެންދެވިއެވެ. އޭރު މުޝްރިކުންގެ ލަޝްކަރުގެ ތެރޭގައި ހަތްބޯރާސެއްފަދަ ފަހުލަވާނެއް ހުއްޓެވެ. އޭނާއަށް މުސްލިމުންގެ ލަޝްކަރުގެ ތެރެއިން ޒަޚަމްވެވަފައިވާ މީހަކު ފެނިއްޖެނަމަ ޝަޙީދުކޮށްލައެވެ. އޭނާ އާއި أَبو دُجَاَنةَ رضى اللّـه عنــه އާއި ބައްދަލުވޭތޯ އަހަރެން ދުޢާކުރަމުން ގެނދަޔައީމުއެވެ. އަހަރެންގެ ދުޢާ އިޖާބަކުރައްވައި ވަރަށް އަވަހަށް أَبو دُجَاَنةَ رضى اللّـه عنــه އާއި މުޝްރިކުކަލޭގެ ބައްދަލުވެއްޖެއެވެ.

އެންމެ ފުރަތަމަ މުޝްރިކުކަލޭގެ أَبو دُجَاَنةَ رضى اللّـه عنــه އަށް ޙަމަލާދިނެވެ. ނަމަވެސް އެކަލޭގެފާނު އެ ޙަމަލާއިން ރެކިވަޑައިގެން، މުޝްރިކުކަލޭގެއަށް ޙަމަލާދެއްވައި އޭނާ ޤަތުލުކޮށްލެއްވިއެވެ. އެއަށްފަހު މުޝްރިކުންގެ ސަފުތަށް ހާވިޔާ ކުރައްވަމުން ހަނގުރާމަ ކުރައްވަމުން އެކަލޭގެފާނު ވަޑައިގެންވިއެވެ. އެހެންވަޑައިގަންވަނިކޮށް ދަހަނާ އަޅައިގެން ހުރި މީހަކާއި ބައްދަލުވިއެވެ. އޭނާ މުޝްރިކުންނަށް ވަރުގަދައަށް ހިތްވަރު ދެމުންގެނދިޔައެވެ. ދެން أَبو دُجَاَنةَ رضى اللّـه عنــه އޭނާގެ ގާތަށް ވަޑައިގެން ކަނޑިމަޅައިގެންނެވުމުން އޭނާ ހަޅޭލަވައިގެންނެވިއެވެ. އޭނާ ހަޅޭލަވައިގަތުމުން އެއީ އަންހެނެއްކަން އެނގިވަޑައިގެން އަވަސްއަވަހަށް އެކަލޭގެފާނުގެ ކަނޑިކޮޅު ތިރިކޮށްލެއްވިއެވެ. އެއީ، ރަސޫލާގެ ކަނޑިކޮޅުން އެއްވެސް އަންހެނެއްގެ ލޭ އޮހޮރުވައި ލުހެއްވުމަށްޓަކައެވެ.”

މިދެންނެވި ކަންތައްތައް ދެކެވަޑައިގެން الزُّبَيْرُ بن العَوَّام رضى اللّـه عنــه  އަށް އެކަނޑިކޮޅު ނުދެއްވައި أَبو دُجَاَنةَ رضى اللّـه عنــه އަށް އެކަނޑިކޮޅު ދެއްވި ސަބަބު ފިލައިވަޑައިގެންނެވިއެވެ.

ހިޖުރައިން ތިންވަނަ އަހަރުގެ ޝައްވާލުމަހުގެ ހަތެއްވީ ހޮނިހިރު ދުވަހު ރަސޫލާ صلّى اللّـه عليه وسلّم މަދީނާއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވަޑައިގެން ފާޠިމަތުގެފާނަށް އެކަލޭގެފާނުގެ ކަނޑިކޮޅު ސާފުކުރެއްވުމަށް ދެއްވުމަށްފަހު ޙަދީޘް ކުރެއްވިއެވެ. މާތް ﷲ ގަންދެމެވެ. މިއަދު ތިމަންކަލޭގެފާނަށް މިކަނޑިގެ މުހިއްމުކަން ސާބިތުވެއްޖެއެވެ. އެހެން ޙަދީޘް ކުރެއްވުމުން علي بن أبي طالب رضى اللّـه عنــه  ވެސް އެކަލޭގެފާނު ކަނޑިކޮޅު ސާފުކުރެއްވުމަށް ފާޠިމަތުގެފާނަށް ދެއްވުމަށްފަހު ވިދާޅުވިއެވެ. ތިމަންކަލޭގެފަށްވެސް މިކަނޑީގެ ސާބިތުކަން ހާމަވެއްޖެއެވެ. އެޑުއައްސަވައި ރަސޫލާ ޙަދީޘްކުރެއްވިއެވެ.

” ޝައްކެއްނެތެވެ. ކަލޭގެފާނު ތެދުވެރިކަމާއެކު ހަނގުރާމަ ކުރައްވައިފީމުއެވެ. ކަލޭގެފާނާއިއެކު أَبو دُجَاَنةَ رضى اللّـه عنــه އާއި سهل بن حُنَیف رضى اللّـه عنــه ވެސް ތެދުވެރިކަމާއެކުގައި ހަނގުރާނަކުރެއްވިއެވެ.”

މިދެންނެވި ދެހަނގުރާމައިގެ އިތުރުން އިތުރު ރަސޫލާގެ ޙަޔާތްޕުޅުގައި ކުރެވުނު  މުހިއްމު ޣަޒުވާތަކާއި ސަރިއްޔާތަކުގައި أَبو دُجَاَنةَ رضى اللّـه عنــه ބައިވެރިވެވަޑައިގެންނެވިއެވެ. ނުހަނު ހިތްވަރާއި ފަންވަރާއެކު ހަނގުރާމަކުރެއްވިއެވެ.

ޝަޙީދުވުން

ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވުމާއެކު مسلمة الكذّاب (މުސައިލަމަތުލުލް ކައްޛާބު) އޭނާއަކީ އުޑުން ވަޙީ އަންނަ ރަސޫލެކޭ ކިޔައި ދަޢުވާ ކުރަންފެށިއެވެ. އޭނާގެ މި އަސްލެއްނެތް ދޮގު ދަޢުވާއަށް ވަރަށް ގިނަ ޢަދެއްގެ ބަޔަކު ހެއްލި މަގުފުރެދިގެން ދިޔައެވެ.

ކައުސާހިބާ ސުވަރުގެ ވަޑައިގެންނެވުމުން ދެން އިސްލާމީ ދަޢުލަތުގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވީ خليفة الرّسول أبوبكر الصّدّيق رضى اللّـه عنــه އެވެ. އެކަލޭގެފާނު އެންމެ ބޮޑަށް އިސްކަމެއްދެއްވި އެއްކަމަކީ ނަބީކަމަށް ދަޢުވާކޮށް މީސްތަކުން ހައްލަމުން ގެންދާ كذّاب ންނާއި ހަނގުރާމަ ކުރައްވައި އެބައިމީހުން ޤަތުލުކުރެއްވުމެވެ. މި މަތިވެރި މަޤްޞަދަށްޓަކައި مسلمة الكذّاب އާއި ހަނގުރާމަ ކުރުމަށް أمير المؤمنين أبوبكر رضى اللّـه عنــه ވަރަށް ވަރުގަދަ ލަޝްކަރެއް ތައްޔާރު ކުރެއްވިއެވެ. އެ ލަޝްކަރުގައި أَبو دُجَاَنةَ رضى اللّـه عنــه ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަނގުރާމައިގައި أَبو دُجَاَنةَ رضى اللّـه عنــه ވަރަށް ހިތްވަރާއިއެކު ހަނގުރާމަ ކުރައްވާ ދުޝްމިނުންގެ ސަފުތަށް ހާވިޔާކުރައްވައި އެތަށް ބަޔަކު ޤަތުލު ކުރެއްވިއެވެ.  ނުހަނު ހިތްވަރުފުޅާއެކު ހަނގުރާމަ ކުރައްވަމުން ގެންދަވަނިކޮށް އެކަލޭގެފާނު ޝަޙީދުވެއްޖެއެވެ. އެއީ ހިޖުރައިން އެގާރަވަން އަހަރުގެ ތެރޭގައެވެ.

ޚުލުޤުފުޅު

ހިތްވަރުފުޅު ގަދަކަމާއި އަޒުމުފުޅު ވަރުގަދަކަމުގެ އިތުރުން أَبو دُجَاَنةَ رضى اللّـه عنــه އަކީ ވަރަށް ހިތްޕުޅު ސާފު ޚުލުޤުފުޅު ރީތި ބޭކަލެކެވެ. އެއްފަހަރު أَبو دُجَاَنةَ رضى اللّـه عنــه އާލާސްކަންފުޅެއްގައި އުޅުއްވަން ޖެހިވަޑައިގެންނެވިއެވެ. އެކަލޭގެފާނު އާލާސްކަންފުޅާ އުޅުއްވާ ޚަބަރު ލިބިވަޑައިގެން މީސްތަކުން އެކަލޭގެފާނަށް ޒިޔާތްކުރުމަށް ދިޔައެވެ. އެވަޤުތު މީސްތަކުންނަށް އެކަލޭގެފާނުގެ މޫނުފުޅު ފެނިވަޑައިގެންނެވީ އަލިކަމާއި އުޖާލާކަމެވެ. އާލާސްކަންފުޅުގެ އެއްވެސް އަސަރެއް އެކަލޭގެފާނުގެ މޫނުފުޅުން ފެނިވަޑައެއް ނުގެންނެވިއެވެ. އެހެންކަމުން އެބައިމީހުން އެކަލޭގެފާނާއި ސުވާލުކުރެއްވިއެވެ.

” ކަލޭގެފާނުގެ މޫފުޅުން އަޅުގަނޑުމެންނަށް މިފެންނަނަކީ އަލިކަމާއި އުޖާލާކަމެވެ. އެއީ ކީއްވެގެންތޯއެވެ.؟”

أَبو دُجَاَنةَ رضى اللّـه عنــه ޖަވާބުދެއްވިއެވެ. ” އަހަރެންގެ ދެ ޢަމަލަމާމެދު އަހަރެންނަށް ވަރަށް ބޮޑު ޔަޤީންކަމެއް ލިބިފައިވެއެވެ. އެއީ އަހަރެން، އަހަރެންނާއި ނުބެހޭކަންތައްތަކާއި ބެހިނޫޅުމެވެ. އަދި އެހެން މުސްލިމުންނާމެދުގައި ދުވަހަކުވެސް އަހަރެންގެ ހިތުގައި ކިލަނބުކަމެއް ނުގެންގުޅުމެވެ.”

އަރަހުށި މާތް ﷲ އެ ޞަޙާބީއަށް ރުއްސުން ލައްވާށިއެވެ!

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ (7)

Next

އިންތިޒާރުގައި ހުންނަމޭ ލޯބިން 39

Next
September 7, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 39

Previews
September 7, 2018

ބުނާށެ ލޯބި ނުވަނީހޭ (7)

4 Comments!

  1. Hudher says:
    September 7, 2018 at 6:44 pm

    nyce stry maasha allah….. whn next………

  2. Hudher says:
    September 7, 2018 at 6:45 pm

    nd me first dhw…..yeahhhhhh

  3. naash says:
    September 8, 2018 at 8:50 am

    gud job dear.. nd me second dhw

  4. Lotus says:
    September 8, 2018 at 9:16 am

    Nice n important piece of writing.
    Keep up the good work

Comments are closed.



All Right Reserved!