Skip to content
އެސްފިޔަ

ޙަމްޒާ ރަޟިޔަ ﷲ ޢަންހު

ނަންފުޅާއި ނަސަބުފުޅު

حمزة رضى اللّـه عنه،ގެ ބައްޕާފުޅަކީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ صلّى اللّـه عليه وسلّم ގެ ލޮބުވެތި ކާފާފުޅު  عبد المطّلب (ޢަބްދުލް މުއްތަލިބު) ގެ ބޭފުޅެކެވެ. އިތުރު ސާހިބާގެ ބައްޕާފުޅު ޢަބްދުﷲ ގެފާނުގެ ކޮއްކޯފުޅެވެ. މައިކަނބަލުންނަކީ هالة بنت وهيب  (ޙާލާ ބިންތި ވުހައިބު) އެވެ. އެކަމަނާއަކީ ރަސޫލާ صلّى اللّـه عليه وسلّم ގެ މައިކަނބަލުން آمنة بنت وهب بن عبد مناف ގެ އުޚުތެކެވެ. ދެފަރާތުންމެ އިތުރު އެކަލޭގެފާނުގެ ތިމާގެފުޅު ބޭފުޅެކެވެ. އެކަލޭގެފާނުގެ ޙަޤީޤީ ބޮޑުބޭބޭފުޅެވެ.

حمزة ابن عبد المطّلب رضى اللّـه عنه،ގެ މަޝްހޫރު ލަޤަބުފުޅުތަކުގެ ތެރޭގައި أسد الله އާއި أسد الجنّة ހިމެނިވަޑައިގަންނަވައެވެ. ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ އެކަލޭގެފާނަށް ދެއްވާފައިވާ ލަޤަބުފުޅަކީ سَـيِّـدُ الـشُّـهَـدَاء އެވެ. ޝަހީދުންގެ ސާހިބާގެ މަތިވެރި ލަޤަބުފުޅެވެ. އެކަލޭގެފާނުގެ ކުންޔާގެ ނަންފުޅުތަކުގެ ތެރޭގައި ދެ ނަންފުޅެއް ޢިލްމުވެރި ބަޔާން ކުރައްވާފައިވެއެވެ. އެއީ އެކަލޭގެފާނުގެ ދެ ދަރިކަލުންނަށް ނިސްބަތްކޮށް އެކަލޭގެފާނަށް ދެއްވިފައިވާ ކުންޔާގެ ދެނަންފުޅެވެ. އެއީ أَبُو يَعْلَى އާއި أَبُو عُمَارَةَ އެވެ.

ތުއްޕުޅުއިރު

حمزة ابن عبد المطّلب رضى اللّـه عنه، ރައްކައުވީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ރަސޫލާ صلّى اللّـه عليه وسلّم ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވުމުގެ ދެ އަހަރެއްހާ ދުވަސްކުރިންނެވެ. މާތް ވެގެންވާ މައްކާގައެވެ. އެކަލޭގެފާނުގެ ރައްކައުވުމުން ލޮބުވެތި ބައްޕާފުޅު عبد المطّلب ގެފާނު އެކަލޭގެފާނަށް ކިރުފޮދު އެރުވުމަށް  ثويبة (ޘުވައިބާ) رضى اللّـه عنها އާއި ޙަވާލުކުރެއްވިއެވެ. ثويبة رضى اللّـه عنها އަކީ حمزة رضى اللّـه عنه ބޮޑުބޭބޭފުޅު أبو لهب (އަބޫ ލަހަބު) ގެ އަޅެކެވެ. ثويبة رضى اللّـه عنها ވަނީ أبوسلمة (އަބޫ ސަލަމާ) رضى اللّـه عنه އަށްވެސް ކިރުފޮދު އަރުވާފައެވެ. އެއަށްފަހު ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާއަށް ވެސް އެކަމަނާ ވަނީ ކިރުފޮދު އަރުވާފައެވެ. އެކަމަނާގެ ދަރިކަލުން مسروح (މަސްރޫޙު) އާއެކުގައެވެ. އެހެންކަމުން حمزة ابن عبد المطّلب رضى اللّـه عنه، އަކީ ކިރުފޮދުގެ ގޮތުންވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަޙެކެވެ.

حمزة رضى اللّـه عنه ޢުމުރުފުޅުން ގާތްގަނޑަކަށް ދިހަވަރަކަށް އަހަރުފުޅުވީތަނާ އެކަލޭގެފާނު ލޯބިފުޅުވާ ބައްޕާފުޅު عبد المطّلب ގެފާނު ފުރައުއްތަވެއްޖެއެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅުން ސަތޭކަ ސާޅީސް އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ލޮބުވެތި ބައްޕާފުޅު އަވަހާރަވުމުން އެކަމާ حمزة رضى اللّـه عنه ނުހަނު ހިތާމަފުޅު ކުރެއްވިއެވެ.

حمزة رضى اللّـه عنه ބޮޑުފުޅުވެގެން އައި ދުވަސްވަރު އެކަލޭގެފާނު ގިނައިން މަޝްޢޫލުވެ ވަޑައިގެން އުޅުއްވީ އެއްގަމު ޝިކާރަ ކުރެއްވުމުގެ މަސައްކަތްޕުޅުގައެވެ. މީގެ އިތުރުން އެކަލޭގެފާނަކީ ޤުރައިޝުން ފަޚުރުވެރިވާފަދަ ހެއްވެކެވެ. ކަނޑިހެވިކަމަށް އަރާހުންނެވި މުލައްދަނޑިފުޅުގެ ބާރުފުޅު ހުރި ބޭކަލެކެވެ. ޤުރައިޝުންގެ ތެރޭގައި އެކަލޭގެފާނު މަޝްޙޫރުވެވަޑައިގެންފައިވަނީ ” އެންމެ ވަރުގަދަ މީހާގެ ” ނަންފުޅުންނެވެ.

އިސްލާމްވެވަޑައިގެންނެވުން

އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم ރަސޫލުކަމާއި ނަބީކަމުގެ އަފޫރުއްބަ މަސްޢޫލިއްޔަތުއާއިގެން ވަޑައިގެން އެންމެ ފުރަތަމަ އެކަލޭގެފާނުގެ އަޙްލުވެރިންނަށް އިސްލާމްދީން ހުށައެޅުއްވިއެވެ. އެންމެ ފުރަތަމަ އެކަލޭގެފާނުގެ ގާތްތިމާގެފުޅު ބޭފުޅުންނަށް ހުށައެޅުއްވިއެވެ. ނަމަވެސް އިތުރު ސާހިބާ އަށް އެންމެ ފުރަތަމަ އިޖާބަދެއްވީ އެކަލޭގެފާނުގެ ހަންހާރަވެތި އަނބިކަނބަލުން أمّ المؤمنين السّيدة خديجة رضى الله عنها އެވެ. އެކަމަނާއާއެކު ގަނޑުވަރުގެ ތެރޭގެ ތުއްޕުޅު ބޭފުޅުންވެސް އިސްލާމްވެވަޑައިގެންނެވިއެވެ.

އިތުރު ސާހިބާގެ އެންމެ އިޚްލާޞްތެރި މިތުރު أبوبكر الصّدّيق رضى اللّـه عنــه  ވެސް އިސްލާމްވެވަޑައިގެންނެވިއެވެ. ނަބީކަމުގެ ފުރަތަމަ ތިން އަހަރު ދުވަހުގެ ތެރޭގައި އިތުރު ސާހިބާ އިސްލާމްދީނަށް ގޮވައިލައްވަމުންގެ ގެންދެވީ ސިއްރިއްޔާތުގައެވެ. އޭރު އިތުރު ސާހިބާ އިސްލާމްވެވަޑައިގެން ތިއްބެވި އިޚްލާސްތެރި ޞަޙާބީންނަށް ދީނުގެ ކަންތައްތައް ބަޔާންކޮށްދެއްވަމުން ގެންދެވީ ދާރުލް ޢަރުޤަމުގައެވެ.

ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާއަށް ފާޅުގައި ދީނުގެ ދަޢުވަތުދެއްވުމުގެ ޢަމުރުފުޅު ލިބިވަޑައިގެންނެވުމުން އެކަލޭގެފާނު މައްކާގެ ޙަރަމްފުޅުގެ މަޖްލިސްތަކަށާއި ޙައްޖުމޫސުމުގައި މީސްތަކުން އެއްވެފައިވާ ސަރަޙައްދުތަކަށް ވަޑައިގެން ދީނުގެ ދަޢުވަތު ދެއްވަމުން ގެންދެވިއެވެ. އެކަލޭގެފާނަށް މީސްތަކުން ދުއްތުރާކޮށް އެތަށް އުނދަގުލެއް ދެމުންގެންދިޔައެވެ. އެކަލޭގެފާނުގެ ބޮޑުބޭބޭފުޅުގެ މަޤާމުގައި ހުންނެވި أبو لهب އިތުރު ސާހިބާގެ ފަހަތްޕުޅުގައި ހިޔަންޏެއްހެން ވިއްދައި އިސްލާމީ ރިސާލަތުގެ ފާންކަން ގަދަ ދަންމަރު ނިއްވައިލެވޭތޯ މަސައްކަތް ކުރަމުންގެންދިޔައެވެ. ނަމަވެސް އިތުރު ސާހިބާ ގެ އަނެއް ބޮޑުބޭބޭފުޅު حمزة ابن عبد المطّلب رضى اللّـه عنه، އެ ފަދަ އެއްވެސްކަމަކާ ބެހިވަޑައިނުގެން ހުންނެވިއެވެ.

އިސްލާމީ ތާރީޚު ދިރާސާކުރައްވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން މައްކާގެ މުޝްރިކުން އިސްލާމްވަމުގެ ގެންދެވި މާތް ޞަޙާބީންނަށް ގެންދިޔައީ ތަފާތު ބާވަތް ބާވަތުގެ އަނިޔާތައް ދެމުންނެވެ. އެބައިމީހުން މުސްލިމުންނަށް ނުކުރަނީ ވަކިމިވެނި  އަނިޔާއެކޭ ދެންނެވޭނެ ޖާގައެއްވެސް ނެތެވެ. އެބައިމީހުންގެ އަނިޔާވެރިކަން ބަރުދާސްކުރެވޭ ވަރަށް ވުރެ މައްޗަށް ދިޔުމުން ރަސޫލާ އިރުޝާދުދެއްވީ ޙަބަޝާއާށް ހިޖުރައަށް ވަޑައިގެންނެވުމަށެވެ. އެގޮތުން ވަރަށް ގިނަ ޢަދަދެއްގެ ބޭކައުކަނބަލުން ޙަބަޝާއަށް ދެފަހަރެއްގެ މަތިން ހިޖުރައަށް ވަޑައިގެންނެވިއެވެ.

އޭރު حمزة ابن عبد المطّلب رضى اللّـه عنه، ހުންނެވީ އިސްލާމްދީނުގެ މަތިވެރިކަމާއި މާތްކަމާއި އެ ރިސާލަތަށް ފުރަގަސްދެއްވައިގެންނެވެ. ކުރިންވެސް ދެންނެވި ފަދައިން މުޝްރިކުންގެ އަނިޔާވެރިކަން އޭގެ އިންތިހާއަށް ގޮސް އިތުރު ސާހިބާ އަށްވެސް އެބައިމީހުން ދުއްތުރާ އިތުރު ކުރަމުން ގެންދިޔައެވެ. އަދި ކީއްތޯ؟ އެ މާތް ސާހިބާގެ ހަށިކޮޅަށް ޖިސްމާނީގޮތުންވެސް އަނިޔާ ކުރަމުންގެންދިޔައެވެ. އެކަމުގައިވެސް އިސް މޭސްތިރިންގެ ގޮތުގައި އުޅެނީ أبو لهب  އާއި އަބޫ ޖަޙުލެވެ.

އެއްދުވަހަކު ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ صلّى اللّـه عليه وسلّم ޞަފާފަރުބަދަ ކައިރީގައި ހުންނެވިއެވެ. މިތަންދެކެ އަބޫ ޖަހުލު އައިސް ކައުސާހިބާއަށް ފުރައްސާރަކޮށް ދުއްތުރާ ކުރަންފެށިއެވެ. ހަޑިހުތުރު އެއްޗެހި ގޮވައިހެދިއެވެ. އޭނާ އެގޮވާ ހުތުރު އެއްޗެއްސަށް ހަމަ އެކައްޗެއްވެސް ވިދާޅުނުވެ އެކަލޭގެފާނު ހުންނެވިއެވެ. ދެން އަބޫ ޖަހުލު އެތާނގައި އޮތް ހިލައެއްނަގައި އޭތިން އިތުރު ސާހިބާގެ މާތް އިސްތަށިފުޅުގައި ޖަހައި އިސްތަށިފުޅު ފަޅައިލިއެވެ. އެވަގުތު އެކަލޭގެފާނުގެ އިސްތަށިފުޅުން ހޯސްލާފައި ލޭފޮދު އޮހޮރިގެން ދިޔައެވެ.

މިދެންނެވި ނުބައި ޢަމަލު ކުރުމަށްފަހު އޭނާ ކަޢުބާގެ އަރިހަށް ގޮސް ޤުރައީޝުންގެ މަޖްލީހުގައި އިށީންދެއްޖެއެވެ. އަބޫޖަހުލު އެކުރި ޢަރަބީންގެ އަދަބާއި ޚިލާފު ޢަމަލުތަށް ދެކެން އެތަނުގައި ޢަބްދު  ﷲ ބުން ޖަދުޢާން މިނިވަންކުރި އަޅު އަންހެނަކު އިންނެވެ. އެނާ މިހެން އިންދާ حمزة ابن عبد المطّلب رضى اللّـه عنه، ވަޑައިގަންނަވާތަން ފެނިވަޑައިގެންނެވިއެވެ. އޭރު އެކަލޭގެފާނު ވަޑައިގަންނަވަނީ އެއްޤަމު ޝިކާރައަށް ވަޑައިގެންފައެވެ. އެކަލޭގެފާނުގެ ކަމާންގައި ދުނި ހަރުކުރައްވާފައިވެއެވެ. އޭނާ حمزة رضى اللّـه عنه އަށް ދެންނެވިއެވެ. ކަލޭގެފާނުގެ އަޚާގެ ދަރިކަލުން މުޙައްމަދުގެފާނަށް އަބޫ ޖަހުލު ފުރައްސާރަކޮށް ވަރަށް ހުތުރު އެއްޗެހި ގޮވައިފިއެވެ. އެވަރުންނެނުވެގެން އެކަލޭގެފާނުގެ އިސްތަށިފުޅުގައި ހިލަޔަކުން ޖައްސަވައި އެކަލޭގެފާނުގެ އިސްތަށިފުޅުވެސް ފަޅާލައިފިއެވެ.

حمزة رضى اللّـه عنه އަށް މި އަޑުފުޅު އިވިވަޑައިގަންނަވާއިރަށް ވަރަށް ބޮޑަށް ކޯފާއިސްކުރެއްވިއެވެ. ކުރިންވެސް ދެންނެވިފައި ވާނޭ ފަދައިން އެކަލޭގެފާނަކީ ޤުރައިޝުންގެ ތެރޭގައި ހުންނެވި އެންމެ ގަދަފަގަ އިންސާނާއެވެ. އެންމެ ޖޯޝްހުރި ޒުވާނާއެވެ. އެކަލޭގެފާނު ހިނދުކޮޅެއްވެސް ލަސްކުރެއްވުމެއްނެތި ކަޢުބާގެ އަރިހަށް ވަޑައިގެންނެވިއެވެ. ވަޑައިގެން އަބޫ ޖަހުލުގެ ކައިރިއަށް ވަޑައިގެން ވިދާޅުވިއެވެ.

” ބޮލުގެ ފުއްކިބައިގައި ހުވަނދުލައިގެން އިން ފިނޑި މީހާއެވެ. ކަލޭ އަހަރެންގެ އަޚާގެ ދަރިކަލުންނަށް ހުތުރު އެއްޗެހި ކިޔާ ފުރައްސާރަކޮށްފީމުއެވެ. ކަލޭ ހީކޮށްގެން ތިޔަ އުޅެނީ ކީއްކުރަންކަމަށް ހެއްޔެވެ؟ ކަމެއް ކުރަންޏާ ކޮށްބަލާށެވެ. އަހަރެންވެސް މިހުރީ އެކަލޭގެފާނުގެ ދީންމަތީގައެވެ.

މިހެންވިދާޅުވެ އަބޫ ޖަހުލުގެ ބޮލުގައި ދުންޏަކުން ޖެހިޖެހީނުން އޭނާގެ ބޯފަޅާލެއްވިއެވެ. އޭނާގެ ބޮލުން ދުނިޖަހާފައި ލޭ އަންނަންފެށިއެވެ. މި ޚަބަރު ބަނުލް މުޣީރަތުގެ މީސްތަކުންނަށް ލިބުމުން އެބައިމީހުން ދުވެފައި އަބޫ ޖަހުލުގެ ޙިމާޔަތުގައި ނުކުމެއްޖެއެވެ. ހަމައެހެންމެ ޙާޝިމް ވަންހައިގެ މީސްތަކުން حمزة رضى اللّـه عنه ގެ ޙިމާޔަތުގައި ނުކުމެއްޖެއެވެ. ދެބައިމީހުން އެބަޔަކު އަނެއްބަޔަކަށް ކުރިމަތިލާބް ތައްޔާރުވުމުން އަބޫ ޖަހުލު އެކަން ފިނިކޮށް ހުއްޓުވުމަށްޓަކައި އެކަމަށް އިއުތުރާފުވިއެވެ. އޭނާ ބުންޏެވެ. އަހަރެން މުޙައްމަދުގެފާނަށް ހުތުރު އެއްޗެހި ކިޔާ ފުރައްސާރަ ކުރީމެވެ. أَبُو عُمَارَةَ ދޫކޮށްލާށެވެ.

ޙަޤީޤަތުގައި حمزة رضى اللّـه عنه އިސްލާމްވެވަޑައިގެންނެވިކަން ފާޅުކުރެއްވީ ޢާއިލީ ޣީރަތްތެކަމުގެ ސަބަބުންނެވެ. އިތުރު ސާހިބާއަށް މުޝްރިކުންގެ ބޮޑަކު ދުއްތުރާކޮށް އަނިޔާކުރުމުގެ ސަބަބުންނެވެ. ނަމަވެސް މާތް ﷲ އެކަލޭގެފާނަށް އިސްލާމްދީނުގެ އެންމެ ސީދާ ތެދުމަގަށް މަގުދެއްކެވިއެވެ. އެކަލޭގެފާނުގެ ސަބަބުން އިސްލާމްދީނަށް ގަދަކަން ދެއްވިއެވެ. حمزة رضى اللّـه عنه އިސްލާމްވެވަޑައިގެންނެވީ ނަބީކަމުން ހަވަނަ އަހަރުގެ ފަހުކޮޅުގައެވެ. ޛުލްޙިއްޖާ މަހުގެ ތެރޭގައެވެ.

حمزة ابن عبد المطّلب رضى اللّـه عنه، އިސްލާމްވެވަޑައިގެންނެވުމުގެ ތިން ދުވަސްފަހުން عمر بن الخطّاب رضى اللّـه عنــه ވެސް އިސްލާމްވެވަޑައިގެންނެވިއެވެ. ޢުމަރުގެފާނު އިސްމާވެވަޑައިގެން އެކަލޭގެފާނުގެ ކަނޑި އުރައަށް ލެއްވައިގެ ދާރުލް ޢަރުޤަމަށް ވަޑައިގެންނެވިއެވެ. އޭރު އިތުރު ސާހިބާއާއި އެކަލޭގެފާނުގެ މިތުރު ޞަޙާބީންވީ އެގެކޮޅުގައެވެ. حمزة رضى اللّـه عنه ވެސް އެގެކޮޅުގައި ހުންނެވިއެވެ. އެކަލޭގެފާނު ވަޑައިގެން ދޮރުގައި ޓަކިޖެއްސެވިއެވެ. އެވަގުތު އެތެރެއިން ބޭކަލަކު ބާގަނޑަކުން ބޭރު ބައްލަވައިލެއްވިއެވެ. އޭރު عمر ގެފާނު ހުންނެވީ ކަނޑި އުރައިން ދަންމަވައިގެންނެވެ. އޭނާ އެ ޚަބަރު ރަސޫލާ صلّى اللّـه عليه وسلّم އަށް ދެއްވިއެވެ. އެ ޚަބަރު ލިބިވަޑައިގެން އެ ގެކޮޅުގައި ވަޑައިގެން ތިއްބެވި ބޭކަލުން ވަރަށް ބިރުފުޅުގެންވަޑައިގެންނެވިއެވެ.

އެހިނދު حمزة ابن عبد المطّلب رضى اللّـه عنه، ވިދާޅުވިއެވެ. عمر ގެފާނު އެތެރެއަށް ވައްދާށެވެ. އެކަލޭގެފާނު އައީ ހެވަކައިގެން ނަމަ އެކަމުގެ ޘަވާބާއި ދަރުމަ އެކަލޭގެފާނަށް ހުއްޓެވެ. އެކަލޭގެފާނު ވަޑައިގެންނެވީ ނުބަޔަކައިގެން ނަމަ އެކަލޭގެފާނުގެ ކަނޑިން އެކަލޭގެފާނު ޤަތުލު ކޮށްލައްވާނަމެވެ.

حمزة ابن عبد المطّلب رضى اللّـه عنه، މިހެން ވިދާޅުވުމުން ދާރުލް ޢަރުޤަމުގެ ދޮރުކޮޅު ހުޅުއްވައި ލެއްވުމުން عمر ގެފާނު އެތެރެއަށް ވަދެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވަޑައިގެން ކައުސާހިބާގެ އަރިހުގައި އެކަލޭގެފާނުގެ އިސްލާމްކަން އިޢުލާން ކުރެއްވިއެވެ. މުސްލިމުން عمر بن الخطّاب رضى اللّـه عنــه އާއި حمزة ابن عبد المطّلب رضى اللّـه عنه، އިސްލާމްވަޑައިގެންނެވުމުން އެކަމާ މިންނެއްފަށުން އުފާފުޅުކުރެއްވިއެވެ.

Comments (5)

  1. Aisha

    Islaamee thaareekhee foehthah muthaaliaa kurahvaa beyfulhehkan liyunthah kiyaaleema egey… Thi kurahvaa masahkathah saabahaai shukuru dhannavaalan… Aslu alhugaduge suvaaleh otheema, misru fathaha kiyaa fotheh oveythw??

    1. Ali Ihsaan_ Ahima Sh. Funadhoo
      Aisha

      Misru fathah kiyaa fotheh ovey

    2. Aisha
      Aisha

      E foeh liben hunnaane thaneh vidhaalhu ve dhehva faanan thw

  2. A Muslim

    Good job,
    I would recommend you to read the text once again before publishing. it is not nice to say…
    Read the paragraph under the heading “Islaamve Vadaigathun”. few words are spelled incorrect and shows bad meaning.

    Article is good, you may not need publish this comment

    Jazakallah Khairan

  3. aminath

    furathama jumla ragalhukollavva.hazmazthuge faanuge bappa fulhakee almuthallib ge faanuge beyfulhehgge dharikaleh nooneve. ei abdul muththalib ge faanuge beyfulhekeve.

Comments are closed.