ދަރިކަލުދެއްވުން އެދިވަޑައިގެ ދުޢާފުޅު ކުރެއްވުން
އެ މަންޒަރު زكريّا عليه السّلام އަށް ފެނިވަޑައިގެންނެވުމުން مريم ގެފާނުފަދަ ޞާލިޙު ދަރިކަލަކަށް ޝައުޤުވެރިކަން އިތުރުވެގެންދިޔައެވެ. އެހެނީ އެފަދަ ޞާލިހު ދަރިކަލުން ދެއްވުމަށް އެދިވަޑައިގެންނެވުމަކީ ނަބީބޭކަލުންގެ ސުންނަތެކެވެ.އެންމެހައި ނަބީބޭކަލުން އެދިވަޑައިގަންނަވަމުން ގެންދެވިކަމެކެވެ. އެހެންކަމުން އެކަލޭގެފާނު މިޙްރާބުގޭގައި ހުންނަވާ ދުޢާ ކުރައްވަމުން ގެންދެވިއެވެ. އާލު ޢިމްރާނު ސޫރަތުގެ 38 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
هُنَالِكَ دَعَا زَكَرِيَّا رَبَّهُ ۖ قَالَ رَبِّ هَبْ لِي مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖإِنَّكَ سَمِيعُ الدُّعَاءِ ﴿٣٨﴾
އެތާނގައި، زكريّا ގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ކުރައްވައި ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرة ން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން دعاء އައްސަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
زكريّا عليه السّلام މާތް ﷲ سبحانه وتعالى ޙަޟްރަތުގައި ކުރެއްވި ދުޢާގެ ތަފްސީލު މަރްޔަމް ސޫރަތުގައި މާތް ﷲ ބަޔާން ކުރައްވާފައިވެއެވެ. އެ ސޫރަތުގެ 1 ވަނަ އާޔަތުން ފެށިގެން 6 ވަނަ އާޔަތުގެ ނިޔަލަށް މާތް ﷲ ވަޙީ ކުރައްވާފައިވަނީ މި ދަންނަވާ ފަދައިންނެވެ.
كهيعص ﴿١﴾ ذِكْرُ رَحْمَتِ رَبِّكَ عَبْدَهُ زَكَرِيَّا ﴿٢﴾ إِذْ نَادَىٰ رَبَّهُ نِدَاءً خَفِيًّا ﴿٣﴾ قَالَ رَبِّ إِنِّي وَهَنَ الْعَظْمُ مِنِّي وَاشْتَعَلَ الرَّأْسُ شَيْبًا وَلَمْ أَكُن بِدُعَائِكَ رَبِّ شَقِيًّا ﴿٤﴾ وَإِنِّي خِفْتُ الْمَوَالِيَ مِن وَرَائِي وَكَانَتِ امْرَأَتِي عَاقِرًا فَهَبْ لِي مِن لَّدُنكَ وَلِيًّا ﴿٥﴾ يَرِثُنِي وَيَرِثُ مِنْ آلِ يَعْقُوبَ ۖ وَاجْعَلْهُ رَبِّ رَضِيًّا ﴿٦﴾
ك هـ ى ع ص (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) މިއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލާނގެ އަޅާ زكريّا ގެފާނަށް ލެއްވި رحمة ގެ ވާހަކައެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، އެކަލޭގެފާނު ސިއްރުގައި دعاء ކުރެއްވި ހިނދެވެ. އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ކަށިތައް ބަލިވެ ނިކަމެތިވެއްޖެއެވެ. އަދި ބޮލުގެ އިސްތަށިތައްވެސް އެކަށް ނުރަވެއްޖެއެވެ. އަޅުގެ ވެރިރަސްކަލާކޮ! މިއަޅާ އިބަރަސްކަލާނގެއަށް ކޮށްފި دعاء އަކުން، މިއަޅާ އަބާއްޖަވެރިޔަކު ކަމުގައި ނުވަމެވެ. އަދި ހަމަކަށަވަރުން، އަޅުގެފަހަށް، އަޅުގެ ތިމާގެމީހުން (دين ގެ ކަންތައް ބެލެހެއްޓުމުގައި) ކަންތައް ކުރާނޭގޮތާމެދު އަޅު ބިރުގަނެއެވެ. އަޅުގެ އަނބިމީހާއަކީ، ދަރިމައިނުވާ އަންހެނެކެވެ. ފަހެ، އިބަރަސްކަލާނގެ رحمة ފުޅުން މިއަޅާއަށް وارث އަކު ދެއްވައިފާނދޭވެ! ތިމަންއަޅާއާއި، يعقوب ގެފާނުގެ آل ވެރިންގެ ކިބައިން ވާރުތަވާނޭ وارث އެކެވެ. އަދި މިއަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ރުހިވޮޑިގެންވާ އަޅަކު ކަމުގައި، އޭނާ ލައްވައިފާނދޭވެ.!
ކުރިންވެސް ދެންނިފަދައިން زكريّا عليه السّلام މި ދުޢާފުޅު ކުރެއްވިރު އެކަލޭގެފާނުވަނީ ނުހަނު މުސްކުޅިފުޅުވެފައެވެ. އާއްމުކޮށް ދަރިކަލަކު ލިބިވަޑައިގަންނަވާ ޢުމުރުފުޅު ފަހަނަ އަޅައިގޮސްފައެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން اشياع بنت فاقوذ އަކީ ދަރިމައިނުވާ ބޭކަނބަލެކެވެ. އެކަމަނާވެސް އިންނެވީ ނުހަނު މުސްކުޅިފުޅުވެފައެވެ. އޭރު زكريّا عليه السّلام ގެ ޢުމުރުފުޅުން 99 އަހަރުފުޅުކަމަށާއި އަނބިކަނބަލުންގެ ޢުމުރުފުޅުން 89 އަހަރުފުޅުކަމުގައި މުފައްސިރުން ވިދާޅުވެފައިވެއެވެ.
تفسير الجلالين (ތަފްސީރުލް ޖަލާލައިނި) ގައިވަނީ އޭރު زكريّا عليه السّلام ގެ ޢުމުރުފުޅުން 120 އަހަރުފުޅުވެއްޖެ ކަމުގައެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން اشياع ގެ ޢުމުރުފުޅުން 98 އަހަރުފުޅުކަމުގައެވެ. މިނޫން ރިވާޔަތްތައްވެސް އެދެކަނބަލުންގެ ޢުމުރުފުޅާ ބޭހޭގޮތުން ރިވާވެގެންވެއެވެ. އެ ރިވާޔަތްތުކުން ވެސް ދޭހަވަނީ އޭރު އެދެކަނބަލުންވަނީ ދަރިން ލިބިވަޑައިގަންނަވާ ޢުމުރުފުޅު ފަހަނައަޅައި ގޮސްފައިވާކަމެވެ.
زكريّا عليه السّلام ގެ ދުޢާފުޅުގައި އެކަލޭގެފާނު ވިދާޅުވެފައިވެއެވެ.
وَإِنِّي خِفْتُ الْمَوَالِيَ مِن وَرَائِي وَكَانَتِ امْرَأَتِي عَاقِرًا فَهَبْ لِي مِن لَّدُنكَ وَلِيًّا ﴿٥﴾ يَرِثُنِي وَيَرِثُ مِنْ آلِ يَعْقُوبَ ۖ وَاجْعَلْهُ رَبِّ رَضِيًّا ﴿٦﴾
އަދި ހަމަކަށަވަރުން، އަޅުގެފަހަށް، އަޅުގެ ތިމާގެމީހުން (دين ގެ ކަންތައް ބެލެހެއްޓުމުގައި) ކަންތައް ކުރާނޭގޮތާމެދު އަޅު ބިރުގަނެއެވެ. އަޅުގެ އަނބިމީހާއަކީ، ދަރިމައިނުވާ އަންހެނެކެވެ. ފަހެ، އިބަރަސްކަލާނގެ رحمة ފުޅުން މިއަޅާއަށް وارث އަކު ދެއްވައިފާނދޭވެ! ތިމަންއަޅާއާއި، يعقوب ގެފާނުގެ آل ވެރިންގެ ކިބައިން ވާރުތަވާނޭ وارث އެކެވެ. އަދި މިއަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ރުހިވޮޑިގެންވާ އަޅަކު ކަމުގައި، އޭނާ ލައްވައިފާނދޭވެ.!
މި އާޔަތުގައިވާ وارث އަކު އޭ އޮތް ބަސްފުޅުގެ މުރާދަކީ މުދާ ވާރުތަކުރާ ދަރިކަލެއްނޫނެވެ. އޭގެ މުރާދަކީ ނަބީކަން ވާރުތަކުރުންކަމުގައި މުފައްސިރުން ވިދާޅުވެފައިވެއެވެ. އެހެނީ ނަބީބޭކަލުންނަކީ މުދާ ވާރުތަކުރާ ބައެއްނޫނެވެ. އެބޭކަލުން ދޫކުރައްވާފައިވާ ތަކެއްޗަކީ ޞަދަޤާތެވެ. مسند أحمد بن حنبل ގައި ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم، ޙަދީޘް ކުރެއްވިއެވެ.
” وَإِنَّ الْعُلَمَاءَ وَرَثَةُ الأَنْبِيَاءِ وَإِنَّ الأَنْبِيَاءَ لَمْ يُوَرِّثُوا دِينَارًا وَلاَ دِرْهَمًا وَرَّثُوا الْعِلْمَ فَمَنْ أَخَذَهُ أَخَذَ بِحَظٍّ وَافِرٍ”
މާނައީ: ” އަދި ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. ހަމަކަށަވަރުން ނަބީބޭކަލުން ވާރުތަ މުދަލެއްގެ ގޮތުން، ދީނާރެއް ދިރުހަމެއް ދޫނުކުރައްވައެވެ. އެބޭކަލުން ވާރުތަ މުދަލެއްގެ ގޮތުން ދޫކުރައްވާފައިވަނީ ޢިލްމެވެ. ފަހެ އެ ޢިލްމު ލިބިގެންފިމީހާ ބޮޑުވެގެންވާ ނަޞީބަކުން ނަޞީބު ލިބިގެންފިއެވެ.” {މިއީ ޞައްޙަ ޙަދީޘެއްކަމުގައި الشيخ الألباني ވިދާޅުވެފައިވެއެވެ.}
++++++++++++++++++++
ދުޢާ އިޖާބަކުރެއްވުން
زكريّا عليه السّلام މާތް ﷲ سبحانه وتعالى ޙަޟްރަތުގައި އިބްތިހާލުވެވަޑައިގެން ކުރެއްވި ދުޢާފުޅު އެކަލާނގެ އިޖާބަކުރެއްވިއެވެ. އެކަލޭގެފާނުގެ އަރިހަށް އެ އުފާވެރި ޚަބަރުދެއްވުމަށް މަލާއިކަތް ބޭކަލަކު ފޮނުއްވިއެވެ. މަރްޔަމް ސޫރަތުގެ 7 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
يَا زَكَرِيَّا إِنَّا نُبَشِّرُكَ بِغُلَامٍ اسْمُهُ يَحْيَىٰ لَمْ نَجْعَل لَّهُ مِن قَبْلُ سَمِيًّا ﴿٧﴾
އޭ زكريّا ގެފާނެވެ! ހަމަކަށަވަރުން، ފިރިހެންދަރިޔަކު ލިބޭނެކަމުގެ އުފާވެރި خبر ތިމަންރަސްކަލާނގެ، ކަލޭގެފާނަށް ދެއްވަމެވެ. އޭނާގެ ނަމަކީ، يحيى އެވެ. މީގެކުރިން އޭނާގެ ނަމުން ނަންކިޔޭ މީހަކު ތިމަންރަސްކަލާނގެ ނުލައްވަމެވެ.
މި އާޔަތުގައި މާތް ﷲ سبحانه وتعالى زكريّا عليه السّلام އަށް އަންގަވާފައި އެވަނީ އެކަލޭގެފާނަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގަންނަވާނެކަމުގެ ވާހަކައެވެ. އެ ދަރިކަލުންގެ ނަންފުޅަކީ يحيى ކަމުގައިވެސްމެއެވެ. يحيى عليه السّلام ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން މާތް ﷲ كريّا عليه السّلام އަށް ވަޙީ ކުރައްވާފައެވެ.
فَنَادَتْهُ الْمَلَائِكَةُ وَهُوَ قَائِمٌ يُصَلِّي فِي الْمِحْرَابِ أَنَّ اللَّـهَ يُبَشِّرُكَ بِيَحْيَىٰ مُصَدِّقًا بِكَلِمَةٍ مِّنَ اللَّـهِ وَسَيِّدًا وَحَصُورًا وَنَبِيًّا مِّنَ الصَّالِحِينَ ﴿٣٩﴾ { سورة آل عمران}
ދެންފަހެ، އެކަލޭގެފާނު محراب ގައި ނަމާދު ކުރެއްވުމުގައި قائم ވެވަޑައިގެން ހުންނަވަނިކޮށް، އެކަލޭގެފާނަށް، ملائكة ން ގޮވާލައްވައި ދެންނެވިއެވެ. ހަމަކަށަވަރުން، اللَّه، ކަލޭގެފާނަށް يحيى ގެފާނު ދެއްވާނެކަމުގެ އުފާވެރި خبر ދެއްވަތެވެ. اللَّه ގެ حضرة ންވާ كلمة ފުޅެއް ތެދުކުރައްވާ ބޭކަލެއްގެ ގޮތުގައެވެ. އަދި، (އެކަލޭގެފާނު ވާހުށީ) މާތް ސާހިބެއްކަމަށާއި، އަންހެނުންނާ ދުރުހެލިވެ ރައްކާތެރިވެވަޑައިގެންވާ ބޭކަލެއްކަމަށާއި، صالح ންގެ ތެރެއިންވާ ނަބީބޭކަލެއްކަމަށެވެ.
زكريّاعليه السّلام އަށް ކުއްލިއަކަށް މި ލިބިވަޑައިގެންނެވި ޚަބަރުން އެކަލޭގެފާނަށް ވިދާޅުވެވުނެވެ. އަޅުގަނޑަށް ދަރިކަލަކު ލިބޭނީ ކިހިނެތްތޯއެވެ؟ މިހާރު އަޅުގަނޑުވަނީ މުސްކުޅިވެ ގައިބާރު ދެރަވެފައެވެ. މިކަން އެއްކިބާގައި އޮއްވާ އަޅުގަނޑުގެ އަންހެނުންނަކީ ދުވަހަކުވެސް ދަރިމައިވީ މީހެއްނުމެނޫންމެއެވެ. އެކަމަނާވެސް އިންނެވީ ޢުމުރުފުޅުން ދުވަސްފުޅުވެ، މުސްކުޅިފުޅުވެފައެވެ. މަރްޔަމު ސޫރަތުގެ 8 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
قَالَ رَبِّ أَنَّىٰ يَكُونُ لِي غُلَامٌ وَكَانَتِ امْرَأَتِي عَاقِرًا وَقَدْ بَلَغْتُ مِنَ الْكِبَرِ عِتِيًّا ﴿٨﴾
އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ކުއްޖަކު ލިބޭނީ ކިހިނަކުންތޯއެވެ؟ އަޅުގެ އަނބިމީހާއަކީ، ދަރިމައިނުވާ އަންހެނެކެވެ. އަދި އަޅާވެސް މިހުރީ، މުސްކުޅިކަމުގެ نهاية އަށް ފޯރާފައެވެ.
އާލު ޢިމްރާނު ސޫރަތުގައި މިވާހަކަ ބަޔާން ކުރައްވާފައިވަނީ މިދަންނަވާ ފަދައިންނެވެ.
قَالَ رَبِّ أَنَّىٰ يَكُونُ لِي غُلَامٌ وَقَدْ بَلَغَنِيَ الْكِبَرُ وَامْرَأَتِي عَاقِرٌ ۖ …. ﴿٤٠﴾ { سورة آل عمران}
އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާޔަށް ދަރިޔަކު ލިބޭހުށީ ކޮންފަދަޔަކުންތޯއެވެ؟ ހަމަކަށަވަރުން، މިއަޅާވަނީ عمر ން ދުވަސްވެ މުސްކުޅިވެފައެވެ. އަދި، މިއަޅާގެ އަންހެނުންނަކީ، ދަރިޔަކު ލިބޭފަދަ މީހެއްނޫނެވެ.
كريّا عليه السّلام މިހެން ވިދާޅުވުމުން މާތް ﷲ އެކަލޭގެފާނަށް އެންގެވިއެވެ.
……قَالَ كَذَٰلِكَ اللَّـهُ يَفْعَلُ مَا يَشَاءُ ﴿٤٠﴾{ سورة آل عمران}
އެކަލާނގެ وحى ކުރެއްވިއެވެ. (ކަންހުރީ) އެފަދައިންނެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާކަމެއް ކުރައްވަތެވެ.
މަރްޔަމު ސޫރަތުގެ 9 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
قَالَ كَذَٰلِكَ قَالَ رَبُّكَ هُوَ عَلَيَّ هَيِّنٌ وَقَدْ خَلَقْتُكَ مِن قَبْلُ وَلَمْ تَكُ شَيْئًا ﴿٩﴾
އެކަލާނގެ وحى ކުރެއްވިއެވެ. ކަންހުރީ އެފަދައިންނެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެކެވެ. މީގެކުރިން ކަލޭގެފާނަކީ، موجود ވެގެންވާ އެއްޗެއްކަމުގައި ނުވާ حال، ތިމަންރަސްކަލާނގެ ކަލޭގެފާނު ހެއްދެވީމެވެ.
މާތް ﷲ سبحانه وتعالى زكريّا عليه السّلام އަށް މިހެން ވަޙީ ކުރެއްވުމުން އެކަލޭގެފާނު އެދިވަޑައިގެންނެވީ އަނބިކަނބަލުން އާލާސްވެއިންނެވި ކަމުގެ ހެއްކެއް ދެއްކެވުމަށެވެ. މަރްޔަމު ސޫރަތުގެ 10 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
قَالَ رَبِّ اجْعَل لِّي آيَةً ۚ قَالَ آيَتُكَ أَلَّا تُكَلِّمَ النَّاسَ ثَلَاثَ لَيَالٍ سَوِيًّا ﴿١٠﴾
އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އަޅާއަށް علامة އެއް ލައްވައިފާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. ކަލޭގެފާނަށް އޮތް علامة އަކީ ކަލޭގެފާނަށް (ސަލާމަތުން ހުންނަވައިމެ) ފުރިހަމަ ތިންރޭ ވަންދެން މީސްތަކުންނާ ވާހަކަ ނުދެއްކެވޭގޮތްވުމެވެ.
އާލު ޢިމްރާނު ސޫރަތުގެ 41 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
قَالَ رَبِّ اجْعَل لِّي آيَةً ۖ قَالَ آيَتُكَ أَلَّا تُكَلِّمَ النَّاسَ ثَلَاثَةَ أَيَّامٍ إِلَّا رَمْزًا ۗ وَاذْكُر رَّبَّكَ كَثِيرًا وَسَبِّحْ بِالْعَشِيِّ وَالْإِبْكَارِ ﴿٤١﴾
އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! (އެކަމަށް إشارة ކުރާ) علامة އެއް މިއަޅާޔަށް ލައްވާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. (އެކަމުގައި) ކަލޭގެފާނުގެ علامة އަކީ، ތިންދުވަސްވާންދެން، ކަލޭގެފާނަށް إشارة ން މެނުވީ މީހުންނާ ވާހަކަ ނުދެއްކެވި ހުންނެވުމެވެ. އަދި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގިނަގިނައިން ހަނދުމަކުރައްވާށެވެ! އަދި، ހަވީރާއި ހެނދުނު، تسبيح ވިދާޅުވާށެވެ!
زكريّا عليه السّلام އަށް އިޝާރާތުން ނޫންގޮތަކަށް ވާހަކަ ނުދެއްކޭ ގޮތް މާތް ﷲ މެދުވެރިކުރެއްވުމުން އެކަލޭގެފާނު ޤައުމުގެ މީސްތަކުންނަށް ކަންތައްތަށް ކުރެއްވުމަށް އަމުރުކުރައްވަމުން ގެންދެވީ ޢިޝާރާތުންނެވެ. މަރްޔަމު ސޫރަތުގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
فَخَرَجَ عَلَىٰ قَوْمِهِ مِنَ الْمِحْرَابِ فَأَوْحَىٰ إِلَيْهِمْ أَن سَبِّحُوا بُكْرَةً وَعَشِيًّا ﴿١١﴾
ފަހެ، އެކަލޭގެފާނު، ނަމާދުކުރައްވާތަނުން އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް ނުކުމެވަޑައިގަތެވެ. ދެން ހެނދުނާއި، ހަވީރު، تسبيح ކިޔަވައި އުޅުމަށް އެއުރެންނަށް إشارة ން އެންގެވިއެވެ.
++++++++++++++++++++
يحيى عليه السّلام ރައްކައުވުން
ކޮންމެއަކަސް މާތް ﷲ އެންގެވިފަދައިން زكريّا عليه السّلام ގެ އަނބިކަނބަލުން اشياع އާލަސްވެއިންނަވައިފިއެވެ. ދުވަސްފުޅުފުރާ ދަރިކަލަކާއިގެ ރައްކައުވެވަޑައިގެންނެވިއެވެ. މާތް ﷲ އެދަރިކަލުންގެ ނަންފުޅުވަނީ އެދަރިކަލުން ރައްކައުވުމުގެ އެތަށް ދުވަހެއް ކުރިން ކަނޑައަޅުއްވާ ނިންމަވާފައެވެ. އެހެންކަމުން زكريّا عليه السّلام ގެ ދެކަނބަލުންވެސް ދަރިކަލުންނަށް يحيى އޭ ވިދާޅުވެ ނަންދެއްވިއެވެ.
يحيى عليه السّلام އަކީ ތުއްޕުޅުއަރުވެސް ވަރަށް އާދަޔާ ޚިލާފު ތޫނު ވިސްނުންފުޅެއް ލިބިވަޑައިގެންފައިވާ ބޭކަލެކެވެ. ދީނީ ޙުކުމްތައް ވިސްނައިވަޑައިގަތުމުގެ އާދަޔާ ޚިލާފު ކުޅަދާނަފުޅުކަމެއް ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. މިކަމަށް އިޝާރާތްކުރައްވާ މަރްޔަމް ސޫރަތުގެ 12 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
يَا يَحْيَىٰ خُذِ الْكِتَابَ بِقُوَّةٍ ۖ وَآتَيْنَاهُ الْحُكْمَ صَبِيًّا ﴿١٢﴾
އޭ يحيى ގެފާނެވެ! ކަލޭގެފާނު ފޮތުގައި ބާރަށް ހިފަހައްޓަވާށެވެ! ތިމަންރަސްކަލާނގެ، އެކަލޭގެފާނަށް ތުއްޕުޅުއިރު حكمة ދެއްވީމެވެ.
ކުޅިވަރަށް ޝައުޤުވެރިވުމަކީ ކުޑަކުދިންގެ ހުންނަ ޚާއްޞަ ސިފައެކެވެ. ނަމަވެސް يحيى عليه السّلام އަކީ ތުއްޕުޅުއިރު އެއްވެސް ވަރަކަށް ކުޅިވަރަށް ޝައުޤުވެރިވެވަޑައިގެންނެވި ބޭކަލެއްނޫނެވެ. އެކަލޭގެފާނުގެ އެންމެ ޚާއްޞަ އުފާފުޅަކީ ވަށައިގެން ފެންނަމުންދާ ކަންތައްތަކާމެދު ވިސްނާ ފިކުރުކުރެއްވުމެވެ. މާތް ﷲ މަތިން ހަނދާންކޮށް ޒިކުރުކުރެއްވުމެވެ. معمر ވިދާޅުވެފައިވާކަމަށް عبد الله بن مبارك ވިދާޅުވެފައިވެއެވެ.
“يحيى عليه السّلام އާއި އެއްފުރާގެ ކުދިން އައިސް އެކުދިންނާއެކު ކުޅިވަރު ކުޅެން ދަޢުވަތުދިނުމުން އެކަލޭގެފާނު ވިދާޅުވެއެވެ. އަހަރެމެން ހައްދަވާފައިވަނީ ކުޅިވަރު ކުޅޭކަށް ނޫނެވެ.”
++++++++++++++++++++
ޙަވާލާ
1. ސްޓޯރީސް އޮފް ޕްރޮފެޓް ދާރުއްސަލާމް
2.ތަފްސީރު އިބްނު ކަޘީރު
3. ތަފްހީމުލް ޤުރުޢާން
4. ތަފްސީރުލް ޤުރުޠަބީ
5.http://sunnah.com
6. ފަޖުރުތަރި ދިވެހިރާއްޖޭގެ އަޑު
7. ތަފްސީރުލް ޖަލާލައިން
2 Comments!
Comments are closed.



JazaakAllah khairan
Nimuny tha?? vaahakaige thereah vadhevifa inleh bodu kamun nimunu iruves neyngunu.. varah furihama kiyaahithu kiyaalevijje.. adhives meege ehen vaahaka akah inthizaaru kuran