Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާ

“ޕިއްޒާ ބޯއީ”

Ibrahim Waheed Level 1
July 21, 2018 6 Mins Read
10 Comments

މާލޭގެ ކާރުބާރު ބޮޑު މާޙައުލެވެ. ހަވީރުގެ ފިންޏެވެ. ނުސާފު ވައެވެ. ގޯޅިގަނޑެއްގެ ތެރެއިން ވަދެވެން އިން “ފަޤީރު” ގެއެކެވެ. ލޯގަނޑުގެ ކުރިމަތީގައި ހުއްޓިލައިގެން އަހަރެން ހުރީ ދިވެހި ރުކެއްހެން ދެފަރާތައް އަރި އަރިވެލައެވެ. އިރު އިރުކޮޅުން ތިރީގައި ގޮދަޑި މަތީގައި ފިލާވަޅުތައް ދަސްކުރަން އިން އަހަރެންގެ ދިހަ އަހަރުގެ ކޮއްކޮ، ހަނީމް އަހަންނަށް ވައް ކަޅިން ބަލައިލާ ހީލައެވެ.

“ފިލާވަޅު އިނގޭ ދަސްކުރާނި! އެހެންނޫނީ ހަމަ މިހާރު މި ގޮވަނީ މަންމައަށް”

އަހަރެން ލޯއަޅައިލީ ލޯގަނޑުން ފެންނަން އިން ހާނިމްގެ ސޫރައަށެވެ. ވަގުތުން އޭނާ އިސްދަށަށް ޖަހައިފިއެވެ. މިއީ އަހަރެން ވަޒީފާއަށް ނުކުންނަ ފުރަތަމަ ދުވަހެވެ. އަހަރެންގެ އާއިލާގައި އަހަންނަކީ މަންމަގެ އެންމެ ދޮށީ މީހާއެވެ. އަހަރެންގެ ސާނަވީ ކިޔެވުން ފުރިހަމަ ކުރަމުން ދަނިކޮށް ބައްޕަ އެކްސިޑެންޓްވެ ވާގިނެތުން ވެގެން ދިޔައީ އުފަލުގައި އޮތް އަހަރެންގެ އާއިލާއަށް އައި ނިމުމެއް ނުވާ ކަޅުފޮއެ ރޭގަނޑަކަށެވެ. ގޭގެއަށް ގޮސް މަސައްކަތްކޮށްދީ ހަދައިގެން މަންމަ ދިޔައީ އަހަރުމެންނަށް ބޭނުންވާ ކަންތައްތައް ކޮށްދެމުންނެވެ. ނަމަވެސް މަންމަވެސް މިއަދު ވަނީ މުސްކުޅިވެ ގައިބާރު ދެރަވެފައެވެ.

ކިތަންމެ ކިޔަވަން ބޭނުންވިޔަސް މިއީ އަހަރެންގެ ތަޤުދީރުކަމުގައި ދެކި ސާނަވީ ދައުރު ނިންމުމާއެކުހެން އަހަންނަށް މިޖެހުނީ ވަޒީފާއެއް ހޯދާށެވެ. ނަމަވެސް އަހަރެން ދެރަވެ ހާހެއް ނުވަމެވެ. މަންމައަށް ފަސޭހަކޮށްދޭން، އަދި އަހަރެންގެ ކޮއްކޮއަށް ކިޔަވައިދޭން އަހަރެން ބޭނުމެވެ. މަންމަ ނުބުންޏަސް މިއީ މަންމަވެސް ބޭނުންވާނެގޮތްކަން އަހަރެންގެ ސޯޅައަހަރުގެ މި ސިކުނޑިއަށް ވިސްނެއެވެ.
ވަރަށް ހޯދުމަށްފަހު މިއީ އަހަންނަށް މިވަގުތު ލިބުނު އެންމެ ރަނގަޅު ވަޒީފާއެވެ. ޕިއްޒާ “ޑެލިވެރީ ބޯއީއެއްގެ” މަޤާމެވެ. ތައްޔާރުވެލައިގެން އަހަރެން ނުކުތީމެވެ. މަންމަ އިނީ ބައްޕައަށް ކާންދޭށެވެ.

“އަހަނ ދަރިފުޅު ދަނީތަ؟ ކައިގެން ދާނީ ދޯ؟ މަޑުކޮށްލާ އިނގޭ މި…”

މަންމަގެ ވާހަކަ ހުއްޓުވާލީ އަހަންނެވެ.

“މަންމާ އަހަރެން އައިސް ކާނަން އެނގޭ. މިހާރު މިދަނީ ގަޑިޖެހޭތީ. މަސައްކަތު ފުރަތަމަ ދުވަހު ގަޑިޖެހުނީމަ އެމީހުން ހިތްހަމަ ނުޖެހޭނެއްނު ދޯ ބައްޕާ؟”

އަހަރެން ނިތް އަރުވާލަމުން ބައްޕައަށް ދޯ ދިނީމެވެ. ބައްޕަ އަހަންނަށް ބަލައިލަމުން ހިނިތުންވެލިއެވެ. ވަރަށް އުނދަގުލުންނެވެ.

“ހޫނ! ތިޔަ ހާސަރުތައްވެސް ދަމަން ތި އެނގުނީ މަ އެހެން ބުނީމަ ދޯ. މިއޮއްހާއިރު ނުކައި ކޮޓަރީ….”

މަންމަގެ ހަޅޭކުގެ އަޑު މުޅި ތަންގަނޑު މީހުންނަށް ނުއިވެނީސް އަހަރެން ގަސްތުކުރީ މަންމައަށް ހިނިތުންވެލުމަށްފަހު ނުކުތުމަށެވެ. އެ ބަސްތައް އަހަންވެއްޖެނަމަ ދެން އޮއްސޭނީ މިއަދުގެ އިރެވެ. ހުކުރުގެ ޚުތުބާއަށް ވުރެވެސް ދިގުވާނެއެވެ.

މަޑު މަޑު ދުއްވުމެއްގައި އަހަރެން ދިޔައީ މާލޭގައި މިވަގުތު ދުއްވާ އެއްޗެހި ގިނަވާނެތީއެވެ. ބާރަށް ދުއްވުމީ އަހަރެން އެއް އިރެއްގައިވެސް ކުރާހިތްވި ކަމެއް ނޫނެވެ. އަދި ސައިކަލުގެ ހަޤީޤީ ވެރިފަރާތް، އަހަރެންގެ ރައްޓެހި ޙަމީދު ވަނީ ބަލައިގެން ސައިކަލު ގެންގުޅުމަށް އެދިފައެވެ. އަހަރެން ސައިކަލެއް ގަނެވެންދެން އެއް މަހަށް މި ސައިކަލު ބޭނުންކޮށްލަން ދޭށޭ ބުނަން ބައްދަލުވިއިރު، އޭނާ ބުނާ ދެބަހުން އެއްބަހަށް “ބަލައިގެން ދުއްވައްޗޭ” ވިއެވެ.

ގަޑި ޖެހުމުގެ ކުރިން އަހަންނަށް އަހަރެންގެ މަސައްކަތު މާހައުލަށް އާދެވުނެވެ. މިތަނުގައި މި މަޤާމުގައި މަސައްކަތްކުރާ އަހަރެންމީ ހަތަރުވަނަ ދިވެއްސެވެ. އެންމެންވެސް ވަރަށް ހެވެވެ. ބޮޑާވެރިކަން ދައްކައިއުޅޭ އެކަކުވެސް ނެތެވެ. ގާތްގަނޑަކަށް ދެތިން ތަނަކަށް މިހާރު އޯޑަރުތަކައިގެންވެސް ދެވިއްޖެއެވެ.

ތިން ވަނަ އޯޑަރު ދިނުމަށްފަހު އަހަރެން އެނބުރިއައީ ވަރަށް ވަރިބަލިވެ ހުރެއެވެ. ބެލް އަޅާތާ ތިރީހަކަށް މިނެޓުވީ އިރުވެސް އެ ގޭގެ އަހުލުވެރިންނަށް އަޑު އިވޭ ވަރެއް ނުވިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ޖަހާފައިވާ ލަވައިގެ އަޑުން ކަންފަތުގެ ތޫރި ފަޅައިގެން ދާހާ ވެއެވެ. ދޮރު ނުހުޅުވިޔަސް ފަސް މިނެޓު ނުވަނީސް އަންނަން ކެރޭ ހެއްޔެވެ؟ ވަޒީފާގެ ފުރަތަމަ ދުވަހެވެ. ޕިއްޒާއާއިގެން އެނބުރި އައީމާ ޖަހާނީ މޫނަށް ތޯއްޗެކެވެ.

އިރުކޮޅެއްނުވެ އަނެއްކާވެސް އޯޑަރެއް އަތުވެއްޖެއެވެ.

“މ.ހައިނާ، 4B، ގަޑިބުރު ކައިރި”

ނޯޓުކޮޅު ކިޔާލުމަށްފަހު ފައް ޖަހައިލާ ޖީބަށް ލުމަށްފަހު އަހަރެން ދުއްވާލީމެވެ. ގެންދެވޭނެކަމަށް ބުނި އިރަށް ވުރެވެސް ޕިއްޒާ ތައްޔާރުވެ ނިމުނުލެއް އަވަހެވެ. ވުމާއެކު އަހަރެން މާ ބާރަކަށް ދުއްވާކަށްވެސް ނުހަދަމެވެ. އިރުވެސް އޮއޮސުމަކާ ކައިރިވެއްޖެއެވެ.

ދެތިން މީހަކު ކައިރީ އަހާލުމަށްފަހު ގެ ހޯދިއްޖެއެވެ. އަހަރެން ގޭގެ މައި ދޮރާށި ހުޅުވައިލާ އެތެރެއަށް ވަނީމެވެ. ލިފްޓެއް އެބަހުއްޓެވެ. ހަތަރުވަނަ ބުރިއެވެ. އެހާ ހާލުން ހަކަތަ ދުއްވައިގެން ސިޑިން އަރާކަށް ނެތީމެވެ.

ލިފްޓު ގޮސް ހަތަރުވަނަ ފަންގެފިލާއަށް ހުއްޓުމުން އަހަރެން ނުކުތީމެވެ. އަތުގައި އޮތް “ބީފް ބޮލޮގްނާ”އިން އަރާ މީރުވަހުން ހައިވެފައި ހުރިކަން ހަނދާންކޮށްދެމުން ދިޔައެވެ. މި ގޭ ފުދޭވަރަކަށް ބޮޑުވެފައި ތަނަވަހެވެ. މި ފަންގެފިލާގައިވެސް ގިނަ އެޕާޓްމެންޓްތަކެއް ހުއްޓެވެ. ލިފްޓުން ނުކުތުމުން ސީދާ ދިމާލަށް ފެންނަން އިންނަ ބޮޑު މަގުގެ ދެފަރާތުގައި އެޕާޓްމެންޓްތައް ފެންނަން ހުރީ އެޕާޓްމެންޓްގެ ނަންބަރާއިވެސް އެކުއެވެ.

ކުރިއަށް ދިޔުމަށް އަހަރެން އެޅިފިޔަވަޅު ހުއްޓުނީ އެއްލި ނަޒަރަކުން އެތަނުގައި ހުރި މީހަކު ފެނިގެންނެވެ. ދެންމެ ލިފްޓުން ނުކުތް ވަގުތު އެމީހާއެއް ނެތެވެ. މިހާރު ފައިބާ އެހުރީ ކޮން ތަނަކުން ހެއްޔެވެ؟!

އޭނާ އަޅާފައިވާ ހެދުމުން އެއީވެސް “ޕިއްޒާ ޑެލިވެރީ ބޯއީ” އެއްކަން އެނގެއެވެ. ކަޅު ކުލައިގެ ތޮތްޕެއް އަޅާފައި ވާއިރު އޭނާ ލާފައި ވަނީވެސް ހަމަ ކަޅު ޓީޝާޓެކެވެ. އަހަރެން މަޑުކޮށްލީމެވެ. އެމީހާގެ ޕިއްޒާ ދިނުމުން ގޮސް ބެލް އެޅުމަށެވެ. އަހަރެން ހުރި ދުރުމިނުން އޭނާއަށް އަހަންނެއް ނުފެންނާނެއެވެ. ބެލް އަޅާފައި އޭނާހުރީ ގޭތެރެއިން އެކަކުވެސް ނައިސްގެންނެވެ.

ދެވަނަ ފަހަރަށް އެޅި ބެލްއާއެކު ދޮރު ހުޅުވުނެވެ. އެތެރޭގައި ހުރި މީހަކު އަހަންނަށް ނުފެނުނަސް އެ މީހުން ދެއްކި ވާހަކަތައް ވަރަށް ރަނގަޅަށް އަހަންނަށް އަޑުއިވުނެވެ.

“ކިހާ ފައިސާ ދޭންޖެހޭ ވައްތަރު ހުންނަނީ”

އެތެރިން “ބްރޯކެން ދިވެހިން” އަންހެނަކު ބުނެލި އަޑު އިވުނެވެ. ބޭރުގައި ހުރި މީހާ ހިނިއައިސްފާ ޖަވާބު ދިނެވެ.

” ދިވެއްސެއް. 112 ވަނީ.”

އެތެރޭގައި ހުރި އަންހެން މީހާ “ކަޑަ” ވާނެކަން ހިތަށް އަރާފައި އަހަންނަށްވެސް ކުޑަކޮށް ހެވުނެވެ.

“އޫޕްސް.. އެބަ އަންނަން. އެތެރެއަށް ވަނެ އިށީނނޭ. ޗޭންޖެއް އެބަ އޮތްތަ ޓޫ ހަންޑްރެޑް ގެ؟”

ބޭރުގައި ހުރި މީހާ އާއެކޭ ބުނެލަމުން އެތެރެއަށް ވަދެ ދޮރުލައްޕާލިއެވެ. “ޕިއްޒާ ޑެލިވެރީ ބޯއީ” އަކަށް މެހެމާންދާރީ މިހައި ރަނގަޅު ގެއަކަށް އަދި މި ފެނުނީ މި ގެއެވެ. ދިވެއްސެއް ވީމައި ކަންނޭނގެއެވެ. މެހެމާންދާރީގެ ހުރިވަރެއް ބަލައިލަން ލިބޭނެކަމަށް އަހަރެންވެސް މަޑުކޮށްލައިގެން ހުރީ ފޯނާ ކުޅޭށެވެ.

ފޯނުން ގޭމުކުޅެން ހުރެފައި ހަނދާންވުމުން އަހަރެން ގަޑި ބަލައިލީމެވެ. ޔާ ރައްބީއެވެ! މިހާރު ފަނަރަ މިނެޓު ފާއިތުވީއެވެ. “ޑެލިވާ ކުރަން އައި ޕއްޒާ އަދިވެސް ޑެލިވާ ނުވަނީ ކަމަށް” ބަލައި އަހަރެން ދާން ހިނގައިގަތީ މިހައި އިރުވަންދެންވެސް މި “ޑުރާމާ” ގައި ބައިވެރިވާން ހުރެވުނީތީއެވެ. ލިފްޓްގެ ފިތަށް އޮބައިލީ އެހައިމެ ފޫހިވެ ހުރެއެވެ.

ހަމަ އެވަގުތެވެ. އެ އެޕާޓްމެންޓުން ވަރަށް ބާރަށް އަންހެނަކު ހަޅޭލަވާގަތް އަޑުއިވުނެވެ. ވީ ކީއް ކަމެއް ނޭނގިހުރެ އަހަރެން ދުއްވައިގަތީ ޕިއްޒާ ފޮށިވެސް ދޫކޮށްލާފައެވެ. ގޮސް ތަޅުގައި ހިފައިލި އިރު ދޮރާށި ހުރީ ތަޅު ނުލައެވެ. އަހަރެން ދޮރު ހުޅުވައިލީމެވެ. އެތެރެއިން ފެނުނު މަންޒަރުތަކުން ސުވާލުތައް ބޮލުގައި ފުނިޖެހުނެވެ.

ގޭތެރޭގައި އެއްވެސް ކަހަލަ އަރާރުމެއް ނުވަތަ “ހަންގާމާ”އެއް ހިންގާފައި އޮތްހެނެއް ހިއެއް ނުވެއެވެ. ހުރިހާ އެއްޗެއްވެސް އަތުރާލާފައި ހުރިލެއް ތަރުތީބުވެފައި ސީދަލެވެ. މިއީ މުއްސަނދިންގެ ތަނެއްކަން އެ ތަނަށް ހިންގައިލި ފުރަތަމަ ނަޒަރުންވެސް އެނގެއެވެ. އެންމެ މިޒަމަނާގު ފަރުނީޗަރެވެ. “އިންޓީރިއާ ޑިޒައިން” އެހައިމެ ފުރިހަމައެވެ. ސިޓިން ރޫމުގެ ތެރެއިން ލާފައި އެރެން ހުރި ސިޑިއެއް ހުއްޓެވެ. ސިޓިން ރޫމުގައި ހުރި މޮޅެތި ސޯފާތަކުގެ ކުރިމަތީގައި ބަހައްޓާފައި ހުރި ކުޑަ މޭޒުމަތީގައި އެމީހާ ގެނައި ޕިއްޒާ ފޮށި އޮތެވެ. ބަލާބެލުމަށް އޭގައި އަތްވެސް ލައިފައެއް ނެތެވެ. އެއްލި ކަޅިއަކުން މޭޒުކައިރީ ތިރީގައި ވެއްޓިފައި އޮއްވާ އެ ފެނުނީ އެ ފިރިހެންމީހާގެ ތޮތްޕާއި ޓީޝާޓެވެ.

ވާނުވާ ވިސްނުމުން “ޗުސް ޗުސް” ތަޅާ ހާލު އަހަރެން އެނބުރުނީ ހަމަ އެވަގުތު އެތަނުން ނުކުތުމަށެވެ. ނަމަވެސް އަނެއްކާވެސް ހަމަ އެ އަންހެންމީހާގެ އަޑު އިވިއްޖެއެވެ. މިފަހަރު މަތިންނެވެ.

” މަންމާ.. ހެޔޮނުވާނެ! އަހަރެން ސަލާމަތްކޮށްދީ.. މީހެކޭ!”

އެއްޗެއް ވެއްޓި ތެޅުނު އަޑުވެސް ހަމަ މިވޭނީ އާދޭހުގެ އަޑާއެކު އަހަންނަށް އިވުނެވެ.

ކަމެއް އަސްލުވެސް ގޯސްވެއްޖެކަން އަހަންނަށް މެހެސޫސްވަމުން ދިޔައެވެ. ތަޅުން އަހަރެންގެ އަތް ދޫކޮށްލީމެވެ. ސިކުނޑި ބުނަމުން ދިޔައެވެ. ސަލާމަތަށް އެދި ގޮވަމުން އެދަނީ އަންހެނެކެވެ. ގޭގައި އެކަކުވެސް އުޅޭހެނެއް ހިޔެއް ނުވެއެވެ. އުޅޭނަމަ ދެންމެ އެއިވުނު އަޑުގެ ބާރު މިނުގައި ނިދިފައި އޮތް މީހަކުވެސް ފުންމައިގެން ތެދުވާނެކަން ގައިމެވެ.

އަހަރެން ދުއްވައިގަތީމެވެ. ލެވުނުހާ ބާރެއް ލަމުންނެވެ. ސިޑިއާއި ދިމާއަށް އައިސް އަހަރެން މަތި ބަލައިލީމެވެ. ސިޑީގެ މިސްރާބު ހުރީ އެންމެ ކޮޓަރިއަކަށެވެ. ހީވާ ގޮތުން މަތީގައި ހުރީވެސް އެކޮޓަރި އެކަންޏެވެ. އަހަރެން އަވަސް ހިނގުމެއްގައި ދާން ހިތަށް އަރައި ވިސްނާލީމެވެ. މީހަކު އަންނަކަން އެ މީހާއަށް އެނގިއްޖެނަމަ ކޮންމެފަދަ ގޮތެއްވެސް އެ ކުއްޖާއަށް ހަދައިފާނެއެވެ. އެހެންކަމުން އަހަރެންގެ ޚިޔާލު ބަދަލުކޮށް ވަރަށް މަޑު މަޑުން ސިޑިން އަރަމުން ދިޔައީމެވެ.

ކޮޓަރިއާ އަރާ ހަމަވެއްޖެއެވެ. އެއިރުވެސް އެ އަންހެން ކުއްޖާގެ ކުކުރުމުގެ އަޑު އިވެމުން ދިޔައެވެ. އަހަރެންގެ ހިތުގެ ތެޅުން އަވަސް ވަމުން ދިޔައެވެ. އަދިވެސް އެއްވެސް އަޑެއް ލައްވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ ސިކުނޑީގެ ހާސްކަން އިތުރުވަމުން ދިޔައިރު މަގޭ ހިތް ބުނަމުން ދިޔައެވެ.

“އައްޔާ ކަލޭ ފައްކަލެވެ! ވަޒީފާގެ ފުރަތަމަ ދުވަހުވެސް ކުޅެލަން ތިއޮއްޖެހުނު ފިލްމެއްތާ ދޯއެވެ؟!”

އަހަރެން ކޮޓަރީ ދޮރު ވަރަށް މަޑު މަޑުން ހުޅުވައިފީމެވެ. ވަރަށް ކުޑަކޮށެވެ. ކޮޓަރީގެ ތެރެއިން އެއްކަލަ “ޑެލިވަރީ ބޯއީ” ފެންނަން ހުއްޓެވެ. އޭނާ ހުރީ އަހަންނަށް ފުރަގަސްދީގެންނެވެ. ތިރީގައި ވެއްޓިފައި އެއޮތީ ރޮމުންދިޔަ އަންހެން ކުއްޖާއެވެ. ދޮރު ހުޅުވިފައި ހުރިވަރުން އަހަންނަށް ފެންނަން އޮތީ ހަމައެކަނި އެކުއްޖާގެ ފައިކޮޅެވެ. އޭނާ އަދިވެސް ދިޔައީ ރޮމުންނެވެ. އެ ނުލަފާ “ޖަނަވާރުގެ” އަތުގައި އެ އޮތީ ވަޅިއެކެވެ. އާއެކެވެ. ވަޅިއެކެވެ.

އަހަރެންގެ ހިތް ތެޅެން ފެށިއެވެ. ހަދާނެ ގޮތެއް ވިސްނަން އޮތީ ހަމަ ކުޑަ ވަގުތުކޮޅެކެވެ. އެތެރޭގައި އެހެރަ ސިންގާ އެ ވަޅީގެ ތޫނުކަން ދެންމެ ދެންމެވެސް ދައްކާލަފާނެވެ. އަހަރެން ވަށައި ހޯދާލީމެވެ. އެންމެ ފަސޭހައިންވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ ކޮޓަރި ބޭރު އެއް ފަރާތެއްގައި ބައިންދާފައި ހުރި ބިއްލޫރި މާ ވައްޓެވެ. ހިތުގައި އޮތީ ހަމަ ތި ޚިޔާލު ކުރި ފަދައިންނެވެ. އެއް “ޝޮޓުން” ޖަހައި ނިންމާލާށެވެ. ބެލި ހުރިހާ “އެކްޝަން” ފިލްމެއްގައިވެސް ކޮންމެވެސް ވަރެއްގެ އޮއްޓަރެއް އެބަހުރިތާ ދޯއެވެ؟!

އަހަރެން ބަލައިކަށް ނުހުންނަމެވެ. އެއް އަތުން މާވަށި ނަގައި އަނެއް އަތުން ދޮރު ހުޅުވާލާ އެތެރެއަށް ވަނީމެވެ. ލަހެއް ފަހެއް ނުކުރަމެވެ. އެތެރޭގައި ހުރި މީހާއަށް ފަހަތް ބަލައިވެސް ނުލެވި އުޅެނީސް އަހަރެން މާވަށިން ޖަހައި އެމީހާ ވައްޓައިލީމެވެ. މާވަށި އެ “ހިލަ” ބޮލުގައި ޖެހުމުން ތެޅިއްޖެއެވެ.

ހޯސްލައިފައި ލޭތައް އޮހޮރިގެން ދިޔައެވެ. އެމީހާ ބިންމަތީ ޖެހުނު ގޮތަށް “ނިދައިފިއެވެ”. އެ ކުއްޖާ ބިރުން އިނދެ ތެދުވިއެވެ. ލޭތައް ވަނީ އޭނާގެ މޫނަށް ވެސް ބުރާފައެވެ. އެކުއްޖާ ތެދުވެގެން އައިސް އަހަރެންގެ އަތުގައި ހިފިއެވެ. އަދި ބާރުބާރަށް ރޯން ފެށިއެވެ. ހަމްދަރުދީ ވުމުގެ ގޮތުން އަހަރެން އޭނާގެ ފަން އިސްތަށިގަނޑުގައި ފިރުމައިލީމެވެ. އެ ކުއްޖާ ގޮވައިގެން އަހަރެން ބޭރަށް ނުކުތީމެވެ.

އެއިރުވެސް އޭނާގެ ރުއިން ހުއްޓައެއް ނުލައެވެ. “އަދިވެސް ނުދަންނަ މީސްމީހުން ގޭތެރެއަށް ވައްދާށޭ” ބުނަން ހަމަ ދުލުކުރީގައި އޮތީ ވަރަށް އުނދަގުލުން ހިފަހައްޓާފައެވެ.

އަހަރެން އެކުއްޖާ ގެންގޮސް ސޯފާގައި ބެއިންދީމެވެ. ފެންފޮދެއްވެސް ދޭނީ ފަހެ ކިހިނެއް ހެއްޔެވެ. މިގޭގައި އެއްޗެހި ހުރި ނެތް ތަނެއްވެސް އަހަންނަކަށް ނޭނގެއެވެ. ދެންޏާ ހިތްވަރުދޭންވެސް ދެވެން އޮތީ “ބީފް ބޮލޮގްނާ” ޕިއްޒާއެކެވެ.

އަހަރެން އޭނާއާ މާ ދުރުނޫން ހިސާބެއްގައި އިށީނެ ވާހަކަދެއްކީމެވެ.

“މި ގޭގައި އެކަކުވެސް ދެން ނޫޅެނީތަ؟ ފުލުހުންނަށް ގުޅަންވީނު؟”

އެ ކުއްޖާ އަހަންނާ ދިމާއަށް ބަލައިލީ އެއްޗެއް ހަނދާންވެގެންނެވެ. އޭނާ ވަގުތުން ތެދުވެ ލައިގެން ހުރި ޖީންސުގެ ޖީބުން ފޯނު ނަގައި “ޑަޔަލް” ކުރަން ފެށިއެވެ.

“ފުލުހުންނަށްތަ؟”

އަހަރެން ސުވާލުކޮށްލީމެވެ.

“އުހުނ. ފިރިމީހާއަށް. އޭނަ އައީމަ ފުލުހުންނަށް އަންގާނީ”

އެ ކުއްޖާގެ އަޑުގައި ހުރީ ތުރުތުރެކެވެ. އޭނާގެ ފިރިއަކު ހުރިކަން އެނގުނު ހިނދު އަހަރެންގެ މޫނަށް އިރުއޮއްސި އިޝާ ވަގުތުވެސް ވެއްޖެއެވެ.

ސިއްސައިގެން ގޮސް އަހަންނަށާއި އެކުއްޖާއަށް ބަލައިލެވުނީ މަތީ ކޮޓަރިން ފޯނެއް ރިންގްވާން ފެށިއަޑަށެވެ. އެކުއްޖާއާ ދިމާއަށް އަހަރެން ބަލައިލީ އަންނަން އުޅޭ އެޕިސޯޑުގެ “ޓްރެއިލާއެއް” އަހަންނަށް ފެންނަކަމަށް ހަވަނަ ހިއްސު ހެކިދޭތީއެވެ. އެކުއްޖާ ފޯނު ކަނޑައިލިއެވެ. މަތިން އިވުނު އަޑުވެސް ކެނޑިއްޖެއެވެ. ސަބަބެއް ނޭނގުނަސް ވެގެން އުޅޭގޮތް އަހަންނަށް އެނގޭހެން ހީވެއެވެ. އެ ކުއްޖާ އިށީނެ ސުވާލުތަކުން ފުރިގެންވާ ޙާލު ބަލައިލީ ކުރިމަތީ ހުރި މޭޒުމަތީގައި އޮތް ޕިއްޒާ ފޮށިގަނޑަށެވެ. އޭނާ އެ ފޮށިގަނޑު ނެގިއެވެ. އަދި ހުޅުވައިލިއެވެ. އަހަރެންވެސް ޝައުގުވެރިކަމާއެކު މަންޒަރު ބަލަން އިނީމެވެ. ހާސްވެފައެވެ.

އޭނާ އެ ޕިއްޒާ ފޮށިގަނޑުން ނެގީ ކުޑަ ނޯޓެކެވެ. ހަމަ އެއާއެކު އެ ފޮށިގަނޑު އަތުން ދޫވިއެވެ. އަދި ގަނޑުކޮޅު އެއްލައިލާ މައްޗަށް އެރުމަށް ދުއްވައިގަތެވެ. “އިރާން” އޭ ކިޔަމުންނެވެ. ގަނޑުކޮޅު ވަޔަށް ދާން ހެދުމުން އަހަރެން ތެދުވެ އެ މަތަކޮށް ނެގީމެވެ. އަދި ލިޔެފައިވާ ނޯޓު ކިޔައިލީމެވެ.

” އެޕްރީލް ފޫލް. ލޮލް”

އަހަރެންގެ ދެލޯ ބޮޑުވިއެވެ. އަތުން ގަނޑުކޮޅުވެސް ދޫވިއެވެ. ފިރިމީހާ “ޕިއްޒާ ބޯއީ”އެއްގެ ސިފައިގައި އައި ސަބަބު މިއޮތީ އެނގޭށެވެ. ނަމަވެސް އަހަރެންގެ ދެލޯ ބޮޑުވީ މި ދެމަފިރިން މި ޖެހި ސަކަރާތަކާ ހުރެއެއް ނޫނެވެ. މީހެއްގެ ބޮލަށް ދެވުނު ބޮޑު ގެއްލުމާހުރެއެވެ. ނަމަވެސް އެ މަޤާމުގައި އެވަގުތު ހުރި ކޮންމެ މީހަކުވެސް ކަންތައް ކުރާނީ ހަމަ އެގޮތަށެވެ.

އަހަރެން ދުއްވައިގަތީމެވެ. ވަރަށް ބާރަށެވެ. އޮއްދާ ތިކިތައް އަހަރެންގެ މޫނުމަތިން ފެންނަން ހުއްޓެވެ. އަހަރެން “ނިންދެވި” މީހާ “ނިދީ” އުމުރަށްތޯ ކޮންމެހެންވެސް ބަލަން އެބަޖެހެއެވެ.

އަހަރެން ގޮސް ކޮޓަރިއަށް ވަންއިރު ފެނިގެން ދިޔައީ އަސަރުން ފުރިގެންވާ ހިތްދަތި މަންޒަރެކެވެ. އެ އަންހެން ކުއްޖާ އޭނާގެ އުނގަށް ފިރިމީހާގެ ބޯ ލައި ދެއަތުން ހިފައިގެން އިނދެ ރޮމުން ދިޔައެވެ. ކައިރީގައި އެމީހާ އޮޅުވައިލުމަށް ޖަހައިފައިވާ ތުނބުޅިއާއި ދެ ބުމަ އޮތެވެ. މުޅި ތަނުގައި އޮތީ ހުސް ލެޔެވެ. އަހަރެން މަޑު މަޑުން ކައިރިވެލައި އެ މީހާކައިރިއަށް ތިރިވެލީމެވެ.

އަދި ޝަހާދު އިނގިއްޔާއި މެދު އިނގިލި ގުޅުވާލައި ނޭފަތް ކައިރީ ޖައްސައިލީމެވެ. އޭނާ ހަޤީޤަތުގައިވެސް ނިދައިފިއެވެ. އުމުރަށެވެ. އަހަރެންގެ ޒަމާން ދެން މިދިޔައީ ކަން ވިސްނުނެވެ. ނެތި އެކޮށްލެވުނީ ފުރާނައެކެވެ. ރީތި އަންހެންކުއްޖެއްގެ ލޯބިވާ ފިރިމީހާއެވެ. އެވަގުތު އަހަރެންގެ ފޯނު ރިންގުވާން ފަށައިފިއެވެ. ގަބުވެފައިހުރެމެ އަހަރެން ފޯނު ނެގީ ސްކްރީނަށްވެސް ބެލުމެއް ނެތިއެވެ. އެކޮޅުން ވާހަކަ ދެއްކީ ޕިއްޒާ ރެސްޓޯރެންޓުންނެވެ.

“ހަލޯ؟ ކޮބާ އަލީ ހާދަ ލަހޭ. ދިޔަ ފަހުން ގަޑިއިރެއްވީ. އަދިވެސް އާދެވޭ ވަރު ނުވަނީތަ؟ ހާދަ އޯޑަރެއް އެބަހުއްޓޭ! އަވަސްކުރޭ”

އެ އަޑުގައި ހުރީ ރުޅިވެރި ކަމާއި ހަރުކަށިކަމެވެ.

“إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ”

އަހަންނަށް ބުނެލެވުނީ މަޑުމަޑުންނެވެ. އަޑު ހުރީ ކުރަކިވެފައެވެ.

(ނިމުނީ)

ނޯޓް: މިއީ ކުރިން އަޅުގަނޑު ވާހަކަ.ކޮމް ގައި ޝާއިޢުކޮށްފައިވާ ވާހަކައެކެވެ.

Share Article

Follow Me Written By

Ibrahim Waheed

Level 1

Other Articles

Previous

އެއް ރެއިން – ފުރަތަމަ ސީސަން

Next

ހެވަން ރޯޅި

Next
July 21, 2018

ހެވަން ރޯޅި

Previews
July 21, 2018

އެއް ރެއިން – ފުރަތަމަ ސީސަން

10 Comments!

  1. Greeny says:
    July 21, 2018 at 10:52 am

    I’m the first yay nice

    1. Ibrahim Waheed says:
      July 21, 2018 at 10:49 pm

      Yay ?

  2. Mishaa says:
    July 21, 2018 at 1:38 pm

    Eyna ge firI eh hurikan igunu hidhu aharenge moonah iru ohsi ishaa vaguthu ves vehje eve….? varah fahkaa ingey. .. habeys?

    1. Ibrahim Waheed says:
      July 21, 2018 at 10:48 pm

      Haha shukuriyya

  3. Aisha says:
    July 21, 2018 at 5:21 pm

    Alheyy..vr reethi but sad…i hate april fools..btw eiy islam dheenuga onna huhdha kameh vs noon..kuffarun kuraa kameh mihaaruge modern muslims vs kuranee..haadha dheraey

    1. Ibrahim Waheed says:
      July 21, 2018 at 10:50 pm

      Thank you.
      Vaahaka in dheyn beynun vi msg akee ves thee ?

  4. Baby girl ❤ says:
    July 21, 2018 at 11:07 pm

    Nice……..??

    1. Ibrahim Waheed says:
      July 22, 2018 at 2:28 am

      Thank you ?

  5. zoe says:
    January 7, 2019 at 9:45 am

    Ayya ves kulhelaa salhi drama dhw…hehehe
    vaahaka hama habeys

  6. Magey says:
    April 1, 2019 at 8:08 pm

    April foolga mivaahaka kiaalevunyvx ?

Comments are closed.



All Right Reserved!