Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހެވަން ރޯޅި

Ibrahim Waheed Level 1
July 21, 2018 8 Mins Read
10 Comments

2004ވަނަ އަހަރު މުޅި ރާއްޖެ ސިއްސުވައިލި ސުނާމީ ކާރިސާއަކީ އެތައް ދިވެހިންނެއްގެ ހިތްތަކާ ކުޅެލި ބިރުވެރި ކާރިސާއެކެވެ. އެތައް ބަޔަކު އަދިވެސް އެދުވަހުގެ ހަނދާން ކޮށްކޮށްފައި ރޮއެ ހިތާމަ ކުރެއެވެ. އެތައް ބަޔަކު އެދުވަހުގެ ބިރުވެރި ކަމުގެ ތެރެއިން ނަފުސާނީ ބަލީގެ ޝިކާރައަކަށް ވެދިޔައެވެ. ދިރިއުޅުމަށް ކުރި އުއްމީދުތައް ވިއްސި ވިހާލެވިގގެން ދިޔައެވެ. ކުރި ބުރަ މަސައްކަތް ބިމާ ހަމަވެ ބިކަވެ ހާލުގައި ޖެހުނެވެ. އުފަން ރަށް ދޫކޮށް އެހެން ތަނަކަށް ހިޖުރަކުރަން ޖެހުނީ މަދު ބަޔަކަށް ނޫނެވެ. އެރަށްތަކާ ގުޅިފައިވާ އެތައް ހަނދާންތަކެއް ބަހައްޓާފައެވެ. އެތައް ބަޔެއްގެ ލޯބިވާ މީހުން ގެއްލި، މަރުވެ ދިޔައެވެ.

އަހަންނަށްވެސް މި ތަރުޖިބާތައް ކުރެވުނެވެ. ނަމަވެސް ކިޔައިދޭން މިއުޅެނީ ހަމައެކަނި ކުރި މަސައްކަތްތައް ބިމާ ހަމަވި ގޮތުގެ ވާހަކައެއް ނޫނެވެ. ކިޔައިދޭން މިއުޅެނީ އަހަރެންގެ ފުރާނަ އަހަރެންގެ ހަށިގަނޑާ ދެތަންކޮށްލިހެން ހީވި ފަދަ ގޮތުގެ ވާހަކައެވެ. އަހަރެންގެ ހިތުގެ ދިރުން ނެތި ދިޔަ ގޮތުގެ ވާހަކައެވެ. އަހަރެންގެ ރޫހު މަރުވެ ދިރިހުރި ގަބުރަކަށް އަހަރެން ވީގޮތުގެ ވާހަކައެވެ. އަހަރެންގެ ވާހަކަ ފަށަން ބޭނުންވަނީ މާޒީގެ ދެތިން ޞަފުޙާއެއްގެ ތެރެއިން އަހަރެންގެ ހަޔާތަށް ބަހާރު މޫސުން އައި ހިސާބުންނެވެ.

އަހަރެންގެ އުމުރުން އެއިރު 19 އަހަރެވެ. މުއްސަނދި އާއިލާއަކަށް ނިސްބަތްވީތީ އަހަންނަށް މަސައްކަތެއް ނުކޮށް އުޅެވޭހައިވެއެވެ. މަތީ ސާނަވީ ނިމުނުއިރު އަހަރެންވެސް ހުރީ މި ފުރައިގެ އެހެން އަންހެން ކުދީންހެން ޙަޔާތުގެ ބައިވެރިޔަކަށް އެދި އެދިއެވެ. އަހަރެންގެ އެކަނިވެރި ޙަޔާތަށް އަލިކަމެއް ގެނެސްދިނީ އަހަންނާ އާޓިފިޝަލް ބީޗުން ދިމާވި ޙަލީމެވެ. ޙަލީމަކީ ރާއްޖެ ތެރޭ ރަށަކަށް އުފަން، އިސްކޮޅުން ދިގު ޒުވާނެކެވެ. އެއީ އަހަރެން ބޭނުންވިފަދަ “ޕްރިންސް”އެކެވެ.

އަހަރުމެން ރައްޓެހިވެގެން މާގިނަ ދުވަހަކު އުޅޭކަށް ގަސްދެއް ނުކުރަމެވެ. އެއިރު ކުރަމުން ގެންދިޔަ ސިއްރު ބައްދަލުވުންތައް މެދުކަނޑާލާ ކައިވެނި ކުރުމަށް ނިންމީމެވެ. އަހަރެންގެ މައިންބަފައިންގެ ގާތު އަހަރުމެން ދެމީހުންގެ ވާހަކަ ދެއްކީމެވެ. ކަންތައްވެގެން ދިޔައީ އަހަންނަށް ޝައްކުވެފައި ކުރިންވެސް އޮތްގޮތަށެވެ.

ބައްޕަ އަހަރުމެންގެ ކައިވެންޏަށް އިންކާރު ކުރިއެވެ. ބައްޕަ ދެއްކީ ދެ ސަބަބެކެވެ. އެއީ، އަހަރުމެން ކަހަލަ މާލޭގެ މުއްސަނދި ބަޔަކާއި އެހާ ދަށް ފަންތީގެ ބަޔަކު ގުޅެން އެކަށީގެން ނުވާ ކަމަށާޢި އަހަރެން އަދި އިތުރަށް ކިޔަވަން ބޭރަށް ފޮނުވަން ބައްޕަ ނިންމާފައި ވާ ވާހަކައެވެ. އަހަންނަށް މިއިން އެއްވެސް ސަބަބެއް ޤަބޫލެއް ނުކުރެވުނެވެ. މުއްސަނދިވެ އަނެކާ ފަޤީރަކަށް ވުމީ ދެމީހެއްގެ ދެމެދުގައި އުފެދޭ ޖަޒުބާތައް އެޅޭ ހުރަހަކަށް ހަޤީޤަތުގައި ވެގެން ނުވާނެއެވެ.

އަހަރެން ވަރަށް ދެރަވިއެވެ. އެތަށް ދުވަހެއް ވަންދެން ކައި އެއްޗެއްސާވެސް ރުޅި ހެދީމެވެ. އަހަންނަށް ބޭރަށް ދިޔުން ބައްޕަ އޮތީ މަނާ ކޮށްފައެވެ. ޒަމާނަކީ މޯބައިލް ފޯނު އާންމު ނޫން ޒަމާނެއް ކަމުން އަހަންނަށް ޙަލީމާ ގުޅޭނެ އަދި ވާހަކަވެސް ދެއްކޭނެ އެއްވެސް ގޮތެއް ނެތެވެ. އެންމެ ފަހުން އަހަންނަށް ޙަލީމުގެ ގެޔަށް ފޯނު ކުރެވުނީ ބައްޕަ ނެތް ވަގުތެއް ބަލައި ގޭގެ ކުޑަ ދޮރުން ނުކުމެ ގޮސް އަވައްޓެރިއެއްގެ ގޭގެ ފޯނުންނެވެ.

ކަންތައްތައް ވަމުން ދިޔަ ގޮތް އަހަރެން އޭނާއަށް ކިޔައިދިނީމެވެ. އެންމެފަހުން އަހަރުމެން ނިންމީ ފިލައިގެންގޮސް ކައިވެނި ކުރުމުށެވެ. އަދި ޖެހިގެން އައި ހަފުތާގެ ހޯމަ ދުވަހު އަހަރެން ފިލީމެވެ. ދަމުން އަހަރެން ދިޔައީ ނޯޓެއްވެސް ލިޔެފައެވެ. ބައްޕަގެ ކިބައިން އަހަރެން މާފަށް އެދި އަދި މަންމަ އާއި ބައްޕަ މަތިން ކޮންމެ ތަނަކުވިޔަސް ހަނދާން ނުނެތޭނކަމަށާއި އަބަދުވެސް ލޯބި ވާނެކަމަށް އަހަރެން ލިޔުނީމެވެ.

އަހަރުމެން ފިލައިގެން ދިޔައީ ޙަލީމުގެ ރަށަށެވެ. އެއީ އުތުރުގެ ރަށެކެވެ. ރަށް ތަރައްޤީވެފައި ނުވުމުން އެރަށަށް ދިޔަ ފުރަތަމަ ދުވަސްކޮޅު އެ ރަށުގައި އުޅެން އަހަންނަށް ވަރަށް އުނދަގޫވިއެވެ. ނަމަވެސް މަޑު މަޑުން ހޭނެމުން ދިޔައީ ކެތްތެރިކަމާ އެކުއެވެ. އަހަރުމެން ދެމީހުންގެ ކައިވެނި ކުރެވި ރަށުގައި ކުޑަވަރެއްގެ ޕާޓީއެއްވެސް ބޭއްވުނެވެ. ޙަލީމުގެ ޢާއިލާ އަހަންނަށް ވަރަށް ރަނގަޅެވެ. އެގޭގެ ކަންތައްތައް އަހަރެން ލައްވާ ނުކުރުވިޔަސް ހިތްނުވެގެން އަހަރެން އަމިއްލައަށް ކޮށް ހަދަމެވެ.

އުފާވެރިކަން މަތީ އަހަރުމެންގެ ދިރިއުޅުން ވޭތުވަމުން ދިޔައެވެ. ނަމަވެސް އަހަރެންގެ ޙަޔާތުގައި އަހަންނަށް މަދުވަނީ އެންމެ ކަމެކެވެ. އަހަރެންގެ އުނގު ފަޅުފިލުވާލަދޭނެ ލޯބި ލޯބި ކުއްޖެކެވެ. އާއިލާގައި ކައިވެންޏެއް ކޮށްފައިވާ އިތުރު މީހަކު ނެތުމުން ޙަލީމުގެ މައިންބަފައިންވެސް މިކަމަށް އެދޭނެ ވަރު އަހަންނަށް އިޙުސާސްވެއެވެ.

ކޮންމެއަކަސް ކައިވެންޏަށް އެއްއަހަރުވުމާއެކު އަހަރެންގެ މި ހުވަފެންވެސް ހަޤީޤަތަކަށް ވާން އުޅޭ ކަމުގެ ކުލަވަރު ޖެހިގެން ދިޔައެވެ. އަހަރެން ބަލިވެ އިންކަމުގެ ޚަބަރު ވެގެންދިޔައީ މުޅިއާއިލާ އަށް ހިތްހަމަ ޖެހުމާއި އުފާވެރިކަން ގެނެސްދިން ކަމަކަށެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ދިޔަހެން އެންމެންގެވެސް ކެތްތެރިކަން ކޮޅުން ލަމުންދިޔައެވެ. ގެއަށް އަންނަން އުޅޭ އައު މެހެމާނަށްޓަކައި އެތައް ތައްޔާރީއެއް ވަމުން ދިޔައެވެ.

ހިތަށް އަރައެވެ. މިވަގުތު މަންމަމެން ތިބި ނަމަ ހާދަ އުފާވީހެވެ. މާމަ ދަރިފުޅު ދެކެލާހިތް އެ މަންމަ ވަރަށް ވާނެކަން ޔަޤީނެވެ. އަހަރެންގެ ބަނޑަށް ހަތްމަސް ވެ އަށްމަހަށް އެޅި އިރު އަހަންނަށް ކަމެއް ފާހަގަ ކުރެވުނެވެ. އެއީ އަހަރެންގެ ބަނޑުގައިވާ ކުއްޖާ ނުތޮޅޭކަމެވެ. ނަމަވެސް އާއިލާގެ އުފާވެރިކަން ގެއްލިދާނެތީ އަހަރެން އެކަން ސިއްރު ކުރީމެވެ. ވެދާނެއެވެ. މިއީ އަހަންނަށް ހެދުނު ގޯހެކެވެ. ރަށުގެ ސިއްޙީ މަރުކަޒަށް ކޮންމެ މަހަކުވެސް އަހަރެން ދައްކަމެވެ. އެއްވެސް މައްސަލައެއް ހުރިކަމަކަށް ނުބުނެއެވެ. އާއިލާގެ އެހާ ތަނަވަސްކަން ނެތުމުން އަހަރުމެނަށް ހަސްފަތާލަކަށް ނުދެއްކެއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެން ވިހަންވީ ވަގުތު އައިސް ޖެހުނެވެ. އަހަރެންގެ ދަރިފުޅު، ޖޫދު ވިހީ އަހަރުމެންގެ ރަށު ސިއްޚީ މަރުކަޒުގައެވެ. އެ މައުސޫމު އުފަންވި ވަގުތުވެގެން ދިޔައީ އުފާވެރިކަމަށް ވުރެ ބޮޑަށް ހިތާމަވެރި ވަގުތަކަށެވެ. އާއެކެވެ. އަހަރެންގެ ޖޫދުވީ ނުކުޅެދޭ ކުއްޖަކަށެވެ. އުފަންވި ވަގުތު އެކުއްޖާ ނުވެސް ރޮއެވެ. ޙަލީމު އެތައް ބައެއްގެ އަތުން ދަރަންޏަށް ފައިސާ ނަގައި މާލެއަށް ދަރިފުޅު ގެންދިޔުމުގެ ކަންކަން ހަމަޖެއްސިއެވެ. އެތައް ދުވަހަކު އޮބްސަވޭޝަންގައި އެ ދަރިފުޅު ބޭއްވިއެވެ.

އެއީ ހާދަ މިހިތަށް ތަދުވި ވަގުތެކެވެ. ފާއިތުވަމުން ދިޔަ ކޮންމެ ސިކުންތަކާއި ކޮންމެ ވަގުތަކުވެސް އަހަރެންގެ ހިތަށް އެތައް ކައްޓެއް ހެރެމުން ދިޔައެވެ. ޙަލީމު ވާނެ ދެރަ އަހަންނަށް އިހުސާސް ވެއެވެ. އޭނާގެ ބޮލުގައި ރިހޭނެވަރު އަހަންނަށް މެހެސޫސް ވެއެވެ. ރަށުގައި ތިބި ޙަލީމުގެ އާއިލާ ދެރަވާނެ ވަރު އަހަރެންގެ ހިތަށް އަރައެވެ.

ކިތަންމެ ފަހަރަކު އަހަރެންގެ އާއިލާއަށް އަންގަން އަހަރެންގެ ހިތަށް އަރައެވެ. ނަމަވެސް ބުނާނީ ވަކި ކީކޭ ހެއްޔެވ؟ އެމީހުންގެ އާދޭހުގައި ކޮޅުފައިން ޖެހީ ޚުދު އަހަންނެވެ. މިއަދު ފައިސާއަށް ބޭނުން ވީމައި އެމީހުންގެ ކުރިމައްޗަށް ދިޔުމީ ލަދުވެތިވާން ޖެހޭނެ ކަމެކެވެ. ޚުދު ޙަލީމުވެސް އެކަމަށް ނުރުހޭނެކަން ގައިމެވެ.

ނާސަރީއިން ދަރިފުޅު ދޫކޮށްލި ދުވަހު އަހަރެމެން އެނބުރި ރަށަށް އައީމެވެ. ކަންތައްތައް ބަދަލުވަމުން އައީދެނެވެ. ދުވަސްތައް ފާއިތުވަމުން އައިވަރަކަށް އަހަންނަށް އެ އާއިލާއިން ލިބެމުން އައި އެހީތައް މަދުވާން ފެށިއެވެ. ކަމެއް ކޮށްދިނުމަށް އެދި ގޮވާލިޔަސް ހުންނަނީ ބޮޑުވެފައެވެ. ޖޫދަކަށް ނުއެއް ހިނގެއެވެ. މީހުންނާ ދިމާއަށް ނުވެސް ބަލައެވެ. ނަމަވެސް އެ ދޫނީގެ ލޮލަށް ފެންނަ ކަމަށް މާލޭގެ ޑަކްޓަރުން ޓެސްޓުތައް ހެދުމަށްފަހު ބުންޏެވެ. އަޅެ އެފަދަ ދަރިއަކަށް ކަމެއް ކޮށްދިނުމަށް ބޮޑުވާން ހެޔޮ ވެދާނެތޯއެވެ؟

އުމުރުން ހަތަރު އަހަރު އެ ދަރިފުޅަށް ވީއިރު އޭނާގެ ކަނދުރާވެސް ހަރު ނުވެއެވެ. ސިކުނޑިއަށް ލިބިފައިވާ ގެއްލުމެއްގެ ސަބަބުން އޭނައަށް ވާހަކަވެސް ނުދެއްކެއެވެ. އެ ދޫނި ހަމައެކަނި ދިރި އޮތްކަމެވެ. ކާންދެވެނީ އެހާ ހާލުންނެވެ. އުފުއްލާ ހެދުން އަހަންނަށް ވަނީ ދަތިކަމަކަށެވެ. ކޮންމެ ދުވަހެއްގެ އިރު އަރައި އިރު އޮއްސެނީ މިފަދަ ގޮތަކަށެވެ. އެ އުމުރގެ އެހެން ކުދިން ކުރާނެ ކިތަންމެ މަޖަލަކުން، ކިތަންމެ އުފަލަކުން އެ ދަރިފުޅު ވަނީ މަޙުރޫމުވެފައެވެ. މައި ލަނގޮޑިއަށް ބަލަން މިއީ ކެތްވާވަރުގެ ކަންތައްތަކެއް ނޫނެވެ. މިއީ އަހަންނަށް ޙަލީމުގެ އެހީ އެންމެ ބޮޑަށް ބޭނުންވި ވަގުތެވެ. ނަމަވެސް އަބަދު ދަރިފުޅުގެ ކަންތައްތަކުގައި އުޅެން ޖެހުނީމަ ތޯއްޗެކެވެ. އޭނާވެސް މަޑު މަޑުން ދުރުވާން ފަށައިފިއެވެ. މި ހުރިހާ ކަމެއްވެސް އަހަންނަށް ފެނެއެވެ. ދޫ ހަރަކާތްތެރި ނުކުރީ ހާލަތު ނިޔާކޮށްފައި ވީގޮތުންނެވެ.

ކަންތައްތައް ބަދަލުވަމުން ގޮސް ވާނެކަމަށް އަހަރެން އެންމެ އުއްމީދު ނުކުރި ކަންތައްތައްވެސް ވެއްޖެއެވެ. ޙަލީމު އަހަރެން ވަރިކުރީއެވެ. އެކުގައި ދެން ނޫޅެވޭނެކަމަށް ބުނެފައެވެ. ނުކުޅެދޭ ދަރިއަކު ނުގެންގުޅެވޭނޭ ކަމަށް ބުނެފައެވެ. އަދިވެސް އެދުވަސް ހިތުގައި އެބަހުއްޓެވެ. ހާދަ، ހާދަ ދެރަވިއެވެ.ހާދަ އާދޭހެއް އަހަރެން ކުރީމެވެ. ތިހެން ނުހެދުމަށް އެދިއެވެ. ނަމަވެސް އެހުރިހާ އާދޭހަކަށް އޭނާ ދިނީ ބީރު ކަންފަތެކެވެ. އަހަރުމެންގެ ލޯބި ލޯބި ދަރިފުޅަށާއި އަހަންނަށް ފިރިމީހާގެ އެހީ އެންމެ ބޭނުންވި ދުވަހު އަހަރުމެބްގެ ހަޔާތުގެ ދަތުރު އެކަނިމާ އެކަނި ކުރުމަށް ޙަލީމު އަހަރުމެން ދޫކޮށްލީއެވެ. ބައްޕަ ބުނި ގޮތަށް ހަލީމުވީ އަހަންނަށް ދަސްނުވި، ނުލަފާ އިންސާނަކަށެވެ.

އަހަރެން އެގެއިން ނެރެ އެއްލައިލީ އަހަރެންގެ ޖޫދުއާވެސް އެކުއެވެ. ހުރިހާ މަންޒަރެއް އަޅުވަމުން ދިޔަ ފިލްމެއް ފަދައިމް ބަލަން ޙަލީމްގެ އާއިލާ ތިއްބެވެ. ހީވާކަހަލައެވެ. މިއީ އެމީހުންވެސް މިހާރު އެންމެ ބޭނުންވާ ގޮތެވެ.

އަހަރެން މަގުމަތިވެ ބިކަވެއްޖެއެވެ. ބީރައްޓެހި ރަށެއްގައި އަހަރެން ވަންނާނެ، ދާނެ ތަނެއްވެސް ނެތެވެ. މިވަގުތު އަހަންނަށް އޯގާތެރި ކަމުގެ އަތެއް ދިއްކޮށްލީ އަހަރެންގެ އަވައްޓެރިއެކެވެ. އެގޭގައި އަހަރެން މަޑުކޮށްގެން ހުރީ އެންމެ ދުވަހަކުއެވެ. ޙަލީމާއި އޭނާގެ އާއިލާ ފެންނަ ހިސާބުގައިވެސް ހުންނާކަށް އަހަންނެއް ބޭނުމެއް ނޫނެވެ. މިއަދު އަހަރެންގެ ދަރިފުޅު ގަދަވެ ސަލާމަތުން ހުރި ނަމަވެސް އެފަދަ ބައްޕައެއް ބޭނުން ނުވާނެކަން ޔަޤީނެވެ. އަހަރެން އެ އަވައްޓެރި މީހާ ކައިރިން އެދިގެން ޙަލީމުމެންގެ ގެޔާ ދުރުގައި ހުރި ގެޔަކަށް ބަދަލުވީމެވެ. އަހަރެންގެ އުއްމީދަކީ ވީއެންމެ އަވަހަށް އަހަރެންގެ އުފަން ރަށަށް ދިޔުމެވެ. އަހަރެންގެ މައިން ބަފައިންގެ ގާތަށް ދިޔުމެވެ. އެމީހުންގެ ނަސޭހަތުގައި ނުހިފުމުގެ ހިތި މިއަދު އަހަންނަށް ކިތަންމެ ފުރިހަމައަކަށްވެސް ލިބިއްޖެއެވެ. މަންމަމެނަށް ގުޅުމަށް ކުރި ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ. ކުރީގެ ނަންބަރަށް ގުޅޭގޮތެއް ނުވިއެވެ. އެހެންކަމުން ސަލާން ޖަހައިގެން ރުފިޔާ ހޯދައިގެން ވިޔަސް އަހަރެން ނިންމީ އެނބުރި މާލެއަށް ދާށެވެ. މިދަރިފުޅު ރަނގަޅު ކުރަން އަހަރެން ބޭނުމެވެ. އޭނާ މީހަކަށް ހަދަން ބޭނުމެވެ. ފަރުވާދޭން ބޭނުމެވެ.

ރަށަށް ދެވޭނެކަމުގެ އުއްމީދުގައި އަހަރެން އެ ރަށުގައި މަޑު ކުރި ދުވަސްތަކުގައި އަހަރެން ޖޫދަށް ދިވެހި ބޭހުގެ ފަރުވާ ކުރަންފެށީމެވެ. އަދި ކޮންމެ ދުވަހަކުހެން އަތިރިމައްޗަށް ގޮސް އޭނާގެ ގައިގައި ވެލި މޮޑެން ފެއްޓީމެވެ. އުފާވެރިކަން މަތީ އޮތް ޙަޔާތް މިފަދަ ދަރަޖައަކަށް ވެއްޓުނީމަވެސް އަދި ޙަޔާތުގައި މި އައި ހުރިހާ އަޑި ގުޑަންތަކަކަށް ކެތްކުރީވެސް އަހަރެންގެ ދެލޮލުގެ ކޮއެފަދަ ޖޫދަށްޓަކައެވެ. އަހަރެން ނެތްނަމަ މި ދަރިފުޅަށް ވާނެ ގޮތް އިހުސާސްކޮށްލަންވެސް ދައްޗެވެ.

އެއީވެސް ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ހެނދުނުގެ އިރު އަރައިގެން އެއައީ ކޮންފަދަ ހިތްދަތި ކަމަކައިގެންކަން އެނގޭނީ ފަހެ ކާކަށް ހެއްޔެވެ. އަހަރެން ފަތިސްނަމާދުކޮށްލައިގެން ޖޫދު އުރާލައިގެން ދިޔައީ އާދައިގެ މަތިން އަތިރިއަށެވެ. ވެލިމޮޑޭށެވެ. ހިނދު ހިނދު ކޮޅުން އެ މައުސޫމު މޫނުން ހިނިތުން ވެލާ ހަދައެވެ. އަހަރެން ދިރިހުރުމުގެ އުއްމީދަކީ އެ ހިނިތުންވުމެވެ. ރާޅު ޖަހާ ހިސާބުގައި އަހަރެން ޖޫދު ވެލިގަނޑު މަތީ ބައިންދާފައި އެއް އަތުން ހިފެހެއްޓުމައްފަހު އަނެއް އަތުން ވެލި ނަގާ މޮޑެން ފެށީމެވެ.

އަހަރެން ވެލި މޮޑެމުން ދިޔައީ ޖޫދަށް ބަލަހައްޓައިގެން އިނދެއެވެ. އިރުކޮޅަކުން އަހަންނަށް އިހުސާސްވީ ޖަހަމުން ދިޔަ ކުދި ކުދި ރާޅުތައް އަހަންނާ ހިސާބަށް ނާންނަ ކަމެވެ. އަހަރެން މޫދާ ދިމާއަށް ބަލައިލީމެވެ. އެވަގުތު އެ ފެނުނު މަންޒަރަކީ ހައިރާންކަމުން ފުރިގެންވާ މަންޒަރެކެވެ. ކަންދިމާކުރި ގޮތުން އަތިރިމަތީގައި އެ މަންޒަރު ދައްކާލާނެ އިތުރުފަރާތެއްވެސް ނެތެވެ.

މުޅި މޫދު އޮތީ ހިކިފައެވެ. ވަރަށް ދުރުގައި ނޫނީ ފެންފޮދެއް ފެންނަންވެސް ނެތެވެ. މޫދުގެ މަސްތައްވެސް ހިކިފައިވާ ވެލިގަނޑުގައި ތެޅެމުން ދެއެވެ. މޫދުގައި އޮތްނަމަ އޮތްހާ ދޯންޏެއް ވަނީ ވެލިގަނޑުގައި ޖެހިފައެވެ.

މި ހައިރާން ކުރުވަނިވި މަންޒަރުގެ ތެރެއިން އަހަންނަށް ބިރުވެރި ކަމެއް އިހުސާސްކުރެވުނެވެ. އަހަރެންގެ ޟަމީރު ބުނަމުން ދިޔައެވެ. ތިތަނުން ދާށެވެ. ގޯހެއް އެބަ އުޅެއެވެ. ކަންތައްތައް ވާން މިއުޅެނީ ރަނގަޅަކަށް ނޫނެވެ.

އަހަރެން ޖޫދުނަގައި އުފުއްލައިލުމަށްފަހު ދާން އުޅުނު ވަގުތު ދެން އެފެނުނީ ދުވަހަކުވެސް އަހަރެންގެ މިހިތުން ފިލައިގެން ނުދާނެފަދަ ބިރުވެރި މަންޒަރެކެވެ. އަރައިގެން އެ އަންނަ ބޮޑު ރާޅު އެއަންނަނީ އެތައް ބައެއްގެ މަރައިގެންކަން އަހަންނަށް ވަގުތުން އެނގުނެވެ.

ގަބުވެފައި އަހަންނަށް ހިނދުކޮޅަކު ހުރެވުނީ ރައްކާތެރި ކަމަށް ފިލަން ދާނެ ތަނެއް ނޭނގިފައެވެ. ފެލިގަންނާނެހާ ހިތްވަރުވެސް ނެތިފައެވެ. ދެފައި ތުރުތުރު އަޅަމުން ދިޔައެވެ. އަހަރެން ދުއްވައިގަތީމެވެ. އެ ވަގުތު އަރައިގެން އެއަންނަ ރާޅު އަތިރިއަށް އަންނަމުން ދިޔަ މީހުންނަށް ފެނިގެން ފެލެމުން ދުވަމުން ދިޔައެވެ. އަހަރެން ވީ އެންމެ ބާރަކަށް ދުއްވައިގަތީމެވެ. ދުވުނު ވަރަކަށް ޖޫދަށް ވީ މަޖާކަމަކެވެ. އެ ލޯބިލޯބި އަޑުން ހެމުން ދިޔަ އަޑު އަހަރެން އެހީމެވެ. އެންމެފަހު ފަހަރަށެވެ.

އަހަންނަށް ދުވެވުނީ ވަކި ވަރަކަށެވެ. ރަށަށް އަރައިގެން އައި ރާޅު އަރައި ހަމަކޮށްފިއެވެ. ބާރުމިނުގައި އައިސް ރާޅު ޖެހުމުން އަހަރެން ރާޅުގެ ތެރެއަށް ވެއްޓުނެވެ. އަހަރެންގެ ދަރިފުޅު އަހަންނެއް ދުލެއް ނުކޮށްލަމެވެ. އެއް އަތުން ކޯޓުވަމުން އަނެއް އަތުން ޖޫދުގެ ގައިގައި ހިފަހައްޓައިގެން އަހަރެން މަސައްކަތް ކުރަމުން ދިޔައީ ތަނެއްގައި އަތްޖެހޭތޯއެވެ.

ޖޫދުވަނީ ފެނުގެ ތެރޭގައިވުމުން ނޭވާ ހާސްވެފައެވެ. އެ ފަކީރު ނޭވާ ހާސްވެގެން ތެޅުނު ނަމަވެސް އަހަންނަށް އަނެއްއަތުން މޫނުގައި ހުރި ފެންތައް ފޮހެލެވޭކަށްވެސް ނެތެވެ. ނޫންނަމަ އަހަރެންވެސް ދާނީ އަޑިއަށެވެ. ހާދަ ހިތައް ތަދުވިއެވެ. ހާދަ ބިރެއްގަތެވެ.

އޮޔާ ދަނިކޮށް އަހަރެންގެ އަތުގައި ބިންދައިގެން ގޮސްފައިވާ ރުކެއްގެ ބުޑުގަނޑު ޖެހުނެވެ. އޭގެ އެހީއަހަރެން ހޯދައި ހަމަޖެހެލީމެވެ. އެއިރު އެ ޖެހި ރާޅުގެ އަސަރުވެސް ވަނީ ކެނޑިފައެވެ. ވަށައިގެން މީހުން ފެންނަން ތިބި ނަމަވެސް އެހީއެއް ވެދެވޭނެ ވަރުގެ އެކަކުވެސް ނެތެވެ. އެއްބަޔަކު އެމީހުން މަންމަ ނޫނީ ދަރިފުޅު ނުފެނިގެން ހޯދާއިރު ދެން ތިބި މީހުންގެ ހާލުވެސް ވަރަށް ދެރައެވެ. ގެތައްވަނީ ބިމާ ހަމަވެފައެވެ. ސަލާމަތުން ހުރި ގެޔެއް ގުނާލެވޭހައި މަދެވެ. އަހަރެން ހީކުރީ މިކަން މި ނިމުނީ ކަމަށެވެ. ޖޫދުގެ ޙާލަވެސް އެއިރު ރަނގަޅެވެ. ގާތްގަނޑަކަށް މެޔާއި ހަމަޔަށް އެއިރު ރަށުގައި ފެންގަނޑު އޮތީ ބޮޑުވެފައެވެ.

ހަމަޖެހިލައިގެން މިހެން ތިބެވުނީ ތިން ވަރަކަށް މިނެޓުއެވެ. ދެވަނަ ރާޅެއް ރަށަށް އަރަމުން އަންނާތީ އެންމެނަށްވެސް ފެނުނެވެ. ފެންގަނޑެއްގެ ތެރޭގައި ތެޅިގަނެގެންވެސް އަވަހަށް ދެވޭނެހެއްޔެވެ. އަހަރެންވެސް ދުއްވައިގަތީމެވެ. އަހަރެންގެ ދަރިފުޅު ސަލާމަތްކުރަން އަހަރެން ބޭނުމެވެ. އަހަރެން ސަލާމަތްނުވިޔަސް ވެހެވެ.

އެ ފެންގަނޑުތެރޭގައި ހަރާކާތްތެރިވުމަށް ކުރި ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ. ރަނގަޅަށް ނުދެވި އުޅެނީސް އަހަރެމެން ދެމައިންނާ އެ ރާޅު ބައްދަލުކޮށްފިއެވެ. އަހަރެންގެ އަތުން ޖޫދު ދޫވިއެވެ. ފެންގަނޑު ތެރޭގައި އެ މައުސޫމުގެ އިނގިލިތަކުގެ އިހުސާސް އަހަންނަށް ކުރެވުނެވެ. ބާރުގަދަ އޮޔާއެކު އަހަރެން ހިނދު ހިނދުކޮޅުން މައްޗަށް އެރައި ޖޫދު ފެނޭތޯ ބެލީމެވެ. އެހެންނަމަވެސް އަހަރެންގެ އެއްވެސް އުއްމީދެއް ނެތެވެ. އެދަރިއަށް ހިނގަންވެސް ނުކުޅެދޭއެރު އަދި ފެންގަނޑު ތެރޭ ފަތާފައި މައްޗަށް އަރާނީ ކިހިނެއް ހެއްޔެވެ. އަހަރެން ވަރަށް ބާރަށް ފެލިގަތީމެވެ. ޖޫދަށް ގޮވީމެވެ. ހަމަ އެވަގުތު އަހަރެން ފެންގަނޑުގެ ތެރެއަށް ގަނބައިގަތެވެ. ފެންގަނޑުގެ ތެރެއިން މައްޗަށް ނޭރިގެން އުޅެނިކޮށް އަހަރެންގެ ބޮލުގައި ޖެހުނީ އޮޔާ ދިޔަ ބޮޑު ގާބުރިއެކެވެ. ދެން ވީގޮތެއް ޚުދު އަހަންނަކަށްވެސް ނޭނގެއެވެ.

އަހަރެން ހޭއެރި އިރު އޮތީ އައި.ޖީ.އެމް.އެޗް ގެ ވާޑުގައެވެ. އަހަރެން ވަށައި ހޯދާލީމެވެ. އަހަރެންގެ ލޮބުވެތި މަންމައާއި ބައްޕަ ފެންކަޅިވެފައި އަހަރެންގެ ގާތުގައި ތިއްބެވެ. އަހަންނަށް ބޭއިޚުތިޔާރުގައި ރޮވުނެވެ. އެތައް ބައިވަރު ލަދުވެތިކަމެއް ހިތުތެރޭ ހުއްޓެއްކަމަކު އެ ހުރިހާ ކަމެއް އެއްފަރާތްކޮށްލީމެވެ. އެ ދެ މޫނު ނުފެންނަތާ މިވީ ފަސްއަހަރެވެ. މަންމަގެ ގައިގައި އަހަރެން ބައްދާލީމެވެ. ވަރަށް ބާރަށެވެ. ” މަންމަގެ މި ދަރި އުފުލި ބުރަ އާއި ތެޅުނި ތެޅުން މަންމައަށް އެނގޭހޭ ” ބުނާ ހާލުއެވެ. ކުއްލިއަކަށް އަހަރެން ހަނދާން ވީ ޖޫދުގެ މަތިންނެވެ.

އަހަރެން ވަށައި ހޯދާލީމެވެ. ވާޑުގައި ތިބީ ހާލު ދެރަ ވެފައިތިބި މީހުންނެވެ. ރަށުގެ އެކަކުވެސް ފެންނަ ހިސާބެއްގައެއްނެތެވެ.

“ދަރިފުޅާ! އޭނައެއް ނާންނާނެ….” ބައްޕަ ބުނެލިއެވެ. އަހަރެން ފެންކަޅުވެ ބައްޕައަށް ބަލައިލީމެވެ. އަހަރެންގެ ދަރިފުޅު ނުފެނުމުން އަހަރެން ހުރީ ހަމައިން ނެއްޓިފައެވެ.

“މަށެއް ނޫޅެން ޙަލީމް ނުފެނިގެންނެއް ބައްޕާ…. މަގޭ…. މަގޭ ދަރި… ކޮބާ މަގޭ ދަރި..”

އަހަންނަށް ރޮވެން ފެށުނެވެ. ބައްޕަ އޭރު އަހަރެންގެ އަތުގައި ހިފަހައްޓާއި އަހަރެން މައިތިރިކުރަން މަސައްކަތް ކުރަނީއެވެ.

“މި ދައްކަނީވެސް ޖޫދުގެ ވާހަކަ…. ދަރިފުޅު މިތަނަށް ގެނައިތާ ކުޑަ އިރުކޮޅެއްފަހުން ތިރަށުން މީހަކު މިތަނަށް އައިސް ބުނީ…..” ބައްޕަގެ އަޑު މެދުކެނޑުނެވެ. ބައްޕައަށް އިތުރަށް ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ.

” ކީކޭ ބުނީ؟… ކީކޭ ބުނީ؟” އަހަރެންގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ.

“ޖަނާގެ ދަރިފުޅު ޖޫދު އޮތީ… ވެއްޓިފައި އޮތް ފާރެއްގެ ދަށުގައި ކަމަށް… ފެނުނު އިރުވެސް އޮތީ މަރުވެފަ ކަމަށް” ބައްޕަ ވަރަށް ހިތްވަރުކޮށްފައި އެ ބުނި ބަސްތަކުގެ ކޮންމެ އަކުރެއް، ކޮންމެ ފިއްޔެއް އަހަންނަށް ވެގެން ދިޔައީ ތޫނު ހަތިޔާރަކަށެވެ. އަހަރެންގެ އަނބުރައިނުގަތީ ހަމަ ކިރިޔާއެވެ.

އަހަންނަށް ޤަބޫލުކުރަން ދަތިވިއެވެ. އަހަރެން އެ އުއްމީދައްޓަކައި ދިރިހުރި ދަރިފުޅު މި ދުނިޔެ ދޫކޮށް ދިޔައީއެވެ. އަހަރެން އެކަނިކޮށްލާފައި ދިޔައީއެވެ. އެ ބިރުވެރި ކަމުގައި އެ ކުއްޖާ ތެޅޭނެ ތެޅުން އިހުސާސް ކޮށްލާށެވެ. މަދިރި އެއް ކަށިޖަހައި ލޭބޮމުން ދާއިރުވެސް ކަހާލަން ނޭނގިފައި އެ ފަކީރު އޮވެއެވެ. އެ ފެންގަނޑު ތެރޭ އެފަކީރު ހާދަ ތެޅުމެއް ތެޅިފައި ހުންނާނެއެވެ. އެ ފާރު އެ މައުސޫމުގެ ގަޔަށް ވެއްޓުނު ހިނދު އެ ފަކީރަށް ހާދަހާ ތަދެއްވާނެއެވެ. ބުނެދޭންވެސް އަދި އެހީއަކަށް ގޮވާލަންވެސް އެ ނިކަމެތި އިންސާނާއަކަށް ނޭނގޭނެއެވެ. މި ކަންކަން ހިތައް އަރުވާލުމުން އަހަރެންގެ ދެލޮލުން ކަރުނަތައް އޮހިގެންދެއެވެ. ނަފުސާނީ ބަލީގައި އެތައް އަހަރު ތަކެއް ވޭތުކުރުމަށްފަހު އަހަރެން ރަނގަޅުވީއިރުވެސް އެ ހަނދާނެއް ފިލައިގެން ނުދެއެވެ. އެތައް ދުވަހެއް ވަންދެން އަހަރެން ޖޫދުގެ މަރު ޤަބޫލު ނުކޮށް ހުރީމެވެ. ނަމަވެސް އެ މައުސޫމުގެ މަހާނަ އަހަންނަށް ދެއްކުމުން ދެން ޖެހުނީ އެ ހިތި ހަޤީޤަތް ޤަބޫލުކުރާށެވެ.

އަހަރެންގެ ދަރިފުޅު ވަކިވެ އެދިޔައީ މަންމައާއި ބައްޕައަށް ފެނިވެސް ނުލައެވެ. ހަނދާނަކަށް އަހަރެންގެ އަތުގައި އެ ލޯބި ލޯބި މޫނުގެ ފޮޓޯއެއް ކީއްހެއްޔެވެ؟ ލާން ގެންގުޅުނު އަންނައުނެއްހާ ހިސާބުވެސް މިއަދަކު ނެތެވެ. ޖޫދުގެ ހަނދާންތައް މިއަދު ވަނީ އަހަރެންގެ ހިތުގައި ބިންވަޅުނެގިފައެވެ. މިހާރު އެ ހާދިސާއަށް 13 އަހަރުވީއެވެ.

މޫދަށް އެރެން އަހަރެން މިހާރުވެސް ބިރުގަނެއެވެ. އެއީ އަހަންނާއި އަހަރެންގެ ދަރިފުޅު ވަކިކޮށްލި ފެންގަނޑެވެ. ޙަޔާތުގައި އެތައް ވޭނެއް ތަޙައްމަލު ކުރަމުން ދަނިކޮށް އިތުރު ވޭނަކާއި ހިތްދަތިކަމަކަށް އަހަރެން ވައްޓާލި ފެންގަނޑެވެ. ހަމަ ހަޤީޤަތުގައިވެސް އަހަރެން ގެނބިއްޖެއެވެ. ޙަޔާތަށް މިއައި އެތަކެއް ހެވަންރޯޅިތަކަކާއެކު އަހަރެން މިއަދު ދިރިމިހުރީ ޖޫދުގެ ހަނދާންތަކުގައެވެ. އަދި އަބަދުވެސް ހުންނާނަމެވެ.

(ނިމުނީ)

ނޯޓް؛ މިއީ މީގެ ކުރިން ވާހަކަ.ކޮމް ގައި އަޅުގަނޑު ޝާއިޢުކޮށްފައިވާ ވާހަކައެކެވެ.

Share Article

Follow Me Written By

Ibrahim Waheed

Level 1

Other Articles

Previous

“ޕިއްޒާ ބޯއީ”

Next

ޖިންނިއެއްގެ ހަޔާތުން ސަފްހާއެއް

Next
July 21, 2018

ޖިންނިއެއްގެ ހަޔާތުން ސަފްހާއެއް

Previews
July 21, 2018

“ޕިއްޒާ ބޯއީ”

10 Comments!

  1. Mishaa says:
    July 21, 2018 at 1:47 pm

    Hageegee haadhisaaa eh tha haadha reechey

    1. Ibrahim Waheed says:
      July 21, 2018 at 10:51 pm

      Noon. Hiyaalee .
      Thank you ?

  2. Baby girl ❤ says:
    July 21, 2018 at 7:18 pm

    Vrh reethi ..hama ragalhah vess rohvaalafi …???

    1. Ibrahim Waheed says:
      July 21, 2018 at 10:52 pm

      Thank you ?
      Aha sorry ☺?

  3. dhonkanbulo says:
    July 21, 2018 at 7:19 pm

    Wow..?. V salhi vaahaka..

    1. Ibrahim Waheed says:
      July 21, 2018 at 10:53 pm

      Thank you ?

  4. Reet says:
    July 21, 2018 at 9:08 pm

    V Salhi adhi bunelan enamaa boat ge kaarisaa vaahaka eh gothah Liya dheebala

    1. Ibrahim Waheed says:
      July 21, 2018 at 10:53 pm

      Thank you ?
      In sha Allah balaanun ?

  5. Mishaa says:
    July 21, 2018 at 11:17 pm

    Ibrahim waheed thi aadhaige meeheh nun dhow ? konthaaku mioh Haa dhuvahu ulhuni..? haadha molhey vaahaka liyan asluves

    1. Ibrahim Waheed says:
      July 22, 2018 at 12:49 am

      Haha thank you dear ?

Comments are closed.



All Right Reserved!