Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީ

“އަހަރެން މި ހާރު ދޭނީ އަހަރެން އެންމެ ލޯބިވާ ފަރާތަށެވެ.”

Ali Ihsaan Level 210 Stories100 Login
July 21, 2018 5 Mins Read
6 Comments

 

ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ صلّى اللّـه عليه وسلّم މަދީނާއަށް ހިޖުރައަށް ވަޑައިގެންފަހުން ހިނގި ޙާދިސާއެކެވެ. އެ މާތް ސާހިބާގެ އަރިހަށް އެއްދުވަހަކު ވަރަށް އަގުބޮޑު ހާރުކޮޅެއް ވެދުމަށް އެރުވުނެވެ. އެހިނދު އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. ” އަހަރެން މި ހާރު ދޭނީ އަހަރެންގެ އަޙުލުބައިތުންގެ ތެރެއިން އަހަރެން އެންމެ ލޯބިވާ ފަރާތަށެވެ.”
މާތް ރަސޫލާ މިހެން ޙަދީޘް ކުރެއްވުމުން އެ މާތް ސާހިބާގެ ޠާހިރު އަނބިއަނބިކަނބަލުން ހީފުޅުކުރެއްވީ އެ ހާރުކޮޅު ދެއްވާނީ އުއްމުލް މުއުމިނީން ޢާއިސާ ރަޟިޔަ ﷲ އަންހާ އަށް ކަމުގައެވެ. އެހެނީ ކައުސާހިބާ އެކަމަނާ ދެކެ ޚާއްޞަ ލޯބިފުޅެއްވެވަޑައިގަންނަވާކަން އެކަލޭގެފާނު އަނބިއަނބިކަނބަލުނަށްވެސް ވަނީ އެނގިވަޑައިގެންފައެވެ. ނަމަވެސް އިތުރު ސާހިބާ ޅަނދޮޅު ޅަބާޅަ އަންހެން ބޭފުޅަކު ބަލައިފޮނުއްވައިގެން އެކަލޭގެފާނުގެ އަރިހަށް ގެންނެވިއެވެ. ނުހަނު ލޯބިފުޅާއެކު އެ މައުޞޫމު ކަރުފުޅުގައި އެ ހާރު ތުރުކޮށްދެއްވިއެވެ.
އާދެ! އެ ބާއްޖަވެރި ޒުވާން އަންހެން ބޭފުޅާއަކީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ صلّى اللّـه عليه وسلّم އަށް އެންމެ ފުރަތަމަ ކާފަ ވިދާޅުވި ބޭފުޅާއެވެ. އައްސައްޔިދާ އުމާމާ ރަޟިޔަ ﷲ އަންހާ އެވެ.
++++++++++++++++++++

ނަންފުޅާއި ނަސަބުފުޅު

އައްސައްޔިދާ އުމާމާ ރަޟިޔަ ﷲ އަންހާ އަކީ ޢާލަމްތަކަށް ކަޢުކުރެއްވި މާތް ނަބިއްޔާ محمّد صلّى اللّـه عليه وسلّم ގެ ލޯފުޅުގެ ނޫރުފުޅުކަމުގައިވާ ދަރިކަނބަލުން އައްސައްޔިދާ ޒައިނަބު ރަޟިޔަ ﷲ އަންހާ ގެ ދޮށީ ދަރިކަނބަލުނެވެ. ބައްޕާފުޅަކީ އަބުލް ޢާޞު ބިން ރަބީޢުއެވެ. މާތް ކާފާފުޅަކީ އިސްލާމްދީނުގެ ނަބިއްޔާ محمّد صلّى اللّـه عليه وسلّم އެވެ. މާމާފުޅަކީ އެންމެހައި މުޢުމިނުތަކުންގެ މައިކަނބަލުން އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަ ﷲ އަންހާ އެވެ.
އައްސައްޔިދާ އުމާމާ ރަޟިޔަ ﷲ އަންހާ ގެ ބައްޕާފުޅު އަބުލް ޢާޞު ބިން ރަބީޢު‎ އަކީ އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަ ﷲ އަންހާ އަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅެކެވެ. އަބުލް ޢާޞު ބިން ރަބީޢު ގެ މަންމާފުޅަކީ ޚަދީޖާ ރަޟިޔަ ﷲ އަންހާ ގެ އެއްކިހުނުފަން ބޭކަނބަލެއްކަމުގައިވާ ޙާލާ އެވެ.

އައްސައްޔިދާ އުމާމާ ރަޟިޔަ ﷲ އަންހާ ލޯފުޅު ހުޅުވާލެއްވި ޢާއިލާއަކީ މައްކާގެ އެންމެ ޤަދަރުވެރި ޢާއިލާތަކުގެ ތެރެއިން އާއިލާއެކެވެ. ބައްޕާފުޅު އަބުލް ޢާޞް އަކީ ޤުރައިޝުންގެތެރޭގައި މަޝްހޫރު ނުފޫޒުގަދަ ވިޔަފާރިވެރިއެކެވެ. ޤުރައިޝުން ނުހަނު އިޙްތިރާމުކުރާ ޝަޚްޞިއްތެކެވެ. އެހެންކަމުން އެކަމަނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ ބަހުގައި ބުނާ ފަދައިން ރަން ސަމުސަލެއް އަނގަފުޅަށް ލައްވައިގެންނޭ ދެންނެވިދާނެއެވެ.
އައްސައްޔިދާ އުމާމާ ރަޟިޔަ ﷲ އަންހާގެ އެއްބަނޑުއެއްބައްޕާފުޅު ހުންނެވީ އެންމެ ބޭފުޅެކެވެ. އެއީ ކޮއްކޯފުޅު ޢަލީއެވެ. ޢަލީ ވަނީ ތުއްޕުޅުއިރު އަވަހާރަވެފައެވެ. އައްސައްޔިދާ އުމާމާ ގެ ތުއްޕުޅު ހަޔާތްޕުޅާ ގުޅޭ އިތުރު މަޢުލޫމާތެއް ސީރަތު ފޮތްތަކަކުން ލިބޭކަށް ނުހުރެއެވެ.

މަދީނާއަށް ހިޖުރަކުރެއްވުން

ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާންމަހުގެ 17 ވީ ހުކުރު ދުވަހު ކުރެވުނު ބަދުރު ހަނގުރާމައަށް އުމާމާގެ ބައްޕާފުޅު އަބުލްޢާޞު ވަޑައިގެންނެވިއެވެ. އޭރު އެކަލޭގެފާނު އިސްލާމްވެވަޑައި ނުގަންނަވާކަމުން ހުންނެވީ މުޝްރިކުންގެ ލަޝްކަރުގައެވެ. އަނބިކަނބަލުންގެ މާތް ބައްޕާފުޅުގެ ލަޝްކަރާ ދެކޮޅަށެވެ. ޙައްޤާއި ބާޠިލު ވަކިވެގެންދިޔަ ބަދުރު ހަނގުރާމައިގައި އިލާޙީ މަދަދާއި މުސްލިމުން މުޖާހިދުންގެ މިންނަތުން ކާމިޔާބު ލިބިލެއްވީ މުސްލިމުންނަށެވެ. މުޝްރިކުންގެ ބޮޑެތި ބޮޑެތި އަޝްރާފުންގެ ތެރޭގައި ހިމެނޭ މީސްތަކުން ޤަތުލުވެގެންދިޔައެވެ.

ހަމައެހެންމެ، މުޝްރިކުންގެ ވަރަށް ގިނަ މީސްތަކުން އަސީރުންގެ ގޮތުގައި ހައްޔަރު ކުރެވިގެން މަދީނާއަށް ގެނެވުނެވެ. އޭގެ ތެރޭގައި އައްސައްޔިދާ އުމާމާގެ ބައްޕާފުޅު އަބުލްޢާޞު ހިމެނިވަޑައިގެންނެވިއެވެ. ހަމައެހެންމެ ރަސޫލާ صلّى اللّـه عليه وسلّم ގެ ބޮޑުބޭބޭފުޅު ޢައްބާސްގެފާނުވެސް ހިމެނިވަޑައިގެންނެވިއެވެ. ބަދުރު ހަނގުރާމައިގައި އަސީރުންގެ ގޮތުގައި ހައްޔަރު ކުރެވުނު މީހުންނާމެދު ޢަމަލު ކުރަން ހަމަޖެހިގެންދިޔަ ގޮތަކީ އެބައިމީހުންގެ އަތުން ފިދުޔަ ހިތްޕެވުމަށްފަހު ދޫކޮށްލުމެވެ. އެކަމުގެ ޚަބަރު އަބުލްޢާޞު އެކަލޭގެފާނު ލޮބުވެތި އަނބިކަނބަލުން އައްސައްޔިދާ ޒައިނަބުގެފާނަށް ފޮނުއްވިއެވެ.

އެ ޚަބަރު ލިބިވަޑައިގެންނެވުމުން އެކަމަނާ އަބުލްޢާޞުގެ ފިދުޔައެއްކަމުގައި ފޮނުއްވީ އެކަމަނާގެ މައިކަނބަލުން ޢުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަ ﷲ އަންހާ އެކަމަނާގެ އަލަތު ކާވެނިފުޅުގެރޭ ކަރުފުޅުގައި ތުރުކޮށްދެއްވި އަބާރަނަކޮޅެކެވެ. އެ އަބާރަނަކޮޅު ޙަވާލުކުރައްވައި މަދީނާއަށް ފޮނުއްވީ އަބުލްޢާޞުގެ އަޚް ކިނާނަތު ބިން ރަބީޢުއެވެ. އޭނާ މަދީނާއަށް ގޮސް އެ އަބާރަނަކޮޅު ރަސޫލާ صلّى اللّـه عليه وسلّم ގެ ބަރަކާތްތެރި އަތްޕުޅައެރުވިއެވެ. ކައުސާހިބާއަށް އެ އަބާރަނަކޮޅު ފެނިވަޑައިގެންނެވުމުން އެކަލޭގެފާނުގެ ލޯފުޅު ކަރުނަފޮދުން ފުރުނެވެ. އެހެނީ އެ އަބާރަކޮޅަކީ އުއްމުލް މުއުމިނީންގެ ތާރީޚީ ހަނދާނެކެވެ. އިތުރު ސާހިބާ ޙަދީޘް ކުރެއްވިއެވެ.

” ތިޔަ ބޭކަލުން ރުހޭކަމުގައިވާނަ އަހަރެން ޒައިނަބަށް މި އަބާރަނަކޮޅު ރައްދުކޮށްދެއްވައި އޭނާގެ އަސީރު ދޫކޮށްލާނަމެވެ.”
މިހެން އެކަލޭގެފާނު ޙަދީޘް ކުރެއްވުމުން ހުރިހާ ޞަޙާބީން އެކަމާ ރުހި ޤަބޫލުފުޅެވެވަޑައިގެންނެވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم އަބުލްޢާޞު ދޫކޮށްލެއްވީ އޭނާއަށް ޝަރުތެއް ކުރައްވާފައެވެ. އެއީ މައްކާ އަށް ވަޑައިގެން ޒައިނަބުގެފާނާއި އުމާމާ މަދީނާއަށް ފޮނުވުމެވެ. އެކަމަށްޓަކައި އިތުރު ސާހިބާ ޒައިދުބިން ހާރިޘަތުގެފާނާއި އަބޫ ރާފިޢުގެފާނުގެ އޭނާއާއެކުގައި މައްކާއަށް ފޮނުއްވިއެވެ.
އަބުލްޢާޞު މައްކާއަށް ގޮސް ރަސޫލާގެ ޢަމުރުފުޅާ އެއްގޮތަށް ޢަމަލުފުޅު ކުރެއްވިއެވެ. ކިނާނަތު ބިން ރަބީޢު ގެ ޙަވާލުގައި ޒައިނަބުގެފާނު ޒައިދުގެފާނާ ޙަވާލުކުރައްވަން ފޮނުއްވިއެވެ. އޭރު ޒައިނަބުގެފާނު އިންނެވީ އާލާސްވެއެވެ. އެ މަންޒަރު ޤުރައިޝުންނަށް ފެނުމުން އެބައިމީހުންގެ ލޭކެކޭ ގޮތްވެއްޖެއެވެ. އޭރު އެބައިމީހުންގެ އަރުތެރޭގައި ބަދުރު ހަނގުރާމައިގައި ލިބުނު ނާކާމިޔާބީގެ ހިތިއަސަރު ތާޒާކޮށް ހުއްޓެވެ. އެބައިމީހުން ގޮސް ޒައިނަބުގެފާނު އިންނެވި ޖަމަލު ވަށާލައި ލޮންސިން އެ ޖަމަލަށް ޙަމަލާދިނެވެ. ޖަމަލު ތެޅިފޮޅިގެން، ވަގުތު ޒައިނަބުގެފާނު ޖަމަލު މަތިން ވެއްޓިވަޑައިގެންނެވިއެވެ. އެކަމަނާ އިންނެވި ޖަމަލަށް ޙަމަލާދެއްވީ ހައްބާރު ބިން އަސްވަދޭ ކިޔުނު މީހެކެވެ. ޒައިނަބުގެފާނު ޖަމަލުން ވެއްޓިވަޑައިގެންނެވުމުން އެކަމަނާއަށް ވަރަށް ބޮޑަށް ހާނިއްކަވެ އަނިޔާވިއެވެ. އޭގެ ތެރޭގައި އެކަމަނާ ހައްޔަރުން ނެއްޓިވަޑައިގެންނެވުން ހިމެނެއެވެ.

ޤުރައިޝުން ކިނާތަނާއި ވާހަކަދައްކައިގެން ނިންމީ އެކަމަނާ ހިޖުރައަށް ވަޑައިގަންނަވާ ނަމަ ސިއްރިއްޔާތުގައި ރޭގަނޑު ހިޖުރައަށް ވަޑައިގެންނެވުމަށެވެ. އެހެނީ ރޯމާދުވާލު އެބައިމީހުންގެ ކައުސާހިބާގެ ދަރިކަނބަލަކު ހިޖުރައަށް ވަޑައިގެންނެވުން ވަނީ އެބައިމީހުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމަކަށެވެ. ދެން ކިނާނަތު ރޭގަނޑުގެ ވަގުތެއްގައި ޒައިނަބުގެފާނާއިގެން ވަޑައިގެން ޒައިދުގެފާނާ ޙަވާލުކުރެއްވިއެވެ. ކުރިންވެސް ދެންނެވި ފަދައިން އޭރު އެކަމަނާގެ ގާތުގައި ދަރިކަނބަލުން އުމާމާވެސް އިންނެވިއެވެ.
ޒައިނަބުގެފާނަ މަދީނާއަށް ވަޑައިގެންނެވުމުން އެކަމަނާއާ ދޭތެރޭގައި ކަންތައް ހިނގައިދިޔަ ހިތްދަތި ގޮތުގެ ޚަބަރު ކައުސާހިބާއަށް ލިބިވަޑައިގެންނެވިއެވެ. އެ ޚަބަރު ލިބިވަޑައިގެންނެވުމުން އެކަލޭގެފާނު ވަރަށް ދަރަފުޅުވިއެވެ. އެކަމަނާއަށް އެ އަނިޔާދިން މީހުންނަށް ވަރަށް ބޮޑަށް ކޯފާ އިސްކުރެއްވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
” ޒައިނަބަކީ އަހަރެންގެ ދަރިދަރިކަނބަލުންގެ ތެރެއިން އެންމެ ރަނގަޅު ދަރިކަނބަލުންނެވެ. އޭނާއަށް އެ އަނިޔާ ތަޙައްމަލު ކުރަންޖެހުނީ ޚުދު އަހަރެންގެ ސަބަބުންނެވެ”
ކައުސާހިބާ މިހެން ޙަދީޘްކުރެއްވީ އެކަމަނާ ހިޖުރައަށް ފޮނުއްވައި ދެއްވަން އަބުލްޢާޞަށް ޢަމުރުކުރެއްވީ ރަސޫލާ صلّى اللّـه عليه وسلّم ކަމުގައި ވުމުންނެވެ. އޭގެ ދުވަސްތަކެއްފަހުން އަބުލްޢާޞުވެސް އިސްލާމްވެވަޑައިގެން މަދީނާއަށް ވަޑައިގެންފިއެވެ.
ހިޖުރައިން އަށްވަނަ އަހަރު ޒައިނަބުގެފާނު އަވަހާރަވީ އެކަމަނާއަށް ހިޖުރައިގެ ދަތުރުފުޅުގައި ލިބިވަޑައިގެންނެވި ހާނިކައިގެ ސަބަބުންނެވެ. އޭރު އެކަމަނާގެ ހަށިކޮޅުވަނީ ނުހަނު ނިކަމެތިވެފައެވެ. އެކަމަނާ އަވަހާރަވީ ދުވަހު ކައުސާހިބާ ހުންނެވީ ނުހަނު މޮޅިފުޅުންނެވެ. ލޯފުޅުން ކަރުނަފޮފު އޮހޮރި އޮހޮރި ހުއްޓެވެ. އެދުވަހު ޙަދީޘް ކުރެއްވިއެވެ.
” އަހަރެންނަށް ޒައިނަބުގެ ނިކަމެތި ހަށިކޮޅުން ފެނުމުން ވަރަށް އަސަރު ކުރިއެވެ. އަހަރެން މާތް ﷲ ގެ ޙަޟްރަތުގައި އެކަމަނާއަށް ކައްވަޅުގެ ގަދަފަދަ ފިއްތާލެއްވުމުން ސަލާމަތް ކުރެއްވުމަށް އެދި ދުޢާ ދެންނެވީމުއެވެ. އެކަން މާތް ﷲ ފުއްދަވައިދެއްވިއެވެ.”

އައްސައްޔިދާ ޒައިނަބު ބިންތި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމަ ފުރައުއްތަވެވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވަނީ އެކަމަނާގެ ފިރިކަލުން އަބުލްޢާޞު ރަޟިޔަ ﷲ އަންހުވެސް އަވަހާރަވެއްޖެއެވެ. ދެން އައްސައްޔިދާ އުމާމާ ރަޟިޔަ ﷲ އަންހާއަށް ތަރުބިއްޔަތު ދެއްވަމުންގެންދެވީ ޚުދު ރަސޫލާ صلّى اللّـه عليه وسلّم ގެ އޯގާވެރިކަމާއި ޢިނާޔަތްތެރިކަމުގެ ދަށުންނެވެ.

ކައުސާހިބާ محمّد صلّى اللّـه عليه وسلّم ގެ ލޯބިފުޅު

ޒައިނަބުގެފާނު އަވަހާރަވުމަށްފަހު އެކަމަނާގެ ދިރިހުރި ނިޝާނަކަށް އިންނެވީ ދަރިކަނބަލުން އައްސައްޔިދާ އުމާމާ ރަޟިޔަ ﷲ އަންހާ އެވެ. އިތުރު ރަސޫލާ محمّد صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ކާފަދަރިކަނބަލުން އައްސައްޔިދާ އުމާމާ ދެކެ ނުހަނު ލޯބިފުޅުވެވަޑައިގަންނަވައެވެ. السّيّدة فاطمة الزّهراء رضى اللّـه عنــها ގެ ބޭފުޅުންނެކޭ އެއްފަދައިން އައްސައްޔިދާ އުމާމާ ރަޟިޔަ ﷲ އަންހާ ކޮނޑުފުޅަށް ލައްވައިގެން ލޯބިކުރައްވާ ހައްދަވައެވެ.

ބުޚާރީއާއި މުސްލިމުގައި ރިވާވެގެންވާ ހަދީޘްފުޅެއްގައިވެއެވެ. “ކީރިތި ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ކާފަދަރިކަނބަލުން އުމާމާ އުރުފުޅުވަޑުވައިގެން ޤިޔާމުގައި ހުންނަވާއިރު ހުންނަވައެވެ. ސަޖިދައަށް ވަޑައިގަންނަވަންވީމާ ބިންމަތީގައި އެ ދަރިކަނބަލުން ބައިންދަވައެވެ.”
މާތް ނަބިއްޔާ محمّد صلّى اللّـه عليه وسلّم ވަރަށް ގިނައިން އުމާމާއަށް ހަދިޔާދެއްވާ ހައްދަވައެވެ. ބައެއް ފަހަރަށް އެކަލޭގެފާނު އަރިހަށް ގެނެވޭ އަގުބެޑެތި ހާރުފަދަތަކެތި އުމާމާގެ ކަރުފުޅުގައި ތުރުކޮށްދެއްވައެވެ. އަނެއްބައިފަހަރަށް އަނގޮއްޓިފަދަ ތަކެއްތިވެސް އެކަމަނާއަށް ވެދުމަށް އަރުވައެވެ. މި މަޒުމޫނުގެ ފެށުމުގައި ބަޔާންކޮށްފައި އެވަނީ އޭގެ ޙާދިޘާއެކެވެ.

އިތުރު އެހެން ހާދިސާއެކެވެ. أمّ المؤمنين السّيّدة عائشة رضى اللّـه عنها ވިދާޅުވެފައިވެއެވެ. އެއްފަހަރަކު ހަބަޝާގެވެރި ނަޖާޝީ އިތުރު ސާހިބާގެ އަރިހަށް ނުހަނު ގިނަ ހަދިޔާ ފޮނުއްވިއެވެ. އޭގެތެރޭގައި އަގުބޮޑެތި ގަހަނާތަށް ހިމެނެއެވެ. އިތުރު ސާހިބާ އެތަނުން އަނގޮއްޓިއެއް ނެންގެވިއެވެ. އެއަށް ފަހު އައްސައްޔިދާ އުމާމާ ބަލާފޮނުއްވައިގެން ގެންނަވައިވައި އެ އަނގޮއްޓި ދެއްވުމަށްފަހު ޙަދީޘްކުރެއްވިއެވެ. ” އޭ އަހުރެންގެ ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅުގެ އިނގިލީގައި ތިޔަ އަނގޮއްޓިއަޅާށެވެ.” ( ސުނަނު އިބްނު މާޖާ/ މިއީ ޙަސަން ދަރަޖައިގެ ހަދީޘެކެވެ)

ކައުސާހިބާއަށް ފަހު

ހިޖުރައިން 11 ވަނަ އަހަރު ރަބީޢުލްއައްވަލް 12 ވަނަ ދުވަހު ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ ސުވަރުގެވަޑައިގެންނެވުމުން އައްސައްޔިދާ އުމާމާ ބެއްލެވުމުގެ ކަންތައްތަކާ ޙަވާލުވެވަޑައިގެންނެވީ ޒުބައިރު ބުނުލް ޢައްވާމު ރަޟިޔަ ﷲ އަންހުއެވެ. އެކަލޭގެފާނަކީ އުމާމާގެ ބައްޕާފުޅުގެ ފަރާތްޕުޅުން ތިމާގެފުޅު ބޭފުޅެކެވެ. އޭގެ ހަމަދުވަސްފަހުން އުމާމާގެ މައިފުށުގެ ބޮޑުދައިތާފުޅު ފާޠިމަތުގެފާނު އަވަހާރަވިއެވެ. އެކަމަނާ އަވަހާރަވި އާލާސްކަންފުޅުގައި އެކަމަނާގެ ފިރިކަލުން ޢަލީ ބިން އަބީޠާލިބު ރަޟިޔަ ﷲ އަންހު އަށް އުމާމާއާ ކާވެނި ބެއްލެވުމަށް ވަޞީޔަތްކުރެއްވިއެވެ.

އައްސައްޔިދާ އުމާމާ ޢަލީގެފާނަށް ބޭފުޅަކު ރައްކައުވިއެވެ. އެބޭފުޅާގެ ނަންފުޅަކީ މުޙައްމަދު ޢައުސަތެވެ. ހިޖުރައިން 40 ވަނަ އަހަރު ޢަމީރުލް މުއުމިނީން ޢަލީ ރަޟިޔަ ﷲ އަންހު ޝަޙީދުވުމާ ހަމައަށް އުމާމާ އެކަލޭގެފާނުގެ އަނބިކަނބަލެއްގެ މަޤާމުގައި އިންނެވިއެވެ. ޢަލީގެފާނުގެ ޝަޙީދުވުމުން އުމާމާގެ ކާވެނިފުޅަށް މުޢާވިޔަތުގެފާނު ހުށައެޅުއްވިއެވެ. ނަމަވެސް އެކަމަނާގެ ތިމާގެފުޅު ބޭފުޅުންގެ ލަފާފުޅުގެ މަތިން އެކަމަނާ އެ ދަޢުވަތު ރައްދުކުރެއްވިއެވެ. ދެން އުމާމާ ކާވެނިފުޅު ބައްލައިގެންނެވީ ނައުފަލު ބިން މުޣީރަތާއެވެ. އެއީ ޢަލީގެފާނުގެ ވަޞީޔަތާ އެއްގޮތުގެ މަތިންނެވެ. މި ކާވެނިފުޅުން އެކަމަނާއަށް ޔަޙްޔާ އޭ ކިޔުނު ދަރިކަލަކު ލިބިވަޑައިގެންނެވި ކަމުގައި މުޢައްރިޚުން ވިދާޅުވެއެވެ.

އުމާމާއަށް ދެބޭފުޅުން ލިބިވަޑައިގެންނެވިކަމުގައި ވިޔަސް އެކަމަނާގެ ދަރިފަސްކޮޅު ވަނީ މެދުކެނޑިފައެވެ. އެހެނީ އެ ދެދަރިލަންވަނީ ތުއްޕުޅުއިރު އަވަހާރަވެފައެވެ. ބައެއް ލިޔުންތެރިން ލިޔުއްވާގޮތުގައި އުމާމާއަކަށް އެއްވެސް ބޭފުޅަކު ލިބިވަޑައެއް ނުގަންނަވައެވެ. އެކަމަނާ އަވަހާރަވީ ހިޖުރައިން ފަންސާސްވަނަ އަހަރުގެ ތެރޭގައެވެ.
އަރަހުށި މާތް ﷲ، ރަސޫލާ صلّى اللّـه عليه وسلّم ގެ ކާފަދަރިކަނބަލުން އުމާމާއަށް ރުއްސުންލައްވާށިއެވެ.! އާމީން!

ރިފަރެންސް
1.Golden Stories of Sayyida Khadijah
2. ސީރަތުއް ނަބަވިޔާ އިބްނު ކަޘީރު އިންގްލިޝް އެޑިޝަން
3.https://www.revolvy.com/page/Umamah-bint-Zainab
4.https://en.wikipedia.org/wiki/Umamah_bint_Zainab

 

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

އައި ލަވް ކަލާދެކެ އިންތިހާ

Next

ނުހައްގުލޯބި 11

Next
July 21, 2018

ނުހައްގުލޯބި 11

Previews
July 21, 2018

އައި ލަވް ކަލާދެކެ އިންތިހާ

6 Comments!

  1. Snow says:
    July 21, 2018 at 11:52 am

    i like this story very much. ekamaku umaamaa ge faanuge bappa fulhu islam v gothuge vaahaka nei dho? e vaahaka genes nudhee fahun islamekka angafa e othy dho?
    Jazakallah Khaira. mikahala vahakatha dhivehi bahun ginain liyan jehenee mikama ekasheegenvaa meehun

  2. Dandelion says:
    July 21, 2018 at 3:05 pm

    Jazakhallah khairan….varah iburaitheri vaahaka eh mi…mikahala dheenee vaahaka mi site ga himanaifiyya varah faidhaa kuraane..https ://en.Wikipedia. org /wiki /umamah _bint _.4nab..Jehyma meege ithuru thafseelu libeyne dhw..Dandelion varah lyk vey dheenee vaahaka eh fenijiyyaa…

    1. Ali Ihsaan says:
      July 21, 2018 at 8:25 pm

      aee alhugandu mi liyun ekulavaalumugai beli reference thakakee.. sayyidhaa umamage hayaathpulhaa gulhey ithuru mauloothu libeykan nuhure. hurihaa beyfulhunnah shukuriyya

  3. Zee says:
    July 21, 2018 at 3:33 pm

    Aameen

  4. Xihko?? says:
    July 21, 2018 at 8:13 pm

    Jazakallah khaira …

  5. liyaa says:
    July 21, 2018 at 9:07 pm

    jazakallah khairan . ?

Comments are closed.



All Right Reserved!