އެ ކޮޓަރީގެ ސިއްރު (03)
އެހާ ގިނަދުވަސް ވަންދެން ދޮރު ނުހުޅުވަ ހުރުމުން ދޮރުހުރީ ތާށިވެފައެވެ. ތަންކޮޅެއް ބާރުލާފައި އަހަރެން ދޮރު ކޮއްޕާލީމެވެ. ދޮރު ހުޅުވުމާއެކު ސިކުންތަކަށް އަހަންނަށް ހީވީ އަހަރެންގެ ހަށިގަނޑު ތެރެޔަށް ހޫނު ވައިރޯޅިއެއް ވަދެގެން ދިޔަހެނެވެ.
އެއީ މާގިނަ ދުވަސް ވަންދެން ކޮޓަރި ބަންދުކޮށްފައި ހުރުމުން އާވި ވެފައި ހުރުމުން ހީވިއެއްޗެއް ކަމަށް ނިންމާ ކޮޓަރި ތެރެއަށް ވަނުމަށް އަހަރެން ފިޔަވަޅެއް ނެގީމެވެ. އޭރު އަހަރެންގެ ހިތް ހީވަނީ އަހަރެންގެ އަނގައިން ނުކުމެދާނެހެންނެވެ. އަހަރެންގެ ހިތް ދިޔައީ އެހާވެސް ބާރަށް ތެޅެމުންނެވެ. ހަމްދޫނު އެ ފޮރުވާ ސިއްރު މިއަދު އަހަންނަށްވެސް އެނގޭނެ ތާއެވެ.
ކޮޓަރި ތެރެއަށް ވަދެގެން ދިޔައިރު އަހަންނަކަށް މާ ބޮޑުކަމެއް ފާހަގައެއް ނުވިއެވެ. އައިދައިގެ ކޮޓަރިތަކެކޭ މިކޮޓަރިއެކޭވެސް ވަކި ތަފާތެއް ނެތެވެ. އެނދަކާ، އަލަމާރިއަކާ، ޑްރެސިން ޓޭބަލެއް ހުއްޓެވެ. މީގެ އިތުރުން ފޮތް ބަހައްޓާފައި ހުރި ހަރަކާއި އެތާ ކައިރީގައި ހުރި ސޯފާއެއްވެސް ހުއްޓެވެ. އެކަމަކު އަހަރެންގެ ލޯ އެންމެ ބޮޑަށްއަލައިގަތީ އެނދުގެ މަތީގައި ފާރުގައި އަޅުވާފައި ހުރި ފޮޓޮއެއްގައެވެ. އެއީ އަހަރެން ދަންނަ މީހެއް ވައްތަރު ޖަހާ މީހެއްގެ ފޮޓޮއެކެވެ. އަހަރެންގެ ހިތި މާޒީއާއި ގުޅިފައިވާ މީހެކެވެ.
އެފޮޓޯގައި ވަނީ ރީތި އަންހެން ކުއްޖެކެވެ. މަޑު ނޫ ކުލައިގެ ކަޅިއެއް ލިބިފައިވާ ޒުވާނެކެވެ. މަޑު ފިޔާތޮށި ތުންފަތެކެވެ. އޭނާގެ އެކަޅު ފަން އިސްތަށިގަނޑު ހާވާލާފައި ހުރިއިރު އިސްތަށިގަނޑުގެ އެއްބައި އޮތީ އެދޮން މޫނު މައްޗަށް ވެއްޓިފައެވެ. ތުންފަތުގައި މަޑު މަޑު ފޮނި ހިނިތުންވުމެއް ވާއިރު އޭނާގެ ލޮލުގައި ވަނީ ކިޔާދޭން ނޭގޭފަދަ ވޭނާއި ތަދެވެ. އެމޫނު މަތީގައި ވަނީ މަޑުމައިތިރި ކަމާއި ލޯތްބާއި އަޅާލުމެވެ.
އެފޮޓޯގައި އެވާ ޒުވާނާ އަކީ ކާކު ހެއްޔެވެ؟ އެއީ އަނެއްކާ ލައިލާ ބާވައެވެ.
ލައިލާ އަކީ އަހަރެން މިކުޅޭ ފިލްމުގެ ނުބައިބައި ކުޅޭ ކުއްޖާއެވެ. ކުރީގައި ހަމްދޫނުގެ އަންހެނުންނެވެ. މިހާރު ލައިލާ ވަނީ މަރުވެފައެވެ. ހަމްދޫނު ކިޔާދިން ގޮތުން ލައިލާ ހަމްދޫނާ ކައިވެނި ކުރީ ހަމްދޫނުގެ މުދާގަނޑުގެ ބޭނުމުގައެވެ. އެއީ ލޯބިން ކަމަށް ހެދިގެން ހަމްދޫނަށް އޮޅުވާލައިގެން ހަމްދޫނުގެ ގެ އަތުލަން އުޅުނު ވަރަށް މަކަރުވެރި އަންހެނެކެވެ. ހަމްދޫނަށް އޭނަގެ ސިއްރު ފަޅާއެރުމުން އޭނަ އަމިއްލަޔަށް ގައިގައި އަލިފާން ރޯކޮށްގެން މަރުވީއެވެ. ހަމްދޫނަށް ދެރަދީ ހަމްދޫނު ލައިލާގަ މަރުގެ އިލްޒާމުގައި ބައްދާށެވެ. ވަގަކަށް ހާސްދުވަހެކޭ ވެރިޔަކަށް އެއްދުވަހޭ މީހުން ބުނާ ފަދައިން އެތަކެއް ބުރަ މަސައްކަތުން އެންމެފަހުން ކާމިޔާބު ލިބުނީ ހަމްދޫނަށެވެ. އޭގެފަހުން ލައިލާގެ ރޫހު ހަމްދޫނަށް އައިސް އުނދަގޫ ކުރަންފެށުމުން ހަމްދޫނު ހެދި މޮޅު ފަންޑިތައަކުން މިހާރު ލައިލާގެ ރޫހު ވަނީ މުޅި އުމުރަށް ހަމްދޫނާއި ދުރަށް ގޮއްސައެވެ.
އެވާހަކައިގެ ކުރީބައި އަހަރެން ގަބޫލުކުރި ކަމުގައި ވިޔަސް އޭގެ ފަހަތުބަޔަކީ އަހަރެން ދުވަހަކުވެސް ގަބޫލުކުރާނެ ވާހައެއް ނޫނެވެ.
ހަމްދޫނު މިކޮޓަރިޔާ މާދުރުވަނީޔެ އޭނާގެ މާޒީގެ ހަނދާންތައް މިތަނާ ގުޅިފައި ވާތީ ކަންނޭގެއެވެ. އެފޮޓޯގައި އެވަނީ ލައިލާ ކަމަށް ވާނަމަ މިކޮޓަރިޔަކީ ހަމްދޫނުގެ ހިތި މާޒީއެކެވެ.
އަހަންނަށް މި ކޮޓަރިން ފެނުނު ހަމައެކަނި އާދަޔާހިލާފު ކަމަކީ އެހާ ގިނަދުވަސް ވަންދެން ކޮޓަރި ބަންދުކޮއްފައި ހުރިއިރުވެސް އެތާތެރޭ އެންމެ ހިރަފުސް ކޮޅެއް ނެތުމެވެ. ކޮޓަރީގެ ކަނެއްގައި މަކުނުވާ ކޮޅެއްހާ ހިސާބުވެސް ނެތެވެ. އަލަމާރި ތެރޭގައި އަންހެނެއްގެ ހެދުންތައް އަޅުވާފައި ހުރިއިރު ހެދުންތަކުންވެސް ދުވަނީ މީރުވަހެވެ. ކޮޓަރިތެރެ ތަރުތީބު ކޮއްލާފައި ހުރިއިރު ހީވަނީ އެއީ މީހަކު އުޅޭ ތަނެއް ހެންނެވެ.
އަހަންނަށް އެކޮޓަރިން މާބޮޑު ކަމެއް ފާހަގަ ނުވުމުން ނިކުމެގެން ގޮސް ނިދަން އޮށޯތީމެވެ. ނަމަވެސް އަހަންނަކަށް ނިދޭގޮތެއް ނުވިއެވެ. އަހަންނަށް ހަމަ ވިސްނެނީ އެފޮޓޯގަނޑާ ދޭތެރޭއެވެ. އޭގައި އެވަނީ ކާކާމެދު ތޯއެވެ.
އަނެއްދުވަހު އިރުއެރުމުން އަހަރެން އެންމެ ފުރަތަމަވެސް ބެލީ އެފޮޓޯގަނޑުގައި އެވާ ޒުވާނާގެ ހަގީގަތް ހޯދުމެވެ. ހަމްދޫނު ކައިރީ ނުސީދާ އެތަކެއް ގޮތަކަށް އަހައިގެން އެސުވާލުގެ ޖަވާބު ލިބޭތޯ ބެލީމެވެ.
އެގޮތުން ހަމްދޫނު ހެނދުނު ސައިބޯން އިންދާ އަހަރެން ގޮސް ވަރަށް ނުސީދާކޮށް އެވާހަކަ ފެށީމެވެ.
އަހަރެން: އަސްލު އެނގޭތަ މިފިލްމު ރަނގަޅަށް ކުޅެވިއްޖެނަމަ ވަރަށް ބޮޑު ސަކްސެސްއަކަށް ވާނެ… އަސްލު ބުނަންޏާ ވަރަށް ސަޅި ސްޓޯރީ އެކޭ… އާއއ…. ހަމްދޫނު ލައިލާދެކެ އަދިވެސް ލޯބިވޭތަ؟
އަހަރެން މިހެން ބުނިއަޑު ހަމްދޫނުގެ ކަންފަތުގައި ޖެހުމުން އޭނާ އަނގަޔަށް ލާލައި އިން ކާއެތިކޮޅުވެސް ބޭރަށް ނެރުނެވެ. އަދި ވަރަށް ފާޑަކަށް އިނދެ ބޯޖަހާލިއެވެ.
ހަމްދޫނު: އާނ… ދެން… އަހަރެން އިނީ ލޯބިން ވިއްޔަ.. ކާކަށް އެނގޭނީ އޭނަގެ ހިތުގައި އެހާ ބޮޑު ނުބައެއް ވާނެކަން..
އަހަރެން: އާނ.. މީހެއްގެ ހިތް އޮންނަ ގޮތެއް ކިޔާދޭކަށް ނޭގޭނެ އެކަކަށްވެސް.. އާއއ.. ހަމްދޫނު.. ލައި..ލާގެ ފޮޓޮއެއް ފެނިދާނެތަ؟ އުހޫނ އޭނަ ހުންނަގޮތް ބަލާ…ލަން…. ނޫން އޯކޭ ނުދެއްކިޔަސް…އަހަރެން…..
އަހަރެން މިހެން ބުނުމާއި އެކު ހަމްދޫނު އިންތަނުން ތެދުވެގެން އަހަރެންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އޭނާގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. އަދި އޭނާގެ ފޯނުނަގައި އަހަންނަށް ފޮޓޯގަނޑެއް ދައްކާލިއެވެ. އެއީ ލައިލާއޭ ބުނަމުންނެވެ. ހަމްދޫނު އެހާފަސޭހައިން އަހަންނަށް ލައިލާގެ ފޮޓޯ ދައްކާފާނެ ކަމަކަށް އަހަރެން ހީވެސް ނުކުރަމެވެ. އެކަމަކު އެފޮޓޯގައިވާ އަންހެން ކުއްޖެކޭ ރޭގައި އަހަރެންނަށް އެކޮޓަރިން ފެނުނު ޒުވާނާގެ ފޮޓޮއެކޭ ވަކި ތަފާތެއް ނެތެވެ.
ހަމްދޫނު: އަހަރެން މިފޮޓޯ އާތިފަށް މިދިއްކަނީ ތީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ދެކި… ރީތިދޯ؟ ކީއްކުރާނީ..؟ މީހެއްގެ މޫނަށް ބަލާފަ ނޭގޭނެ ބުނާކަށް އެމީހެއްގެ ހިތުގައި ވަނީ ކޯއްޗެއް ކަމެއް…
އެމައުލޫގައި ދެން މާ މުހިންމު އެއްޗެއް އަހަންނަށް ނުފެނުމުން އަހަރެން އެކަމާ ވިސްނުން ދޫކޮއްލާފައި ފިލްމަށް އިސްކަންދޭން ފެށީމެވެ.
މިރޭވެސް އަހަންނަކަށް ނިދޭގޮތެއް ނުވިއެވެ. ހިތް ހުންނަނީ ފާޑަކަށް ނުތަނަވަސްވާ ގޮތް ވެފައެވެ. ކިޔާދޭން ނޭގޭފަދަ އިހުސާސްތަކެއް ކުރުވާފައެވެ.
އަހަރެން އެނދުން ފައިބައިގެން ކޮޓަރިން ނިކުމެގެން ޓެރަހާދިމާލަށް ހިނގައިގަތީމެވެ. ނިދާބޭސް ކެއުމުގެ ކުރިން ހިތްހަމަ ޖެހިލުމުގެ ނިޔަތުގައެވެ.
ސިޑިން އެރިއިރު އަހަންނަށް މީހަކު އުނދޯލި ހެއްލާ އަޑު އިވުނެވެ. އަހަރެން ހީކުރީ އެހެން މީހަކު ޓެރަހުގައި އުޅެނީކަމަށެވެ. އެކަމަކު ޓެރަހަށް އެރިއިރު އެތާކު އެކަކުވެސް ފެންނާކަށް ނެތެވެ. އުނދޯލިވެސް ހުރީ ރީތިކޮށެވެ. ދެން އޭރު އަހަންނަށް އެ އިވުނީ ކޮން އަޑެއް ހެއްޔެވެ؟
އެކަމާ މާބޮޑަށް އަލާނުލާ އިރުކޮޅެއް ވަންދެން އުނދޯލީގައި އިދެފައި އަހަރެން ކޮޓަރިއަށް ދާން ހިނގައިގަތީމެވެ. އެވިގުތު އަހަންނަށް އަނެއްކާވެސް އުދޯލި ހެއްލޭ އަޑު އިވެން ފެށިއެވެ. އެކަމު އަހަރެން އައީ އުނދޯލި ހުއްޓާފައިކަން އަހަންނަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ފަހަތަށް އެނބުރި ބަލައިލިއިރު އުނދޯލި ހުރީ ރީތިކޮށްށެވެ. އަނެއްކާ އަހަރެން ހިގައި ގަންނައިރަށް އެއަޑު އިވެންފެށިއެވެ. އެކަމަކު ހަމަ ފަހަތަށް ބަލައިލިއިރު އުނދޯލި ހުރީ ރީތިކޮށެވެ. ދެންވެސް އެހެން ވާންހެދުމުން އެކަމާ މާބޮޑަށް އަޅާ ނުލާ އަހަރެން ކޮޓަރިއަށް ވަދެ ނިދާބޭސް ކައިގެން ނިދަން އޮތީމެވެ.
އަނެއް ދުވަހު އަހަންނަށް ހޭލެވުނީ އަޝްފާއައިސް އަހަންނަށް ގޮވުމުންނެވެ. އޭރު ގަޑިން 10 ޖަހަނީއެވެ. ފާހާނާއަށް ވަދެ ރީތިވެލައިގެން ނުކުމެ ސައިބޯން ދިޔައިރު އެންމެން ތިބީ ސިޓިންރޫމުގައި ކުޅޭށެވެ. ޝޫޓިން އޮތީ މެންދުރު ފަހުކަމުން މިވަގުތު އެންމެން ތިބީ ވަރަށް ހަމަޖެހިލައިގެންނެވެ. އަހަރެންވެސް ސައިބޮއި ނިމިގެން އެތަނަށް ދިޔައީމެވެ. އެންމެން ފޯރީގައި ކުޅުނުއިރު އަހަރެންގެ ސަމާލުކަން ގޮސް ހުއްޓެނީ އެތާ ހުރި ޕިޔާނޯއަށެވެ.
5 ވަރަކަށް މިނެޓު ވަންދެން އެއަށް ބަލަހައްޓައިގެން އިދެފައި އަހަންނަށް ޕިޔާނޯއާއި ދިމާލަށް ހިނގައި ގަނެވުނެވެ. ޕިޔާނޯ ކައިރިއައްގޮސް އެތާ ހުރި ގޮނޑީގައި އިށީނީމެވެ. އަދި ޕިޔާނޯ ކުޅެން ފެށީމެވެ. ކުޅެވުނީވެސް މީގެ 4 އަހަރު ކުރިން އުޅުނު މޮޅު ލަވަ ކިޔުން ތެރިޔަކު ކުޅެފައިވާ ލަވައެކެވެ. އެއީ މިހާރުގެ އެންމެ މޮޅެތި މިޔުޒިކް ކުޅުން ތެރިންނަށްވެސް ކުޅެން އުނދަގޫ ރާގެކެވެ. އެކަމަކު އަހަރެން އެ ރާގު ކުޅުނުއިރު ހީވީ އެއީ އަހަރެން އެތައް ދުވަހެއް ވަންދެން ދަސްކޮއްފައި ހުރި ރާގެއް ހެންނެވެ.
އަހަރެން ޕިޔާނޯ ކުޅެ ނިމުމުން އެންމެން އަތްޖަހަން ފެށިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަންނަށް ހީވީ އަހަރެން އެޕިޔާނޯ ކުޅުނީ އަހަރެންގެ އެއްވެސް ބާރެއް ނެތިހެންނެވެ.
މާއިން: އާތިފް… އަހަރެން ހިއެއް ނުކުރަން އާތިފަށް ތިހާ މޮޅަށް ޕިޔާނޯ ކުޅެން އިނގޭ ކަމެއް.. ޕިޔާނޯދެކެ މާ ފޫހިވާ ކަމަށް ހެދިގެން އުޅެފަ…. ބަލާ ސިއްރުކަން..
އެންމެން އަހަންނަށް ތަޢުރީފު ކުރިއިރު އަހަންނަށް އެޕިޔާނޯ ކުޅެވުނީ ކިހިނެއް ކަމެއް ޚުދު އަހަންނަށްވެސް ހުރީ ނޭގިފައެވެ. އެދުވަހު ހަތަރުދަމު އަހަންނަށް ވިސްނުނީއެކަމާ ދޭތެރޭއެވެ. އެހެންކަމުން ޝޫޓިންނަށްވެސް މިއަދު އެހާ ބޮޑު ސަމާލުކަމެއް ނުދެވުނެވެ.
މިރޭ ޝޫޓިން ނިމުނީ ވަރަށް ލަހުންކަމުން އެންމެން ނިދަން ދިޔައިރު ވަރަށް ލަސްވެއްޖެއެވެ. އަހަރެންވެސް ވަރުބަލިވެފައި ހުރިވަރުން ތާޒާ ވެލައިގެން އެނދުމަތީގައި އޮށޯވެލާއިރަށް ނިދިއްޖެއެވެ.
ހަމްދޫނުވެސް ހުރިހާތަނެއް ނިއްވާފައި ނިދަންއޮށޯތެވެ. އޭރު ގަޑިން މެންދިމުން އަލިވެ 2 ޖެހީއެވެ. ހަމްދޫނު އެނދު މަތީގައި އޮވެ އަނެއްފަރާތައް އެނބުރުނުތަނާ އަހަރެން ކުރިމަތީގައި ހުރިތަން ފެނި އޭނަ ދިޔައީ ސިއްސައި ގެންނެވެ.
ހަމްދޫނު: އާތިފް ކިހިނެއް މިތަނަށް ތިވަނީ.. އަހަރެން ގައިމު ދޮރުވެސް ތަޅުލިން .. އާތިފް ވާހަކަ ދައްކަބަލަ… ކޮން ފާޑަކައްތަ ތިބަލަނީ… އާތިފ…..
ހަމްދޫނު އިތުރު އެއްޗެއް ބުނުމުގެ ކުރިން މުޅި ކޮޓަރި ތެރޭގައި ހުރި ހުރިހާ އެއްޗެއް ތެޅެން ފެށިއެވެ. ހަމްދޫނުގެ އެނދު ތެޅެން ފެށިއިރު ހީވީ އެތާ ތެރެއަށް ބޮޑު ބިންހެލުމެއް އައިސްގެން އުޅޭހެންނެވެ. އިރުކޮޅެއް ނުވެ ހަމްދޫނުގެ އެނދުގެ އެއްފަރާތް މައްޗައް އެރިއެވެ. ދެން އެނދުއެއްކޮށް މައްޗައް އެރިއެވެ. ހަމްދޫނާވެސް އެކީގައެވެ.
ހަމްދޫނު: އާތިފް.. އަހަރެން ސަލާމަތް ކުރޭ…
އިރުކޮޅެއް ނުވެ އެނދު ތިރިވިއެވެ. އަދި އަހަރެން އެކޮޓަރިން ނިކުމެގެން ދިޔައީމެވެ.
އަނެއް ދުވަހު ހެނދުނު ތެދުވެގެން ރީތިވެލައިގެން އަހަރެން ސައިބޯން ދިޔައިރު އެންމެން ތިބީ ކާމޭޒު މަތީއެވެ. ހަމްދޫނު ކާން އިނދެފައި އަހަރެން ފެންނަ އިރަށް ތެދުވެގެން ދިޔައެވެ.
އަހަރެން: އަނެއްކާ ހަމްދޫނަށް ކިހިނެއްބާ އެވީ.. އަހަރެން ފެންނައިރަށް އެ ދިޔައީ އަހަރެން ފެންނަނީ ފިލްމުގަ އުޅޭ ޖިންނި ސިފައިގަ ތީވެތަ؟ ހައް ހާހާހހ
އަހަރެން އެހެން ބުނުމުން އެންމެން ހޭން ފެށިއެވެ.
މާއިން: ނޭނގެ!! މިއަދު ހެނދުނު ކޮޓަރިން ނުކުތް އިރުވެސް އޭނަ ހުރީ މޫޑު ކަޓާފަ.. ނޭގެ ކީއްވެ ކަމެއް.. ގައިމު ރޭގަ ހުރީ ނުލައިހިކު ކޫލްކޮށް.. އާތިފް ދޭބަ އޭނަޔާ ވާހަކަ ދައްކާލަން..
ސައިބޮއެ ނިމިގެން އަހަރެން ހަމްދޫނު ހޯދަން ދިޔައީމެވެ. ހޯދާ ހޯދާ ވަރުބަލިވި ފަހުން އަހަންނަށް ހަމްދޫނު ފެނުނީ ބޭރު ބެންޗުގައި އިންދައެވެ. އަހަރެން ގޮސް ހަމްދޫނު ކައިރީގައި އިށީދެލީމެވެ. އަހަރެން އިށީންކަމެއް ނޭނގި ހަމްދޫނު ސިއްސައިގެން ގޮސް ފުއްމައިގެން ތެދުވިއެވެ.
އަހަރެން: ކިހިނެއްވީ؟ އަހަރެން ފެންނަނީ ޖިންނިއެއް ސިފައިގަތަ؟ ސައިބޯން އިނދެފަވެސް ހެދީ ތިހެން… ކަމެއް ގޯސްކޮއް ހިގީތަ؟
ހަމްދޫނު: އާތިފަށް ނޭގެނީ ރޭގަ ވީ ކަންތައް؟ ތިހެން ރިއެކްޓު ކުރާއިރު ހީވަނީ ރޭގަ އެއްވެސް ކަމެއް ނުހިނގަނީހެން..
އަހަރެން: ރޭގަ ކީއްތަވީ؟ ޝޫޓިން ނިންމާފަ އެންމެން ނިދީނުންތަ؟ އަހަރެންވެސް ވަރުބަލިވެފަ ހުރިވަރުން ޖައްސާލާއިރަށް ނިދިއްޖެ… ދެން ކީއްތަވީ؟ އަނެއްކާ ކަމެއް ހިނގީތަ؟
ހަމްދޫނު: އަހަރެން ހަމަ ކޮސްވެއްޖެ!! ރޭގަ އާތިފް އަހަރެންގެ ކޮޓަރިއަށް އައިސް…..
އަހަރެން: މަޑުކޮއްބަ.. މަޑުކޮއްބަ.. އަހަރެން ރޭގަ ކޮންއިރަކު ތިކޮޓަރިއައް ދިޔައީ؟ އަހަރެން ރޭގަ ދިޔަގޮތައް ގޮސް ނިދީ… ހުވާ މިބުނީ…
ހަމްދޫނު: އަހަރެން ކޮޓަރި ތަޅުލާފަ ހުރިއިރު އާތިފް އައިސް ވަނީ ކިހިނެއްކަމެއް އަހަންނަކަށް ނޭގެ.. އާތިފް ވަންނަ އިރަށް ހީވީ ކޮޓަރިއަށް ބިންހެލުމެއް އައިހެން… އަހަރެން ކިރިޔާ ބިރުން ހަލާކުނުވީ… މިހާރު މިފެންނަނީ އެހެން މޫނެއް.. އެކްޓު ކުރިޔަސް ތީ ފުކެއް ބޮޑުވަރު ކަންނޭގެ..
އެހެން ކިޔާ ހަމްދޫނު ރުޅިއައިސްގެން ދިޔައީއެވެ. އެކަމަކު އަހަންނަށް ހަމްދޫނު އެކީ އެކައްޗެއްވެސް އޮޅުމެއް ނުފިލިއެވެ. އަހަރެން ހަނދާން ހުރިހާވެސް އެއްޗަކީ ރޭގަ ޝޫޓިން ނިމުމުން އަހަރެން ގޮސް ނިދިކަމެވެ. އޭގެ ފަހުން ފާހާނާއައް ދާންވެސް އަހަރެން ނުތެދުވާ ކަމެވެ.
އަހަރެންގެ ހަޔާތައް އަނެއްކާ މިއައީ ކޮންކަހަލަ ލޮޅުމެއް ބާވައެވެ. މިގެޔަށް އައިފަހުން އަހަންނަށް މިދިމާވަނީ އާދައިގެ ކަންކަމެއް ނޫނެވެ. ކޮންމެ ދުވަހަކު އައު ކަމެކެވެ. މިއީ އަނެއްކާ ކޮންކަމެއްބާއެވެ؟
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

mee last year ga genesfa oi part ekehnu. 4 ep ebain nerifa last year ga.
not 4, it’s 3…. n mi partsthah alun up kury baeh kudhin ge request akah