ހާދަ ދޭ ހިތްވެޔޭ ލޯބިން -1
ރިންގް ވަމުން ދިޔަ ފޯން އެއް އަތަށް ލައިގެން އެނބުރެމުން ދިޔަ ފަންކާއަށް ނަޒަރު ހުއްޓިފައި އޮތް ޔަމަކް ފުން ވިސްނުމަކަށް ގެއްލިފައި އޮތް ފަދައެވެ. އެހާ ވަރަށް ފޯން ރިންގް ވަމުން ދާ އިރު ޖަވާބު ދޭނެ ޚިޔާލެއް އެ ސިކުނޑީގައި ނެތް ފަދައެވެ. “ދަރިފުޅާ ޔަމަކް” ދޮރުގައި ޓަކި ދޭ އަޑަށް އަތުގައި އޮތް ފޯން ސައިލަންޓަށް ލުމަށްފަހު މަޑުމަޑުން ހިނގާލާފައި ގޮސް ޔަމަކް ދޮރު ހުޅުވާލިއެވެ. “ނިދަނީތަ ދަރިފުޅު؟” މާހިރާ އެނާގެ ނަވާރަ އަހަރަށްދާ ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން ވަރަށް ލޯބިން އަހާލިއެވެ. “ކުޑަކޮށް އަރާމް ކޮށްލަން އޮތީ” ޔަމަކް އެނާގެ މަންމަގެ ސުވާލަށް ޖަވާބު ދިނެވެ. “އެހެންތަ! ޒުހާން މަންމަައަށް ގުޅި ދެންމެ ދަރިފުޅު ފޯން ނުނަގަަޔޯ. ހަވީރު ފުރާ ވާހަކަ ބުނި. އެހާ އިރަށް ތައްޔަރުވެގެން ހުންނަން ބައްޕަ ބުނުއްވި އެގެއަށް ދާން” މާހިރާ ދެއްކި ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ނެތި ޔަމަކް ވަނީ އެތެރެއަށެވެ. ޔަމަކް ބޭނުންވާ ގޮތަށް ކަންތައް ނުކޮށްދެވޭނެކަން އެގޭ ކޮންމެ ފަހަރަކު އެ ހިތުގައި ރިއްސާލައެވެ. ދަރިފުޅުގެ އުފާތައް އެގިހުރެމެ އެ އުފާތަށް ހޯދާ ދިނުމުގައި މާހިރާ ވަނީ ނުކުޅެދިފައެވެ. އިތުރަށް އެއްޗެކޭ ނުބުނެ ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު އޭނާ ދިޔައެވެ.
ޔަމަކް އަކީ ރާއްޖޭގެ މުއްސަނދި ވިޔަފާރިވެރިޔާ ޔާސީންގެ އަންހެންދަރިފުޅެވެ. ޔާސީންގެ އެތައް ފިހާރަތަކާއި ރިސޯޓުތައް ރާއްޖޭގެ އިތުރުން ބޭރުގައިވެސް އެހާ ގިނައެވެ. ގިނަ ވަގުތު ޔާސިން ހޭދަކުރަނީ ވިޔަފާރި ކަންކަމުގައި ރާއްޖެއިން ބޭރުގައެވެ. މާހިރާ އާއި ބައްދަލުވީވެސް ހަމަ މިފަދަ ދަތުރެއްގައި ބޭރުގައި އުޅެނިކޮށެވެ. މާހިރާ އަކީ ޕާކިސްތާންގެ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ރީތި އަންހެނެކެވެ. ދެފަރާތުގެ އާއިލާގެ އެދުމުގެ މަތިން ކުރެވުނު މި ކައިވެންޏަށް ޔަމަކްގެ އިތުރުން ދޮށީ ފިރިހެން ދަރިއެއް ވަނީ ލިބިފައެވެ.
ޔަމަކް ފެންވަރައިން ނުކުތް އިރުވެސް ފޯން ރިންގްވުމަކަށް ބަދަލެއް ނައެވެ. އެންމެ ފަހުން ހިތްހަމަނުޖެހިފައި ހުރެ ފޯން ބެލިއިރު އަރާފައި އިން ޒުހާންގެ ނަމުން ޔަމަކް އިތުރަށް ފޫހިވެގެން ދިޔައެވެ. “އަހަރެން ހުރީ ފާޚާނާގައޭ.” ހިތްހަމަނުޖެހިފައި ހުރެ ޔަމަކްއަށް ބުނެވުނީވެސް ތަންކޮޅެއް ބާރަށެވެ. “ޔަމަކް ދެރައެއް ނުވޭތަ އަހަރެން ދާތީ؟” ޔަމަކްގެ ވާހަކައަށް އަޅާނުލާ ޒުހާން ވާހަކަ ދައްކަން ފެށިއެވެ. “އިގޭ މިހެން އަހާއިރުވެސް ޔަމަކް ދެރައެއް ނުވާނެކަންވެސް އެކަމަކު ހަ މަސް ޔަމަކް ހަ މަސް. އަހަރެން ކިހިނެތް ޔަމަކް އާއި ނުލާ އުޅޭނީ. ވާހަކަވެސް ދެއްކޭނީ އެހާ މަދުން.އަމުދުން ހަމަސް ވަންދެން އަހަންނަށް ޔަމަކް ނުުވެސް ފެންނާނެ.” ޒުހާންގެ އަޑުންވެސް އޭނާ ދެރަވެފައި ހުރިވަރު ހާމަވެއެވެ. “މުޅި އުމުރަކަށް ނޫނެއްނު ތިދަނީ. ޒުހާން އުފާކުރަންވީ ވަގުތެއް ނޫންތަ މިއީ. އަހަރެން ޒުހާންގެ މިލްކަކަށް ހަދަން މަދު ދުވަސްކޮޅަކަށް ވަނީ އެއް ނޫންތަ؟” ހިތްހަމަނުޖެހިފައި ހުރެ ޔަމަކް ބުނެލިއެވެ. ޔަަމަކް އެ ކުރީ މަލާމާތެއްކަން އިގޭ އިރުވެސް ޒުހާން މަޑުން ހުރީ ޔަމަކް ދެކެވާ ލޮތްބެއްގެ ބޮޑުކަމުންނެވެ. ޔަމަކް އޭނާ ދެކެ ގަޔާނުވާކަން އެގި ހުރެވެސް ޒުހާން އެ ގުޅުން ދަމަހައްޓަން ބޭނުުން ވަނީ ކޮންމެވެސް ދުވަހަކުން ޔަމަކް ގެ ހިތުގައި އޭނާއަށް ލޯބި އުފެދޭނެކަމުގެ އުއްމީދުގައެވެ. “ފުރުމުގެ ކުރިން ޔަމަކް ފެންނާނެ ކަމަށް އުއްމީދުކުރަން”. ޔަމަކްގެ ޖަވާބަކަށް ބަލާލުމެއްނެތި ޒުހާން ފޯން ކުރުކޮށްލީ އޭނާ އިތުރަށް ހިތަދަތިވާނެ އެއްޗެއް ބުނުމުގެ ފުރުސަތު ނުދޭންވެގެންނެވެ.
ލޯގަނޑު ކުރިމަތީގައި ޔަމަކް އޭނާގެ ސޫރައަށް ބަލަންހުރީ ގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ. އެއް ދުވަސްވަރެއްގައި ޔަމަކްއަށް އެފަދަ ސޫރައެއް ދެއްވީތީ އޭނާ ނުހަނު އުފާކުރުއެވެ. ނަމަވެސް މިހާރު އޭނާ އަމިއްލަ ނަފްސު ދެކެ ރުޅި އާދެެއެވެ. އިސްކޮޅުން ދިގު ހަމުގެ ކުލަ އަލި ޔަމަކްގެ އެންމެ ރީތި ސިފައަކީ އޭނަގެ ކަޅުކަންގަދަ ދިގު އިސްތަށިގަނޑެވެ. ފޫކޮޅާ ހަމައަށް އަރާ އެ އިސްތަށިގަނޑަކީ ޔަމަކް އޭރުވެސް އަދި މިހާރުވެސް އެންމެ ލޯބިން ގެންގުޅޭ އެކައްޗެވެ. ހަނދާންކުރަން ބޭނުންނުވާ ދުވަސްތައް ޚިޔާލަށް އަންނަން ފެށުމުން ވޫލް ކޮޅަކުން އިސްތަށިގަނޑު އައްސާލަމުން ތިރިއަށް ފޭބީ މަންމަމެން އޭނާގެ އިންތިޒާރުގައި ތިބޭނެކަން އިގޭތީއެވެ.
ގަޑިން 02 ޖެހިއިރު އެރިޒޯނާ ކުރިމައްޗަށް ކާރު މަޑުކޮށްލުމާ އެކު މާހިރާ އާއި ޔާސީންގެ ފަހަތުން ޔަމަކް އެ ގެއަށް ވަންނަން ހިނގައިގަތެވެ. ހަވޭލީއެއް ފަދަ އެ ގޭގެ ކުރިމަތީގައި ވަރަށް ރީތި ބަގީޗާއެއް ހައްދާފައި އޮތެވެ. އެކި ވައްތަރު ވައްތަރުގެ މާތަކުން އެތަން އޮތީ ފުރިފައެވެ. ގަސް ހެއްދުމަކީ ޒުހާންގެ މަންްމަ ޒާރާ ވަރަށް ލޯބިން ކުރާ ކަމެކެވެ. ޔަމަކްވެސް ހުރީ އެހާ ގިނަ މާތަކެއް އެއްފަހަރާ ފޮޅިލާފާއި ހުރިތަން ފެނުމުން ހިތްހަމަޖެހިފައެވެ. ގޭގެ ބެލް ޖަހާލުމާއެކު ދޮރުހުޅުވަލަދިނީ ޒާރާ އެވެ. ފުޅާ ހިނިތުންވުމަކާއެކު ސަލާމް ގޮވާލުމަށްފަހު ޒާރާ އެމީހުން ގޮވައިގެން ދިޔައީ މެންދުރުގެ ކެއުމަށް އިންސާފުކުރުމަށެވެ. “އައްސަލާމްޢަލައިކުމް” ޔާސީން ފެނުމުން ނަސީރު ތެދުވެ ސަލާމް ގޮވާލުމަށްފަހު ކުޑަކޮށް ބައްދާލިއެވެ. އެއަށްފަހު މާހިރާއާއި ޔަމަކްއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. “ޒުހާން ދަރިފުޅާ ކޮންއިރަކު ފުރަނީ؟ ތައްޔާރު ވެއްޖެތަ؟” ޔާސީން ވަރަށް ލޯބިން ޒުހާން އާއި ވާހަކަ ދައްކަން ފެށިއެވެ. “ލައްބަ ބޭބޭ. ހަވީރު 04:30 ގަ ފުރަނީ” ޒުހާން ގަދަކަމުން ހިނިތުންވެލަމުން ޖަވާބު ދިނެވެ. އެ ގެއަށް ވަނީއްސުރެ ޔަމަކް އެންމެ ފަހަރަކުވެސް ޒުހާން އަކަށް ބަލައެއް ނުލިއެވެ. އަންހެން ކުދިން އެންމެ ހިތްކިޔާ ހުރިހާ ސިފައެއް ޒުހާން އަށް ލިބިފައިވާ އިރުވެސް ޔަމަކްގެ ހިތް އެ ރީތިކަމާއެކުވެސް އޭނާ ބަަލައިގަންނާކަށް ބޭނުމެއް ނުވެއެވެ.
ޒުހާން އަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތް ކުރާ ހީވާގި ފުލުހެކެވެ. މި ދާއިރާއަކީ ޒުހާން އެންމެ ކުޑައިރުއްސުރެ ކުރާ ހިތްވި މަސައްކަތަށްވުމާއެކު އޭލެވެލް ނިމުނު ގޮތަށް އޭނާ ގުޅުނީ އެ ސަރވިސް އާއި އެވެ. އެންމެ ފުރަތަމަ ދުވަހު ވެސް ނާސިރުގެ ހުވަފެނަކި ޒުހާން އޭނާގެ ވިޔަފާރިއާއި ޙަވާލުވުމެވެ. ނަމަވެސް ހުރި ހަމައެކަނި ދަރިފުޅުގެ އުފާތަކަށް ހުރަސްއަޅާކަށް ނާސިރު ބޭނުމެއްނުވިއެވެ.
ކެއުމަށް އިންސާފު ކުރެވެމުން ދިޔަ އިރު ދެކެވެމުން ދިޔައީ ޔަމަކް އާއި ޒުހާންގެ ކައިވެނީގެ ވާހަކަ އެވެ. “އިރާދަކުރެއްވިއްޔާ ދެން މަ ގިން ދުވަހެއް ނުވެ ޔަމަކް ވާނެ މިގޭ މެމްބަރަކަށް. ދަރިފުޅު ވާނެ ދެން ގިނަ ގިނައިން މިގެއަށް އަންނަން” ޒާރާ ވަރަށް ލޯތްބާއެކު ޔަމަކްގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ޔަމަކް ހަމައެކަނި ހިނިތުންވުމަކުން ފުއްދާލިއެވެ.
ކައި ނިމުމުން ބޯ ހަމަޖައްސާލަން ޔަމަކް ނުކުމެލީ ބަގީޗާ އަށެވެ. އެތައް ހާސް ޚިޔާލްތަކުން އެ ސިކުނޑި ދިޔައީ ފުނި ޖެހެމުންނެވެ. ކިތަންމެ ރޯލަން ބޭނުންވިޔަސް އެ ކަރުނަތަށް ފުހެދޭން އަންނާނެ މީހެއް ނެތްކަން ޔަމަކް އަށް އިގެއެވެ. “ޔަމަކް” ޔަމަކްގެ ފަހަތުގައި މަޑުކޮށްލައިގެން ހުރެ ޒުހާން މަޑުމަޑުން ގޮވާލިއެވެ. އެއްވެސް އެއްޗެކޭ ނުބުނެ އެ ހުރިގޮތަށް ޔަމަކް ހުރީއެވެ. “ވަރަށް ހަނދާން ވާނެ ޔަމަކް މަތިން. އެންމެ ފަހަރަކުނަމަވެސް ހީލަބަލަ.” ޔަމަކް އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން ޒުހާން ޔަމަކްގެ އަތުގައި ހިފާ އޭނާއާ ވީ ފަރާތަށް އަނބުރާލުމަށް ފަހު ޔަމަކްގެ އަތުގައި ވަރަށް ލޯބި އަނގޮޓިއެއް އަޅުވާލަދިނެވެ. ތުނި ތުނި ވާރޭ ތިކި ޖަހަން ފެށީ ކޮންއިރަކު ކަމެއް ދެމީހުންނަކަށްވެސް ނޭގެއެވެ. ޒުހާން ހިފަހައްޓައިގެން ހުރި ޔަމަކްގެ ދޮން އަތްތިލާގައި ޖެހުނު ވާރޭ ތިކި ފެނުމުން ބޭ އިޚްތިޔާރުގައި ޔަމަކް އަށް ހިނިތުންވިތަން ފެނި ޒުހާންގެ ހިތް އުފަލުން ނަށައިގަތެވެ. ނަމަވެސް އެ ހިނިތުންވުމަކީ ޒުހާންއަށް ދިން ހިނިތުންވުމެއް ނޫންކަން އެގުނު ނަމަ އެ ހިތް ކުދި ކުދި ވީސް ކަން ގައިމެވެ.
5 Comments!
Comments are closed.

Me first
?
Heevanee nice vaanehen… wen nxt part.. good luck for the story???
Insha allah day after tomorrow next part. Thank you lotus ❤️
V v reethi ???… Heevey v interesting vaane henn ???… Waiting for next part