Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (ސަތުތިރީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
February 16, 2018 8 Mins Read
16 Comments

“އަސްލުވެސްތަ؟ އަފާފްއަށް ހިއެއްނުވޭތަ އޭނައަކީ ވެސް މި ރޭވުމުގެ ބައިވެރިއެއްހެން؟” ވިޔާމް ކޮށްލި ސުވާލުން އަފާފް ހުއްޓުން އެރިއެވެ. ވިޔާމް އެ ބުނި އެއްޗަކާމެދު ހިނދުކޮޅަކަށް ނަމަވެސް ވިސްނުނެވެ. އެހެނަސް ވިޔާމަކީ ކާކުކަން އެނގުންވީ ހިނދު އޭނައަށް ވާހަކަ ދެކެވުނެވެ.

 

“އަހަރެން އޮޅުވާލަން މަސައްކަތް ކުރުމަކީ ބޭކާރުކަމެއް. އަހަންނާ ދެކޮޅަށް ރޭވުމެއް ރާވަން ބޭނުންވާވަރަށްވުރެ ޝަރަފް އަހަރެން ދެކެ ލޯބިވާކަން އަހަންނަށް ޔަޤީން!” އަފާފް ސާބިތު އަޑަކާއެކީ ބުނެލިއެވެ. އެއާއެކު ވިޔާމްގެ ލުއި ހީލުމެއްގެ އަޑު އިވުނެވެ.

 

“ތިއީއޭ އަފޫގެ މައްސަލައަކީ. މިއޮތް ޒަމާނެއްގަ މީހަކަށް ތިހާވަރަށް އިތުބާރުކުރުމަކީ ގަމާރުން ކުރާކަމެއް. އަފާފް ވިސްނާލަބަލަ. ކީއްވެ ޝަރަފަށް މި ފާއިތުވި ހުކުރު ދުވަހު އަފާފްގެ ކައިރިއަށް ނާދެވުނީ؟ އަހަރެން ދަންނަ ގޮތުގަ ރިސޯޓުގެ މަސައްކަތުގަ އުޅޭ މީހުންނަށް ވެސް ޗުއްޓީވާނެ. އަދި ހަމަ ޔަޤީނުން ވެސް ޝަރަފަށް އޭނަގެ ވަޒީފާއިން ވެސް އެންމެ ދުވަހަށް ޗުއްޓީ ލިބޭނެކަން ޔަޤީން. އޭނަ އެދުވަހު އަފާފާއި ދުރުގަ ހުރެ މަސައްކަތެއް ނެތް ދުވަހެއް ހޭދަކުރީ ކާކާ އެކީބާ؟” ވިޔާމް ރާގަކަށް ކޮށްލި އެންމެ ފަހު ސުވާލުން އަފާފްގެ ހިތަށް ރުޅިވެރިކަމެއް ވެރިވިއެއްކަމަކު އެ ހިތަށް ނުތަނަވަސްކަމެއް ވެސް ވެރިވިއެވެ. ނުތަނަވަސްވީ ހުކުރު ދުވަހު ޝަރަފް ނާންނަންވީ ސަބަބު އޭނަވެސް އަފާފަށް ކިޔައިދީފައިނުވާތީވެއެވެ. ބިރުވެރި ޚިޔާލެއް އަފާފްގެ ސިކުނޑިއަށް ވެރިވި ވަގުތު ވިޔާމް އިތުރަށް ވާހަކަ ދެއްކިއެވެ.

 

“އަފާފަށް ހީވަނީ އޭނަ އޭނަގެ އަންހެނުންނާ ދުރުގަ ރޭތައް ހޭދަކުރަނީ ރޭ އަޅުކަމުގަ ހެންތަ؟ ހެހެ…..ބަލަ އެއީ ވެސް އަދި ހަށިތެރޭގަ ހޫނުލޭ ދައުރުވަމުންދާ ޒުވާނެކޭ! އޭނަ އެހެން މީހަކާ ރައްޓެހިވެގެން އުޅޭތާ މީ ކިހާ ދުވަހެއް؟ އަފާފްގެ ލޯ ކުރިމަތިން އޭނަ ކަމެއް ކުރިޔަސް އަފާފަށް ނުފެންނާނެތާ! އަފާފާ އޭނަ އިނީ އަފާފްގެ ފައިސާއަށްޓަކައި. އެހެން އެއްވެސް ސަބަބަކަށްޓަކައެއްނޫން. މިހާރު އެ ފައިސާ ލިބި އޭނަގެ އަމިއްލަ ވިޔަފާރިއެއް ފެށުނީމަ އޭނަ ރާވައިގެން ހުރީ އޭނަގެ އެ ބިޓާ އިންނަން. އެއީ ހޮޓް ކުއްޖެއް ހުވާ! އޭނަ އެ ހުކުރު ދުވަހުގެ ރޭ ވެސް ހޭދަކުރީ އެކުއްޖާއާ އެކީގަ ކަންނޭނ….” ވިޔާމަށް އެހާ ހިސާބަށް ވާހަކަ ދެކެވުނު ތަނާހެން ރުޅިން ރަތްވެފައިހުރި އަފާފް ދަތްކުނޑިވިކައިގެން ހުރެ ހަޅޭކެއް ލައްވާފައި އަތުގައި ހުރި ބާރު މިނަކާއެކީ ވިޔާމްގެ މޭމަތީގައި އެއްއަތް އަޅައި ކޮއްޕާލިއެވެ.

 

“ނިކުމެގެންދޭ!!!” އަފާފަށް އެހެން ބުނެލެވުނީ އޭނަ ހީކުރިވަރަށްވުރެ ހަރު އަޑަކުންނެވެ. އެ ހިނދު އޭނަގެ ރަތްވެފައިވި ލޮލަށް ކަރުނަތައް ވެސް ޖަމާވެފައިވިއެވެ.

 

“އައުޗް! ހާދަ މަޑު އަތެކޭ. އަދި އެއްފަހަރު ކޮއްޕާލަންވީއެއްނު؟” ވިޔާމް އޭނަގެ މޭމަތީގައި ފިރުމަމުން ލާނެތް ރާގަކަށް ބުނެލުމުން އަފާފްގެ ރުޅިވެރިކަން އިންތިހާއަށް ދިޔައެވެ.

 

“ތިކަހަލަ ލަދު ޙަޔާތް ކުޑަ މީހަކު ޝަރަފްގެ ބޮލުގަ ކިތަންމެ ގިނަ އިލްޒާމެއް އެޅުވިޔަސް އަހަރެން ދުވަހެއްގެ ކޮޅުން ވެސް ޤަބޫލެއް ނުކުރާނަން. ޝަރަފަކީ ވަފާތެރި ފިރިއެއް. ޝަރަފަށް އެނގިގެން އޭނަ އަހަންނަށް ދެރަގޮތެއް ނަހަދާނެ!” އަފާފް ހަރުއަޑުން އެ ބަސްތައް ބުނެލީ ޔަޤީންކަމާއިއެކީގައެވެ. ހަމައެކަނި ޝަރަފަށްޓަކައެވެ. ޝަރަފަށްޓަކައި އޭނަގެ ހިތުގައި އޮތް އިތުބާރެއްގެ ސަބަބުންނެވެ.

 

 

“އަފާފަށް މިއަދު ޤަބޫލު ނުކުރެވުނަސް އަދި ފަހުން އަފާފަށް އެނގޭނެ އަހަރެން މި ދެއްކީ ކިހާ ތެދު ވާހަކައެއްކަން.” ވިޔާމް މަޑުމައިތިރި އަޑަކުން އެހެން ބުނެ ނިމުނު ހިނދު އެ ހުސެއިން އެ ކޮޓަރީގެ ދޮރުމައްޗަށް އެރިއެވެ.

 

“ކީއްވެތަ މާ އަޑުހަރުވެގެން ތިއުޅެނީ އަފާފް؟” އެ ސުވާލު ކޮށްލި އިރު ހުސެއިންގެ އަޑުގައި ނުރުހުންތެރިކަމެއްވިއެވެ.

 

“ތި ވާހަކަ ދެން ހުރި މީހެއްގެ ކައިރިން އަހާ ބައްޕާ.” އަފާފް ތުރުތުރު އަޅަމުން ދިޔަ އަޑަކުން ބުނެލިއެވެ. ހުސެއިން ވިޔާމަށް ބަލާލިއެވެ.

 

“އަޅުގަނޑު ދެންމެ އަފާފް ކައިރީގަ ހާމަކުރީ އަޅުގަނޑަށް ޝަރަފާއި ބެހޭގޮތުން އެނގޭ ޙަޤީޤަތެއް. ޝަރަފް އުޅެނީ އެހެން ކުއްޖަކާ ރައްޓެހިވެގެން. ކޮންމެވެސް ކަމަކު އެ ރިސޯޓު އެޅޭ ރަށަށް ދިޔަ ދުވަހެއްގަ އަޅުގަނޑަށް އެކަން އެނގުނީ. އަފާފަށް ހެޔޮ އެދޭ މީހެއްވިއްޔާ އެ ވާހަކަ އަފާފާއި ޙިއްޞާ ކުރަންޖެހޭނެހެން ހީވެގެން އަޅުގަނޑު އެ ވާހަކަ ޙިއްސާކުރީ.” ވިޔާމް އެ ވާހަކަ ބުނެލީ، އޭނަ ޢާއްމުގޮތެއްގައި ބޭނުންކުރާ ރާގަށްވުރެ އަދަބުވެރި ރާގަކަށެވެ. އޭނަ އެ ވާހަކަ ސީދަލަށް ބައްޕަ ކައިރީގައި ބުނުމުން އަނެއްކާވެސް އަފާފްގެ ހިތަށް ބިރުވެރިކަމެއް ވެރިވިއެވެ. އޭނަ ހީކޮށްގެން ހުރީ ވިޔާމް ބައްޕަ ކައިރި އެ ‘ދޮގު’ ވާހަކަ ޙިއްޞާ ނުކުރާނެ ކަމަށެވެ. އެހެނަސް އޭނަ އެހާ މަޑުމައިތިރި ގޮތެއްގަ އެ ވާހަކަ ޙިއްޞާ ކުރުމުން އޭގައި ޙަޤީޤަތެއްވަނީތޯ އަފާފްގެ ހިތް ސުވާލުކުރަން ފެށިއެވެ.

 

“ކީކޭ؟! އެހެންވެ ދޯ މަ އޭނައަށް ގުޅާ ގިނަ ފަހަރު އޭނަގެ ފޯނު އެންގޭޖުގަ ވެސް ހުންނަނީ. އަދި ކިރިޔާތާ މި އެނގުނީ! އޭނައަކީ އެހެންވެއްޖެއްޔާ މަ ހީކުރި ވަރަށްވުރެ ވެސް ޖަނަވާރު މީހެއްދޯ؟ އަފާފްގެ ލާރި ކައިގެން އޭނަ އެހެން މީހެއްގެ ކައިރިއަށް އެ ދަނީ. މަ….” ހުސެއިންގެ ވާހަކަ މެދުކެނޑުނީ ރޮވެން ކައިރިވެފައި ހުރި އަފާފް ބައްޕާއޭ ކިޔައި ގޮވާލުމުންނެވެ.

 

“ޝަރަފަކީ އެކަހަލަ މީހެއްނޫން.” އަފާފަށް އެ ބަސްތައް ބުނެލެވުނީ ވައި އަޑުންނެވެ. އެއާއެކު ވިޔާމް މާޔޫސީ ގޮތަކަށް ފުން ނޭވައެއް ދޫކޮށްލި އަޑު އިވުނެވެ.

 

“އަފާފަށް އުނދަގޫވާނެ މި ވާހަކަ ޤަބޫލުކުރަން ހުސެއިނުބޭ. ވަގުތާއެކީ އަދި އަފާފަށް ވެސް އެނގިގެންދާނެ އިރާދަކުރެއްވިއްޔާ.” ވިޔާމް އެހެންވެސް ބުނެލީ މަޑުމައިތިރި އަޑަކުންނެވެ. އެއަށްފަހު އޭނަ ދާން ހިނގައިގަތީ އަފާފްގެ ހިތުގައި އާ ދަރަޖައެއްގެ ނުތަނަވަސްކަމެއް އުފަންކުރަމުންނެވެ. ވިޔާމްގެ ފިޔަވަޅުތަކުގެ އަޑު ކެނޑުނުތަނާހެން ބައްޕަގެ ރުޅިވެރި އަޑު އިވިގެން ދިޔައެވެ.

 

“ވިޔާމް ވަރަށް ނަހަދާނެ ދޮގެއް. އޭނަ އެބުނި ވާހަކަތަކަކީ ތެދެއްކަން ޔަޤީންވެއްޖެއްޔާ ހަމަ އެދުވަހުން އެދުވަހަށް އަފާފްޖެހޭނީ އޭނައާއި ވަރިވާންކަން ހަނދާން ބަހައްޓާތި.” ހުސެއިން އިންޒާރެއް ފަދައިން އެ ވާހަކަ ބުނެލަމުން އެތަނުން ދާން ހިނގައިގަތެވެ. އެ ހިނދު އަފާފްގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. ހިނދުކޮޅަކަށް ނަމަވެސް އޭނަގެ ދެފައިން ވާގި ދޫވާން އުޅުނު ކަހަލަ އިޙްޞާޞެއް އޭނައަށް ކުރެވުނެވެ. އެހެނަސް އޭނަ އަވަސްއަވަހަށް އޭނަގެ ކަރުނަތައް ފޮހެލަމުން ދިގު ފިޔަވަޅުތަކެއްގައި ރީތިވާ މޭޒު ހުންނަ ދިމާލަށް ދިޔައެވެ. އޭނަ ދިޔަލެއް ބާރުކަމުން އޭނަ ގޮސް އޭނަގެ އުނަގަނޑައި ހިސާބުން އެ މޭޒުގައި ގޮސް ޖެހި އޭނައަށް ތަދުވިއެވެ. އެހެނަސް އެ ތަދުގެ މަތިން ހަނދާން ނައްތާލަމުން އޭނަ އެ މޭޒުމަތީގައި އަތްލައި އޭނަގެ ފޯނު ނެގިއެވެ. މިހާތަނަށް އައިއިރު އޭނަ ވަނީ ފޯނު ހުޅުވައި ކީޕެޑް ވެސް ހުޅުވައި އޭގެއިން އެއްވެސް މީހެއްގެ އެހީއާނުލާ ޝަރަފްގެ ނަންބަރު ޖަހަން ވެސް ދަސްކޮށްފައި ކަމަށްވުމުން އޭނަ ސިކުންތުކޮޅެއްގެ ތެރޭގައި އެކަން ކުރިއެވެ. އެއަށްފަހު އެ ނަންބަރަށް ގުޅާލިއެވެ. އެ ފޯނުގެ ސްކްރީނަށް “ލޯބި” ގެ ނަން އެރި ތަނާހެން އަފާފް ފޯނު ކަންފަތުގައި ޖައްސާލިއެވެ.

 

**

 

މެންދުރުގެ އެ ހޫނު ވަގުތުގައި ޝަރަފް އަވީގެ ތެރެއިން ހިނގަމުން ދިޔައީ އަތިރިމައްޗާއި ކައިރީގައި އޮތް ކޮންސްޓްރަކްޝަން ސައިޓެއްގެ ކައިރިންނެވެ. އެ އަތިރިމަތީގެ އެކި ޞަރަޙައްދުގައި ޢިމާރާތްތަކެއްގެ ފުރަތަމަ ފިޔަވަހިތައް ފެންނަމުން ދިޔައިރު އޭގެ ތެރެއިން އެވަގުތު މަސައްކަތް ކުރެވެމުން ދިޔަތަން ފެންނަމުން ދިޔައީ ދެ ޢިމާރާތެއްގައެވެ. އަވީގެ ސަބަބުން ޝަރަފަށް އޭގެ ތެރެއިން އެއްޢިމާރާތަކަށް ބަލަން ހުރެވުނީ ދެލޯ ހަނިކޮށްގެންނެވެ. އޭނަގެ ނިތުންވެސް ދާހިއްލާފައިވިގޮތުން އޭނަވެސް އައީ ބުރަ މަސައްކަތެއްގައި ހުރެފައިކަން އެނގެއެވެ.

 

މި ވޭތުވެ ދިޔަ ދުވަސްތަކުގައި ޝަރަފާއި ނަބީހް ހަމައެކަނި މަސައްކަތުގައި އުޅުނު މީހުން މަސައްކަތް ކުރިގޮތް ބެލީއެއްނޫނެވެ. މީގެ އިތުރުން އެ މީހުން އެ މަސައްކަތު މީހުންގެ ބައެއް ކަންތައްވެސް ކުރަންޖެހުނެވެ. ސަބަބަކީ އެމީހުންނަށް މި މަސައްކަތަށްޓަކައި ލިބިފައިވީ އެހާ ރަނގަޅު ކޮންސްޓްރަކްޝަން ގްރޫޕަކަށް ނުވުމެވެ. ޝަރަފް އުއްމީދުކޮށްގެން ހުރީ ހުސެއިން މި ރިސޯޓަށްޓަކައި ފޮނުވާނީ އޭނަގެ ކުންފުނިން މީހުން ކަމަށެވެ. އެހެނަސް އޭނަ އެކަން ވިޔަ ނުދެއެވެ. އަފާފަށް އެކަން އެނގޭހެނެއް ޝަރަފަށް ހިއެއްނުވެއެވެ. އެ ނޫންނަމަ އަފާފް އޭނައަށް އެހީވީސްކަން އޭނައަށް އެނގެއެވެ. އެހެނަސް އޭނަ އަފާފް ކައިރި އެ ވާހަކަ ބުނެ އަފާފާއި އޭނަގެ ބައްޕަގެ ދެމެދުގައިވި ފާރަކަށް ވާކަށް ބޭނުމެއް ނުވިއެވެ. އޭނަގެ ސަބަބުން މިހާރު ވެސް އެދެމެދުގައިވި ގުޅުން ހީނަރުވެފައިވަނިކޮށެވެ. އެހެންކަމުން ޝަރަފް ނިންމީ ނަބީހާއި އެކީގައި ވެގެން އެހެން ގްރޫޕެއް ހޯދޭތޯ ބަލާށެވެ. އެކަން ކުރެވެންދެން ވެސް މަސައްކަތުގެ ބާރުމިން ހިފެހެއްޓޭތޯ ބެލުމަށްޓަކައި އޭނައާއި ނަބީހް ވަނީ ހަމައެކަނި ވަކަރު ބޭނުންކޮށްގެން ހަދަންއުޅޭ ކުޑަ ލޯންޖެއް ހެދުމުގެ މަސައްކަތް ފަށާފައެވެ. އޭރުވެސް ޝަރަފް ޢިމާރާތުގެ މަސައްކަތް ދާ ގޮތް ބަލަން އައީ އެ މަސައްކަތުގައި އުޅެފައެވެ.

 

ޝަރަފްގެ ޖިންސްގެ ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށީ އޭނަ މަސައްކަތުގައި އުޅެމުން ދިޔަ މީހަކު ގޯހެއް ހަދަން އުޅުނު ވަގުތު އޭނަގެ ސަމާލުކަން ހޯދައި ވާހަކަ ދައްކަން ފެށި ވަގުތެވެ. ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުންނާއި ދައްކަމުން ދިޔަ ވާހަކައިގެ ސަބަބުން އޭނަގެ ފޯނު ރިންގުވަމުން ދިޔަ ކަމެއް ޝަރަފަށް އެއްގޮތަކަށް ވެސް ރޭކާއެއްނުލިއެވެ. އެ ފޯނު ރިންގުވަމުން ގޮސް ކެނޑުނު ވަގުތުވެސް ޝަރަފް ހުރީ މަސައްކަތު މީހާއާއި ވާހަކަ ދައްކާށެވެ. އޭނައަށް ނޭނގި އޭނައަށް އެ ކުރެވުނީ ޚުދު އޭނަގެ ހިތަށް ވެސް ކިހާ އަސަރެއް ކުރާނެކަމެއްކަން އޭނައަށް ހިލަމެއްވެސް ނުވެއެވެ.

 

**

 

ފޯނު ރިންގުވަމުން ގޮސް ރިންގު ކެނޑި، ތި ގުޅުއްވަން އުޅޭ ނަންބަރުން މި ވަގުތު ޖަވާބެއް ނުދޭކަމަށް ބުނަން ފެށި ވަގުތު އަފާފަށް ދެލޯ މަރާލެވުނެވެ. ދެންމެ ވިޔާމް ބުނި ބަސްތައް އޭނަގެ ސިކުނޑީގައި ގުގުމަން ފެށުމުން އަފާފް އެ ފޯނު އޭނަގެ ކަންފަތުން ވަކިކޮށްލަމުން އަނެއްކާވެސް ޝަރަފަށް ގުޅާލިއެވެ. މިފަހަރު ވެސް ހަމަ އެއްބަސްތަކެއް ތަކުރާރުކޮށް އިވެން ފެށުމުން އަނެއްކާވެސް އަފާފް އޭނަގެ ކަންތައް ކުރިގޮތް ތަކުރާރު ކުރީ ހިތަށްވަމުން ދިޔަ އުނދަގުލެއްގެ ސަބަބުންނާއި ސިކުނޑިއަށް ވެރިވަމުން ދިޔަ ނުބައި ޚިޔާލުތަކުންނެވެ. މިގޮތުން 5 ފަހަރަށް އޭނައަށް ޝަރަފަށް ގުޅުނު އިރު ވެސް އެކޮޅުން ޖަވާބެއް ނުލިބުމުން އެންމެ ފަހުން މާޔޫސްވެގެން ދިޔަ ހިތަކާއެކީ އަފާފް އޭނަގެ ފޯނު ރީތިވާ މޭޒުމަތީގައި ބޭއްވިއެވެ. އެއަށްފަހު ގޮސް އެނދުމަތީގައި އިށީނެވެ. އެއާއެކު ޝައިޠާނާ އޭނަގެ ސިކުނޑި ޝައްކުތަކުން ފުރާލަން މަސައްކަތް ކުރިއެވެ. ޝަރަފް ފޯނު ނުނަގަނީ ވެސް ވިޔާމް ބުނިހެން އޭނަ އެހެން އަންހެނެއްގެ ކައިރީގައި ހުރީތީވެތޯ ހިތަށް އަރަން ފެށިއެވެ. ހަމަ ޙަޤީޤަތުގައި ވެސް ހުކުރު ދުވަހު ޝަރަފް އޭނަ ކައިރިއަށް ނައީ އެހެން އަންހެނެއްގެ ސަބަބުންތޯ ހިތަށްއެރިއެވެ. ވަޒީފާގައި އިތުރު ވަގުތުތައް ހޭދަކުރަނިއްޔޭ ކިޔާފައިވެސް އޭނަ ދައްކަނީ ބަހަނާތަކެއް ހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވީ ތަނާހެން ވީ އުނދަގުލާއެކީ އަފާފަށް އޭނަގެ ދެލޯ މަރައި ތަގުޅި ކޮށްލަމުން ބޯހޫރުވާލެވުނެވެ. އޭނައަށް ވަގުތުން މިއީ ވަސްވާސްތަކެއްކަން ނަގައިގަނެވުނެވެ. މިހާ ދުވަހު އޭނައަށް ލޯބިދީ ހުރިހާ ވަގުތެއް އޭނަގެ ޚިދުމަތަށްޓަކައި ހުސްކޮށްލި މީހަކު ކުއްލިއަކަށް އޭނައަށް ފަސްދޭންވީ ކީއްވެ ހެއްޔެވެ؟ އަދި އެއީ އެމީހަކީ އޭނައާއި ކައިވެނިކުރަން އެދިގެން ހުރެ ފުރުޞަތު ލިބުމުންވެސް އެ ކައިވެންޏަށް ހުރަސް އެޅޭނެ ފަދަ ޙަޤީޤަތެއް ހާމަކުރި މީހަކަށްވެފައި ވަނިކޮށެވެ. އަދި އޭނައަކީ ދުވަހަކުވެސް ދޮގެއް ހަދާފައި ނުވާ އަބަދުވެސް ﷲ މަތިން ހަނދުމަކޮށްދޭ މީހަކަށްވާ ޙާލުގައެވެ. މީގެއިން ކޮންމެ ޚިޔާލަކާއެކީ އަފާފަށް ހިތްހަމަޖެހުމެއް ލިބުނެއްކަމަކު އިތުރު ޝައްކުތަކެއް ވެސް އެ ހިތަށް ވެރިވަމުން ދިޔައެވެ. އެހެނަސް އެ ޝައްކުތަކުން ދުރުވުމަށް އަފާފް ވަރުގަދަ ޢަޒުމެއް ކަނޑައެޅީ ޝުކުރުވެރިނުވާ މީހަކަށް އޭނަ ނުވުމަށްޓަކައެވެ. އޭނަ ޝަރަފަށް މި ޝައްކުކުރަނީ ޝަރަފް އޭނައަށްޓަކައި ވެސް ވިސްނާފައި ކުރާ ބުރަ މަސައްކަތެއްގައި އޭނަ މަޝްޣޫލުވެފައިވަނިކޮށް ކަމަށްވާނަމަ އޭނައަށް ކުރެވޭނީ ކިހާ ބޮޑު ކުށެއްތޯ އޭނަގެ ހިތަށްއެރިއެވެ. އެއާއެކު މި ނޫނަސް ޝަރަފް އޭނަ ގުޅުމުން ފޯނު ނުނަގައި ހުރެފައި ފަހުން ގުޅާ ހަނދާން އާވުމުން އަފާފްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެއަށްފަހު އޭނަ ޝަރަފަށްޓަކައި ހެޔޮ ދުޢާކުރީ އޭނަ ޝަރަފްދެކެ ވާ ލޯބީގެ މަތިން އަމިއްލަ ހިތަށް އިޙްޞާޞްކޮށްދިނުމަށެވެ.

 

ކަންވެގެން ދިޔައީ ވެސް އަފާފް ހިތްހަމަޖައްސައިދިން ޚިޔާލާއި އެއްގޮތަށެވެ. އެދުވަހު ހަވީރު އަފާފް ޢަޞްރު ނަމާދުކޮށް ނިމުނުތަނާހެން އެނދުމަތީގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ކެތްމަދުވެފައިވާ ހިތަކާއެކީ ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން އޭނައަށް އެއްޗެކޭ ނުބުނެވެނީސް އެކޮޅުން ޝަރަފްގެ އަޑު އިވުނެވެ.

 

“އައްސަލާމްޢަލައިކުމް މަ ޕްރިންސޭސް!!” ޝަރަފް އޭނަގެ އަޑު ބަދަލުކޮށް ބޭރު ވިލާތެއްގެ މީހަކު ބޭނުންކުރާނެ ފަދަ ބަހުރުވައަކުން އެހެން ބުނެލީ، ވަރުބަލިވެފައިވިޔަސް ގަދަކަމުން އޭނަގެ އަޑުގައި ޖޯޝެއް އެކުލަވަމުންނެވެ. އޭނަ އެހެން ބުނެލި އަޑަށް އަފާފަށް ބޭއިޚްތިޔާރުގައި ހީލެވުނު ވަގުތު އޭނަގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ޖަމާވިއެވެ. ނޭނގޭ ސަބަބަކާހުރެ އެވަގުތު އޭނަގެ ހިތުން ހުރިހާ ޝައްކުތަކެއް ފިލައިދިޔައެވެ.

 

“ވަޢަލައިކުމުއްސަލާމް. ހުނ! ނުއުޅެމޭ. ކިހާއިރެއް ގުޅާތާ؟” އަފާފް ޝަކުވާގެ ރާގަކަށް އެހެން ބުނެލީ ސަމާސާއަކަށެވެ.

 

“ވަރަށް ބޮޑަށް މަޢާފަށް އެދެން ލޯބިވާ. ހަމަ ވަގުތެއް ނުވެގެން. ނުވެސް އެނގުނީ ގުޅި ކަމެއްވެސް. ދެން ރިންގް ޓޯނަކަށް އަޅާނީ ބޮމެއް ގޮވާ އަޑު. އޭރުން އިވޭނެތާދޯ؟ ލޯބި ރުޅިން ގޮސް ގޮވާ އަޑު.” ޝަރަފް ސީރިއަސް ރާގަކަށް އެހެން ބުނެލުމުން އަފާފް ރުޅިއައި ކަމަށް ހެދިގެން އޭނަގެ ކަރުތެރެއިން އަޑެއް ލެއްވިއެވެ.

 

“ބްވަހަހަހަ! ދެން ބާއްވަނީ އިނގޭ. އޮފީހަށް ދާ ގަޑިޖެހެނީ. މިހާރު މި އުޅެނީ ގައިން ދުވާ ނުބައި ވަހަކުން ހޮޑު ލަވައިގެން. ގޮޓް ޓު ގޯ. އަދި މިރޭ ގުޅާނަން އިން ޝާ ﷲ!” ޝަރަފް ބުންޏެވެ.

 

“އައްޗި! މީހުން ދައްކާ ވާހަކަތައްވެސް ދޯ؟ ބްލެހް! ދެން ހޮޑުލެވޭނީ ފޯނުން ތި ވާހަކަ ދައްކަން ހުރި މީހާ. އޭގެކުރިން ދާންއުޅޭ.” އަފާފަށް އެ ސަމާސާކޮށްލެވުނީ އޭނަގެ ހިނިތުންވުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުންނެވެ.

 

“ހެހެ….ބާއި. ލަވް ޔޫ.” ޝަރަފް ހިނިތުންވުމަކާއެކީ މަޑުމައިތިރި އަޑަކުން ބުނެލިއެވެ. އެ ވަގުތު އަފާފަށް ޝަރަފްގެ އެ ބަސްތައް ހިތުގެ އެންމެ ފުންމިނުން ޤަބޫލުކުރެވުނެވެ. އޭނައާއި މި ވާހަކަ ދައްކަނީ އޭނައަށްޓަކައި ފުން ލޯތްބެއްވާ މީހަކަށްނޫނީ ނުވާނެކަން އޭނައަށް ޔަޤީންވިއެވެ.

 

“ލަވް ޔޫ ޓޫ.” އަފާފްވެސް އެ ބަސްތައް ބުނެލީ މަޑުމައިތިރިކަމާއެކީގައެވެ. އެއަށްފަހު ފޯނު ކެނޑިގެން ދިޔައިރު އަފާފްގެ ހިތުގައި ޝަރަފަށްޓަކައިވި ލޯބި އިތުރުވެފައިވިއެވެ. މިފަހަރު އޭނައަށް ޝަރަފަށްޓަކައި ދުޢާކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.

 

**

 

އެރޭ ޝަރަފް އެހެން ރޭރެއަށްވުރެ އަވަހަށް އޮފީހުން ގެއަށް އައީ އެދުވަހު އޭނަ އެހާ ބުރަކޮށް އުޅުނީތީ އޭނަގެ ބުރަކަށީގެ ރިހުން ކެތްނުވާވަރަށް އިތުރުވެފައިވުމުންނެވެ. އެރޭ 12 ޖަހައި މިނެޓްތަކެއް ހިނގި ފަހުން ޝަރަފް ހުރީ އޭނައާއި ނަބީހް ކުއްޔަށް ހިފައިގެން އުޅޭ 3 ކޮޓަރީގެ ގޭގައެވެ. ޝަރަފްގެ ގައިގައި އެރޭ ކޮޓަރިއަށް ދެވޭނެހާ ވަރެއްވެސް ނެތެވެ. އެހެންކަމުން އޭނަ ގޮސް ސިޓިންގް ރޫމުގެ ސޯފާގައި ޖައްސާލިއެވެ. ފޯނު ނަގައި އަފާފަށް ގުޅަން ހިތަށްއެރިއެއްކަމަކު މިވަގުތު އަފާފް އޮންނާނީ ނިދަންބާއޭ ހިތަށްއެރިއެވެ. އެހެން ރޭރޭ އޭނަ ގުޅަނީ އޮފީހުގައި ހުރެ ލިބޭ ބްރޭކް ގަޑީގައެވެ. އެއީ މިގަޑިއަށްވުރެ އަވަސް ގަޑިއެކެވެ. ދެ ޚިޔާލެއްގެ މަތީގައި ނިންމާނެ ވަކި ގޮތެއް ނޭނގިފައި ޝަރަފަށް އިނދެވުނީ އޭނަގެ ފޯނުގެ ވޯލްޕޭޕާގައި ހުރި އަފާފްގެ ފޮޓޯއަށް ބަލަހައްޓައިގެންނެވެ. އޭނަ އެހެން އިންދާ އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނުން އިންޑިޔާގެ ނަންބަރެއް ފެނުމުން ޝަރަފް ކެތްތެރިކަން ކުޑަ ގޮތަކަށް ޝަރަފް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

 

“ހެލޯ ޑޮކް. އެނީ އަޕްޑޭޓް؟” ޝަރަފް އަހާލިއެވެ. އޭނަ މި ހުރިހާ ދުވަސްވީއިރު ވެސް އެއްވެސް މީހެއް ކައިރި ނުބުންޏެއްކަމަކު އޭނަ މެދުކެނޑުމެއްނެތި ދިޔައީ އަފާފްގެ ލޮލަށް ފަރުވާއެއް ހޯދައިދެވޭނެ ގޮތެއް ހޯދަމުންނެވެ. މިގޮތުން އޭނަ އަމިއްލައަށް އެކި ފޮތްތަކާއި ލިޔުންތައް ކިޔައިގެން އަފާފަށް ލިބިފައިވި އަނިޔާގެ ޒާތާއިމެދު ހޯދައި ބެލިއެވެ. އަދި އޭނައަށް އެނގުނުވަރަކުން އަފާފްގެ ޙާލަތު އެކި ޤައުމުތަކުގެ އެކި ޑޮކްޓަރުންނާއި ޙިއްޞާ ކުރަމުން ދިޔައެވެ. މި ހުރިހާ ދުވަސްވީއިރުވެސް އެއްވެސް އަލިމަގެއް ނުފެނުނެއްކަމަކު މި ފަހަރު އޭނަ ވާހަކަ ދައްކަމުން ދިޔަ ޑޮކްޓަރުގެ ފަރާތުން އޭނައަށް އުއްމީދެއް ލިބުނެވެ. ޑޮކްޓަރު ބުނި ގޮތުގައި އަނިޔާގެ އަސަރު މިހާ ދުވަސްވެފައިވީއިރު އިހުނަށްވުރެ ރަނގަޅުވެފައިވާނަމަ ސާޖަރީއަކުން އަނެއްކާވެސް ފެނުން އަނބުރާ ގެނެސްދެވިދާނެކަމަށެވެ. އެކަން ޔަޤީން ކުރުމަށްޓަކައި ބަލިމީހާއަށް ބައެއް ޓެސްޓްތަކެއް ހަދަން ޖެހޭނެ ކަމަށެވެ. ޑޮކްޓަރު އެދިން ޚަބަރުން ޝަރަފްގެ މޫނުމައްޗަށް ވެރިވީ އުޖާލާކަމުން ފުރިފައިވި ހިނިތުންވުމެކެވެ. އެ ހިނދު އަފާފް މި ޚަބަރުން އުފާވާނެ މިންވަރާއި ކޮންމެވެސް އެއްދުވަހަކުން އަފާފަށް އޭނަގެ ސޫރަ ފެނުމުން ވާނެގޮތް ޚިޔާލު ކުރެވުމުން ޝަރަފްގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ޖަމާވިއެވެ. އެއީ ނުހަނު ކައިރި މުސްތަޤްބަލެއްގައި ވެދާނެކަމެއްކަން އެނގުންވުމުން އޭނައަށް ވާހަކަ ދެކެވުނެވެ.

 

“ތެންކިއު ޑޮކްޓާރ. ވީ ވިލް މީޓް ޔޫ ސޫން އިން ޝާ ﷲ.” ޝަރަފް ބުނެލިއެވެ. އެއަށްފަހު އޭނައަށް ފޯނު ކަނޑާލުމަށްފަހު ވެސް ފޯނުން އަފާފްގެ ފޮޓޯއަށް ބަލައިގެން ހިނިތުންވުމެއްގައި އިނދެވުނެވެ. ނަބީހް އެތަނަށް އައީ އެ ވަގުތެވެ.

 

“ހޯވް! ހާދަ މިސްއެއް އެބަވެއޭދޯ؟” ނަބީހް އައިސް ޝަރަފްގެ ކައިރިއަށް ސޯފާއަށް ވެއްޓިގަންނަމުން ބުނެލިއެވެ. ޝަރަފް އޭނައަށް ބަލާލަމުން ލުއި ގޮތަކަށް ހީލިއެވެ. އެއަށްފަހު އަނެއްކާވެސް އަފާފްގެ ފޮޓޯއަށް ބަލާލަމުން އާނއެކޭ ބުނެލީ ހިންދިރުވާލަމުންނެވެ. އޭނަ ޙަޤީޤަތުގައި ވެސް އަފާފްމަތިން ކިހާ ހަނދާންވާކަން އެވަގުތު އޭނައަށް އެނގުންވިއެވެ.

 

“ތިއީ އަދި މިސްވުމެއް ނޫން އިނގޭ. މިސްވުމަކީ ކޮބައިކަން އެނގޭނީ ބޭބީއެއް ލިބުނީމަ. ބޭބީމަތިން އަދި ވަރަށް ބޮޑަށް މިސްވާނެ.” ނަބީހް ހިސާބެއްގެ ހިތާމަވެރި ހިނިތުންވުމަކާއެކީ ބުންޏެވެ.

 

“އެހެންތަ…..ނަބީހް ވަރަށް ހަނދާންވޭ ދޯ މާއިޝް މަތިން؟” ޝަރަފް ނަބީހަށް ބަލާލަމުން އަހާލިއެވެ. އެއާއެކު ނަބީހް އެއްދިމާލަކަށް ނަޒަރު ހުއްޓާލިއެވެ.

 

“ހަނދާންވޭ. އެކަމަކު ކުދިން ވަކި ޢުމުރަކަށް ދިޔައިމަ މަންމަމެން ބައްޕަމެންނާ ވާހަކަ ނުދައްކާނެދޯ؟ ހެހެ…..މާއިޝްގެ ފަރާތުން ސުވާލަކަށް ޖަވާބު ހޯދުމަކީ ވަކަރެއް ފެޅުންފަދަ ކަމެއް. އަހަންނާ ވަރަށް…ދް…ދުރުވާނެ އޭނަ. އެކަމާމެދު ޝަކުވާކުރުމުގެ ޙައްޤެއް އަސްލު އަހަންނަކަށް ނެތް. މާއިޝް އަހަންނާ ވާހަކަ ދައްކަން އުޅުނު ދުވަހު އަހަރެން އޭނަގެ ވާހަކަތައް އަޑުއަހާކަށް ނެތިން. މާއިޝް ކުޑައިރު ރީތި އެއްޗެއް ކުރަހައިގެން އަޔަސް އަހަރެން އެއަށް ނުބަލަން. އެހެންނޫނީ ރުޅި އައިސްގެން އަހަރެން އެއެއްޗެއް ވީދާލި ދުވަސްތައް ވެސް ދިޔަ. އޭނަ އަހަރެން ފޫހި ފިލުވުމަށްޓަކައި ވާހަކައެއް ކިޔައިދޭން އުޅުމުން ވެސް އަހަރެން އަޑެއް ނާހަން. އަހަރެން އެކަނި ފިލުވުމަށްޓަކައި އޭނަ އަހަންނާއެކީ ކުޅެން އުޅުމުން ވެސް އަހަރެން އޭނައާ ދިމާލަށް އެއްޗެހި ގޮވީ. ދެން ކީއްކުރަންދޯ އޭނަ އަހަރެން ކަހަލަ މީހަކާ ވާހަކަ ދައްކަންވީ؟” ނަބީހް އެހެން ބުނެލަމުން ދައްކާލީ ހިނިތުންވުމެއް ކަމަށްވިޔަސް އެ ހިނދު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. އެވަގުތު ޝަރަފްގެ ހިތުގައި ނަބީހަށްޓަކައި ޙަމްދަރުދީއެއް އުފެދުނެވެ. އޭނަ ނަބީހަށް ހިތްވަރު ދިނުމަށްޓަކައި އެއްޗެކޭ ބުނަން ބޭނުންވިއެއްކަމަކު ބުނަންވީ އެއްޗެއް ނޭނގުނެވެ. އޭނަގެ ދަރިފުޅެއް ނުއެއްހުރެއެވެ. ވީއިރު ނަބީހްގެ އިޙްޞާޞްތައް އޭނައަށް ތަޞައްވުރުވެސް ކުރެވޭނީ ކިހިނަކުންތޯ ޝަރަފްގެ ހިތަށްއެރިއެވެ. އޭނަ ހިތާހިތުން ނަބީހަށްޓަކައި ދުޢާކުރަން ފެށީ ވަގުތު ނަބީހް ވާހަކަ ދެއްކިއެވެ.

 

“ޝަރަފްއަށް ބޭބީއެއް ލިބުނު ދުވަހަކުން ޝަރަފް އެހެން ނަހަދައްޗޭ. ވީވަރަކުން ދަރިފުޅަށް ވަގުތުދޭތި. ދަރިފުޅު އުރާލައި ލޯބިވާކަން އަންގަދޭތި. އޭރުން އެމީހުން ވެސް ފަހުން ލޯބިދޭނީ. މާއިޝް ދުނިޔެއަށް އައިއިރު އަހަންނަށް މިކަން ވިސްނުނުނަމައޭ ހިތަށްއަރާ. އެކަމަކު ހަމަހޭގަ ނެތް މީހަކަށް ކިހިނެއްބާ ވިސްނޭނީދޯ؟ އަހަންނަށް މާއިޝް އެންމެ ފުރަތަމަ ފެނުނީ ވެސް އޭނަ ދުނިޔެއަށް އައިތާ 3 މަސްފަހުން. އެއީ މާ ބޮޑު ކަމެކޭ އޭރު ހިތަށްނާރާ. އެކަމަކު އެއީ މާއިޝްއަށް ވެސް ހާދަ ބޮޑު އަސަރެއް ކުރާނެ ކަމެކޭ. 3 މަސްވީއިރު ވެސް އޭނަގެ ބައްޕަގެ އަތުގެ ބީހުން އޭނައަށް އިޙްޞާޞް ނުކުރެވޭކަން….މާތް ﷲ މިއަޅާގެ ފާފަތައް ފުއްސަވާށި. އަހަރެން ޝަރަފްއަށް މި ވާހަކަތައް މި ކިޔައިދެނީ ޝަރަފަށް ޢިބްރަތަކަށްޓަކައި. އަހަރުމެންގެ ޙަޔާތަށް ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ބައެއް ދަރިންނަކީ. އަހަރުމެންނަށް ކެތްތެރިކަން ދަސްކޮށްދޭނެ ބަޔަކީ އެއީ. އަދި އަހަރުމެން ތައުބާވާން މެދުވެރިވާ ސަބަބަކީ ވެސް އެއީ ކަމަށްވެދާނެ. ހަމަގައިމުވެސް އަހަރެން އަހަރެންގެ ނުބައި އާދަތައް ދޫކުރަން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ އަހަރެންގެ ދަރިފުޅު އަހަންނާ ދުރުވާކަން އަހަރެންގެ ހިތަށް އިޙްޞާޞްކުރެވުން. ސުބްޙާނަ ﷲ.” ނަބީހް ބުންޏެވެ. ޝަރަފަށް ނަބީހް އެދެއްކި ވާހަކަތަކާއިމެދު ވިސްނިގެން ދިޔަދިޔަހެން އޭނައަށް އޭނަގެ މުސްތަޤްބަލާއިމެދު ވިސްނެން ފެށިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ލޯތްބެއްނެތް ގުޅުން (14 ވަނަ ބައި)

Next

ހިތާ ފުރާނައިން… (41)

Next
February 17, 2018

ހިތާ ފުރާނައިން… (41)

Previews
February 16, 2018

ލޯތްބެއްނެތް ގުޅުން (14 ވަނަ ބައި)

16 Comments!

  1. Jana says:
    February 16, 2018 at 11:34 pm

    Assalaam’alaikum. hama lahun dho mi genesdheveny? jana ves varah irritate ebavey mi kamaa hedhi. vaahaka avahah genesdheyn varah gina goiygoiy try kuramun midhany. adhives try kuramun dhaanan In Sha Allah. adhi ehdhuvahu kaamiyaabu vaane. next part Sunday ga In Sha Allah 🙂

  2. Nafoo says:
    February 17, 2018 at 12:05 am

    Wow.. Nice
    Masha alhah

    1. Jana says:
      February 17, 2018 at 11:36 am

      Alhamdhulillah! (All praise and thanks belong to Allah) 😀

  3. AyyA says:
    February 17, 2018 at 12:26 am

    Varah reeti mi part ves .reeti kanum comment nukohla nuhurevun.comment nukuriyas gavaaidhun .mi vaahaka kiyan.

    1. Jana says:
      February 17, 2018 at 11:36 am

      Alhamdhulillah! comment nukuriyas massala eh neh. faidhaa eh kuriyya e nimuny In Sha Allah.

  4. Pinky shifoo says:
    February 17, 2018 at 7:22 am

    Wow ❤️❤️❤️❤️… Mi part vx v v v reethi ????… Mi Story haadha reehchey Maasha Allah ????.. Keep up the good work jana ☺️☺️☺️☺️… Eagerly waiting for the next part…

    1. Jana says:
      February 17, 2018 at 11:38 am

      Alhamdhulillah! Jazaakillah Khairan for the support. hehe….Shifoo ge comment ah reply kuraa iru jana varah dheravey thikahala emojis thah beynun nukureveythy. laptop in reply kuraairu thihaa reethi ehchehi naaraa. but will give what i can 😀 😀 😀 🙂 🙂 🙂 <3 <3 <3

  5. xeybooo says:
    February 17, 2018 at 10:26 am

    nice ma sha allah…adhi wes sharaf athuga tattoo idheytha?

    1. Jana says:
      February 17, 2018 at 11:47 am

      Alhamdhulillah! aan xeyboo. eythi negi vaahaka eh neh dho? aslu jana varah thi kamaa medhu hoadhin. hoadhi hoadhumun engunu gothuga tattoo egothah jahaigen hure tawba veema eythi nufeliyas faafa foheveyne kamah In Sha Allah. ey eythi fohen jeheyny varah veyn alhaane kamegge therein. adhi ey ehaame agu bodu procedure eh. adhi e procedure nimunyma ves baeh faharu mulhin tattoo nufilaa vaahaka ves jana adu ehin. tawba veema kommehen ves tattoo filuvan jehenya tattoo jahaigen huri meehaku jehilunvaane dho tawba vaan? 🙂 adhives xeyboo sheikh egge kairin ahai saafukollun edhen In Sha Allah. jana ves adhives ithurah hoadhai ithuru update eh kiyuntherinnaai hama ah foarukohdheveytho balaanan In Sha Allah 🙂

      https://islamqa.org/hanafi/daruliftaa-birmingham/19600

  6. Jana says:
    February 17, 2018 at 11:34 am

    FB Post (English)

    “At a younger age your children crave your attention. When they get older you will crave their attention. But if you don’t give them attention when they are tiny, when they come to you with your toys and you say
    ‘Go in the room I’m watching the news’,
    ‘The game is on can you take him please?’
    ‘C’mon I had a long day at work, I don’t want to deal with this right now’,
    ‘I have friends over its embarrassing. Go to sleep! Go get out of here!’
    When you have this attitude towards your children, like they are an obstacle in your path, your job was at work when you come home you are on vacation. No! Your job began when you came home. That’s your job. What you did there was to fulfill your real job at home!”

    (The same goes for any kids present in our home though we ourselves aren’t the parents. When they seek our attention, we better give it to them, before its too late…)

    #Selfreminder

    https://www.youtube.com/watch?v=bKuqWSPsY78

  7. Jana says:
    February 17, 2018 at 11:35 am

    FB Post (Dhivehi)

    “ކުދިން ކުޑައިރު އެމީހުން އަހަރުމެންގެ ސަމާލުކަމަށް އެދެއެވެ. އެމީހުން ބޮޑުވުމުން އަހަރުމެން އެމީހުންގެ ސަމާލުކަމަށް އެދޭނަމެވެ. އެކަމަކު އެމީހުން ކުޑައިރު ތިބާ އެމީހުންނަށް ސަމާލުކަން ނުދީފިނަމަ، އެމީހުން ކުޅޭ އެއްޗެއްސާއެކީ އައުމުން ވެސް،

    “ކޮޓަރިއަށް ދޭ މި ގަޑީގަ މިހިރީ ޚަބަރުބަލަން!”

    “އެ މެޗު ފެށިއްޖެޔޭ މީނަ މިތަނުން ގެންގޮސްދެވިދާނެތަ؟”

    “އޮފީހުގަ އެހާ ބުރަކޮށް އުޅެފަ އަހަރެން މިއައީ. އަހަރެން ބޭނުމެއްނޫން މިގަޑީގަ މީނައާ ވާހަކަ ދައްކާކަށް.”

    “އަހަރެންގެ އެކުވެރިން ވެސް އައިއްސަ ތިއްބާ…ލަދުން ގޮސް ބޯ ހަލާކު. ނިދަން ދޭ! މިތަނުން ދޭ!”

    މިފަދަ ބަސްތައް ބުނެ ތިބާގެ ކުދިންނަކީ ތިބާގެ އުފާވެރިކަމާއި ހިތްހަމަޖެހުމަށް އޮތް ހުރަހެއް ކަމަށް ދެކި، ތިބާ އޮފީހުން އައުމުން އެއީ ތިބާގެ ‘ޗުއްޓީ’ ވަގުތު ކަމުގައި އެއްގޮތަކަށް ވެސް ދެކިގެންނުވާނެއެވެ. ތިބާގެ ވަޒީފާ ފެށިގެންދަނީ ގެއަށް ދިޔުމުންނެވެ. އޮފީހުގައި ކުރި މަސައްކަތަކީ ގޭގައި އޮތް ތިބާގެ ޙަޤީޤީ ވަޒީފާ ފުރިހަމަ ކުރުމަށްޓަކައި ކުރި ކަމެކެވެ.”

    (އަހަރުމެންގެ ކުދިން ނޫނަސް އަހަރުމެންގެ ގޭގައި އަހަރުމެންގެ ބެލުމުގެ ދަށުން އުޅޭ ކުޑަކުދިންނާމެދު ވެސް އަހަރުމެން ދެކެން ވާނީ މިފަދަ ގޮތަކަށެވެ. އެމީހުން އަހަރުމެންގެ ސަމާލުކަމަށް އެދޭ ކޮންމެ ފަހަރަކު އަހަރުމެން އެ ސަމާލުކަން ދޭންވާނެއެވެ. މާ ލަސްވުމުގެ ކުރިންނެވެ.)

    1. xeybooo says:
      February 17, 2018 at 11:50 am

      JAXAKALLAH..:)

  8. Berry says:
    February 17, 2018 at 4:25 pm

    Jana your stories are so beautiful?. Maa sha allah. Alhamdhulillahi?.and Fb Post thah hama varah kiyaa hithun kiyaa levey. Just wanna say keep your good work up?. May allah bless you and your family.✨✨✨

  9. Fiya says:
    February 17, 2018 at 5:05 pm

    Masha allh v reethi thi masekathugai barakai lavvashi

  10. Kuda Kamana says:
    February 17, 2018 at 5:59 pm

    miadhuge post kiyaafa varah dhera vejje. varah varah asaru koffi. masha allah vaahaka varah reethi. jazakillah khairan..

  11. Xxxx says:
    February 17, 2018 at 9:59 pm

    Maasha Allah varah furihama n with a v.good message

Comments are closed.

Next Episodeނޫރު (އަށުތިރީސްވަނަ ބައި)←


All Right Reserved!