Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީކުރުވާހަކަ

ހަޔާތުގެ ދަތުރު

riya Level 3100 Comments10 Stories
January 17, 2018 4 Mins Read
4 Comments

މޮޅަށް ކިޔަވައިގެން ބޮޑެތި މަގާމުތައް ފުރަމުންއަންނަ މީހުންގެ ފަރާތުން އަންހެންކުދިންނަށް ކެހި ލިބޭ ވާހަކަވެސް އަހަރެން އަޑުއަހައެވެ. ނަމަވެސް އެއީ އެކުދިންގެ މޮޔަކަން ކަމުގައި އަހަރެން އައީ އަބަދުވެސް ގަބޫލު ކުރަމުންނެވެ. މީހެއްގެ ފަރާތުން ކެއްސެއް ލިބިދާނެތީ ކުރިއަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅެއްވެސް އަޅުމުން ދިޔައީ ވަރަށް ވިސްނައި ދެކޮޅު ހޯދައި ބަލަމުންނެވެ.

ދާއިންއަކީ އަހަރެންނާއި އެއް ހިސާބު ގަނޑެއްގައި އުޅޭ ކުއްޖެކެވެ. އަހަރެން ސުކޫލަށް ގޮސް އައިސް ވާއިރު ފެނިދެނިވާ މޫނެކެވެ. އެހެން ރަށަކަށް ނިސްބަތްވާ، މާލޭގެ ގެދޮރުވެރިއެއް ނޫނެވެ. އޭނާގެ މައިންބަފައިންވެސް އޭނާ މާލެ ފޮނުވީ ރަނގަޅު ތައުލީމެއް ހޯދައި ދިނުމުގެ ބޭނުމުގައެވެ. އަހަރެންގެ ލޮލުގައި އޭނާ އަޅައިގަންނަންވީ ސަބަބެއް އަދި އަދަށްދަންދެންވެސް އަހަރެންނަށް ނުވިސްނެއެވެ. ދާއިންއަކީ ބަލާލަން މާރީތި މީހެއް ނޫނެވެ. އިސްކޮޅުގައި ފަސްފޫޓް ހަމަވެދާނެ ކަމާމެދުވެސް ޝައްކެވެ.

އަހަރެންގެ މަންމައާއި ބައްޕައަކީ ނިސްބަތްވަނީ އުތުރުގެ ރަށަކަށެވެ. އުމުރުން ހަތްއަހަރުގައި މަންމައާއި ބައްޕަގެ ދިރިއުޅުން ރޫޅި ދެވަނަ ކައިވެންޏެއް ކުރުމަށްފަހުވެސް ދިރިއުޅެން ގަސްތުކުރީ މާލޭގައެވެ. ކައިރި ކައިރީގައި މަންމައަށް ގިނަ ކުދިންތަކެއް ލިބުމުން މަންމައަށް އަހަރެން އުޅޭ ނޫޅޭގޮތް ބަލާކަށް ވަގުތެއް ނުވެއެވެ. އޮށްސޭއިރާއެކު ހުރިހާ ކުދިންނަށް ކާންދިނުމަށްފަހު ހަގު ދަރިފުޅު ތުނޑުލަށް ލައިގެން އޮށޯންނަ ތަނުން މަންމައަށް ނިދިދެއެވެ. އެއީ އަހަރެން ކޮންމެ ރެއަކުވެސް އިންތިޒާރު ކުރަމުން އަންނަ ވަގުތުކޮޅެވެ.

މޫނުގައި ރަތްފުށް ޖަހާލައިގެން އަހަރެންގެ ފަން އިސްތަށިގަނޑު ރީއްޗަށް އޮމާން ކޮށްލައިގެން ދޮރާށި މައްޗަށް ނިކުންނަނީ ދާއިން އަހަރެންނަށް ބަލާލާތޯއެވެ. އެހެން ކޮންމެ ރެއަކު ނިކުމެ ހުންނަން ފެނުމުން ދާއިންގެ ލޮލުގައި އަޅައިގަންނާކަށް މާގިނަ ދުވަހެއް ނުނެގިއެވެ. ބަދަލު ކުރެވެންފެށި ސިއްރުބެލުންތަކަށް ނިމުން އައިސް ދެމީހުން ލޯބީގެ ގޮތުން ގުޅި މާތައް ފޮޅުވަން ފެށި އިރު އަހަރެންގެ އުމުރުންވީ އެންމެ ސޯޅައަހަރެވެ.

ގްރޭޑް ހަތެއްގައި ކިޔަވަމުން އަހަރެން ސްކޫލުން ކެނޑުނީމެވެ. ވަގަށް ސިޓީލިޔެ މަންމަގެ ސޮއިކޮށްގެންނެވެ. އަހަރެން ސްކޫލަށް ވެއްދީ ވަރަށް ލަހުން ކަމަށްވުމުން އޭރު އަހަރެންނަށް ސަތާރަ އަހަރު ފުރިއްޖެއެވެ. މަންމައަށް އެކަން އެނގުމުން ވަރަށް ރުޅިއައެވެ. ނަމަވެސް ދެދުވަހެއްގެ ތެރޭގައި އެކަން އޮބިގެން ހިނގައްޖެއެވެ. ދެން ވިސްނަމުންދިޔައީ ކައިވެނި ކުރާނެ ގޮތަކާއި މެދުގައެވެ. ދާއިންއަކީ މަންމަ ކިތަންމެ ރުޅިއަންނަ ކުއްޖަކަށްވިޔަސް އަހަރެން އެނޫން ކުއްޖަކު ބޭނުމެއް ނޫނެވެ. އެއީ އަހަރެންގެ ހިތުގެ ހަމަޖެހުމެވެ. ފުރާނައިގެ ކާނާއެވެ.

ކައިވެނި ކުރަން ހުށަހަޅަންޖެހެނީ އުފަންދުވަހުގެ ސެޓްފިކެޓާއި ބައްޕަގެ ވަލީކަން އެނގުނު ހިސާބުން އެކަން ކުރުމަށް އަވަސްވެގަތީމެވެ. މަންމަ ގޭގައި ނޫޅޭ ވަގުތުތައް ބަލައިގެން އުފަންދުވަހުގެ ސެޓްފިކެޓް ހޯދީމެވެ. އަދި ކައިވެނީގެ ކުރަން ހުށަހަޅީމެވެ. ދެފަހަރެއްގެ މަތިން ބައްޕަ ވަލީ ދިނުމަށް އިންކާރުވެސްކުރިއެވެ. ނަމަވެސް ގާޒީ ދެއްކި ވާހަކަ ތަކަށްފަހު ކައިވެނި ކުރެވިއްޖެއެވެ. އަތަށް އެރި ކައިވެނީގެ ސެޓްފިކެޓާއެކު އަހަރެންނަށް ހީވީ އުދުއްސައި ގަނެވުނުހެންނެވެ. ދާއިންވެސް މިހާ އުފާވިހެންނެއް ހިޔެއްނުވެއެވެ. ދެން ޔަގީނުންވެސް އެކަކަށް ވެސް އަހަރެމެން ދުރެއް ނުކުރެވޭނެއެވެ.

އުފާވެރި ކަމުގައި ހަފްތާއެއްހާ ދުވަސްވެސް ފާއިތުވެގެނެއް ނުދެއެވެ. ހިސާބުގަނޑުގައި މަންމައަށް ވަގަށް ކައިވެނި ކުރި ވާހަކަ ދެކެވެން ފެށުމުން މަންމަ އެންމެ ފުރަތަމަވެސް ކުރިކަމަކީ އަހަރެންގެ އުފަންދުވަހުގެ ސްޓްފިކެޓް އޮތްތޯ ބެލުމެވެ. އޭރު އަހަރެންގެ ބޭނުން ނިމުމުން އެ ގެނެސް އެތަނަށް ލެވުނުކަން އެއީ އަހަރެންގެ ނަސީބެވެ. އެ ފެނުމުން މަންމަ ހިތްހަމަޖެހުނުކަން ޔަގީނެވެ. މަންމަގެ ދަރިއެއް އެފަދަ ކަމެއް ނުކުރާތީއެވެ.

ވަގަކަށް ހާސް ދުވަހެވެ ވެރިއަކަށް އެއްދުވަހޭ ބުނާ ބީދައިން ޖެހިގެން އައި ދުވަހު ހީނުކުރާ ކަހަލަ ގޮތަކަށް މަންމައަށް ބޭޒާރުވެއްޖެއެވެ. ބައްޕަ ގެއަށް އައީ އެކި ވައްތަރު ކާތަކެތި ހިފައިގެންނެވެ. އަދި މަންމައާއި ހަވާލު ކުރުމަށްފަހު އެއީ އަހަރެންގެ ކައިވެނީގެ ސައި ކަމުގައި ބުނެފައި ނިކުމެގެން ހިނގައްޖެއެވެ. އެހިސާބުން މަންމަ އަހަރެންނާއި ވާހަކަ ދެއްކުން ހުއްޓާލިއެވެ. އެއް ގޭތެރޭގައި އުޅޭއިރު އަހަރެން ފެންނަ ކަމަށް ހަދާ ނުލައެވެ. ނަމަވެސް އެއީ އަހަރެންދެކެ ނުހަނު ލޯބިވާ މަންމަކަން މިއަދު އަހަރެންނަށް އެނގެއެވެ.

ކައިވެންޏަށް ދެމަހެއްހާ ދުވަސްވީއިރު އަހަރެން ބަލިވާން ފަށައިފިއެވެ. ހުއްޓުމެއްނެތި ލެވެންފެށި ހޮޑުގެ ސަބަބުން އަހަރެން އިނީ އަހަރެންގެ ފުރަތަމަ ދަރިފުޅަށް ބަލިވެކަން ޔަގީންވިއެވެ. ބޯއެނބުރުމާއޮ ކާއެއްޗެއް އަރުން އެތެރެވުމާއެކު ހޮޑު ލެވެން ފެށުމުން ގައިގާ ހިރިލާނެ ވަރެއް ނުހުރެއެވެ. އޭރު ދާއިންވެސް ވީ އާމްދަނީ ހޯދުމަށް ކައިރި ރިސޯޓަކުން ވަޒީފާއެއް ހޯދައިގެން ގޮހެވެ. މިގޮތުގައި ދުވަސްތައް ހޭދަވެ އަހަރެންގެ ބަނޑަށް ހަތްމަހަށް އެޅިއިރު އަހަރެންގެ ބޮޑުދައިތަ މާލޭގައި އުޅެއެވެ. މަންމައާއި އަހަރެން، ދެމީހުން އެއްގަލަކަށް އެރުވޭތޯ ވަރަށް މަސައްކަތްކުރިއެވެ. އެދަތުރު ނިންމާލުމަށްފަހު ބޮޑުދައިތަ ރަށަށް ދަމުން ދިޔައީ އަހަރެންވެސް ގޮވައިގެންނެވެ.

އަހަރެންނަށް ދެވަނަ ކުއްޖާ ލިބުނު އިރުވެސް އަހަރެން އުޅެމުންދިޔައީ ބޮޑުދައިތަ ކައިރީގައެވެ. ހަތްއަހަރު އެރަށުގައި ހޭދަކުރުވުނު އިރު އަހަރަކު އެއްފަހަރު ދާއިންވެސް ރަށަށް އާދެއެވެ. ފައިސާ ގަވާއިދުން  ފޮނުވިޔަސް އެ ފޮނުވާ ފައިސާއިން ދަނީ ދެކޮޅު ޖެހޭ މަސްމަހާއި ނުޖެހޭ މަހެއެވެ. މަންމައާއި ރުޅިހަދާލައިގެން ވާހަކަ ނުދައްކާ ހުންނަން ކެތް ނުވެގެން އަނެއްކާވެސް މާލެދިޔައީމެވެ. މިފަހަރު އަހަރެން ހުރީ ދާއިންގެ ތިމާގެ ބައެއްގެ ކައިރީގައެވެ. އެތަނުގައި އުޅެމުން މަންމައާއި ވާހަކަ ދައްކައި މަންމަ ކައިރިން މައާފަށްވެސް އެދުނީމެވެ. ތިންވަނަ ދަރިފުޅަށް އަހަރެން ބަލިވެއިނީ އެދުވަސްކޮޅުގައެވެ. އަދި ދާއިންނާއި ދާއިންގެ ތިމާގެ މީހުންނާއި ޖެހުނު މައްސަލައެއްގައި އެގެއިން ނިކުންނަން ޖެހުމުން އަނެއްކާވެސް މަންމަ ކައިރިއަށް ދިޔައީމެވެ.

އޭރު މަންމަ އުޅެމުންދިޔައީ ދެކޮޓަރީގެ އެޕާޓްމަންޓެއްގައެވެ. އަހަރެންގެ އިތުރުން މަންމަ ހަކުދިން އުޅެއެވެ. އަހަރެންގެ ތިން ކުދިންނާއެކު އެތަނަށް ދިއުމުންވެސް ޖާގަ ކިތަންމެ ދަތިވި ކަމުގައިވިޔަށް މަންމަ އަހަރެންނަށް މަރުހަބާކިއެވެ. މާމަ ދަރިންނާއިގެން މަންމަ އުޅޭ ގޮތުން އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ.

މާލެ އާދެވުމުން ދެމަހުން އެއްމަހު ކަހަލަ ގޮތަކަށް ދާއިންއަށް ލިބޭ އޮފް ދުވަސްތައް އެއްކޮށްލައިގެން އަހަރެންނާއި ކުދިން ކައިރިއަށް ދާއިން އާދެއެވެ. ދުވަސްތައް މިގޮތުގައި ފާއިތުވަމުންގޮސް ތިންވަނަ ދަރިފުޅުވެސް ލިބި އެ ދަރިފުޅަށް އެއް އަހަރުވެއްޖެއެވެ. އޭރު އަހަރެންގެ ދޮށީ ދަރިފުޅު އުޅެމުން ދަނީ ގްރޭޑް ދެއެއްގައެވެ.

ދާއިން ރިސޯޓްގައި ހުރެފައި އަހަރެން ކައިރިއަށް އައި ފަހަރެކެވެ. އެފަހަރު ދިމާވީ ސްކޫލް ޗުއްޓީ ދުވަސްވަރާއެވެ. އަހަރެން ހުރީ ދާއިން ކައިރީ އެދިގެން ކުދިން ގޮވައިގެން ކައިރި ރަށަކަށް ގޮސް ލުމަށް ވިސްނައިގެންނެވެ. ނަމަވެސް ދާއިން މާލެ އައިތާ ދެވަނައަށްވީ ރޭ އަހަރެން ވަރިކޮށްފިއެވެ. ސަބަބެއް ކަމުގައި ބުނީ ކުދިންގެ ނަތީޖާ މާ ދަށްވީ ކަމުގައެވެ. އަހަރެންގެ މުޅި ދުނިޔެ ހުއްޓުނު ކަހަލައެވެ. މަންމައާއި ދެކޮޅަށް ނެގުނީ ކަތި ފިޔަވަޅުގެ ނަތީޖާ މިގޮތަށް ފެނިދާނެ ކަމަކަށް ހުވަފެނުންވެސް ފެނިފައެއްނުވެއެވެ.

ގޭގައި ދަރިންނާއި އެއްބަނޑު ކުދިން ކުރިމަތީގައި އަޑުން އަޑުނަގައި ރޯކަށް ނުކެރުނެވެ. ވާހަކަތައް ހިއްސާކޮށް ލަފާއަހާނެ އެކުވެރިއަކު ނެތެވެ. ހިތާމަތައް އެތެރެއަށް ހިންދައިގެން ހުރެވުނީ އެންމެ ދުވަހަކުއެވެ. އެންމެ ފަހުން ކެތްނުކުރެވިގެން ދާއިންގެ ފައިބުޑަށް ވެއްޓި އާދޭސް ކުރަންޖެހުނަސް ހެޔޮކަމަށް ވިސްނައި ދާއިންގެ ތިމާގެ މީހުންގެ ގެއަށް ދިޔުމަށް ނިކުތީމެވެ. އެގެއާއި ދާދި ކައިރިއަށް ދެވުނުތަނުން އެގޭ ދޮރު މައްޗަށް މަޑުކޮށްލި ހުދު ކުލައިގެ ޓެކްސީއިން ފޭބީ އަހަރެންގެ ދާއިންނެވެ. ނަމަވެސް ޒުވާން ޒަމާނީ ސްޓައިލަކަށް ހެދުން އަޅައިގެން ހުރި އަންހެން ކުއްޖެއްގެ އަތުގައި ހިފާލައިގެންނެވެ. އަހަރެން އެނބުރި އައި ކޮޅަށް ހިނގައިގަތީމެވެ. ދެން އެނބުރި ނުބަލަން ހިތުގައި ކަނޑައަޅައިގެންނެވެ. ނަމަވެސް ހިތަށް އެރިއެވެ. ވަރިކުރުމަށް އެނޫން ސަބަބެއް ދައްކަން ނޭނގުނީ ބާވައެވެ. ނޫނީ އަހަރެންދެކެ ފޫހިވީ ގޮތަށް ކުދިންދެކެ ވެސް ފޫހިވީ ބާވައެވެ.

އެރޭ ގެއަށް އަންނަނިކޮށް ދާއިންގެ ތިމާގެ މީހަކާ ދިމާވިއެވެ. އަހަރެން ވެފައި ހުރި ދެރައިން ދާއިން އެހެން އަންހެނން ކުއްޖަކާއެކު ފެނުނު ވާހަކަ ބުނެވުނެވެ. އެހިނދު އޭނާ ބުންޏެވެ. “މަންހާ ތިހާ އަރިފެޅި ދިގު ހެދުންތައް ބަދަލުކޮށްލާށެވެ. ޓޮޕަކާ ޖިންސަކާއި ލައިގެން ނިކުންނާށެވެ”. އެދުވަހަށް ފަހަކުން ދާއިންގެ ތިމާގެ މީހަކާވެސް ވާހަކަ އެއް ނުދައްކަމެވެ. ކޮންމެހެން މީހަކު ބަލާލާތޯ އަހަރެންގެ އަމިއްލަގޮތް ބަދަލުކުރަންޖެހޭ ހެއްޔެވެ.

ވަރި ސާބިތު ކުރުމަށްފަހު ކޯޓުން ކަނޑައެޅީ ކުދިން އަހަރެން ކައިރީ ތިބޭ ގޮތަށެވެ. ތިން ކުދިންގެ ހަރަދަށް މަހެއްގެ މައްޗަށް ތޭރަސަތޭކަ ވަރަކަށް ރުފިޔާ ކަނޑައެޅިއެވެ. އަދި އޭގެ އިތުރުން އަންނައުނާއި ބޭސްފަރުވާއާއި ސްކޫލަށް ބޭނުންވާ ތަކެތި ހޯދައި ދިނުމަށްވެސް އަމުރުކުރިއެވެ. ނަމަވެސް ކޯޓުން ކުރާ އަމުރުތައް އޮންނާނީ އޮންނަ ތާނގައޭ ބުނާ ބީދައިން ކޯޓަށް ދައްކަން މަޖުބޫރުވެފައިވާ ފައިސާ ކޮޅުނޫން އެއްޗެއް ދާއިން އޭނާގެ ދަރިންނަށް ދިއްކޮށްނުލައެވެ. ދަރިންގެ ހާލު ބަލާލުމަށް ފޯނު ކޯލެއްހާ ހިސާބުވެސް ކޮށްނުލައެވެ.

މަންމައާއި ބައްޕަ އަދި ދޮންބައްޕަވީ އަހަރެން ވެއްޓި އިނދަ ޖެހުނަނުދީ ހިފަހައްޓައިދިން ތަނބުތަކަކަށެވެ. އެމީހުންގެ ފަރާތުން ލިބުނު އެހީތެރިކަމާއެކު މިއަދު މިވަނީ އަހަރެންގެ ތިންކުދިންވެސް ބޮޑުވެފައެވެ. ދުވަހަކުވެސް އެކުދިންގެ ބައްޕަގެ ގޯސްވާހަކައެއް އެކުދިން ގާތުގައި ނުދައްކަމެވެ. އެންމެ ދޮށީ ދަރިފުޅު ވަޒީފާގައި އުޅެމުން އަންނައިރު ދެން ތިބި ދެކުދިން ދަނީ މަތީ ތައުލީމް ހާސިލް ކުރަމުންނެވެ. ހަގު ދަރިފުޅު ސްކޫލް ދިހައެއް ނިންމައި، އެސްކޫލުގެ އެންމެ މޮޅު ދަރިވަރު ކަމުގައި އިއުލާން ކުރެވުނު ދުވަހު އުފަލުން ލޮލުން ކަރުނަހިލުނެވެ. ނަމަވެސް އެއީ އުފާވެރި ކަމުގެ ކަރުނައެވެ. ނަތީޖާ ދައްވެގެން ދޫކޮށްފައި ދިޔަ މީހަކަށް ޖަވާބު ދިނުމަށް އެވަރު ނުފުދޭ ހެއްޔެވެ. ތިން ކުދިންނާއެކު މިއަދު އަހަރެން ވޭތު މިކުރަނީ އުފާވެރި ދިރިއުޅުމެވެ. އަހަރެންގެ ދިރިއުޅުމުގައި ދެން ދާއިންއަކަށް ޖާގައެއް ނެތެވެ. ނަމަވެސް ދަރިންގެ ގާތުގައި އަހަރެން އަބަދުވެސް ބުނަމެވެ. ބައްޕަ އަދި އަންނާނެއެވެ. އެދުވަހަކުން އެބައްޕައަށް ހެޔޮކޮށްހިތާ އަޅާލަންވާނެއެވެ.

ނޯޓް:މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

(ނިމުނީ)

Share Article

Follow Me Written By

riya

Level 3100 Comments10 Stories

Other Articles

Previous

ޒާރާ (9)

Next

ހުންނާށޭ ގާތުގައި 3

Next
January 17, 2018

ހުންނާށޭ ގާތުގައި 3

Previews
January 17, 2018

ޒާރާ (9)

4 Comments!

  1. Anaa says:
    January 17, 2018 at 7:32 am

    V iburaitheri nd nice

  2. Sana says:
    January 17, 2018 at 3:18 pm

    Waau varah habeys story eh ????????

  3. Nash says:
    February 21, 2018 at 11:31 pm

    Varah reethi…

  4. Faathimath says:
    May 29, 2018 at 5:18 pm

    Varah reethi…

Comments are closed.



All Right Reserved!