Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ވަންހަނާ ފެށުން

shan Level 410 Stories100 Comments500 Comments100 Login
December 2, 2017 6 Mins Read
47 Comments

(މިއީ ހަޤީޤީ ހާދިޘާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީވާހަކައެކެވެ.)

ސަފީނާ އިނީ ކޮޓަރީގައެވެ. އެނދުގައި އިށީނދެލައިގެން، ފާރުގައި ލެނގިލައިގެންނެވެ. ސަފީނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ދެލޮލުގައި ދިރުމެއްނެތެވެ. މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. ލޮލުގެ ހިމަކޮޅުން ކަރުނަ ފައިބަމުން ދިޔައެވެ. ކޮންމެސްކަމަކާ ފިކުރުކޮށް ހިތާމަކުރަނީކަން ޔަޤީނެވެ. އެކަން ދެނަހުރި މީހަކު މިދުނިޔެމަތީގައި ހުރިހެނެއް ހިޔެއްނުވެއެވެ.

“..ދެން މިކަންތައް އިސާހިތަކު އެންމެނަށް އެނގިދާނެ.. އޭރުން ދެން އަހަރެން..” ސަފީނާ ކޮއްޅަށް ތެދުވެ، ބަނޑުގައި އަތް ޖައްސާލަމުން ލޯމަރާލިއެވެ.

ފިރިމީހާ ކުއްލިގޮތަކަށް ނިޔާވުމާއެކު ސަފީނާ އެނބުރި ރަށަށްއައީ ހުރިހަމައެކަނި ދަރިފުޅަށްޓަކައެވެ. ދައްތަ ސޮފިއްޔާގެ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އޮތްލެއް ބޮޑުކަމުންނެވެ. ސަފީނާ އުންމީދުކުރި ގޮތަށް ދައްތަގެ އެއްބާރުލުން އޭގެ އެންމެފުރިހަމަ ގޮތުގައި ލިބުނެވެ. މައިންބަފައިގެން ދުނިޔޭގައި ދައްތައަށް ދީފައިވާ ގެއިން ބޯހިޔާވަހިކަން ލިބުނެވެ. ދަރިފުޅަށާއި ސަފީނާއަށް ކާންބޯން ލިބުނެވެ. ނަމަވެސް އެގެއިން ލިބެން ބޭނުންވި ރައްކާތެރިކަމާ ހިމާޔަތެއް ސަފީނާއަކަށް ނުލިބުނެވެ.

ސޮފިއްޔާ ކުއްލިއަކަށް ކޮޓަރި ދޮރު ހުޅުވާލިއެވެ. ސަފީނާއަށް ލޯ ހުޅުވާލެވުނެވެ. މޫނު އެއްފަރާތަކަށް އަނބުރާލަމުން ކަރުނަތައް ފޮހެލިއެވެ. އަދި ސޮފިއްޔާއާ ދިމާއަށް ބަލާލަމުން ހިނިތުންވެލިއެވެ.

“..ދައްތާ ކިހިނެއް..” ސަފީނާ ބަސްހުއްޓުނީ ދައްތަގެ މޫނުމަތީ ކުލަވަރު ފެނުމުންނެވެ. ސަފީނާ ފަރުވާތެރިކަމާއެކު ދައްތަގެ މޫނަށް ބަލާލިއެވެ.

“..ރަށުތެރޭގައި މިކިޔަނީ ތެދުވާހަކަތަކެއްތަ؟..” ސޮފިއްޔާ އެހިއެވެ.

ސަފީނާގެ ހިތުގައި އުފެދިގެން ދިޔަ ބިރުވެރިކަމާއެކު ގައިން ހީބިހި ނަގައިގެންދިޔައެވެ. ހިތުގެ ތެޅުން އެތައްގުނައަކަށް އަވަސްވެގެންދިޔައެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި އެތަކެއް ދާތިކިތަކެއް މޫނުމަތިން ފާޅުވެއްޖެއެވެ. ސަފީނާއަށް ވެގެން އުޅޭގޮތް ވިސްނިއްޖެއެވެ. ދައްތައަށް ސަފީނާގެ ބަނޑުގައި ނަހަލާލު ދަރިއަކު އުފެދެމުން އަންނަކަން އެނގުނީއެވެ. ރަށު ތެރޭގައި ދެކެވެމުންދާ ވާހަކަތައް ދައްތަގެ ކަންފަތާ ހަމައަށް ފޯރީއެވެ. ދައްތައަށް އެހަޤީޤަތް ބޭޒާރުވާނެކަން މާކުރިންވެސް ސަފީނާއަށް އެނގުނެވެ. ހިތާމައަކީ އެކަމުގައި ސަފީނާގެ އެއްވެސް ކުށެއްނެތްކަން ސޮފިއްޔާއަށް ނޭގޭކަމެވެ.

“..ސަފީނާއާއޭ މަމި ވާހަކަ ދައްކަނީ..” ސަފީނާ އަނގައިން ނުބުނެ ހުރުމުން ސޮފިއްޔާ އަނެއްކާވެސް ބުނެލިއެވެ. “..މަމި އަހަނީ އެއީ ތެދެއްހޭ..”

ސަފީނާ ބިރުންހުރެ މަޑުމަޑުން ބޯ ޖަހައިލިއެވެ. ސޮފިއްޔާ ބާރު ހިނގުމުގައި އައިސް ސަފީނާގެ ކަންކަށިމަތީގައި ޖެހިއެވެ. ސަފީނާ ރޯންފެށިއެވެ.

“..ހުންނަ ގޮތް ކުޑަކަން..” ސަފީނާ އަތުގައި ހިފައި ދަމައި ގަންނަމުން ސޮފިއްޔާ ބުންޏެވެ. އަދި އަތުގައި ހިފާ ދަމަމުން ގެނެސް މެދުގެ ތެރެއަށް ހޫރާލިއެވެ.

“..މުޑުދާރު އަންހެނާ ހަމަމިހާރު މިގޭން ނުކުމޭ.. ރައްކާވޭ..” ސޮފިއްޔާގެ އަނގައިން ބޭރުވެގެންދިޔަ ވިހަގަދަ ބަސްތައް ސަފީނާގެ ހިތް ތޮރުފާލިއެވެ.

“..ދައްތާ.. އަހަރެންގެ ކުށެށް..” ސަފީނާއަށް ގިސްލަމުން ބުނެވުނީ އެހިސާބަށެވެ.

“..މަށަށް ދައްތަ ކިޔާނެކަމެއް ނެތް.. ޗީ..” ސޮފިއްޔާ ބާރަށް ބުނެލިއެވެ. “..އޭނ.. މުޅި ރަށުގަ ކަލޭގެ ވާހަކަ.. ލަދުން ބޯ ފަޅައިގެންދާ ވަރުވޭ..”

ސަފީނާއަށް ދިފާޢުގައި ދެއްކޭނެ ކިތަންމެ ވާހަކައެއް ހުއްޓެވެ. އެކަމުގައި އޭނާގެ އެއްވެސް ކުށެއް ނެތްކަން އަންގަދޭން ބޭނުންވިއެވެ. ސަފީނާ ވާހަކަ ދެއްކޭތޯ މަސައްކަތްވެސް ކުރިއެވެ. ނަމަވެސް ސޮފިއްޔާ ހަޅޭ ލަވައިގަތުމުން އަނގަ ބަންދުވީއެވެ. ސަފީނާގެ ލޮލުން އެތަކެއް ކަރުނަތަކެއް ފައިބަންފެށީ އެއްވެސް އިޙްތިޔާރަކާ ނުލައެވެ. އެއިން ކޮންމެ ކަރުނަ ތިއްކެއްގެ ފަހަތުގައި ފޮރުވިފައިވާ ހަޤީޤަތް ސޮފިއްޔާއަކަށް ނުފެނުނެވެ. އެދެލޮލުން ފެނުނު ހިތާމައާއި ކުރަމުންދިޔަ އާދޭސްތަކާމެދު ވިސްނާކަށް ބޭނުމެއްވެސްނުވިއެވެ. ސޮފިއްޔާއަށް ޤަބޫލްކުރެވުނީ ރަށުތެރޭގައި މީހުން ދެއްކި ވާހަކަތަކެވެ. ސަފީނާ ދައްކަން ބޭނުންވި އެއްވެސް ވާހަކައެއް އަޑުއަހާކަށް އޭނާ ބޭނުމެއްނުވިއެވެ. އަދި ސަފީނާއަށް ވާހަކަ ދެއްކުމުގެ ފުރުޞަތެއްވެސް ނުދިނެވެ.

“..ދައްތާ ހެޔޮނުވާނެ.. އަހަރެންނަށް ތިހެން ނުހަދާ.. އަހަރެން ދާނީވެސް ވަކި ކޮންތާކަށް..” ސަފީނާ ރޮމުން ރޮމުން ސޮފިއްޔާގެ ދެފައިބުޑަށް ތިރިވެ އާދޭސްކުރަންފެށިއެވެ. ނަމަވެސް އެ އާދޭސްތަކުގައި ސޮފިއްޔާ ޖެހީ ކޮޅުފައިންނެވެ.

“..މަށަށް ވަރިހަމަ ކަލޭ ކޮންމެ ތާކަށް ދިޔަސް.. ނުކުމެގެން ރައްކާވޭ.. މިރޭ އިރު އޮއްސުމުގެ ކުރިން ކަލެޔާ ކަލޭގެ ދަރި މިގޭން ނުކުމެގެން ނުގޮސްފިނަމަ މަމީ ނުބައި މީހެއްކަން އަންގާލާނަން..” ސަފީނާ ކުރަމުންދިޔަ އާދޭސްތަކާއި އޮހޮރަމުން ދިޔަ ކަރުނަތަކުން ސޮފިއްޔާއަށް އަސަރެއް ނުކުރިއެވެ.

“..ދައްތާ އަހަރެން ފާފައެއް ނުކުރަން.. އެމީހުން އެހަދަނީ ހުސްދޮގު.. ދައްތައަށް ތިވަނީ ހަޤީޤަތް އޮޅިފަ..” ސަފީނާ ސޮފިއްޔާގެ އަތުގައި ހިފެހެއްޓިއެވެ. އެޔާއެކު ސޮފިއްޔާ އަތް ފޮޅުވާލިއެވެ.

“..މަށަށް ކިޔާދޭންޖެހޭ ހަޤީޤަތެއް ނެތް..” ސޮފިއްޔާ ހަޅޭލަވައިގަތެވެ. “..ކަލޭ ހަށި ވިއްކާ ވާހަކަ މުޅި ރަށުގަ އެދައްކަނީ.. ލަދުން ބޯފަޅައިގެންދާވަރުވޭ.. އެމީހުން އެދައްކަނީ ތެދު ވާހަކަތަކެއް ނޫންނަމަ ކަލޭ ބަނޑުބޮޑު ވާންވީ ކީއްވެ.. ބުނެދީބަލަ.. ޖަވާބުދީބަލަ.. ކަލޭގެ ބަނޑުގަ ތިއޮތީ ކާކުގެ ދަރިޔެއްކަން ބުނެދެވިދާނެތަ؟ ކަލެޔަށް މިސުވާލްގެ ޖަވާބު ދެވިދާނެތަ؟..”

ސަފީނާ އިސްޖަހާލިއެވެ. ރަށުތެރޭގައި ދެކެވުން ހުރިހާ ވާހަކަތަކަކީ މީހަކު އެރުވި އަޑުތަކެއްކަން ސަފީނާއަށް އެނގެއެވެ. އޭނާއަށް ދިފާޢުގައި ދެއްކޭނެ ކިތަންމެ ވާހަކައެއް ހުއްޓެވެ. ނަމަވެސް ދަރިފުޅު ނިހާއާމެދު ވިސްނާލާފައި އެވާހަކަތައް ދެއްކުމަށް ފަސް ޖެހެވުނީއެވެ. ސަފީނާއަށް މިވަގުތު އެންމެ މުހިންމީ ދައްތަގެ ރުޅި މައިތިރި ކުރުމެވެ. އެކަންވާނީ ހަމަހިމޭނުން ހުރެގެންނެވެ. ނޫންނަމަ ސަފީނާއާއި އޭނާގެ ދަރިފުޅު މަގުމަތިވެދާނެއެވެ. އެހެންވެއްޖެނަމަ ހުރިހާ ގެއްލުމެއް ލިބޭނީ ނިހާއަށެވެ. މިދުނިޔޭގައި އެދެމައިންނަށް އެހީތެރިކަމެއް ފޯރުކޮށްލަދޭނެ ސޮފިއްޔާ ނޫން އިތުރު މީހަކު ނެތެވެ. ސަފީނާ މިހުރިހާ ދުވަހުވެސް އަނގަ ބަންދުކޮށްގެން ހުރީވެސް އެސަބަބުތަކާހުރެއެވެ.

“..އެހެންވީމަ ހަޤީޤަތް މަށަށް އިތުރަށް ބުނެދޭން ހަދާނެކަމެއްނެތް.. ބަނޑުގަ ތިއޮތް ދަރިފުޅުގެ ބަފާ ކައިރިއަށް ރައްކާވޭ..” ސޮފިއްޔާ ފަހުބަސް އިއްވާލުމަށްފަހު އަތުގަ ހުރި ބާރަކަށް ދޮރުލެއްޕިއެވެ.

ވަގުތަކީ މެންދުރުގެ އެންމެ އަވި ބާރު ވަގުތެވެ. ސަފީނާ ގިސްލަމުން ބޭރަށް ނުކުތެވެ. ގޭ ދޮރުމަތީގައި ހުރި ޖޯލިފަތީގައި ސަފީނާ އިށީނެވެ. ދައްތަ ނުކުންނާނެ އިރަކަށް އޭނާ އިންތިޒާރުކުރިއެވެ. ދައްތަ ރުޅިގަނޑު ފިނިވުމުން ބަލާ އަންނާނެކަމަށް ސަފީނާ އުންމީދުކުރިއެވެ. ނަމަވެސް އަޞުރު ނަމާދު ބަންގި ގޮވައިގެން ދިޔައިރުވެސް ދައްތަގެ ޚަބަރެއްނުވިއެވެ.

“..މަ ބުނިގޮތަށް ކަންތައްކުރިނަމަ ތިހެނެއްނުވީސް..” ސަފީނާ ސިހިގެން ދިޔައީ އިލްހާމްގެ އަޑުއިވުމުންނެވެ. އެއީ އެބިރުވެރި އަޑެވެ. އޭނާގެ ދިރިއުޅުން ހަލާކުކޮށްލި ފިރިހެނާގެ އަޑެވެ. މިއަދު ސަފީނާ މަގުމަތިވެ މުޅި ރަށަށް ބަދުނާމްވެފައި އެވަނީ އިލްޙާމްގެ ސަބަބުންނެވެ. ސަފީނާގެ ފިރިމީހާ ވަސީމްގެ ކުއްލި މަރުގެ ފަހަތުގައިވެސް ވަނީ އިލްހާމްކަން ސަފީނާއަށް އެނގެއެވެ. އިލްހާމް ފަންޑިތަހަދައިގެން ވަސީމް މިދުނިޔެއިން ނެތިކޮށްލީ ސަފީނާ ކިބައިން ބަދަލުހިފުމަށްޓަކައެވެ. އިލްހާމް ހުށަހެޅި ލޯތްބަށް ފުރަގަސްދިނުމަށްފަހު، ވަސީމްއާ އިނދެގެން ރަށުން ފުރައިގެން ދިޔުމުން ސަފީނާ އެނބުރި ރަށަށް ގެނައުމުގެ ބޭނުމުގައެވެ. ސަފީނާއަށް ހުރިހާ ހަޤީޤަތެއް އެނގިހުރެ ރަށަށް އައީ އެދެމައިންނަށް އެހީތެރިކަމެއް ފޯރުކޮށްލަދޭނެ މީހަކުނުވުމުންނެވެ. ވަސީމްގެ މައިންބަފައިން ސަފީނާއަށް ނަފުރަތުކޮށް ގެއިން ނެރެއެއްލާލުމުން ދާނެއިތުރު ތަނެއްވެސް ނެތުމާއެކުއެވެ. އިލްހާމް އައިސް ޖޯލީގައި އިށީނެވެ. ސަފީނާ އިސްޖަހަލައިގެން އިންގޮތަށް އިނީއެވެ.

“..މަށާއެކު އިންޑިއާއަށް ދާން އެއްބަސްވިނަމަ..” ސަފީނާގެ ކަންފަތްދަށުގައި އިލްހާމް ވައި އަޑުން ބުނެލިއެވެ. “..ރަށަށް ބަދުނާމެއްވެސް ނުވީސް.. ތިގޮތަށް މަގުމަތިވެފަ އިންނާކަށްވެސް ނުޖެހުނީސް..”

ސަފީނާ އެބަދުނާމުން ސަލާމަތްވުމަށް އިލްހާމް ފުރުޞަތުދިނެވެ. އިލްހާމްއާއެކު އިންޑިޔާއަށް ގޮސް ކުއްޖާ ވައްޓާލުމަށް އެހީތެރިވެދިނުމަށް އިލްހާމް ހުރީ ތައްޔާރަށެވެ. ސަފީނާ ފާޅުގައި އެކަމާ ދެކޮޅު ހެދިއެވެ. ދެން އިލްހާމް ދިނީ އިންޒާރުތަކެކެވެ. މުޅި ރަށަށް ބަދުނާމްކޮށްލާނެ ކަމުގެ އިންޒާރެވެ. ދަރިފުޅު ނިހާއާއެކު މަގުމަތިވާނޭ ކަމުގެ އިންޒާރެވެ. ނަމަވެސް ސަފީނާގެ ނިންމުން ބަދަލެއް ނުކުރިއެވެ. އެންމެފަހުން އިލްހާމް ބުނިގޮތަށް ސަފީނާ މުޅި ރަށަށް ބޭޒާރުކޮށްލީއެވެ. އިލްހާމް އެހުރިހާ ވާހަކަތަކެއް ސަފީނާއަށް ހަނދާންކޮށްދެމުން ދިޔައެވެ. ސަފީނާ އެހުރިހާ ވާހަކަތަކެއް އަޑު އަހަމުން ދިޔައިރު އެތެރެހަށީގައި ރޯވަމުންދިޔަ ނަފުރަތުގެ އަލިފާންގަނޑުން ހޫނު އަރަމުންދިޔައެވެ. އަވަސްނޭވާތަކެއް ލެވެމުން ދިޔައިރު ދަތްޕިލަދިޔައީ ފިތި ބާރުވަމުންނެވެ. ދެއަތް މުއްކެވި ލޭ ހޫނުވަމުންދިޔައެވެ. އެވަގުތު އިލްހާމް ސަފީނާގެ އަތުގައި ހިފާލުމާއެކު ސަފީނާއަށް ތެޅިގަނެވުނެވެ. ކުއްލިއަކަށް ދެލޯ ހުޅުވިގެންދިޔައިރު ބޭއިޚްތިޔާރުގައި ކޮއްޅަށްވެސް ތެދުވެވިއްޖެއެވެ.

“..ފަހުފަހަރަށް ތި ހަށިގަނޑުގެ މީރުވަސް ބަލައިލަން ބޭނުން..” އިލްހާމް ބޭނުންވީ ސަފީނާ ރުޅި އަރުވާލަށެވެ. މަގުގެ ދެކޮޅު ބަލާލުމަށްފަހު ސަފީނާގެ ފަހަތުން ބައްދައިގަތެވެ. އަދި ކަރުދަށުގައި ވަސްގަތެވެ. އެޔާއެކު ސަފީނާ އިލްހާމްގެ އަތް ނައްޓުވާލަމުން އަތުގަ ހުރި ބާރަކަށް އިލްހާމްގެ ކަންކަށި މަތީ ޖެހިއެވެ. އެވަގުތު ދޮރު ހުޅުވާލި އަޑުއިވުނެވެ. ސޮފިއްޔާ ހަޅޭލަވައި ގަތެވެ.

“..ކިހިނެއް ވެގެން ތިއުޅެނީ..” ސޮފިއްޔާ ބާރު ހިނގުމުގައި އައިސް ސަފީނާގެ ހިކަނދި މަސްގަނޑުގައި ހިފިއެވެ. އިލްހާމްގެ މޫނަށްވެރިވި ހާސްކަން ސަފީނާއަށް ރީއްޗަށް ފެނުނެވެ. އެކަމުން ސަފީނާއަށް އިތުރު ހިތްވަރެއް ލިބިގެންދިޔައެވެ.

“..މިހިރީ މަގޭ ބަނޑުގަ މިއޮތް ދަރިފުޅުގެ ބަފާ..” ސަފީނާ މިހުރިހާ ދުވަހު ހިތުގައި ފޮރުވައިގެން އުޅުނު ސިއްރު ހާމަކޮށްލީ އިތުރު ވާހަކަތަކެއް ދެއްކުމެއްނެތިއެވެ.

“..ގޮތްކުޑަ އަންހެނާ..” ސޮފިއްޔާ ސަފީނާގެ ކަންކަށިމަތީގައި ޖެހިއެވެ. “..ކަލޭ ލަދެއްވެސް ނުގަނޭތަ.. ބަލަ އެއީ މަގޭ ފިރިމީހާއޭ..”

ސަފީނާގެ ކަންކަށި މައްޗަށް އަރައިގެންދިޔަ ދިލައިގެ އަސަރު ފައިގެ ބޮޑުވާ އިނގިލިކުރިޔާ ހަމައަށް ފޯރިއެވެ. މުޅި ހަށިގަނޑަށް ދިލަ އަރައިގެންދިޔަ އިޙްސާސްކުރެވުނެވެ. ނަމަވެސް ހަމަހިމޭނުން ހުރުމަށް ސަފީނާގެ ހިތެއް އެއްބަހެއް ނުވިއެވެ. ދައްތަ ރުޅި މަޑުކޮށް ގޭގައި އުޅެން ފުރުޞަތު ދިން ނަމަވެސް އިލްހާމް އެކަމަށް ހުރަސް އަޅާނެކަން ޔަޤީނެވެ.

“..މީ ކޮންމެ ރެޔަކު ކޮންމެ ރެޔަކު މަ ގަޔަށް އަރާ މީހަކީ.. ދައްތަ ޤަބޫލްކުރިޔަސް ނުކުރިޔަސް މީ ހަޤީޤަތަކީ..” ސަފީނާ ފެންކަޅިވެފައިވާ ދެލޮލުން ދައްތައައް ބަލާލަމުން ބުނެލިއެވެ. ސޮފިއްޔާގެ ރުޅިގަނޑު އިތުރައް ގަދަވެގެންދިޔައެވެ. ސަފީނާ ގައިގާ ޖެހުމަށް އަތް މަޅާލި ވަގުތު އިލްހާމް އެއަތުގައި ހިފެހެއްޓިއެވެ.

“.. ސަފީނާ.. ތިދޫ ހިމޭނުން ބާއްވާ… ސޮފީވެސް.. ތިކުރަނީ ރަނގަޅު ކަމެއްނޫން.. ރުޅިއައި ނަމަވެސް އަތް އިސްކުރާކަށް ނުވާނެ..” އިލްހާމް ވަގުތުގެ ބޭނުން ހިފިއެވެ. “..މަވެސް ސަފީނާއަށް ވަރަށް ނަސޭހަތް ދީފިން.. އެގޮތަށް ނޫޅުމަށް.. އެގޮތަށް އުޅެގެން ނިހާއަށްވެސް އެއުޅުން ދަސްވެދާނޭ ބުނެވުނީމަ.. އަހަރެން ގައިގަ ޖެހީވެސް..”

“..އެއީ ދޮގެއް.. ދައްތާ..” ސަފީނާ ވަގުތުން ބުންޏެވެ. “..އެހަދަނީ ހުސްދޮގު.. އޭނަ އެގެންގުޅެނީ ދައްތަ ކަނުބަނދެގެން.. ދައްތައަށް ނޭގޭ ކިތަންމެކަމެއް އެބަހުރި.. ދައްތައާ އިނދެގެން އެއުޅެނީވެސް ލޯތްބަކުން ނޫން..”

“..ހުއްޓާލާ ސަފީނާ.. މިހާރު ފުދިއްޖެ..” ސޮފިއްޔާ ބާރަށް ބުނެލިއެވެ. “..އިތުރަށް އެންމެ އެއްޗެއް ބުންޏަސް މަގޭ އަތުންފައިން ގޯހެއް ހެދިދާނެ.. ތިހުރިހާ އިލްޒާމްތަކެއް އަޅުވާއިރުވެސް އިލްހާމް ހަމަހިމޭނުން ހުންނަކަމަށްޓަކައި ޝުކުރުވެރިވެބަލަ.. މިއަދު އިލްހާމްގެ މަޤާމްގަ އެހެންމީހަކު ހުރިނަމަ ސަފީނާގެ ފުރާނަދާވަރު ކުރާނެ.. އެވަރުގެ ބޮޑުފާފައެއް އޭނަ ބޮލުގަ ތިއެޅުވީ.. ޗީ.. ތީ މަގެ ކޮއްކޮއެކޭ ބުނަންވެސް ލަދުގަނޭ..”

އިލްހާމް މޫނުމަތީގައި އަތްހާކާލަމުން ސަފީނާއަށް ބަލާލީ ވިހަ ހިނިތުންވުމަކާއެކުއެވެ. ސަފީނާއަށް ދެއަތަށް ބޯ ހޫރުވާލެވުނެވެ. ސޮފިއްޔާއާ ގާތަށް ފިޔަވަޅެއް އަޅާލިއެވެ. ސޮފިއްޔާ ދުރައްޖެހިލިއެވެ.

“..ސުންޕާ ކުއްޖާ މަށާ ކައިރިނުވާތި.. މަގެކުރިމަތިން ރައްކާވޭ.. ތިސޫރަވެސް ދެކޭކަށް ބޭނުމެއްނޫން..” ސޮފިއްޔާ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. ދައްތަގެ މޫނުމަތިން ފެނުނު ނުރުހުމާއި ރުޅިވެރިކަން ފެނިފައި ސަފީނާގެ ހިތް ބިރުގަތެވެ. އަބަދުގެ އަބަދަށް ދައްތަގެ ނަފުރަތު ހައްޤުވީކަމުގެ އިޙްސާސް ފުރަތަމަ ފަހަރަށް ކުރެވުނެވެ. އިލްހާމްގެ ހަޤީޤަތް ބުނެނުދެވުންނަމައޭ ސަފީނާގެ ހިތަށް އެރިއެވެ.

ސަފީނާ ލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެލަމުން އަނެއްކާވެސް ސޮފިއްޔާއާ ކައިރިވެލިއެވެ. ސޮފިއްޔާ އެއްޗެއް ބުނަން އަނގަހުޅުވާލިއެވެ. ނަމަވެސް ނިހާ މަންމާއޭ ގޮވާލި އަޑަށް ހުއްޓުނީއެވެ. ސުކޫލް ޔުނީފޯމާއެކު ހުރި ނިހާ ފެނުމާއެކު ސަފީނާ ހިނިތުންވެލިއެވެ. ނިހާގެ އަތުގައި ހިފަހައްޓާލައިގެން ދައްތަގެ ދަރިފުޅު ނަޒީލްއާއި ނިކާލްވެސް ހުއްޓެވެ. މިއަދު ދިމާވި ކަންތައް ގަނޑުގެ ސަބަބުން އެކުދިން ސުކޫލުން ގެނައުމަށްވެސް ސަފީނާ ހަނދާންނެތުނީއެވެ. ކޮންމެދުވަހަކު އެކުދިން ސުކޫލަށް ގެންގޮސް ގެޔަށް ގެނައުން އެއީ ސަފީނާ ކުރާ މަސައްކަތެވެ.

“..ދަރިފުޅާ މަންމަ ހަނދާންނެތުނީ..” ސަފީނާ ނިހާގެ ބޮލުގައި ފިރުމާލިއެވެ. ލޯތްބާއެކުއެވެ. ނިހާ މަންމަގެ ގައިގާ މަޑުމަޑުން ބައްދާލިއެވެ. ސަފީނާއަށް ބުނަންނޭގޭ ކަހަލަ ހިތްހަމަޖެހުމެއް ލިބުނުއިރު ހިތް ނުތަނަވަސްވެސް ވެގެންދިޔައެވެ.

“..ދަރިފުޅުމެން ގެޔަށް ވަދޭ..” ނިހާއަށް އެތަނުގައި ހިނގަމުންދާ އެއްވެސް ކަމެއް އެނގޭކަށް ސަފީނާ ބޭނުމެއް ނޫނެވެ. ނަމަވެސް ސަފީނާއަށް ނޭގޭ ކަމަކީ މަންމަގެ ސިއްރުތައް ނިހާއަށްވެސް އެނގިފައިވާކަމެވެ. ނިހާ ކިޔަމަންތެރިކަމާއެކު އެތެރެއަށް ދިޔުމަށް ހިނގައިގަތެވެ.

“..ނިހާ.. ގެޔަށް ވަދެގެންނުވާނެ..” ކުއްލިއަކަށް ސޮފިއްޔާގެ އަޑު ގުގުމާލިއެވެ. ސަފީނާގެ ދެލޯ ބޮޑުވިއެވެ. ނިހާ ހުރީ ހުރި ފިޔަވަޅު މަތިން ގުޑިލަންވެސް ނުކެރިފައެވެ. ސޮފިއްޔާ ނިހާގެ އެއްއަތުގައި ހިފާ ދަމައިގަތެވެ. ނިހާއަށް ރޮއެ ގަނެވުނެވެ. ނިކާލް އާއި ނަޒީލްއަށްވެސް ރޮވިއްޖެއެވެ. ސަފީނާ އަވަސް އަވަހަށް ގޮސް ނިހާ ގަޔާލާ ބޮނޑިކޮށްލިއެވެ. ސޮފިއްޔާގެ އަމުރަށް އިލްހާމް ދެދަރިން ގޮވައިގެން ގެޔަށްވަނެވެ.

“..ހަބަރުދާރު..” ސޮފިއްޔާ އަމުރުކުރިއެވެ. “..މިގެޔަށް ވަންނަން ހިތަށްވެސް ނާރުވާތި.. ކަލޭ މަގޭ ފިރިމީހާގެ ބޮލުގަ ތިއެޅުވި ތުޙުމަތުގެ ސަބަބުން ކަލެޔަށްޓަކައި މިގޭގެ ދޮރުވެސް އަބަދުގެ އަބަދަށް ތަޅުލެވިއްޖެ.. އަދި ބުނަން ކަލެޔަށާ ކަލޭގެ ދަރިޔަށް މި ސޮފިއްޔާ އަލީ މީ ނެތް މީހެކޭ ހީކޮށްލާ..”

ސަފީނާ ބުނާނެ އެއްޗަކަށް މަޑުކުރުމެއްނެތި ސޮފިއްޔާ އެތެރެއަށް ވަދެގެން ދިޔައެވެ. ފަނަރަ ވަރަކަށް މިނިޓް ފަހުން އިލްހާމް ބޭރަށް ނިކުތީ ފޮށްޓެއް ހިފައިގެންނެވެ. އޭރުވެސް ސަފީނާގެ ދެމައިން ތިބީ ރޯށެވެ. ނިހާ ހުއްޓުވުމަށް ސަފީނާ މަސައްކަތްކުރިއެވެ. ނަމަވެސް މިއަދު ޙުދު ސަފީނާއަށްވެސް ކަރުނަތައް ހިފެހެއްޓުން ވަނީ ބޮޑުކަމަކަށް ވެފައެވެ.

“..ހިސާބަށްވުރެ އަނގަގަދަ ވެގެން އުޅެންޏާ ލިބޭނީ ތިކަހަލަ ބޮނޑިއެއް..” އިލްހާމް ނެރުނު ފޮށި ސަފީނާ ކައިރީ ބަހައްޓަމުން ބުނެލިއެވެ. “..ދެންވެސް ތި ދޫ ހިމޭނުން ބާއްވާތި.. މަގޭ ދަރިއެކޭ ގޮވަމުން މުޅި ރަށުގަ ދުވަން ހިތަށްވެސް ނާރުވާތީ.. މިފަހަރު ތި ލިބުނު ފިލާވަޅުން އިބުރަތެއް ޙާސިލްކޮށްލާ.. މިހުރީ ކަލޭމެންގެ ސާމާނުތައް.. އަވަހަށް މިތަނުން ރައްކާވޭ.. ދެން މަ ނިކުންނައިރު ކަލޭ ފެނިއްޖެނަމަ ނޫނީ ކަލޭ މިރަށު އެއްވެސް މީހެއްކައިރީ އެއްވެސް ވާހަކައެއް ބުނެފިކަން އެނގިއްޖެނަމަ މިދުނިޔެމަތިން ތި ދެމައިންގެ ވަސްވެސް ފޮހެލާނަންކަން ހަނދާންކުރާތި..”

އިލްހާމް އިންޒާރުތައް ދިނުމަށްފަހު ގެޔަށްވަނެވެ. ސަފީނާ ހުރި ފިޔަވަޅުމަތީ ހުއްޓި ހުރީއެވެ. އެތައް އިރަކު ސަފީނާ ވިސްނަންހުރުމަށްފަހު ޖޯލީގައި އިން ނިހާ ގޮވައިގެން ފޮށި ދަމަމުން ހިނގައިގަތެވެ. އިލްހާމްއަކީ އެއްވެސް ކަމެއް ކުރަންޖެހިލުންވާނެ މީހެއް ނޫންކަން ސަފީނާއަށް އެނގެއެވެ. އިލްހާމްކަހަލަ މީހަކަށް އެދެމައިން މިދުނިޔެއިން ދުއްވާލުމަކީ އެއްވެސް ކަމެއް ނޫނެވެ. ވަސީމްގެ ނެތިދިޔުން އެކަމުގެ ހެތްކަކަށް ފުދެއެވެ. އެހެންކަމުން ސަފީނާ ބޭނުންވީ އެގެވެސް ނުފެންނަ ހިސާބަކަށް ދާށެވެ.

ޖެހިގެން އައި ދުވަހު ހެނދުނުގެ އިރު ދުނިޔެ މައްޗަށް ފާޅުވުމާއެކު ރަށު ތެރޭގައި ފެތުރިގެން ދިޔައީ ސަފީނާ ދަންޖެހިފައި ހުއްޓާ ފެނުނު ޚަބަރެވެ. ރަށު މީހުންތައް ކަމުގެ ތެދުދޮގު ބެލުމަށް އަތިރިމަތީގައި ހުރި ބޮޑު ހޮޅުއަށި ކައިރިއަށް ދިޔައެވެ. މަންޒަރު ދުށްމީހުން ބުނާ ގޮތުގައި ސަފީނާ ދަންޖެހިފައި ހުރި އިރު ގައިގާ އެތަކެއް ޒަހަމްތައް ހުއްޓެވެ. ލައިގެން ހުރި ހެދުންވަނީ ވީދާ ލެވިފައެވެ. ދަންޖެހިފައި ހުއްޓާ ފެނުނީ ފަތިހުގެ ވަގުތެއްގައި ކަމަށްވެސް ވެއެވެ. އެއަޑުތައް ސޮފިއްޔާއާއި އިލްހާމްގެ ކަންފަތާ ހަމައަށްވެސް ފޯރިއެވެ. ސޮފިއްޔާ ދުވެފައި ހޮޅުއަށި ކައިރިޔަށް ދިޔައެވެ. އިލްހާމްވެސް ފަހަތުން ދިޔައެވެ. ސަފީނާގެ ފުރާނަ ނެތް މަސްގަނޑު ފެނިފައި ސޮފިއްޔާގެ ފިޔަވަޅުތައް ގަނޑުވިއެވެ. އަނގަމަތީ އަތް އަޅާލެވުނެވެ. ދެލޯ ފެންކަޅިވިއެވެ. އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. ދެއަތަށް ބޯ ހޫރުވަމުން ސަފީނާއަށް ގޮވާލިއެވެ.

“ދައްތައަށް މާފުކުރޭ މާފުކުރޭ..” ސޮފިއްޔާ ރޮމުން ގޮސް ގަބުވެފައި ހުރި ނިހާ ގައިގާ އޮޅުލައިގަތެވެ. އިލްހާމް ހުރީ ވަރަށް ހަމަޖެހިފައެއެވެ. ހިތްހަމަޖެހިފައެވެ. ސަފީނާއާއެކު އޭނާގެ ސިއްރުތައް ފަސްލެވި ފޮރުވިގެން ދިޔައީއެވެ. އެސިއްރުތައް މުޅި ދުނިޔެއަށް ވަންހަނާ ވީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

ވޭންތަކުން ދިން ހިތި މާޒީ (23)

Next

އަވްލީން (19 ވަނަ ބައި)

Next
December 2, 2017

އަވްލީން (19 ވަނަ ބައި)

Previews
December 2, 2017

ވޭންތަކުން ދިން ހިތި މާޒީ (23)

47 Comments!

  1. Mau says:
    December 2, 2017 at 6:24 am

    Mi nimunytha? Varah reeethi?

    1. nishan says:
      December 2, 2017 at 3:21 pm

      thank you mau 🙂 adhi story nunimey

  2. Ahoo says:
    December 2, 2017 at 6:51 am

    Awww..v salhi..

    1. nishan says:
      December 2, 2017 at 3:20 pm

      thank you ahoo 🙂

  3. Anonymous says:
    December 2, 2017 at 7:44 am

    V reethi story eh

    1. nishan says:
      December 2, 2017 at 3:20 pm

      thank you 🙂

  4. Aali says:
    December 2, 2017 at 7:45 am

    V reethi story eh

    1. nishan says:
      December 2, 2017 at 3:19 pm

      thank u aali 🙂

  5. Limsha says:
    December 2, 2017 at 8:31 am

    Nice

    1. nishan says:
      December 2, 2017 at 3:19 pm

      thank you limsha 🙂

  6. xeybooo says:
    December 2, 2017 at 9:19 am

    wahaka up kuraane dhuwas thah bunelun ragalhu..and feshun warah salhi ..hywany dhen niha hen ehuriha kameh ga ulheyny..

    1. nishan says:
      December 2, 2017 at 3:19 pm

      vaahaka up kuraane vaki dhuvahe kanda elhifa eh neh.. liyevun varakun upkuramun gendhaanan .. thank you 🙂

  7. Shann says:
    December 2, 2017 at 9:57 am

    Nimunytha mi????? V rythi mi story.. Mihaaru ge kanthah thakah alialhuvaalaafa kuriah gendhaa story eh v ma v kiyaahiyvey

    1. nishan says:
      December 2, 2017 at 3:18 pm

      story ge feshun mi. thank you shann 🙂

  8. ice cream says:
    December 2, 2017 at 11:00 am

    wow!!so intresting!mi nimuneetha?

    1. nishan says:
      December 2, 2017 at 3:17 pm

      thank you ICE 🙂 story nunimey adhi

  9. Hana says:
    December 2, 2017 at 11:24 am

    V reethi vaahaka eh?❤❤..nimuniither mibai

    1. nishan says:
      December 2, 2017 at 3:16 pm

      thank you hana 🙂

  10. Kokko says:
    December 2, 2017 at 1:10 pm

    Vaahaka vara furihama ❤❤❤

    1. nishan says:
      December 2, 2017 at 3:15 pm

      thank you kokko 🙂

  11. Sun shaine says:
    December 2, 2017 at 1:26 pm

    Wow

    1. nishan says:
      December 2, 2017 at 3:15 pm

      thank you shaine 🙂

  12. :-( says:
    December 2, 2017 at 4:18 pm

    mikahala vahaka kiyaahitheh nuvey. alhugandaky ehaa hiy gadha meehakah nuvaathy. anhenunnah aniyaaveriva adhi haassakoh kuda kudhinnah ihaanethikoh kanthah kuraa vahaka meehunge dhoo dhoo mathin ivunas alhugandu ge hiy falhaigen dhaavaruvey. vedhaane alhugandaky dharin libumuge ufalun mahuroom vefa huri anhenakah veema kamah ves. mi part ves mi kiyaalevuny hiy mathy ai alhaigen hure….. 🙁 🙁 🙁 🙁 🙁 🙁 🙁 🙁 🙁 🙁

    1. nishan says:
      December 5, 2017 at 11:51 am

      am so sorry to here that 🙁

  13. Lam says:
    December 2, 2017 at 4:22 pm

    Stry hama v nice…waiting

    1. nishan says:
      December 5, 2017 at 11:51 am

      thank you 🙂

  14. Scarlet says:
    December 2, 2017 at 5:05 pm

    Vaahaka reethi feshunn…hope kuran vaahaka ehlohves reethi vaane kamah???

    1. nishan says:
      December 5, 2017 at 11:52 am

      masahkaiy kuraanan reethi koh geneveytho. thank you

  15. Merr says:
    December 2, 2017 at 6:19 pm

    Feshun varah reethi ❤
    Ummeedhu kuran avahah up kohdheyne kamah ?

    1. nishan says:
      December 5, 2017 at 11:53 am

      liyevun varakun upload kuramun dhaanan .. thank you 🙂

  16. Lampii says:
    December 2, 2017 at 7:51 pm

    Vrh reethivaanehen hive…. waiting eagerly for the next part..??

    1. nishan says:
      December 5, 2017 at 11:54 am

      thank you 🙂

  17. saadhu says:
    December 2, 2017 at 8:20 pm

    v reethi

    1. nishan says:
      December 5, 2017 at 11:52 am

      thank you 🙂

  18. Angel says:
    December 2, 2017 at 9:29 pm

    vv rythi kyp it up , best of luck and always go further 🙂

    1. nishan says:
      December 5, 2017 at 11:48 am

      thank you 🙂

  19. Riz says:
    December 2, 2017 at 10:27 pm

    Vv reethi mi part.. When next part?

    1. nishan says:
      December 5, 2017 at 11:46 am

      thank you 🙂

  20. Anonymus says:
    December 3, 2017 at 8:50 am

    Kn irakun tha next part….. stry vrh reethi vaanehn hive…☺☺

    1. nishan says:
      December 5, 2017 at 11:45 am

      thank you 🙂

  21. ROSE says:
    December 3, 2017 at 2:48 pm

    hey nishaaaaaanooooooooo!!!! I AM A BIG FAN OF YOU………..
    nishaan liyunu barubaadh vaahaka e’eee mihaathanah kiyunu emme reethi vaahaka….eyru varah gina in e vaahaka ah commentvxx kuran…….. very happy to see you again…..

    1. nishan says:
      December 5, 2017 at 11:44 am

      ufaa vehjje mivaahaka ah vs comment eh kohlima.. thank you 🙂

  22. Naifbe says:
    December 5, 2017 at 12:02 pm

    vrh reethi vaahaka

    1. nishan says:
      December 5, 2017 at 1:19 pm

      thank you naifbe

  23. R@! says:
    January 1, 2018 at 12:47 am

    V interesting best of luck nishan?

  24. hayyaan says:
    January 31, 2018 at 1:52 pm

    nice maa shaa allah

  25. raa says:
    February 26, 2018 at 10:08 am

    nice story………………… i love it

Comments are closed.

Next Episodeވަންހަނާ (ދެވަނަބައި)←


All Right Reserved!