
******12 އަހަރުފަސް*****
ހެނދުނު ވެހެންފެށި ވާރޭ ހުއްޓާލީ އިރުއޮއްސެން ކައިރިވެފައިވަނިކޮށެވެ. މަގުމަތީގައި ދުއްވާ އެއްޗެހި މަދެވެ. ހިނގާބިގާވެ އުޅޭ މީހަކު މަގުންވެސް ނުފެނެއެވެ. “ސުނޯހައުސް” ގޭގެ ސެކިއުރީ ބަލަހައްޓަން އިން މީހާއަށްވެސް އިނީ ނިދިފައެވެ. ރަތް ކުލައިގެ ކާރެއް ސުނޯހައުސް ކުރި މައްޗަށް މަޑުކޮށްލިއެވެ. އިލްހާމް ލޯގަނޑު ތިރިކޮށްލުމަށްފަހު ސެކިއުރިޓީ ގާޑަށް ބަލާލިއެވެ. އިލްހާމް ދެލޯ ވައްކޮށްލަމުން ދެތިން ހަތަރުފަހަރު ބަރުގޮނު އަޅާލުމާއެކު އެމީހާ ތެޅިގަތެވެ. ލިބުނު ސިހުމާއެކު އޭނާ ގޮނޑިން ނުވެއްޓުނީ ކިރިޔާއެވެ. ޖެހިގެން އިން ސީޓުގައި މަންޒަރު ބަލަން އިން ނިކާލްއަކަށް ހިނިގަނޑު މަތައެއް ނުކުރެވުނެވެ. ބާރަށް ހީގަތެވެ. ނަމަވެސް އިލްހާމް ކަޅިއަޅާލުމާއެކު ނިކާލްގެ ހުނުން މެދުކެނޑުނެވެ. ނުހޭން މަސައްކަތްކުރަމުން އޭނާ ބޭރަށް ނުކުތެވެ. ސެކިޔުރިޓީ މީހާ ކާރަށް ބަލާލުމަށްފަހު އަވަސް އަވަހަށް ގޭޓް ހުޅުވާލަދިނެވެ. އަދި ކާރާ ދިމާއަށް ބަލާލުމަށްފަހު ކުއްވެރިޔަކު ފަދައިން އިސްޖަހާލިއެވެ. ކާރުގެ ފަހަތު ދޮރުފަތް ނިކާލް ހުޅުވާލަ ދިނުމާއެކު ކަޅުކުލައިގެ ހެދުމެއްގައި ހުރި އަންހެނަކު ނުކުތެވެ. ކަޅުކުލައިގެ ދޯޕައްޓާއަކުން އޭނާގެ ބޯ ވަނީ ނިވާކުރެވިފައެވެ. ބަލާބެލުމަށް އެމީހާ ވައްތަރީ އިންޑިއާ މީހަކާއެވެ.
“..ދީޕިކާ ގޮވައިގެން ދޭ އެތެރެއަށް..” އިލްހާމް ބުންޏެވެ.
ހުދުކުލައިގެ ހަވޭލީއެއްފަދަ ބޮޑު ގެޔަށް ދީޕިކާ ބަލައިލިއެވެ. ރާއްޖެތެރޭ ރަށަކުން އެފަދަ ބޮޑު ގެޔެއް ދީޕިކާއަށް މިފެނުނީ އަލަށެވެ. ފުރަތަމަ ނަޒަރުންވެސް އިލްހާމް އާއިލާގެ މުއްސަނދިކަމާއި ފައިސާވެރިކަން ފާހަގަކުރެވިއްޖެއެވެ. ނިކާލް ފޮށި ދަމަމުން އެތެރެއަށް ދިޔުމަށް ހިނގައިގަތެވެ. ދީޕިކާވެސް ވަށައިގެންވާ މާހައުލަށް ބަލަމުން ހިނގައިގަތެވެ. ސުނޯހައުސް އަކީ ހުސްބިން ބޮޑު ގޯއްޗެކެވެ. ގޭޓާ އިމާރާތާއި ދެމެދު އިތުރު ދެތިން އިމާރާތް އެޅޭނެހާ ޖާގަ އޮތެވެ. އެދެމުގައި ހިނގުމަށް ކުދިކުދި ހަތަރެސްކަން ގާތަކެއް އަތުރާފައި އޮންނަ މަގެއް އޮވެއެވެ. މަގުގެ ކަނާތް ފަރާތުގައި ހުންނަނީ ގަރާޖެކެވެ. 02 ކާރާއި ސައިކަލެއް އެ ގަރާޖްގައި އޮތެވެ. ގަރާޖާ ޖެހިގެން ހުރީ އުނދޯލި ގެޔެކެވެ. އުނދޯލިގެ ކައިރީ ބޮޑު ޖަނބުރޯލްގަހެއް ހުރިއިރު ވާތްފަރާތުގައި އޮންނަނީ ގަސް ހައްދާފުރާލާފައެވެ. ތަފާތު އެކި ވައްތަރުގެ މާމެލާމެއްޔާއި މޭވާ ގަސްތަކެވެ. ގަސްތައް ގިނަވެފައި ލައިޓްތައް ނުޖައްސާ ހުރުމުން މުޅި ހިސާބު ފެންނަނީ ނާމާން ގޮތަކަށެވެ. ދީޕިކާ ހުރީ ޖެހިލުންވެފައެވެ. ނިކާލްއަށް އެކަން ފާހަގަކުރެވުނެވެ.
“..ޖިންނި އުޅެނީ އިނގޭ..” ނިކާލް ބުނެލިއެވެ. “..މިހިރި ހުވަނދުމާގަސް ހުންނަނީނު.. އެތަނުން ފެންނަނީ މަ ވައްތަރު މީހާ.. މަންމަ ބައްޕައަށްވެސް ފެންނަނީ މަ ވައްތަރު މީހެއް.. ބޭރަށް ނުނުކުންނަނީ ރޭގަނޑު..”
ދީޕިކާއަށް ލޯ ބޮޑުކޮށްލެވުނެވެ. މޭމަތީ އަތްއަޅާލެވުނެވެ. ހުވަނދުމާ ގަހަކީ ނާމާންގަހެކެވެ. ދީޕިކާ ރަށުގެ އަވަށްޓެރި ގެޔެއްގައިވެސް ބޮޑު ހުވަނދުމާ ގަހެއް ހުރެއެވެ. އެގަސް ކައިރިން އަޑުއަޑު އިވުމާ އަލި ގުޅަ ފެނުންއެއީ އާންމުކަމެކެވެ. ދީޕިކާއަށްވެސް ވަނީ އެގަސް ކައިރިން އަލި ގުޅައެއް ފެނިފައެވެ. އެހެންކަމުން ނިކާލް ދެއްކި ވާހަކަތަކުން އޭނާ އިންތިހާއަށް ބިރުގަތެވެ. ސިއްރުވެރިގޮތަކަށް ހުވަނދުމާ ގަހާ ދިމާއަށް ބަލާލިއެވެ. އެވަގުތު ނިކާލްއަށް މީހަކު ގޮވާލި އަޑު އިވިފައި ދީޕިކާ ސިހުނެވެ. އޭނާ ރަނގަޅަށް ގަހާ ދިމާއަށް ބަލާލިއެވެ. ފެނުނު މަންޒަރަކުން ދީޕިކާގެ ފައިކޮޅުން ފެށިގެން ބޮލަށް ފިނިވެގެން ދިޔައެވެ. ދެންމެ ނިކާލް އެބުނި ޖިންނި އެހުރީ ފެންނާށެވެ. އެއްވެސް ތަފާތެއް ނެތެވެ. އެއީ ހަމަ ނިކާލްގެ ސޫރައެވެ. އެއީ އެބުނާ ޖިންނިކަން ޔަޤީނެވެ. ދީޕިކާގެ ލޯ އިހުނަށްވުރެ ބޮޑުކޮށް އަނގަމަތީ އަތްއަޅަމުން ހަޅޭލަވައިގަތެވެ. ނިކާލްވެސް ފޮށި އެއްލާލާފައި ހަޅޭލަވަމުން ގެޔާ ދިމާއަށް ދުއްވާގަތެވެ. ބޭރުން ހަޅޭ ލަވާ އަޑުއިވިގެން ޞަފިއްޔާ ބޭރަށް ނުކުތެވެ.
“..ކިހިނެއްވީތަ؟.. މާ އަޑުގަދަވަނީ..” ޞަފިއްޔާ އެހިއެވެ.
“..މަންމާ.. އެއްކަލަ ޖިންނި.. ބަލާބަލަ..” ނިކާލް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. “..ހުވަނދުމާ ގަސްކައިރިން..”
“..މާތްކަލާކޯ..” ޞަފިއްޔާއަށް ބުނެވުނެވެ. ދީޕިކާ އޮތީ ވިނަ ގަނޑު މައްޗަށް ދެމިފައެވެ.
“..ސާބަސް އިނގޭ ތިދެމީހުންނަށް..” ނިކާލްއާ ދިމާއަށް ލޯއަޅާލަމުން ޞަފިއްޔާ އަވަސް ވެގަތީ ދީޕިކާ ކައިރިއަށް ދާށެވެ. ނިކާލް ޖަހާލީ ވަރުގަދަ ހިނިގަނޑެކެވެ.
“..މިކަހަލަ ސަމާސަ ނުކުރާށޭ ކިތައް ދުވަހު ބުނަންވީ..” ޞަފިއްޔާ ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކީ ހުވަނދުމާގަސް ކައިރިން ހިނގާލާފައި އައި ނަޒީލްއާއެވެ. ނަޒީލްއަކީ ނިކާލްގެ ބޭބެއެވެ. ދީޕިކާއަށް ވީ ގޮތް ފެނިފައި ނަޒީލްވެސް ހުރީ ކަންބޮޑުވެފައެވެ.
“..މަންމާ މަށެއް ނޫނޭ..” ނަޒީލް ބުންޏެވެ. “..ނިކް އޭ އެހެންހެދީ.. މަ ގޭޓުން ވަންތަން ފެނިފަ މި ނިކް ފޭކް ޖިންނި ސްޓޯރީ ޖެއްސީ.. ދެން އެހެން ކިޔަކިޔާ ހުއްޓާ މަށަށް މިގޮވާލެވުނީ.. އޭރު މިހުރެވުނީވެސް ހުވަނދުމާގަސް ކައިރީ.. ދެން މީނާއަށް ހީވާނީ ހަމަ އަސްލަށްވެސް ހުވަނދުމާގަސް ކައިރިން ޖިންނި ފެންނަނީކަމަށްނު.. އަދި އެގަޑީގަ ނިކް ފޮށި އެއްލާލާފަ ހަޅޭލަވަމުން ދުއްވާވެސް ގަނެއްޖެ..”
ނިކާލްއާއި ނަޒީލްއަކީ އެއް މާބަނޑު ދެބެއިންނެވެ. އެކަމުގެ ފައިދާ ނަގައިގެން މީހުން ބިރު ގެންނެވުމަކީ ނިކާލްގެ އާދައެކެވެ. މީގެ ކުރިންވެސް ގެޔަށް މަސައްކަތްކުރުމަށް ގެނައި ލަންކާ އަންހެނަކު ބިރުގަންނުވާ ހޭނެތޭ ވަރުކުރިއެވެ. އެފަހަރު އެކަންކުރީ ނަޒީލްގެވެސް އެއްބާރުލުން ލިބިގެން ދެމީހުންވެސް ބައިވެރި ވެގެންނެވެ. އެއަންހެންމީހާ ހޭނެތުނުފަހުން ނަޒީލްވަނީ އެކަހަލަ ކަމެއްގައި ބައިވެރި ނުވާނެކަމަށް ބުނެފައެވެ. ޞަފިއްޔާ ނިކާލްއާ ދިމާއަށް އެއްޗެހިތަކެއް ކިޔަމުން ދީޕިކާ މޫނަށް ފެން ބުރުވާލިއެވެ. ދީޕިކާ މަޑުމަޑުން ލޯ ހުޅުވާލިއެވެ. އޭނާ ލޯ ހުޅުވާލި ގޮތަށް ހަޅޭލަވަން ފެށިއެވެ. ނަޒީލްއާ ދިމާއަށް އިނގިލި ދިއްކުރަމުން ކުއްލިއަކަށް ތެދުވިއެވެ.
“..ހަމަޖެހިބަލަ..” ޞަފިއްޔާ ކަންބޮޑުވެފައި ހުރެ ދީޕިކާ ގައިގާ ހިފެހެއްޓިއެވެ. “..އެއީ އެއްމާބަނޑު ދެބެއިންނޭ.. މީނާއަށް ދިވެހި އެނގޭތަ އަނެއްކާ.. ޓްވިންސް.. ޓްވިންސް.. ޖުޑުވާ..”
“..ނެހީ ނެހީ.. ބޫތު ބޫތު..” ނިކާލްއަށްވީ މަޖާކަމަކަށެވެ. އޭނާ ހެމުންހެމުން ލޯ ބޮޑުކުރަމުން ދީޕިކާ ބިރުގެންނެވޭތޯ ބެލިއެވެ.
“..ނިކާލް އަދިވެސް މަޖާވަނީ..” ޞަފިއްޔާ ހިތްހަމަ ނުޖެހުނެވެ. “..މީނައަށް ކަމެއްވީ ނަމަޔޯ؟..ހާޓް އެޓޭކެއްޖެހި ހިތް ހުއްޓުންނަމަޔޯ؟.. ތިކަން ހުއްޓާށޭ ކިތަށް ދުވަހު ބުނަންވީ.. ސަމާސަކުރުންވެސް ހައްދެއްގެ ތެރޭގަ އޮންނަންވާނީ.. ތިހެން ކުރާ ސަމާސައަކުން މީހެއްގެ މަރުގެ ޒިންމާ ބޮލުގަ އެޅުނީމަ ނިކާލްއަށް ވިސްނޭނީ ތިކުރަނީ ކިހާވަރެއްގެ ކަމެއްކަން..”
“..ޑޯންޓް ވޮރީ މޮމް..” ޞަފިއްޔާ ދެކޮލުގައި ހިފާލަމުން ނިކާލް ބުނެލިއެވެ. “..އެކަހަލަ ދުވަހެއް އައިސްފިއްޔާ އަހަރެން ސުއިސައިޑް ކުރާނަން..”
“..އެއްވެސް މަޖަލެއް ނޫން.. މަހިތަށް އަރާ މީނަ ބޮޑުވާނީ ކޮންދުވަހަކުން ބާއޭ..” ޞަފިއްޔާ ކުދިކިޔަމުން ދީޕިކާ ގޮވައިގެން އެތެރެއަށް ދިޔުމަށް ހިނގައިގަތެވެ.
“ލަވް ޔޫ މޮމް” ނިކާލް ބާރަކަށް ގޮވާލިއެވެ. ޞަފިއްޔާ ބަލައެއް ނުލިއެވެ. ދިޔަގޮތަށް ގެޔަށް ވަދެގެންދިޔައީއެވެ.
ކޮޓަރީގެ ބާލުޚާނާއަށް ނުކުމެ ހުރި ނިހާއަށް، ދެންމެ ހިނގާދިޔާ ހުރިހާކަމެއް ފެނުނެވެ. ނިހާ ގާތަށް އައީ ލާނެތް ހިންޏެކެވެ. ނިކާލްގެ ސަމާސާ ނިހާއަށް ވަރަށް ކަމު ހިނގައްޖެއެވެެ. ދީޕިކާއަށް ވީ ގޮތުން ދެރަވި ނަމަވެސް ނިކާލްގެ އުޅުން ހުރި ގޮތުން ހިނި އަންނަނީއެވެ. ނިކާލްއަކީ އިސްކޮޅުން ދިގު ބައިމަތީ ފުޅާ ކަސްރަތީ ހަށިގަނޑެއް ލިބިފައިވާ ރީތި ޒުވާނެކެވެ. މިރޭ ނިކާލް ހުރީ އަތުގެ ބޮޑީ މަސްގަނޑަށް ބާރު ޓީޝާޓަކާއި ކުރު ސޯޓެއް ލައިގެންނެވެ. އެކަސްރަތީ ހަށިގަނޑު ބަލާފޫހި ނުވާހާ ރީއްޗެވެ. ނަޒީލްއަށް ލިބިފައިވަނީ ހަމައެކަނި ނިކާލްގެ ސިފައެވެ. އެއްމާބަނޑު ދެބެއިން ނަމަވެސް ދެމީހުންގެ އުޅުމާއި ވިސްނުން އުޑާ ބިމާހާ ތަފާތެވެ. ނަޒީލްގެ މޫނު މަތިން ސީރިއަސްކަމާއި ހަރުކަން ފެނެއެވެ. އެއީ ހަރުދަނާ ޒުވާނެކެވެ. ނަމަވެސް ނިކާލް އުމުރުން 22 އަހަރު ފުރުނު އިރުވެސް އަދިވެސް ހަރުދަނާ ވާކަށް ނޫޅެއެވެ. އަދިވެސް އުޅެނީ ކުޑަކުއްޖެއް އުޅޭ ހެންނެވެ. ދިރިއުޅެމުންދަނީ އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވެ. ނަތީޖާއަކަށްވީ ނަޒީލް މީހަކާ އިނދެ ދިރިއުޅުމެއް ފެށިއިރުވެސް ނިކާލް މަޖަލާއި ސަކަރާތުގައި ދުވަސްތައް ހޭދަކުރަމުން ދިޔުމެވެ. ނިކާލްގެ ޅަގޮތެއް ހުރިނަމަވެސް އެހުރިހާ ސިފަތަކެއްވެސް ނިހާއަށް ކަމުދެއެވެ.
ރަތްކުލައިގެ ކާރެއް ގޭޓުން ވެއްދިތަން ނިހާއަށް ފެނުނެވެ. އިލްހާމް ކާރު ގަރާޖަށް ވެއްދުމަށްފަހު އައިސް އުނދޯލީގައި އިށީނެވެ. ނިހާގެ މޫނުމަތިން ފާޅުވީ ފޫހިކަމެވެ. ރުޅިވެރިކަމެވެ. ތުންގަނޑު އަނބުރާލިއެވެ. އިލްހާމްއަށް ނިހާ ފެނުނެވެ. ނިހާ ވީ ފޫހިން ބާލުހާނާއަށް ނުކުންނަން ހުރި ބިއްލޫރި ދޮރުފަތް ކަހާލާފައި ކޮޓަރި ތެރެއަށް ވަނެވެ. އިލްހާމް ފެންނަ ކޮންމެ ފަހަރަކު ނިހާ ހަނދާންވަނީ މަންމަ މަތިންނެވެ. މަންމަ މިދުނިޔެއާ އަލްވަދާޢު ކީތާ ބަރާބަރު 12 އަހަރު ވެގެންދިޔައީއެވެ. ނަމަވެސް އިއްޔެ ވީ ކަމެއްހެން މަންމަގެ ނެތިދިޔުން ހަނދާނުގައި ހުއްޓެވެ. މަންމަ އުޅުނު ހާލާއި ފަހު ވަގުތު މަންމަ ދެއްކި ހުރިހާ ވާހަކަ ތަކެކެވެ. މަންމަގެ ކުއްލި މަރުގެ ފަހަތުގައިވާ އެ ދެމީހުންނެވެ. ދުވަހަކުވެސް އެއިން މީހަކަށް ނިހާގެ ހިތެއް ހެވެއްނުވާނެއެވެ. މާފެއް ނުކުރާނެއެވެ. ކިތަންމެ ނަފްރަތެއް ކުރި ނަމަވެސް ނިހާ އުޅެންޖެހުނީ އެމީހުންނާ އެކުއެވެ. އުޅެ ބޮޑުވީ އެމީހުންގެ ހިޔާވަހި ކަމުގައި އުޅެއެވެ. ކިޔަވާދީ ކާންބޯންދިނީ އެމީހުންނެވެ. ޞަފިއްޔާއަށް މަންމައާ މެދު ކަންތައްކުރެވުނު ގޮތުން، އެކަމުގެ ބަދަލެއް ގޮތުގައި ކޮށްދިން ކަމެއް ކަންނޭގެއޭ ނިހާގެ ހިތަށް އަރައެވެ.
ނިކާލް ގޭތެރެއަށް ވަނެވެ. ސިޓިންގ ރޫމް ބޮޑު ސޯފާގައި ދީޕިކާ އިނެވެ. އެއީ ތަނަވަސް ބޮޑު ސިޓިންގ ރޫމެކެވެ. ގެ ތިންބުރިއަށް ނަގާފައިވާއިރު މަތީ ދެބުރީ ގައި ހުރީ ކޮޓަރިތަކެވެ. ތިރީގައި ވަނީ ކާ ބަޔާއި ބަދިގޭގެ އިތުރުން ބޮޑު ސިޓިންގ ރޫމެކެވެ. މަތީ ބުރީގައިވާ ކޮޓަރިތަކަށް ދިޔުމަށްޓަކައި ވަށް ސިޑިއެއް ހުރެއެވެ. ދީޕިކާ ގޭގެ ކޮންމެ އިންޗިއަކަށް ވަކިވަކިން ބަލާ ކަޅިއެޅިއެވެ.
“ކޮން ނަމެއް ކިޔަނީ” ފެންތަށްޓެއް ހިފައިގެން އައިސް ޞަފިއްޔާ އެހިއެވެ. “..ކުރިންވެސް ރާއްޖޭގަ އުޅުނިންދޯ؟..”
“..ދީޕިކާ ޕަޑުކޯން..” ޖަވާބު ދިނީ ނިކާލްއެވެ. “.ޕަދްމާވަތީގަ އުޅޭނު އޭނަ.. ރާއްޖެއައީ މަރާލަފާނެތީ ބިރުން.. ފިލަންވެގެން.. މިހާރު އޭނީ ޕްލާސްޓިކް ސާރޖަރީ ހަދައިގެން އައިސް.. ބަދަލުހިފަންވެގެން..”
ނިކާލްގެ ޖަވާބު އިވިފައި ދީޕިކާއަށް ސިހުން ލިބުނެވެ. ނުތަނަވަސްވިއެވެ. ނިކާލްއަށް ބަލަމުން ދީޕިކާ ފެންތަށީގައި ހިފިއެވެ. ނިކާލް މީ ކޮންކަހަލަ ކުއްޖެއް ހެއްޔެވެ؟ މޮޔަ ކުއްޖެއް ކަންނޭގެއެވެ.
“ސާބަސް ދަރިފުޅާ” ޞަފިއްޔާ ކަޅި އަޅާލިއެވެ.
“ސޮރީ މޮމް” ނިކާލްގެ އެއްލޯ މަރާލިއެވެ.
ނިކާލް ދުވެލާފައި ގޮސް ސިޑިން އަރައިގެން ދިޔައެވެ. އޭނާ މިސްރާބު ޖެހީ ކޮޓަރިއާ ދިމާއަށެވެ. އެވަގުތު ކޮޓަރިން ނުކުތް ނިހާއާ މުޑިއެރިއެވެ. ނިހާ އަރިއަޅާލިއެވެ. ނަމަވެސް ވެއްޓުމުގެ ކުރިން ނިކާލްގެ އަތުގެ ހިމާޔަތް ލިބުނެވެ. ދެމީހުންގެ ހަތަރުކަޅި ސީދާވިއެވެ. ނިކާލްގެ ގައިން ދުވި “އިންވިކްޓަސް” ސެންޓުގެ މީރުވަހުން ބަނޑު ފުރިގެން ދިޔަ ކަހަލައެވެ. ގައިން ވަރު ދޫވެ ނިކާލްގެ ތޫނު ދެ ލޮލުގެ ތެރެއަށް ނިހާ ގެނބިގެންދިޔައީ ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ނިކާލް ކޮންމެވެސް އެއްޗެއް ބުނެލާފައި ހީލިއެވެ. ނިހާއަށް ބުނިއެއްޗެއްގެ އަޑެއް ނީވުނެވެ. އޭނާއަށް ބެލުނީ ނިކާލްގެ ކޮލަށް އެޅުނު އަޑި ކޮޅަށެވެ. ރަތް ތުންފަތަށާއި ހުދު ދަތް ޕިލައަށެވެ. ހާދަހާވާ ފުރިހަމައެވެ. ބަލާ ފޫހިނުވާފަދަ ރީތިކަމެކެވެ.
“..ހޭލާ ހުރެ ހުވަފެން ބަލަނީތަ؟..” ނިހާގެ ހަށިގަނޑު ނިކާލް ސީދާކޮށްލަދިނެވެ. ނިހާ އަދިވެސް ހުރީ ނިކާލްއަށް ބަލަހައްޓައިގެންނެވެ. ގަބުވެފައެވެ. ނިހާގެ ދެކޮނޑުގައި ހިފައި ތަޅުވާގަތެވެ. ހޭވެރިކަންވީ އެހިސާބުންނެވެ. ނިހާގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. ލަދުންގޮސް ނިހާގެ މޫނަށް އެރި ޖަންބު ކުލަ ވަރަށް ރީއްޗަށް ނިކާލްއަށް ފެނުނެވެ. މިވަނީ ކީއްހެއްޔެވެ؟ އިތުރަށް އެތަނުގައި މަޑުކުރާނެ ހިތްވަރެއް ނިހާއަކަށް ނުލިބުނެވެ. އަވަހަށް ކޮޓަރިއަށް ދެމިގަތެވެ.
“..މޮޔަވީބާ؟..” ނިކާލްގެ މޫނުމަތީގައި ޖެހުނީ ސުވާލު މާކެކެވެ. މިއީ މީގެ ކުރިން ނިހާ އުޅުނު ގޮތެއް ނޫނެވެ.
***************
އިރުއޮއްސެނިކޮށް ކަޅުވިލާތަކުން އުޑުމަތި ފުރާލިއެވެ. ގުގުރީގެ އަޑުބާރުވިއެވެ. ވިދާލާ ވިދުވަރުން ލޯ ތަރަތަރަ ޖަހައިގެންދެއެވެ. ވައި ރޯޅިތައް ބާރުވިއެވެ. ދެންމެ ދެންމެ ވާރޭވެހިގެން ފާނެހެން ހީވެއެވެ. ސަފީނާއާއި އޭނާގެ ދަރިފުޅު ނިހާ އިނީ ރަށުގެ މީހުން އުޅޭ ސަރަހައްދާ ދުރު ހިސާބެއްގައި ހުރި ހޮޅު އަށްޓެއްގައެވެ. ޖަހަމުންދިޔަ ބާރު ގުގުރީގެ ސަބަބުން ނިހާ އޮތީ މަންމަގެ ގައިގާ ބާރަށް ބައްދާލައިގެންނެވެ. ބިރުންނެވެ.
“..މަންމީ..” ނިހާގެ އަޑުވެސް ތުރުތުރު އަޅައެވެ. “..ދައްތައާ ބޭބެ ވަރަށް ގޯސް..”
“..ތިހެން ނުބުނޭ ދަރިފުޅާ..” ސަފީނާ ނިހާގެ ބޮލުގައި ފިރުމާލިއެވެ. ޞަފިއްޔާއާ މެދު ނިހާގެ ހިތްނުބައިވާކަށް ސަފީނާ ބޭނުމެއް ނޫނެވެ. “..ދައްތަ އަދި އަންނާނެ ބަލާ.. މަންމަދެކެ ރުޅިއައީ މަންމައަށް ބުނެވުން އެއްޗަކުން.. ބޭބެވެސް އެއީ ގޯސް މީހެއްނޫން..”
“..އަޅުގަނޑަށް ހުރިހާ އެއްޗެއްވެސް އިނގޭ..” ނިހާ މަޑުމަޑުން ބުނެލިއެވެ. “..ބޭބެ އަކީ ގޯސްކަންތައް ކުރާ މީހެއް.. އަޅުގަނޑަށް ކޮންމެ ރެޔަކު ހުރިހާ ކަމެއް ފެނޭ..”
ސަފީނާ އިތުރަށް އެއްޗެއް ނުބުންޏެވެ. ހައިރާނެއްވެސް ނުވިއެވެ. ނިހާ ކޮންމެ ރެޔަކު އޮންނަނީ ނިދާފައި ކަމަށް ހެދިގެންނެވެ. އެކަމަށް ޝައްކުވާތާ ދުވަސްތަކެއް ވެއްޖެއެވެ. މިއަދު ޔަޤީންވެސް ކުރެވުނީއެވެ. އެ މުޑުދާރު ހަޤީޤަތްވެސް ނިހާއަށް އެއޮތީ އެނގިފައެވެ. ކުރާނެކަމެއް ނެތެވެ. ދެން އެނބުރި އެގެޔަށް ގެންދިޔަ ނަމަވެސް ނިހާ ދެކޭގޮތް ބަދަލެއް ނުކުރެވޭނެއެވެ. ސަފީނާ ކޮންމެ އެއްޗެއް ބުނި ނަމަވެސް ނިހާ ޤަބޫލެއް ނުކުރާނެއެވެ. އިސާހިތަކު ވާރޭ ވެހެންފެށިއެވެ. ޖަހަމުންދިޔަ ގުގުރިތައް މެދު ކެނޑުނެވެ. ސަފީނާ ނިހާ ގާތުން އެދުނީ ނިދާލުމަށެވެ. ލޯބިވާ ދަރިފުޅުގެ ބޮލުގައި ފިރުމަމުން ސަފީނާ ލަވައެއް ކިޔާދިނެވެ. އިސާހިތަކު ލޮލަށް ބަރުވެ ފުން ނިންޖަކަށް ނިހާ ގެނބިގެންދިޔައެވެ.
ބާރު ގުގުރީގެ އަޑާއެކު ސިހިފައި ނިހާއަށް ހޭލެވުނެވެ. މަންމައަށް ގޮވާލަމުން މަންމަ ކޮބައިތޯ ބަލާލިއިރު މަންމައެއް ނެތެވެ. ރާޅުޖަހާ އަޑާއި ސޫފާސޫފި ގޮވާ އަޑު ނޫން އިތުރު އަޑެއް ނީވެއެވެ. ދެކޮޅު ހޯދާ ބަލާލިއެވެ. ފެތުރިފައިވާ ކަނު އަނދިރީގެ ސަބަބުން ތަނެއް ދޮރެއް ވަކިވާ ވަރެއް ނޫނެވެ. އަނދިރިއަށް ލޯ ހޭނިލަން ވަގުތުކޮޅެއް ނެގިއެވެ. ކޮންމެވެސް ވަރަކަށް ތަންތަން ވަކިކުރަން އެނގޭވަރުވިއެވެ. މަންމައެއް ނެތެވެ. މަންމަ ކޮބައިބާއެވެ؟ ނިހާ އެކަނިކޮށްލާފައި މަންމަ ދިޔައީ ހެއްޔެވެ؟ ނިހާ ވަރަށް ބިރު ގަތެވެ. ބިރުންގޮސް ފެންކަޅި ވިއެވެ. ކުއްލިއަކަށް މަންމަގެ ހަޅޭކުގެ އަޑުއިވިފައި، ނިހާ ސިހުނެވެ. އަޑުއައި ދިމާއަށް ބަލާލިއިރު ދެވަނަ ފަހަރަށް މަންމަގެ އަޑު އިވުނެވެ. ކުރިޔަށްވުރެ ބާރަށެވެ.
ނިހާ ހޮޅުއަށިން ފައިބެ، މަންމަގެ އަޑުއައި ދިމާއަށް ދިޔައިރު ދެފައި ތުރުތުރު އަޅައެވެ. އެވަގުތު ތިންވަނަ ފަހަރަށް މަންމަގެ އަޑުއިވުނެވެ. ނިހާ ދުއްވައިގަތީ ގަސްތަކާ ދިމާއަށެވެ. އަޑު އަންނަނީ އެދިމާއިންނެވެ. އަނދިރީގެ ތެރެއިން ނިހާއަށް ފެނުނީ މަންމަގެ ހަށިގަނޑު މައްޗަށް ސަވާރުވެގެން އޮތް މީހެވެ. މަންމަ ދިޔައީ އެހެން ނުހެދުމަށް އެދި އާދޭސް ކުރަމުންނެވެ. ވިދާލި ވިދުވަރަކާއެކު މުޅިތަން އަލިވެގެން ދިޔައެވެ. މަންމަ ރޮލާ ކަމުންދިޔަ “ސިންގާ” ނިހާއަށް ފެނުނެވެ. އެއީ ދެވަނަ ދެމީހެއް ނޫނެވެ. އިލްހާމްއެވެ. ނިހާއަށް ބަލާކަށް ނުހުރެވުނެވެ. ކައިރީގައި އޮތް ފަންތޮށި ބުރިއެއް ނަގާ، އިލްހާމްގެ ބުރިކަށި މަތީގައި ޖެހިއެވެ. އިލްހާމް ބަލާލި ވަގުތު ފަހަތުން އެހެންމީހަކު އައިސް ނިހާގެ އަތުގައި ހިފެހެއްޓިއެވެ. އެއީ ކާކު ހެއްޔެވެ؟
“..ދަރިފުޅާ މިތަނުންދޭ.. ފިލަންދޭ..” މަންމަގެ އަޑު އިވުނެވެ. ނިހާ ރޮއެ ގަތެވެ. އެމީހާގެ އަތުގައި ދަތް އަޅައި، އެމީހާގެ އަތްދަށުން ވީއްލިގަތެވެ. ނިހާ ދުވެފައި ގޮސް ހޮޅުއަށި ދަށަށްވަދެ ފިލިއެވެ. އެމީހާ ހޮޅުއަށި ކައިރިއަށް އަޔެވެ. ނިހާގެ ހިތްހީވީ މޭ ފަޅާފައި ނުކުމެދާނެ ހެންނެވެ. ކުއްލިއަކަށް ޖެހި ބާރު ގުގުރީގެ އަޑާއެކު މުޅި ކައުނު އެކީގައި ދިއްލިގެންދިޔައެވެ. އެމީހާގެ ފައިކޮޅު ވަރަށް ރީއްޗަށް ނިހާއަށް ފެނުނެވެ. އެ ފައިތިލައިގައިވާ 06 އިނގިއްޔެވެ.
42 Comments!
Comments are closed.
❤❤❤
ހެއި! ހުރިހާ ކިޔުންތެރިންގެ ހާލު ރަނގަޅުކަމަށް އުންމީދުކުރަން! ވާހަކައިން ރަނގަޅު ކުރަންޖެހޭ ތަންތަން ފާހަގަކޮށްލަދޭނެ ކަމަށް އުންމީދުކުރަން!
Masha Allah v furihama…,aee knthaaku nubainulafa meeheh tha mujuthamauga mikahala kankan ginavane foruvaathy…adhi vx ehfaharu vvvv reethi ????
thank you vaahaka kiyaalaafa comment eh kohlima 🙂
Nice
thank you 🙂
V reeti kaakubaa
thank you ram 🙂
omg ..?
vat a story.
hama bashuttihje…
hey every body this story is gonna be so cool.
emme reethi story ah vaanekan kashavaru.
NISHOOO…. PLS daily koh upkohdhehcheyyyyy ngey??☺??
thank you so much for the lovely comment 🙂
wow..luv ur stories nishan <3
thank you luvly 🙂
Heve heve halaaku vaavaru vehje. Dhee ah veegoiy hithah eriyas hama heve veny. Next part konirakun tha? This is my first comment ingey tho!
heheh thank you avee 🙂
nice story
thank you shin 🙂
beautiful
thank you kiyaa 🙂
Wow, mibaives v rythi.. V rythi vaane story eh hen hyvany.. Gavaidhun story up kohdhey e kamah umeedh kuran.. Eyrun dhw readers ves kiyaa hiyvaany..
thank you shann 🙂 gavaaidhun up koh dheynan in shaa allah
V v v reethi
Thank you 🙂
Wow… mi part ves vrh vrh reethi… avahah up kh dheyne kmh ummeedhukuran??
Thank you 🙂 avaha upload koh dheynan
Alhey varah varah reethi When next part? Keep it up ???????????????????????????????
Soon will upload next part thank you 🙂
Reethi varah?
Thank you 🙂
Reethi❤❤❤❤
Thanks xoo
Super keep it up good luck
thank you kul 🙂
V REETHI… IS THIS A TRUE STORY??
story ga hiyaali baithah vs hunnaane! so hageegi hadhisa ehge mahcha binaa koh liyefa vaa hiyaali vaahaka eh mi! thank you
Oh my god oh my god ❤❤
Story hama varah varaaah obi ?
Konme dhuvahaku up kolladhehchey ?
Waiting ❤❤
upload koh dheynan liyevun varakun 🙂 thank you story kiyaalima
Vara reethi
V v reethi story eh ?
story v reethi…..
Nice story
Vara reethie
Very nice. Waiting for next episode. Plxx update soon. ☺️