ވަގުތުގެ އިންޒާރު
އޮފީހުން ކުޑަ ޗުއްޓީ އެއް ނަގައިގެން ރައްޓެހި ކުއްޖަކާއިއެކު އޭނާގެ ރަށަށް ދިޔައީ ހިތްހަމަ ޖައްސާލާ މަޖާކޮށްލުމުގެ ނިޔަތުގައެވެ. އެއީ ފުދޭ ވަރަކަށް ކުޑަ ރަށެކެވެ. އާބާދީގައި ހަސަތޭކަ މީހުންވެސް ހަމަވާނެ ކަމެއް ނޭނގެއެވެ. ނަމަވެސް ވަރަށް ހިތްގައިމު ރީތި މޫދަކާއި ކުޑަ ތުނޑިއެއް އެ ރަށުގައި އޮވެއެވެ. ރަހުމަތްތެރިޔާއާއިއެކު އެ މީހުންގެ ގޭގައި ވަގުތު ހޭދަކުރަމުން ދިޔައީ ވަރަށް ހިތްހަމަ ޖެހިގެން އުފަލާއިއެކުގައެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ކަމެއްގައި ވަގުތުތައް ހުސްކުރަމުން ދިޔައީ މަޖާ ނެގުމުގައެވެ.
އެގޮތުން މަސްބޭނުމާއި، ބޯވަ ނަގަން ދިޔުމާއި، ތުނޑީގައި މަސްފިހެގެން ކެޔުމާއި، ގޮޅާ އާއި ހަންދަ ނަގައިގެން ފިހެގެން ކެޔުމާއި، އަތިރިމަތީގައި ބާބަކިޔު ހެދުން ފަދަ އެތައް ކަމެއްގައެވެ. އަހަންނަކީ ހުރިހާ ވަގުތަކުވެސް ބަރާބަރަށް ނަމާދުކުރާ މީހަކީމެވެ. ރަހުމަތްތެރިޔާއަށް ބެލުމެއްނެތި ވަގުތު ޖެހުމުން އަހަރެން މިސްކިތައް ދަމެވެ. މަޖަލާއި ސަކަރާތުގައި އުޅުނަސް އެ އުޅޭތަނެއްގައި ގަވާއިދުން އެ ވަގުތެއްގެ ނަމާދު ކޮށްލަމެވެ. އެގޮތުގައި ދިހަ ދުވަހުގެ ޗުއްޓީ ނިމެން ކައިރިވެއްޖެއެވެ.
އެއްދުވަހެއްގެ ފަތިހެވެ. ފަތިސްނަމާދައް މިސްކިތައް އަހަރެން ދިޔައީ އެހެން ދުވަސްތެކެކޭވެސް އެއްގޮތައް ޖަމާއަތުގައި ނަމާދު ކުރެވޭނެ ވަގުތަށެވެ. ނަމަވެސް އެ ދުވަހުގެ ފަތިސްވަގުތު ތަފާތުވީ އެރޭ ދަންވަރުގައި ނިޔާވި މީހަކަށް ކަށުނަމާދު ކުރުމަށް އެމީހާގެ ސަންދޯކު މިސްކިތައް ގެނެވިފައި ވުމުންނެވެ. ފަތިސް ނަމާދައްފަހު ކަށިނަމާދު ކޮށްނިންމާފައި އަހަރެން ގެއަށް ދިޔުމަށް މިސްކިތުން ނިކުންނަން ހިނގައިގަތްތަނާހެން މީހަކު އައިސް ފަހަތުން ކޮއްކޯއޭ ކިޔާފައި ގޮވާލައިފިއެވެ.
އަހަރެން ފަސް އެނބުރި ބަލައިލީމެވެ. ދެބައި އުމުރުގެ ފިރިހެނަކު އަހަރެންގެ ކައިރިއަށް މަޑުމަޑުން ހިނގާފައި އައިސް ހުއްޓުނެވެ. އަދި ފަތިސް ނަމާދުގެ ވަގުތު ކަމުން މިސްކިތުގައި ނަމާދައް އައިސްތިބި ޒުވާނުން މަދުކަމުން، ސަންދޯކު ގަބުރުސްތާނާއި ހަމައަށް އުފުލާދިނުމުގައި ބައިވެރިވުމަށް އެބޭބެ އަހަރެން ގާތުގައި އެދުނެވެ. ދަންވަރު ވަގުތުގައި ނިޔާވުމުގެ ސަބަބުން، އަދި އެންމެ އަވަހަކަށްވެސް އޮފީސް ހުޅުވައިދޭނީ ހެނދުނު ހަތެއް ޖެހީމާ ކަމަށްވާތީ، އަޑުގަދަ ކުރާއިންވެސް ކަށުނަމާދައް މީހުންނަށް ގޮވާނެ ފުރުސަތެއް ނުލިބުނީކަމަށް އެ ބޭބެ ބުންޏެވެ. އަހަރެން ދެކޮޅުވެރިކަމެއް ނެތި އެކަމުގައި އެހީތެރިވުމަށް އަވަސްވެ ގަތީމެވެ.
ސަންދޯކުގެ އެއްކަނެއްގައި އަހަރެން ހިފިއިރު އިތުރު ތިން ޒުވާނުން އަނެއް ތިންކަނުގައި ހިފަހައްޓައިގެން ތިއްބެވެ. ފަސްވަރަކަށް މުސްކުޅިންނާއި ދެބައި އުމުރުގެ ދެތިން މީހުން އަހަރެމެންނާއިއެކު ޤަބުރުސްތާނާއި ދިމާއަށް މިސްރާބު ޖެހިއެވެ. އޭގެ ތެރޭގައި މުދިންބެވެސް ހުއްޓެވެ. އަދި އެމީހުންގެ ވާހަކައިން އެނގުނު ގޮތުގައި އަހަރެން ކައިރިން އެކަމުގައި ބައިވެރިވުމަށް އެދުނު ބޭބެއަކީ ނިޔާވި ޒުވާނާގެ ބައްޕައެވެ. މަޑުމަޑުން މަގުތައްމަތިން ލާފައި ޤަބުރުސްތާނާއި ދިމާއަށް ދިޔައީމެވެ.
އަހަރެން ހިތައް އެރިއެވެ. “ހީކުރިވަރަށްވުރެ ނަސީބަކުން މި ސަންދޯކު މާ ލުޔެވެ”. އެޔާއިއެކު އަހަރެންގެ ހިތައް މީގެކުރިން އިހްސާސް ނުކުރެވޭ އެތައް އިހްސާސްތަކަކާއި ޚިޔާލުތަކަކުން ފުރިގެންދިޔައެވެ. އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. “ކޮންމެވެސް ދުވަހަކުން ހަމަ މި ގޮތައް ކަލޭގެ ފުރާނަނެތް ހަށިގަނޑުވެސް ސަންދޯކެއްގެ ތެރޭގައި ބަންދުކުރެވިގެން ބަޔެއްގެ ކޮނޑުމަތީގައި ގަބުރުސްތާނަށް ގެންދެވޭނެއެވެ. އެދުވަހަކަށް ތައްޔާރު ހެއްޔެވެ؟” އެފަދަ ޚިޔާލުތަކުގައި ދަނިކޮށް އަހަރެންގެ ފައިވާނުގެ ވަދު ކަނޑައިގެން ގޮސްފިއެވެ. ވަގުތުގެ ގޮތުން އެންމެ ރަނގަޅުގޮތަކަށް ފެނުނީ ފައިވާން ދޫކޮށްލުމެވެ. އެހެންކަމުން އަހަރެން ފައިވާން ބޭލުމަށްފަހު އެއްފަރާތަކަށް ޖައްސާލުމަށްފަހު އަނެއްކާވެސް ކުރިއަށް ދިޔުމަށް ދެންތިބި މީހުންނަށް އިޝާރާތްކޮށްލުމަށްފަހު ހިނގައިގަތީމެވެ.
އެފިނިފިނި ފަތިގެ ފިނިކަމުގެ އިހްސާސް އަހަރެންގެ ފަޔަށް ކުރުވަމުން ދިޔައެވެ. ނަސީބަކުން ޤަބުރުސްތާނާއި މިސްކިތާއި މާދުރެއް ނޫނެވެ. ޤަބުރުސްތާނަށް ވަދެވުމާއިއެކު ފަޅާފައިވާ ވިނަތަކުގައި ހަރުލާފައި ހުރި ފިނިތެތްކަމުން އަހަރެންގެ ފައި ތެންމަމުން ދިޔަ ވަރަކަށް ހަށިގަނޑުވެސް ދިޔައީ ފިނިވަމުންނެވެ. އެއާއެކު މަހާނައަކަށްފަހު މަހާނައެއް ފަހަނައަޅައި ދިޔައިރު އަނެއްކާވެސް އަހަރެންގެ ސިކުނޑި އިންޒާރުގެ ޚިޔާލުތަކުން ފުރެމުން ދިޔައެވެ. “ދުނިޔެ ދޫކޮށްފައިވަނީ ކިތައް މީހުން ހެއްޔެވެ؟ ދުނިޔޭގައި އެހެން އެއްވެސް ކަމެއް ޔަޤީންނުވިޔަސް މަރަކީ ޔަޤީނުންވެސް އަންނާނެ އެއްޗެކެވެ. އެ ބިންގަނޑު ތެރޭގައި ކަލޭގެ ހަށިގަނޑުވެސް ވަޅުލާނެ ދުވަހެއް އަންނާނެއެވެ.” މާގިނައިރެއް ނުވެ މައްޔިތާ ވަޅުލަން ކޮނެފައިވާ ވަޅުގަނޑާއި ހަމައަށް ދެވިއްޖެއެވެ. ސަންދޯކު އެންމެންގެ ކޮނޑުތަކުން ބާލާފައި ބިންމަތީގައި ބެހިއްޓިއްޖެއެވެ. އަހަންނަށް އެވަޅުގަނޑައް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. “އެއީ މި ޒުވާނާއަށް ކޮނެވިފައިވާ ވަޅުގަނޑެވެ. ކަލޭގެ ވަޅުގަނޑު ކޮންނާނީ ކޮންރަށެއްގެ ކޮންހިސާބަކު ބާވައެވެ! އެ ވަޅުގަނޑުގެ ތެރޭގައި ވަޅުލެވެން ތައްޔާރު ހެއްޔެވެ؟ ކަށްވަޅުގައި ކުރެވޭނެ ސުވާލުތަކަށް ޖަވާބުދޭން ތައްޔާރު ހެއްޔެވެ؟ އާޚިރަތުގައި ސުވަރުގެއަށް ދެވޭނެ ފަދަ މަގެއް މިދުނިޔެމަތީގައި ކޮށިން ހެއްޔެވެ؟ ނަރަކައިން ސަލާމަތްވާނެ ފަދަ ހެޔޮ އަމަލެއް ކުރެވުނު ހެއްޔެވެ؟” ހީވަނީ އަހަރެންގެ ސިކުނޑި އަހަންނަށް އިންޒާރު ދޭ ހެންނެވެ.
މާގިނަ އިރެއްނުވެ އެ މައްޔިތާ ސަންދޯކާއިއެކު ވަޅައް ތިރިކުރެވި ފަސްއަޅާ ފޮރުވާލެވުނެވެ. އޭނާގެ ބައްޕަގެ ލޮލުން ފޭބި ކަރުނައިގެ ތިކިތައް ފޮހެމުން ފަސްއެނބުރި ގެއަށްދާން ހިނގައިގަތެވެ. ގާތުގައި ތިބި މީހުން އެ ބޭބެއަށް ހިތްވަރުދެމުން ގެންދިޔައެވެ. އަހަރެންވެސް މަޑު ހިނގުމެއްގައި ގެއަށްގޮސް ކޮޓަރީގެ އެނދުގައި ޖައްސާލީ ސައިބޯން ގޮވަންދެން އިރުކޮޅަކު ނިދާލުމުގެ ގަސްތުގައެވެ. ނަމަވެސް ލޮލަކަށް ނިންޖެއް ނައެވެ. ސިކުނޑި އެ ފުރުސަތު ދޭން ބޭނުން ނުވާ ފަދައެވެ. ވިސްނެމުން ދިޔައީ އަހަރެންގެ މަރާމެދުގައެވެ.
ދުނިޔޭގެ މި ކުޑަކުޑަ ވަގުތު ކޮޅު މަޖަލުގައި ނަގައިލަން ބޭނުންވަނީ ކީއްވެތޯ އަމިއްލަ ނަފްސާއި ސުވާލު ކުރެވެމުން ދިޔައެވެ. ހަމައެކަނި ފަސްވަގުތު ނަމާދުކޮށްގެން ސުވަރުގެ ވަދެވޭނެ ބާވައެވެ! އެއަށްފަހުގައި ކުރެވެމުން އަންނަ ފާފަތަކުގެ ސަބަބުން ހެޔޮކަމުގެ ތިލަފަތައްވުރެ ނުބައިކަމުގެ ތިލަފަތް ބަރު ވެއްޖެނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟ ނަރަކައިގެ އަލިފާނުގައި އަނދައިގެންދާން ބިރެއް ނުގަނޭ ހެއްޔެވެ؟ ދުވާލަކު ކިތައްފަހަރު ކުރެވިފައިވާ ފާފަތަކަށް ތަޢުބާވެ އިސްތިޣްފާރު ކުރެވުނު ހެއްޔެވެ؟ ފާފަތައް ފުއްސެވުމަށް އެދި އަދި ސުވަރުގެވަންތަވެރިއެއްކަމުގައި ލެއްވުމަށް އެދި އެންމެ ފަހަރަކުވެސް ދުޢާ ކުރެވުނު ހެއްޔެވެ؟ މައިންބަފައިންގެ މައްޗައް ހެޔޮ ދުޢާއެއް ކޮށްދީ އެމީހުންގެ ފާފަތައް ފުއްސެވުމަށް ﷲގެ ހަޟްރަތުން އެންމެ ފަހަރަކުވެސް އެދުނިން ހެއްޔެވެ؟ ޙަތިމު ނަގައި ޤުރުޢާނުގެ އަކުރެއް ކިޔާލީ އެންމެފަހުން ކޮންއިރަކު ހެއްޔެވެ؟
ދުވަހުގެ ވަގުތުތައް ހޭދަކުރެވޭ ގޮތާއި މެދު އެންމެ ފަހަރަކުވެސް ވިސްނާލިން ހެއްޔެވެ؟ މީހުންގެ ނުބައި ވާހަކަ ދެއްކުމާއި، މީހުންނަށް މަލާމާތް ކުރުމާއި، ފިލްމު ބެލުމާއި، ސޯޝަލް މީޑިޔާގައި މީހުންގެ ހަރަކާތްތައް ބެލުމާއި، މަސްދަތުރުތަކާއި، ރަށުތެރޭގައި ސައިކަލު ބުރުޖެހުމާއި އަދި އެނޫންވެސް ބޭކާރު އެތައްކަމެއްގައި ވަގުތުތައް ނަގާލީ ކުޑަކޮށްވެސް އާޙިރަތުގެ މަތިން ހަނދާން ނުވާތީ ހެއްޔެވެ؟
އާޙިރަތައްޓަކައި ކުރެވުނު ހެޔޮއަމަލެއް ހަނދާންވޭތޯ ބެލީމެވެ. އަދަދުން ގުނަމުން ލިސްޓެއް ހަދާލާނަމަ އެންމެ ކުޑަ މިނުން ދިހަޔަކާއި ހަމައަށްވެސް ދާނެ ބާވައެވެ؟ އެކަމަކު ކުރެވުނު ނުބައި ކަންތައްތަކުގެ ލިސްޓެއް ހަދާލާށެވެ. ބަރުވަނީ ނުވަތަ ގިނަވަނީ ކޮންކޮޅަކަށް ހެއްޔެވެ؟”
އަހަންނަށް ރޮވިއްޖެއެވެ. އަހަރެންގެ އުމުރުގައި ބާކީ އޮތީ ކިތައް ދުވަސްކަމެއް އަހަންނަކަށް ނޭނގެއެވެ. އެކަމަކުވެސް އަބަދުވެސް ބެލުނީ ހުސް ވަގުތުތައް މަޖާ، ފޫހިފިލާ ކަމެއްގައި ދުއްވާލެވޭތޯއެވެ. އަހަރެން ކިހާ މޮޔަ ހެއްޔެވެ؟ ސުވަރުއަށް ވަންނަން ބޭނުންވާ ހިނދު އެކަން ހާސިލް ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރެވެއެވެ. ނަރަކައިގެ އަލިފާނުގައި އަނދައިގެންދަނީ ކީއްވެގެން ކަން އެނގޭ ހާލު މުޅިންވެސް މަގު ކޮށެނީ އެ އަލިފާނާ ދިމާއަށެވެ. އެ މޮޔަކަމުގައި ދުނިޔެއިން ކިތައްދުވަސް ނަގައިލާފިން ހެއްޔެވެ؟ އަސްތަޣްފިރުﷲ. އަހަރެންގެ ޗުއްޓީ މި ހޭދަކުރީ އެއްވެސް ފައިދާއެއް ނެތް ބޭކާރު ކަންތައްތަކުގައެވެ. މިހެން އުޅެނިކޮށް ކުއްލިއަކަށް އަހަރެންގެ މަރު އައިސް ޖެހުނު ނަމަ ޤިޔާމަތް ދުވަހުން އަހަންނަށް ސަލާމަތެއް ލިބުނީސް ހެއްޔެވެ؟
އޭގެ ފަހުން އަހަންނަށް އަބަދުވެސް އަހަރެންގެ މަރާއިމެދު ވިސްނެއެވެ. އަބަދުވެސް ހިތައް އަރައެވެ؟ “ބާކީ އޮތީ ކިތައް ދުވަސް ބާވައެވެ؟ ނުވަތަ ކިތައް ގަޑިއިރު ބާވައެވެ؟” ވަގުތު ނެތް ކަމުގެ އިންޒާރުން އަހަރެން ދުވަހަކަށްފަހު ދުވަހެއް ދިރިއުޅުން އިސްލާހުކޮށް އާޚިރަތައް ތައްޔާރުވަމުން ދިޔައީމެވެ.
**ނިމުނީ**
15 Comments!
Comments are closed.




Assalaam alaikum.
Alhugandu kuryga liyamun ai waahaka nuninmunythy maafah edhen. Vaguthuge dhathi kamun ehaa avas avahah update kuran undhagoovany. Anyways.. Here is just a short story. Hope u all will read it. Jazaakallah khair.
Masha allah v iburaitheri vaahakathekeh .. allah thibaa ah heyorahmai lahvaashi .. aameen
Maasha Allah ???..varah furihama liumeh…May Allah guide us all to right path…
Aameen
Varah ufaa vehje mi kahala iburaiytheri vaahaka eh kiyaalan libumun
Thi dhin iburathah Varah bodhah shukuriyya
MASHA ALLAH Vv iburaritheri vaahakaeh ????
May allah bless u Aameen
Masha Allah varah iburaitheri vaahakaeh
Jazaakumullah khair
V iburaytheri vaahaka e. Imthihaan vaahaka kiyan dhen libèynee kon dhuvahakun.
V best
V ibraitheri story eh
Gisaam
Hama asluves rovijje. Shukuriyya. Maru mathin handhaan koh dhineethee.
very nice
Masha Allah is varah reethi vaahaka eh