Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބަޑި

saani Level 1
November 20, 2017 9 Mins Read
19 Comments

މިއީ އެންމެ ދެ އަކުރުގެ ލަފްޒެކެވެ. ނަމަވެސް މީހެއްގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލުމުގެ ބާރު މި ކުޑަ ލަފްޒަށް ލިބިގެން ވެއެވެ. އަހަރެން މިހެން ބުނީތީ ޤަބޫލު ނުކުރާށެވެ. ކަމެއްގެ ހަޤީޤަތް ނުބަލާ ވާހަކަ ދައްކާ މީހުން މިހާރުވެސް މަދެއް ނޫނެވެ. މީހަކު ބުނާހާ އެއްޗެއް ޤަބޫލުކުރަން ވެއްޖެއްޔާ އެކަކު އަނެކަކާ ލޮލާ ލޯ ހަމަކޮށްލަން ކެރޭނޭ ބަޔަކު މި ދިވެހި ރާއްޖެއަކު ނުތިބޭނެއެވެ.
އަހަރެންގެ މި ގަލަމުގައި ކިތަންމެ ދެއްޔެއް ހުއްޓަސް ވަގުތެއް ނެތެވެ. ދައްކަން ބޭނުންވާ އެތައް ވާހަކަ އެއް އެބަހުއްޓެވެ. ޖަމާވެފައިވާ ކަރުނަަތަކުން ލޯ ފުސް ކުރަމުންދިޔަ ނަމަވެސް އެއިން އެންމެ ތިއްކެތްވެސް ލޮލުން ފައިބާނޭ ހިތްވަރެއް ނެތެވެ. އަހަރެންގެ ޒަޚަމްވެފައިވާ ހިތުގެ ތެޅުމުގެ އަޑު ގަޑީގެ ކައްޓަށް ވުރެ ބާރެވެ. އެހެނަސް ލަހެވެ. އާދަޔާ ޚިލާފަށް ލަސްވެއްޖެއެވެ. ބަޑިއެއްގެ ހިތަށް ވަޒަނެއް އަރާފާނެ ހެއްޔެވެ؟
ފރިހެނުންނަކީ ހެއްވާ ބަޔެކެވެ. ބަސްމޮށުންތެރިކަމަށް މޮޅު ބަޔެކެވެ. މަކަރުވެރިކަމުގެ ވާހަކަ ރަނގަޅީ ނުދެއްކިއްޔާއެވެ. އަހަރެންގެ މަންމައަށް އެފަދަ ލަނޑެއް ދިން މީހަކުވެސް ކުޅަދާނަޔޭ ހިތަށްއަރައެވެ. ލޯބީގެ ވައުދާ ހުވާކޮށް، ކުރެވުނު ކުށަކަށް އަރައިގަނެ އެކަމުގެ ހިތި ފިލުވަން ޖެހުނު ވަގުތު ކަނޑޫ ބޮނޑި އުނގަން ޖަހާލާފައި ފިލީއެވެ.
އަހަރެން މި ދުނިޔެއަށް ނޭވާލީ ހިތި ޚަބަރަކާއެކުއެވެ. ދުނިޔޭގެ މަލާމާތާ ދިރިއުޅުމުގެ ހިތްދަތި ކަމާ އަހަރެންގެ މަންމަ ހަނގުރާމަ ކުރަމުން އައީ މި ވަގުތު ކޮޅަށްޓަކައެވެ. އަހަރެން މި ދުނިޔެއަށް ތައާރަފް ކޮށްދިނީ އަމިއްލަ ފުރާނަ ދުނިޔެއާ އަލްވަދާއު ކިޔަމުންނެވެ. ލޮލުގެ ކަޅިއާ، ބޮލުގެ އިސްތަށި ގަނޑާއެކު މަންމަ އަށް ނިޞްބަތް ވެފައިވާ “ބަޑި” ގެ ލަޤަބު ވެސް އަހަރެންނަށް ވާރުތަ ވި ކަހަލަ އެވެ. މިކަމުގައި އަހަރެންގެ އޮތީ ވަކި ކޮން ކުށެއް ހެއްޔެވެ؟
ހެވާ ނުބައި އަހަރެން ދަސްކުރަމުން އައީ މަންމަ ފަރާތު ބޮޑު ދައިތަ ގޯތީގެ ހަތަރު ފާރުގެ ތެރެއިންނެވެ. ނަފްރަތަކީ ކިހާ ވިހަ ގަދަ އެއްޗެއްކަން ފަހުމް ވީ އަމިއްލަ އާއިލާ މީހުންގެ ހިމާޔަތުގައި އުޅެމުންނެވެ. ކުޑަ އާއިލާ އެކެވެ. ބޮޑު ދައިތަގެ ދެމަފިރިންނާ އެ މީހުންގެ ދެ ފިިރިހެން ދަރިން ފިޔަވާ އިތުރު ގާތް ތިމާގެ މީހަކު އަހަރެންގެ އެއް ނުހުރެއެވެ. ކުޑަ އިރުއްސުރެ ލިބެމުން އައި އަނިޔާ ތަހައްމަލް ކުރަން ޖެހުނީ އެ ސަބަބަށްޓަކައެވެ.
އަހަރެންގެ އުމުރުން 14 އަހަރު ފުރުނު އިރު ފިރިހެނުން ވެފައި ވަނީ ހިތް ތަކަށް ފައިން އަރަމުންދާ ބަޔަކަށެވެ. އެއްވެސް ހާލެއްގައި އެއީ އަހަރެންގެ އަމިއްލަ ތަޖުރިބާއެއް ނޫނެވެ. ތުން ތުން މަތިން އިވޭ ވާހަކަ ތަކާއި، ގާތް ރަހުމަތް ތެރިންގެ ޝަކުވާ ތަކުން އަހަރެންނަށް ފިރިހެންނުން ސިފަ ވެފައިވަނީ އަމިއްލަ އެދުމުން ފުރިފައިވާ، ނުލަފާ ބައެއްގެ ގޮތުގައެވެ. އެހެންކަމުން އެންމެ ކުޑައިރުއްސުރެ ފިރިހެނަކާ އިސް އުފުލާ ވާހަކަ ދައްކަންވެސް އަހަރެން ޖެހިލުން ވެއެވެ. ނަމަވެސް މިއަދު މުޅި ރަށަށް އަހަރެން މަޝްހޫރު ވެފައި މިވަނީ “ބަޑި” އެއްގެ ނަމުންނެވެ.
އަހަރެންގެ ދިރިއުޅުން އެ ފުށް މިފުށަށް ޖަހާލި ރޭގެ ވާހަކަ ކިޔައިދެން ހެއްޔެވެ؟ އެއީ އަހަރެން އާ ކުރަން ބޭނުންވާ ހަނދާން ތަކެއް ނޫނެވެ. ނަމަވެސް މި ވަގުތު ކޮޅަށްޓަކައި ހިތްވަރު ކުރާނަމެވެ.
ލޯ މަރައިގެން އަހަރެން އޮތް އިރު މުޅި ހެދުން ވަނީ ދަލުން ފޯ ވެފައެވެ. އަހަރެން އޮތީ ބެޑް ޝީޓްގައި ހިފާ ބާރުކޮށްގެންނެވެ. އަހަރެންގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. މިއީ ބިރުވެރި ހުވަފެނަކަށް ވާނެނަމައެވެ. ހަމަ ގައިމުވެސް އަހަރެންގެ ހަށިގަނޑުގައި އެ މުޑުދާރު އަތުން ބީހެމުން ދިޔަ ބޮޑު ބޭބެއަށް އަހަރެންގެ ހިތުގެ ތެޅުމުގެ އަޑު އިވޭނެއެވެ. ކެތްތެރިކަން ކޮޅުން ލައިފިއެވެ. ގައިގަ ހުރި ބާރެއް ލާފައި ކޮށްޕާލީމެވެ. އޭ މިހިރަ ހަޔާތް ކުޑަ މީހާއެވެ.ދެން ނިކަން ކައިރި ވެބަލާށެވެ. ޖަވާބު ލިބުނީ އަހަރެންގެ ކަންކަށި މައްޗަށެވެ. ކޯތާފަތަށް އަރާފައިވާ ދިހުނަށް ވުރެ ހިތަށް ވެރިވަމުންދިޔަ ހޫނުގެ އަސަރު މާ ބޮޑެވެ.
ރުއީމެވެ. އާދޭސް ކުރީމެވެ. ބޮޑު ދައިތައަށް ނީވޭ ކަމަށް ހެއްޔެވެ. އިވުނެވެ. ހިނގައި ދިޔަ ކަންތައް މާ ރަނގަޅަށް ވެސް އެނގެއެވެ. އެކަންތައް އާދައަަކަށް ހެދިކަންވެސް ދެނެހުއްޓެވެ. ކޮންމެ ރެއަކު މިހާލުގައި އަހަރެން އުޅޭކަން ވެސް ބޮޑު ދައިތައަށް އެނގޭނެއެވެ. ނަމަވެސް އޭނާ ހުރީ ހަނެވެ. އަހަރެންގެ އާދޭސްތަކަށް ދިނީ ބީރު ކަންފަތެކެވެ.
“ޝުކުރު ކުރާށެވެ. ކަލޭ ބަލާތީވެސް ޝުކުރު ކުރާށެވެ. އަހަރެން ނޫން މި ދުނިޔޭގައި ހުރީ ވަކި ކަލޭގެ ކާކު ހެއްޔެވެ. އަަހަރެން ނެތް ނަމަ ކަލޭ އޮންނާނީ އޮރިޔާން ހާލުގަ މަގުމަތީގައެވެ. ނޫނީ ކަލޭގެ އަމަޔަށް ވިހެން އިންނާނީ ނަހަލާލަށް ބަލިވެއެވެ. ބެހޭނޭ މީހުން މާ ގިނަ ވާނެއެވެ. ގަދަކަމުން އަތްލާނެ އަތްތައް މަދެއްނުވާނެއެވެ. ކަލޭ ބޭނުންވަނީ އެގޮތް ހެއްޔެވެ.”
ދިރިއުޅުން މަތިން ފޫހި ވެއްޖެއެވެ. ފިރިހެނުން ދެކެ ނަފްރަތު ކުރަމެވެ. ލޯ މަތިން ފެންނަމުން ދިޔަ މަންޒަރުތަކާ ކުރިމަތިލާން ޖެހުނު ކޮޅިގަނޑުން އަހަރެން މުޅިން ވަރުބަލި ކޮށްލައިފިއެވެ. ބޮޑު ބޭބެގެ ވަކި ތަކާ ކުރަމުންދިޔަ ހަނގުރާމައިން ސަލާމަތް ނުވެވި އުޅެނިކޮށް ދެން ލައިގަތީ އެއަށްވުރެ ބޮޑު މުސީބާތެކެވެ. ބޮޑު ދައިތަގެ ފުރާވަރަށް އަޅާފައިވާ ދެ ފިރިހެން ދަރިންގެ އުނދަގުލެވެ. އަހަރެން ހިތަށް އަރައެވެ. މިއީ ހަމަ އިންސާނުން ބާވައެވެ. ބަލަ އަހަރެން މިއީ މި މީހުންގެ އަމިއްލަ ލެއެއް ނޫން ހެއްޔެވެ؟ އެއް އާއިލާ އެއް ނޫން ހެއްޔެވެ؟ އަހަރެންނަށް ތި ދައްކާ ހަޑި ހުތުރު މަންޒަރުތައް ދައްކައިގެން ކަލޭމެންނަށް ތި ލިބެނީ ކޮން ކަހަލަ ހިތްހަމަޖެހުމެއް ހެއްޔެވެ؟
ސުވާލުތައް ބައިވަރެވެ. ނެތީ ވާހަކަ ދައްކާނެ ހިތްވަރެވެ.
މީހުން ބުނާތީ އަޑު އަހަމެވެ. ތިބާގެ އިސްތަށިގަނޑަކީ ހަތް އައިބު ފޮރުވައިދޭ އެއްޗެކެވެ. އަހަރެން ހިތުން އަހަރެންގެ ކިބައިގައިވާ އައިބުތައް ގުނާ އަދަދު ނުކުރެވޭހާ ގިނައެވެ. އެހެންކަމުން އަހަރެންގެ ދިގު އިސްތަށިގަނޑުގެ ނިވަލުގައި އެ އައިބުތަައް ފޮރުވީމެވެ. ގައިގައި އެޅިފައިވާ ވަކިތަކާއި، ލޭ ނުހިކޭ ލަކުނުތައް ފަރުދާކުރީމެވެ. އަހަރެންގެ ހަމުގެ އަލިކަމުން ފެންނަން ހުރި އަނިޔާތަކަށް އެކަށީގެންވާ ދޮގުތަކެއް ތައްޔާރު ކުރީމެވެ. އެންމެ ގާތް ރަހުމަތްތެރިންނަށް ސިއްރު ކުރީމެވެ. ހިތްވަރު ނެތީއެވެ. އަހަރެންގެ ނިކަމެތިކަން ތަންނުދިނީއެވެ. ހިތަށް އެރިއެވެ. އަދި ދުވަހެއް އަންނާނެއެވެ. އަހަރެންގެ ވާހަކަ ކިޔައިދޭނަމެވެ. އަހަރެންނަށް މި އަނިޔާތައް ދޭ ނަފްސަތަކަށް ހައްގު ސަޒާ ލިބޭނެއެވެ. ނަމަވެސް ގިނަ ދުވަސް ތަކެއް ނުވެ ސަޒާ ލިބުނީ އަހަރެންނަށެވެ.
ގްރޭޑް އަށެއް ގައި ކިޔަވަމުން ދިޔަ އިރު ލޯބިވެރިއެއް ނެތީ އަތުން ގުނާ ލެވޭހާ މަދު ބައެއްގެއެވެ. އޭގެ ތެރޭގައި އަހަރެން ހިމެނެއެވެ. ލޯތްބަކީ ކޯޗެއްކަން ނޭނގޭ ހާލުގައިވެސް އޭގެ ހައްގުގައި އެންމެން ޝަހީދު ވަނީއެވެ. ކެހިވެރިން ގިނަ މި ޒަމާނުގައި ބަޔަކަށް އެހާވަރެއްގެ އިތުބާރެއް ކުރާނީ ކާކު ހެއްޔެވެ؟ އަހަންނަށް ހުށައެޅުންތައް ލިބެއެވެ. ލޯބީގެ ސިޓީ ފޮނުވައެވެ. މަގުމަތިން މާ މެލާ މެލީގެ ގުލްޒާރުތައް ދޭ މީހުން މަދެއް ނޫނެވެ. އަހަރެންގެ ރަހުމަތްތެރިން ހަސަދަ ވެރިވާހާ ސަމާލުކަން އަހަރެންނަށް ލިބެމުން ދިޔަޔަސް އަހަރެންގެ ހިތް ރޭކާވެސް ނުަލައެވެ. ތި ފިރިހެނުންގެ ގޮތް އަހަރެންނަށް ނޭނގެނީކީ ނޫނެވެ.
އަހަރެންގެ ފަރާތުން ދެކޮޅުވެރިކަން ލިބެމުންދިޔަ މީހުންގެ ހިތަށް ކެތެއް ނުކުރެވުނެވެ. އަލިފާން ދަރު އަންދާލާހާ އަވަހަށް މަދަރުސާގައި އަޑުތަކެއް ފެތުރެން ފަށައިފިއެވެ. އަހަރެންނަކީ އަންހެން ކުޅި އެކޭ އެއްބަޔަކު ކިޔަމުން ދިޔަ އިރު އަނެއް ބަޔަކު ބުނަމުން ދިޔައީ އަހަރެން މީހަކާ ރައްޓެހިވާން ބޭނުން ނުވިޔަސް އިތުރު ގުޅުންތައް ހިންގަން ތައްޔާރަށް ހުރި ވާހަކައެވެ. އަހަރެން އެންމެ ހައިރާންވީ އެންމެ ގާތް ކަަމަށް ދެކެމުން އައި ރައްޓެހީން މި ސަކަރާތުގައި ބައިވެރިވީމައެވެ. އަންހެން ކުދިންގެ ފާޚާނައިގެ ފާރުތަކުން ފެށިގެން ކުލާސް ކުލާހުގ ބޯޑުގައި އަހަރެންނޭ ކިޔައިގެން ހަޑި ހުތުރު ބަހުން އެއްޗެހި ލިޔެވެން ފަށައަިފިއެވެ. ކަންތައް ވެގެން ދިޔަ ގޮތާމެދު އަހަރެން ހުރީ ހައިރާންވެ އަންތަރީސް ވެފައެވެ. ބޭރު ތެރެއިން ފިރިހެނަކާ އެކު އަހަރެން ދުށް މީހެއް މުޅި ރަށުން އަތް ފުނާ އެޅިޔަސް ނުފެންނާނެތީއެވެ.
މަގުމަތިން ދާ އިރު އަހަރެންނާ ދިމާލަށް ގޮވާ ފާޑު ފާޑު ނަންތަކުން އަހަރެންގެ މަންމަ ދުނިޔޭގަ ހުރި ނަމަ ލަދުން އިސް ޖަހާނެކަން ކަށަވަރެވެ. އަހަރެން ލައިގެން ހުންނަ ޖިންސުގެ ބާުރު މިނަކުން ކަލޭމެންގެ ހަވަނަ ހިއްސަށް ބާރުކުރުން އެއީ އަހަރެންގެ މައްސަަލައެއް ހެއްޔެވެ؟ ނޫނީ އެއީ ކަލޭ މެންގެ އަމިއްލަ އިހުސާސްތައް ހިފަހައްޓާނުލެވޭ ކަމުގެ ހެއްކެތް ނޫންހެއްޔެވެ؟ ފިރިހެނުން އެހާ ނިކަމެތި ބަޔަކަށްވީ ކޮންއިރަކު ހެއްޔެވެ؟
ހިތަށް އަރައެވެ. ބަލަ ތިއިން މީހެއްގެ އަަމަޔެއް، ކޮއްކޮއެއް ދައްތައެއް ހަމަ ނެތީބާވައެވެ. މި ޒަމާނުގައި އާއިލާއަށް ވަނީ ކޮން ބައެއް ހެއްޔެވެ؟ ދުނިޔޭގެ އަވައިގައި އެންމެން ޖެހި ނިމެނީއެވެ. ގިނަ ފަހަރު ހަޑި ހުތުރު ބަހުން އެއްޗެހި ގޮވާ އިރު ފަރުދާގެ އަނެއް ފަރާތުގައި ހުރީ ކާކު ކަމެއް، ކޮން ހައިސިއްޔަތެއްގެ މީހެއްކަމެއްވެސް ބަލާ ނުލެވެއެވެ. މި މިޖުތަމައުގެ ހާލަތު މިހާ ދަށަށް ވެއްޓިފައިވާއިރު އަހަރެންގެ ހެދުމުގެ ކޮނޑަށް ބަލާ ސުވާލު ކުރެވެންވީ ކީއްވެހެއްޔެވެ؟ އައުރަ ނިވާ ނުވާ މި ގައުމުގެ ފޭރާމުގެ ތުނިކަމުން މުޅި ދުނިޔެ މަލާމާތް ކުރަމުންދާ އިރު އަހަރެންގެ ހަމުގެ ކުލަ ވަކިވުން އެއީ މާ ބޮޑު ކަމަކަށް ހަދަން ޖެހޭ ވަރު ކަމެއްހެއްޔެވެ؟
އަހަރެންނަށް ކުރަމުންއައި ފުރައްސާރަތަކަށް ކެތްކުރަމުން އައީ ގްރޭޑް ދިހައެއް އެއް ނިމުމަށް ފަހު ކޮންމެވެސް ގޮތަކުން މިރަށުން ފިލާނަމޭ ހިތާއެވެ. އެއަށްވުރެ މޮޅު ޚިޔާލެއް އަހަރެންގެ ޅަ ސިކުނޑިއަށް އޭރަކު ނާދެއެވެ. މަދަރަުސާއަށް ބަރާބަރަށް ދިޔައީމެވެ. ކުލާހުގައި ކިޔަވައިދޭ އެއްޗަކަށް ސަމާލުކަން ނުދެވުނަސް ކެތްކުރީމެވެ. އަހަރެންނާ އޭނަ އާ ދިމާވީ މަދަރުސީ ދައުރުގެ އެންމެ ފަހު އަހަރުއެވެ.
އެއީ ކުރިންވެސް އަހަރެން ދަންނަ ކުއްޖެކެވެ. ދުވަހަކު ވެސް އެކަކު އަނެކަކާ ވާހަކަ އެއް ނުދައްކަމެވެ. ނަމަވެސް މަގުމަތިން ފެނުމުން ހިނިތުން ވެލައެވެ. ކުލާސް ތެރޭގައި އަހަރެންނާ ދިމާކުރާ ކުދިންގެ ކިބައިން އަހަރެން ދިފާޢު ކޮށްދެއެވެ. އަހަރެންނާ ވާހަކަ ނުދެއްކިޔަސް ކޮންމެ ދުވަހަކު މަދަރުސާ ނިމުމުން އަހަރެން ގެ އަށް ލައިދޭން ދެއެވެ. އަހަރެން ސުވާލެއް ނުކުރަމެވެ. އޭނާ އަހަރެންނަކާ ވާހަކައެއް ނުދައްކައެވެ. އަހަރުގެ ފުރަތަމަ ތިން މަސް ކަނޑައްތު ކުރީ ދެ މީހުންގެ ދެމެދުގަ އޮތް މި ހިތްހަމަޖެހޭ ހިމޭންކަމުގެ ތެރޭގައެވެ.
އިސްނަގާ ވާހަކަ ދެއްކީ އަހަރެންނެވެ. ފާއިތުވެ ދިޔަ ދުވަސް ތަކުގައި ހިތުގައި އުފެދެމުން ދިޔަ ސުވާލުތައް ބަންޑުން ކޮށްލީމެވެ. އަހަރެންގެ ވާހަކަ ނިމެންދެން މަޑުމައިތިރި ކަމާއެކު އޭނާ އަޑުއަަހަން އިނެވެ. އޭނާގެ ޖަވާބު ވަރަށް ކުރެވެ. ރައްޓެއްސެއްގެ ގޮތުގައި ދެކޭތީ އޭ ބުނީ ހިނިތުންވުމަކާއެކު އެވެ. އަހަރެންގެ ރަހުމަތް ތެރި އެެއް ނުހުރެއެވެ. ވާހަކަ ދައްކާލާނޭ އާރެއް ބާރެއް ނެތެވެ. ވީއިރު އަހަރެންނާ ދުވަހަކުވެސް ބަހެއް ނުކިޔާ މީހަކު އަހަރެންގެ ރަހުމަތް ތެރިއަކަށް ވާން ބޭނުންވީ ކީއްްވެ ކަމެއް އަހަރެންނަކަށް ނުވިސްނުނެވެ. ނަމަވެސް އެކުވެރިއަކަށް ވުމަށް ދިއްކުރި އަތުގައި ހިފީމެވެ. ދެކޮޅު ހަދަން ބޭނުން ނުވީ އެކަމުން އަހަރެންނަށް މީގެ ކުރިންވެސް އެއްވެސް ފައިދާ އެއް ލިބިފައި ނުވުމުންނެވެ.
އަހަރެމެން ދެމީހުންގެ އެކުވެރިކަމުގެ ބަގީޗާގައި ފޮޅެމުންދިޔަ މާތަކަށް އެތައް ބަޔަކު ތަފާތު ނަންތައް ކިޔަމުން ދިޔައެވެ. އެއިން އަޑެއް އަހަރެމެންގެ ކަންފަތަށް ނީވޭ ކަހަލައެވެ. މަދަރުސާ ނިމިގެން އިރު އޮއްސުމާ ދޭތެރޭ ލިބޭ ވަގުތުކޮޅު އަހަރެން ހޭދަކުރަމުން އައީ އޭނައާ އެކުއެވެ. ކާއިނާތުގައި ހިނގާ ހުރިހާ ކަމެއްގެ ވާހަކަ ދައްކާ މަޝްވަރާކޮށް ބަހުޡް ކުރަމުން ދިޔައީމެވެ. އަހަރެން އޭނައާއެކު ހޭދަކުރަމުން ދިޔަ ވަގުތައް ސަލާމަތްތެރިކަމާއެކު ހިތު ތެރޭ ރައްކާ ކުރަމުން ދިޔައީމެވެ.
ފިރިހެނުން ދެކެ ފޫހީވާ ހިތް، ފިރިހިނެކަށް ލެނބެމުން ދާ ކަމުގެ އިހުސާސް ވިނަމަވެސް އެކަމާ ހާހެއް ނުވެއެވެ. އިތުބާރު ކުރަމެވެ. އޭނާ އަހަރެންނަށް ދެރަ ގޮތެއް ނަހަދާނެއެވެ.
އަހަރެންގެ ހަޔާތުގެ އަނދިރި ސަފްހާ ތަކުގެ ވާހަކަ ކިޔައިދިނީ ގުގުރާ، ވިދާ ރެއެއްގެ މެންދަމުގެ ކަނު އަނދިރީގައި ފޯން ކޯލަކުންނެވެ. ލޮލާ ލޯ ހަމަކޮށް ކިޔައިދޭނެހާ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. އަނިޔާތަކަށް ހުއްޓުމެއް ނާދެއެވެ. އަދިވެސް އަހަރެންނަކީ ފިނޑި އެއްކަމަށް އަހަރެން ޤަބޫލު ކުރަމެވެ. އޭނާ އަހަރެންނަށް ހިތް ވަރު ދިނެވެ. އަދި ލިބިމެން އައި ގޯނާތައް ބޮއްސުންލައި އަހަރެންގެ އިއްފަތްތެރިކަން ނަގައި ނުލަނީސް އެކަމުން ސަލާމަތްވުމަށް ބާރުއެޅިއެވެ. އަހަރެން ހުރީ ދިހައެއް ނިމުމާއެކު ޖެންޑާ އަށް މައްސަލަ ހުށައަޅަން ކަމުގައި ބުނީމެވެ. އަހަރެންގެ މި ނިންމުމަށް އޭނާ ތައުރީފް ކުރިއެވެ. އެކަމާ އަހަރެންގެ ހިތް އުފާ ކުރިއެވެ.
ޖެހިގެން އައި މަސްތަކުގައި އަހަރެމެންގެ ގުޅުން އިހުނަށް ވުރެ ވަރުގަދަ ވާން ފަށައފިއެވެ. އޭނާ ފެނުމުން އަހަރެންގެ ހިތަށް ބުނަން ނޭނގޭ ކަހަލަ އިހުސާސް ތަކެއް ކުރެވެއެވެ. އޭނާއަށްވެސް މިފަދަ އިހުސާސްތަކެއް ކުރެވޭނެއޭ އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. ނަމަވެސް މި ދެ ހިތް ގުޅޭކަށް އަހަރެން ބޭނުމެއް ނުވިއެވެ. ސަބަބުތައް ބައިވަރެވެ. އަހަރެންނަކީ ނަން މަޝްހޫރު “ބަޑި”އެކެވެ. އޭނާ އަހަރެން ބަލައިގަތަސް މި ރަށުގެ އެހެން މީހެއް އަހަރެންނާ ހަތަރު ކަޅި ހަމަކުރަންވެސް ބޭނުމެއްނުވާނެއެވެ. މި ވަރު މީހަކާ ލޯބީގެ ގޮތުން ގުޅިގެން، އޭނާގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލާކަށެއް އަހަރެންގެ ހިތެއް ނޭދެއެވެ. އަހަރެންނަށް ޖެހިފައި މިވާ މުޞީބާތުން ސަލާމަތް ނުވަނީސް އޭނާ އާ އެ ފަދަ ގުޅުމެއް ނުބާއްވަން ގަސްތުކުރީ އެހެންވެއެވެ.
ނަމަވެސް ކެތްނުކުރެވުނީ އޭނާގެ ހިތަށެވެ. ލޯބީގެ ގޮތުން ގުޅެން ބޭނުންވާ ވާހަކަ އަހަރެން ކައިރީގައި ބުނި ދުވަހަކީ ހަނދާނުން ދުވަހަކުވެސް ފިލައިގެން ދާނޭ ދުވަހެއް ނޫނެވެ. އަހަރެންގެ ހިތް އުފަލުން ނަށަމުން ދިޔަޔަސް މޫނު މަތިން އެ އުފާވެރި ކަމެއް ނުދައްކަމެވެ. އިނގިލީގެ ނިޔަފަތިތައް އަތުގެ މުށުތެރެއަށް ވައްދައި ބާރުކޮށްލުމަށްފަހު ބޯ ހޫރާލީމެވެ. އަަހަރެންގެ ދިރިއުޅުމުގައި ލޯބިވެރި އަކަށް ޖާގައެއް ދެވޭކަށް އަދި ނެތް ވާހަކަ ބުނީމެވެ. އޭނާގެ މޫނުމައްޗަށް ވެރިވި މާޔޫސްކަން ފަސޭހަ ކަމާއެކު ފޮރުވާލި އެވެ. އަދި ހިނިތުންވެލާފާ އަހަރެންގެ ޖަވާބަށް ޤަދަރު ކުރާ ވާހަކަ ބުނުމަށް ފަހު އެނބުރި ހިނގައިގަތެވެ. އަހަރެންގެ ހިތް ކުދި ކުދި ވި ކަހަަލައެވެ. ނަމަވެސް ހިތްވަރު ކޮށްލާފައި އޭނާއަށް ބޭނުންވާ ވަގުތު ދިނީމެވެ.
އަހަރެން ހީކުރި ގޮތާ ހިލާފަށް އޭނާ އަހަރެން ދުރެއް ނުކޮށްލައެވެ. މަދަރުސާގައި އަހަރެންނާ ކުރިއެކޭވެސް އެއްފަދައިން ވާހަކަ ދައްކާ ސަމާސާކޮށް އުޅެއެވެ. ގެއަށް ލައިދޭން ކޮންމެ ދުވަހަކު ހެން ދެއެެވެ. ރޭގަނޑުގެ ވަގުތުތައް ގުޅައިގެން ނޫނީ މެސެޖް ކުރުމުގައި ހޭދަވަމުން ދިޔައެވެ. އަހަރެން ޝުކުރު ކުރީމެވެ. ދިރިއުޅުމުގެ މި ނާމާން ދަނޑިވަޅުގައި އެފަދަ ރަހުމަތް ތެރިއަކު މިންވަރު ކުރެއްވީތީއެވެ.
އެހެންކަމުން ނުވަގުތެއްގައި އައި އޭނާގެ ފޯން ކޯލަކަށް އަހަރެން ޖަވާބު ދިނީ އެއްވެސް ހާސް ކަމެއް ނެތި، އުފަލުން ހުރެއެވެ.
ވަރަށް އަވަހަށް ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ އޭނާ ބުންޏެވެ. އޭރު ދަންވަރު ދޭއް ޖަހާ ބޮޑުވެއްޖެއެވެ. އަހަރެން ޖެހިލުން ވިއެވެ. ދައްކަން އުޅޭ ވާހަކަ އެއް މާދަން ދިމާވުމުން ދައްކަން މަޑުކުރުމަށް ބުނީމެވެ. އޭނާ އާދޭހުގެ ރާގަކަށް ބުނި ބުނުން އަހަރެންގެ ހިތަށް ފިތާލިކަހަަލައެވެ . އެ އަޑުގައި ވަނީ ހިތްދަތިކަމެވެ. މި ދަނީ އޭ ބުނުމަށް ފަހު އަހަރެން ހިނގައިގަތީ ނިދާފާ ތިބި އަހަރެންގެ އާއިލާއަށް ނުވާ އާއިލާ މީހުންނާ ސިއްރިއްޔާތުގައި އޭނައާ ބައްދަލުކުރާށެވެ. އެ ދުވަހު ދޮރުން ބޭރަށް އެ އެޅުނު ފިޔަވަޅު ނޭޅުނު ނަމައޭ މިހާރު ހިތަށް އަރައެވެ.
އޭނާގެ އިރުޝާދުގެ މަތިން އަހަރެން ދިޔައީ ގެއާ މާ ދުރުނޫން ހިސާބެއްގައި ހުރި ހޮޅުއައްޓަކަށެވެ. މީހެއްގެ ހިލަމެއް ނުވާ ރަށުތެރެއަށް ވެރިވެފަިއި ވަނީ އާދަޔާ ޚިލާފު މަޑުމައިތިރި ކަމެކެވެ. ތޫފާނެއްގެ ކުރިން ދުނިޔެ މައްޗަށް ވެރިވާ ފަދަ ހަމަ ހިމޭން ކަމެކެވެ. އަހަރެންގެ އަތުގައި އޮތް ފޯން ގަޔާލާ ބާރު ކޮށްލާ ފިޔަވަޅު ތައް އަވަސް ކޮށްލީމެވެ. ކުރިއަށް ނުދިޔުމަށް ހިތް ބުނަމުން ދިޔަޔަސް މިހާރު މާ ލަސްވެއްޖެއެވެ. އަހަރެން ހޮޅުއައްޓާ ހަމައަށް އަރާ ހަމަވި އިރު އޭނާ އަހަރެންގެ އިންތިޒާރުފައި ހުއްޓެވެ.
ވާހަކަ ދެއްކުމަށް ހުޅުވާލި އަނގަމަތީގައި ފަހަތުން އެޅިގެން ދިޔައީ ހުދު ފޮތި ގަނޑެކެވެ. އަހަރެންގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. މުޅި ހަށިގަނޑު އިސާހިތަކު ފިނިވެގެން ދިޔަ އިރު ހިތުގެ ތެޅުން އިހުނަށް ވުރެ އެތައް ގުނައެއް ބާރުވެއްޖެއެވެ. ޤަބޫލު ކުރަން ދަތި ގޮތަކަށް އަހަރެން އޭނާ އާ ދިމާލަށް ބަލަން ހުރި އިރު އިތުރު ދެމީހަކު އެތާނގައި އުޅޭ ކަމުގެ އިހުސާސް ކުރެވުނެވެ. އޭރު އެކަކު އަހަރެންގެ އަތުގައި ހިފާ ބާުރު ކޮށްލައިފިއެވެ. މިއީ އަހަރެންނަށް ލޯބި ހުށަހެޅި މީހުންގެ ތެރެއިން ބައެކެވެ. ގަދަ ހަދާނެހާ ހިތްވަރެއް އަހަރެން ގަޔަކު ނެތެވެ. ހަނު ނުރި ބުދެއް ހެން އަހަރެން އޭނަ އާ ދިމާލަށް ބަލަހައްޓައިގެން ހުރި އިރު ކަރުނަތައް ލޮލުން ފައިބަމުން ދިޔައެވެ.
އަހަރެންގެ އިއްފަތްތެރިކަން ނަގާލީ އަހަރެން އެންމެ ލޯބި ވި މީހާއެވެ. ގައިގެ އެކި ތަންތަނުގައި އަޅަމުންދިޔަ ވޭނަށް ވުރެ ހިތުގައި އަޅަމުން ދިޔަ ވޭން މާ ގަދައެވެ. މިހާރު ކަރުނަތައް ހިކިފައި ވީ ނަމަވެސް އޭރު ހޯސްލައިފައި ފޭބީ އާދޭހާއެކުއެވެ. ނިވާނުވާ އަހަރެންގެ ހަށިގަނޑުގައި އެތަނުގައި ދެން ތިބި އެކަކުވެސް އަތެއް ނުަލައެވެ. ކޮންމެ މީހެއްގެ ފޯނުން އެތަކެއް ފޮޓޯތަކެއް ނެގިއެވެ. އެކި އެކި ގޮތްގޮތަށް އަަހަރެންގެ ތަސްވީރުތައް ނަގާ ފޯނަށް ރައްކާކުރަމުން ދިޔައީ އަހަރެންގެ މޫނުމަތިން ފެންނަމުން ދިޔަ އާދޭހުގެ ކުލަވަރުތަކަށް އަޅާލުމެއް ނެތިއެވެ. ކުރަން އައި ކަންތައް ކޮށް ނިމުމުން އެންމެ ފުރަތަމަ ވެސް އެތަނުން ދިޔައީ އޭނާއެވެ. އެންމެ ފަހަރަކުވެސް ފަހަތަށް އެނުބުރި ބަލައެއް ނުލައެވެ. މަގުގެ އަނެއް ފަރާތުން އޮބާލަން ދެން އަހަރެން ބަލަހައްޓައިގެން އޮތީމެވެ.
ހެނދުނު ވި އިރުވެސް އަހަރެން އޮތީ ހޮޅުއަށީގައި އައްސާފައެވެ. ފަތިސް ނަމާދަށް ތެދުވެ އުޅުނު މީހަކަށް ފެނި ރަށު އެންމެން އެއްކުރީ އަހަރެން އިތުރަށް ފަޟީހަތް ކުރާނެ ގޮތެއް ނޭނގިގެން ބާވައެވެ؟ މީހުންގެ މަލާމާތުގެ ބަސްތައް އަހަރެންނަށް ރައްދުވަމުން ދިޔައިރު އަހަރެން އޮތީ ފުރާނަ މިވަގުތުން ވަގުތަށް ގެންދަވާނޭ ނަމައޭ ހިތާ ހިތުން ދުޢާކޮށް ކޮށެވެ. ގެއަށް ގެންދިޔައީ ބޮޑު ދައިތައެވެ. ރަށު އެންމެން ކުރިމަތީ އަހަރެންގެ އިސްތަށިގަނޑަށް ހިފާ ދަމަމުންނެވެ. ބަޑިއަށް ކޫޑިއަށް ދަންދެން ގޮވުނު ހާ ނަމެއް ގޮވަމުންނެވެ.
އަހަރެން މަދަރުސާއިން ވަކިވިތާ މި އީ ސާދަ ވަނަ ދުވަހެވެ. އެކުވެރިއެއް ނެތްތާނގައި ވާހަކަ ދައްކާނޭ މީހަކުވެސް ވަނީއެއް ނޫނެވެ. ސައްވީސް ގަޑިއިރު އަހަރެން ހޭދަކުރަނީ މި އަނދިރި ގޮޅިއެއްފަދަ ކޮޓަރީގައެވެ. ބޮޑު ދައިތަގެ ރުންކުރު ބަސްތަކާ ކުރިމަތިލާނޭ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. ބޮޑުބޭބޭގެ ގޯނާތަކާއި، އޭނާގެ ދަރިންގެ މޮށުންތަކަށް އަހަރެން އިޖާބަ ދީފީމެވެ. ލައްކަ ގަދަ ހެދިއްޖެތާއެވެ. އަނިޔާ ނޫން އެއްޗެއް ނުލިބުނެވެ. ލިބުނުހާވެސް އެއްޗަކީ ހުތުރު ނަމެވެ.
އަހަރެންގެ ކެތްތެރިކަން ކޮޅުން ލީ މީގެ ދެދުވަސް ކުރިންނެވެ.
އަތުގައި އޮތް ކަލަންޑަރުގެ ދުވަސް ތަކުގައި ރަތް ކުލައިގެ ގަލަމަކުން ބޮޅު އަޅަމުން ދިޔައީ ގޮތް ހުސްވެ އިނދެއެވެ. ފަހަކަށް އައިސް މާ ބޮޑު ހިލަމެއް ނުވާ އަހަރެންގެ ހިތް ބާރު ބާރަށް ތެޅެމުންދިޔައެވެ. އަހަރެންގެ ދުވަސް ފަހަނަ އަޅައި ގޮސްސިއެވެ. އުމުރުން މިހާ ވަރު ވި އިރު އަހަރެންގެ މައްސަރު ދުވަސްތަކަކަށް އެއްވެސް ބަދަލެެއް ނާދެއެވެ. މިހާރު މާ ލަސްވެއްޖެއެވެ. ބޭއިޚްތިޔާރުގައި އަހަރެންގެ ބަނޑުގައި އަތް އަޅާލީމެވެ. ކުރިން ފާހަގަ ކުރެވިފައި ނުވިނަމަވެސް އަހަރެންގެ ހަށިގަނޑަށް ބޮޑެތި ބަދަލު ތަކެއް އައިސްފައިވާކަން މިހާރު ޔަގީން ވީދެނެވެ.
އަހަރެން މުޅިން މާޔޫސް ވެއްޖެއެވެ. ބަނޑުގައި އުފެދެމުން މި ދާ އަހަރެންގެ އިއްފަތްތެރި ކަމަށް އަރައިގަތް ފަދަ ޖަނަވާރެއް މި ދުނިޔެއަށް ގެންނާނެހާ ހިތްވަރެއް މި ނިކަމެތި ހަށިގަނޑަކު ނެތެވެ. އަަހަރެންގެ ބަނޑުން ނިކުމެ އަދި ކިތައް އަންހެނުންގެ އަބުރާ އިއްޒަތަށް އަރާނެ ބާއޭ ހިތަށްއެރިއެވެ. ބޮޑުބޭބެއާ އޭނާގެ ދަރިންނަށް ނިކަން ބަލާބަލާށެވެ. ހައިވާންތަކެއް ހެން އުޅެމުން އެދަނީ އަހަންނަކީ އިންސާނެއްކަން ހިތަށް އަރުވާލުމެއް ނެތިއެވެ. އަހަރެން މި ހާލަތަށް ގެނައި އެކަކުގެވެސް ހިތެއް އޮންނަ ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަމެވެ. އަމިއްލަ މައިމީހާގެ ފަރާތުން އަހަރެންގެ ދިރިއުޅުމުގައި ޖެހުނު ސިއްކަ ވަކި ކުޑަހެއްޔެވެ؟ އަދި އިތުރު ބައެއްގެ ފަރާތުން ކުރެވޭނީ ކޮން އުއްމީދެއް ހެއްޔެވެ؟ އަންނަން އުޅޭ އާ މެހެމާނަކީ ވެސް އަހަރެންގެ ބޮލަށް ފައިން އަރާނޭ މީހަކަށް ވާނެކަން އަހަރެންނަށް ޔަޤީނެވެ.
ވަރަށް ގިނަ ގޮތް ގޮތަށް ވިސްނުމަށްފަހު އަހަރެން ގޮތެއް ނިންމީމެވެ. ވޭން އަޅަނީ ހަށިގަނޑުގެ ބޭރުފުށުގައި އެކަންޏެއް ނޫނެވެ. ހިތުގައި އުފެދެމުންދިޔަ ކެކުޅުންތަކަށް ޝިފާއެއް ނެތެވެ. ދެން އޮތީ އެންމެ ގޮތެކެވެ. މި ކެހިވެރި ދުނިޔެއާއި އަލްވަދާޢު ކިޔުމެވެ. ދުނިޔެމަތިން އަހަރެންނަށް ޝަފާޢަތްތެރިވާނޭ މީހެއް ނެތަސް، މި ދިރިއުޅުމަށްވުރެ އަލިފާންވެސް މާ ފިނިވާނޭ އަހަރެންގެ ހިތް ބުނަމުންދިޔައެވެ.
މީގެ ގަޑި އިރެއް ހާ އިރު ކުރިން އަހަރެން މި ދުނިޔެއާ ވަކި ވުމަށް ވާން ހުރި ތައްޔާރީ އެއް ވެއްޖައީމެވެ. އަހަރެންގެ އަމިއްލަ ފުރާނަ ވަކިކޮށްލުމަށް ކުރި މަސައްކަތުގެ ހިތި ރަަހަ ދުލު ކުރީގައި ހުއްޓަސް، ދުނިޔެއާއި ވަކި ވާން މާ ގިނަ ވަގުތެއް ދެން ނެތެވެ. ހިތާ އެއްވަރަށް އަތާއި ފައި ފިނި ވެއްޖެއެވެ. ގަލަމުގެ ދެލި ހުސްނުވިޔަސް މި ބަޑީގައި ވަޒަނެއް ނެތެވެ. ދުނިޔެއީ އަހަރެންނަށް ނަރަކައަކަށް ހަދައިދިން އެންމެނަށް މަރުހަބާ ކިޔަމެވެ. ކަލޭމެން އެންމެންނަށް އަހަރެންގެ ބަދު ދުޢާ ހައްގެވެ.
އަހަރެންނަށް މި ދުނިޔެމަތިން ލިބިގެންދިޔަ ވޭނާ، އަނިޔާ އަހަރެންނަށް ހައްޤެއްނޫނެވެ.
އަހަރެންގެ ނަމަކީ މަރިއަމްއެވެ. އަހަރެންނަށް “ބަޑި” އެއް ހައްގެއްނޫނެވެ.
(ނިމުނީ)

Share Article

Follow Me Written By

saani

Level 1

Other Articles

Previous

އައިކާ (15)

Next

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ނުވަވަނަބައި)

Next
November 20, 2017

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ނުވަވަނަބައި)

Previews
November 20, 2017

އައިކާ (15)

19 Comments!

  1. Anonymous says:
    November 20, 2017 at 7:37 pm

    mi storie varah salhi. adhi ehaame iburaththeri

  2. Lam says:
    November 20, 2017 at 7:48 pm

    V reethi..

  3. Appy says:
    November 20, 2017 at 7:48 pm

    V rythi iburaitheri vaahaka eh v dhera vehje mi vaahaka kiyaafa …..mi fadha hithaama veri kankamun anhen kudhin salaamai kurahvaashi

    1. anti says:
      November 20, 2017 at 9:32 pm

      amilla ah maruvun is haraam so fahun mi libey ibraih mulhin fani
      it wud hav been better if the girl got faith in allah and kehkurinama
      suicide is NOT AN OPTION!

  4. Mee says:
    November 20, 2017 at 7:51 pm

    Is this real??

    1. unaal says:
      November 20, 2017 at 8:38 pm

      vrh hyvey real hn

  5. aleena aniii says:
    November 20, 2017 at 7:55 pm

    Rowiihje.. Wrhh wrhh ryythii… Nayynge dhn bunaane ehhchehhwx jux super…

    1. aleena aniii says:
      November 20, 2017 at 7:57 pm

      Wrhh ibunraiitherii waahakehh mee.. Mee real waahaka ehhtha..

  6. raudha says:
    November 20, 2017 at 8:45 pm

    v reethi story?

  7. Shaa says:
    November 20, 2017 at 9:21 pm

    Mi site in v Gina stry kiyan,, ekamaku vx mifadha feshumeh vaahaka akun nufeney,, brilliant, supper,, v iburayy theri vaahaka eh,, bunaane ehcheh neii Hama, ???????????

  8. Limsha says:
    November 20, 2017 at 9:57 pm

    Varah dhera vejje mi vaahaka kiyaafa

  9. Axka says:
    November 20, 2017 at 10:00 pm

    This is real story? Very story plx replay

  10. Shaam says:
    November 20, 2017 at 10:40 pm

    V reethi..

  11. Shudha says:
    November 20, 2017 at 11:14 pm

    im in shock and fright… is this real.. very touching

  12. maree says:
    November 20, 2017 at 11:22 pm

    Touching story eh.. but it looks more like a documentary… Koma koalhiah laafa hunna vaahakatha gennan vaanee aslu vaahaka dhakkaa henennu… Ekam varah dhera v kiyaafa.

  13. shanhaa says:
    November 21, 2017 at 12:08 am

    vv dhyraveh jey vaahaka kiyaafa ? konmy kamakeeves imthihaaneh ey imthihaanun faasvumah konmy anhen kuhjakuves gadha alhaa masahkah kuran jeyhyny amihlayah marvumee hahleh nun ehves meehakah eymeehakah nufulhy buraeh eykalaange nujahsavaany??

  14. Dont know says:
    November 23, 2017 at 7:48 pm

    Varah varah salhi… mikahala hithaamaeh ehves anhen kujakah nudhehvaashi…

  15. Mariam says:
    May 7, 2018 at 4:58 pm

    miothy copy paste kohfa. Vahkan kuran molhu.

  16. Not a fake. says:
    May 7, 2018 at 5:18 pm

    This is not real. But don’t ask this “Saany” girl because she onviously copy pasted this from the original post uploaded in Vaahaka. What an imposter.

Comments are closed.



All Right Reserved!