Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ބުނެދޭން ބޭނުންވިޔަސް…… (ފަހުބައި)

Shafag Level 110 Stories
October 25, 2017 6 Mins Read
7 Comments

ބޭރުގައި އުޅިފައި ސާމިހު ގެއަށްއައިސް ވަންއިރު ސީމާ ސޯފާގައި އިށީންދެލައިގެން އިނެވެ. އޭނާއަށް އޭނާގެ ކޮއްކޮ ރީއްޗަށް ނުފެންނަތަން ވީދުވަހެއްވެސް ނޭނގެއެވެ. ކޮއްކޮގެ މޫނުމަތި މިލާފައިވާއިރު ބަނޑުބޮޑެއް ކަމަކު މީހާ ހުރީ އަނަރޫފަވެފައެވެ. ސާމިހުގެއަށް ވަނުމުން ސީމާ އިސްއުފުލާ އޭނާގެ ބޭބެއަށް ބަލާލިއެވެ. “އަޅުގަނޑު ބޭނުން ބޭބެއާއި ވާހަކައެއް ދައްކާލަން.” އިސްޖަހާލަމުން މަޑުމައިތިރި އަޑަކުން ސީމާ ވާހަކަދެއްކިއެވެ.

ފުރަގަސްދީ ދާނެ ހިތްވަރެއް ސާމިހުއަކަށް ނުލިބުނެވެ. އެހެންކަމުން ކުރިމަތީގައި ހުރި ސޯފާގައި އިށީންދެލިއެވެ. “އަޅުގަނޑަށް އެނގޭ ބޭބެމެން އަޅުގަނޑުދެކެ ރުޅިއަންނާނެކަން. އަޅުގަނޑަށް ތިރުޅި ހައްގު. ކޮންމެވެސް ދުވަހަކުން ބޭބެމެން އަޅުގަނޑަށް މާފުކުރާނޭ ކަމަށް ހީކުރަން. ބޭބޭ. އަޅުގަނޑު މިއައީ ބޭބެގެ ފަރާތުން ކަމަކު އެދެން. އަޅުގަނޑު ވިހާ ދުވަހު މަންމަ އެތަނަށް ގެންގޮސްދެއްޗޭ.” ސީމާ ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ. ސާމިހު އެއްޗެއް ނުބުނުމުން ސީމާ އިންތަނުން ތެދުވެ އޭނާގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތުމުން ސާމިހު އޭނާއަށް ގޮވާލިއެވެ. “ބޭބެ ކޮއްކޮގެ ފަރާތުން އެދެނީ އެންމެ ކަމެއް. ކޮއްކޮ ތިހާ ބޮޑަށް ބަދަލުވީ ސަބަބު ބޭބެއަށް ބުނެދީ.” ވާހަކަ ދައްކަމުން ސާމިހު ތެދުވެގެން އައިސް ސީމާގެ ކުރިމައްޗަށް ހުއްޓުނެވެ. “ކޮއްކޮއަށް މަންމަ ދިން ތަރުބިއްޔަތު އެހާ ގޯހީތަ؟ ކޮއްކޮ ބޭނުން ކޮންއެއްޗެއް ކޮއްކޮއަށް ނުލިބުނީ؟ ކީއްވެ؟ ކީއްވެ ތިހެން ކަންތައްކުރީ؟” ސާމިހު ސީމާގެ ދެކޮނޑުގައި ހިފަހައްޓައިގެން ހުރެ ވާހަކަދެއްކިއިރު ސީމާ އިސްދަށަށް ޖަހައިގެން ހުރެ ރޮމުން ގެންދިޔައެވެ. “ބޭބޭ. ބޭބެގެ ތިސުވާލުތަކުގެ ޖަވާބު އަޅުގަނޑަށް ދެވޭކަށްނެތް. އަޅުގަނޑު ބޭބެގެ ފަރާތުން މިއެދުނީ އަޅުގަނޑުގެ އެންމެ ފަހުގެ އެދުން ކަމަށް ހީކޮށްލާފައި މިކަން އަޅުގަނޑަށް ކޮށްދީ.” ކުރަކިވެފައިވާ އަޑަކުން ސީމާ ވާހަކަދެއްކިއެވެ. އަދި ސާމިހުގެ އަތް ދުރުކޮށްލުމަށްފަހު މަޑުމަޑުން ގޮސް ކޮޓަރިއަށް ވަނެވެ. ސާމިހު އިރުކޮޅަކު ސީމާގެ ކޮޓަރިއާއި ދިމާއަށް ބަލަން ހުރުމަށްފަހު އެނބުރިގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

ސީމާ ވިހަން ގެންދިޔައީ އޭގެ ދެދުވަސް ފަހުންނެވެ. ސާފިޔާއާއި ސާމިހުވެސް ސީމާއާއި އެކު އެމްބިއުލޭންސް ގައި ހޮސްޕިޓަލަށް ދިޔައެވެ. ސީމާގެ ބަލިބޮޑުވެފައިވާކަމާއި އެކަމުގެ ސަބަބުން އެދެމައިންގެ ފުރާނައަށްވެސް ގެއްލުންވާނެކަން އެނގުނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.

**********

ސާފިޔާއަށް ޚިޔާލީ ދުނިޔެއިން ނިކުމެވެނީ އޭނާގެ ކޮނޑުގައި މީހަކު އަތް ބާއްވައިލުމުންނެވެ. “މަންމާ. ސީމާގެ ޑޮކްޓަރު ނާދޭތަ ފަހުން؟” ސާފިޔަ ބަލާލުމުން ސާމިހު ވާހަކަދެއްކިއެވެ. “އާނ ދަރިފުޅާ. ދަރިފުޅު އެއްޗެއް ކައިފިންތަ؟” އަޅާފައި އިން ބުރުގާގެ ކަނުން މޫނު ފޮހެލަމުން ސާފިޔާ އަހާލިއެވެ. “އާނ. ކޮއްކޮގެ ޖަނާޒާ ނިންމާފައި އައި އިރު އެއްޗެއް ކައިލައިގެންއައީ. މަންމަ ކާނެ އެއްޗެއް ގެނެސްދެންތަ؟” “ނޫނޭ. ދަރިފުޅު މަޑުކުރޭ މަންމަ އަންނާނަން މިތާ ކެންޓީނުން އެއްޗެއް ގަނެލައިގެން.” ސާފިޔާ މިހެން ބުނުމަށްފަހު ތެދުވެގެން ކެންޓީނާ ދިމާއަށް މިސްރާބު ޖެހިއެވެ. ކާހިތް ނެތުމާއެކު ސާފިޔާ ދެތިން ހެދިކާ ނަގައި ލާރި ދައްކާފައި އެތާ މޭޒެއްދޮށަށް ގޮސް އެކާލައިގެން އަވަހަށް އައި.ސީ.ޔޫ އާއި ދިމާއަށް މިސްރާބު ޖެހިއެވެ.

ސާފިޔާއަށް އައި.ސީ.ޔޫ އާއި ހަމައަށް ދެވުނުއިރު ޑޮކްޓަރު ސާމިހުއާއި ވާހަކަ ދައްކަން ހުއްޓެވެ. ސާފިޔާ ސާމިހުގެ ކައިރިއަށް ދިޔުމުން ސާމިހު ސާފިޔާގެ ކޮނޑުގައި ހިފަހައްޓާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. “ސީމާ ރަނގަޅު ކުރެވިދާނެ ކަމުގެ ވަރަށްބޮޑު ޔަގީންކަމެއް މިހާރު އެބައޮތް. މިހާރު ކުރިއަށްވުރެ ވަރަށް ބޮޑުތަން ރަނގަޅު.” ސާފިޔާއާއި މުޚާތަބުކޮށް ޑޮކްޓަރު ބުންޏެވެ. ސާފިޔާއަށް އެވަގުތު ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. މާތްﷲ ހަމްދުކޮށްލެވުނީ ވީއުފަލެއްގެ ބޮޑުކަމުންނެވެ. “ޝުކުރިއްޔާ ޑޮކްޓަރ.” ސާމިހު ވާހަކަދެއްކިއިރު އެއަޑުގައިވެސް ވަނީ ހަމަޖެހުމެވެ. ޑޮކްޓަރު އެދެމީހުންނަށް ހީނލުމަށްފަހު އެތަނުން ދިޔުމަށް ހިނގައިގަތެވެ. “ސާމިހު ދެންދޭ އަރާމުކޮށްލަން. މަންމަ މިތާ މަޑުކޮށްލާނަން.” ގޮނޑިބަރިއާ ދިމާއަށް ހިނގައިގަންނަމުން ސާފިޔާ ބުނެލިއެވެ. “މަންމަ އެހާ ބޮޑަށް ނުވިސްނައްޗޭ. ކަމެއް ބޭނުންވެއްޖެއްޔާ ގުޅާލާތި.” ސާމިހު އޭނާގެ މަންމަގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އޭނާގެ މަންމަ ބޯޖަހާލުމުން ގެއަށްދާން ހިނގައިގަތީ އަރާމުކޮށްލަން ބޭނުންވެފައި ހުރުމުންނެވެ.

ސާމިހު ދިޔުމުން ސާފިޔާ އޭނާގެ އަތްދަބަހުން ފައިހާ ދިން ފޮތް ނަގައި ކިޔަން ފެށިއެވެ.

**********

އުފާވެރިކަމުގައި ދުވަސްތައް ވޭތުވެގެން ދިޔައިރު ކުރިއަށް އަންނަން އޮތް ތޫފަނުގެ ހިލަމެއްވެސް އަހަރެމެންނަކަށް ނުވެއެވެ. އަހަރެންގެ މެޑިކަލް ޗެކަޕްގެ ދުވަސް ޖެހުނުއިރު އެކަކަށްވެސް އަހަރެންނާއެކު ދެވޭ ގޮތެއް ނުވިއެވެ. ބޭބެގެ ރައްޓެއްސެއްގެ ގޭގައި އަހަރެން ހުންނަ ގޮތަށް ހަމަޖައްސައި އެކަނި އިންޑިއާއަށް ދިޔައީ އެދަތުރު ލަސްކުރަން ފާތިހު އެއްބަސް ނުވެގެންނެވެ. ބޭބެގެ ރައްޓެހި ރާއިދު އަހަރެން ބަލައި އެއާޕޯޓަށްވެސް އައިސް ދިނެވެ. “ތޭންކްސް އިނގޭ.” ދަބަސް ރާއިދުގެ ކާރަށް އަރުވަމުން އަހަރެން ރާއިދުއަށް ޝުކުރުއަދާ ކޮށްލީމެވެ. “ސާމިހުގެ ކޮއްކޮވީމަ އަހަރެންނަށް ވީއެންމެ ރަނގަޅަކަށް ކަންތައްކޮށްދެވޭތޯ މިބަލަނީ. ސާމިހު އަކީ އަހަރެން ކިޔަވަން މާލޭގައި ހުރިއިރު ވަރަށް އެހީވެދިން މީހެއް. އޭނާ ނެތް ނަމަ އަހަރެންނަށް މިހިސާބަކަށް ނާދެވުނީސް.” ކާރަށް އަރައިގެން ގެއަށް ދެވެންދެންވެސް ބޭބެއާއި ރާއިދުގެ އެކި ވާހަކަތައް އޭނާ ކިޔައިދިނެވެ.

އެކަނި އިންޑިއާއަށް އަންނަން ޖެހުމުން ލިބުނު ނުތަނަވަސްކަން ފިލައި ދިޔައީ ރާއިދުގެ އާއި އޭނާގެ އަންހެނުން ނީޝާގެ ހިތްހެޔޮ ކަމުންނެވެ. ނީޝާ އަކީވެސް މީހުންނާ ގުޅޭ މަޖާ މިޒާޖެއްގެ މީހެއްކަމުން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އަހަރެމެން ދެމީހުން އެކުވެރި ވެއްޖެއެވެ. އަހަރެން އިންޑިއާއަށް ދިޔަތަން ދެދުވަހެއްވީތަނާ ނީޝާގެ މަންމަ ބަލިވެގެން އޭނާގެ މަންމަ ކައިރިއަށް މެލޭޝިއާއަށް އޭނާ ދިޔައެވެ. ނީޝާ ނެތުމުން އަހަރެން ވަރަށް އެކަނިވިއެވެ. ނަމަވެސް ރާއިދު އަހަރެން އެކަނި ވިޔަ ނުދޭން ވަރަށް ގިނަ ވަގުތު އަހަރެންނާއެކު ހޭދަ ކުރެއެވެ. އަހަރެންނާއެކު ހޮސްޕިޓަލަށް ދަނީވެސް އޭނައެވެ. އެހެން އެއްކޮށް އުޅުމުގެ ތެރޭގައި ރާއިދު އަހަރެންނާ ވަރަށް ސަމާސާކޮށްވެސް ހަދައެވެ. އެކަމާ އަހަރެން އެވަރަށް އަޅައެއްނުލަމެވެ.

އެއްރެއެއްގެ ދަންވަރު އަހަރެންނަށް ހޭލެވުނީ މީހަކު އަހަރެންގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާއަޑަށެވެ. ކުޑަކޮށް ހައިރާންވެފައި ހުރެ އަހަރެންލައިގެން ހުރި ކުރު ޓީޝާޓް މަތިން ޖެކެޓެއްލަމުން ދޮރުހުޅުވާލީމެވެ. ދޮރުމަތީގައި ރާއިދު ވަރަށް ފާޑަކަށް އަހަރެންނަށް ބަލަހައްޓައިގެން ހުއްޓެވެ. “ނީޝާ ނެތީމަ އެކަނިވާތީ މިއުޅެނީ.” ރާއިދު ވާހަކަ ދެއްކީވެސް ވަރަށް ފާޑަކަށެވެ. ރާއިދު ހުރިގޮތުން އަހަރެންގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދެންފެށިއެވެ. “އަހަރެން ވަރަށް ނިދިއައިއްސަ މިހުރީ. މާދަން ހެނދުނު ދެން ވާހަކަ ދައްކާނީ.” އަހަރެން ބެލީ އޭނާ އެތަނުން ފޮނުވާލެވޭތޯއެވެ. ކަންތައްވީ އަހަރެން ބޭނުންވިގޮތާ ޚިލާފަށެވެ. ރާއިދު އަހަރެންގެ ކޮޓަރިތެރެއަށް ދެމިގަތީ ހުށިޔާރު ކަމާއެކުއެވެ. “ރާއިދު. މިދެން ސަމާސާ ކުރަން ކޮން ގަޑިއެއް.” ހާސްވެފައި ހުރިނަމަވެސް އަހަރެންބެލީ ހަމަޖެހޭ ގޮތް ދެއްކޭތޯއެވެ. “މީސަމާސާ އެއްނޫނޭ ސީމާ. އަހަރެންނަށް ސީމާ ފުރަތަމަ ފެނުނު ހިސާބުންވެސް ސީމާ ކަމުގޮއްސި.” އަހަރެންގެ އަތުގައި ހިފާ އޭނާއާއި ކައިރިއަށް ދަމާލަމުން އޭނާ ވާހަކަ ދެއްކިއެވެ. އަހަރެން އޭނާގެ މޭގައި ދެއަތްއަޅާ އޭނާ ކޮއްޕާލީ އިންތިހާޔަށް ބިރުގަނެފައި ހުރެއެވެ. “ކިހިނެއްތަ ތިއުޅެނީ ރާއިދު. އަހަރެން ރާއިދާއި ގަޔާއެއްނުވޭ. އެކަހަލަ އިޝާރާތެއް ދެވިފައިވާނަމަ މައާފަށް އެދެން. އަހަރެން އުޅެނީ ކުއްޖަކާ ރައްޓެހިވެގެން. ރާއިދުގެވެސް އަންބެއް އެބަހުއްޓެއްނު.” ހާސްވެފައިހުރިވަރުން އަހަރެންނަށް ވާހަކަ ދެއްކުނީވެސް ތަންކޮޅެއްބާރަށެވެ. “މަށަށް އޯކޭ ސީމާ މީހަކާ އިނދެ ދަރިން ތިއްބަސް. މަބޭނުމީ ހަމަ އެންމެ ރެއަކަށް….” ރާއިދު އެހިސާބަށް ބުނިތަނުން އަހަރެން އޭނާގެ ކަންކަށިމަތީގައި ޖެހީމެވެ. އެކަންތައްވީ އަހަރެންނަށް ކުރެވުނު މޮޔަކަމަކަށެވެ. ދެން އެރޭ ހިނގާދިޔަ ކޮންމެ ކަމަކީ ދުވަހަކުވެސް އަހަރެންގެ ހަނދާނުން ފިލާނޭ ކަންތައްތަކެއް ނޫނެވެ. ރާއިދު އަނިޔާވެރިކަމާއެކު އަހަރެންގެ އިއްފަތްތެރިކަން ފޭރިގަތްއިރު އަހަރެން ސަލާމަތްވުމަށްކުރިހުރިހާ މަސައްކަތެއްވީ ބޭކާރެވެ. އެބޮޑު ގޭތެރޭގައި އެއްވެސް މީހަކު ނޫޅޭނޭކަން އެނގިހުރެވެސް އަހަރެންނަށް އެހީއަށް އެދި ގޮވުނުވަރެއްވެސް ނޭނގެއެވެ. އަހަރެންގެ އަޑު ދަންދެން ހަޅޭއްލެވީމެވެ. ގައިގައި އަޅާ ވޭނަށް ކެތްނުވެ އެންމެ ފަހުން އަހަރެން ހޭނެތުނެވެ.

ހޭއެރިއިރުވެސް ގައިގައި ވަރަށް ވޭންއަޅައެވެ. އޭރު ރާއިދު ފެންނާކަށް ނެތެވެ. ތެދުވާހާ ހިތްވަރެއްނެތިފައި އެތައް އިރަކު އަހަރެން އޮތީމެވެ. އެންމެ ފަހުން ތެދުވެ ތިރީގައިވާ ބެޑްޝީޓުން ގައި ނިވާކޮށްލައިގެން ބަލާލިއިރު އެނދުމަތީގައިވަނީ ހުސްލެޔެވެ. އަވަހަށް ފާޚާނާއަށްވަދެ ފެންވަރާލައިގެން ނުކުމެ އަހަރެން ބޭނުންވީ ރާއިދު އައުމުގެ ކުރިން އެތަނުން ދާށެވެ. އެކަމަކު ދާނެތަނެއްވެސް އަހަރެންނަކަށް ނޭނގެއެވެ. ބޭބެއަށް ގުޅަން ފޯނުހޯދައި ހޯދައި އެއެއްވެސް ނުފެނުނެވެ. ރާއިދު ފޯނު ގެންދިޔައީކަން ޔަގީނެވެ. އަމިއްލަ ނިކަމެތިކަން ހިތަށްއަރައި އަހަރެންނަށް އެވަގުތު ރޮވުނެވެ. އެންމެ ފަހުން އަހަރެންގެ އެއްޗެހިތައް ހިފައިގެން ހޮސްޕިޓަލަށްދާން ނިންމީމެވެ. އަހަރެންނަށް އެނގޭ ތަނަކީ އެއީވިއްޔާއެވެ.

ދަބަސް ކައިރީގައި ބަހައްޓައިގެން ހޮސްޕިޓަލުގެ ގޮނޑިބަރީގައި އިންއިރުވެސް އަހަރެންނަށް ރޮވެއެވެ. “ސީމާ؟” ދަންނަ އަޑެއް އިވުމުން ސިހިފައި ބަލާލިއިރު ކުރިމަތީގައި ހުރީ އަހަރެންނާއެކު އޯލެވެލްގައި ކިޔަވަން އުޅުނު ކުއްޖެކެވެ. އޭރު އަހަރެން ވަރަށް ރައްޓެހި ކުއްޖެއްވެސްމެއެވެ. “ކިހިނެއްވެފަ މިތާނގަ؟” އަހަރެން އިންގޮތް ފެނި ހާސްވެފައި ހަސަން ސުވާލުކުރިއެވެ. ދަންނަ މީހަކު ފެނުމުން އަހަރެންނަށް އިތުރަށް ކެތެއް ނުވިއެވެ. އަހަރެން ރޯންފެށުމުން ހަސަން އަހަރެން ގޮވައިގެން އެކަހެރި ތަނަކަށް ދިޔައެވެ. ވީގޮތް ކިޔައިދޭން އެދުމުން އަހަރެންނަށް ވާހަކަދެއްކޭވަރުވީ ވަރަށް އިރުންނެވެ. ހުރިހާ ވާހަކައެއް ހަސަން އަށް ކިޔައިދިނުމުން ހަސަން ވަރަށް އޯގާތެރިކަމާއެކު އަހަރެންނަށް ހިތްވަރުދިނެވެ. ހަސަންގެ ލަފާގެ މަތިން އަހަރެން ޑޮކްޓަރަށް ދައްކަން އެއްބަސްވީމެވެ. ހަސަންއަކީވެސް އެހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރެއްކަމުން ކަންތައްތައް ވަރަށް ފަސޭހައިން ހަމަޖެހުނެވެ. ޑޮކްޓަރަށް ދެއްކުމުން ލިބުނީ އަހަރެންގެ ހިތް ކުދިކުދިވާ ކަހަލަ ޚަބަރެކެވެ. ރާއިދުގެ އަނިޔާގެ ސަބަބުން އަހަރެންނަށް ހުރީ ވަރަށް ގެއްލުން ލިބިފައެވެ. ކައިވެންޏެއްކޮށްގެން އާދައިގެ ދިރިއުޅުމެއް އުޅެން އަހަރެންނަށް އުނދަގޫވާނެ ވާހަކަވެސް ޑޮކްޓަރު ބުންޏެވެ. އަހަރެން ގެއަށް ދޫކޮށްލީ މާގިނައިން ވިސްނާ ފިކުރު ނުކުރުމަށް ނަސޭހަތްދީފައެވެ.

ގެއަށް ދުކޮއްލުމުން ހަސަން އަހަރެން ގެންދިޔައީ އޭނާގެ ގެއަށެވެ. ވެދިޔަ ކަންތަކަށް ފަހު އަހަރެން ހުރީ އޭނާއާއި އެކު ދާންވެސް ޖެހިލުންވެފައެވެ. ނަމަވެސް ހަސަން އޭނާގެ ފަރާތުން އަހަރެންނަށް އެއްވެސް ނުރައްކަލެއްނެތް ކަން ވިސްނައިދިނުމުން ޖެހިލުންވެފައިހުރެވެސް ދިޔައީއެވެ. އެކަންތައް ރިޕޯޓު ކުރުމަށް ހަސަން ވަރަށް އާދޭސްކުރިއެވެ. ނަމަވެސް އަހަރެންގެ އެހައި ހިތްވަރެއް ނެތެވެ. އަހަރެން ބޭނުންވީ މުޅިދުނިޔެއަށް އެކަންތައް ސިއްރު ކުރާށެވެ. ޑޮކްޓަރުގެ ވާހަކައަށްފަހު އަހަރެން ނިންމީ ފާތިހުއާއިވެސް ގުޅުން ކަނޑާލާށެވެ.

ހަސަންގެ އެހީއާއި އެކު އަހަރެން ފޯނެއްގަނެ ބޭބެމެންނަށް ގުޅައި އެމީހުންގެ ކަންބޮޑުވުން ދުރުކޮށްދިނީމެވެ. މާލެދާން ހަމަޖެއްސީ އަހަރެންގެ މޫނުގައި ހުރި ޒަޚަމްތައް ރަނގަޅުވެ އަހަރެން ހަމަޔަކަށް އެޅޭހައި ދުވަސްކޮށްފައެވެ. މާލެއާދެވުމުންވެސް އަހަރެން ހަސަންއާއި ދޭތެރެއަކުން ވާހަކަދައްކާ ހަދަމެވެ. އޭނާ އިސްވެ އަހަރެންގެ ހާލު ބަލާވެސް ހަދައެވެ. އަހަރެން ފާތިހުއާއި ދުރުވާންފެށީ ގަސްދުގައެވެ.މަންމައާއިވެސް ވާހަކަދައްކާވަރު މަދުކޮށްލައި އަމިއްލައަށް އެކަހެރިވެލީމެވެ. އެމީހުންނަށް އެވާހަކަތައް ކިޔާދޭހައި ހިތްވަރު އަހަރެންގެ ނެތީމައެވެ. މަހެއްހައި ދުވަސްވިއިރު އަހަރެންނަށް ތަފާތު އެކި އުނދަގޫވާން ފެށުމުން ހަސަންގެ ލަފާގެ މަތިން އިންޑިއާއަށް ދާން ނިންމީމެވެ. ހުރިހާ ކަމެއް ހަމަޖެއްސީ ހަސަންއެވެ.

އިންޑިއާއަށް ދިޔުމުން އަހަރެން ބަނޑުބޮޑުކަން އެނގުނެވެ. އަދި އަހަރެންނަށްވެސް ދަރިފުޅަށްވެސް ވަރަށް ނުރައްކާކަން އެނގުނެވެ. އެހެން ކަމަށްވިޔަސް އެދަރިފުޅު ވައްޓާލަން އަހަރެންގެ ހިތް އެއްބަހެއްނުވިއެވެ. ހަސަން ބޭނުންވީ އަހަރެން އިންޑިއާގައި މަޑުކުރުވާށެވެ. އަހަރެން ބޭނުންވީ އެނބުރި މާލެ އަންނާށެވެ. މިދުވަސްތަކަކީ އަހަރެންގެ ފަހު ދުވަސްތައްކަމަށް ހިތްބުނަމުން ދިޔައީތީ އަހަރެން ބޭނުންވީ އަހަރެންގެ އާއިލާގެ ގާތުގައި މިދުވަސްތައް ވޭތުކޮށްލާށެވެ. އެމީހުންގެ ނަފްރަތު ލިބުނަސް ހެޔޮކަމަށެވެ. އަހަރެންގެ ނިންމުމަށް ހަސަން މަރުހަބާ ކިއެވެ. އޭނާއަށްވެސް އަހަރެންގެ ހާލަތުގެ ނާޒުކުކަން ވިސްނޭތީއެވެ.

މާލެއައިސް އަހަރެންގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނައިސް ފާތިހުއާއި އެއްކޮށް ގުޅުން ކަނޑާލީމެވެ. މަންމަމެންނަށް އަހަރެން ބަނޑުބޮޑުކަން އެނގުމުން ކަންތައްވީ އަހަރެން ހީކުރި ގޮތަށެވެ. އަހަރެންނަށް އެމީހުން ނަފްރަތު ކުރަން ފެށިއެވެ. އަހަރެން ބާކި ކޮށްލިއެވެ. އަނިޔާވެސް ކުރިއެވެ. އެކަމަކު އަހަރެންގެ ޝަކުވާއެއްނެތެވެ. ބޭބެއާއި ފައިހާގެ ގުޅުން ކެނޑުން ވެގެންދިޔައީ އަހަރެންނަށް ލިބުނު އެންމެބޮޑު ހިތާމައަށެވެ. ބޭބެގެ އުފާތައް އަހަރެންގެ ސަބަބުން ގެއްލުނީތީއެވެ. ކިތަންމެ ފަހަރަކު ހަގީގަތް ކިޔައިދޭން ހިތަށް އެރިއެވެ. ނަމަވެސް އެހިތްވަރެއް ނުލިބުނެވެ.

އަހަރެންގެ ބަނޑަށް ދުވަސް ވަމުން އައި ވަރަކަށް ހަށިގަނޑަށް ވަމުން ދިޔަ އުނދަގޫތައް އިތުރުވިއެވެ. ޑޮކްޓަރަށް ދައްކާ ކޮންމެ ފަހަރަކު ޑޮކްޓަރުން އަހަރެންނަށް ނުރައްކާ އޮތްވަރު ކިޔާދެއެވެ. އަހަރެން ހާސްވަނީ އަހަރެން ނެތް ދުނިޔެއެއްގައި އަހަރެންގެ ދަރިފުޅައްވާނޭ ގޮތެއް ނޭނގޭތީއެވެ. ހަގީގަތް ހާމަކުރަން މިފޮތް މިގޮތަށް ލިޔަން އަހަރެން ނިންމީ އެހެންވެއެވެ. ހަގީގަތް އެނގުމުން އަހަރެންގެ ދަރިފުޅަށް އަހަރެންގެ އާއިލާއިން ލިބެންވާ މަގާމު ލިބޭނެއެވެ.

********

ފޮތް ކިޔައި ނިމުނުއިރު ސާފިޔާއަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. ނުހައްގުން އޭނާގެ ދަރިފުޅަށް އެދެވުނީ ކިހާބޮޑު އަދަބެއްހެއްޔެވެ؟ އޭނާގެ ދަރިފުޅު ކިހާ ހިތްވަރު ގަދަހެއްޔެވެ؟ އޭނާއަށް ދުވަހަކުވެސް އޭނާގެ އަމިއްލ ނަފްސަށް މައާފު ނުކުރެވޭ ވަރަށް އެދަރިފުޅުގެ ހިތުގައި ޖެއްސިއްޖެއެވެ.

ސާފިޔާގެ ފަރާތުން ސާމިހުއަށް ހަގީގަތް އެނގުމުން އޭނާއަށްވެސްވީ ސާފިޔާއަށްވީގޮތެވެ. އެދަތުރުގައި ސީމާ ނުފޮނުވުނުނަމައޭ އޭނާގެ ހިތަށްއެރިއެވެ. ރާއިދުގެ މައްސަލަ ޕޮލިހަށް ގެންދަން ސާމިހު ބޭނުންވިނަމަވެސް ސާފިޔާ ލަފާ ދިނީ ސީމާ ގަދަވުމުން އެކަމަށް އޭނާގެ ޚިޔާލެއް ހޯދުމަށްފަހު އެކަންތައްކުރުމަށެވެ. ފައިހާގެ އާއިލާގެ މީހުންނަށް ހަގީގަތް ކިޔައިދިނީ ފައިހާއެވެ. އޭނާއަށް ސާފިޔާ އެފޮތް ދިނުމުން އޭނާ އެފޮތްކީއެވެ. ސީމާ އޭނާއާއި ބައްދަލުކޮށް އެފޮށި ދީފައި މަންމައަށް ދޭން ބުނުމުން އޭނާ އެފޮށީގެ އެތެރެއެއް ނުބަލައެވެ. ފައިހާގެ އާއިލާގެ ސާފިޔާގެ ކިބައިން މައާފަށް އެދި ސާމިހުމެންގެ ގުޅުމަށް ރުހޭކަން ހާމަކުރިއެވެ. އެންމެންވެސް އިންތިޒާރު ކުރަމުންދިޔައީ ސީމާ ހޭއަރާނެ ވަގުތަކަށެވެ.

އޭގެ ދެދުވަސްފަހެވެ. ސާފިޔާ ހޮސްޕިޓަލުގެ ނަމާދު ކޮޓަރިން ނުކުމެގެން އައި.ސީ.ޔޫ ކައިރިއަށް އައި އިރު ސާމިހުއާއި ވާހަކަ ދައްކަން ފާތިހު ހުރިތަންފެނި އޭނާ ހައިރާންވިއެވެ. ސާފިޔާ ފެނުމާއެކު ފާތިހު އައިސް އޭނާގެ އަތުގައި ހިފާލިއެވެ. “އަޅުގަނޑަށް މައާފުކުރޭ ދައްތާ. އަޅުގަނޑަށް ފައިހާގެ ފަރާތުން ހަގީގަތް އެނގުނީމަ ވީހައިވެސް އަވަހަކަށް އަޅުގަނޑު މިއައީ.” މޮޅިވެރި އަޑަކުން ފާތިހު ބުންޏެވެ. “ފާތިހުގެ އެއްވެސް ކުށެއްނެތް. އެހެންވީމަ ފާތިހު މައާފަށް އެދޭކަށް ނުޖެހޭނެ. ދެރަނުވޭ. ސީމާ ވަރަށް އަވަހަށް ރަނގަޅުވެދާނެ.” ފާތިހުގެ ބޮލުގައި ފިރުމައިލަމުން ސާފިޔާ ލޯތްބާއެކު ވާހަކަ ދެއްކިއެވެ.

ސީމާގެ ހާލު ގޯސްވީ ހަމަ ކުއްލިއަކަށެވެ. ސަބަބެއް ޑޮކްޓަރުންނަށްވެސް ނޭނގުނެވެ. ސީމާ ނިޔާވީ އެރޭ ދަންވަރުގެ ވަގުތެއްގައެވެ. އެންމެންގެ ހިތްތައް ރޮއްވާލާފައި ސީމާ ވަކިވެދިޔައީއެވެ. ސާފިޔާގެ ހާލު ގޯސްވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރިއިރު ސާމިހުވެސް އިނީ ހަރަކާތް ހުއްޓިފައެވެ. ފާތިހުގެ ހާލަކީވެސް އެއީއެވެ. އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދީ ހެދީ ފައިހާގެ އައިލާއިންނެވެ.

ސީމާގެ އާއިލާ ހަމައަކަށް އެޅުނީ ވަރަށް ދުވަހުންނެވެ. އެއާއިލާ ހަމައަކަށް އެޅުމުން ފައިހާ އާއި ސާމިހުގެ ކައިވެނި ކުރެވިގެން ދިޔައެވެ. އެކައިވެނި ނިމެންދެން ފާތިހު މާލޭގައި މަޑުކުރިނަމަވެސް އޭނާ އެނބުރި މެލޭޝިއާއަށް ދިޔައީ މާލޭގައި ހުރުމުން ސީމާ މަތިން މާބޮޑަށް ހަނދާންވާތީއެވެ. ކައިވެންޏަށްފަހު ސާފިޔާ ފައިހާ ބަލައިގަތީ އަމިއްލަ ދަރިއަކު ފަދައިންނެވެ. އެއާއިލާއަށް މިއަދު އުފާވެރި ކަމެއް ލިބިފައިވިޔަސް ސީމާގެ ހަނދާންއާވާ ކޮންމެ ފަހަރަކު އެމީހުންގެ ލޮލުން ކަރުނަ ހިލުވާލައެވެ. އެމީހުންގެ ދުއާއަކީ ސީމާއަށް ސުވަރުގެ މިންވަރު ކުރެއްވުމެވެ.

(ނިމުނީ)

Share Article

Follow Me Written By

Shafag

Level 110 Stories

Other Articles

RedHand by Shabab
Previous

ރެޑް ހޭންޑް – 03

Next

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 47 (ސަތާޅީސްވަނަ ބައި)

Next
October 25, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 47 (ސަތާޅީސްވަނަ ބައި)

Previews
October 25, 2017

ރެޑް ހޭންޑް – 03

RedHand by Shabab

7 Comments!

  1. Addu manje says:
    October 25, 2017 at 6:41 pm

    Emotional but good..hope to see more stories of u..☺
    Good luck!

    1. itsme says:
      October 25, 2017 at 8:15 pm

      Thankyou 🙂

  2. Leo3910 says:
    October 25, 2017 at 10:16 pm

    Great story ……..love it….keep it up itsme♡♡♡♡

    1. itsme says:
      October 26, 2017 at 10:17 am

      Thankyou 🙂

  3. zeesha says:
    October 26, 2017 at 3:53 pm

    ammm……… true story eh tha

    1. itsme says:
      October 26, 2017 at 4:24 pm

      No zeesha. 🙂

  4. Friend says:
    October 26, 2017 at 9:49 pm

    Very nice and emotional

Comments are closed.



All Right Reserved!