Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޢިބާދާ (ހަތަރުވަނަ ބައި)

Thau Level 1
August 30, 2017 6 Mins Read
9 Comments

މާތިއު ހުރީ ބެލްކަނީގައެވެ. އުޑުމަތީގައިވާ ހަނދަށް ބަލާށެވެ. ހަނދުގެ ވަށައިގެން ވިލާތައް މަޑުމަޑުން ދަތުރުކުރަމުން ދިޔައެވެ. ސުބްޙާނަﷲ އެވެ. ކޮންފަދަ ރީތިކަމެއް ހެއްޔެވެ؟

މާތިއުއަށް ގެއަށް އާދެވުނުއިރު ޢަޞުރުން އިރު ތިރިވެއްޖެއެވެ. އޭރު އޭނާގެ އިންތިޒާރުގައި ޝަފީޤާ އާއި ޔޫއާން ތިއްބެވެ. އަންވަރު ވީ އޮފީސް މަސައްކަތެއްގައި ރަށުން ބޭރުގައެވެ. މާތިއު އަންނަކަން އެނގުމުން އޭނާގެ ކަޒިންމެންވެސް އެގެއަށް ޖަމާވެފައިވިއެވެ.

އެންމެން އެކުގައި ހަވީރު ސައިބުއިއިރު މާތިއުއަށް މީރުހާ ހެދިކާ ގަނެފައި ހުއްޓެވެ. ޝަފީޤާ ޝަކުވާ ކުރީ މާތިއު ހިކިކަމުންނެވެ. އެހެނަސް އެއީ މަންމަގެ ލޮލަށް އެ މަންމަގެ ދަރިން ސިފަވާނެ ގޮތްކަން އަހަރެމެން އެންމެންވެސް ދަންނަމުއެވެ.

މާތިއު އާއި ޔޫއާން އެރޭ ޢިޝާނަމާދުން ފައިބައިގެން އައިއިރު އަންވަރުވެސް ގޭގައި އުޅެއެވެ. ޝަފީޤާ ހުރީ ބަދިގެފަރާތުގައެވެ.

“އަނހާ ދަރިފުޅާ.”

ސިޓިންގ ރޫމު ސޯފާގައިއިން އަންވަރުއަށް މާތިއު ވަތްތަން ފެނިފައި ތެދުވެ ބައްދާލަމުން ބުނެލިއެވެ.

“ސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަ ބަރަކާތުހް ބައްޕާ. ކިހިނެއްތަ؟ ހާދަ ސަމައްތަރު ހެޔޮވެއްޖެއޭ. ހަހަ.”

މާތިއު އަންވަރާއި ސަމާސާކޮށްލިއެވެ.

“ވައަލައިކުމުއް ސަލާމް ވަރަޙްމަތުﷲ ވަ ބަރަކާތުހް. އާނ އެހެނެއްނު ވާނީ؟ ދަރިފުޅުގެ މަންމަ މާ މީރުކޮށްވިއްޔަ ކައްކަނީ.”

އަންވަރު އޭނާގެ ނުކުމެފައިވާ ބަނޑުގައި އަތްޖައްސާލަމުން ބަދިގޭގައި ތަށިތައް އަތުރަން ހުރި ޝަފީޤާއަށް ނިތް އެއްލިއެވެ. ޖަވާބުގައި ޝަފީޤާ ހިނިތުންވެލިއެވެ.

“ބައްޕާ. އަހަރެންވެސް އެބަ ހުރީމޭ.” ޔޫއާން ދެރަވާކަމަށް ހެދެމުން ބުނެލިއެވެ.

“ޔޫއާން ތީ ބައްޕަގެ ދޮންކަލޯ އެއްނު. ދޮންބެ އަންނަނީ މަހަކު އެއްފަހަރޭ. ހިނގާބަލަ ކާން. ވަރަށް މީރުވަސް ދުވާ އެބަ.” އަންވަރު ޔޫއާންގެ ކޮނޑަށް އަތްވައްޓާލިއެވެ.

މިއީ އެ ކުޑަކުޑަ ޢާއިލާގެ އާދައެވެ. ކޮންމެ ރެއެއްގެ ވެސް ކެއުން އޮންނާނީ މުޅި އާއިލާ އެއްކޮންނެވެ. އަންވަރުގެ ބިޒީކަމާއި އެކުގައިވެސް އާއިލާއަށް ދޭންޖެހޭ ވަގުތު ދިނުމަށް އަބަދުވެސް މަސައްކަތްކުރެއެވެ.

ކައި ނިމުމުން މާތިއު ތަށިތައް ނަގައި މޭޒު ސާފުކުރުމުގައި ޝަފީޤާއަށް އެހީވެދިނެވެ. ޝަފީޤާ ނިދަން ދިޔުމުންވެސް އެރޭ ވަރަށް ދަންވަންދެން ތިންބަފައިން ވާހަކައިގައި ތިއްބެވެ. އެއަށްފަހު ޔޫއާން އާއި އަންވަރުވެސް ނިދަން އެމީހުންގެ ކޮޓަރިތަކަށް ދިޔައެވެ.

ގޭގެ ބެލްކަނީގައި އުޑުމަތީގައިވާ ފުރިހަމަ ހަނދަށް ބަލަންހުރި މާތިއުއަށް ވިސްނެމުން ދިޔައީ އޭނާގެ ސިކުނޑީގައި އެނބުރެމުންދިޔަ ސޫރަ އާއިމެދުގައެވެ. އޭނާގެ ވެރިރަސްކަލާނގެ ޙަޟުރަތަށް ދުޢާކުރަމުންދިޔަހިނދު އެ ލޮލުން އޮހޮރިގެން ދިޔަ ކަރުނައާއި މެދުގައެވެ. އެ އަންހެންކުއްޖާގެ މަތިން މާތިއު އަކަށް ހަނދާން ނައްތައި ނުލެވުނެވެ.

–

ޖެހިގެން އައި ހުކުރުދުވަހުގެ މެންދުރުގެ ވަގުތެވެ. މާތިއު އިނީ ކާރުގައެވެ. ހުޅުމާލޭގައި ހުންނަ ހުކުރެއްނަމަ، ހުކުރުން ފައިބައިގެން ކާންދިއުމުގެ ކުރިން ކާރުދުއްވާލަން ދިއުމަކީ އަބަދުގެވެސް އާދައެވެ. އޭނާއާއި އެކު އޭނާގެ ކަޒިންމެންނާއި ޔޫއާންވެސް ތިއްބެވެ. ކާރުތެރޭގައި އެމީހުން ސަކަރާތް ޖަހަމުން ދިޔައިރު މާތިއުގެ ހިތް އަވަދިނެތިފައިވަނީ ޒިކުރު ކުރުމުގައެވެ.

ހުކުރު ދުވަހަކީ ހަފްތާގައި އަންނަ އޭނާގެ ފޭވަރިޓް ދުވަހެވެ. އެދުވަހުގެ ބަރަކާތްތެރިކަން އޭނާއަށް އެނގޭތީއެވެ. އެންމެން ފެންވަރައި، ރީތިހެދުން އަޅައި، މީރުވަސްދުވާތަކެތި ލައިގެން ހުކުރަށް ދާ ދިއުމެވެ. ހުކުރުން ފައިބައިގެން ޢާއިލާމީހުންނާއި ބައްދަލުކޮށް، ސަލާމްކޮށް އުޅޭ އުޅުމެވެ. މީހުންގެ މޫނުތަކުން ފެންނަ އުފާވެރިކަމާއި ހިނިތުންވުން ތަކެވެ. ކޮންމެއަކަސް، ހުކުރުދުވަހަކީ ހަފްތާއެއްގައި އަންނަ ކުޑަކުޑަ ޢީދެއް ފަދައެވެ.

އޭނާގެ ކާރުގެ ދުވެލި މަޑުކޮށްލީ ކުރިމަތިން މުސްކުޅި ފިރިހެނަކާއި އޭނާގެ ކައިރީގައި ހުރި ކުޑަ ފިރިހެންކުއްޖަކު ހުރަސްކުރާތީއެވެ. މާޝާ ﷲ އެވެ. ކުޑަ ފިރިހެންކުއްޖާ އޭނާގެ ކާފަގެ މުލައްދަނޑީގައި ޕްރޮޓެކްޓިވް ކަމާއިއެކު ހިފަހައްޓާލައިގެން ކާފައާއި އެއްވަރަށް ހިނގަމުން ދިޔައެވެ.

ކުއްލިއަކަށް ރަތްކުލައިގެ ކާރެއް އެމީހުންނާއި އެއް ހަމައެއްގައި މަޑުކޮށްލިއެވެ. ކާރުގެ ތެރެއިން ނުކުތީ ދެ އަންހެން ކުދީންނެވެ. ބޮޑުކޮށް ބުރުގާ އަޅާފައިވާއިރު ކުޑަކޮށް ހުރި ކުއްޖާ ލައިގެން ހުރީ މެރޫން ކުލައިގެ އަބާޔާއެކެވެ. އަދި ދެން ހުރި ކުއްޖާ ލައިގެންހުރީ ގަދަ މުށިކުލައިގެ އަބާޔާއެކެވެ. ދެކުދިން ދުވެލާފައި ދިޔައީ މަގުގެ އަނެއްފަރާތުގައި ހުރި ސައިމާގަހަކުން މަލެއް ބިނުމަށެވެ.

އެދެކުދިން ކާރުގެ ދޮރު ނުލައްޕައި ދިޔުމުން މާތިއުއަށް ކާރާއި ދިމާލަށް ބަލާލެވުނެވެ. އެއާއެކު އޭނައަށް ފެނުނީ މިސްކިތުގެ ތެރެއިން އޭނާއަށް ފެނުނު އަންހެން ކުއްޖާއެވެ. ކާރުގައި އިނުމުންކަމަށްވެސް ވެދާނެއެވެ. އޭނާގެ މޫނުފޮތިކޮޅު ވަނީ މައްޗަށް ނަގައިލެވިފައެވެ. ސީޓުގައި ބޯ އަޅާލައިގެން އޮތް އިރު، އޭނާގެ ދެލޯވަނީ މަރާލެވިފައެވެ. ތުންފަތް ހަރަކާތްކުރަމުން ދިޔަގޮތުން އޭނާ ކޮންމެވެސް ޒިކުރެއް ކުރަމުން ދާކަން މާތިއުއަށް ޔަޤީންވިއެވެ. މާތިއުއަށް އެ މޫނުން އޭނާގެ ނަޒަރު ވަކިކޮށްނުލެވުނެވެ.

ކުއްލިއަކަށް އެ އަންހެން ކުއްޖާގެ ލޯ ހުޅުވާލައި ކާރުގެ ހުޅުވިފައިވާ ދޮރަށް އަމާޒުވިއެވެ. އަދި އެއާއެކު އެދެމީހުންގެ ނަޒަރު ބައްދަލުވިއެވެ. އޭނާގެ ލޮލުންވެސް މާތިއު ދެނެގަނެވުނު ކަން ހާމަވެގެން ދިޔައެވެ. އެގޮތުގައި ފަޅިސިކުންތެއް ވޭތުވެ ދިޔަތަނާ ކުއްލި ބޯހޫރުވާލުމަކާއިއެކު އެއަންހެންކުއްޖާ ކާރުގެ ދޮރު ލައްޕާލިއެވެ.

މާތިއުއަށް ހޭވެރިކަން ވީ ދޮރު ލައްޕާލިއަޑަށެވެ. ކާރުގެ ހުންގާނުގައި ބާރަށް ދެއަތުން ހިފަހައްޓާލެވުނީ އޭނާގެ އަތަށްވެސް ތަދުވާވަރަށެވެ.

“އަސްތަޣްފިރުﷲ. މިއީ ސާހިރާއެއްބާ؟ އަހަންނަށް އެއަންހެންކުއްޖާ ފެންނަ ކޮންމެފަހަރަކު އެހެން ހުރިހާ އެއްޗެއް ނުފެންނަ ކަހަލަ. ބެލުން ތިރިކުރަން ހަނދާން ނެތިދޭ! މިއީ ދުވަހަކުވެސް އަހަންނަށް ވީގޮތެއް ނޫން.”

މާތިއު އޭނާގެ ލޯ އުނގުޅައިލިއެވެ. އަދި ނިތަށް އަރާފައިވާ ރޫތައް ފިލުވާލަމުން ބާރަށް ކާރު ދުއްވާލިއެވެ.

ސޫޒަން ފުންކޮށް ނޭވާ ލަމުން ދިޔައެވެ. ލޯ މަރާލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ. އެއާއެކު އޭނާގެ ކުރިމަތިން ފެނިގެންދިޔައީ ހުދުކުލައިގެ ގަމީހެއްގައި އިން އެ ޒުވާނާގެ ކުލަ އަލި މޫނެވެ. ފިރިހެންވަންތަ ބުމަޔާއި މުށިކުލައިގެ ދެލޮލެވެ. ކަޅުކަންގަދަ ފަން އިސްތަށިގަނޑުން ނިތްމަތްޗަށް ވެއްޓިފައިވާ ބައި ވަޔާ ހަރަކާތްކޮށްލިގޮތެވެ. ކުރުކޮށް ކޮށާލެވިފައިވާ ވަރުގަދަ ތުނބުޅިން އެ ޒުވާނާގެ ކަތުރު ކަށިގަނޑު އިތުރަށް ތޫނު ކޮށްދޭކަހަލައެވެ.

ކުރިން ސޫޒަން ނިދުމަށް ޖެހިލުންވަނީ އޭނާގެ މާޒީގެ ކަޅު ހިޔަނީގެ ސަބަބުންނެވެ. އެހެނަސް ސޫޒަން އަށް މިހާރު އެ ބިރުވެރި ހުވަފެންތަކުގެ ތެރެއިންވެސް މި ޒުވާނާގެ ސޫރަ ފެންނަން ފަށައިފިއެވެ. އޭނާގެ ހުވަފެންތަކުގައި އެކުލެވިފައިވާ އަނދިރިކަން، އެ ޒުވާނާގެ މޫނުގެ އުޖާލާކަމުން ފިލުވައިދޭ ކަހަލައެވެ.

އޭނާގެ ޚިޔާލީ ދުނިޔެއިން ނުކުމެވުނީ އަފާ އައިސް ކާރުގެ ދޮރު ހުޅުވާލުމުންނެވެ.

“އަފާ! ކީއްވެތަ ކާރުގެ ދޮރު ނުލައްޕާ ދިޔައީ؟”

ނުރުހުމުގެ ރާގަށް ސޫޒަން ބުނެލިއެވެ.

“ސާރާ އެންމެ ފަހުން ފޭބީ.”

އަފާ ކާރަށް އަރައި، ހަމަޖެހިލިއެވެ. އޭނާގެ އަތުގައި ފަސްވަރަކަށް ސައިމާ ހުއްޓެވެ. ސާރާވެސް އިށީނދެލައި ދޮރު ލައްޕާލިއެވެ. އެއާއެކު ނަޢީމު ކާރު ސްޓާޓްކޮށް ދުއްވާލައިފިއެވެ. އެ ކުޑަކުޑަ ޢާއިލާ މިސްރާބު ޖަހާފައިވަނީ ހުޅުލޭ އެއަރޕޯރޓަށެވެ. ނަޢީމުގެ ބޮޑުދައިތައެއް ޢުމްރާއަށް ފުރާތީ، އެމީހުންނަށް އަލްވަދާޢު ކިޔުމަށް ދިއުމަށެވެ.

ސޫޒަންވެސް އޭނާގެ ސީޓުގައި ލެނގިލިއެވެ. ދޮރުން ބޭރަށް ނަޒަރު ހުއްޓާލައިގެން އިންއިރު، އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ މާޒީއެވެ.

–

ސޫޒަންގެ މާޒީ:

ޢަޞްރުނަމާދުކޮށްލައިގެން އައިސް ސޫޒަންހުރީ ރޯޝަނީގޭގެ ޓެރަހުގައެވެ. ދެބުރިޔަށް ނަގާފައިވާ އެ ބޮޑުގޭގެ ކުރިމަތީގައި ހައްދާފައިވާ މާބަގީޗާއަށް ބަލާށެވެ. ގަސް ހެއްދުމަކީ ސޫޒަން އެންމެ ކުރާހިތްވާ ކަމެވެ.

ކުރިމަތީގައިވާ މާބަގީޗާއަށް ނަޒަރު ހުއްޓައިގެން ހުރިއިރު ޖެހެމުންދިޔަ ވައިރޯޅި، ސޫޒަންގެ ނިއުޅާލެވިފައިވާ ދިގު ފަން އިސްތަށިގަނޑާއި ކުޅެމުންދިޔައެވެ. މަޑު ފިޔާތޮށިކުލައިގެ އަތްދިގު ކުރުތާއަކާއި، ގަދަ ނޫކުލައިގެ ޖިންސެއްގައި ހުރިއިރު، އިރުއިރުކޮޅާ ސޫޒަންގެ ފޯނު ވައިބްރޭޓްވެއެވެ. ފޯނަށް އަންނަ ކޮންމެ މެސެޖަކުން، ޑިސްޕްލޭ ދިއްލިގެން ދާ ދިއުމާއެކު ސޫޒަންގެ މޫނުމަތިވެސް އުޖާލާވެ، އެ މޫނު މައްޗަށް ލަދުރަކި ހިނިތުންވުމެއް ގެނުވައެވެ.

އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެންދިޔައީ މީގެ ތިން މަހެއްހާ ދުވަސްކުރިންނެވެ. މާލެއިން އެރަށަށް ޒިޔާރަތްކުރި ކުޑަކުޑަ ޢާއިލާއެވެ. ސޫޒަންގެ ކާފަ ޞާލިޙާއި، ޔާސިރުގެ ބައްޕަ ރަޝާދު ފަދައިން ޔާސިރާއި ނަޢީމަކީ ކުޑައިރުއްސުރެން އެކުގައި އުޅެ ބޮޑުވި ދެމީހުންނެވެ. ދެމީހުންގެ ދެމެދުގައިވެސް އުފެދިފައިވަނީ ވަރުގަދަ، ބަދަހި ގުޅުމެކެވެ. މީގެ 20 ވަރަކަށް އަހަރުކުރިން ޔާސިރު އާއި އޭނާގެ އަންހެނުން ސަމީރާ، އެމީހުންގެ ކުޑަ ދަރިފުޅު ނަބްހާން ގޮވައިގެން މާލެ ބަދަލުވީ ދަރިފުޅަށް އެކަށޭނަ ތަޢުލީމެއް ފޯރުކޮށްދިނުމަށެވެ. އެއަށްފަހު އެ ޢާއިލާއަށްވަނީ ކުޑަ އަންހެން ކުއްޖެއްވެސް ލިބިފައެވެ. އަފާ އާއި އެއް ޢުމުރެއްގެ އެއަންހެންކުއްޖާގެ ނަމަކީ ނިސްރީންއެވެ.

ނަބްހާނަކީ ސޫޒަންގެ ކާފަ ޞާލިޙުގެ އެންމެ ގާތް އެކުވެރިޔާ ރަޝާދުގެ ކާފަ ދަރިއެވެ. ސޫޒަންގެ ޢުމުރުން އެންމެ ދެއަހަރުގައި ޞާލިޙު އާއި ރަޝާދުވަނީ އެދެމީހުންގެ ކާފަދަރީންގެ ކައިވެނި ކުރުވައި، ދެ ޢާއިލާގައި އޮތް އެކުވެރިކަން ގާތްތިމާގެ ކަމުގެ ގުޅުމަށް ބަދަލުކުރުމަށް ވަޢުދުވެފައެވެ.

ނަބްހާން އެންމެ ފުރަތަމަ ފެނުނު ދުވަހު ސޫޒަން އޭނަދެކެ ވަރަށް ފޫހިވިއެވެ. މަންމަމެން ބުނާ މީހަކާ އިނުން އެއީ ސޫޒަންގެ ސިކުނޑިއަށް ޤަބޫލުކުރެވޭ ކަމަކަށް ނުވާތީއެވެ. ނަބްހާން ފަދަ މާލޭގައި އުޅެ ބޮޑުވާ މީހުން ވަރަށް ފޮނިވާނެކަމަށް އޭނާގެ ހިތް ބުނީތީއެވެ.

އެހެނަސް އެރަށުގައި އެމީހުން ހޭދަކުރި ހަފްތާގެ ތެރޭގައި ސޫޒަންގެ ހިތް ނަބްހާނަށް ލެނބެން ފެށިއެވެ. ނަބްހާން ކުރާ ސަމާސާތައް ވަރަށް މަޖާވެއްޖެއެވެ. ނަބްހާން ދައްކާ ވާހަކަތައް އަޑުއަހާހިތްވެއްޖެއެވެ. ނަބްހާން ދެކިލާހިތުން ކެތްމަދުވާން ފަށައިފިއެވެ. ނަބްހާން އާއި ގުޅުންހުރި ކޮންމެ ކަމަކަށް ހިތް އެދެވެން ފަށައިފިއެވެ. ސޫޒަންއަށް އެންމެ ކަމުދިޔައީ ނަބްހާންގެ ބުޅި އިސްތަށިގަނޑެވެ. އޭނާގެ ދިގު އިސްކޮޅެވެ. ހީނލާއިރު ކޮލުގައި އިންނަ ލޯބި އަޑިކޮޅެވެ.

ޗުއްޓީ ނިންމާލުމަށްފަހު އެ ޢާއިލާ މާލެ ދިޔަފަހުން މިހާތަނަށްވެސް ނަބްހާނާއި ސޫޒަން ވާހަކަދެއްކީ ފޯނުންނެވެ. ދެމީހުންގެ ގުޅުން ކުރިލައި، ފޯދެމުންދިޔައެވެ. ސޫޒަން އާއި ނަބްހާނަށް އެދެމީހުންގެ ކައިވެނީގެ ކަންކަމުގެ ވާހަކަ އެނގިފައިވުމާއެކު، ދެމީހުންގެ ގުޅުން ކުރިޔަށް ދިޔައީ މޯދެން ފްރެންޑްސް އޭ މިކިޔާ ރިލޭޝަންޝިޕްގައެވެ.

ނަބްހާނަކީ ގޯސް މީހެއްނޫނެވެ. އޭނާ ރީއްޗެވެ. ސްމާޓެވެ. މޮޅެވެ. އަދި މަސައްކަތްކުރަމުންދަނީ ރާއްޖޭގެ ބޮޑު ކުންފުންޏެއްގެ މަތީ މަޤާމެއްގައެވެ. އޭނާ އަކީ ތާރީފުކުރުމަށް މޮޅު މީހެކެވެ. ސޫޒަންގެ ހިތް އޭނާ އަތުލީ މިހުނަރުގެ ބޭނުންކޮށްގެންނެވެ. އޭނާއަށް ސޫޒަން ރުޅިއައިސްފައި ހުއްޓަސް ހެއްވާލަން އެނގެއެވެ. އޭނާއަކީ ސޫޒަންގެ ޕްރިންސް ޗާމިންގް އެވެ.

ނަމަވެސް މައްސަލައަކީ ނަބްހާންގެ ވަޒީފާއެވެ. އުޅެން ޖެހޭ ބިޒީކަމުން ފުވައްމުލަކަށް ނާދެވޭތީއެވެ. އެ ދުރުކަން ކައިރިކޮށްދެނީ ޓެކްނޮލޮޖީއެވެ. ދެމީހުން ވީޑިޔޯ ޗެޓްކޮށް، އެކަކު އަނެކަކަށް ފޮޓޯ ފޮނުވައި ހަދައެވެ. ނަބްހާން ޗުއްޓީ ނަގައިގެން ފުވައްމުލަކަށް ދާވާހަކަ ބުނީއްސުރެ ސޫޒަން ހުންނަނީ ދުވަސްތައް ދާލެއް މަދުވެފައެވެ.

ސޫޒަންއަށް ޚިޔާލީދުނިޔެއިން ނުކުމެވުނީ ޝާހިދާގެ އަޑަށެވެ. ނަޢީމު އާއި ޝާހިދާގެ ކޮޓަރި ހުންނަނީ ޓެރަހާއި ދިމާ ތިރިޔަށެވެ. އެކޮޓަރީގެ ކުޑަދޮރު ހުޅުވާފައިހުރުމުން، ދެމީހުން ދައްކަމުންދިޔަ ވާހަކަ ރީއްޗަށް އިވެއެވެ.

“ނަޢީމް ކީއްވެތަ އަހަރެމެންގެ ދަރިފުޅުގެ ޙަޔާތް ބަރުބާދުކޮށްލަން ތިއުޅެނީ؟ އެނގޭ ބައްޕަގެ ވަޞިއްޔަތެއްކަން އެއީ. އޭރަކު ބައްޕައަކަށް ނޭނގޭނެ އޭނައަކީ ކޮންކަހަލަ މީހެއްކަންވެސް. އެކަމަކު މިހާރު އެބަ އެނގެއެއްނު އެއީ ރަނގަޅު ކުއްޖެއް ނޫންކަން. އަދިވެސް ބޭނުންވަނީ ސޫޒަންގެ ކައިވެނި އެކުއްޖާއާއި ކުރުވަންތަ؟”

ޝާހިދާ ޝަކުވާކުރިއެވެ. އޭނާގެ އަޑުގައި ހިތާމައާއި ނުރުހުންވުން އެކުލެވިފައި ވިއެވެ.

“އަހަރެމެންނަކަށް ނޭނގެ އެއީ ގޯސްކުއްޖެއް ކަމެއް. ވެދާނެއެއްނު ބަޔަކު ދޮގު ވާހަކަތަކެއް ފަތުރަނީ ކަމަށްވެސް.” ނަޢީމު ދިނީ ފިނި ޖަވާބެކެވެ.

“އަހަރެން ބޭނުމެއް ނޫން އަހަރެމެންގެ ދަރިފުޅުގެ މުސްތަޤުބަލު ގޮތްނޭނގޭ މީހެއްގެ އަތްމައްޗަށް ދޫކޮށްލާކަށް.”

“ބުނަންތަ ޝާހިދާ. މިކައިވެނި ކުރެވޭނެ. މިއީ އަހަރެންގެ ބައްޕަގެ ފަހު ވަސިއްޔަތް. ދެން މިކަމާ އިތުރަށް ބަހުސްކުރަން ނަހަދާ.” ނަޢީމު ފަހު ބަސް އިއްވާލިއެވެ.

މަންމަ އާއި ބައްޕަގެ ވާހަކަތައް އަޑުއިވިފައި ސޫޒަން ފުން ޚިޔާލުތަކެއްގެ ތެރެއަށް ގެނބުނެވެ. މަންމަ އާއި ބައްޕަ އެދައްކަނީ ކޮން ވާހަކަތަކެއްގެ ވާހަކަބާއެވެ؟ އެތަކެއް ސުވާލެއްގެ ޖަވާބު ލިބިގަތުމަށް ސޫޒަންއަށް އެދެވުނެވެ.

–

އެދުވަހުގެ ޢަޞްރު ނަމާދުކޮށްގެން މާތިއުމެން ދިޔައީ ފުޓްބޯޅަކުޅުމަށެވެ. އާދައިގެ މަތިން ޤުރުއާނުން މިންވަރެއް ކިޔަވާލުމަށްފަހު، އެންމެން އެއްވާން އޮތް ސަރަޙައްދަށް މާތިއުއާއި އޭނާގެ ކަޒިން ވިޝާހަށް ދެވުނުއިރު ކުޅެން ފަށްޓައިފިއެވެ. ޢަޞުރުން ތިރިވެ 4:30 ވީ އިރުވެސް މެންދުރުގެ ދިލަހޫނުގެ އަސަރު ކޮންމެވެސް ވަރަކަށް ކުރެއެވެ. ސައިކަލު ޕާކުކޮށްލުމަށްފަހު ދެމީހުން މަޑު ހިނގުމެއްގައި އައިސް ބެންޗުގައި އިށީނެވެ.

ކުޅެން އަރާ ތިބީ ހުސް އެއް އުމުރެއްގެ މީހުންނެވެ. ފޯރިއާއިއެކު ކުޅެމުން ދިޔައިރު ޔޫއާން އާއި ވިޝާހުގެ ކޮއްކޮ ސަމާހުވެސް ކުޅެން އަރާ ތިއްބެވެ. ދެމީހުން ތިބީ ދެޓީމެއްގައި ކަމުން އެކަކު އަނެކަކަށް ސަމާސާކުރަމުން ދިޔައެވެ. ސަމާހުއާއި ޔޫއާން ކުޅެމުންދިޔަ ގޭމަށްވުރެން ދެމީހުން ދެމީހުންނަށް ކުރަމުންދިޔަ އެޓޭކް ތައް ފެނިފައި މާތިއުއަށް ހީނލެވުނެވެ.

“ޓީނޭޖާރސް.” ދެފަރާތަށް ބޯ ހޫރުވާލަމުން މާތިއު ބުނެލިއިރު އޭނާގެ މޫނުމަތީގައި އަދިވެސް ހިނިތުންވުމެއްވިއެވެ.

“އޮހް. އެހެންތަ؟” މާތިއުއަށް ބަލަންއިން ވިޝާހު އަހާލިއެވެ.

ވިޝާހާއި މާތިއު އުޅެބޮޑުވީ އެއްގެއެއްގައެވެ. ކިޔެވީ އެއް ސްކޫލެއްގައި، އެއްކްލާހެއްގައެވެ. ކުޑައިރުގެ ކޮންމެ ހަނދާނަކީ، މާތިއުއާއި ވިޝާހު އެކުއެކީގައި ތަޖުރިބާކޮށްފައިވާ ކަންކަމެވެ. މިހާރު ވަޒީފާގެ ގޮތުން ދެމީހުން ބައްދަލު ނުވި ނަމަވެސް އެދެމީހުންނަކީ ބެސްޓްފްރެންޑުންނެވެ. ކަޒިންމެނެއް ކަމަކު، އެއްބަނޑުއެއްބަފާ ދެބެއިން ފަދަ އެވެ. ދެމީހުންނަށްވެސް އަމިއްލަ ނަފްސުފަދައިން އަނެކަކު އެނގެއެވެ. ހުރިހާ ކަމެއްގައިވެސް އެކަކު އަނެކަކަށް އެހީވެއެވެ. މާތިއުގެ ބޭރުފުށުން މާގިނަ ކަންތައްތަކެއް ނުފެނުނެއްކަމަކު، އޭނާގެ ހިތުގައި ހިނގަމުންދާ ކަންތައްތައް ކޮންމެވެސް ކަމެއް ހިނގަމުންދާކަން ވިޝާހަށް އިހުސާސްކުރެވޭ ކަހަލައެވެ.

“ރީއްޗަށް ބުނާނީތަ ނޫނީ ބުނުވަންވީތަ؟” ވިޝާހު އަނެއްކާވެސް ކޮށްލީ ސުވާލެކެވެ.

ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މާތިއު މޫނު އަނބުރާލިއެވެ.

“ކާކުތަ އެއީ؟” ވިޝާހުގެ އަޑުގައި މިފަހަރު ހުރި ސީރިއަސްކަން މާތިއުއަށް ދެނެގަނެވުނެވެ.

“ނޭނގެ. ވިޗްއެއް ކަންނޭނގެ.” މާތިއުގެ އަޑުގައި އެކުލެވިގެންވީ ނުރުހުންވެފައިވާ ކަމެވެ. ހަގީގަތުގައިވެސް އޭނާއަށް އެ އަންހެން ކުއްޖާގެ ފުށުން އުނދަގޫތަކެއް ކުރިމަތިވަމުން އެބަދެއެވެ. އަބަދުވެސް އެ އަންހެންކުއްޖާގެ ސޫރަ އޭނާގެ ސިކުނޑިއަށް ފެންނަމުންދާތީއެވެ.

“އޭނ؟” ވިޝާހުގެ މޫނުމައްޗަށް ވެރިވި ޙައިރާންކަން ފެނިފައި މާތިއުއަށް ހިނިތުންވެލެވުނެވެ.

“ހަހަ. ކިޑިންއޭ މޭން. ކަމޯން. ނޭނގެ އެއީ ކާކުކަމެއް. ކޮންތާކުން އައި މީހެއް ކަމެއްވެސް.” މާތިއު ހިނިގަނޑެއް ޖަހާލިއެވެ.

“ދެނޯ؟” ވިޝާހު ހުރީ މައުޟޫ ބަދަލުކޮށްލާގޮތަކަށް ނޫނެވެ.

“މަށަށް އޭނަ ފެނުނީ ދެފަހަރު. ވާހަކައެއް ނުދައްކަން. ފުރަތަމަ ފަހަރު ފެނުނީ އިސްލާމީ މަރުކަޒުން. އޭނަ ނަމާދުކުރަން ހުއްޓަ. ދެން ކާރުގަ އިންދަ. ކޮންމެ ފަހަރަކު އަހަންނަށް ބެލުން ތިރިކުރަން ހަނދާން ނެތެނީ. މިހާރު އަހަންނަށް އަބަދުވެސް ފެންނަނީ އޭނަ. ހަހަ. މަށަކަށް ނޭނގެ ހަދަންވީ ގޮތެއް މޭން.” މާތިއު ވާހަކަދައްކަމުން ދިޔަ އިރު ހިތުގައި ދައުރުވަމުންދިޔަ ޝުޢޫރުތައް ބޭރުކުރެވޭތީ ހިތަށް ލުޔެއް ލިބުނެވެ.

“ދެން ކިހިނެއް ހަދާނީ؟” ވިޝާހު އަނެއްކާވެސް އެހިއެވެ.

“ދެން އަހަރެން ހުރިހާކަމެއް ﷲ އާ ވަކީލު ކުރާނީ. ހިތްތަކުގެ ޙާލަތު މޮޅަށް ދެނެވޮޑިގެންވާ އިލާހު އަހަރެންގެ ޙާލަތު ދެނެވޮޑިގެންވޭ. އެކަލާނގެ ޤަދަރުފުޅަށް މަޑުކުރާނީ.” އިށީނދެގެން އިން ބެންޗުން ތެދުވެ ސްޓްރެޗް ކޮށްލަމުން މާތިއު ބުނެލިއެވެ. ވިޝާހުވެސް ތެދުވެ ސްޓްރެޗް ކޮށްލިއެވެ. އަދި ދެމީހުން އެކުގައި މަޑުމަޑުން ޖޮގް ކޮށްލަމުން ކުޅެން އަރަން ދިޔައިރު މާތިއު ޙަޝްރު ސޫރަތުގެ ފަހު ތިން އާޔަތް ކިޔަވަމުން ދިޔައެވެ.

“އާމީން.” މާތިއުގެ ކިޔެވުން ނިމުމުން ވިޝާހު ހިނިތުންވެލާފައި ބުނެލިއެވެ. އަދި މާތިއު ދިޔަ ފަރާތް ނޫން އަނެއް ފަރާތަށް މިސްރާބު ބަދަލުކޮށްލިއެވެ.

Share Article

Follow Me Written By

Thau

Level 1

Other Articles

Previous

ލޯބިން އަންނާށޭ ކަލާ (ފަނަރަ ވަނަ ބައި)

Next

02:30 ސޯޅަވަނަ ބައި

Next
August 30, 2017

02:30 ސޯޅަވަނަ ބައި

Previews
August 30, 2017

ލޯބިން އަންނާށޭ ކަލާ (ފަނަރަ ވަނަ ބައި)

9 Comments!

  1. ??? says:
    August 30, 2017 at 5:11 pm

    Wow nice ❤❤ mee first dhw

  2. aloo says:
    August 30, 2017 at 5:33 pm

    vvvvv..reethi.. 🙂

  3. mal-mal says:
    August 30, 2017 at 6:19 pm

    MashaAllah, a beautiful story and I’m enjoying this. ??? but I suggest you not to use English words in a dhivehi story. It won’t help in improving our language if writers are mixing up English words in a dhivehi story. sorry if I offend you, Author! it’s just a piece of advise.
    waiting eagerly for an update. ?? do u write stories in any other websites, author?

  4. Xaan says:
    August 30, 2017 at 7:11 pm

    maasha allah nyc

  5. Xxxx says:
    August 30, 2017 at 10:35 pm

    Maadha Allah..varah furihama …??????

  6. Kuda Kamana says:
    September 1, 2017 at 9:36 pm

    Varah reethi.. masha allah

  7. Nadheema says:
    September 3, 2017 at 6:25 pm

    Kon dhuvas thakehga Tha meethi mi up vani?

  8. mal-mal says:
    September 5, 2017 at 2:30 pm

    kon irakuntha next part up kohdheyneeeee??? vaahaka kiyaa hithun mihaaru hurevenyky noon viyya!!

  9. Zylmaa says:
    October 4, 2017 at 5:23 pm

    Salaam Thahu
    Vaahaka ah varrah inthizaaru kurevay…kon dhuvahkun baa up vaany???
    Maa busy baa noony baaly baa??!!
    Anyways eagerly waiting for the next part. In sha Allah hope to read the 5th part of Ibaadhaa soon.

Comments are closed.



All Right Reserved!