ސޫޒަން އޭނާގެ އިސް އުފުލާލިއެވެ. އެއަށްފަހު ދުޢާއަށް ދެއަތް އުފުލާލިއެވެ. އަދި މަޑުމަޑުން ދުޢާ ކުރަން ފެށިއެވެ.
“ޔާ ﷲ. އިބަރަސްކަލާނގެއީ އަޅުތަކުންގެ ފާފަފުއްސަވާ، އެންމެ އޯގާވަންތަވެ ވޮޑިގެންވާ އިލާހު. މިއަޅާގެ ފާފަފުއްސަވައި، ނަރަކައިން މިއަޅާ ސަލާމަތް ކުރައްވާނދޭވެ.”
އެއަށްފަހު ސަޖިދައަށް ތިރިވެލިއެވެ. އޭނާގެ ހިތުގައި ފަރުބަދައެއްގެ ބަރުދަން ވާކަހަލައެވެ. ﷲ ގެ އެހީ ނުފޮނުއްވައިފިނަމަ އޭނާއަށް ކުރިޔަށް ނުދެވޭނެކަން ސޫޒަންގެ ހިތް ބުނަމުން ދިޔައެވެ. އަދި ހަމަ އެ ހިނދުގައި އޭނާގެ ހިތް ބުނަމުން ދިޔައެވެ. ހަމަކަށަވަރުން ﷲ އީ ހުރިހާ ކަމެއް ދެނެވޮޑިގެންވާ، އަލް ޢާލިމެވެ. އެކަލާނގެއީ އެންމެ ޙިކްމަތްވަންތަ، އަލް ޙާކިމެވެ.
ސޫޒަންގެ ހިތް ރޮމުން ގެންދިޔައެވެ.
ޔާ ﷲ. މީގެ އަހަރެއްހާ ދުވަސްކުރިން އަހަންނަށް ހީކުރެވުނީ އަހަންނަކީ މިދުނިޔޭގައިވި އެންމެ ނަޞީބުވެރި އަންހެން ކުއްޖާކަމުގައެވެ. އެހެނަސް، މިއަދު ހުރިހާ ކަމެއް މިވަނީ އަހަރެންގެ މުށުން ދޫވެގެން ގޮސްފައެވެ. ޔާ ﷲ. އިބަރަސްކަލާންގެ މިއަޅާއަށް ދެއްވި ހުރިހާ އެއްޗަކަށް، ހުރިހާ އިމްތިޙާނަކަށް މިއަޅާ ޝުކުރުވެރިވަމެވެ. މިއަޅާއަށް ކެތްތެރިކަން ދެއްވާނދޭވެ. މިހިތަށް ސާބިތުކަން ދެއްވާނދޭވެ. ޔާ ﷲ. އިބަރަސްކަލާނގެއީ މިއަޅާގެ އެހީތެރިޔާއެވެ. މިއަޅާގެ ވަކީލެވެ. ޔާ ﷲ. މިއަޅާއަށް އެހީތެރިވެ ވޮޑިގަންނަވާފާނދޭވެ.
ސޫޒަންގެ ހިތާއިއެކު ސޫޒަންގެ މުޅި ހަށިގަނޑުވެސް ރޮމުން ދިޔައެވެ.
–
މާތިއުއަށް ހުޅުމާލެ ފެރީޓާރމިނަލްއަށް ދެވުނުއިރު ބުރާސްފަތި ދުވަހުގެ މެންދުރުން އަނބުރާ ދެގަޑި ބައިވާން އުޅެނީއެވެ. އޭނާގެ ބޭނުމަކަށްވީ މި ހަފްތާ ބަންދު ހުޅުމާލޭގައި، އޭނާގެ މަންމައާއި ޢާއިލާއާއިއެކު ހޭދަކޮށްލުމެވެ. މާތިއުގެ ފުރިހަމަ އަޚްލާޤުގެ ސަބަބުން އޭނާއަށް އެންމެންގެ ލޯބި ލިބިފައިވިއެވެ.
ސައިކަލު ޕާރކުކުރުމަށްފަހު ޓާރމިނަލުގެ ދޮރާއްޓާއި ހަމައަށް ހިނގައިގަނެވުނުތަނާ ކޮންމެވެސް މީހަކު އޭނާގެ ކޮނޑުގައި ލައިގެންފައި ވެއްޓެން ދިޔައެވެ. މާތިއުއަށް އެމީހެއްގެ އަތުގައި ހިފަހައްޓާ ނުލެވުނުނަމަ އެމީހަކު ވެއްޓުނީސްކަން ކަށަވަރެވެ.
އޭނާއަށް ރަނގަޅަށް ބަލާލެވުނު އިރު އެއީ ބޮލުން ފެށިގެން ފަޔާހަމައަށް ނިވާވެގެން ހުރި ނިޤާބީއެކެވެ. ހަމައެކަނި ފެންނަން ހުރީ ދެލޮލެވެ. އެ ދެލޯ ވަނީ ބާރަށް ފިއްތައިލެވިފައެވެ. އެއަންހެން ކުއްޖާ ކޮޅަށް ހުރެފައި އަނެއްކާވެސް ވެއްޓެން އުޅެނިކޮށް މާތިއު އޭނާގެ ދެއަތުގައި ހިފަހައްޓައި، ކޮޅަށް ބެހެއްޓިއެވެ. އަދި އޭނާގެ ކޮނޑުގައި ހިފަހައްޓާލައިގެންހުރެ މީހުންތަކުގެ ތެރެއިންގޮސް، އެތާހުރި ބެންޗެއްގައި ބޭންދިއެވެ.
“މިތާ އިނދޭ! އެބަ އަންނަން ފެންފުޅިއެއް ގަނެގެން!”
އެހެން ބުނެލުމަށްފަހު ކައިރީގައި ހުރި ކުޑަ ފިހާރައާއި ދިމާލަށް ހިނގައިގަތެވެ.
“ޔާ ﷲ. އަހަންނަށް މިވަނީ ކީއްބާ؟”
ސޫޒަންގެ ސިކުނޑި ބާރު ބާރަށް ގޮވަމުން ގެންދިޔައެވެ. ފެރީ ޓާރމިނަލްގެ ދޮރާއި އަރާހަމަވިތަނާ ކޮންމެވެސް ފާރެއްގައި ގޮސް ޖެހުނުހެން ހީވިއެވެ. ވެއްޓެން ދިޔަކަހަލަ އިޙުސާސެއް ވީނަމަވެސް، ކޮންމެވެސް މީހަކު އޭނާ ހިފެހެއްޓިކަން އެނގުނެވެ. އޭނާއަށް އެހީވެދިންމީހާ ބެންޗުގައި އިނުމަށް ޢަމުރުކުރި ގޮތުން އިތުރަށް އޭނާއާއި ދެބަސްވާނޭ ފުރުޞަޠެއް ނެތްކަން ސޫޒަން އަށް އެނގުނެވެ. އަދިވެސް އޭނާއިނީ ދެލޯ ބާރަށް ފިއްތާލައިގެންނެވެ.
“މިހިރީ ފެން.”
ކުރިންވެސް އޭނާގެ ކަންފަތުގައި ޖެހުނު ފިރިހެންވަންތަ އަޑު އިވުމުން އޭނާއަށް ލޯހުޅުވާލެވުނެވެ. އޭރު ކުރިމަތީގައި ހުރީ ނުލާއި ހުދު ކުލައިގެ ގޮޅިޖެހި ގަމީހަކާއި، ނޫ ޖީންސެއް ލައިގެން ހުރި ޒުވާނެކެވެ. އޭނާގެ އަތުގައި “ތާޒާ” ފެންފުޅިއެއް އޮތެވެ.
ސޫޒަންއަށް ވަގުތުން އިސްޖަހާލެވުނެވެ. އަދި ފެންފުޅި ނަގައި “ބިސްމިﷲ” ކިޔާލުމަށްފަހު އެއް ނޭވައިން ފެންފުޅީގެ މެދާހަމައަށް ހުސްކޮށްލެވުނެވެ. އަދި އަތަށް ކުޑަ ފެންފޮދެއް އަޅާލުމަށްފަހު މޫނުގައި އުނގުޅާލިއެވެ.
“ޖަޒާކަﷲ ޚައިރް.”
ސޫޒަން އެހެން ބުނެލުމާއިއެކު ބެންޗުން ތެދުވެ، ޓާމިނަލްގެ ދޮރާށްޓާއި ދިމާލަށް އަވަސް ފިޔަވަޅުތަކެއްގައި ހިނގައިގަނެވުނެވެ. އެހެނަސް، އެ ޒުވާނާގެ ތަޞްވީރު ހަމަ ރަނގަޅަށްވެސް ސޫޒަންގެ ސިކުނޑީގައި ހަރުލައިފިއެވެ.
“ލާ ހައުލަ ވަލާ ޤުއްވަތަ އިއްލާ ބިއްލާހި.” ސޫޒަންއަށް މަޑުމަޑުން ކިޔާލެވުނެވެ.
–
ސޫޒަން އިނީ އޭނާގެ ބައްޕަގެ ރަތްކުލައިގެ ކާރުގެ ފަހަތު ސީޓުގައެވެ. އޭނާ ދިރިއުޅެނީ ހުޅުމާލޭގައި ނަމަވެސް، މިއަދު ހެނދުނު މުޅި ޢާއިލާ މާލެ ދިޔައީ، މަންމަގެ ރައްޓެއްސެއް ބަލިވެއުޅޭތީ އޭނާއަށް ޒިޔާރަތްކޮށްލާށެވެ. ސުބްޙާނަﷲ އެވެ. ﷲ ގެ ކުޅަދުންވަންތަ ކަމާއެވެ. ހޮސްޕިޓަލްތަކަކީ ސޫޒަން އަށް ވަރަށް އެހެންކަހަލަ އަސަރުތަކެއް ކުރުވާ ތަނެކެވެ. ބަލިމީހަކަށް ޒިޔާރަތްކުރެވުމުން ﷲ ދެއްވާފައިވާ ފުރިހަމަ ޞިއްޙަތުގެ ނިޢުމަތާއިމެދު ޙަމްދުކުރެވުނެވެ. އަދި މަންމަގެ ރަޙުމަތްތެރިޔާއަށް ޝިފާދެއްވާތޯ ދުޢާކުރެވުނެވެ.
ހުޅުމާލެއަށް ފައިބައިގެން ގެއާއި ހަމައަށް ކުރަންޖެހޭ ދަތުރު ދިގުވުމުން، ސީޓުގައި ރަނގަޅަށް ލެނގިލައި، ދެލޯ މަރާލެވުނީ ވެފައިވާ ވަރުބައްޔެއްގެ ސަބަބުންނެވެ.
–
މާތިއު ދުއްވަމުންދިޔައީ ހުޅުމާލޭގެ ކާރޫބާރޫ ބޮޑު މަގެއްގައެވެ. ދުވަސްގަނޑަކަށްފަހު މަންމަ ގާތަށް ދެވޭތީ މާތިއުގެ ހިތްވަނީ އުފަލުން ފޮޅިފައެވެ.
މާތިއުގެ މަންމަ ދިރިއުޅެމުންދަނީ މާތިއުގެ ކާފަ ކަރީމަށް ހުޅުމާލޭން ލިބުނު ގޯތީގައި ހަދާފައިހުރި އަށްބުރީގެ ޢިމާރާތުން މާތިއުގެ ބައްޕަ އަންވަރުއަށް ލިބުނު ބައިގައެވެ. އަންވަރަކީ އެ ޢާއިލާގެ ދެވަނައަށް އެންމެ ދޮށްޓަށް ހުރި މީހާއެވެ. މާތިއުގެ 4 ބޮޑުބޭބެއިންނާއި 2 ބޮޑުދައްތައިން ތިބެއެވެ. އެ އެންމެންވެސް އުޅެމުންދަނީ އެއް ޢިމާރާތެއްގައެވެ. އަދި ހަމައެހެންމެ، މާތިއުގެ ކާފަ އާއި މާމަ، ކަރީމް އާއި ލަތީފާވެސް އުޅެމުންދަނީ އެގޭގެ އެންމެ ތިރީ ފްލޯގައެވެ.
އެންމެން އެއް ޢިމާރާތެއްގައި އުޅެމުންދިޔުމާއިއެކު މާތިއު އެންމެ އުފާވާ އަނެއްކަމަކީ ގިނަ ކަޒިންސް ތިބުމެވެ. އޭނާގެ ޢާއިލާއަކީ މާތިއު އެކަމަކަށްޓަކައި ﷲ އަށް ހިތުގެ އެންމެ ފުންމިނުން އަބަދުވެސް ޝުކުރުކުރާ ނިޢުމަތެވެ.
މާތިއުގެ ފުރިހަމަ ނަމަކީ މާތިއު އަންވަރު އަބްދުލް ކަރީމެވެ. ޢުމުރުން 27 އަހަރު ވެފައިވިޔަސް، ފޮތްކިޔުމާއި ޢިލްމު އުނގެނުމަށް މާތިއުގެ ހިތުގައި ވަނީ ޚާއްޞަ ލޯތްބެކެވެ.
–
ޢަޞްރުނަމާދަށް ބަންގިގޮވަން ކުޑަތަންވެފައިވުމާއެކު ސޫޒަންގެ ބައްޕަގެ ރަތްކުލައިގެ ކާރު ޕާކުކުރީ ހުޅުމާލޭގެ ބޮޑު މިސްކިތެއްގެ ކައިރިއަށެވެ. ފުރިހަމަކޮށް ހަދާލެވިފައި ވާ އެ މިސްކިތުގައި އަންހެނުންނަށްވެސް ނަމާދުކުރެވޭގޮތަށް ޖާގަ ޚާއްޞަކުރެވިފައިވެއެވެ. އެހެންކަމުން ސޫޒަންގެ އިތުރުން އޭނާގެ ދެ އަންހެންކޮއްކޮ އާއި މަންމަ ޝާހިދާ އަވަސްވެގަތީ އަންހެނުންނަށް ޚާއްޞަ ކުރެވިފައިވާ ބަޔަށް ދިޔުމަށެވެ. ސޫޒަންގެ ބައްޕަ ނަޢީމް ދިޔައީ ފިރިހެނުންނަށް ޚާއްޞަ ކުރެވިފައިވާ ބަޔަށެވެ.
ވުޟޫކޮށްގެން އައިސް ނަމާދުކޮށް ނިމުމަށްފަހު ސޫޒަންއަށް ދެއަތް އުފުލާލެވުނީ ދުޢާކުރުމަށެވެ. އޭނާގެ އެސްފިޔަތައްވަނީ ކަރުނުން ތެމިފައެވެ. އެމަންޒަރު ބަލަން އޭނާގެ ދެކޮއްކޮއިން ކަމަށްވާ ސާރާ އާއި އަފާ އަށް ތިބެވުނީ މޯޅިވެފައިވާ މޫނަކާއިގެންނެވެ. އެމީހުންގެ ލޯބިލޯބި ދޮންތައަށް މިހާބޮޑު ބަދަލެއް އައީ ކީއްވެގެންބާއޭ ބުނާކަހަލައެވެ.
ނަމާދުން ނިމިގެން ޤުރުއާން ކިޔަވާލުމަށްފަހު މިސްކިތުން ފައިބައިގެން ޝާހިދާ، ސާރާ އަދި އަފާ ދިޔައީ ކައިރީގައިހުރި ޝޮޕިންގ މޯލް އަކަށެވެ. ގެއަށް ބޭނުންވާ ބައެއް ތަކެތި ގަނެލައިގެން ދާން ވެގެންނެވެ.
މަޑު ހިނގުމެއްގައި ޚިޔާލަކަށް ގެއްލިފައިހުރެ، އިސްޖަހާލައިގެން އައި ސޫޒަން އަށް އޭނާގެ ކުރިމަތިން މީހަކު އަންނަހެންވެސް ހީނުވާކަހަލައެވެ. ކުއްލިއަކަށް މީހެއްގެ ކޮނޑުގައި އަޅައިގަނެފައި ސޫޒަން ނުވެއްޓުނީ ކިރިޔާއެވެ. ބާރުގަދަ ދެއަތް ސޫޒަންގެ ދެކޮނޑުގައި ނުހިފެހެއްޓިނަމަ ދެވަނަ ފަހަރަކަށް މިއަދު އޭނާ ވެއްޓެން ދާނެއެވެ.
ލިބުނު ޝޮކާއިއެކު ސޫޒަންއަށް ސީދާ ބަލާލެވުނީ ކުރިމަތީގައި ހުރި ޒުވާނާގެ މަޑު މުށިކުލައިގެ ލޮލަށެވެ. އެއީ މިއަދު ޓާމިނަލުން ދިމާވި ޒުވާނާއެވެ.
“ތަންކޮޅެއް ބަލާލައިގެން ހިނގާނަމަ.” އެ ޒުވާނާގެ އަޑުގައި ނުރުހުންތެރިކަން އެކުލެވިފައިވިއެވެ.
“ސޮރީ.”
ސޫޒަންއަށް ބުނެވުނީ އެހާވަރަށެވެ. އަދި ދުވެލާފައި ކަހަލަގޮތަކަށް ސާރާއާއި އަފާގެ ކައިރިއަށް ގޮސް މަޑުޖެހިލިއެވެ. މިއީ އެ ޒުވާނާ ސޫޒަން ވެއްޓުމުން ސަލާމަތްކޮށްދިން ދެވަނަ ފަހަރެވެ.
“ސޯ ވިއަޑް.” ސޫޒަން ގެ ހިތް ބުނެލިއެވެ.
“ދޮންތާ.” ކައިރީގައި ހުރި އަފާ ސޫޒަންއަށް ގޮވާލިއެވެ.
“އާނ.” ޚިޔާލީ ދުނިޔެއިން ނުކުމެލަމުން ސޫޒަން ބުނެލިއެވެ.
“ކޯއްޗެއް ނަގަންވީ؟” ކައިރީގައިހުރި ސޮފްޓް ޑްރިންކްސް ތަކަށް އިޝާރާތްކޮށްލަމުން އަފާ އަހާލިއެވެ.
“ޖިންޖަރ ބިއަރ.” ސޫޒަން ޖަވާބުދިނެވެ.
11 Comments!
Comments are closed.

Yey mee first dhw nice whn nxt part???
InshaAllah updates will be in every 3 days. ^_^
Hmm ad hi move aku nulhey ibaadhaa kiyaa mey heh den kiyve enan kiyany ?
Curious much? Hehe.
Nice waiting for next part♡♡♡
JazaakAllah khair. 😀 Soon, inshaAllah.
V.nice dear.. waiting ???????
Jazaakillah khair Xxxx. 😀
Al hamdh lillah. N masha allah. Varah reethi mi baives. Ekam maaaaaaa kuree. Thankolheh dhigu koh genesdhehchey next part. Kobaatha mivaahaka genesdhey dhuvasthakakee.
Salaam. InshaAllah once in every three days.
Jazaakillah khair Kuda Kamana. I like your user name.