ގަޑިން މެންދުރުން އަނބުރާ 3:43 ވީއެވެ. މަޑުމަޑު ވައިރޯޅިއެއް މާތިއުގެ އިސްތަށިގަނޑާއި ކުޅެމުން ދިޔައެވެ. މާތިއު މަސައްކަތް ކުރަމުންދަނީ އިސްލާމިކް މިނިސްޓްރީގައި ކަމަށްވެފައި، ނަމާދުގަޑިތަކަށް ޖަމާޢަތުގައި ނަމާދު ކުރެވުމަކީ މާތިއު އެންމެ ހިތްހަމަޖެހޭ އެއް ކަމެވެ.
ޢަޞްރުވަގުތަކީ އަބަދުވެސް މާތިއުއަށް އެންމެ ކަމުދާ ވަގުތެވެ. އާދައިގެ މަތިން ޢަސްރު ނަމާދަށްފަހު އޭނާ އިނީ އިސްލާމީ މަރުކަޒުގެ މަތީބައިގައި ޤުރުއާން ކިޔަވާށެވެ. ހުޅުވިފައިވާ ކުޑަދޮރުން އަލި އެޅިފައިވީގޮތުން މުޅިތަނަށް އާދައާ ޚިލާފު ވިދުވަރެއް އެޅިފައިވެއެވެ. މިސްކިތުގެ ތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަމުން މާތިއުގެ ހިތަށް ވަރަށް އެހެންކަހަލަ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. “އަލްޙަމްދުލިﷲ.” މާތިއުއަށް ހިތާ ހިތުން ކިޔާލެވުނެވެ.
ޤުރުއާން ކިޔަވާ ނިންމާލުމަށް ފަހު މުސްޙަފް ހިފައިގެން ކަބަޑުތައް ހުރި ދިމާއަށް މާތިއު ހިނގައިގަތުމަށްޓަކައި ނެގި ފިޔަވަޅުތައް މަޑުވީ އަންހެންކުއްޖެއްގެ ގިސްލުމުގެ އަޑަށެވެ. އިޚުތިޔާރެއްނެތި މާތިއުގެ ނަޒަރު އެދިމާލަށް ދިޔައެވެ.
އަންހެންކުއްޖާގެ މޫނު ފޮތިކޮޅުވަނީ ނަމާދުކުރުމަށްޓަކައި ނަގާލެވިފައެވެ. ނަމާދަށްފަހު ދުޢާކުރުމަށްޓަކައި ދެއަތް އުފުލާލައިގެން އިންއިރު، އެ މޫނުމަތިން ފެންނަމުންދިޔަ އުޖާލާކަމުން މާތިއުގެ ހިތަށް އަސަރުކުރުވިއެވެ. ޙަޔާތުގައި ފުރަތަމަ ފަހަރަށް މާތިއުއަށް އޭނާގެ ބެލުން ތިރިކުރުމަށް ހަނދާން ނެތުނެވެ.
އެ އަންހެންކުއްޖާ މަޑުމަޑުން ދުޢާކުރަމުން ދިޔައިރު އޭނާގެ ދެއަތް ތުރުތުރު އަޅަމުން ދިޔައެވެ. ލުއި ހިނިތުންވުމެއް އެމޫނު މައްޗަށް ފެތުރިފައިވިއެވެ. އޭނާގެ ކޯތާފަތްމައްޗަށް އޮހޮރިގެން ދިޔަ ކަރުނަތިއްކާއެކު، މާތިއުގެ ލޮލުންވެސް ކަރުނަ ފާއްދާލިއެވެ.
ޚުޝޫޢަތްތެރި ކަމާއިއެކު ދުޢާކުރަމުންދިޔަ އަންހެންކުއްޖާ ފެނިފައި މާތިއުގެ ހިތުގައި އީމާންކަމުގެ ރާޅުބާންޏެއް ނެގި ކަހަލައެވެ. އެ ބޮޑުދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. އެއަށްފަހު އޭނާ ސަޖިދައަށް ތިރިވިއެވެ. އޭނާއާއިއެކު މާތިއުގެ ހިތްވެސް ﷲ އަށް ސަޖިދަކުރިއެވެ. އަންހެންކުއްޖާ ސަޖިދައިގައި ވީހިނދުވެސް އޭނާގެ ހަށިގަނޑު ރޫ ރޫ އަޅަމުން ދިޔަތަންފެނިފައި މާތިއުގެ ހިތްވެސް ރޫ ރޫ އެޅިއެވެ.
ސުބްޙާނަﷲ އެވެ. މިއަންހެން ކުއްޖާގައި މިވަނީ ކޮންފަދަ އީމާންތެރިކަމެއް ބާއެވެ. އޭނާގެ ވެރި ރައްބާއި މުޢާމަލާތު ކުރަމުން ދިޔަހިނދު ފެނިގެން މިދަނީ ކޮންފަދަ ޚުޝޫޢަތްތެރިކަމެއް ބާއެވެ.
“އަސްތަޣްފިރުﷲ.” މާތިއުއަށް އޭނާގެ ބެލުންތައް ތިރިކުރުމަށް ހަނދާންވީ ހިނދު އަވަސްއަވަހަށް މޫނު އަނބުރާލަމުން ބުނެލެވުނެވެ. އޭނާ މިއޮއްހާ ދުވަހު ފަރުވާތެރި ވީ ކަމަށް އިހުމާލުވެވުނީ ޝައިޠާނާގެ ސަބަބުން ކަން ޔަޤީންވިއެވެ. އެއަންހެން ކުއްޖާއަށް ބަލަން ހުރެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގުނެވެ. އެހެނަސް މާތިއުއަށް ކަމުދިޔައީ އެ އަންހެންކުއްޖާގެ ރީތިކަމެއް ނޫނެވެ. އޭނާއަށް ފާހަގަ ކުރެވުނީ އެ އަންހެންކުއްޖާ އައްރަޙްމާން އަށް އަޅުކަން ކުރަމުންދިޔަ ގޮތެވެ. އެއާއެކު މުއުމިން އަންހެންކުއްޖަކު، އޭނާގެ ވެރި ރައްބަށް އަޅުކަން ކުރަމުންދިޔަ އެހާ ލޯބިވެތި ހިނދުކޮޅަކަށް އޭނާގެ ފުށުން އުނދަގުލެއް ކުރެވިދާނެތީ ކަންބޮޑުވިއެވެ. އަދި އަވަސް ފިޔަވަޅުތަކަކާއިއެކު މިސްކިތުން ފައިބަން ހިނގައިގަތެވެ.
—–
މާތިއުއަށް ގެއަށް އާދެވުނީ އޭގެ ދިހަވަރަކަށް މިނެޓް ފަހުންނެވެ. ފެންވަރާލައިގެން އައިސް އެނދުގައި ޖައްސާލީ ކުޑަކޮށް އަރާމުކޮށްލުމަށެވެ.
އެއާއެކު މާތިއުގެ ހަނދާނަށް އައީ މިސްކިތުގައި ހިނގައިދިޔަ ހާދިސާއެވެ.
“އަސްތަޣްފިރުﷲ. އަހަރެންނަށް ބެލުން ތިރި ނުކުރެވުނީ ކީއްވެބާ؟”
މާތިއުއަށް އަދިވެސް ވިސްނެމުން ދިޔައީ އެކަމާއެވެ. މަޑުމަޑުން ދެލޯ މަރާލެވުނު ހިނދު އަނެއްކާވެސް ލޯ ހުޅުވާލަން ޖެހުނީ މާތިއުގެ ފޯނު ރިންގް ވާ އަޑަށެވެ. ފޯނުގެ ޑިސްޕްލޭ އިން ފެނުނު ނަމުން އޭނާގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިކުރުވިއެވެ.
“އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަ ބަރަކާތުހް މަންމާ!”
ފުރިހަމަ ސަލާމަކުން ސަލާމް ގޮވުމަކީ މާތިއު އަބަދުވެސް ކުރާހިތުން ކުރާކަމެކެވެ. އެހެނީ ސަލާމަކީ އޭގައި ވަރަށް ލޯބި ދުޢާއެއް އެކުލެވިގެން ވާ އެއްޗަކަށްވާތީއެވެ.
“ވަޢަލައިކުމުއް ސަލާމް ވަރަޙްމަތުﷲ ވަބަރަކާތުހް މަންމަގެ ދަރިފުޅާ!”
އެކޮޅުން ވާހަކަދެއްކީ ޝަފީޤާއެވެ. އެއީ މާތިއުގެ މަންމައެވެ. މާތިއު މާލޭގައި އުޅޭއިރު، ޝަފީޤާ އުޅެނީ ހުޅުމާލޭގައި މާތިއުގެ ބައްޕައަށް ލިބިފައިވާ ފްލެޓުގައެވެ.
“މަންމަ ކިހިނެއްތަ؟”
“އަލްޙަމްދުލިއްލާހް ރަނގަޅު. ދަރިފުޅޫ. ދެން އާދެބަލަ މަންމަ ކައިރިއަށް. މަންމަ ހާދަ މިސްވެއޭ. ދަރިފުޅު މިސްއެއް ނުވޭ ދޯ މަންމަ މަތިންނެއް؟”
ޝަފީޤާ ޝަކުވާގެ ރާގެއްގައި ފައްޗަކަށް އަމުނާލިއެވެ.
ޝަފީޤާއަކީ މީހުންނާއި ގުޅޭ، ހިތްހެޔޮ މިޒާޖެއްގެ އަންހެނެކެވެ. ދުވަހަކުވެސް ހިނިތުންވުމަކާއި އެކުގައި ނޫނީ އޭނާ ނުފެންނާނެއެވެ. މާތިއު އާއެކު 4 ފިރިހެން ދަރީން ލިބިފައިވީ ނަމަވެސް އޭނާއާއިއެކު އުޅެނީ އެންމެ ހަގަށް ހުންނަ ޔޫއާން އެކަންޏެވެ. މާތިއު އަކީ ޝަފީޤާގެ އެންމެ ދޮށީ ދަރިފުޅެވެ. ލަންކާއިން މާސްޓަރސް އިން އޮފީސް މެނޭޖްމަންޓް ނިންމުމަށްފަހު މިހާރު ވަޒީފާ އަދާކުރަމުންދަނީ އިސްލާމިކް މިނިސްޓްރީގެ މަތީ މަޤާމެއްގައެވެ. ދެން ހަގަށްތިބި ނަވީން އާއި ކިޔާން ވީ ލަންކާގައި އެމީހުންގެ ޑިގްރީއަށް ކިޔެވުމުގައެވެ.
ހުޅުމާލޭގައި އަމިއްލަ ފިހާރައެއް ހިންގުމުގެ މަސައްކަތް ކުރާއިރު، މާތިއުވެސް ޝަފީޤާއަށް އެކި ކަންކަމުގައި އެހީވެދީ ހަދައެވެ.
މާތިއުގެ މަންމަ އެމީހުންމަތިން ހަނދާންވާކަން މާތިއުއަށް އެނގެއެވެ. ވަޒީފާގެ ގޮތުން ހުޅުމާލެއަށް ނުދެވޭތާ މިހާރު ދެހަފްތާއެއް ވަރު ވެދާނެއެވެ. މާތިއުވެސް އޭނާގެ މަންމަ މަތިން ނުހަނު ހަނދާންވެއެވެ.
“މަންމާ. އެކަނި ގޭގަ ނުހުރެ ބޮޑުދައްތަމެން ގެއަށްވެސް ގޮސްލާ ހަދާބަލަ.”
“މަންމަ ދަމޭ އެގެއަށްވެސް. އެކަމަކު މަންމަ ބޭނުމީ މަންމަގެ ހުރިހާ ދަރިން މަންމައާއެކު އުޅެން.” ޝަފީޤާ ޖުމްލަ ނިންމާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.
“މާތިއު. މަންމައަށް އެނގޭ މާތިއު ވަރަށް ބިޒީ ވާނެކަންވެސް. އެކަމަކު މިހާރު ކޮން ދުވަހެއް މަންމަގެ ލޯބި ނުފެންނަތާ.” ޝަފީޤާގެ ވާހަކައިގައި ހިތާމަވެރިކަން އެކުލެވިފައިވާކަން މާތިއުއަށް ފާހަގަ ކުރެވުނެވެ.
“މަންމާ.” މާތިއުއަށް ބުނެލެވުނީ އެހާވަރަށެވެ. އެއަށްފަހު ލުއި ނޭވާއެއް އެތެރެއަށް ދަމާލަމުން ބުނެލިއެވެ. “ޔުއަރ ވިޝް އިޒް މައި ކޮމާންޑް. އިންޝާ ﷲ. ވަރަށް އަވަހަށް ދާނަން.”
އެއާއެކު އޭނާގެ މަންމަގެ އުފާވެރި ހީނލުމުގެ އަޑުއިވުމުން މާތިއުއަށް ހިނިތުން ވެލެވުނެވެ. “ވަރަށް ސަލާމޭ މަންމާ. ދެން ބާއްވަނީ.”
ފޯނު ކަނޑާލުމަށްފަހު އަނެއްކާވެސް މާތިއު ލޯ މަރާލިއެވެ. އެހެނަސް މިފަހަރު އެމޫނުގައިވަނީ ހިތްހަމަޖެހުމެވެ.
25 Comments!
Comments are closed.

Varah furihama
Jazaakillah Naa.
Feshun v reethi…d
Jazaakillah Aisha.
Mashaa Allah
Jazaakillah Naaz.
Maasha Allah..varah reethi,furihama n ibraitheri.. .like this type of stories….keep it up dear?????????? waiting 4 next part
JazaakAllah khair Xxxx. This is my very first attempt on Esfiya, so taking quiet a while to figure everything out.
Maasha Allaah v furihama
JazaakAllah khair Xaan.
Vara Islamic tough
😀 Thahumeena.
Masha Allah… vrh reethi vaane hen hyvey…mi part vrh reethi.. ??
JazaakAllah khair Yuaan.
Maasha Allah varah reethi vaane hen heevani
Jazaakillah Khair Flower Princess.
maasha allah v reethi
Jazaakillah khair Shahoo.
story nimuneetha????? haadha kurey.. ekamaku varah reethi
Noon Ethan. InshaAllah kuriyah eba huri bai thah. JazaakAllah khair.
Ma sha Allah… v v v reethi adhi ehaame iburaith theri vaahaka akah vaane hen heevany….
JazaakAllah khair Abdulla. InshaAllah.
Varah reethi vaanehen heevey mi vaahaka. Masha allah Hama yageenun ves Feshun varah reethi. Unmeeshu kuran mi vaahaka akee inrathun furigen vaa adhi aharumenge hayaathah meegen beynun hifeyne fadha vaahaka akah vaane kamah.
Jazaakillah khair Kuda Kamana. 🙂 InshaAllah.
Maashaa allah varah reethi … keep it up ?