Skip to content
އެސްފިޔަ

ދިހައެއް ( ފުރަތަމަ ބައި )

އަހަރު 2028

ފަތިހުގެ ފަނޑު އަލިކަން އުޑު މައްޗަށް ފެތުރިފައިވާ ތަން ބަލަން އެމެރިކާގެ ރައީސް އެމެރިކާގެ މިލިޓަރީ ބިލްޑިންގ ކައިރީ ހުއްޓެވެ. އެމެރިކާ ސިފައިންގެ ބައިގަނޑެއް އެ ތަނަށް އެއްވަމުން ދިޔައެވެ. އިރުކޮޅެއް ފަހުން، އެމެރިކާގެ ރައީސްގެ އެންގުމަކަށް އެމެރިކާގެ މިލިޓަރީ ބިލްޑިންގ ކައިރިން އެމެރިކާ ސިފައިން އަރުވައިގެން ހެލިކޮޕުޓަރުތަކެއް ނައްޓާލައިފިއެވެ. ދެތިން ހެލިކޮޕުޓަރެއް ނޫނެވެ. ދިހަވަރަކަށް ހެލިކޮޕުޓަރު އުޅޭނެއެވެ. ހެލިކޮޕުޓަރުތައް ދަތުރުކުރަމުން ގޮސް މަޑުކުރީ ދިވެހިރާއްޖޭގެ މިލަދުންމަޑުލު ނޫމަރާ ކަނޑަށެވެ. އެ މީހުންގެ އިންތިޒާރުގައި ކަނޑުގައި ދަގަނޑު ބޯޓެއް އޮތެވެ. މަޑުމަޑުން ހެލިކޮޕުޓަރުތަކުން ސިފައިން ބޯޓަށް އެރުވިއެވެ.

ބޯޓުގެ މިސްރާބު ހުރީ ރާއްޖޭގެ އުތުރަށެވެ. “ކެޕްޓަން! ބޯޓުގެ ދުވެލި ބާރުކުރޭ! އިރުއަރަން ވާއިރަށް އަހަރެމެންނަށް އެ ރަށަށް އެރެންޖެހޭނެ” މިގޮތަށް އިނގިރޭސި ބަހުން ސިފައިންގެ އިސް ކޮމާންޑަރު ބޯޓުގެ ކެޕްޓަނަށް އެންގިއެވެ. ކެޕްޓަން އަމުރަށް ކިޔަމަންވިއެވެ. އަވަސް ދުވެލީގައި ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ދެކުނުފަރާތުގެ ފަޅު ބޭރުގައި ހުރި ހިލަގާތަކާ ބޯޓު ގާތްކޮށްލިއެވެ. ގާތް ކޮށްލުމާއެކު ސިފައިންތައް ބޯޓުން ފައިބައި އެ ރަށަށް އަރަން ފެށިއެވެ.   އެމެރިކާ ސިފައިންތައް އެ ރަށަށް އެރުމަށް ފަހު ސަފުތަކުގައި ހިނގައިގަތެވެ. ސިފައިން ހިނގަމުން ދިޔައީ އިސް ކޮމާންޑަރުގެ ފަހަތުންނެވެ. ސިފައިން ރަށަށް އަރައިގެން އުޅޭ ތަން ފެނުމުން ރަށު ރައްޔިތުން ހައިރާންވެފައި ތިއްބެވެ. ރަށު ކައުންސިލަރުންނާއި ސަރުކާރުގެ އެހެނިހެން އިސްވެރިން ފެނުމާއެކު އިސް ކޮމާންޑަރާއެކު ސިފައިން މަޑުކުރިއެވެ. އެއަށް ފަހުގައި ސިފައިންގެ އިސް ކޮމާންޑަރު އެތަނުގައި ތިބި ރަށު ކައުންސިލަރުންނާއި ދިވެހި ސަރުކާރުގެ ވެރިންނާއި ސަލާން ކުރަމުން ދިޔައެވެ. އިސް ކޮމާންޑަރު އެންމެންނާ ސަލާން ކުރަމުން ގޮސް ރާއްޖޭގެ ދިފާޢީ ވަޒީރާ ސަލާންކުރިއެވެ. އަދި ވަޒީރުގެ ކަންފަތުގައި މަޑުމަޑުން އެއްޗެކޭ ބުންޏެވެ. އެއަށްފަހު ދިފާޢީ ވަޒީރު އެމެރިކާ ސިފައިންނާ ވާހަކަ ދައްކަން ފެށިއެވެ. އޭނާގެ ވާހަކަ ހުރިގޮތުން ހީވަނީ ސިފައިން އެ ރަށަށް އެރީ ދިވެހި ދައުލަތުގެ ހުއްދަ ލިބިގެން ހެންނެވެ. ވަޒީރުގެ އިރުޝާދާއެކު އެމެރިކާ ސިފައިން އެ ރަށުގެ ބޮޑު މަގުގެ އެންމެ އުތުރުގައިވާ ‘ރޯ ހައުސް’ ތަކުގެ ފުލެޓުބަރި ވަށައިލިއެވެ. އެ ވަގުތު ދިފާޢީ ވަޒީރު އެމެރިކާ ސިފައިންގެ އިސް ކޮމާންޑަރުގެ އަތަށް ލައުޑު ސްޕީކަރެއް ދިނެވެ. “ރިޒުވީން… ކަލޭ ތިޔަ ގެންގުޅޭ އީޖާދަކީ އިންސާނިއްޔަތަށް ބިރުހުރި ހަތިޔާރެއް… އެ ހަތިޔާރު އަހަރެމެންނާ ޙަވާލުކުރޭ..!” އިސް ކޮމާންޑަރު ސުޕީކަރުން ގޮވާލިއެވެ.

 3 އަހަރު ކުރި – އަހަރު 2025

ދުނިޔެ މައްޗަށް ފެތުރިފައިވާ ފިނިކަމާއިއެކު ރިޒުވީން އޮތީ ގަދަ ނިދީގައެވެ. އޭނާއަށް ހޭލެވުނީ އޭނާގެ ފޯނުން ފަތިސް ނަމާދު ބަންގި ރިންގުވާން ފެށުމުންނެވެ. އެނދުން ތެދުވެ މޭޒުމަތީގައި އޮތް ނަމްބަރު އައިނު ނަގައި އެޅިއެވެ. ރިޒުވީނަކީ ހަށިގަނޑުން ލޫޅާފަތި ހިކި ކުއްޖެކެވެ. ލޮލުގެ ފެނުން ވަރަށް ކުޑައިރުއްސުރެން ފުސްވެފައިވާތީ އުޅެނީ ނަމްބަރު އައިނު އަޅައިގެންނެވެ. ރިޒުވީން ވައްތަރީ އޭނާގެ ބައްޕަ ޢުޝާމާއެވެ. ލިބިފައިވަނީ ހަމަ އެ މޫނެވެ. އެ ފަން އިސްތަށިގަނޑެވެ. ދެން ފޯނުން ‘ޞަލާޠު އެމްވީ’ އެޕު ނިއްވާލުމަށް ފަހު ފޯނު މޭޒުމަތީގައި ބޭއްވިއެވެ. ދެން ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ. ފެންވަރާ ރީތިވެލިއެވެ. އޭގެ ފަހުން ފަތިސް ނަމާދުކުރިއެވެ. މިއީ ރިޒުވީންގެ ދުވަސް އާދައިގެ މަތިން އަބަދުވެސް ފެށޭ ގޮތެވެ. ނަމާދުކޮށް ނިމުމުން ‘ރޯ ހައުސް’ ގެ ތިރީބުރިއަށް ގޮސް އޭނާގެ ބޮޑުބޭބެ އަލިބެއަށް ނަމާދުކުރަން ގޮވިއެވެ. ރިޒުވީންމެން ދިރިއުޅޭ ‘ރޯ ހައުސް’ ހުންނަނީ ދެ ބުރިއަށެވެ. މަތީބުރީގައި ރިޒުވީންގެ ނިދާ ކޮޓަރިއާއި ފާޚާނާއެއް ހުރެއެވެ. ތިރީބުރީގައި ވަނީ ސިޓިންގ ރޫމަކާއި ކާގެއެކެވެ. ތިރީބުރީގައި ވެސް ފާޚާނާއެއް ހުރެއެވެ. އަލިބެ ނިދަން އޮތީ ސިޓިންގ ރޫމްގައި ހުރި ސޯފާއެއްގައެވެ. އަލިބެ ހޭލުމުން ފޮތް ދަބަސް އަޅައިގެން ރިޒުވީން ބޭރަށް ނުކުތެވެ.

މުޅި މަގުވަނީ ކާރޫބާރޫ ބޮޑުވެފައެވެ. ތާރުގަނޑުގައި ދުއްވާ އެއްޗެހި ދުއްވާލައިފައި ދާއިރު ހީވަނީ ބައިނަލް އަޤްވާމީ ރޭހެއް ހެންޏެވެ. ރިޒުވީނު އެމެރިކާގައި އުޅުނުއިރު އޭނާގެ ބައްޕަ އެ މީހުންގެ އުފަންރަށާ ބެހޭގޮތުން ކިޔައިދީފައިވާ ވާހަކަތައް ހަނދާންކުރަމުން ހިނގަމުން ދިޔައެވެ. ބައްޕަ ކިޔައިދީފައިވާ ކުޅުދުއްފުއްޓާއި މި ކުޅުދުއްފުށި ވަރަށް ތަފާތެވެ. އެކަކާ ހާހަކާ ހުންނަ ފަރަޤަށްވުރެ ވެސް ބޮޑަށެވެ. އެ ބުނާ ގަސްބޯ ވަލެއް ފެންނާކަށް ނެތެވެ. މާ ބަގީޗާތައް ފެންނާކަށް ނެތެވެ. ހިރަފުސްބޯ ވެލި މަގުތަށް ފެންނާކަށް ނެތެވެ. އެ ބުނާ ރީތި ބޮޑު ކުޅިތައް ފެންނާކަށް ނެތެވެ. ޖޯލިތަކާއި އުނދޯލިތަކެއް ފެންނާކަށް ނެތެވެ. މަގުމަތީގައި ކުދިވެރިން މިނިވަންކަމާއި އެކު ކުޅެ ނިކުމެ އުޅޭ ތަނެއް ފެންނާކަށް ނެތެވެ. ހުރިހާ މަގެއްގައިވަނީ ތާރު އަޅައިފައެވެ. ބޮޑެތި މާކަރީ ލައިޓުތައް ހަރުކޮށްފައެވެ. މަގުތަައް އަބަދުހެން އޮންނަނީ ފުރި ބާރުވެފައެވެ. ގަހުގެ ޖަންގައްޔެއްގެ ބަދަލުގައި ފެންނަނީ ކޮންކުރިޓުން ހަދާފައިވާ ޢިމާރާތްތަކުގެ ޖަންގައްޔެކެވެ. މި ފިކުރުގައި ހިނގަނިކޮށް ކުޅުދުއްފުށީ ޖަލާލުއްދީން ކެމްޕަހުގެ މައިދޮރޯށި ކައިރިއަށް އާދެވިއްޖެއެވެ.

“ވެލްކަމް ބެކް ޓު ކޮލެޖް ބަޑީ…” ކިލާސް ކައިރީ ރިޒުވީންގެ އިންތިޒާރުގައި އޭނާގެ ހަމައިކަނި ރަޙުމަތްތެރިޔާ ނަބީހު ހުއްޓެވެ. “އަހާ..! ފުރަތަމަ ދުވަސްވީމަ ހާދަ ނަލަވެލައިފާ… ސެންޓު ވަސް ވެސް އެހާ ގަދަ…” ރިޒުވީން ސަމާސާކޮށްލިއެވެ. ދެ ކުދިންގެ ގުޅުމަކީ ރަޙުމަތްތެރިކަމަށްވުރެ ވެސް ގާތް ގުޅުމެކެވެ. ދެ ބެއިންގެ ގުޅުމެކެވެ. ދެ ކުދިންގެ ވެސް ބައްޕައާއި މަންމަ ދުނިޔޭގައި ނެތުން އެ ދެ ކުދިންގެ ގުޅުން ގާތްކޮށްދިނެވެ.

ޢާދިލް ސަރ ކިލާހަށް ވަނުމާއިއެކު ހުރިހާ ކުދިން އިޙުތިރާމަށް ކޮޅަށް ތެދުވިއެވެ. ސަރ އަތުން ތިރި އިސާރާތްކޮށްލުމުން އަދަބުވެރިކަމާއިއެކު ހުރިހާ ކުދިން އިށީނެވެ. އެއީ ސޮފްޓްވެއާރ އިންޖީނިއަރިންގ ގެ ޑިޕްލޮމާ ކޯހުގެ ކިލާހެކެވެ. ސަރ ފިލާވަޅު ނަގައިދެމުން ދާގޮތް ފެނުމުން ރިޒުވީނަށް އޭނާގެ ބައްޕަގެ މަތިން ހަނދާންވަމުން ދިޔައެވެ. ރިޒުވީންގެ ބައްޕައަކީ ވެސް މުދައްރިސެކެވެ. އިންޖީނިއަރެކެވެ. އުފެއްދުންތެރިޔެކެވެ. ސައިންޓިސްޓެކެވެ. ރިޒުވީންގެ ބައްޕަ މަރުވީ އޭނާ މަސައްކަތް ކުރަމުން ދިޔަ އެމެރިކާގެ ސްޓާރ ލެބޯޓަރީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައެވެ. އެއިރު ރިޒުވީންގެ އުމުރުން ސާދަ އަހަރެވެ. އެއަށްވުރެ ޅައިރުގައި މަންމަ މަރުވެއްޖެއެވެ. ރިޒުވީންގެ އެންމެ ޅައިރުން ފަށައިގެން ބައްޕަ މަރުވަންދެން އުޅުނީ އެމެރިކާގައެވެ. ބައްޕަ މަރުވުމުން އަލިބެއާއިއެކު އުފަންރަށް ކުޅުދުއްފުއްޓަށް ބަދަލުވީއެވެ. އޭގެ ފަހުން ގާތްގަނޑަކަށް ތިން އަހަރުވީއެވެ. މިހާރު ރިޒުވީންގެ އުމުރަކީ ސަތާރަ އަހަރެވެ. ރަނގަބީލު ޖެހުމުން ޢާދިލް ސަރގެ ތަޤުރީރު ނިންމާލައިފިއެވެ.

ކިލާސްތައް ނިންމާލުމަށްފަހު ރިޒުވީނާއި ނަބީހު ފިލާވަޅުތައް މުޠާލިއާކުރުމަށް ލައިބްރަރީއަށް ދިޔައެވެ. ރިޒުވީނަށް ނޭނގޭ ބައިތައް ނަބީހު ކިޔައިދެއެވެ. ނަބީހަށް ނޭނގޭ ބައިތައް ރިޒުވީން ކިޔައިދެއެވެ. އެކަކު އަނެކަކަށް ފިލާވަޅުތަކުގައި އެހީވެ ޢިލްމު ޙިއްޞާ ކުރަމުން ގެންދިޔައެވެ. “ގަޑި ދިޔަގޮތްވެސް ނޭނގެ… މިހާރު މި އޮތް އަސުރުވީ… ބޭބެއާއި ފަހަރީމެން ތިބޭނީ މަ ނުގޮސްގެން ލަސްވެފަ…” ނަބީހަށް ގަޑިންވީ ވަރު އިހުސާސްވެއްޖެއެވެ. “ނަބީ ފޯނެއް ހޯދަންވީނު. އޭރުން އެމީހުނަށް ލަސްވަންޏާ ގުޅާލެވޭނީ ދޯ…” ރިޒުވީން ބުންޏެވެ. “ތިޔަ ނަސީބު ލިބޭނެ ދުވަހެއް އަދި ނޭނގެ…” ނަބީހަކީ އެހައި ތަނަވަސް ޢާއިލާގެ ކުއްޖެއް ނޫނެވެ. އޭނާގެ ބޭބެއަށް ލިބޭ ކުޑަ މުސާރައިން ދެކޮޅު ޖެހެނީ ކިރިޔާއެވެ.

ރިޒުވީނަށް ގެޔަށް އާދެވުނުއިރު އަލިބެ އޮތީ ނިދާފައެވެ. އަލިބެއަށް ޖެއްސުންކޮށްލާނަމޭ ހިތައި ރިޒުވީން އަލިބެ ގައިގައި ކޮށްޓާލިއެވެ. އަލިބެ ހަރަކާތެއް ނުކުރިއެވެ. ސުބުހާނަﷲ، އަލިބެގެ ނޭވާ ވަނީ ހުއްޓިފައެވެ. މާތް ކަލާނގެ މިންވަރުކުރެއްވިގޮތެވެ. އަލިބެގެ ވަގުތު އައިސް ޖެހުމުން ފުރާނަ ގެންދިޔައީއެވެ. ރިޒުވީނަށް ރޮއި ގަނެވުނެވެ. ދުނިޔޭގައި ހުރި ހަމައިކަނި ޢާއިލާގެ މެމްބަރު ވެސް ދުނިޔެ ދޫކޮށް ދިޔައީއެވެ. އަލިބެގެ ކަށުކަމާކެމީގެ ކަންތައް ރިޒުވީން ފެށިއެވެ. އަލިބެގެ ހަށިގަނޑު ހިނަވާ ރީތިކުރުމަށް ފަހު ސަންދޯކަށް ލެވުނެވެ. އަލިބެގެ ކަށުނަމާދު އެ ދުވަހުގެ ރޭ އިޝާ ނަމާދަށްފަހު ކުރެވުނެވެ. އަލިބެ ފަދަ ހެޔޮ މީހަކު މަރުވުމުން އެކަމުގެ ހިތާމައިގައި އޭނާއަށްޓަކައި ނަމާދުކޮށް ދުޢާކޮށް އޭނާ ވަޅުލާ ކަފުން ކުރުމުގައި ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.

އެއްވެސް ހަރަކާތެއްނެތް ބުދެއްހެން އަލިބެގެ މަހާނަ ގަލަށް ބަލަން ރިޒުވީން ހުރިއިރު އެ ހިތާމައިގައި ބާއިވެރިވާން އޭނާއާއެކު ނަބީހު ވެސް އެ ތަނުގައި ހުއްޓެވެ. އެ ވަގުތު އަލިބެގެ ވަރަށް ގާތް ރަޙްމަތްތެރިޔަކު އެތަނަށް އައިސްފިއެވެ. “ރިޒުވީން..! ކެތްކުރޭ..! މަރު ކޮންމެ ނަފުސަކާވެސް ބައްދަލުކުރާނެ… ކޮންމެއަކަސް އަހަރެން މިއައީ މި ފަދަ ދުވަހެއް އައުމުން ރިޒުވީނަށް ދޭށޭ ބުނެ އަހަރެންނަށް އަލިބެ ޙަވާލުކުރި އެއްޗެއް ދޭން…” މިހެން ބުނެފައި އެ މީހާ ރިޒުވީންގެ އަތަށް ސިޓީ އުރައެއް ދިއްކޮށްލިއެވެ. 

                                  
(ނުނިމޭ)                                                                                                           

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (15)

  1. suwa

    V rythi vaanehen hiivey… waiting for next part… sity ga liyefa onnaanii kon echeh baa

    1. Ushe
      suwa

      Kuriah huri bai thah kiyaalumun thi kann es engigendhaane. Thank you ?

  2. Kamana

    Hmm. V salhi. Next part ah inthizaaru kuran. Kilhudhuffushee jalaaludhin school ga 2 yrs ulhunin kiyavan. V majaa dhuvas thakeh. ?

    1. Ushe
      Kamana

      Vaahakaiga school vanee campus akah tharaqqee vefa ehnu ?
      Thanks ?

  3. Aegi gom ?

    Varah reethi feshun..heevey varah reethi vaane hen kuriah oih part thah ves..waiting for next part ?
    Kndhuvas thakehga up kohdheny..?

    1. Ushe
      Aegi gom ?

      Insha Allah. Dhuvaalaku baeh upload kohdheveythoa masakkai kuraanan.
      Thanks

  4. Adha?

    Varah reethi..?❤❤❤❤

    1. Ushe
      Adha?

      Thanks ?

  5. Maree

    Its my island.. Eba thaaru elhey… Hyvey 2025ga thisifa kurihenhen onnaany…. Ekmaku barveli walk ga massaikai dhany… Lol

    1. Ushe
      Maree

      Maree beynumee concrete jungle eh ga ulhen tha ? ?
      Dhen huri bai thah es kiyaalan vaane. Thanks for reading ?

  6. m

    i know this writer,,,hehe

    1. Ushe
      m

      Okay ?

  7. kud

    ey kulhudhuffushi future dhw hama.. woww.. very interesting.. vrh thafaathu adhi.. hope rythi vaane kamah.. nd thanks daily koh up koh dheythi.. nd dhihaeh ge meaning aky kobaibaa? hehe adhi igeyne dhw.. hithah araa magey geyge name nuny skul aysdhaane baava ey mi stry ga.. haha.. anyways keep it up

    1. Ushe
      kud

      Kud kiyavanee Afeefuddin ga tha? Yeah miee future predicted story eh. Thanks for reading ?

    2. kud
      kud

      hehe yes

Comments are closed.