Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ޚިޔާލުގައި ހިތް ކުދިކުދިވެގެން ދިޔަޔަސް

Dreamy Level 1
January 8, 2014 4 Mins Read
9 Comments

އާދުވަހަކަށް އިރުއަރަނީ އެތައް ބައެއްގެ ހިތް އުންމީދުން ފުރިފައިވާ ހާލުގައެވެ. މިދިރިއުޅުމުގައި އަހަރެންވެސް އެތައް ހުވަފެންތަކެއް ދެކި އެތައް އުންމީދުތަކެއް ކުރީމެވެ. ނަމަވެސް ތަޤްދީރުގައި އަހަރެންނަށް ޖެހުނީ އެހުވަފެންތަކަކީ ހަމައެކަނި މިހިތަށް ފިނިކަން ގެނެސްދޭ އެއްވެސް އަސްލެއްނެތް ކަންތައްތަކެއްގެ ގޮތުގައި ބަލައިގަންނާށެވެ. އެއީ ހަމައެކަނި އަހަރެން ދުށް ހުވަފެންތަކެއްގެ ގޮތުގައި ދެކޭށެވެ. އެއުންމީދުތަކަކީ ހަމައެކަނި ކުރެވުނު އިހުސާސްތަކެއް ގޮތުގައި ދެކޭށެވެ.
މަތީ ސާނަވީ ނިންމުމަށްފަހު އަހަރެން ބޭނުންވީ ޑޮކްޓަރަށްވުމަށެވެ. ނަމަވެސް އާއިލާގެ މާލީ ހާލަތު ހުރިގޮތުން އަހަރެންނަށް ޖެހުނީ އެޚިޔާލު ދޫކޮށްލާށެވެ. އެހެންކަމުން ރަށުން ކިޔެވެންހުރި ބިޒްނަސް ކޯހަށް އަހަރެން އެޕްލައި ކުރީ މަންމަމެންގެ އެދުމުގެ މަތިންނެވެ. ކޮންމެހެން އަހަރެން ކިޔަވަން ބޭނުންވެގެންނެއް ނޫނެވެ. ކޯހަށް އެޕްލައި ކުރިއިރުވެސް އެކޯހަށް ނުހޮވޭތޯ ހިތާހިތުން ދުޢާކުރެވެމުންދިޔައެވެ. ނަމަވެސް އަހަރެންނަކީ ސާނަވީ އާއި މަތީ ސާނަވީގަވެސް ރަނގަޅު ނަތީޖާތަކެއް ހޯދާފައިވާ ކުއްޖަކަށްވުމުން ބޭނުންނުވިޔަސް ކޯހަށް ހޮވުނެވެ.

ކޯހުގެ އޮރިއެންޓޭޝަން ސެޝަން އޮތްދުވަހެވެ. ދެތިން ރަޙްމަތްތެރިންނާއެކީ އަހަރެން ކެންޕަހަށް ވަނީ ފޫހިކަމާއެކުގައެވެ. ޖެހެމުންދިޔަ ބާރުވައިރޯޅީގެ ސަބަބުން އެގޮތްމިގޮތަށް ހޭވިފައިވާ އިސްތަށިތައް އަހަރެން ރީތި ކޮށްލީމެވެ. އެވަގުތު ނުވެސް ދަންނަ ޒުވާނަކު އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އަހަރެން މާބޮޑު ސަމާލުކަމެއް ނުދެމެވެ. އެކުވެރިންނާއެކީ އެހެން ދިމާލަކަށް މިސްރާބު ޖެހީމެވެ. އޭރުވެސް އެޒުވާނާ އާދަޔާ ޚިލާފު ބެލުމަކުން ބަލަމުން ދިޔަކަން ފާހަގަ ކުރެވުނެވެ. އޭނާގެ ބެލުމުން އަހަރެންނަށް އުދަނގޫ ވަމުންދިޔައެވެ.
ސެޝަން ފެށިގެން ކުރިއަށްދިޔައީ އުފާވެރި މަޖާ އެކުވެރި ޖައްވެއްގައެވެ. ހީކުރިގޮތާ ޚިލާފަށް ކުލާސްތައް މަޖާ އަދި ޝައުޤުވެރިވާނެ ކަން އެނގުމުން ހިތައް ހަމަޖެހުން ލިބުނެވެ. އަހަރެން ގެއަށް ދިޔައީ ހިތްހަމަޖެހިގެން ހުރެއެވެ. އަހަރެންގެ އުޖާލާވެފައިވާ މޫނު ފެނުމުން މަންމައާއި ބައްޕަވެސް ވަރަށް އުފާވިއެވެ.
ކިޔެވުންފެށިގެން ދެންއައީ އުފާވެރި މަޖާ ދުވަސްތަކެކެވެ. އެތައް އެކުވެރިންނެއް ލިބުނެވެ. ކިޔެވުމައިގެން މަސްޢޫލުވުމުން ބޭކާރު ޚިޔާލުތަކާ ދުރަށްދެވުނެވެ. އަހަރެން ކިޔަވަމުން ދިޔަ ބިޒްނަސް ކޯހަކީ ކެންޕަހުގައި ހިންގަމުންދިޔަ ކޯސްތަކުގެތެރެއިން އެންމެ ކުދިން ގިނަ އެއް ކޯހެވެ. ގާތްގަނޑަކަށް ސާޅީހަކަށް ކުދިން އަހަރެމެން ކުލާހުގައި އުޅެއެވެ.
އަހަރެންނަކީ އަބަދުވެސް ވަގުތައް ވަރަށް އިސްކަންދޭ ކުއްޖަކީމެވެ. ގަޑި ޖެހުމުގެ ކުރިން ކުލާހަށް ވަނުމާއި އެންމެ ކުރީ ބެންޗުގައި އިނުމަކީ ޕްރައިމަރީ ގްރޭޑްތަކުން ފެށިގެން އަހަރެންގެ އާދައެކެވެ. އެހެންކަމުން ފަހަތު ބެންޗްތަކުގައި ތިބޭ ކުދިން އަހަރެންނަށް ނުވެސް އިނގެއެވެ.
ކިޔަވަމުންދިޔަ މޮޑިއުލްއެއްގައި ރިޕޯޓެއް ލިޔަން ޖެހުނެވެ. ކުލާސްތެރޭގެ ބައިވެރިވުން އިތުރުކުރުމަށާއި ބީރައްޓެހިކަން ކަނޑުވާލުމަށް ލެކްޗަރާ ބޭނުންވީ ގުރޫޕުތަކަށް ބަހާލައިގެން އެމަސައްކަތް ކުރިއަށް ގެންދިއުމަށެވެ. ގުރޫޕުތަކަށް ބަހާލިއިރު ތިބީ ނުވެސް ދަންނަ ފަސްކުދިންނެވެ. އަހަރެންނަށް ފޫހިކަން ލިބުނީ މަދުންނަމަވެސް ވާހަކަ ދައްކާ ކަހަލަ ކުއްޖެއްވެސް ނެތީމައެވެ.
މަސައްކަތް ހަވާލު ކުރިފަހުން ހަފްތާއެއް ވެގެން ދިޔައިރުވެސް އަހަރެންގެ ގުރޫޕުން އެކަމާ މަޝްވަރާވެސް ނުކޮށްލެވެއެވެ. އެންމެ ކުޑަމިނުން އެންމެން އެކީ ބައްދަލުވެސް ނުކުރެވެއެވެ. އަހަރެން ހުރީ އެރޭ ކުލާސްތައް ނިންމާލުމަށްފަހު އެންމެންނާ ބައްދަލުކުރުމަށް ނިންމައިގެންނެވެ. ބުރޭކް ގަޑީގައި ކުއްޖަކުއައިސް ބުނީ ކުލާސް ނިންމާލުމަށްފަހު މަޑުކުރުމަށެވެ. އަހަރެން އާނއެކޭބުނީމެވެ. ކުލާސް ނިންމާލުމަށްފަހު އަހަރެން މަޑުކޮށްލައިގެން ހުރީމެވެ. ” ޔުނާލް” އޭ ގޮވާލުމުން އަހަރެން ބަލާލީމެވެ. އޭރު ދެފިރެހެން ކުދިން އަހަރެންނާ ދިމާލަށް އާދެއެވެ. އެރޭގެ ބައްދަލުކުރުމުގައި އަހަރެމެން އެންމެން ބައްދަލު ކުރާނެ ތަނަކާއި ވަގުތެއް ކަނޑައެޅީމެވެ.
ގުރޫޕް އެންމެން ތަޢާރަފްވީ ޖެހިގެން އައި ދުވަހުގެ ބައްދަލުވުމުންނެވެ. އާދް އާއި ހުސެންއަކީ ސަކަ މިޒާޖުގެ ކުދިންނަށް ވުމުން މަސައްކަތް ކުރިއަށްދިޔައީ ވަރަށް އެކުވެރި ޖައްވެއްގައެވެ. އަހަރެންނަކީވެސް އަނގަގަދަ ކުއްޖަކަށްވުމުން އެމީހުންނާ ބައިވެރިވެގެން މަޖާކުރަމެވެ. އަހަރެންނާ އާދް ފިޔަވައި ދެން ތިބި އެހެން ކުދިންނަކީ ވަޒީފާގައި އުޅޭ ކުދިންނަށް ވުމުން އިންޓަވިއު ކުރަން ދާން ޖެހުނީ އަހަރެމެން ދެމީހުންނަށެވެ. އެހެންކަމުން މަޑުމަޑުން އަހަރެމެންގެ ގުޅުން ބަދަހިވަމުން ދިޔައެވެ. ގިނަވަގުތު ޓެކްސްޓް ކުރުމާއި ފޯނުން ވާހަކަ ދެއްކުމުގައި ހޭދަވާންފެށިއެވެ. އެކަމުގެ ސަބަބުން އަހަރެންގެ ހިތަށް އާދަޔާ ޚިލާފު އަސަރުތަކެއް ކުރުވަމުން ދިޔައެވެ. އާދުގެ ވާހަކަ ހުންނަ ގޮތުން ބޭއިހްތިޔާރުގައިވެސް އަހަރެންގެ ހިތް އެވާހަކަތަކަށް ގެނބިގެންދެއެވެ. އެހެންވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަލުން އެއިހުސާސް ހިތުގައި އަށަގަންނާކަށް އަހަރެންގެ ޒަމީރުވެސް އެއްބަހެއް ނުވެއެވެ. ދެވަނަ ފަހަރަށް އެ އިހުސާސް ކުރާކަށް ވެސް އަހަރެން ބޭނުމެއް ނޫނެވެ. މާޒީގެ ދުވަސްތައް ތަކުރާރު ވެދާނެކަމުގެ އިންޒާރު ސިކުނޑިން ދެމުންދިޔައެވެ.
އެންމެފަހުން އާދް އަހަރެންނަށް ލޯބި ހުށައެޅިއެވެ. އެންމެ ފުރަތަމަ ދުވަހުވެސް އޭނާ އަހަރެންނަށް ފާރަލަމުން ދިޔަކަމަށް ބުނަމުންއައެވެ. އަހަރެން ޖަވާބެއް ނުދެމެވެ. މަޑުމަޑުން އާދް އާއި ދުރަށް ދެވޭތޯ މަސައްކަތް ކުރެވޭތޯ ބެލީމެވެ. ނަމަވެސް ހަތިޔަރު ބަހައްޓަން ޖެހުނީ އަހަރެންނަށެވެ. ހިތާއި ފުރާނައިން އާދުގެ ލޯތްބަށް އެދެމުންދާތީއެވެ. އާދްގެ ފިރުމުންތަކަށް ބޭނުންވާތީއެވެ. އެންމެ ފަހުން އެދުވަސް އަތުވެދާނެކަމަށް ބިރުންހުރި ދުވަސްވެސް އައީއެވެ. ދުވަހަކުވެސް ނުވާނެކަމަށް ނިންމައިގެން ހުރި ކަމެއް ވީއެވެ. ހަޔާތުގައި ދެވަނަފަހަރަށް އަހަރެންނަށް ލޯބިވެވުނީއެވެ. އެހެން އެއްވެސް އެއްޗެއް ނުފެންނަ ވަރަށް އެލޯބީގެ ކަނޑަށް ގެނބުނީއެވެ.
ދެންއައީ އަހަރެންގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަސްތަކެވެ. ލޯބިވެތި ދުވަސްތަކެވެ. އާދްގެ ފޮނިފޮނި ބަސްތަކުން ޒަޚަމުވެފައިވާ އަހަރެންގެ ހިތަށް ފަރުވާ ލިބެންފެށިއެވެ. އަބަދުވެސް އުފަލުގައި ހުރުމަށް އަހަރެންނަށް ދަސްވިއެވެ. އަހަރެންގެ ދެއްކުންތެރިކަމުގެ ހިނިތުންވުން އެއްވެސް އޮޅުވާލުމެއްނެތް ޙަޤީޤީ ހިނިތުންވުމަކަށް ބަދަލުވިއެވެ. އަހަރެންނަށް އަންނަމުންދިޔަ ބަދަލު އާއިލާގެ މީހުންނާ ރައްޓެހިންވެސް ފާހަގަކުރިއެވެ.
ނަމަވެސް އެއުފާވެރިކަން ދެމިއޮތީ މަދު ދުވަސްކޮޅަކުއެވެ. އަހަރެންގެ ހަޔާތަށް އުފާވެރިކަން އައީ މީރުވަހެއް ފަދައިންނެވެ. އެވަސް މުޅި މާހައުލުގައި ހުވަނދު ލުމަށްފަހު ވަޔާއެކުވެގެން ދިޔައީއެވެ. އާދް އަހަރެންނާ ދުރުވަމުން ދިޔަކަން އަހަރެންނަށް އިހުސާސްވަމުންދިޔައެވެ. އޭނާގެ ފޯންކޯލްތައް މަދުވާންފެށިއެވެ. އަހަރެންނަކަށް ޝަކުވާއެއް ނުކުރުވުނެވެ. ސުވާލެއް ނުކުރެވުނެއެވެ. އެންމެން ސިފަކުރަމުން ދިޔަ އަހަރެންގެ ހިނިތުންވުން ފަނޑުވާންފެށިއެވެ. މަޑުމަޑުން ކިޔެވުމުގެ މަތިން ވެސް އަހަރެން ފޫހިވާން ފެށިއެވެ. އެހެންކަމުން ފައިނަލް އެގްޒާމާ ހަމައަށް ދިޔައިރު ފާސްވާނެކަމާދޭތެރޭވެސް އަހަރެންގެ ހިތުގައި ޝައްކު އުފެދުނެވެ.
އެކުވެރިން ސުވާލުކުރަމުން ދިޔައެވެ. އަހަރެންނަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ބުނާނީވެސް ވަކިން ކީކޭ ހެއްޔެވެ؟ އެވިހަގަދަ ޒަހަރު ދެވަނަފަހަރަށް އަހަރެންގެ ހަޔާތުގައި ލީއޭ ބުނާނީ ކިހިނެއް ހެއްޔެވެ؟
އަހަރެންގެ ހިތް ރޮއްވާލާ އުންމީދުތައް ފުނޑުފުނޑު ކޮށްލި އެދުވަސް މަތިން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އެ 26 އޮގަސްޓް އަހަރެންގެ ހަޔާތަށް ނައިނަމައޭ އަހަރެންގެ ހިތަށް އަރައެވެ. އިމްތިހާނުތައް ނިމި ނަތީޖާ ލިބުނު ދުވަހެވެ. ކުލާހުގައި ވަރަށް އެކީގައި އުޅޭ ދެތިން ކުދިންނާއެކީ އަހަރެން ދިޔައީ ނަތީޖާ ބަލާށެވެ. އިރާދަކުރެއްވީތީ އަހަރެން ހުރިހާ މާއްދާއަކުންވެސް ފާސްވިއެވެ. އާދްގެ އެދުމުގެ މަތިން އޭނާގެ ނަތީޖާ ބެލުމަށް ފަހު ގުޅަން ބެލިއިރު ފޯންވަނީ ބެޓެރީ ލޯވެގެން ނިވިފައެވެ. ކައިރީގައި ހުރި ކުއްޖާ ގާތު އެހުމުން ވަރަށް ފަސޭހައިން ފޯން ދީފިއެވެ. އާދްގެ ނަމްބަރަށް ޑައިލް ކޮށްލުމުން އާދްގެ ނަން ޑިސްޕްލޭއަށް އެރިއެވެ. އަހަރެންނަށް ހައިރާންކަން ލިބުނެވެ. އަހަރެން ވަގުތުން ފޯން ކަނޑާލީމެވެ. އަދި ލޮގުންވެސް އެނަމްބަރު ޑިލީޓް ކޮށްލީމެވެ. އެކުއްޖާއަށް ފޯން ދިނުމުގެ ތެރޭގައި އިންބޮކްސް އަށް ދެވުނީ އޮޅިގެންނެވެ. އޭނާއަށް އާދް ކޮށްފައިވާ މެސެޖްތައް ފެނުމުން އަހަރެންނަށް ވީގޮތްވެސް ނޭނގުނެވެ. ލޮލަށް ޖަމާވި ކަރުނަތައް ކޯތާފަތްމައްޗަށް އޮހޮރުނަ ނުދީ ހިފެހެއްޓުނީ ވަރަށް މަސައްކަތުންނެވެ. ކެންޕަހުގެ ގޭޓުން ނިކުމެވުމައެކީ ވާރޭވެސް ވެހެން ފެށިއެވެ. އަހަރެންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ވާރެއާއި އެކުވެގެން ދިޔައެވެ. ހިތަށް ވެރިވަމުންދިޔައީ އަހަރެން ހަނދާން ކުރަން ބޭނުންނުވާ އެ މާޒީގެ ސަފުހާތަކެވެ.
އަހަރެން އެންމެ ފުރަތަމަ ލޯބީގެ ގޮތުން ގުޅުނު ކުއްޖާވެސް އަހަރެންނަށް ބޭވަފާތެރިވީއެވެ. އެދުވަހު އަހަރެންނަށް ކެހިދިނީ ފުރާނަފަދައިން ލޯބިވި އެކުވެރިޔާއެވެ. އެކުވެރިޔައަށް ޓަކައި އަހަރެންގެ ލޯބި ޤުރުބާން ކުރުމަށްފަހު އެމީހުންނާ ދުރަށްދިޔައީއެވެ. ފަސް އަހަރުފަހުން އަނެއްކާވެސް ހަމަ އެދުވަސް ތަކުރާރުވީއެވެ. ތަފާތަކީ އެންމެ ގާތް އެކުވެރިޔާގެ ބަދަލުގައި ހުރީ ދެކެފަރިތަ ރައްޓެއްސަކަށްވިތިއެވެ. ގެއަށް އައިސް ކޮޓަރިއަށްވަދެ އެކަނިވެލުމާއެކީ ބާރުބާރަށް ރޯންފެށުނެވެ. މުޅިދުނިޔެވެސް އަހަރެންނަށް ކެހިދިނީއެވެ.
އެރޭ އާދްގެ މެސެޖެއް އަހަރެންނަށް ލިބުނެވެ. ” އައިއެމް ސޮރީ ނާލް.. އަހަރެން އެގޮތަށް ކަންތައްކުރީ ނާލްގެ އެޓްރެކްޝަން ހޯދަން.. އިފް ޔޫ ކޭން ޕްލީޒް ފޮގިވްމީ..” އެއީ އަހަރެން ދެން ވާހަކަ ދައްކަން ބޭނުމެއް ނޫނޭ ބުނި ކުރި މެސެޖުގެ ޖަވާބެވެ. އަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ. “ޖަސްޓް ކިޑިން” އޭ ބުނެ އަހަރެން މެސެޖު ކޮށްލީ އާދް އާ ނުލާ ދިރިއުޅުމަކީ މިހާރު އަހަރެންނަށް ކުރެވޭނެ ކަމަކަށް ނުވާތީއެވެ. އާދް ދެކެ ވާ ލޯބިގެ ހައްޤުގައި އެ އެކުވެރިކަމުންވެސް މިހިތަށް ފިނިކަން ގެނެސްދޭތީއެވެ. އަހަރެންވެސް އާދް އާ ދޭތެރޭ އެފަދަ ނަޒަރަކުން ނުދެކޭ ކަމަށާއި އަހަރެންވެސް ކުރީ ސަމާސާއެއްކަމުގައި ބުނެ އަހަރެން އޮޅުވާލީ ހަމައެކަނި އާދްއަކަށް ނޫނެވެ. އަމިއްލަ ނަފުސަށްވެސްމެއެވެ.
ލޯތްބާއި އޯގާތެރިކަމުން އަހަރެންގެ ސަމާލުކަން ހޯދީވެސް އާދްއެވެ. އަޅާލުމާއި އެހީތެރިކަމުން އަހަރެންގެ ހިތް ލައްބުވާލީވެސް އާދްއެވެ. ލޯބިވާން ދަސްކޮށްދިނީވެސް އާދްއެވެ. ބޭވަފާތެރިވެ އަހަރެންގެ ހިތް ރޮއްވާލާ އެކަނިކޮށްލީވެސް ހަމަ އާދްއެވެ.
އާދް ބުނީ ތެދެކެވެ. ހުށައެޅުމެއް ހުށައެޅީ އޭނައެވެ. ނަމަވެސް އަހަރެން ޖަވާބެއް ދެވިފައި ނެތުމުން އެހުށައެޅުން ހަމައެކަނި ހުށައެޅުމެއްގެ ގޮތުގައި އޮތީއެވެ. އާދްގެ ބޮލުގައި އިންޒާމް އެޅުވޭކަށް އަހަރެންނަކަށް ނެތެވެ.
އަދިވެސް އާދް އަހަރެންނަށް ބޭވަފާތެރިވެދާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެލޯބިވެތި ބަސްތަކަކީ ހަމައެކަނި އަހަރެންގެ ސަމާލުކަން ހޯދުމަށް އެކަނި އޭނާ ބޭނުންކުރި ބަސްތަކެއް ހެއްޔެވެ؟ އެއޯގާތެރިކަމާއި އަޅާލުމަކީ ހަމއެކަނި ދެއްކުންތެރިކަން ހެއްޔެވެ؟ އެއީ ލޯތްބެއް ނޫން ހެއްޔެވެ؟
އަދިވެސް މިހިތުން އާދްއަށް އެދެވެއެވެ. އެޚިޔާލުގާ އޮވެ ނިދެނީ ކިތައް ރޭ ކަމެއް ނޭނގެއެވެ. އެލޯބި ލިބުމަށް އެދި ދުޢާ ކުރެވެނީ ކިހާވަރަކަށް ކަމެއް ބުނެދޭކަން ނޭނގެއެވެ. އެތައް ފަހަރަކު ފޯން ނަގާ އާދް އަށް ގުޅުމަށް ހިތް އެދެއެވެ. އެހެނަސް އެހެން މީހެއްގެ ޙައްޤަކަށް ވާއިރު އުދަނގޫ ކުރާކަށް ބޭނުމެއް ނޫނެވެ.
މިއަދުވެސް އާދް އަށްޓަކައި މިހިތުގައި ވިންދު ޖަހައެވެ. އެލޯތްބަށްޓަކައި މިލޮލުން ކޮންމެ ރެއަކު އެތައް ކަރުނައެއް އޮހޮރެއެވެ. އާދުގެ ހިމާޔަތް ލިބޭނެ ކަމަށް އުންމީދު ކުރެވެއެވެ. ތިމޭގައި ބޯއަޅާލައިގެން އޮވެ ހިތް ފުރެންދެން ރޯލަން ބޭނުންވެއެވެ. އަދިވެސް އާދުއަށް އިންތިޒާރު ކުރެވެއެވެ. އިރާދަކުރެއްވިއްޔާ މުޅި އުމުރަށްވެސް ކުރާނަމެވެ. ތިޔަ ޚިޔާލުގާ ހިތް ކުދި ކުދިވެގެން ދިޔަޔަސްމެއެވެ.

Tags:

އެކަނިވެރިކަން

Share Article

Follow Me Written By

Dreamy

Level 1

Other Articles

Previous

ކަރުނަ އޭގެއިންތިހާއަށް

Next

މަންމަގެ ޑައިރީ 8 ވަނަ ބައި ( ކޮޅުފައިން ޖެހުން )

Next
January 9, 2014

މަންމަގެ ޑައިރީ 8 ވަނަ ބައި ( ކޮޅުފައިން ޖެހުން )

Previews
January 8, 2014

ކަރުނަ އޭގެއިންތިހާއަށް

9 Comments!

  1. zoyasham says:
    January 9, 2014 at 9:16 am

    V nice.

  2. xe says:
    January 9, 2014 at 2:20 pm

    habeys

  3. Dreamy says:
    January 9, 2014 at 4:09 pm

    thanks zoyasham and xe

  4. sufa says:
    January 11, 2014 at 9:25 pm

    nice

  5. Al.haa says:
    January 20, 2014 at 4:45 pm

    vrh reathi story eh
    dreamy ge dhigu story akah wait kuran 🙂

  6. angel girl says:
    January 20, 2014 at 10:21 pm

    really nice strory. loved it… <3

  7. Dreamy says:
    January 27, 2014 at 10:58 pm

    varah avaha dhigu story e genesdheynan insha allah

  8. laaaaaanaaaaa says:
    January 28, 2014 at 2:09 am

    wat a ridiculous story,,,,,,, u r day dreaming

  9. zoo says:
    February 17, 2014 at 7:45 pm

    v v v rythi

Comments are closed.



All Right Reserved!