Skip to content
އެސްފިޔަ

ކުރު ވާހަކަ- ހިތުގެ ފުންމިނުން..

ހިތުގެ ފުންމިނުން..

 

އުދަރެސް މަތިން ފެންނަމުންދާ ރަތާއި އޮރެންޖު ކުލައިގެ ވިލާތަކުން ފަޒާ ޒީނަތްތެރި ކޮށްލާފައިވަނި ކުރެހުންތެރިން މޮޔަކޮށްލާހާ ފުރިހަމަކޮށެވެ. ކޮންމެ ކުރެހުންތެރިއެއްގެ ފިހިން އެކުލަތައް ފަވާލަން ބޭނުންވާނެއެވެ. ވަށައިގެންވާ ފެހިގަސްތަކުން މާހައުލު އިތުރަށް ފުރިހަމަ ކޮށްދެއެވެ. މިފަދަ ފުރިހަމަ މަންޒަރެއްގައި ހުރި ހަމަ އެކަނި “ކުނި” ކޮޅަކީ އަހަރެންކަމުގައި ދެކުނީމެވެ. މިދުނިޔެއަށްލީ ފުރަތަމަ ނޭވައާއެކު މަންމައާއި ބައްޕަ ވަރިވުމަކީ އަހަރެންގެ ކުށެއްހެއްޔެވެ؟ އަހަރެން ފެންނަ ކޮންމެ ފަހަރަކު މަންމަގެ މޫނުމަތި ބަނަވެގެންދާތަން ފެނެއެވެ. މިހިތުގައި އަޅާ ވޭނެއް މަންމައަކަށް ނުފެނެއެވެ. އަހަރެންގެ ދެލޮލުން ފެންނަ ހިތާމަ މަންމައަށް ފެނުނަސް ނުފެންނަ ކަމަށް ހަދަނީއެވެ. އަހަރެން މަންމަދެކެ އިންތިހާއަށް ލޯބިވިޔަސް މަންމަގެ ފަރާތުން އޯގާތެރިކަމެއް ނުފެނެއެވެ. ފެންނަނީ ރުޅިވެރިކަމާއި އަޅާލުން ކުޑަކަމެވެ. މަންމަގެ ކުރިމަތީގައި އަހަރެން ހުރުން އެމަންމައަށް ބަރުދާސްތު ނުކުރެވޭވަރުގެ ވޭނަކަށް ވާކަހަލައެވެ. އުމުރުން ފަނަރަ އަހަރު ވީއިރު އެމަންމަގެ އަތުން އެތަކެއް ވޭނެއް އަހަރެން ތަހައްމަލު ކުރީމެވެ. ޗުއްޕުވެސް ބުނެނުލަމެވެ. ކެތްތެރިވީމެވެ. ހިތްވަރުވެސް ކުރީމެވެ. މިއަދާ ޖެހެންދެންވެސް އަހަރެންގެ ފަރާތުން މަންމަ ހިތްދަތިވާކަހަލަ އެއްވެސް ކަމެއް ނުކުރަމެވެ. އެއީ މަންމަދެކެ އަހަރެންވާ ލޯތްބެއްގެ މަތިވެރި ކަމުންނެވެ. ނަމަވެސް ހިތާމައަކީ އެމަންމައަށް އަހަރެން ވަމުންދާ ޤުރުބާނީގެ އަގު ވަޒަން ނުކުރެވޭތީވެއެވެ.

 

” އާލިޔާ އަދިވެސް ފިރިހެނުންނަށް ތިއްތިކަން ދެއްކެން އިންނާނީތަ؟ އިރުއޮއްސޭކަމެއްވެސް ނޭނގިފަ ތިއިންނަނީ  ދެލޯވެސް ކަނުވެފަތަ ތިއިނީ؟ ” އަހަރެން ސިހިގެން ދިޔައީ މާދުރުން އިވުނު މަންމަގެ އަޑުންނެވެ. ކޮންކަހަލަ ވިހަގަދަ ވާހަކެއް ހެއްޔެވެ؟ މަޔަކު ދަރިޔަކާ ދިމާއަށް އެފަދަ  ބަހަކުން މުޚާތަބުކުރާ އަޑެއް އަހަރެން ދުވަހަކުވެސް އަޑެއް ނާހަމަވެ. ލޯތްބަކީ އަހަންނާ ބީރައްޓެހި އެއްޗެކެވެ. ދެލޯ ފޮހެލަމުން އަހަރެން ދޮންވެލިގަނޑުމަތިން ތެދުވެ ކައިރީގައި އޮތް އަސާގަނޑުގެ އެހީގައި ގެއާދިމާއަށް މިސްރާބު ޖެހީމެވެ. އަހަރެން ފަރިތަކާމާއެކު އަސާގެ އެހީގައި ހިނގާތަން ދެކެފައި ބައެއް މީހުން ހައިރާންވެ އުޅެއެވެ. އުމުރުން ފަސް އަހަރުގައި ދިމާވި އެކްސިޑެންޓަށްފަހު އަހަރެންގެ އެއްފައި ބުރިކޮށްލަން ޖެހުނެވެ. އެދުވަހު އަހަރެން ރުއި ވަރު ދެނެވޮޑިގަންނަވާނީ ހެއްދެވިފަރާތެވެ. އެދުވަހުވެސް މަންމަގެ ފަރާތުން އަހަރެން އަޑުއަހަން ޖެހުނީ ހިތަށް ކުޅަދާނަ ވާހަކަތަކެއް ނޫނެވެ. ” ކަލޭގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުން ހަލާކުވެއްޖެ…ތީ ބޮޑު ސުންޕާއެއް..ކަލޭ އަވަހަށް މަރުވާނެނަމަ ކިހާ ބޮލަށް ފަސޭހަވާނެ..ތި ސޫރަދެކެވެސް އަހަރެން ނަފުރަތު ކުރަން..” އޭރު މަންމަ ބުނި ބަސްތައް އަހަރެންގެ ހިތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ.

 

އަހަރެން ގޮސް ގެއަށް ވަތްއިރު ނުދަންނަ ބީރައްޓެއްސަކު އިނެވެ. ބަލާބެލުމަށް ހީވަނީ ވިހިއަހަރުގެ ޒުވާނެއް ހެންނެވެ. އަހަރެން ފެނުމުން އެމީހާ ހީލިއެވެ. ބަދަލުގައި ހަރަކާތެއްވެސް ގެންނަން ނޭނގިފައި އަހަންނަށް ހުއްޓުން އަރާފައި ހުރެވުނީއެވެ.  އެމީހާ އަހަންނާ ދިމާއަށް ބަލަމުންދިޔަގޮތުން ހިތަށް ބިރުވެރިކަން ވަނެވެ. ފަނަރަ އަހަރު ވީނަމަވެސް އަހަރެންނަށް ނުވިސްނޭހާ ކުޑައެއް ނޫނެވެ. އުމުރާބަލާފައި އަހަރެންހެދި ބޮޑުވެފައި ހުންނަނީ ރޫފަ ރަނގަޅުކޮށެވެ. ހަމުގެ ކުލަ އަލިކޮށް ހުންނައިރު އަހަރެންގެ ފަންދިގު އިސްތަށިގަނޑުގެ ޖާދޫގައި ނުޖެހޭ މީހަކު މިރަށުގައި މަދުވާނެއެވެ. މަގުމަތިން ފެންނަ ކޮންމެ މީހަކުވެސް އަހަރެންގެ ރީތިކަމަށް ތައުރީފު ކޮށްލާނެއެވެ. އެކަމުން އަހަންނަށް އުފާވެރިކަން ލިބުނަސް ހިތުގައި ނޭނގޭ ބިރުވެރިކަމެއްވެސް އޮވެއެވެ. މިޒަމާނަކީ މީހަކަށް އިތުބާރު ކުރާނެ ކަހަލަ ޒަމާނެއް ނޫނެވެ. އެދުމެއްނެތި ވެދުމެއް ކުރާނީ މަދު މީހެކެވެ. ” އަދިވެސް އެތެރެއަށް ނުވަދެވިފައި ތިހުންނަނީ ކިހިނެއްވެފައިތަ؟ އުރާލައިގެން ވައްދަން ކަލޭގެ ބައްޕައެއް ނާންނާނެ..” އަހަރެންގެ ކޮނޑުގައި އަތް އަޅާ އެތެރެއަށް ކޮށްޕާލަމުން މަންމަ ބުނެލިއެވެ. އެވަގުތު ނުވިސްނާ ހުރުމުން އަހަރެން ގޮސް ޖެހުނީ  އެމީހާގެ ފައިބުޑަށެވެ. އެމީހާ އަހަރެންގެ އަތުގައި ހިފައި ކޮޅަށް ތެދުވަން އެހީވެދިނެވެ. އަހަރެންގެ ދެލޮލުން ކަރުނަތައް ފައިބައިގަތީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ. ” ތީނަ ގައިގައި އަތް ނުލާ…ތީ ބޮޑުނަޖިސްގަނޑެއް..ސުންޕާކަމުގެވެސް އިންތިހާ..ތީނައާ އެއްމަގަކުން ހިނގިޔަސް އެމީހެއްގެ ހަޔާތުން އުފާވެރިކަން ގެއްލިދާނެ..” އަނެއްކާވެސް މަންމަގެ ބަދުބަސްތައް އަހަންނަށް އަމާޒު ކުރިއެވެ. އަހަރެން ބާރު ބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަދެ ތަޅުލީމެވެ. މަންމަ އަހަންނަށް ރުހުމުގެ ލޮލަކުން ބަލައިނުލާތާނގައި އޯގާތެރި ބަހެއްވެސް ބުނެނުލައެވެ. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން އަހަރެން ދެރަކޮށްލާނެއެވެ. އަހަރެން ސުކޫލަށްވެސް ފޮނުވާކަށް މަންމަ ބޭނުމެއް ނޫނެވެ. ގޭދޮރުމަތީގައި ހުއްޓަސް މަންމަ ރުޅިއާދެއެވެ. އެކަމަކު އަހަރެންވެސް އެކުވެރިން ބޭނުންވާނެ ނޫންހެއްޔެވެ؟ އަހަރެންގެ އުމުރުފުރައިގެ ކުދިންނާ އެއްކޮށް ސަކަރާތް ޖަހާ މަޖާކޮށްލަން ބޭނުންވާނެ ނޫންހެއްޔެވެ؟ ނަމަވެސް އެނަސީބުންވެސް މިއަދު އަހަރެން މިވަނީ ބާކީވެފައެވެ. އަހަރެން ހެއްދެވިފާރާތުން މަދަދަށް އެދި ދުޢާ ކުރީމެވެ. އަހަރެންގެ ނަސީބުގައި މިނޫން ގޮތެއް ނެތީހެއްޔެވެ؟ ރޮއެ ރޮއެ ވަރުބަލިވެގެން އެރޭވެސް ނިދުނީ އެހެންރޭރޭ ތަކުގައިހެން ނުކައި އޮއްވައެވެ. އަހަރެން ނުކެޔަސް ދެރަވާނެ މީހަކު މިގޭގައި ނޫޅޭނެއެވެ.

 

ޖެހިގެން އައި ދުވަހު އަހަންނަށް ހޭލެވުނީ މީހަކު ހޫނު ފެންތައްޓެއް އަހަރެންގެ މޫނަށް ޖެހުމުންނެވެ. ސިއްސައްގެންގޮސް އަހަންނަށް ތެދުވެވުނުއިރު މޫނުން ދިލަނަގައެވެ. ރުޅިން ފަޅައިގެންދާން ކައިރިވެފައި ހުރި މަންމަ ފެނުމުން އަހަރެން ބިރުން ރޫރު އަޅައިގެން ދިޔައެވެ. ގަޑިން ވީވަރެއް ނޭނގުނަސް މަންމަ އޮފީހަށްދާން ތައްޔާރުވެގެން ހުރުމުން ހެނދުނު އަށެއް ޖަހަން އުޅޭނެކަން ލަފާކޮށްލެވުނެވެ. އަހަރެން ހިން ދިރުވާލަމުން އެނދުން ތެދުވަން މަސައްކަތް ކުރީމެވެ. މޫނުން ނަގަމުންދާ ދިލައަކުން އަހަރެންގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. މަންމަ ކަޅިއަޅާލަމުން ކޮޓަރިން ބޭރަށް ނިކުމެގެން ދިޔައެވެ. ރޭގައި  ރޮއެފައި ނިދުމުން އަހަރެންނަށް މާލަސްވަންދެން އޮއެވުނީއެވެ. މަންމަ އޮފީހަށްދާން ނިކުންނަންވާއިރަށް ސައި ހެދުމަކީ އަހަރެންގެ ޒިންމާއެކެވެ. އެގޮތަށް ކަންތައް ނުކުރެވޭ ދުވަހެއްގައި މަންމަގެ ފަރާތުން އަހަރެންގެ ޒަޚަމުވެފައިވާ ހިތުގައި އިތުރަށް ފާރުގަނޑެއް ލައްވާލާނެއެވެ.

 

އަހަރެން ފެންވަރާ ތާޒާވެލައިގެން ކޮޓަރިން ބޭރަށް ނިކުތްވަގުތު ސިހިގެންދިޔައީ ދާދި ކައިރިއަށް އައިސް ހުއްޓުނު އެއްކަލަ ނުދަންނަ މީހާ ފެނިފައެވެ. މިއީ ކާކުހެއްޔެވެ؟ މިމީހާ މާ ހެނދުނަކާ މިގޭގައި ކުރަނީ ކީއްހެއްޔެވެ؟  މަންމަވެސް އަހަރެން އެކަނި ބަހައްޓާފައި އެދިޔައީ ހެއްޔެވެ؟ ކުއްލިއަކަށް ވެރިވި ޚިޔާލަކުން އަހަރެންގެ މެއަށް ފިނިވެގެން ދިޔައެވެ. ކުރިމަތީގައި މިހުރީ ޖާނުން ވަރުގަދަ ފިރިހެނެކެވެ. އަހަންނަކީ އެއްވެސް ބާރެއް ލިބިގެންނުވާ ނިކަމެއްޗެކެވެ. އަހަރެންގެ ލޮލުން ކަރުނަ ނިރާލީ އަމިއްލަ ނުކުޅެދުންތެރިކަން ހިތަށް އެރުމުންނެވެ.

 

“ހޭއި..ކީއްވެ ރޮނީ؟ އަހަރެން ނޫޅެން ކަމެއް ކުރާކަށް..ބައިދަވޭ މީ ޝާމިލް..އަސްމައްތަގެ ކޮއްކޮއެއްމީ..ކުރިން ދިމައެއް ނުވޭ ދޯ…ކޮންނަމެއް ކިޔަނީ..؟” ފިރިހެންވަންތަ ބަރު އަޑެކެވެ. ޝާމިލްގެ އެހިތްހެޔޮކަމުން އަހަރެންގެ ހިތުގައިވި ބިރުވެރިކަން ފިލާދިޔައެވެ. ނަމަވެސް އެސުވާލަށް އަހަރެން ޖަވާބު ދޭނެ ގޮތެއް ނުވިސްނުނެވެ. އެހެންކަމުން ހިނިތުންވުމަކުން ފުއްދާލީމެވެ.

 

ދުވަސްތައް ފާއިތުވަމުން ގޮސް ހަފްތާއެއް ވޭތުވެގެން ދިޔައިރު އަހަންނާ ޝާމިލް ގާތް ރަހުމަތްތެރިންނަށް ވެއްޖެއެވެ. ބައެއް ފަހަރު ޝާމިލްގެ ފަރާތުން އެކުވެރިކަމަށްވުރެ ބޮޑު ގާތްކަމެއް ލިބެމުން ދިޔައެވެ. އަހަރެން ކެއިތޯވެސް ބަލައެވެ.ނުކައި ހުރެއްޖެނަމަ އަހަންނަށް މީރުހެން ހީވާނެ ކޮންމެވެސް އެއްޗެއް ގެނެސްދޭނެއެވެ. އެހާވެސް އޭނަ އަހަރެންނަށް އޯގާތެރިވިއެވެ. ނަމަވެސް އެއޯގާތެރި ކަމުގެ ނިވަލުގައި ނިއުޅެމުންދާ ނުރައްކާތެރި ކަމެއް އަހަންނަށް އިހުސާސް ނުކުރެވުނެވެ. އުފަލާ މަޖަލުގައި ވަގުތު ހޭދަކުރަމުން އެކަކު އަނެކަކަށް ޖެއްސުން ކުރަމުން ދިޔައީ މަންމައަށްވެސް ސިއްރުންނެވެ. މަންމަ ހުންނަ ތަންތާނގައި ޝާމިލް އިސްއުފުލާ އަހަންނަށް ބަލައިވެސް ނުލާނެއެވެ. އޮޅިގެންވެސް އަހަރެންގެ ގައިގައި އަޅައިގެންފިނަމަ މަޢާފަށްވެސް އެދޭނެއެވެ. އޭނާ ބުނާ ގޮތުންނަމަ އަހަންނަށް މަންމަ އަނިޔާ ކޮށްފާނެތީ އެގޮތަށް ކަންތައް ކުރަނީއެވެ. އަހަންނަށްވެސް އެކަން ޤަބޫލު ކުރެވުނީ މަންމަގެ ގޮތް ރަނގަޅަށް އެނގޭތީވެއެވެ.

 

އެއްރެއެއްގެ ދަންވަރުގެ ވަގުތެވެ. އަހަންނަށް ނުނިދިގެން ދެފަރާތަށް ފުރޮޅި ފުރޮޅިލާ އޮތީ ކޮޓަރިތެރެއަށް ވެރިފައިވާ އުދާސްކަމުން ހޫނުވާތީވެއެވެ. އެގޮތުގައި އަހަރެން އޮންނަތާ އެތައް އިރެއްވީފަހުން ނިދި ބަރުވެގެން ލޯމަރާލީމެވެ. ކުއްލިއަކަށް އަހަންނަށް ދެލޯ ހުޅުވާލެވުނީ މީހަކު އަހަރެންގެ ގައިގާ ބީހެމުންދާ ކަމުގެ އިހުސާސް ކުރެވުމުންނެވެ. “ޝްޝްޝް…މީ މަށޭ..” ކަންފަތް ދޮށުގައި މީހަކު ބުނެލިއެވެ. އަނދިރިކަމުން ތަނެއް ދޮރެއް ވަކި ނުވާއިރުވެސް އަހަންނަށް އެއަޑުގެ ވެރިޔާ ވަކިކުރަން އެނގުނެވެ. އެއީ ޝާމިލް ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. މިވީހާ ދުވަހު އަހަރެންގެ މަރުވެފައިވާ ހަޔާތަށް އުފާވެރިކަން ގެނެސްދިން މީހާގެ އެސިފަ ފެނުމުން އަހަރެން އިންތިހާއަށް ބިރުގަތެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. މިއަދު އަހަރެން މިވަނީ އެކެހިވެރި ދަލުގައި ޖެހިފައެވެ. ޝާމިލް އަހަރެންގެ  އިތްފަތްތެރިކަން ވެއްޔާލާ މޮޑެލީ އެއްވެސް ރަހުމެތް ނެތިއެވެ. އަހަރެންގެ ހަށިގަނޑުން ދިލަ ނަގަމުން ދިޔައިރު ހިތް ވަނީ ލެއިން ކަޅިވެފައެވެ. ކަރުން އެންމެ އަޑެއްވެސް ބޭރު ނުވިއިރު ހަޅޭލަވަން އަހަރެން ހާދަ މަސައްކަތެއް ކުރީމެވެ. ނަމަވެސް މަންމަން ކުއްޖަކަށް ލެވޭނީ ކޮން ހަޅޭކެއް ހެއްޔެވެ؟ އުފަންވިއިރު ދުލުގައި ހުރި އުނި ކަމަކުން އަހަރެން ވަނީ ވާހަކަ ދެއްކުމުން މަހުރޫމުވެފައެވެ. އަހަރެންގެ ހުރިހާ އުނިކަމެއް ބަލައިގަނެ ހަޔާތަށް ބަހާރު މޫސުން ގެނެސްދިނީ ޝައިތާނެއްކަން ކުރިން ވިސްނުނު ނަމައެވެ. އެރޭ ޝާމިލް އަހަރެންގެ ކޮޓަރިން ނިކުމެގެން ދިޔައީ ފަތިސްވެސް ވީފަހުންނެވެ. ހިތް ފުރޭވަރަށް އަހަރެންގެ ޖިސްމުން އުފާ ހޯދައިގެން އޭނާ އެދިޔައީ އެއްވެސް ރަހުމެތް ނެތިއެވެ.

 

އެދުވަހަށްފަހު ކޮންމެ ރެއަކު ޝާމިލްގެ އުނދަގޫ އަހަންނަށަ ކުރިމަތި ވެއެވެ. އަހަރެން އެތަދަށް ކެތްކުރުން ނޫންކަމެއް ނުކުރަމެވެ. ކުރެވޭނީވެސް ކޮންކަމެއް ހެއްޔެވެ؟ އަހަރެން ކަހަލަ މަންމަނަކު ދައްކާ ވާހަކަތައް ޤަބޫލު ކުރާނީ ކާކުހެއްޔެވެ؟ އަހަރެންގެ އާއިލާ މީހަކު ނެތެވެ. ވާހަކަ ދައްކާލާނެ ރަހުމަތްތެރިއެއްވެސް ނުހުރެއެވެ. އަވައްޓެރިންވެސް އަހަންނާ ދިމާއަށް ބަލަނީ މަލާމާތުގެ ނަޒަރަކުންނެވެ. ބައެއް ކުދިން ‘ކޮރު އާލިޔާ’ އޭ ގޮވާއިރު އަނެއް ބައި ކުދިން ‘މަންމަނޭ’ ކިޔާފަވެސް ގޮވައެވެ. އަހަރެން މަންމަނަކަށްވުން އެއީ ކުށެއް ހެއްޔެވެ؟ ކޮރުވީ އަހަރެން އަމިއްލައަށް ކުރި ކަމަކުން ހެއްޔެވެ؟ އަހަރެންގެ ނަސީބާމެދު ހިތާމަ ނުކުރާ އެންމެ ސިކުންތެއްވެސް ނުދާނެއެވެ. ޝާމިލްގެ އެނުބައި އަމަލު ހިންގަމުންދާތާ ފަސްމަސް ވީއިރުވެސް އަހަންނަށް ކަރުނަ އޮއްސުން ފިޔަވާ އިތުރުކަމެއް ނުކުރެވުނެވެ. މަންމައަށްވެސް އަހަންނަށް ވަމުންދާ ގޮތެއް ނުފެނެއެވެ. ފެނުނަސް އަޅާ ނުލަނީއެވެ. އަހަރެން ހިތާމަ ކުރަމުން ގޮސް ހަލާކުވިޔަސް މަންމަގެ ފަރާތުން އޯގާތެރި ބަހެއް ނީވޭނެކަން އެއީ ޔަޤީންކަމެކެވެ.

 

” އެނގޭތަ މަންމައަށް ވާނެ ގޮތް…މީހުން ކުރާނެ މަލާމާތް..ބޭނުންތަ އާލިޔާ މަންމަ މޮޔައިންގެ މަރުކަޒަށް ގެންދަން؟ އެހެންނޫނީ އަމިއްލައަށް ދަންޖެހިގެން މަރުވާތަން ދެކެން ބޭނުންތަ؟” ޝާމިލް ބުނަމުން ގެންދިޔައެވެ. އެވާހަކަތަކަކީ އެންމެ ކުރިއްސުރެވެސް އޭނާ ބުނަމުން އައި ވާހަކަތަކެވެ. އަހަރެން އެކަމާ ވިސްނާ ވިސްނާ ސިކުނޑި ސުމަކަށްދާވަރުވިއެވެ. މަންމަ ކިތައްމެ ގޯސްކޮށް ކަންތައް ކުރިއަސް އަހަރެންގެ ހިތުގައި މަންމައަށްޓަކައި އޮތް ލޯތްބަށް ބަދަލެއްނާދެއެވެ. މަންމައަށް ދެރަގޮތެއް ވާތަން ދެކެން އަހަރެންގެ ހިތަށް ކެތެއް ނުވާނެއެވެ. ޝާމިލް އޭނަގެ ސިކުނޑީގެ ބޭނުންކޮށްގެން އަހަރެންނަށް އޮތް ހުރިހާ މަގެއް ބަންދު ކުރަމުން ދިޔައެވެ. އަހަރެންވެސް އެކެހިވެރި ދަލުގައި ހައްޔަރުވަމުން ދިޔައީ ސަލާމާތް ނުވެވޭވަރަށެވެ.

 

އެއްދުވަހެއްގެ މެންދުރު ވަގުތެއްގައި އަހަރެން އަނބުރައިގަނެގެން ވެއްޓުނީ ބަދިގެތެރޭގައި ހުއްޓައެވެ. އެވަގުތު ގޭގައި އުޅެނީ ހަމަ އެކަނި ޝާމިލްއެވެ. އޭނައަށް ވީގޮތް ވިސްނުނީ ކަންނޭނގެއެވެ. އެއްވެސް މީހަކަށް އަހަންނަށް ވީގޮތެއް ނާންގައެވެ. އަހަރެން ހޭއެރީ އޭގެ ފަނަރަ ވަރަކަށް މިނެޓް ފަހުންނެވެ. އޭރު ޝާމިލް އިނީ އަހަރެންގެ މަގަތުގައި އިށީނދެލައިގެންނެވެ. ” އެއްވެސް މީހަކަށް މިކަން ނާންގާތި! ޚާއްސަކޮށް އާލިޔާ މަންމައަށް..އެހެން ނޫނީ ވާނެގޮތް އިނގެއެއްނު..” ޝާމިލް ދިނީ އިންޒާރެކެވެ. ނަމަވެސް އޭނަ އެހެން އެބުނި ސަބަބެއް އަހަންނަށް ނުވިސްނުނެވެ. ދެން އޭނަ ދިއްކޮށްލީ ބޭސް ގުޅައެކެވެ. އަހަރެން ސުވާލުގެ ނަޒަރަކުން އެއަށް ބަލާލީމެވެ. ޝާމިލް ބަހެއް ނުބުނެ އެދުނީ އެކާލުމަށެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަން އަހަންނަށް ސިއްރެއް ނުވިއެވެ. ޝާމިލް ހާސް ވަނީ ކޮންކަމަކާ ހެއްޔެވެ؟ އޭނަގެ އެއްވެސް ވާހަކައެއް މިހާތަނަށް އަހަރެން އެއްވެސް މީހަކާ ހިއްސާ ނުކުރަމެވެ. ކުއްލިއަކަށް އަހަރެންގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި  ވަދެގެން އައި މަންމަ އެއައި ގޮތަށް އައިސް ޝާމިލްގެ އަތުގައި ހިފާ ބޭރަށް ނެރުނެވެ. އަހަރެން އޮތީ ވާނުވާނޭނގިފައެވެ. މަންމަ އެގޮތަށް ކަންތައް ކުރާނީ ވަރަށް ރުޅިގަދަވީމައޭ އަހަރެންގެ ހިތަށް އެރިއެވެ. ނަމަވެސް ޝާމިލްދެކެ ކޮން ރުޅިއެއް އަންނާކަށް ހެއްޔެވެ؟ އަނެއްކާ މަންމައަށް އޭނަގެ އަސްލު އެނގުނީ ހެއްޔެވެ؟ އަހަރެން ތަފާތު ގޮތްގޮތަށް ވިސްނަމުން ދިޔައީމެވެ. ގޭތެރޭގައި އަޑު ގަދަވުމުން އަހަރެން އަސާގަނޑު ހިފައިގެން ދޮރާ ކައިރިވެލީމެވެ. ” ޝާމިލް! އަހަރެން ކިތައްފަހަރު ބުނާނީ ތިކަންތައް ހުއްޓާށޭ..އެކަމަކު ޝާމިލް އެއަޑެއް ނާހަމެއްނު…ބަލަ އެއީ ކަލޭގެ އެއްބަނޑު ކޮއްކޮއޭ..ކިހާ ލަދުކުޑަކަމެއް ތިކުރީ؟..އޭނަ ބަލިވެއެއިނީ ޝާމިލްގެ ދަރިއަކަށް ކަން މަށަށް ހަމަ ޔަޤީން.. މާ އަވަސް އަރުވާލާފަ ބޭސް ގަނެގެން ތިއައީ ކާކަށް ސިއްރުކުރަންތަ؟..މަށަށް ސިއްރުން މިގެއަށް މެއްސަކަށްވެސް ނުވަދެވޭނެ.. ވީއިރު ޝާމިލް ކީކޭ ހިތަށް އަރައިގެން އެކަންތައް ކުރީ؟..މަބޭނުމެއް ނޫން މިކަންތައް އެއްވެސް މިހަކަށް އެނގޭކަށް..ޝާމިލް ހޭވި ހަޑިއެއް ޖެހޭނެ ސާފުކުރަން…އެނގެއެއްނު މިބުނި އެއްޗެއް..ލަސްނުކޮށް އަވަހަށް ތިކަމުން ސަލާމަތްވޭ އެހެން ނޫނީ އަހަންނަށް މީހަކާ މޫނު ދިމާކޮށްލަން ނުކެރޭނެ” މަންމަ ބުނެލި ވާހަކަތަކުން އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔައެވެ. މިހާ ދުވަހު އަހަރެންގެ ޖިސްމު ކަމުން އެދިޔައީ ހަމަ އަހަރެންގެ ބޭބެ ހެއްޔެވެ؟ މިހިތުގައި ތަފާތު ވިންދެއްޖެހި އިންސާނާއަކީ ވެސް ހަމަ އަހަރެންގެ ބޭބެ ހެއްޔެވެ؟ ޤަބޫލު ކުރަންދަތިވި ނަމަވެސް ހަޤީގަތަކީ އެއީއެވެ. މަންމަ ކުރިންވެސް އަހަރެން ކައިރީ ބުނެލި ނަމައެވެ. ޝާމިލްއަށްޓަކައި އަހަރެންގެ ހިތުގައި އެފަދަ ޖަޒުބާތެއް ނުއުފެދުނީހެވެ. ނަސްލު އޮޅުވައިލުމުން އެފާފަވެސް މިއަދު އަހަންނަށް ކުރެވިއްޖެއެވެ. އަހަރެންގެ  ބޭބެގެ އެނުބައި އަމަލުގައި އަހަރެންވެސް ބައިވެރި ކޮށްފިއެވެ. ނަމަވެސް ދެން އިތުރަށް ހެދޭނެ ގޮތެއް ނެތެވެ. އަހަރެންގެ ބަނޑުގައި މިއޮތީ ޝާމިލް ނޫން އިތުރު މީހެއްގެ ދަރިއެއް ނޫނެވެ. އަހަރެންގެ ހިތަށް އެތަށް ހާސް ހަށިތަކެއް ހެރެމުންދިޔަ ކަމުގެ އިހުސާސް ކުރެވުނެވެ. ހިތުގައި ތޫނު ރިހުމެއް އުފެދި ބަރުދާސްދު ކުރަން ދަތިވިއެވެ.” ޔާ ﷲ މިއަޅާގެ ފާފަ ފުއްސަވާނދޭވެއެވެ!” އަހަންނަށް ރޮއެގަނެވުނެވެ. މަންމައަކަށްވެހުރެ ދަރިޔަކަށް މިވަރުގެ ދެރައެއް ދޭންވާނެ ހެއްޔެވެ؟  ” މަންމާއެވެ.! އަހަރެންގެ ހިތުގެ ވިންދަކީ ތިޔައީއެވެ. ނަމަވެސް މަންމަގެ ދެއަތުން އަހަރެން މިއަދު ކަފުން ކޮށްފީމުއެވެ. އަހަރެން މަންމަދެކެ ވީ ލޯބީގެ އަގު ތިޔަ ދިނީ ކޮންފަދަ ރަހުމު ކުޑަގޮތަކަށް ހެއްޔެވެ؟ މަންމާއެވެ! މަންމަ ތިކުރީ ދުވަހަކުވެސް މަޢާފު ދެވޭނެ ވަރުގެ ކުށެއް ނޫނެވެ. ނަމަވެސް މިހިތުގައި މަންމައަށްޓަކައި ދެވިފައިވާ ޤަދަރަށް ކުޑަނަމަވެސް ބަދަލެއް ނާދެއެވެ. މަންމާއެވެ! މަންމަ އަހަރެންދެކެ ލޯބިވޭތޯ މިހިތް ބޭޤަރާރުވާތާ ކިތައްމެ ދުވަހެކެވެ. މަންމައަށް އެކަން ނުވިސްނުނީ ކީއްވެހެއްޔެވެ؟ މަންމާއެވެ! އަހަރެން ދުލުން ނުބުނިކަމުގައި ވިޔަސް ހިތުގައި ހާދަ ރިހުމެއްވެއެވެ. މަންމަގެ ދެއަތުން އަހަރެންގެ ބޮލުގައި ފިރުމާލާތޯ ހާދަ އިންތިޒާރެއް ކުރެވިއްޖެއެވެ. މިއަދު އަހަރެން ވަރުބަލި ވެއްޖެއެވެ. އަހަރެންގެ ހިތުގެ ފުންމިނުގައި ވަޅުލެވިފައިފާ ޒަޚަމުތަށް މަންމައަށް ފެންނާނެނަމައެވެ. މަންމާއެވެ! މިހިތުގެ އަޑު އެންމެ ފަހަރަކުވެސް އަޑުއަހާލިނަމައެވެ.”  އަހަރެންނަށް ވަށައިގެންވި މާއަހައުލު އަނދިރިވަމުން ދިޔައެވެ. ގައިން ވަރުދޫވެ ހަށިގަނޑު ބިމަށް ތިރިވަމުން ދިޔައެވެ. އެވަގުތު އަތުގައި އޮތް އަސާގަނޑު ދޫވެގެންދިޔައެވެ. މުށިތަށްމަތީގައި އަހަރެންގެ ހަށިގަނޑު ޖެހުމާއެކު ދެލޯވެސް މެރުނެވެ. އަނދިރިކަން ފިލާގޮސް ކުރިމަތިން ހުދުކުލައިގެ އަލިކަމެއް ފެނުނެވެ. އެވަގުތު އަހަރެން ހިނިތުން ވެލަމުން ފަހު ނޭވާ ދޫކޮށްލީމެވެ.

 

** އެކުވެރިންނޭ! ނުކުޅެދުންތެރިކަން ހުރުމަކީ ތިމާ ބަލިކަށިވުން ކަމުގައި ނުދެކޭށެވެ. އަންހެން ކުއްޖަކަށްވީނަމަވެސް އަނިޔާވެރިކަން ސިއްރުކޮށްގެން  ހުރުމުންއެއީ ތިބާ އަމިއްލައަށް އަނިޔާވެރިކަމަށް ހިތްވަރުދިނުން ނޫން ކަމެއް ނޫނެވެ. ތެދުވާށެވެ. ހިތްވަރު ކުރާށެވެ. ކެރިގެން ކުރިމަތިލާށެވެ. ކާމިޔާބު ލިބޭނީ އޭރުންނެވެ.**

 

Comments (19)

  1. kayashandy

    eid mubarak to all..:) i hope this small gift will make u all happy on this special occasion 🙂

    1. who am i?
      kayashandy

      thnx kaya mi story vess vvv reethi. ??❣❣❣ kakuni story ge 26 vana part ah v inthizaaru kurevey.. alhe e story kon irakun upkoh dheyny? ??
      ly?

    2. who am i?
      kayashandy

      kayaaa

  2. Gina

    Kaya.. eid Mubarak. ..I hope it will be nice story.. I haven’t read yet… knirakun kakuni 26th episode nereyni, . Waitng

    1. kayashandy
      Gina

      thank u so much Gina? hopefully tmrw…i hv lost my work so ehenve miadhu up nukurevuny..ramzan ge fahu dhuvasthakuga i cudnt spare any time for story…sorry dear

  3. Anonymous

    Wow wow kayaa…this is the first story which made me cry after reading….i am speechless…you are the best author….

  4. Anonymous

    Kakunii 26th part avahah nerehchey….i cant wait to see what’s going to happen…….its all a mystery…i need to turn the page to be amazed..right??
    ??????

  5. Flower pririncess

    Kaya dhen kakuni up vaani kon irakun. And this story is also nice

  6. Juvey

    Haadha sad story ekey akm , ..v reethi ..keep it up kaaya ..?

  7. nonns

    Hey kaya.eid mubarik ingwy. Varah reethi, emotional and heart touching story eh. Asluves ekahala nukulhedhun therikan hunna kithamme kujjakah thikahala kanthah vey. Especially bullies. Anyways kakuni story kon irakun up kolladheyny??? Mihaaru kiyaa hithun hurevenee kee ves noon 😀 😀

  8. Adha?

    Kayaa! Haadha salhi suprise ekey dw.. hama rohvaaly thi?.. aslahves mi story kiyamun dhiyairu iru irukolhun huhtanjehey rovey varun.. alhugandu bunelan othy… DON’T LIGHT YOURSELF ON FIRE TO BRIGHTEN SOMEONE ELSE EXISTENCE… AND DO RAISE YOUR VOICE AGAINST THOSE WHO ABUSE YOU PHYSICALLY AND EMOTIONALLY…. varah reethi ingey mi story kaya.?
    kayaa..Kobaatha kakuni story 26th vana ep.. varah inthixaaru kurevey kiyaahithun.?? btw EID MUBAARAK KAYAA..?

  9. Noor

    vaahaka hadi eh noon. ekm v typical. thafaathu vaahaka akah unmeedhu kurevuni. ehenne nuvi..

  10. Blume

    Kaya..Eid Mubarak ..mi vaahaka v rythi..kon iraku kakuni stwry ge nxt prt up kuraany?v Inthixaaru eba kurevey..ly❤❤

  11. Maree

    vv reethi eid mubaarak kayaa kobaa kakuni vaahaka inthizaaru ga hurin

  12. Noor

    Varah reethi vaahakaeh..hama rangalhahves rovijje…

  13. Xxxx

    Nice story with a good message dear?

  14. xeyboo

    salhi..:)

  15. " "

    Mi vaahakaves varah reethi.. Kakuni 26th episode annandhen mi inthizaaru kurany

  16. Shaira

    Kayaa….. kibaatha kakuni 26 vana part…. waiting…..

Comments are closed.