Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

އޯގަސްޓް 12-13 (ތިންވަނަ ބައި)

Xim Level 110 Stories
November 30, 2013 3 Mins Read
2 Comments

“މައުމޫން އިސްތިއުފާ! މައުމޫން އިސްތިއުފާ” އެކީއެކައްޗަކަށް، މުޅިތަން ގުގުމާއިގެން ދާވަރަށް އިވެމުންދިޔައީ ރައީސުލް ޖުމްހޫރިއްޔާގެ އިސްތިއުފާއަށް ގޮވަމުންދިޔަ އަޑެވެ. އަދި ހަމައެއާއިއެކު ޖަލުގައިވާ ސިޔާސީ ކުއްވެރިން ދޫކޮށްލުމަށާއި ސިޔާސީ މީހުން ހިފާ ހައްޔަރު ނުކުރުމަށް ވެސް އެއްވެފައިވާ މީހުން ގޮވަމުން ދިޔައެވެ. އަދި ޗީފް އޮފް ޕޮލިސް އާދަމް ޒާހިރު ގެ އިސްތިއުފާ އަށް ގޮވަމުން ދިޔައިރު މުޅި ޖުމްހުރީ މައިދާނާއި ޙުސައިން އާދަމް ބިލްޑިންގ ކައިރިއާއި ބަންޑާރަ ކޮށި ކުރިމަތިވަނީ އެއްވެފައިވާ މީހުނާއިގެން ތޮއްޖެހި ފުރި ބާރުވެފައެވެ.

މީއީ، މީގެ ކުރިން ދިވެހިން ދުށްކަމެއްނޫނެވެ. ހީވަނީ މިހުރިހާ ދުވަހުން މީހުންގެ ހިތްތަކުގެ ތެރޭގައި ހިފެހެއްޓިފައިވާ އުދާސްތަކާއި އިޙުސާސްތައް އެއްފަހަރާއި ބޮމެއް ގޮވިހެން ގޮވައިގެން ދިޔަހެނެވެ. އެއްވެސް ބިރެއް ނެތި ކޮންމެ މީހަކުވެސް އެމީހެއްގެ ޝުޢޫރު ފާޅުކުރަމުން ގެންދިޔައެވެ. ބައެއްމީހުން ހީހީފައި މަޖާނަގަމުން ވާހަކަ ދައްކަމުން ދިޔައިރު ހީވަނީ އެމީހުނަށް އުފާވެރި އީދެއް އައިސްގެން އުޅޭހެނެވެ.

އެއްވެފައިވާ މީހުނާއި ވާހަކަ ދައްކާ އެމީހުންގެ ކަންތައްތައް ހަމައަކަށް އެޅުވުމަށްޓަކައި ސިފައިންގެ ތެރެއިން މަތީފަންތީގެ ބޭފުޅުންކޮޅެއް ސައުންޑް ސިސްޓަމެއް ހިއްޕަވައިގެން ޖުމްހުރީ މައިދާނަށް ވަޑައިގެން އެއްވެފައިވާ މީހުނާއި ވާހަކަ ދެއްކޭތޯ މަސައްކަތް ފެއްޓެވިއެވެ. އެހެންނަމަވެސް އެއްވެފައިވާމީހުން އެވަގުތުގައި ތިބީ އެމީހުން ޑިމާންޑް ކުރަމުން ދިޔަ ކަންތައްތައް ސަރުކާރުން ކޮށްދިނުމުގެ ކުރިން ސަރުކާރުންގެ ފަރާތުން ދައްކަވާ އެއްވެސް ވާހަކައެއް އަޑު އަހާގޮތަކަށް ނޫނެވެ.
އެގޮތުން ޖަލުގައި ސިޔާސީ ކުށްވެރިންގެ ގޮތުގައި ބަންދުކޮށްފައިވާ މީހުންގެ ތެރެއިން ވަކިބަޔަކު ވަގުތުން ވަގުތައް ދޫކޮށްލުމަށް ގޮވަމުން ދިޔައެވެ. އެގޮތުން ސަންދާނު އަހައްމައިދީ އާއި، ނައުޝާދު ވަހީދާއި، ޝޭޚް ފަރީދާއި ނަޒާކީ ޒަކީ ހަމަ ވަގުތުން ވަގުތައް ދޫކޮށްލުމަށް ގޮވާ ހަޅޭލަވަމުން ދިޔައެވެ.

އެއްވެފައިވާ މީހުނަށް އައިސްފައިވާ ޖޯޝާއި ފޯރި ހުރިވަރުން ހީވަނީ ލިބިދާނެ އެއްވެސް ގެއްލުމަކަށް ބިރެއް ނެތްހެނެވެ. ސިފައިންގެ ތެރެއިން އައި އޮފިސަލުން ވާހަކަދައްކަން ފެށުމާއި އެކު އެތަން ހޫނުވެ ހަޅޭ ގަދަވާން ފެށިއެވެ. ސިފައި އައިސް ދައްކަމުން ދިޔަ އެއްވެސް ވާހަކައެއް އަޑު ނުއިވޭވަރަށް މީހުން ބާރަށް ހަޅޭލަވަމުން ދިޔައެވެ. އަދި ހަމަ އެޔާއިއެކު ކުށްލިޔަކަށް އެމީހުން ގެނައި ސައުންޑް ސިސްޓަމާއި މައިކު އެތަނުގައި އެއްވެފައިވާ މީހުންގެ އަތްދަށަށް ގެނައެވެ. ތަނުގެ މަސްލަހަތު ގެއްލި ހަލަބޮލިވެގެން ދިއުމާއިއެކު ސިފައިގެތެރެއިން ނިކުތް އޮފިސަލުން އެތާންގައިވާ މީހުންގެ އަތްދަށުން ދެމިގަނެގެން އެނބުރި ބަންޑާރަ ކޮށި ތެރެއަށް އަވަސް އަވަހަށް ވަނެވެ.

ސިފައިންގެ އަތުން ލިބުނު ސައުންޑް ސިސްޓަމްވީ މުޒާހަރާގެ ބައިވެރިންނަށް ލިބުނު އިތުރު ކުރި އެރުމަކަށެވެ. އެހެނީ އޭގެ ބޭނުންކޮށްގެން މުޒާހަރާގެ އިސްމީހުން އެމީހުންގެ ޝުޢޫރުތައް ފާޅުކޮށް އެއްވެފައިވާ މީހުނަށް އެކަމުގެ ޖޯޝާއި ފޯރި ގެނުވަން ފެށިއެވެ. ޚާއްޞަކޮށް ލޮނު ޒިޔާރަތްކޮޅުގެ މިނިވަން ބަހުސްގެ އިސްބައިވެރިން އޭގެ ބޭނުން އެއްމެ ފުރިހަމަ އަށް ހިފަން ފެށިއެވެ. ސައުންޑް ސިސްޓަމްގެ ބޭނުން ކޮށްގެން އެއްވެފައިވާ މީހުނާއި މުޚާތަބް ކުރަން ފެށުމުން އެއްމެންގެ ސަމާލުކަން ވާހަކަ ދައްކަމުން ދިޔަ މީހުނަށް ހުއްޓިގެން ދިޔައެވެ.

ދަންވީވީ ހެން މީހުން ދިޔައީ އިތުރު ވަމުންނެވެ. ހަޅޭކުގެ އަޑު ދިޔައީ ގަދަވަމުންނެވެ. އަހަރެންނަށްވެސް އައިސްފައިވާ ފޯރީގައި ނިދީގެ އެއްވެސް ކަމެއްނެތެވެ. އަންހެނުން ޕާކްގެ ގޮނޑިއެއްގައި ބޭންދުމަށްފަހުން އެއްވެފައިވާ މީހުންގަނޑުގެ ތެރޭގައި ފޯރިނަގަން އަހަރެންވެސް އިނީމެވެ. އިރު އިރުކޮޅާ އެކި ދިމަދިމާއަށް ޚަބަރުތައް ހޯދުމަށް ޖެހިލަމުން ދިޔައީމެވެ.

ކުއްލިޔަކަށް އެއްވެފައިވާ މީހުންގެ އަޑުފަށްގަނޑު ގަދަވެގެން ދިއުމާއި އެކު އަތްތިލަބަޑި ޖަހަން ފެށިއެވެ. އަހަރެންވެސް ވެގެން އުޅޭ ގޮތެއް ބަލަން އެދިމާއަށް ދުއްވައިގަތީމެވެ. ކޮންމެވެސް ބަޔަކު އައީއެވެ. އަހަރެން ކޮރައިގެން ފުންމަމުން ކަހަލަ ގޮތަށް ވެގެން އުޅޭގޮތެއް ބަލާލީމެވެ.

އެއްވެފައިވާ މީހުންނަށް އިތުރު ޖޯޝަކާއި ފޯރިއަށް އައިސްގެ ދިޔައީ އެއްވެފައިވާ މީހުނާއި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމް އާއި ބޯގަންވިލާ އިބްރާހިމް އިސްމާއިލް އައިސް ގުޅުމާއި އެކުއެވެ.

ޤާސިމް އާއި އިބްރާހިމް އިސްމާއިލްވެސް އައިސް އެއްވެފައިވާ މީހުނަށް ޝައުޤުވެރިވާނެ އުއްމީދު ލިބިގެންދާފަދަ ވާހަކަތައް ހުށަޅަމުން ދިޔައެވެ. ޚާއްޞަކޮށް އިބްރާހިމް އިސްމާއިލް އަކީ ލޮނު ޒިޔާރަތް ކޮޅުގައި އޮންނަ މިނިވަން ބަހުސްގެ ބޮނޑިބަތް ކެއުމުގެ ކަންތަކުގައި އެއްވާ މީހުންނަށް އެއްމެ ޖޯޝާއި ފޯރިގެނެސްދޭ އެއްވާހަކަދެއްކުން ތެރިޔާއެވެ.

ރޭގަނޑުގެ ދަންވަރުގެ ވަގުތުތައް ފާއިތުވަމުން ދެއެއެވެ. އެއްވެފައިވާ މީހުން އެއްވެސް ވަރުބަލި ކަމެއް ނެތި އެމީހުންގެ ޑިމާންޑް ތަކާއިގެން ކުރިއަށް ދިޔައެވެ. އެއްވެފައިވާ މީހުނަށް އެއްމެ ޝަޢުޤުވެރިކަން ގެނެސްދިން އެއްކަމަކަށްވީ ސިޔާސީ ކަންކަމާއި ގުޅިގެން އަމިއްލަ އަށް ރާއްޖޭއިންބޭރަށް އަރުވާލެވިގެން ހުންނެވި ކެނެރީގެ މުޙައްމަދު ނަޝީދު (އަންނި) ގެ ޚާއްޞަ ސިޓީއެއް އޭނާގެ ބޮޑުދައިތަ ޒުހޭރާ އެއްވެފައިވާ މީހުނަށް އިއްވަން ފެށުމާއި އެކުއެވެ. އެއްމެނަށް އިހުސާސް ކުރެވެމުން ދިޔައީ މި ރެއަކީ މައުމޫންގެ ވެރިކަމުގެ ފަހުރޭކަމަށެވެ.
މިނިވަންކަމަށް އެދި ގޮވަމުން ދިޔަ ރައްޔިތުންގެ ޑިމާންޑްތަކަށް ސަރުކާރުން ދޫދޭނެކަމާއި އެދޭކަންކަން ހަމަ އެރޭން އެރެއަށް ފުއްދާދޭނެ ކަމަށް އިލްޔާސް އިބްރާހިމް އައިސް ބުނުމާއި އެކު އެއްވެފައިވާ މީހުނަށް ހީވީ ދެން އެމީހުން އެދޭކަންކަން މި ފުރިހަމަވަނީހެންނެވެ. ހަމަ އެއާއި އެކު ބައެއްމީހުނަށް ލިބިގެން ދިޔަ އުއްމީދުތަކެއްގެ ބޮޑުކަމުން، މައުމޫންގެ ވެރިކަން ނިންމާފަ ސަރުކާރުގައި ތިބި ބޮޑުންނަށް ހަދާނެ ގޮތުގެ ވާހަކަވެސް ގޮވަމުން ދިޔައެވެ. އެހެންނަމަވެސް އެއީ ގިނަބަޔަކަށް އެކަންކަން ޤަބޫލު ނުކުރެވޭނޭ އަނިޔާވެރި ކަމުގެ ނިންމުން ތަކެއްގެ ވާހަކައެވެ. އެހެނީ އެއްވެފައިވާ މީހުން އެއްވެފައިވަނީ އަނިޔާވެރިކަމާއި ދެކޮޅަށް މިނިވަންކަން ހޯދުމަށްކަމަށް ވާއިރު އެފަދަ ގޮވުންތަށް ގޮވަމުން ދިއުމަކީ އެކަމުގެ ނިޔަތާއި މެދު މީހުންގެ ނަފްރަތު އަމާޒުވެގެންދާނޭ ކަމެކެވެ.

އޭގެ ގަޑިއެއްހާއިރުފަހުން، ދޫނިދޫގައި ބަންދުކޮށްފައިވާ ސިޔާސީ ކުއްވެރިން ދޫކޮށްލުމާއި އެކު އައިސް ޖުމްހުރީ މައިދާނުގައި އެއްވެފައިވާ މީހުންނާއި އައިސް ބައްސަލުކޮށް އެމީހުނާއި ބައިވެރިވިއެވެ. އެފަރާތްތަކަށް އެއްވެފައިވާ މީހުންގެ ފަރާތުން ވަށް ހޫނު ތަރުހީބެއް ލިބިގެން ދިޔައެވެ. ތަނުގައިވާ މީހުނަށް އެއްމެ ބޮޑު ފޯރިއަކާއި ޖޯޝެއް ލިބިގެންދިޔައީ ޝެއިޚް ފަރީދު އައިސް އެއްވެފައިވާ މީހުނާއި ބައްދަލު ކުރުމުންނެވެ. ޝެއިޚް ފަރީދަކީ އޭރު ވަރައްގިނަ ރައްޔިތުންގެ ހިތްތަކުގައި ދީނީގޮތުން ވަރަށް ބޮޑު ޤަދަރެއް ދެވިފައިވާ ފަރާތެކެވެ. ޚާއްޞަކޮށް ދީނީ ސިޔާސަތުގެ މައްސަލައަކާއި ގުޅިގެން ފަރީދު ބަންދުކުރިފަހުން އޭނާގެ މަޤުބޫލުކަން ވަނީ މާބޮޑަށް އިތުވެފައެވެ. އެއްމެންވެސް އިންތިޒާރުކޮށްގެން ތިބީ ޝެއިޚް ފަރީދުގެ ދީނީ ތަޤްރީރަކަށެވެ. އަދި އެކަމަށް މައިދާން ތައްޔާރުކުރަން ފެށިއެވެ.

—ނުނިމޭ—

Share Article

Follow Me Written By

Xim

Level 110 Stories

I am a freelance writer, who always love to write about different topics.

Other Articles

Previous

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 66

Next

އުމުރަށް (ދެވަނަ ބައި)

Next
November 30, 2013

އުމުރަށް (ދެވަނަ ބައި)

Previews
November 29, 2013

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 66

2 Comments!

  1. faathy says:
    November 30, 2013 at 7:36 pm

    haadha siyaasy a dho……midhen enmenah engey kamehnu……liyefa thaareekhuga rahkaakurun rangalhuvaane…….

  2. tui says:
    April 11, 2017 at 5:32 pm

    Bodu hey bali be v foohi amage mahana thoche

Comments are closed.



All Right Reserved!