އޯގަސްޓް 12-13 (ދެވަނަ ބައި)
ލޮނުޒިޔާރަތްކޮޅުގެ ސަކަރާތްގަނޑު ބަލަން ދިއުމަށްޓަކައި މިހާރަކަށްއައިސް ޝިޔާމް ކޮންމެ ރެއަކުވެސް މިހާކަންހާއިރު އަހަރެންނަށް ގުޅައެވެ. ޝިޔާމަކީ އެކަހަލަ ކަންތައްތަކުގައި ވަރަށް ފޯރިނަގާފައި އުޅޭމީހެއްކަމުން އެހެން އޮންނަ ކޮންމެ ކަމެއްގެ ޚަބަރު ބަރާބަރަށް އަހަރެންނަށް ދެއެވެ.
ޝިޔާމާއި އަހަރެންނަކީ އެއް އޮފީހެއްގައި މަސައްކަތްކުރަމުން އަންނަ ވަރަށްގާތް ދެ އެކުވެރިންނެވެ. ވަރަށް ގިނަކަންކަމުގައި އަހަރެންނާއި ޝިޔާމަކީ ވަރަށް ޚިޔާލު އެއްގޮތް ދެމީހުނެވެ. ޚާއްޞަކޮށް ސަރުކާރުން ކުރަމުން ގެންދާ އިންސާފެއްނެތް ކަންކަމުގައި އަހަރެމެން ދެމީހުންގެ ޚިޔާލު ވަރަށް އެއްގޮތެވެ. އެގޮތުން އޮފީހުގައި ހިނގާކަންކަމަށް ފާޑު ކިއުމާއި އެކަންތައްތައް އިސްލާޙްކުރުމަށް އަހަރެންނާއި ޝިޔާމް އިސްނަގައިގެން އައީ ފާޅުގައި ވަރަށްގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެންނަމަވެސް އޭރުގައި ކަންތައްތައް މާބޮޑުކޮށްލައިގެ އުޅެވޭކަށް ނޯވެއެވެ. އެފަދަ ގޮތަކަށް ކަންކޮށްފިނަމަ އަހަރެމެންގެ ޖާގައަކީވެސް ޖަލުކަމުގައި އަހަރެމެންނަށް އެނގެއެވެ.
“އޭއް.. ކޮބާ މިރޭ އެއްވެސް ކަމެއް ނެތީތަ؟” ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން އަހަރެން ފުރަތަމަވެސް ޝިޔާމާއި ކުރީ ސުވާލެކެވެ.
“ނޫނޭ!….. މިރޭއެއްނުން ކަލޯ ކަންތައް އޮތީ، އާދެބަލަ ޖުމްހުރީ މައިދާނަށް އަވަހަށް، އަހަރެން މިހުރީ އެތަނުގަ” ޝިޔާމު ވަރަށް ޖޯސާއިއެކު އެއްފަހަރާ އަމުނާލިއެވެ. ހީވަނީ އޭނާ މާ އުފާވާ ކަމެއް ވެގެން އުޅޭހެނެވެ.
“އޯކޭ ހަމަ މިހާރު މިދަނީ، މާކަ ދުރަކުނޫން މިހާރު މިހުރީ” އަހަރެން އެހެން ބުނެފައި ފޯނު ކަނޑާލުމަށްފަހު ސައިކަލުގެ ސްޕީޑް ބާރުކޮށްލީމެވެ. ޝިޔާމުގެ އުފާވެރިކަމުގެ އަޑު އިވިފަ އެތަނަށް އަވަހަށް ދިއުމަށްޓަކައި އަހަރެންގެ ހިތުގެ ހިނގުންވެސް އަވަސްވެގެން ދިޔައެވެ.
“ޝިޔާމުތަ؟ ކިހިނެއްވީޔޯ؟” އަހަރެން ފޯނު ބޭއްވުމުން ނުޝްރާ އެކޯލާއި ބެހޭގޮތުން އަހަރެންނާއި ސުވާލުކުރިއެވެ.
“އާން ޝިޔާމް، މިރޭ އެއްވަނީ ޖުމްހުރީ މައިދާނަށޯ” އަހަރެން ހިތް އަވަސްވެފަ ހުރެ ނުޝްރާއަށް ޖަވާބު ދިނީމެވެ.
ސައިކަލު އިސްލާމީ މަރުކަޒުގެ ދެކުނުފަރާތު ޕާކިންޒޯނުގައި ބެހެއްޓުމަށްފަހު އަންހެނުންނާއި އެކު ޖުމްހުރީ މައިދާނާ ދިމާލަށް އަވަސް ފިޔަވަޅުތަކެއްގައި ހިނގަން ފެށީމެވެ. މިރޭ ޖުމްހުރީ މައިދާން ފެންނަނީ އެހެނިހެންރޭތަކާއި ޚިލާފަށް ތަންކޮޅެއް މީހުން ގިނަކޮށް ހަލަބޮލިކޮށެވެ. އެކި އެކި ތަންތަންކޮޅުގައި ގުރޫޕް ގުރޫޕަށް މީހުންތަށް ތަފާތު ބަހުސުތަކުގައި އެކިއެކި ވާހަކަ ތަކުގައި ތިއްބެވެ.
ޖުމްހުރީ މައިދާނާހަމައަށް ދެވުމާއިއެކު ފޯނުނަގާ ޝިޔާމަށް ޑައިލް ކޮށްލީމެވެ.
“ކޮބާ ކަލޭ” ޝިޔާމު ފޯނު ނެގުމާއިއެކު ޝިޔާމު ހުރިތަން ހޯދުމަށް އަހަރެން ސުވާލު ކުރީމެވެ.
“އާދެބަލަ ބޮޑުފާލަމާއި ދިމާއަށް، އަހަރެން މިހުރީ އެތަނުގަ” ޝިޔާމު ހުރިތަން ބުނުމުން އެދިމާއަށް ހިނގައިގަތީމެވެ.
“ކަލޯ މިރޭ މިއީ ބޮޑު ރެއެއް” އަހަރެން ގޮސް ޝިޔާމު ކައިރީގައި ހުއްޓުމާއިއެކު އަހަރެންގެ ކޮނޑުގައި ޖަހާލާފައި ޝިޔާމު ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ.
ސިޔާމުވެސް އައިސްހުރީ އޭނާގެ އަންހެނުން ހުމާވެސް ގޮވައިގެންނެވެ.
“ޒާމިރުވެސް ބުނި މިއަންނަނީއޭ” ޒާމިރު އެތަނަށް އަންނަ ވާހަކަ ޝިޔާމް ބުންޏެވެ.
“އެހެންތަ؟” ޝިޔާމް އެހެން ބުނުމުން އަހަރެން ބުނީމެވެ.
ޒާމިރަކީވެސް އަހަރެންނާއި ޝިޔާމާއި ދެމީހުންނާއި އެއް އޮފީހެއްގައި މަސައްކަތްކުރަމުން އަންނަ އަހަރެމެންގެ ގްރޫޕްގެ މީހެކެވެ.
“މިރޭ ކޮންމެވެސް ކޮޅެއްގަ ޖައްސާފަ ހުއްޓާލާނީ” އެރޭގެ ބޮޑުކަން ޝިޔާމް ސިފަކޮށްލިއެވެ. އެހެން ބުނެފައި އެއްވެފައިވާ ގްރޫޕްތަކު ތެރޭގައި ކުޑަކޮށް ވާހަކަ ހޯދާލުމަށް ހިނގަން ފެށީމެވެ. އެއްމެންގެވެސް ބަހުސުގެ އަމާޒު ދާދި އެއްގޮތެވެ. މައިގަނޑު ވާހަކައަކީ ސަރުކާރުގެ އަނިޔާވެރިކަމެވެ. ޖަލުގައި ހައްޔަރުކޮށްފައިވާ ތަފާތު ސިޔާސީ މީހުންގެ ވާހަކައެވެ. މިނިވަންކަން ލިބިފައި ނެއްވާހަކައެވެ. މައުމޫނުގެ ވެރިކަން ނިމުމަކަށް ގެންނަން ޖެހިއްޖެ ވާހަކަފަދަ ތަފާތު މަޢުލޫތަކެވެ.
މަޑުމަޑުން މީހުންތަށް ޖުމްހުރީ މައިދާނަށް ގިނަވަމުން ދިޔައެވެ.
“ކޮބާ އަދިކިރިޔާ މިއޮށްއައީނުން ބޮޑުމީހާ” ޒާމިރު އައިސް އަހަރެމެންނާއި އަރާ ހަމަވުމާއިއެކު ޝިޔާމު ބުންޏެވެ.
“ކޮބާ މިތާ ތިބޭއިރު ފެނާއި ކާނާ ކޮންމެވެސް ވަރަކަށް ހޯދައިގެންނުން ތިބެންވާނީ” ޒާމިރު އައިސް އަހަރެމެންނާއި ގުޅެމުން ބުނެލިއެވެ.
“އާން.. ތިބުނީ ތެދެއް، ހިނގާދަމާ ފެންބަލާ، އާޒިމް ކަލޭ މާޑުކުރޭ މިތާ އަހަރުމެން އަންނާނަން” ޝިޔާމާއި ޒާމިރު އަހަރެންނާއި ދިމާއަށް އެހެން ބުނެފައި ހިނގައިގަތެވެ. އަހަރެން ނުސްރާ އާއި ހުމާކައިރީގައި ޝިޔާމާއި ޒާމިރު އަންނަންދެން މަޑުކުރީމެވެ.
އޯގަސްޓް 12 ވަނަދުވަސް ނިމި 13 ވަނަދުވަހަށް ފެށުނުއިރު ޖުމްހުރީ މައިދާނަށްވަނީ މިއިން ދުވަހަކު ރާއްޖޭގެ އެއްވެސްތަނަކަށް މީހުން އެއްނުވާވަރަށް މީހުން އެއްވެފައެވެ. އިރު އިރުކޮޅާ މީހުންގެ ހަޅޭކުގެ އަޑުވެސް އިވެމުން ދިޔައެވެ.
ކޮންމެވެސް އެއްޗެކޭ މީހަކު ބުނެފަ ހަޅޭލައްވައިގަންއިރަށް ފަހަތުން އެއްވެފައިވާ މީހުން ހަޅޭލައްވައި ގަނެއެވެ.
“އަހަރެމެންނަކީ ގާފިލާއަށް ފެންއުފުލާ މީހުން” ޝިޔާމާއި ޒާމިރު ފެންކޭހެއް ހިފައިގެން އައިސް ކައިރީގައި ބަހައްޓަމުން ހިނިގަނޑެއް ޖަހާލާފައި ބުނެލިއެވެ.
“ހިނގާބަލަ އެކޮޅުގަ ހިނގާކަމެއް ބަލާލަން އެތަނުގަ ވަރަށް ފޯރި އެބަހުރި” ބޮޑު ދިދައާއި ދިމާއަށް އިޝާރާތް ކޮށްލަމުން ޝިޔާމް ބުންޏެވެ.
“ހުމާ އާއި ނުސްރާ މަޑުކުރޭ މިތަނުގަ” އެހެން ބުނުމަށްފަހު ޝިޔާމާއި ޒާމިރާއި އަހަރެން އެދިމާއަށް ހިނގައިގަތީމެވެ.
……ނުނިމޭ…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


good maumoonaky hama tiakahala mihe……..nice avaha up kodebala
maumonuge verikan vatalymaves kokkofulhu nikutynu