Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މައި ނޭމް އިޒް ޚާން (ފަހުބައި)

shan Level 410 Stories100 Comments500 Comments100 Login
November 20, 2013 12 Mins Read
18 Comments

އަހަރެން ހިތުގައި އެއްވެސް ނުތަނަވަސްކަމެއް ރުޅިވެރިކަމެއް ހާސްވުމެއްވެސް ނެތެވެ. އަހަރެން ހުރީ ޝާންޓޭ ރަށުގައި ނެތްކަން އެނގުމުން ހަމަޖެހިފައެވެ. ގޭ އިންފާރު ތެރެއަށް ވަދެވުމާއެކު މަންމަ ވާހަކަ ދައްކާ އަޑުއިވުނެވެ. އެހެންކަމުން ސަލާމް ގޮވައިނުލައި ގޮސް ދޮރު މައްޗަށް އެރީމެވެ. ހިނިތުންވެލަމުން ސިޓިންގ ރޫމް ތެރެއަށް ނަޒަރު ހިންގާލީމެވެ. އެޔާއެކު އަހަރެންގެ މެޔަށް ފިނިފެން އެއްޗެއް އޮއްސާލި ކަހަލަ އިޙްސާސެއް ކުރެވިގެން ދިޔައެވެ. ވަގުތުން މީހާ ގަނޑުވެ ހިނިތުންވުން ފިލާ ހިގައްޖެއެވެ. އެތެރެއަށް ލީ ނޭވާ ބޭރަށް ލާންވެސް ހަނދާން ނެތުންކަހަލައެވެ. އަހަރެން ވަށައިގެންވާ މަންޒަރުތައްވެސް ހުއްޓުން ކަހަލައެވެ. މިފެންނަނީ ހަމަ އޭނާ ހެއްޔެވެ؟ ޤަބޫލްކުރަންވެސް އުނދަގުލެވެ. އެހެނަސް އެއީ ހަމަ އޭނާއެވެ. އަހަރެންނަކަށް އެސޫރައެއް ނޯޅޭނެއެވެ. ސިޓިންގ ރޫމް ސޯފާގައި އިށީދެލައިގެން އެއިނީ ރީމް ނޫން ދެވަނަ ދެމީހެއް ނޫނެވެ. އަހަރެންގެ ހިތުގެ ހިނގުން މަޑުމަޑުން ލަސްވަމުން ދިޔަކަހަލަ އިޙްސާސެއް ކުރެވެމުން ދިޔައެވެ.

“..ދަރިފުޅާ ވިޚާން..” އަހަރެންނަށް ހޭވެރިކަންވީ މަންމަ ގޮވާލިއަޑަށެވެ.

ރީމް ދޮރާ ދިމާއަށް ބަލާލުމާއެކު ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. ރީމްއަށް ކޮޅަށް ތެދުވުނެވެ. ކުއްލިއަކަށް އަހަރެން ހިތް އޮބި ނޯންނަ ވަރަށް ތެޅެން ފެށިއެވެ. ރީމްގެ ބޮޑު ދެލޯ ބޮޑުކޮށްގެން ހުރެ އަހަރެންނަށް ބަލަމުން ދިޔައެވެ. އަހަރެން ހާސްވާން ފެށިއެވެ. ނިތްކުރިމަތިން ދާތިކިތައް ފައުޅުވާންފެށިއެވެ. ނަމަވެސް ހަމަޖެހޭގޮތް ދައްކަމުން މަންމައާ ދިމާއަށް ބަލާލަމުން ހިނިތުންވެލީމެވެ. ހަމަ އެސިކުންތުގައި ކުޑަފިރިހެން ކުއްޖަކު އެކުއްޖާގެ މަންމައަށް ގޮވަމުން ދުވަމުން އައިސް ރީމް ކައިރިއަށް ހުއްޓުނެވެ. ބަލާބެލުމަށް އެކުއްޖާއަށް 06 ވަރަކަށް އަހަރުވެދާނެއެވެ. ރީމް އެކުއްޖާއާ ދިމާއަށް ބަލާލަމުން އަހަރެންނާ ދިމާއަށް ބަލާލިއެވެ. އަހަރެންނަށް ހުރިހާ އެއްޗެއް ވިސްނުނެވެ. އެއީ އޭނާ ރަށްމެދަށްވިހޭ ދަރިފުޅެވެ. އެޔާއެކު އަހަރެންގެ ހިތުގައި ދިލަ ރިހުމެއް އުފެދެން ފެށިއެވެ. އަހަރެން ތަޤްދީރު މިކުޅެލީ ކޮންކަހަލަ ސަމާސާއެއް ހެއްޔެވެ؟ އަހަރެން މިގެޔަށް ވަންނާކަށް ބޭނުމެއް ނޫނެވެ. މިއަންހެނާގެ ވަސް ޖެހޭ ހިސާބަށްވެސް ހަމަހޭގައި ހުރެގެނެއް ނާންނާނަމެވެ.

“..ދަރިފުޅާ ދަނީތަ..” މަންމަގެ އަޑުއިވުނެވެ. ނަމަވެސް ޖަވާބެއް ދިނުމެއް ނެތި އަހަރެން ނުކުތީ ބޭރަށެވެ.

“..ވިޚާން..” ޝާކިރާއްތަ ގޮވާލި އަޑުއިވުނެވެ. އަހަރެން ބަލާލިއިރު ޝާކިރާއްތަ ދޮރުމަތީ ހުއްޓެވެ. ގަދަކަމުން ހިނިތުންވެލީމެވެ.

“..ދަނީތަ؟..” ޝާކިރާއްތަ އެހިއެވެ.

“..އާނ.. ކައުންސިލްއަށް ވަދެލަން.. ހަނދާންނެތިފަ މިހުރީ..” އަހަރެންނަށް ވަރަށް އުނދަގުލުން ބުނެވުނެވެ.

އަހަރެން ނިތްކުރިމަތިން ފާޅުވެފައިވާ ދާތިކިތައް ފޮހެލަމުން ހިނގައި ގަތީމެވެ. މިސްރާބު ހުރީ ގެޔާ ދުރަށެވެ. ބޭނުންވަނީ އެގެވެސް ނުފެންނަ ހިސާބަށް ދާށެވެ. ދެވޭނަމަ އެރަށުން ފައިބެގެންވެސް ދިޔައީމުހެވެ. ބާރު ހިނގުމުގައި ދިޔައިރު މަގުމަތީ އުޅޭ މީހުންނަށާއި، ދުއްވަމުން ދިޔަ ދުއްވާ އެއްޗެއްސަށް ސަމާލުކަމެއް ނުދެވުނެވެ. ސިކުނޑީގައި އިނީ ރީމް އެކަންޏެވެ. ދެންމެ ވެގެންދިޔަ ކަންތައް، އެމަންޒަރު ރިޕީޓްވަމުން ލޮލަށް ފެންނަ ކަހަލައެވެ. އެހަނދާންތައް އާވަމުން ދިޔައެވެ. މާޒީގެ ހަނދާންތައް އައި ވަރަކަށް ދިޔައީ ދެބުމަގޮށްޖެހެމުންނެވެ. ރުޅި ގަދަވަމުންނެވެ. އެގެޔަށް ނުދެވުންނަމަ އޭ ހިތަށް އަރަމުންދިޔައެވެ. އެހެންނޫންނަމަ އެސޫރަ ނުފެނުނީސްކަން ގައިމެވެ.

އަހަރެން ފޭބީ ގޮނޑު ދޮށަށެވެ. އެތާހުރި އަށްޓެއްމަތީ އިށީދެލީމެވެ. ދެއަތް ފުރަގަހުން ވިއްދާލާ މަތިބަލާލަމުން ދެލޯމަރާ ބާރުކޮށްލީމެވެ. ޖެހެމުންދިޔަ ފިނިވައި ރޯޅިތަކުން ހަށިގަނޑު ފިނިކުރަމުން ދިޔައެވެ. އަހަރެންގެ އަމިއްލަ ނަފްސް ހަމަޔަކަށް އަޅުވާލަން މަސައްކަތް ކުރީމެވެ. މުޅި ހަށިގަނޑަށާއި ބޮލަށް ފިނިކަން އިޙްސާސްވަމުން ދިޔުމުން ކޮންމެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ރުޅިގަނޑުވެސް ކޮންމެވެސް ވަރަކަށް ކޮންޓްރޯލްކުރެވުނެވެ.

އަހަރެން އަމިއްލަ ނަފްސާ ސުވާލުކުރެވުނެވެ. އަހަރެން މިހާ ފިނޑީ ކީއްވެގެން ހެއްޔެވެ؟ އެންމެ ސިކުންތަކުވެސް އޭނާގެ ކުރިމަތީގައި ހުރުމުގެ ހިތްވަރު ނުލިބެނީ ކީއްވެގެން ހެއްޔެވެ؟ އެސޫރަ ފެނުމުން މިހިތަށް އެވަނީ ކޮންގޮތެއް ހެއްޔެވެ؟ އަހަރެންގެ ލޭތައް ކެކިގެން ދަނީ ކީއްވެގެން ހެއްޔެވެ؟ ކުރެވޭ ނަފްރަތާ އެއްވަރަށް ލޯބިވެސްވާ ކަހަލައެވެ. އެއީ އަހަރެންގެ މާޒީއެވެ. ނަމަވެސް އިއްޔެއެކޭ މިއަދެކޭ އޮތީ ކޮންތަފާތެއް ހެއްޔެވެ؟ އެމާޒީ މިހިތުން ފިލާނުދަނީ ކީއްވެގެން ހެއްޔެވެ؟ އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން އެ ހަނދާންތައް ކުރަން މަޖުބޫރު އެބަކުރުވައެވެ. މިކަމުން މިންޖުވާނީ ކޮންދުވަހަކުން ހެއްޔެވެ؟ ހަމަޖެހިލައިގެން އުފަލުގައި އުޅުމުގެ ނަސީބު ލިބޭނެބާއެވެ؟ މުޅިންވެސް ޖަވާބު ނުލިބޭ ސުވާލްތަކެވެ. އަހަރެން ޖެހޭނީ ހިތްވަރުކޮށްގެން އުޅޭށެވެ. ފާއިތުވެދިޔަ އަހަރުތަކުގައިވެސް އުޅުން ގޮތަށެވެ. ކޮންމެވެސް ދުވަހަކުން އެސޫރަވެސް މިހިތުން ފޮހެވިގެން ހިނގައި ދާނެއެވެ.

އެދުވަހު އަހަރެން އެނބުރި ޝާކިރާއްތަމެން ގެޔަކަށް ނުދަމެވެ. އެގެޔަށް ދާނެ ހިތްވަރު ނުލިބުނީއެވެ. ރީމް ފެންނަން ހިސާބަށް ދާން ބޭނުންނުވީއެވެ. ފެރީ ފުރާގަޑި ކައިރިވުމުން މަންމައަށް ގުޅުމަށްފަހު ބަނދަރު މައްޗަށް ނުކުތުމަށް އެދުނީމެވެ.

“..ދަރިފުޅު އެއްވެސް އެއްޗެއް ނުގަންނަންތަ؟..” މަންމައަށް އަހަރެން ފެނުމާއެކު އެހިއެވެ.

“..އާނ.. ވަގުތެއްނުވި..” އަހަރެން ޖަވާބުގައި ބުނެލީމެވެ. “..ހިނގާ އަރަން.. ނައްޓާލާ ގަޑި ޖެހެނީ..”

“..ދަރިފުޅަށް ސަލާމްބުނި އެންމެންވެސް..” ފެރީއަށް އަރާ ހަމަޖެހިލުމާއެކު މަންމަ ބުންޏެވެ. އަހަރެން ހިނިތުންވެލީމެވެ.

“..ރީމާވެސް ވަރަށް ގަދަޔަށް ސަލާމް ބުނި..” އަހަރެންގެ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. އަނގަޔަކުން ނުބުނަމެވެ. ފެރީ ނައްޓާލައިފިއެވެ. ދިއްދޫ ފަޅުން ނުކުމެގެން ވަށަފަރާ ދިމާއަށް މިސްރާބު ޖެހިއެވެ.

“..މަންމާ..” އަހަރެން މަންމައަށް ގޮވާލީމެވެ. ހިތުގައި އުފެދުނު ސުވާލެއްގެ ޖަވާބު ހޯދައި ލުމަށެވެ.

“..ރީމާ ޝާކިރާއްތަ މެން ގޭގަތަ އުޅެނީ؟..” އެސުވާލްގެ ޖަވާބު ހޯދުމަށް ހިތް ގޮވަމުން ދާކަހަލައެވެ.

“..ނޫން ރީމާ ޑޮކްޓަރަށް ދައްކަންއައިސްގެން..” އަހަރެންނަށް ހިފަހައްޓައިގެން އިންނޭވާ ބޭރުކޮށްލެވުނެވެ.

އަހަރެންނަށް އެދުވަހުގެ ރޭ ވެގެން ދިޔައީ ބޮޑު ރެޔަކަށެވެ. އެތަކެއް ދުވަހަކަށްފަހު ނިދިން މަޙްރޫމްވެގެން ދިޔަ ރެއަކަށެވެ. ލޯ މަރާލާއިރަށް ފެންނަނީ އެ ސޫރައެވެ. ސިޓިންގ ރޫމްގައި އިށީނދެލައިގެން އިން މަންޒަރެވެ. ކުއްލިއަކަށް ތެދުވެ އެރީތި ބޮޑު ދެލޮލުން ބަލާލި މަންޒަރެވެ. ރީމްގެ ރީތިކަމަށް އެއްވެސް ބަދަލެއް އައިސްފައެއްނުވެއެވެ. ހަމަ އެހިމަތޮޅި ހަށިގަނޑެވެ. އެރީތި ތުންފަތާއި ބޮޑު ދެލޮލެވެ. އަޅައިގެން ހުރި ޝޯލް އެރީތި ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެޔެވެ. ހާދަހާވާ ރީއްޗެވެ. ހާދަހާވާ ފުރިހަމައެވެ. ހިތުގައި ރިއްސާލިއެވެ. ހަމައެޔާއެކު އެރީތި ކަމުގެ ފުރަގަހުގައިވާ ތަސްވީރުވެސް ސިފަވެގެން ދިޔައެވެ. ހިތުގައި ރުޅިވެރިކަމެއް އުފެދުނެވެ. މާޒީގައި އެފަދަ ބޭވަފާތެރިޔަކަށް އިތުބާރުކުރެވުން އެއީ އަހަރެން ހަނދާންކުރަން ބޭނުންވާ ހަޤީޤަތެއް ނޫނެވެ.
އަހަރެން ރީމްގެ ހަނދާންތަކާ ދުރުވެލުމުގެ ބޭނުމުގައި ފޯންނަގައި މިގް ތާރޓީ ތްރީއަށް ލޮގިންވެލީމެވެ. ނަމަވެސް ޗެޓް ކުރާ ހިތެއްނުވިއެވެ. ފޭސްބުކް އިންވެސް އޮންލައިން ވެލީމެވެ. މީހަކާ ވާހަކަ ދައްކާ ހިތްނުވުމުން އޮފްވީއެވެ. ޓީވީ އޮން ކޮށްލީމެވެ. ނަމަވެސް ޓީވީވެސް ބަލާހިތެއް ނުވިއެވެ. އެއްކަމެއްވެސް ކުރާ ހިތެއްނުވެއެވެ. ކަމެއްކުރާހިތްވާނީވެސް ކިހިނަކުން ހެއްޔެވެ؟ ހިތުގައި މިވަނީ އެޔަށްވުރެ ބޮޑު ހައިޖާނު ގަނޑެއް އުފެދިފައެވެ.

އަހަރެންނަށް ހަމަޖެހުމެއް ލިބޭނީ މިކަމުން ސަލާމަތްވެވިގެންނެވެ. މިހަނދާންތަކާ ދުރުވެވިގެންނެވެ. އެކަންވާނީ އަހަރެންނަށް އޯގާތެރިވެ އަޅާލާނެ ބައިވެރިޔަކު ލިބުނު ދުވަހަކުންނެވެ. ނަމަވެސް ބައިވެރިޔަކު ހޯދުމަކީވެސް ކުރެވޭނެ ކަމެއް ނޫނެވެ. އަހަރެން ކަހަލަ މީހަކު އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. އަހަރެންގެ އިޙްސާސްތަކާއި ކަންބޮޑުވުންތައް ހިއްސާކޮށްލާނެ ގާތް ރަޙްމަތްތެރިއަކުވެސް ނެތެވެ. ނޫނެކެވެ. ނެތީކީ ނޫނެވެ. މާޒީގައި ކަންތައް ހިނގާފައިވާ ގޮތުން އެއްވެސް މީހަކާ ވާހަކައެއް ހިއްސާކުރަން ބޭނުންނުވަނީއެވެ.

ރީމްވަކިވެގެން ދިޔަތާ 07 އަހަރު ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. މިވޭތުވެދިޔަ 07 އަހަރުތެރޭވެސް އަހަރެންގެ ހިތުގައި ޖަވާބު ހޯދަން ބޭނުންނުވާ ސުވާލެއް އޮތެވެ. ޖަވާބު އެނގެން ބޭނުންނުވާ ސުވާލެއް އޮތެވެ. ރީމްގެ ބަނޑުބޮޑުވީ ކާކުގެ ދަރިއަކަށް ހެއްޔެވެ؟ ރީމްގެ ދަރިފުޅުގެ ބައްޕައަކީ ކާކު ހެއްޔެވެ؟ އަހަރެންނަށް ހީވާގޮތުގައި އެދަރިފުޅުގެ ބައްޕައަކީ ކާކުކަމެއް ހުދު ރީމްއަކަށްވެސް ނޭގޭނެއެވެ. އޭރު ރަށުތެރޭގައި ރީމްއޭ ކިޔައިގެން ތަފާތު އެތަކެއް އަޑުތަކެއް ފެތުރިފައި ވެއެވެ. ރީމްގެ ދަރިފުޅު ވައްޓާލުމަށް އިންޑިޔާއަށް ދިޔަ ވާހަކަތަކެއްވެސް އަޑުއިވިފައި ވެއެވެ. ނަމަވެސް އޭނާގެ ދަރިފުޅު އެހުރީ ދުނިޔޭގައެވެ. އެއީ ދޮގުވާހަކަތަކެއްކަން ޔަޤީންވިއިރުވެސް އަހަރެން ރީމްދެކެ އަންނަ ރުޅިއަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ބަނޑުދޮވެ ކުއްޖާ ވައްޓާލައިފައި ނުވިކަމުގައިވިޔަސް ރަށުތެރޭ ދެން ދެކެވުނު ހުރިހާ ވާހަކަތަކަކީ ހަޤީޤަތްކަމަށް ޤަބޫލްކުރެވެއެވެ. އެހެނަސް އަހަރެންނަށް ނޭގުންކަމަކީ އެއިން ކޮންމެ ކަމެއްގެ ކޮންމެ އަޑެއްގެ ފަހަތުގައި ފޮރުވިފައި އިތުރު ހަޤީޤަތެއްވީކަމެވެ. ދެންއައީ އެދުވަހެވެ. އަހަރެންނަށް ހުރިހާކަމެއް އެނގުނު ދުވަހެވެ.

ހަވީރުގެ ވަގުތެވެ. އާދައިގެ މަތިން އަހަރެން ލެޕްޓޮޕް ހިފައިގެން ގެއިން ނުކުތީ އަތިރި މައްޗަށް ދިޔުމުގެ ބޭނުމުގައެވެ. ރަށަށް 3ޖީ ލިބެނީ ހަމައެކަނި އެސަރަހައްދަށް ކަމަށްވުމުން ކޮންމެ ދުވަހަކު ކަހަލައިން އަތިރިމައްޗަށް ދިޔުމަކީ އަހަރެންގެ އާދައެކެވެ. އެގޮތުން މިއަދުވެސް މިދަނީ ހަބަރުތައް ކިޔާލައި، ފޭސްބްކް ބަލާލުމުގެ ބޭނުމުގައެވެ.

މިއަދަކީ ފުދޭވަރަކަށް ވައިޖެހޭ ހިތްގައިމު ދުވަހެކެވެ. އުޑުމަތިވެސް ވަރަށް ސާފެވެ. ނަމަވެސް މިފަދަ ހިތްގައިމު ދުވަހެއްގައިވެސް އަތިރިމަތީ މީހަކު ފެންނަން ނެތުމުން ހިތުގައި ސުވާލް އުފެދުނެވެ. އެހިނދު ހަނދާނަށް އައީ މިއަދު މީ ސުކޫލުގައި ކަސްރަތު މުބާރާތުގެ އިވެންޓްތައް އޮންނަދުވަސް ކަމެވެ. މިއަދު އަތިރިމަތީ މީހަކު ނެތީ އެހެންވެ ކަންނޭގެއެވެ.

އަހަރެންގެ މިސްރާބް ހުރީ ހޮޅުއަށްޓާ ދިމާއަށެވެ. މިއަދު މީ ހޮޅުއަށިވެސް ފަޅުވެފައިވާ ދުވަހެކެވެ. ހޮޅުއަށްޓާ ހަމައަށް ދެވުންފަހުން އަހަރެންނަށް ދުރުގައި އުޅޭ ދެ އަންހެނަކާއި ކުޑަ ދެކުދިން ފެނުނެވެ. އެމީހުން ތިބީ ފާލަންކައިރީ ހުރި ރުއްތަކެއް ކައިރީގައެވެ. ފާލަންމަތީގައިވެސް ކޮންމެސް ބަޔަކު އުޅުނެވެ. އަހަރެން ދެލޯ ކުޑަކޮށްލަމުން އެމީހުންނާ ދިމާއަށް ރަނގަޅަށް ބަލާލީމެވެ. ނަމަވެސް ފާލަމާ ހޮޅުއަށްޓާ ދުރުކަމުން ކޮން ބަޔެއްކަން ދެނެގަންނާކަށް ނޭގުނެވެ. އެހެނަސް އެތަނުގައި ޒާނާ ހުރިހެންވެސް ހީވިއެވެ. ޔަޤީނެއް ނުވެއެވެ. ދެން އުޅުނީ ކޮންބަޔެއް ކަމެއް އެއްގޮތަކަށްވެސް ނޭގުނެވެ. ރަށުން ބޭރު ބަޔަކަށްވެސް ވެދާނެއެވެ.

އަހަރެން އޮތީ ހޮޅުއަށީގައި އޮށޯވެލައިގެންނެވެ. ދެފައި ހިއްލާލައި ފަލަމަސްގަނޑު މަތީ ލެޕްޓޮޕް ބަހައްޓައިގެން އެޔަށް ނަޒަރު ސީދާކޮށްލައިގެންނެވެ. ފަހަތުން މީހެއްގެ ހިލަމެއްވީހެން ހީވިއެވެ. ހަމަ އެވަގުތު މީހެއްގެ ހިޔަނި ލެޕްޓޮފަށް އެޅުނެވެ. އޮތްގޮތަށް އޮވެ ބޯ އަރިކޮށްލަމުން ފަހަތްބަލާލީމެވެ. އަހަރެންނަށް ފަހަތުގައި ހުރި ރީމް ފެނުމާއެކު ހުއްޓުން އެރިއެވެ. އެންމެފަހުން މިރަށަށްވެސް އައީ ހެއްޔެވެ؟ އަހަރެންނަށް އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިފައި ބަލަހައްޓައިގެން އޮވެވުނީ ޤަބޫލް ނުކުރެވިގެންނެވެ. ރީމް ހިނިތުން ވެލިއެވެ. އެޔާއެކު އަހަރެންނަށް ކުއްލިއަކަށް ތެދުވެވުނެވެ. އޭރު ހިތް އޮބި ނޯންނަވަރަށް ތެޅެމުން ދިޔައެވެ. ދެވަނަ ފަހަރަށް ފަހަތް ބަލާލާކަށްވެސް ނުކެރުނެވެ. ތަފާތު އެތަކެއް އެއްޗެހިތަކެއް ހިތަށް އަރާ ފައިބަމުން ދިޔައެވެ. އެހެން އިންދާ ރީމް ހޮޅުއަށީގައި އިށީނެވެ.

ރީމް އެއްވެސް ވާހަކައެއް ނުދައްކައެވެ. އަހަރެން އިނީ އިސްޖަހައިލައިގެން ލެޕްޓޮޕަށް ބަލާށެވެ. ނަމަވެސް ސިކުނޑި އެނބުރެނީ އެހެން ދިމާއެއްގައެވެ. ރީމްއާ ދިމާއަށް ބަލާލުމަށް ހިތް ގޮވަމުން ދިޔައެވެ. ރީމް އެތާ އިނދެދާނެ ނޫން ހެއްޔެވެ؟ އަހަރެން ބަލާވެސް ނުލާނަމެވެ. އަހަރެން އެސޫރައަށް ބަލައިގެން ނުވާނެކަމަށް ހިތަށް ވިސްނާދިނީމެވެ. އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލަމުން ލެޕްޓޮޕަށް ސަމާލުކަންދެވޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް މަސައްކަތްވީ ބޭކާރެވެ. އަހަރެންގެ ސަމާލުކަން ރީމް ދަމައިގަންނަން އުޅޭކަހަލައެވެ. ވައްކަޅިން ރީމްއަށް ބެލެނީއެވެ. އަހަރެންނަށް ބުނެދޭން ނޭގޭ ކަހަލަ އުނދަގޫތަކެއް ވަމުން ދިޔައެވެ. އެކަމުން ބާރު ބޮޑުވަމުން ދިޔައީ ސިކުނޑިއަށެވެ. އެޔާއެކު ރީމް ދެކެ ހިތްހަމަ ނުޖެހެން ފެށުނެވެ. ރުޅި އަންނަގޮތް ވިއެވެ. އެތަކެއް އަހަރުތަކެއް ފަހުން ރީމް މިއުޅެނީ ކޮން ޖެއްސުމެއް ކުރާނަމޭ ހިތާ ހެއްޔެވެ؟ އަހަރެން ހަމަޖެހިގެން އުޅުނަ ނުދޭނަމޭ ހިތާ ހެއްޔެވެ؟ އަހަރެން ތިކަން ކާމިޔާބު ވިޔަކަ ނުދޭނަމެވެ. ލެޕް ލައްޕާލަމުން ހޮޅުއަށިން ތެދުވީމެވެ. ރީމްވެސް ކޮޅަށް ތެދުވިއެވެ.

“..ޚާން..” އަހަރެން ހިނގައިގަތުމާއެކު ރީމް ގޮވާލިއެވެ. ނަމަވެސް އަހަރެން އަޅައެއް ނުލަމެވެ. ބަލާވެސް ނުލަމެވެ.

“..ޚާން މަޑުކޮށްބަލަ..” ރީމްގެ އަޑު އިވުނީ ވަރަށް ގާތުންނެވެ. ހީވާގޮތުން ފަހަތުން އަންނަނީއެވެ. ހިނގުން ބާރުކޮށްލީމެވެ.

“..ޚާން..” ރީމް އަހަރެންނާ އެއްހަމައަކަށް އެރިއެވެ. އަހަރެން ހިނގަމުން ދިޔަވަރަކަށް ރީމްވެސް ހިނގަމުން ދިޔައެވެ. ވާހަކައެއް ދައްކާލުމަށް މަޑުކޮށްދިނުމަށް އެދެމުން ދިޔައެވެ. އާދޭސް ކުރަމުން ދިޔައެވެ. ނަމަވެސް އަހަރެން އެއަޑު އިވޭކަމަކަށް ނުހަދަމެވެ.

“..ޚާން އަޑު ނީވެނީތަ.. މަޑުކޮށްބަލަ..” ރީމް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ.

“..މަގެ އަތުން ދޫކޮށްލާ..” އަހަރެން ރުޅި އައި ނަމަވެސް ބުނީ މަޑުންނެވެ. ރީމް އަތުން ދޫކޮށްލިއެވެ. އަހަރެން ހިނގައި ގަތީކުރިއަށެވެ. އެޔާއެކު ރީމްވެސް ހިނގައިގަތެވެ. އަހަރެން އިތުރަށް ރުޅި ގަދަވިއެވެ. މީ ކިހިނެއްވެގެން އުޅޭ އަންހެނެއް ހެއްޔެވެ؟

“..މޮޔަވެގެންތަ ތިއުޅެނީ..” އަހަރެން ހުއްޓުނީމެވެ. ނަމަވެސް ރީމްއާ ދިމާއަށް ބަލާވެސް ނުލަމެވެ.

“..އަހަރެން ބޭނުމީ ޚާންގެ މާފް..” ރީމް މަޑުމަޑުން ބުނެލިއެވެ. “..ޚާން އާ ވާހަކަ ދައްކާލަން ބޭނުންވަނީ..”

“..ކޮންކަމަކަށް.. ކޮންވާހަކައެއް..” އަހަރެން ވަގުތުން އެހީމެވެ.

“..އަހަރެންނަކީ ޚާން ތި ހީކުރާކަހަލަ ގޯސްމީހެއް ނޫން..” އަހަރެންނަށް ލެޕްޓޮޕްގައި ބާރަށް ހިފަހައްޓައިލެވުނެވެ. ދެދަތްޕިލަ ޖައްސާ ބާރުކޮށްލެވުނެވެ.

“.. ބޭކާރު ވާހަކަ އަޑުއަހާކަށް ވަގުތެއްނެތް.. ކަލޭ ރަނގަޅުކަމުންނެއްނުން ރަށްމެދަށް ބަލިވެ އިނީވެސް..” އަހަރެން އަނެއްކާވެސް ހިނގައިގަތީމެވެ. އަހަރެންގެ މާފެއް ދުވަހެއްގެ ކޮޅުންވެސް ރީމްއަކަށް ނުލިބޭނެއެވެ. އޭނާ ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށްވެސް ބޭނުމެއް ނޫނެވެ.

“..ޚާން ރުޅި އަންނަނީ ހަޤީޤަތް ނޭގޭތީ..” ރީމް އަހަރެންގެ ކުރި މައްޗަށް އެރިއެވެ. “.. ޚާން ރުޅި ތިއަންނަނީ އަހަރެންނަށް އެއްވެސް ވާހަކައެއް ކިޔައިދެވިފަ ނެތީމަ.. އެހެންވެ އެކަމަށް މާފަށް އެދެން ބޭނުންވަނީ.. އަހަރެން ބޭނުން ހުރިހާ ކަމެއް އޮޅުންފިލުވާދޭން.. މަޑުކޮށްލަދީބަ ހަމަ އެންމެ ފަސްމިނެޓަށް.. ޕްލީޒް..” އަހަރެން ރީމްއާ ދިމާއަށް ބަލާލުމާއެކު ދެމީހުންގެ ހަތަރު ކަޅި ސީދާވެގެން ދިޔައެވެ. ރީމްގެ ލޮލު ތެރެއަށް ޖަމާވަމުންދިޔަ ކަރުނަތައް ފެނުނެވެ. އެމޫނުމަތިން ފެންނަނީ އާދޭހުގެ ކުލަވަރެވެ. ނަމަވެސް އެމޫނު ފެނުމުން އަހަރެންގެ ހިތަށްވެރިވީ ފޫހިކަމެވެ. ރުޅިވެރިކަމެވެ. އަހަރެންނަށް ދަތްކުނޑި ވިކާގަނެވުނެވެ.

“..ކަލޭގެ ހަޤީޤަތް އެންމެނަށްވެސް އިނގޭ.. ދިއްދޫގެ މުޅި ރައްޔިތުންނަށްވެސް އިނގޭ.. މަށަށްވެސް އިނގޭ.. ކަލޭ ފިރިހެނުންނާ ގުޅުންތައް ހިންގަމުން ދުވިކަން އެންމެނަށްވެސް އިނގޭ.. އިތުރަށް ބުނެދޭންޖެހޭވަރުގެ ހަޤީޤަތެއް ނެތް..”

“..ތީ ހުސްދޮގު..” ރީމް އަޑަށް ބާރުލަމުން ބުނެލިއެވެ.

“..އެއީ ހަމަ ތެދު..” އަހަރެން އެޔަށްވުރެ ބާރަށް ބުނީމެވެ. “..ކަލެޔަށް ލިބުނުދަރި އެއީ އެކަމުގެ ހެތްކެއް..”

“..ޚާން ޕްލީޒް..” އެއަޑުގައިވަނީ އާދޭހެވެ.

“..ތިވާހަކަތައް ގޮސް އެހެން މީހަކަށް ކިޔާދީ..” އަހަރެން ރީމްއާ ދިމާލަށް ކަޅި އަޅާލަމުން ހިނގައިގަތީމެވެ. ރީމްގެ ލޮލަށް ޖަމާވެފައިވާ ކަރުނައަކަށް އަހަރެން ނުހެއްލޭނެއެވެ. އެކަރުނައަކުން މިހިތަކަށް އަސަރެއްވެސް ނުކުރާނެއެވެ.

“..އެއީ ނާއިލް އަހަންނަށްދިން ލަނޑެއް..” އިވިގެންދިޔަ އަޑާއެކު އަހަރެންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އަޔެވެ. ފަހަތަށް އެނބުރި ބަލާލެވުނެވެ.

“..އަހަރެންގެ ގަޔަށް އޭނަ އެރީ.. އަހަރެންނަށް މަޖުބޫރުކޮށްގެން ބޭނުންހިފާލީ.. ބަނޑު ބޮޑުވީވެސް ނާއިލްގެ ސަބަބުން..” ރީމްގެ އަޑު ކުރަކިވެގެން ދިޔައެވެ. “..މިވާހަކަ ބުނެދޭން އުޅޭތާ ކޮންދުވަހެއް.. ޚާންއަށް އެނގެންވާނެ އެކަހަލަ ވިޔާނުދާކަމެއް ނުކުރާނެކަން.. އަހަރެން ލޯބިވީ ހަމައެކަނި ޚާންދެކެ.. އަދިވެސް ޚާންދެކެ ލޯބިވޭ.. އަހަރެން..”

“..ޝަޓް އަޕް..” އަހަރެން ބާރު ހިނގުމުގައި އައިސް ރީމް ކައިރިއަށް ހުއްޓުނީމެވެ. އޭރު ރީމްއަށްވަނީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. “..ކަލޭގެ މުޑުދާރު ދުލުން މަދެކެ ލޯބިވެޔޭ ނުބުނާތި.. މަށަށް ކަލޭގެ ގޮތް ވަރަށް ރަނގަޅަށް އިނގޭ.. ނާއިލްއެއް ނޫން ކަލޭ ގަޔަށް އެރީ.. ކަލޭ ނާއިލް ގަޔަށް އެރީ..”

“..ޚާން..” ރީމް ހަޅޭލަވައިގަތެވެ.

“..މާ ބާރަށް ހަޅޭ ނުލަވާ..” އަހަރެންގެ ލޭތައް ކެކިގަތެވެ. ދެދަތްޕިލަޖައްސާ ބާރުކޮށްލެވުނެވެ. “..ހަޅޭލެވިޔަސް ހަޤީޤަތެއް ބަދަލެއްނުވާނެ.. ކަލޭ ހީކުރީ ކީކޭ ކަމަށްތަ؟ މީ ކުޅޭ ކުޅޭ ޑްރާމާއެއް ކަމަށްތަ؟ 07 އަހަރު 08 އަހަރު ފަހުން އައިސް ނާއިލް މަގަޔަށް އެރީއޭ ބުނީމަ މަވީ ޤަބޫލްކުރަންތަ؟.. ކަލޭ ހީކުރީ މަމީ އެހާބޮޑު މޮޔައެއްކަމަށްތަ؟ ތިކަހަލަ މޮޅެތި ވާހަކަދައްކައިގެން މަ ހައްލާލެވިދާނެކަމަށް ހީނުކުރާތި.. މަށަށް ވަރަށް ރަނގަޅަށް އިނގޭ ތިޔަ އަންހެނާގެ ގޮތް..”

އަހަރެންގެ ސިކުނޑި ރީމް ދެއްކި އެއްވެސް ވާހަކައެއް ޤަބޫލްކުރުމަކަށް އެއް ބަހެއް ނުވިއެވެ. އެއީ ތެދުކަމުގައި ވާނަމަ އެވާހަކަ ބުނެދޭންޖެހޭނީ މިއަދަކު ނޫނެވެ. ރީމް އެއުޅެނީ މޮޅު ވާހަކައެއް ދައްކައިގެން ހައްލުވާލާށެވެ. ނާއިލް ކަހަލަ މަތީ މަޤާމެއްގައި ހުރި މީހަކު އަދި އެހެންމެ ދިއްދޫ މުޅި ރައްޔިތުން ކަހަލައިން އެމީހަކަށް އިޚްތިރާމްކުރާ މީހަކު އެފަދަ ދަށުދަރަޖާގެ އަމަލެއް ނުހިންގާނެއެވެ. ނާއިލް ގޯހެއް ހެދިނަމަވެސް ހަދާފައި އޮންނާނީ ރީމްގެ ސަބަބުންނެވެ. އަހަރެންގެ ސިކުނޑި ވިސްނާދިނީ އެގޮތަށެވެ.

“..ޚާން ޕްލީޒް.. އަހަރެން މިހަދަނީ ދޮގެއްނޫން.. ޤަބޫލްކޮށްބަލަ..” ރީމް އަހަރެން އަތުގައި ހިފާލިއިރު އެދެލޮލުން ކަރުނަ ފައިބަމުން ދިޔައީ ހިފެހެއްޓުމެއް ނެތިއެވެ.

“..ތި މުޑުދާރު އަތުން މަގެގައިގަ އަތް ނުލާތި..” އަހަރެން ރީމްގެ އަތް ފޮޅުވާލީމެވެ. އަހަރެން އެއްވެސް މީހަކަށް އިތުބާރެއް ނުކުރާނަމެވެ. އަދި އަމުދުން ރީމްއަކަށް ނުކުރާނަމެވެ.

“.. ކަލޭ ތިދައްކާ އެއްވެސް ވާހަކައެއް މި މުޙައްމަދު ވީޚާންއެއް ޤަބޫލެއް ނުކުރާނަން.. ދުވަހެއްގެ ކޮޅުންވެސް ކަލެޔަކަށް މާފެއް ނުކުރާނަން.. ހީނުކުރާތި ތިކަރުނައިން މަށަށް އަސަރުކުރާނޭ.. ކިތަންމެ ވަރަކަށް ކަރުނަ ބާލަމުން ރުޔަސް މަށަކަށް ތި ކަރުނައަކުން ނޫނީ ކަލޭ ރޯރުއިމަކުންވެސް އެއްވެސް އަސަރެއް ނުކުރާނެ.. ތިމަޅީގަ ކޮންމެވެސް އެހެން ފިރިހެނެއް ޖައްސަންދޭ.. އަދި ފިރިހެނުން ހުސްވެގެން ރޯވަރެއް ނުވޭނުން.. މަށެއް ދެނެއް ތިމަޅިއަކު ނުބެދޭނަން.. ކެހިދެވޭނީ އެއްފަހަރު.. އަޑުއިވިއްޖެތަ.. ކަލޭ ލަދުކުޑަކަމާ ގޮތްކުޑަކަމުން މިރަށަށް އަންނަން ތި ކެރުނީވެސް.. މަ ކަލެޔަށް ނަފްރަތު ކުރަން ނަފްރަތު ކުރަން.. މިނަފްރަތު އުމުރަށްވެސް ކުރާނަން.. ކަލެޔަށް ރަނގަޅު ދިރިއުޅުމެއް ނުދެއްވާތޯ ދުޢާވެސް ކުރާނަން..” އަހަރެން ހިނގައި ގަތްއިރު އަތްވަނީ މުއްކަވާ ބާރުކޮށްލެވިފައެވެ. ދެލޯވަށްވެ ދެބުމަވަނީ ގޮށްޖެހިފައެވެ. އަހަރެން އެތެރެ ހަށިން އަރަމުން ދިޔަ ހޫނުގެ ސަބަބުން މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ.

“..ކަލޭ ތީ އިންސާނެއްތަ ނޫނީ ޖަނަވާރެއްތަ؟..” އިވިގެންދިޔަ އަޑާއެކު ހުއްޓެން މަޖުބޫރުވިއެވެ. އެއީ ރީމްގެ އަޑެއް ނޫނެވެ. ޒާނާގެ އަޑެވެ. އަހަރެން ރުޅިވެރިކަމާއެކު ބަލާލީމެވެ. ރީމް އޮތީ ޒާނާ ކޮނޑުގައި ބޯ އަޅައިގެންނެވެ. ޒާނާ ރުޅިވެރި ނަޒަރަކުން އަހަންނަށް ބަލަމުންދިޔައެވެ. އެދެލޮލުން އަލިފާންކަނި ބުރާ ކަހަލައެވެ. އެއަލިފާނުން ފިއްސާލަން ބޭނުންވާ ކަހަލައެވެ.

“..ކަލޭގެ ހިތޭ މިކިޔާ އެއްޗެއްވެސް ނެތީތަ..” ޒާނާ ބާރަށް ބުނެލިއެވެ. “..ތީ ހިތެއް ނެތް އިންސާނެއް.. އިންސާނެއްވެސް ނޫން ތީ ޖަނަވާރެއް.. ހަމަ ފައްކާ ޖަނަވާރެއް..” ކޮނޑުމަތީ ރޯން އޮތް ރީމް ތެދުވިއެވެ.

“..ނޫން..ޒާނާ.. ތިކަހަލަ އެއްޗެހި ނުކިޔާ..” ރީމް ކަރުނަތައް ފޮހެލަމުން ނޯއްދަމާލިއެވެ. “..ޚާންގެ މަޤާމުގަ އެހެންމީހަކު ހުރި ނަމަވެސް އެގޮތަށް ވިސްނާނީ.. ވިސްނޭނީވެސް އެގޮތަށް ކުއްވެރިއަކީ ޚުދު އަހަރެން..”

“..ތި ހީކުރާކަހަލަ މާތްފިރިހެނެއްނޫން އެޔަކީ..” ޒާނާ އަހަރެންނާ ދިމާއަށް އިނގިލި ދިއްކުރަމުން ރީމްއަށް ބަލަމުން ވާހަކަ ދެއްކީ ބާރަށެވެ. “..މިހާރު އެފެންނަނީ އޭނަގެ ހަޤީޤީ ސިފަ.. ބަލާބަލަ.. ކިހާރީތި މަޑުމައިތިރި ބަސްމަދު އަޙްލާޤް ރަނގަޅުކަމަށް މުޅި ދުނިޔެ ޤަބޫލްކުރާ ފިރިހެނާގެ އަސްލު ސިފަ.. އޭނައަކީ ހިތުގަ އެއްވެސް ރަހުމެއް ކުލުނެއް ނެތް މީހުންނަށް އިތުބާރުކުރަން ނޭގޭ ގޮތްދޫ ނުކުރާ ގޮތުގަ ހިފަހައްޓާ ބޯހަރު ސިކުނޑީގައި ތެތްކަމެއް ނެތް ކަންކަމާ ވިސްނަން ބޭނުންނުވާ ޖާހިލެއް.. އޭނަގެ އޮންނަނީ ހަރުހިލަހިތެއް.. އެޔަކަށް ނުކުރާނެ އަސަރެއް މީހަކު މަރުވިޔަސް.. މި ކަހަލަ ފިރިހެނެއްގެ ކިބައިން ރީމް ސަލާމަތްވީ ހަމަ ރީމްގެ ނަސީބު ގަދަކަމުން.. އަހަރެން އުފާކުރަން މިކަލޭގެ ކިބައިން ރީމް ސަލާމަތްވެފަ އޮތީމަ.. ޝުކުރުކުރަން.. ރީމްގެ މޮޔަކަމުން އޭނަގެ މާފް މުހިންމުވެގެން ތިއުޅެނީ..”

ރީމްގެ ކަރުނައިން ފުރިގެންވާ ލޮލުން އަހަރެންނަށް ބަލާލިއެވެ. އެވަގުތު ޒާނާ ރީމްގެ އަތުގަ ހިފައިގެން ހިނގައިގަތުމާއެކު ރީމްވެސް އަހަރެންނަށް ބަލަމުން ހިނގައިގަތެވެ. އަހަރެން ހުރި ފިޔަވަޅު މަތީ އެމީހުންނަށް ބަލަން ހުރެވުނީ ދެރަވެގެންނެއް ނޫނެވެ. ޒާނާގެ ސަބަބުން އަހަރެން ހުރީ އިތުރަށް ރުޅިގަދަވެފައެވެ. ހިތްހަމަ ނުޖެހިފައެވެ. ޒާނާއާ ދިމާއަށް އެއްޗެއް ބުނަން ބޭނުންވިއެވެ.

“..މަޑުކޮށްބަލަ..” އަހަރެން ގޮވައިލުމާއެކު ދެމީހުންވެސް ހުއްޓުނެވެ. ދެމީހުންވެސް ބަލާލިއެވެ. އަހަރެން ހިނގަމުން ގޮސް ޒާނާ ކައިރިއަށް ހުއްޓި އޭނާގެ ލޮލަށް ބަލާލީމެވެ. އޭނާ ހުރީ ހިތްހަމަ ނުޖެހިފައެވެ.

“..މަވެސް ވަރަށް އުފާވޭ މިކަހަލަ އަންހެނެއް ކިބައިން މަ ސަލާމަތްވީތީ..” އަހަރެން ރީމްއަށް އިޝާރާތްކުރަމުން ބުނެލީމެވެ. “..މިކަހަލަ ބަޑި ކޫޑި އަންހެނެއް ކިބައިން ސަލާމަތްވީތީ..”

“..އޭތް.. ކަލޭގެ ދޫ ހިމޭނުން ބާއްވާ..” ޒާނާ ދެލޯ ބޮޑުކޮށްލަމުން ބުނެލީ ބާރަށެވެ. ރީމް އަނގަމަތީ އަތް އަޅައިގެން ހުއްޓެވެ.

“..ކަލެޔަށް ހަޤީޤަތެއް ހަޖަމެއްނުވިދޯ..” އަހަރެން ބޭނުންވީ ޒާނާގެ އަނގަ ބަންދުކޮށްލާށެވެ. “..އޭނާ މިރަށަށްވެސް އައިސް އެހުރީ މަ ހޯދަންވެގެން.. މަށާއެކު ނުގަނެވޭ ގަނޑެއް އޮތީތީ އެކަންކުރަން.. އެއީ އެވައްތަރަށް ތެޅޭ އަންހެނެއް..”

“..ދެން ހެޔޮ..” ރީމް އަޑުގެ ނެތްތަނަށް ހަޅޭލަވާގަތެވެ. “..މިރަށަށް މިއައީ ޚާން ހޯދާކަށް ނޫން.. އަހަންނަށް މާފްކުރޭ ޚާން ފެންނަ ހިސާބަށް އާދެވުނީތީ.. ދެން ދުވަހެއްގެ ކޮޅުންވެސް ޚާންއަށް ނުފެނިވޭތޯ ބަލާނަން.. މިރަށަށްވެސް ނާރާނަން..”
ރީމް ކަރުނަތައް ފޮހެމުން ފާލަމާ ދިމާއަށް ދުއްވާގަތެވެ. ޒާނާވެސް އަހަންނަށް ބަލާލަމުން ފަހަތުން ދިޔައެވެ.

އަހަރެން އެތާހުރި ފާރު ބުރިއެއްމަތީ ޖައްސާލިއިރު ތުރުތުރު އަޅައެވެ. ރީމްދެކެ ރުޅި އަންނަން ބޭނުންނުވިޔަސް ރުޅި އާދެވެނީއެވެ. ރީމްއަށް ނަފްރަތުކުރެވެނީއެވެ. ލެޕް ފާރުމަތީ ބާއްވަމުން ހަމަޖެހިލެވޭތޯ މަސައްކަތްކުރީމެވެ. އަހަރެންގެ ރުޅި ކޮންޓްރޯލްކޮށްލެވި ހަމަޖެހުމެއް ލިބުނީ 15 ވަރަކަށް މިނިޓް ފަހުންނެވެ. ރީމްމެން ފެނޭތޯ ބަލާލެވުނެވެ. އެވަގުތު ޒާނާ އަންނަތަން ފެނުމުން އަހަރެންނަށް ކޮޅަށް ތެދުވެވުނެވެ. އަނެއްކާ މިއަންނަނީ ކީކޭ ކިޔަންބާއެވެ؟

“..އަހަރެން ހަމަ އަޖައިބު އަންތަރީސް ވެއްޖެ.. ޚާން ރީމްދެކެ ލޯބިނުވިޔަސް ތިކަހަލަ އެއްޗެހި ކިޔަން ހެޔޮ ނުވާނެ..” ޒާނާ އަހަރެން ކައިރިއަށް ހުއްޓި ފޫހި ގޮތަކަށް ބުނެލިއިރު އެއަޑުގައި ހިތާމަވެރިކަންވެސް އެކުލެވިފައިވާ ކަހަލައެވެ. އަހަރެން އެތަނުން ދިޔުމަށް ހިނގައިގަތީމެވެ. ނަމަވެސް ޒާނާ އޭނާ ދައްކާ ވާހަކަތައް އަޑުއަހާފަ ދިޔުމަށް ބުނުމުން ހުއްޓުނީމެވެ. ހިތްހަމަނުޖެހިފައި ހުރެވެސް އެވާހަކަތައް އަޑުއެހީމެވެ.

“..އޭނަ މިރަށަށް އައީ ޚާންއާ ބައްދަލުކުރާކަށް ނޫން.. އަހަރެން ބުނެގެން އަހަރެން ކައިރިއަށް އައީ.. އަބަދުވެސް އޭނަ ބޭނުންވި ޚާންގެ މާފް.. ރީމް އަބަދުވެސް ބުނާނެ ޚާންގެ މާފް ލިބުނީމައޭ ހަމަޖެހުމެއް ލިބޭނީ.. އެއީ އޭނާއަށް އެދުވަހު އެކަންތައް ސިއްރުކޮށްގެން އުޅެވުނީތީ އަމިއްލަ ނަފްސު ކުއްވެރިކުރެވޭތީ.. ޚާންއަށް ލަނޑެއް ދެވުނީއޭ ކިޔާފަވެސް އަހަރެންގާތު ރޯނެ.. އެހެންވެ މިއަދު ޚާން އަތިރިމަތިން ފެނިގެން އޭނައެއައީ ޚާންގެ މާފް ލިބޭނެކަމުގެ ފޮނި އުއްމީދާއެކު.. އެހެނަސް ރީމްގެ ހިތް އިތުރަށް ހަލާކުވުން ނޫންކަމެއް ނުވި.. ޚާން ހިތުހުރި އެއްޗެއް ތިގޮވާލީ އެއްވެސް ރަހުމެއްނެތި..” ޒާނާއަށް ވާހަކަ ނުދެއްކިގެން މެދު ކަނޑާލިއެވެ.

“..މިއަދުތަ ތިވާހަކަތައް ބުނަން އުޅެންވީ.. ބަނޑުބޮޑުވާނީ ހަމަ ކުއްލިއަކަށް ހުރެފައެއް ނޫންކަން މަށަށް އެނގެނީ.. ރަށުތެރޭ ދެކެވުނު ވާހަކަތައްވެސް އެއީ ދޮގުތަ؟ މަށަށް އިނގެނީ ކަމެއްވީމަކަން އަޑުފެތުރޭނީ..” އަހަރެންނަށް އަދިވެސް އެވާހަކަތައް ޤަބޫލްކުރަން އުނދަގުލެވެ.

“..ރީމް އެގެޔަށް ދިޔަދުވަހުން ފެށިގެން ނާއިލް ދިޔައީ ރީމްއަށް އެކިގޮތްގޮތުން ގޯނާ ކުރަމުން.. އެހެން ގޮސް އެންމެފަހުން އެލަނޑުވެސް ދިނީ..” ޒާނާ އިތުރަށް އޮޅުންފިލުވައި ދިނެވެ. “..އެވަރުން ނުވެގެން ރަށު އެހެންމީހުނަށްވެސް ރީމް ހިބަކޮށްދިނީ.. ޚާންއަށްވެސް އެނގޭނެހެން ނާއިލްއަކީ އެރަށުގެ މައްސަލަތައް ހައްލުކުރަން ހަވާލުވެގެންހުރި މީހާ.. ޕޮލިސް ސްޓޭޝަންގެ އިސްވެރިއެއް އޭނަ އެއީ.. އެހެންވެ ރީމްގެ މައްސަލަ ބަލަން ހުންނާނީވެސް އޭނަ.. ރީމް މައްސަލަ ހިފައިގެންވެސް ދާންޖެހޭނީ އެތަނަށް.. އެހެންވެ ރީމް އޭނަދެކެ ބިރުން އެކަން ސިއްރުކޮށްގެން އުޅުނީ.. އަނެއްކޮޅުން އެކަކަށްވެސް އެވާހަކަތައް ކިޔާނުދިނުމަށް ނާއިލް މަޖުބޫރުކޮށްފަ އޮންނާތީ އެއިން އެއްވެސް ވާހަކައެއް އެކަކަށްވެސް އަދި އަހަރެންނަށްވެސް ކިޔައެއްނުދޭ.. އޭރު ރަށުތެރޭ ފެތުރިގެންދިޔަ އެއްވެސް އަޑަކީ ހަޤީޤަތެއް ނޫން.. އެއީވެސް ނާއިލް އެރުވި އަޑުތަކެއް.. އެކަމަކާހެދި ނާއިލް ދެމަފިރިން ދެމެދުގަ މައްސަލަ ޖެހުނީވެސް.. އަހަރެންނަށް މިހުރިހާ ކަމެއް އެނގުނީ ކިޔަވާ ނިންމާފަ ރަށަށް ދިޔަފަހުން.. މީ ހަމަ ހަޤީޤަތް ޚާން ޤަބޫލްކުރިޔަސް ނުކުރިޔަސް.. ޚާންއަށްވެސް އޭރު ރީމްގެ އުޅުމަށް އަންނަމުންދިޔަ ބަދަލްތައް ފާހަގަކުރެވޭނެ.. ވިސްނާލީމަ އެނގޭނެ މީތެދުކަން.. ޚާންދެކެ ރީމް ވަރަށް ލޯބިވޭ.. ޚާންއަށް އިންތިޒާރުކޮށް ހޯދަންވެސް މަސައްކަތްކުރި.. ދަރިފުޅު ބަލިވެގެން މާލެ ދިޔަފަހަރުވެސް ޚާން ނަންބަރު ހޯދައިގެން ގުޅީމަވެސް އޭނަ ދެއްކި އެއްވެސް ވާހަކައެއް ޚާން އަޑުނާހާ ފޯންވެސް ނިވާލީ.. އެވަރުންވެސް ޚާންއަށް ރީމް އިންތިޒާރުކުރި.. ޚާންގެ ކޯލެއް އަންނާނެ އިރަކަށް އިންތިޒާރުކުރި އިރުވެސް އެއްވެސް ހަބަރެއްނުވި..”

ޒާނާ ދައްކާނެ ވާހަކައެއް ދެއްކުމަށްފަހު ހިނގައިގަތް އިރުވެސް އަހަރެންނަށް ހުރި ފިޔަވަޅުމަތީ ގަބުވެ ހުއްޓުން އަރާފައި ހުރެވުނީއެވެ. ސިކުނޑީގެ އެއްކަނަކުން އެއީ ތެދު ހަޤީޤަތޭ ބުނެދެމުން ދިޔައެވެ. ޒާނާ ދެއްކި ވާހަކަތަކުގައި ހަޤީޤަތެއް އެބަވެޔޭ ހިތް ބުނަމުން ދިޔައެވެ. އެޔާއެކު އަހަރެން މީގެ އެތަކެއް އަހަރުތަކެއް ކުރިޔަށް އޮޔާ ދަމާފައި ގެންދަން ފެށިއެވެ. އޭރުގެ ހަނދާންތައް އާވަންފެށިއެވެ. ރީމްގެ އުޅުމަށް ބަދަލް އަންނަންފެށީ ނާއިލްގެޔަށް ބަދަލުވި ހިސާބުންނެވެ. ބައްދަލުވުންތަކަށް ފަރުވާކުޑަވެ، ވާހަކަ މަދުވެ ނެގިމަޑުވެފަ ހުންނަން ފެށީވެސް އެހިސާބުންނެވެ. އެމޫނުމަތިން އުފާވެރިކަން ނުފެންނަން ފެށީވެސް ހަމަ އެގެޔަށް ބަދަލުވި ހިސާބުންނެވެ. އަހަރެންނަށް އޭރު ހީކުރެވުނީ އެހުރިހާ ބަދަލްތަކެއް އަންނަމުން ދިޔައީ އަހަރެންގެ ސަބަބުން ކަމުގައެވެ. ނަމަވެސް އެހުރިހާ ބަދަލެއް އެއައީ ނާއިލްގެ ސަބަބުންނެވެ. އެހުރިހާ ހަނދާނެއް އައުމާއެކު އަހަރެންނަށް ޒާނާ ދެއްކި ވާހަކަތަކަކީ ހަޤީޤަތްކަމަށް ޤަބޫލްކުރަން މަޖުބޫރުވިއެވެ. އަހަރެން މީ ކިހާ ނުލަފާ މީހެއް ހެއްޔެވެ؟ ރީމްއާ ދިމާލަށް ހިތުހުރިހާ އެއްޗެއް ގޮވުނީއެވެ. އަހަރެންގެ ކުރިމަތީ ހުރެގެން ރުއި އިރުވެސް މިހިތަކަށް އަސަރެއް ނުކުރިއެވެ. އަސަރުކުރާނީ ކިހިނަކުން ހެއްޔެވެ؟ އެޔަށްވުރު ބޮޑަށް އޭރު ރުޅި ވަނީ އަހަރެންގެ ބޮލަށް ސަވާރުވެފައެވެ.

އަހަރެން ހިތުގައިވި ނަފްރަތުގެ ހުޅުގަނޑު ނިވި ރީމްގެ މައްޗަށް ލޯބިން ހިތްފުރުނެވެ. އެހިނދު ރީމްއާ ދިމާއަށް ގޮވުނު އެއްޗެހިތައް ހަނދާނަށް އަންނަން ފެށިއެވެ. ރީމް ބުނެފައިވާ ކޮންމެ ޖުމްލައެއް ތީރު ތަކެއް ސިފައިގައި ހިތަށް ހެރެމުންދިޔައެވެ. ހިތް ޒަހަމް ވަމުންދިޔައެވެ. ހިތުގައި ދިލަ ރިހުމެއް އުފެދިގެންދިޔައެވެ. އަހަރެންނަށް ހަޤީޤަތް ބުނެދޭން އޭނަ ކިހާ މަސައްކަތެއްކުރި ހެއްޔެވެ؟ ނަމަވެސް އެއަޑުތަކެއް އަހަރެން ނޭހީމުއެވެ. ޒާނާ ބުނީ ރަނގަޅަށެވެ. އަހަރެން މީހިތުގައި އެއްވެސް ރަހުމެއް ކުލުނެއް ނެތް އިންސާނެކެވެ. ކަންކަމާ ވިސްނަން ބޭނުންނުވާ ޖާހިލެކެވެ. ބޯހަރު ގޮތްދޫނުކުރާ ގޮތުގަ ހިފަހައްޓަން ބޭނުންވާ މީހެކެވެ. މީހެއްވެސް ނޫނެވެ. އަހަރެން މީ ޖަނަވާރެކެވެ. ރީމްގެ އެއްވެސް ކުށެއް ނެތެވެ. އެއީ ކުށެއްނެތް މައުސޫމް އަންހެން ކުއްޖެކެވެ. ނަމަވެސް އޭނައާ ދިމާއަށް ބަޑިއަށް ކޫޑިއަށްވެސް ގޮވިއްޖެއެވެ. އެހިނދު އެއްވެސް އިޙްތިޔާރަކާ ނުލާ ލޮލުގެ ތެރެއަށް ކަރުނަތައް ބޮނޑިވެގަތެވެ. ހުރިހާވެސް މައްސަލައަކީ އަހަރެންނެވެ. އަހަރެންގެ ރުޅިއެވެ. އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނެވެ. ދެތުންފަތް ފިއްތާ ބާރުކޮށްލަމުން ކަރުނަތައް ހިންދާލަން މަސައްކަތްކުރީމެވެ. ނުރޯން ހިތްވަރު ކުރީމެވެ. ނަމަވެސް އެކަމެއް ނުވިއެވެ. ކަރުނަތައް ގިނަވެގެން ގޮސް އޮހެންފެށިއެވެ. ދެލޯމަރާ ބާރުކޮށްލީމެވެ.

އަހަރެން ރީމްގެ ކިބައިން މާފަށް އެދެންޖެހޭނެއެވެ. ކުއްވެރިޔަކީ އަހަރެންނެވެ. ރީމްއެއް ނޫނެވެ. އަހަރެން ކަރުނަތައް ފޮހެލަމުން ހިނގައި ގަތީމެވެ. ވަކި ހިސާބަކަށް ދިޔުމަށްފަހު ވިސްނުމަށް އައި އެއްޗެއްގެ ސަބަބުން ހުއްޓުނީމެވެ. އަހަރެން މާފަށް އެދޭތަނުން ރީމް އަލުން ގުޅެން ބޭނުންވެއްޖެނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަހަރުމެންނަކަށް އަލުން ގުޅެވޭކަށް ނެތެވެ. މިއަދު ރީމް އެއީ އެހެން މީހެއްގެ ހައްޤެކެވެ. އާއެކެވެ. މިއަދު ރީމްއަކީ މީހެއްގެ އަތްބެކެވެ. ޒާނާ އެންމެފަހުން ބުނެލި ވާހަކަ އަހަރެންގެ ހަނދާނަކުން ނުނެތެއެވެ.

“..އެންމެފަހުން އެހެން އުޅެނިކޮށް ރީމްގެ ބައްޕަ މަރުވީ.. ޚާންއަށް އެނގޭނެ އެއާއިލާގަވެސް ރީމްގެ ބައްޕައާއި މާމަ ފިޔަވާ އިތުރު މީހަކު ނެތްކަން.. ރީމްގެ ބައްޕަ ނިޔާވީމަ އެއާއިލާ ބިކަވީ ..އަޅާލާނެ މީހެއްނެތުނީމަ ދަރިފުޅާ މާމައަށްޓަކައި ރީމްއަށް މަޖުބޫރުވީ އެންމެފަހުން މީހަކާ އިންނަން.. 04 އަހަރު ދުވަސްވަންދެން ޚާންއަށް އިންތިޒާރުކޮށްފަ މީހަކާ އިނީ.. މިއަދު ރީމް އެއީ މީހެއްގެ އަތްބެއް.. އެހެނަސް އަދިވެސް ރީމް ލޯބިވަނީ ޚާންދެކެ..”

އަހަރެންވެސް ރީމްދެކެ ލޯބިވެއެވެ. ނަމަވެސް ރީމްގެ ދިރިއުޅުން ހަލާކުކޮށްލާކަށް ނެތީމެވެ. ރީމްގެ ފިރިމީހާ ކައިރިން ދުރުކުރުވާކަށް ނެތީމެވެ. އަހަރެން މާފަށް އެދޭތަނުން ރީމް އެގޮތް ބޭނުން ވެދާނެތީ ބިރު ގަނެއެވެ. އޭނާ އަހަރެންގެ ހަޔާތަށް އަންނަން ބޭނުންވެދާނެތީ ޖެހިލުންވެއެވެ. ރީމްއާ އެންމެ އެކަށީގެންވާނީ އޭނާގެ ފިރިމީހާއެވެ. އަހަރެންގެ ހަޔާތަށް އައި ކަމުގައި ވިޔަސް ރީމް ބޭނުންވާ ހުރިހާ އުފަލެއް ހޯދައެއް ނުދެވޭނެއެވެ.

އަހަރެން އަނބުރާލާފައި އައީ ގެޔަށެވެ. ހިތުގެ އަޑިން ރީމްއަށް މާފްކޮށް ހެޔޮ ދުޢާ ކުރަމުންނެވެ. އަދި މާފަށްވެސް އެދެމުންނެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރިކަމުގައިވިޔަސް އަހަރެންގެ ދުޢާއަކީ ރީމް އުފަލުގައި ލެއްވުމެވެ.

އަހަރެންނަށް ހަޤީޤަތް އެގުނުލެއް ލަސްވެގެން ދެރައެއް ނުވަމެވެ. ހަޤީޤަތުގައި ރީމް ނުލިބުނީތީ މިއަދު ވަނީ އުފަލެވެ. ޒާނާ ރުޅި އައިސްގެން ނަމަވެސް ބުނެފައިވަނީ ތެދެކެވެ. އަހަރެން ކަހަލަ މީހެއްގެ ކިބައިން ރީމް ސަލާމަތްވީތީ އުފާކުރަންޖެހެއެވެ. ޝުކުރުކުރަން ޖެހެއެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. އަހަރެންނަކީ ފުރިހަމަ އިންސާނެއް ނޫނެވެ. އަހަރެންނަކީ ނުކުޅެދުންތެރިއެކެވެ. މިއަދު އަހަރެން އެއްވެސް ކުއްޖަކާ ގުޅެން ބޭނުންނުވަނީ މިސަބަބާ ހުރެއެވެ. މިއީ އިންސާނެއްގެ ބޭރުފުށުން ފާހަގަ ނުވާނޭކަމެކެވެ. އުޅުމުން ދެނެނުގަނެވޭނޭ ކަމެކެވެ. މިއީ ރީމްއަށްވެސް ނޭގޭނެ ހަޤީޤަތެކެވެ. ނަމަވެސް ކައިވެނީގެ ގުޅުމުން ގުޅުމަށްފަހު އެހަޤީޤަތް ބޭޒާރުވާނެއެވެ. ދަރިން ހޯދައިގެން އުފާވެރި ދިރިއުޅުމެއް އުޅުމުގެ ހުވަފެންތަކެއް ދެކުން ނަމަވެސް ކުއްޖަކު ހޯދުމުގެ ޤާބިލްކަމެއް އަހަރެންނަކަށް ލިބިފައެއް ނުވެއެވެ. އެއީ އަހަރެންގެ ނަސީބުގައި ލިބެންނެތް އުފާތަކެކެވެ. އެހެންކަމުން އަހަރެން މިވަނީ އެހުވަފެންތައް ދެކުން ހުއްޓާލައިފައެވެ.

މިއަދުވެސް އަހަރެން ދިރިއުޅެމުން މިދަނީ ރީމްގެ ހަނދާންތަކުގައެވެ. ރީމްއަށް ހެޔޮ ރަޙްމަތް ލެއްވުމަށް އެދި ދުޢާކުރަމުންނެވެ. މިއީ އެހެންވާހަކަތަކާ ޚިލާފަށް ދުވަހެއްގެ ކޮޅުންވެސް “ހެޕީ އެންޑިން” އަންނާނެ ވާހަކައެއް ނޫނެވެ. މިއީ އަހަރެންނަށް ހުރި ގޮތެވެ. މިންވަރަށް ޝުކުރުކުރަންވާނެއެވެ. އަހަރެންގެ ނަމަކީ ވިޚާންއެވެ. ރީމްއާއި ރައްޓެހިންގެ ނަމުންނަމަ “ޚާން” އެވެ. “މައި ނޭމް އިޒް ޚާން” އެވެ. (ނިމުނީ)

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 57

Next

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 58

Next
November 20, 2013

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 58

Previews
November 17, 2013

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 57

18 Comments!

  1. nishan says:
    November 20, 2013 at 12:36 am

    މިއީ ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މިވާހަކައިން ރަނގަޅު އިބްރަތްތަކެއް ހާސިލްވިކަމަށް އުއްމީދުކުރަމެވެ. އަދި މިވާހަކަ ފޫހިކަމެއްނެތި ކީ އެންމެހާ ކިޔުންތެރިންނަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.

  2. mirah says:
    November 20, 2013 at 4:42 pm

    nimi goy kamakunudey……vahakaige hadisaaaa namaka nugulhey……..nime tankolhu gai my name is khan liunakas hadhisa aka nugulheeee.,,,,,,,,,but den liaa vahaka maa ryyythi vanekama unmedhu kuran,,,eme furatama vahakaige interest geluny maa lahun upload kuran fesumun……..den genesdey vahakai gai mikamah visnaigen liun muhinmu…………

    1. nishan says:
      November 20, 2013 at 5:31 pm

      yeah i also nt happy with the name of story.. bt their is a connection between name n main character ..next time visnaanan thikan kamah .. thank yu..

  3. hhhhhhhhhhhh says:
    November 20, 2013 at 4:43 pm

    nice

    1. nishan says:
      November 20, 2013 at 5:25 pm

      thank yu..

  4. aysha says:
    November 21, 2013 at 2:39 pm

    mivaahakaigai ulhey kujja aa tak kollan beynun…. kihineh hadhan vee. v dheravejje mivaahaka kiyaafa.

    1. nishan says:
      May 10, 2014 at 1:02 pm

      Sorry that’s. Not possible….

  5. rihfatu says:
    May 10, 2014 at 2:26 am

    Meehama hageegatehbaa v nice storyeh ragalheehaqeeqatakah nuvihyaa

    1. nishan says:
      May 10, 2014 at 1:06 pm

      Sadly it’s true.. Thanks for the comment.. 🙂

  6. ހެހެހެ says:
    June 22, 2014 at 7:42 am

    adhives khaan aee kon kahala meeheh kameh neyngey??

    1. nishan says:
      June 22, 2014 at 7:50 am

      Kudhin nulibey khan akah 🙁

  7. Sally says:
    December 16, 2015 at 6:14 pm

    Very sad story…hope khaalidhube gets a good wife for his life…
    ☺☺☺☺☺

    1. nabuu says:
      November 7, 2016 at 8:39 pm

      Khaalidhube?? Thy vashafaru kujjehtha?

  8. Sally says:
    December 16, 2015 at 6:29 pm

    Sorry. ….khaaan

  9. roassy says:
    January 14, 2016 at 10:43 pm

    mivaahaka kiyaafa rovihje

  10. roassy says:
    March 17, 2016 at 9:17 pm

    mivaahaka kiyamun dhiyairu hadhaan v schooluga ulhunu dhuvasthah mathin

  11. lim says:
    November 18, 2017 at 12:11 am

    Nishan..! wanna ask you something

    1. nishan says:
      December 2, 2017 at 5:27 am

      ask me

Comments are closed.



All Right Reserved!