ދޮންވެލިގަނޑުގައި ފައި ޖެހުމާއެކު ގައިން ހީބިހި ނާގާހާވެއެވެ. ނަމަވެސް މަޑުފިޔަވަޅުގައި ގޮސް އަހަރެންނަށް ފުރަގަސްދީގެން މޫދަށް ބަލަހައްޓައިގެން، ހުދުކުލައިގެ އަތްދިގު ގަމީހަކާއި މަޑުނުކުލައިގެ ޖިންސުގައި ހުރި ޒުވާނާއާއި އަރާ ހަމަކޮށް މަޑުކޮށްލީމެވެ. އަދި، ހާސްވެފައި ހުރި ނަމަވެސް ބަހެއް ބުނެވޭތޯ އުޅުނީމެވެ. “މިއައީ” .
ސިއްސައިގެން ގޮސްފައި އޭނާ އެނބުރިލީ އުފަލުން ފޮޅިފައިވާ މޫނަކާއި އެކުގައެވެ. “އާހް…” ދެތިން ފުންނޭވާލުމަށްފަހު އަހަރެންގެ ދެއަތްތިލަ ނަގާ އޭނާގެ ދެއަތުން ވަރަށް ލޯތްބާއެކު ފިތާލިއެވެ. އަދި ކުރިއަށްވުރެ ބޮޑަށް އަހަރެންނާއި ގާތް ވެލިއެވެ. “އިމްޔާ! މި ހަމަހިމޭން އާލަމުގައި ހަނދުގެ ރީތިކަން ފަނޑުވާހެން ހީވެ. އެއީ އެއަށްވުރެ މާ ފުރިހަމަ ހަނދެއް މިރޭ އަހަރެންގެ ކުރިމަތީގައި ހުރީމަ. އަޅެ އެއްފަހަރު ނަމަވެސް ތިރީތި ދެލޮލުން ބަލާލަދީފާނަން.” އެއާއެކު އަހަރެންގެ ދެއަތްތިލައިގައި އޭނާގެ ތުންފަތް ޖައްސާލިއެވެ. އަދި މަޑުވައިރޯޅިން އަހަރެންގެ އިސްތަށިކޮޅެއް ނިތްކުރީގައި ހޭކެންފެށިއެވެ. އެވަގުތު އަހަރެންގެ ޒަމީރު ހޭލައްވައިފި ކަހަލައެވެ. ކުރިމަތިން ފެންނަމުންދާ މަންޒަރު ޤަބޫލު ކުރެވެން ފެށުނެވެ. އެ މަޑު ދޮންވެލިގަނޑުގައި ވާ ވެލިފުއްތައް އަހަރެންގެ ފައި ދަށުގައި ނަށާކަހަލައެވެ. އަހަރުމެންނާ ދާދި ގާތުން މޫދުގައި ހަރަކާތްކުރާ ރާޅުބާނިތައް އެކި ކުލަކުލައިން ދިއްލޭކަހަލައެވެ. ޖެހެމުންދާ ފިނިވައިރޯޅިއާއެކު ދެން އިވެންފެށީ އެއަޑެއް އިވުމުން ހުރިހާ ދޫނިތައް ނަށާނެ ފަދަ ރީތި އަޑެކެވެ. “ހިނިތުން ވެލާށޭ ކަލާ! ” ލަވައިގެ އެތަންކޮޅު ކިޔުމަށްފަހު ބާކީބައި ހަނދާން ނެތުނީ ކަމަށް ވެދާނެއެވެ. ރަކިގޮތަކަށް ބޮލުން ހަރަކާތް ކުރަމުން އަނެއްބައިގެ ރާގުކޮޅު ކިޔަމުން ދިޔައެވެ. އެވަގުތު ކަޅިޖަހާނުލާ ބަލަން ހުރެވުނެވެ. އަދި ހިތަށް އެރިއެވެ.
‘މީ ކިހާ ހިއްގައިމު ހިނދުކޮޅެއް ހެއްޔެވެ. އަހަރެންނަށް މިހުރެވެނީ ކޯރުގެ އެފަރާތުގައި ހެއްޔެވެ. ދާންބޭނުންވި މަންޒިލަކީ މީހެއްޔެވެ. އަހަރެންނަކީ ކާއިނާތުގެ ރާނީ ހެންހީވެއެވެ. ނޭވާގެ ހޫނުކަން އިހުސާސްވާހާ ކައިރީގައި އާޝޯހުވެފައި ބަލަން އެހެރީ އަހަރެންގެ ރާޖާ ހެއްޔެވެ؟ އަދި ދުނިޔޭގެ ކޮންމެ މަގަކުންވެސް ދާން ބޭނުންވަނީ ތި މަންޒިލަށެވެ. ތި ދެއަތުގެ ތެރޭގައި އުމުރަށް ފޮރުވަދޭށެވެ.’ މިފަދަ އެތަށް ހިޔާލުތަކެއް ސިކުންތު ކޮޅެއްގެ ތެރޭގައި އަހަރެން ވަށާލިއެވެ. ލަވަ ހުއްޓާލުމަށްފަހު އަހަރެންގެ އަތުން ދޫކޮށްލައި، ޖީބުން ނެގީ ސާދާ ގޮތަކަށް ފަރުމާކޮށްފައި އޮތް ކާޑެކެވެ. “ހެޕީ ބަރްތްޑޭ އިމްޔާ! މީ އަދި ނިމުނީއެއްނޫން އިނގޭ. ބޭނުމީ ދުނިޔޭގެ ހުރިހާ އުފަލެއް އިމްޔާއަށް ހޯދަދޭން.” އެހެން ބުނަމުން އަހަރެންގެ ކަނައަތު މުލައްދަނޑީގައި ހިފާ ތުނޑީގެ އެންމެ ކޮޅަށް ގެންދިޔައެވެ. އަދި އަތުން ދޫކޮށްލުމަށްފަހު އަހަރެންގެ ކުރިމަތީގައި މޫދާވީ ކޮޅުގައި، ހުއްޓިހުރެ ފުން ނޭވާ އެއްލާފައި ވައަތު ކަކޫމައްޗަށް ތިރި ވެލިއެވެ. އޭރުވެސް އަހަރެން ހުރީ ހަރަކާތް ހުއްޓިފައެވެ. އެސްފިޔަ ޖެހޭކަމެއްވެސް ނޭނގޭ ކަހަލައެވެ. އަހަރެންގެ ފައި ކައިރީގައި ބާއްވާފައި އޮތް ކުޑަ ފޮއްޓަކާއި ރަތްފިނިފެންމަލެއް، އެއްއަތުން އެއްފަހަރާ ކަހަލަ ގޮތަކަށް ނެގިއެވެ. އެ މާ އުނގު މަތީގައި ބޭއްވުމަށްފަހު ފޮށި ހުޅުވާ އަހަރެންނާ ދިމާލަށް ދިއްކޮށްލިއެވެ. “ކުޑައިރުއްސުރެ އިހަށް ދުވަހާ ހަމައަށްވެސް މީ ލޯބި ގަބޫލް ކުރި މީހެއް ނޫން. ހީކުރީ އެއްބައިމީހުން ލޯތްބޭ ކިޔަނީ އެކުގައި އުޅެން އާދަވުން، ނޫނީ ދެއްކުންތެރި ގުޅުމަކަށް ކަމަށް. ނޫނީ އިސްލާމް ދީނުގައި މީހަކާއި އިންނަންޖެހޭތީ މީހުން އެކުގައި އޮންނަ ގުޅުން ބަދަހިކުރަން ދޭނަމެއްކަމަށް. މިފަދަ އެތަށް ނެގެޓިވް ހިޔާލް ތަކެއް ކުރިން.” އެވާހަކަތައް އިވުމުން ހިތަށްއެރިއެވެ. އެއީ ލޯތްބާމެދު އަހަރެންގެ ވެސް ވިސްނުން ހުރި ގޮތެވެ. ނަމަވެސް މިއަދު އަހަރެންގެ މޭގައިވާ ހިތް ބާރަށް ތެޅޭކަން އެނގެއެވެ. އެއީ ލޯބި ހެއްޔެވެ؟
……………
ކާމޭޒު މަތީގައި ހުރި ކާތަކެތި ފެނިފައި ބައްޕަ އަވަސް އަވަހަށް އަތް ދޮވެގެން ކާން އިޝީނެވެ. ނަމަވެސް މަންމަ ހުރީ ހިތްހަމަނުޖެހިފައި ކަމުން ކާހިތް ނުވެއޭ ބުނެ އިޝީންނަމުން މޭޒުމަތީގައި ދެއަތް އުރާލައިގެން އިނެވެެ. މާހައުލުގެ ހަމަހިމޭންކަން ކަނޑުވާލުމުގެ ގޮތުން ވާހަކަ ދައްކަން ފެށީ ބައްޕައެވެ. “މިރޭ އެމަންޖެވެސް ނުފެނޭ. އަނެއްކާ މާއަވަހަށް ނިދީބާ. ރަޝީދާ ދެން އެކުން ބޮޑާނަހާކާ ކާންފަށާބަލަ. މަވެސް މީނީ އެކަނި ކާންވީމަ ފޫހިވެފަ. އެހެންޏާވެސް ރަޝީދާ ނުލާ މި މަނިކަށް ކާއެއްޗެއް ނުދިރޭނެ.” އެހެން ބުނެފައި ހީލަމުން ފެންތަށިން ކޯވަރެއް ބޯލިއެވެ. އެއާއެކު މަންމަގެ ހިތުގެ އުދާސްތަށް ކިޔައިދޭން ފެށިއެވެ. “އެސޮރު ކީއްވެތަ އެހެން އެހެދީ. މިހާރު ރަށަށް ނާންނަތާ ހަތަރު މަސްދުވަސް ވަނީ. އަޅެ އަހަރުމެން ދެކިލާހިތް ވެސް ނުވަނީތަ؟ ” މަންމަގެ ހިތުގައި ރިހޭވަރު ފެނިފައި ބައްޕަވެސް ދެރަވިއެވެ. ނަމަވެސް އާދައިގެ މަތިން މަންމަގެ ހިތްހަމަޖައްސާ ދެވޭތޯ މަސައްކަތް ފެށިއެވެ. “އެސޮރު ބުނި އަންނަ ހަފްތާއަށޯ ޗުއްޓީ ލަސްވީ. އެތަނަށް ކުއްޖަކު އައީމަ ރަށަށް އާދެވޭނެޔޯ. ހީވަނީ ދެން ހައެއްކަ ދުވަސް ހެން ވާނީ.” މިފަހަރު މަންމައަށް ކޮންމެވެސް ވަރެއްގެ އުންމީދެއް ލިބިއްޖެތާއެވެ. އެހެންކަމުން ބައްޕައާއެކު ކެއުމުގައި ބައިވެރިވިއެވެ.
…………………..
މުޅި ތުނޑިމަތީގައިވެސް ކިޔަނީ ހަމައެކަނި އަހަރެންގެ ނަން ހެއްޔެވެ؟ “އިމްޔާއާއެކު ހޭދަވި ހިނދުކޮޅެއްގެ ތެރޭގައި އިމްޔާދެކެ ލޯބި ވެވެިއްޖެ.” އަދި ހިންދިރުވާލަމުން ބުނެލިއެވެ. “އައި ލަވް ޔޫ . މުޅި ކާއިނާތް ހެކިވާނެ. ހެއްދެވި ފަރާތް ހެކިކޮށް މިބުނަނީ . އައި ލަވް ޔޫ ” އެވަގުތު އަހަރެންގެ ޖަޒުބާތުތަށް ކަރުނައިގެ ސިފައިގައި ބަންޑުން ވާންފެށިއެވެ. އޮހޮރޭ ކޮންމެ ކަރުނަތިއްކެއް އަހަރެންގެ ޙާލު ބަޔާން ކޮށްދޭކަލަހައެވެ. އެވަގުތު އަހަރެންގެ ވައަތުން އިނގިއްޔެއްގައި އެއަނގޮޓި އެޅިކަން އިހުސާސްވިއެވެ. އަދި ހައިރާންވެފައި ބަލަން ހުރެވުނެވެ. ދޫ ހަރަކާތް ކުރެވުނެވެ. ނަމަވެސް އަޑެއް ނުނިކުތެވެ. އަހަރެންނަށް ވަމުންދާ ގޮތް ފެނިފައި އިތުރަށް އަހަރެން އުފާކޮށްދޭން ކަންނެގެއެވެ. އުނގުމަތީގައި އޮތް ރަތް ފިނިފެންމާ ނަގާ އަހަރެންނަށް ދިއްކޮށްލިއެވެ. ބޭއިޚްތިޔާރުގައި ދެއިނގިލި ކުރިން އެމަލުގައި ހިފުނެވެ. އަދިވެސް އަހަރެންގެ ހިތްއޮތީ ރާނީ އެއްގެ މަޤާމުގައެވެ.
ކުއްލިއަކަށް އަހަރެންގެ ބޮޑުވާ އިނގިއްޔަށް ތޫނުއެއްޗެއް ހެރިގެން “އާހް…….” ބުނެލެވުނެވެ. އެވަގުތު އަހަރެންގެ އަތުގައި ހިފާ ފާޅުވަމުންދިޔަ ކުޑަލޭކޮޅު ފޮހެދިނެވެ. އަދި ތުންފަތް ކައިރިކޮށް އަހަރެންގެ އިނގިއްޔަށް ދެތިންފަހަރަކު ފުމެލިއެވެ. ” މިހާރު އޯކޭތަ؟ ” އަދި އަހަރެންގެ މޫނުން ކަރުނަ ފޮހެދިނެވެ. އެވަގުތު އިސްއުފުލާ ބަލާލެވުނީ މުޅިއުމުރަށްވެސް ތިހެން ހުރެދޭނަންތޯ އަހާފަދަ ނަޒަރަކުންނެވެ. އަދި ލޯތްބާއި އޯގާތެރިކަމަށް ފެންބޮވައިގެންފައިވާ މީހަކު ފަދައިން އޭނާގެ ގައިގައި ވަރަށް ބާރަށް އޮޅުލައިގަނެވުނެވެ.
“އިފްސާހް. އައިލަވްޔޫ ސޯމަޗް” އެހެން ބުނެވުނު ތަނާ ކުރިއަށްވުރެ ބާރަށް ރޯން ފެށުނެވެ. އަހަރެންގެ ގިސްލުމާއި ހިތްތެޅޭވަރު އޭނާއަށް އިހުސާސް ކުރެވެން ފެށުމުން، އެއަތުގެ ހިމާޔަތުގައި އަހަރެން ފޮރުވާލިއެވެ. އިރުކޮޅަކު ރޮވެފައި އަހަރެންގެ އަޑު ކެނޑުނެވެ. އެ އުފާވެރި ހިނދުކޮޅުގެ ފޮނިކަމައި ރާހަތު ލިބެންފެށުނެވެ. އިފްސާޙްގެ ކޮނޑުގައި ބޯއަޅައިގެން ލޯމަރާލައިގެން އޮވެ ނިދާލެވުނެވެ. ދެން ހޭލަން ބޭނުންނުވާ ކަހަލައެވެ. އެތަކެއް އަހަރުއްސުރެ ހިތުގައި ހެދިފައިވާ ފާރުތައް ފަސޭހަވެއްޖެއެވެ. މިހާ ގިނަ މީހުން އުޅޭ ދުނިޔެއެއްގައި އެކަނިވެރިކަމުގެ ސާލެއް އޮޅާލައިގެން އުޅޭތާ އެތަށް ދުވަހެކެވެ. މިއަދު އަހަރެންގެ އިހުސާސްތަށް ލަފްޒުތަކާ ނުލާ ބަޔާން ކޮށްދޭނެ މީހަކު ލިބިއްޖެއެވެ.
“ހޭ! އިމްޔާ! ހޭ. ” ލޯހުޅުވާލެވުނީ އިފްސާހް ގޮވާލީމައެވެ. އަދި ގަޔާ ދުރުކޮށް މައުނަވީ ގޮތަކަށް އަހަރެންގެ މޫނަށް އިފްސާހް ބަލަން ފެށިއެވެ. އަދި އަހަރެންގެ މޫނުގައި އެ ހޫނު ނޭވާތަށް ބީހެން ފެށުނެވެ. ދެން ހީވީ ބޮލުގެ ނާރެއް ފިތިބާރުވި ހެންނެވެ. މީހަކު އަހަރެންގެ އަތުގައި ހިފާ ހަޤީޤީ ދުނިޔޭގެ ދޮރޯށިން ވެއްދި ކަހަލައެވެ. އަދި މިހުރެވެނީ ތުނޑީގައި އިފްސާހް އާއެކުގައި ކަމާއި އަހަރެންނަކީ ކައިވެނި ކުރިތާ އެއްމެ ހަމަސްވީ ޔާމީންގެ އަނބިމީހާކަން ހަނދާންވިއެވެ. އެވަގުތު ބޮލުގެ އިޝާރާތުން ނޫނެކޭ ބުނާފަދަ ގޮތަކަށް ފަހަތަށް ޖެހެވުނެވެ. ނަމަވެސް އިފްސާހް ކުރިއަށް އެއްފިޔަވަޅުއަޅައި ކުރިއަށްވުރެ މޫނު ކައިރި ކުރިއެވެ. މިފަހަރު ބޭއިޚްތިޔާރުގައި އިފްސާހުގެ މޭގައި އެއްއަތުން ކޮއްޕާލެވުނެވެ. އަދި ބޮލުގައި ދެއަތުން ހިފަހައްޓައިގެން ބާރަށް ރޯން ފެށުނެވެ. “ނޫން ނޫން…. މީ ހުވަފެނެއް… މިހެން ވެގެން ނުވާނެ… ބައްޕައަށް ވީ ވަޢުދު… އާހް އަހަރެން މޮޔަވެދާނެ….” މިހެން ބުނެވުނު ކަން އެނގެއެވެ. އެއާއެކު ދެފަޔަށް ލެވުނުހާ ބާރެއްލާފާއި ހޭޅިފާށާ ދިމާލަށް ދުއްވާއިގަނެވުނެވެ.
އަހަރެން ގޮސް ކާނި ގަސްތަކުގެ މަގުން އެއްގަމަށް އަރަންދެން އިފްސާހް އެހުރި ފިޔަވަޅުމަތީގައި ބަލަން ހުއްޓެވެ. އެދެލޮލުގައިވި އުފާވެރިކަމުގެ މީރުކަން ފަނޑުވެ އުދާސްތަކުން މީހާ ވަށާލިއެވެ. އެތަކެއް ސުވާލްތަކެއް ހިތުގައި އުފެދިގެން ދިޔައެވެ. އެއްއަތުގެ އިނގިލިތައް އެފަން އިސްތަށިކޮޅުގެ ތެރޭގައި ހައްޔަރުވިއެވެ. އަދި ބޮލުގައި ބާރަށް ހިފަައްޓަމުން މޫދާ ދިމާއަށްއެނބުރިލިއެވެ.
5 Comments!
Comments are closed.

vrh rythi mi part ves…
waiting for the next part…
thankyou aysh. nextpart avahah up kuraanan 🙂
Aslu mi part vx nice .. ekm paragraph thah hunna gothun v undhagoo kiyan i hope you understand what im going to say .. goas gothakah nunagaane kamah ummesdhu kuran good luck
thanks mash. yeh i got your words. aslu rangalhah align kuran neygeythi ehn annani. will try more. next part coming soon 🙂
Hey shamm
V reethi mi vaahaka
Ekam thankolheh saadhaa koh liyeleema ithurah furihama vaane kan neyge
Good luck
Waiting 4next