“ޝަފްދައްތި.” ވިސާމް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލިއެވެ. އެއާއެކު މިޝްކާ އެތެރެއަށް ދަމާލި ނޭވާއަކާއެކީ އޭނަގެ އަނގަމަތީގައި ދެއަތް އަޅާލި ހިނދު ބޮޑުވެގެން ދެލޮލުން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެކެވެ. މިޝްކާއަށް ވީގޮތް ފެނިފައި ވިސާމް އޭނަގެ ހިތަށް އަރާ ފައިބަމުން ދިޔަ ޝުޢޫރުތައް ހަނދާން ނައްތާލަމުން ހިނިތުންވެލިއެވެ.
“ޝަފްދައްތި! ކޮއްކޮއަށް ކުރިން ވެސް ހީވި އެއީހެން ކޮއްކޮގެ މަންމި. ކޮއްކޮއަށް އެހާ ރަނގަޅުވާނީ ކޮއްކޮގެ މަންމިވީމައެއްނު؟ ހެހެ…….ބައްޕި، މިހުރިހާ ދުވަހު ކީއްވެތަ މަންމި ކޮއްކޮއާ ބައްޕިއާ ދެމީހުންނާ އެހާ ދުރުގަ ހުރީ؟ ކީއްވެތަ މަންމި މިގޭގަ ނޫޅެނީ؟ މަންމި ގައިމުވެސް މިޝީއަށް ރުޅިއެއްނާދޭ. ބައްޕިއަށް މަންމި ރުޅިއަންނަނީތަ؟ އެހެންވެގެންތަ މަންމި ބައްޕިއާ އެހާވަރަށް ވާހަކަ ނުދައްކަނީ؟” މިޝްކާ އުފާވެރިކަމާއެކީ ވާހަކަ ދައްކަމުން ގޮސް އެއްފަހަރާ އެތައް ސުވާލެއް ކޮށްފިއެވެ. ވިސާމްގެ ކުޅަދާނަ ސިކުނޑި ވަގުތުން ވާހަކައެއް ހަދައިފިއެވެ.
“އާނ މިޝީ. މަންމި ބައްޕިދެކެ ރުޅިއައިއްސަ ހުރީ. މަންމި ރުޅިއައީ ބައްޕި އެހާ ގިނައިން ރަށުން ބޭރަށް ދާންޖެހޭތީ. މިޝީ ވަރަށް ކުޑައިރު ބައްޕި ބޭރަށް ގޮއްސަ އަނބުރާ އައިއިރު މަންމި ހުރީ މަންމިގެ ދައްތި ކައިރިއަށް ގޮއްސަ. އެދުވަސްފަހުން މިގެއަށް އަނބުރާ ނާދޭ. އެކަމަކު މަންމި އަބަދުވެސް މިޝީގެ ޙާލުބަލައި އުޅޭ. މަންމި ވަރަށް ލޯބިވޭ މިޝީދެކެ.” ވިސާމް އޮމާންކަމާއެކީ ކުޑަވެސް ކުރަކިކަމެއްނެތި ކިޔައިދިނެވެ. އޭނަ އެ ކުޑަ “ވާހަކަ” ރާވާލީވެސް ގޯސްވީ އޭނައެއް ނޫންކަން މިޝްކާއަށް ސާބިތުވާ ގޮތަށެވެ. ޝަފަޤާއިބެހޭ ގޮތުން އެކަހަލަ ވާހަކައެއް ހަދާލެވުމުން ވިސާމްގެ ހިތަށް ނޭނގޭ ހަމަޖެހުމެއްވެސް ލިބުނެވެ. އެހެނަސް ޝަފަޤް މިއަށް ރައްދުދޭނެ ގޮތަކާމެދު ވިސްނެން ފެށި ވަގުތު އޭނަގެ ހިތް ހިސާބަކަށް ނުތަނަވަސްވިއެވެ.
“އޯ ނޯ…..އެހެންވީމަ ބައްޕި ދެން ބޭރަށް ނުދައްޗޭ. އޭރުން މަންމި އަނބުރާ އަންނާނެ.” މިޝްކާ ބުނެލި ވާހަކައިން ވިސާމަށް ވާހަކަ ދެކެވުނެވެ.
“ބައްޕި ބޭރަށްދާންޖެހެއޭ ކޮއްކޯ. ބައްޕިއަކީ ކޮއްކޮގެ ރޮކްސްޓާރއެއްނު؟ ބައްޕި ދާންޖެހޭ އެކިތަންތަނަށް ލަވަ ކިޔަން. ލަވަ ކިޔައިގެން ލިބޭ ލާރިންނޭ ކޮއްކޮއަށް އައިސްކްރީމް ގަނެމިދެނީ. މަންމިއަށް އެކަން ނުވިސްނޭ.” މިޝްކާގެ ކޮޅު އޭނައަށް ލިބޭނެފަދަ ގޮތަކަށް ވާހަކަ ދެކެވޭތޯ ވިސާމް މަސައްކަތް ކުރިއެވެ. ކުރިއަށް ވެދާނެ ގޮތަކާމެދު ވިސްނަން ފަހުން ނިންމަމުންނެވެ. މިޝްކާ އަނގައިން ނުބުނެ އެއްދިމާލަކަށް ބަލަން އިންތަން ވިސާމަށް ބަލަހައްޓައިގެން އިނދެވުނެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު މިޝްކާ ވާހަކަ ދެއްކިއެވެ.
“އެހެންވީމަ ބައްޕީ. ކޮއްކޮ މަންމިއާ ވާހަކަ ދައްކާނަން. މަންމި ކައިރީގައި ބުނާނަން ބައްޕި މިޝީއަށް ރަނގަޅަކަށޭ ބޭރަށް ދަނީ. އޭރުން މަންމި އައިސްދާނެދޯ؟” މިޝްކާ އުއްމީދީ ގޮތަކަށް ވިސާމަށް ބަލާލަމުން ދޯދިނެވެ. ވިސާމް ޔަޤީންކަން ދޭ ފަދައަކުން ދެލޯ މަރާލަމުން އެއްފަހަރު ބޯޖަހާލިއެވެ.
“އެހެންވީމަ ހިނގާ މިހާރު މަންމި ކައިރިއަށްދާން!” މިޝްކާ ތެޅިގަންނަމުން ކުއްލިއަކަށް ބުނެލި ވާހަކައިން ވިސާމަށް ސީދާވެލެވުނެވެ.
“ނޫން ކޮއްކޯ މިގަޑީގައެއްނޫން. މަންމި މިގަޑީގަ އޮންނާނީ ނިދާފަ. މަންމި ރުޅިއައިސްދާނެ ނިދާފަ އޮންނަ ގަޑީގަ އައިމަވެސް. މަންމި އެކަހަލަ ކުޑަކުޑަ ކަންކަމާވެސް ރުޅިއަންނާނެ.” ވިސާމް މޫނަށް ގޮތެއް ހަދާލަމުން ބުންޏެވެ. އެހެން ބުނެލިއިރު ވެސް ޝަފަޤަކީ އެކަހަލަ މީހެއްނޫންކަން ވިސާމަށް ޔަޤީންކުރެވުނެވެ. އޭނައަށް މިހާ ގޯސް މަންމައެއް ސިފަކުރެވެނީ ކީއްވެތޯ ވިސާމަށް އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ. އޭގެ މާ ގިނައިރެއްނުވެ މެހެނާޒްގެ ނަން ހިތަށްވަނުމުން އޭނައަށް އިސްޖަހާލެވުނެވެ.
“ހެހެ…….މަންމި ކައިރި ބުނާނީ އަޢޫޒު ކިޔާށޭ. އާންޓީ ބުނީ އަޢޫޒު ކިޔުނީމަ ރުޅި މަޑުވާނެއޭ.” މިޝްކާ ހިނިތުންވުމަކާއެކީ ބުނެލިއެވެ. ޝަފަޤަށް އެކަން މާ ރަނގަޅަށް އެނގޭނެކަން ވިސާމަށް އެނގުންވިއެވެ. އެހެނަސް އޭނަ އެ ވާހަކަ ބުނާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. އަދި މިޝްކާ ގާތު މާދަމާ މަންމިއާއި ބައްދަލުކުރަންދާނެ ކަމަށް ބުނަމުން ކާން އައުމަށް އެދުނެވެ. މިޝްކާ ވެފައިހުރި އުފަލެއްގެ ބޮޑުކަމުން ދެކޮޅުހެދުމެއްނެތި ވިސާމް ބުނިގޮތަށް ހެދިއެވެ.
އެރޭ މިޝްކާ ނިންދެވުމަށްފަހު ވިސާމް ނިދާކަށް ނުއުޅުނެވެ. އޭގެ ބަދަލުގައި އޭނަ މާދަމާ ކަންތައް ކުރާނެ ގޮތުގެ ރޭވުމެއް ސިކުނޑީގައި ރާވަން ފެށިއެވެ. ޝަފަޤަކީ މިޝްކާގެ މަންމަކަމަށް ބުނެވުމާމެދު އޭނަގެ ހިތުގައި މާ ބޮޑު ބިރުވެރިކަމެއް ނެތުމުން ވިސާމް ޙައިރާންވިއެވެ. އެއީ ކީއްވެތޯ އޭނަ އަމިއްލަ ނަފްސާ ސުވާލުކޮށްލުމުން އޭނައަށް އޭގެ ޖަވާބުތައް ލިބުނެވެ. މިރޭ އޭނަ މިޝްކާގާތު ބުނެލި ވާހަކައިގެ ސަބަބުން ޝަފަޤް އޭނައާއި އިންނަން އިންކާރު ނުކުރާނެހެން އޭނައަށް ހީވަނީއެވެ. އެހެނީ މިހާރު އޭނައާއި އިނުމަށް ބާރުއަޅަން ޝަފަޤްގެ ލޯބި ލިބިފައިވާ ފަރާތެއް އެބަހުއްޓެވެ. ޝަފަޤްގެ މިޒާޖު އޭނައާއި އިނުމަށް ޝަފަޤަށް ހުރަސް އެޅިޔަސް މިޝްކާއަށްޓަކައިވާ ލޯތްބެއްގެ ސަބަބުން ޝަފަޤް އޭނަ ކައިރިއަށް އަންނާނެކަމަށް ވިސާމަށް ނިންމުނެވެ. ޖަޒުބާތުގައި ޖައްސައިގެން ނުހެއްލޭނީ ފަހެ ކޮން އަންހެން ކުއްޖެއް ހެއްޔެވެ؟ ޝަފަޤަކީ ކައިވެންޏަށްފަހު އޭނަގެ ދިރިއުޅުން ބަދަލުކުރަން އުޅެފާނެ ކުއްޖަކަށް ވިޔަސް އޭގެ ކުރިން އޭނައަށް ޝަފަޤް ބަދަލުކުރެވިދާނެ ކަމުގެ ޔަޤީންކަން ވެސް އެވަގުތު ވިސާމަށް ލިބުނެވެ. އޭނައަށް ކުރިން މިގޮތަށް ނުވިސްނުނީ ކީއްވެބާއޭ ހިތަށްއެރިއެވެ. އޭނައަކީ އޭނަގެ ފިރިހެންވަންތަކަމަށްޓަކައި ހުރިހާ އަންހެން ކުދިން ޖާނުން ފިދާވާން ތައްޔާރު ވިސާމްކަން އޭނަ ހަނދާން ނައްތާލީ ކޮން އިރަކު ހެއްޔެވެ؟ ކަން މިހެން އޮތްއިރު ޝަފަޤް އަދި އަމުދުން ކައިވެންޏަށްފަހު އޭނަދެކެ ލޯބި ނުވާންވީ ކީއްވެ ހެއްޔެވެ؟ އެ ވާ ލޯބީގެ ސަބަބުން އޭނައަށް އޭނަ ބޭނުން ގޮތަކަށް ޝަފަޤް ބަދަލު ނުކުރެވޭނީ ކީއްވެގެން ހެއްޔެވެ؟ ޝަފަޤަކީ އޭނަގެ އަމިއްލަ ނަފްސަށްޓަކައި ތެދުވެ ވާހަކަ ދައްކާނެ ކުއްޖެއްހެން ހިއެއްނުވެއެވެ. ޝަފަޤަކީ އޭނަ އެ ހުރި ޙާލަތުންނާއި އޭނަގެ ޒާތުގައި ވެސް ބަލިކަށި ކުއްޖެކެވެ. ވީއިރު އޭނަ ޙަމްދަރުދީގެ ހިތަކާއެކީ އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމުން ޝަފަޤް އެ އަތުގައި ހިފާނެކަން ޔަޤީނެވެ. އަދި އެ އެހީތެރިކަމުގެ ސަބަބުން ޝަފަޤް މުޅި ޢުމުރު ދުވަހަށް އޭނައަށް އިޙުސާންތެރިވުމުގެ ގޮތުން އޭނަ ބުނާހާ ގޮތަށް ކަންތައް ކުރާނެކަމީ ޝައްކެއްވެސް އޮތްކަމެއްނޫނެވެ.
ހިތަށްވެރިވި ޚިޔާލުތަކެއްގެ ސަބަބުން ވިސާމަށް އެކަނި އެނދުމަތީގައި އޮވެގެން ވެސް ހިނިތުންވެލެވުނެވެ. އެއަށްފަހު އޭނަ ވާތްފަރާތަށް އެނބުރިލަމުން ދެލޯ މަރާލީ މާދަމާ ކަންތައް ވާނެ ގޮތް ސިކުނޑިއަށް ގެންނަން މަސައްކަތް ކުރަމުންނެވެ. އެތައް އަހަރަކަށްފަހު ވިސާމަށް އަރާމު ނިންޖަކުން ނިދާލެވުނީ އެރެއެވެ.
އޭގެ އަނެއްދުވަހު ފަތިހު ފަތިހާ ވިސާމަށް ހޭލެވުނެވެ. އެނދުން ތެދުވެގެން ގޮސް މޫނު ދޮވުމުގެ ކުރިންވެސް އޭނައަށް އިޙްޞާޞް ކުރެވުނީ އާދަޔާ ޚިލާފު ތާޒާކަމެކެވެ. ދޭތެރެދޭތެރެއިން އޭނައަށް ހިނިތުންވެސް ވެލެވެއެވެ. ހަމައެކަނި މޫނު ދޮވެގެން ފާޚާނާއިން ނިކުންނަން އުޅެފައިވެސް ޚިޔާލު ބަދަލުކޮށްލަމުން އޭނަ ގަދައަށް ފެންވަރާލިއެވެ. އެއަށްފަހު އޭނަގެ އަތުގައި އޮތް އެންމެ އާ ދަނބު ކުލައިގެ ގަމީހާއި ގަދަ ނޫކުލައިގެ ޖިންސް ލިއެވެ. ރީތިވާ މޭޒު ކައިރިއަށް ގޮސް ބޮލުގައި ފުނާއަޅާލަމުން އޭނަގެ އެތާހުރި އެންމެ އަގުބޮޑު ސެންޓު ފުޅިން މުޅި ތަން އެއްވަސް ކޮށްލިއެވެ. މޫނުބަލާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާފައި އޭނަ ހިތްހަމަޖެހޭވަރު ވުމުން ވިސާމް އޭނަގެ ކޮޓަރިން ނިކުތެވެ. އަދި މިޝްކާގެ ކޮޓަރިއާއި ހަމަވުމުން އެ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާފައި އެތެރެ ބަލާލިއެވެ. މިއީ ހުކުރު ދުވަހަށްވެފައި އަދިވެސް ވަރަށް ހެނދުނު ގަޑިއަކަށްވުމުން މިޝްކާ އޮތީ ފުން ނިންޖެއްގެ ތެރޭގައެވެ. ވިސާމް އެ ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު އޭނަ ގޭގައި ނޫޅޭ ކަމަށްބުނެ ގޭގައި އުޅޭ ނޯކަރަށް މެސެޖެއް ފޮނުވާލިއެވެ. އެއަށްފަހު ގެއިން ނިކުމެގެން ގޮސް ކާރަށް އެރިއެވެ. ކާރު ސްޓާޓްކޮށްލި ވަގުތުވެސް އޭނަގެ ހިތަށް ނޭނގޭ އުފާވެރިކަމެއް ލިބުނެވެ. އޭނައަށް މިވަނީ ކިހިނެއްބާއޭ އޭނަގެ ހިތަށްއެރިއެވެ. ލަވަތަކުން ސިފަކުރާހެން އަނެއްކާ ލޯބި ވެވެނީބާއެވެ. އެ ސުވާލު ހިތަށްވެރިވުމުން ވިސާމަށް އެކަނި އިނދެވެސް ހިނިގަނޑެއް ޖަހާލެވުނެވެ. އޭނައަށް ލޯބިވެވެނީ ކާކުދެކެ ހެއްޔެވެ؟ ހައުސް ކޯޓު އިޝްތިހާރު ކުރާ “މޮޑެލް”ދެކެ ހެއްޔެވެ؟ އެއީ ދުވަހެއްގެ ކޮޅުން ވެސް ވާނެ ކަމެއްނޫނެވެ. އޭނަ އުފާވަނީ އެހެންވެއެއްނޫނެވެ. އޭނަ އުފާވަނީ މިޝްކާއަށްޓަކައެވެ. މިޝްކާގެ ހުވަފެން ޙަޤީޤަތަކަށްވާތީވެއެވެ. އެންމެ ފަހުން މިޝްކާއަށް ފުރިހަމަ އުފާވެރިކަމެއް ލިބެން އުޅޭތީވެއެވެ. އެ ޖުމްލަތައް ސިކުނޑިއަށް ވެރިވުމުން ވިސާމް އަމިއްލަ ނަފްސާ ކަހަލަ ގޮތަކަށް ބޯޖަހާލިއެވެ. އެއަށްފަހު ކާރު ގެއިން ނެރުމަށްޓަކައި ފަހަތަށް ޖައްސަން ފެށިއެވެ. ވިސާމަށް ނޭނގުނު ކަމަކީ އޭނަ އުފާވާ އެހެން ސަބަބެއްވެސް އޭނަގެ ހިތުގެ އެންމެ ފުން މިނުގައިވާ ކަމެވެ. އެއީ އޭނަގެ ޒަމާންވީ އެކަނިވެރިކަމަށް ނިމުމެއް އަންނަން އުޅޭތީވެކަމެވެ. އެ އެކަނިވެރިކަން ފިލުމުން އޭނަގެ ހިތުގައިވި ޒަޚަމްތަކަށް ޝިފާއެއް ލިބެން އުޅޭހެން އޭނައަށް ހީވާތީވެ ކަމެވެ. އަދި އެ ހިތް މި ހުރިހާ ދުވަހު ފެންބުވައިގެންފައިވި ލޯބިވެސް އެ ހިތަށް ލިބެން އުޅޭހެން އޭނައަށް ހީވާތީވެކަމެވެ.
**
ހުދާގެ ކޮޓަރީގައި ހުރި ރީތިވާ މޭޒު ކުރިމަތީގައި އޭނަގެ ސޫރައަށް ބަލަންހުރި ޝަފަޤަށް ހުއްޓި ހުރެވުނީ ފުސްމޫނަކާއެކީގައެވެ. 1 މަހާއި 3 ދުވަސް ފަހުން އޭނަ އެހެރީ ހުދުކުލައިގެ ކުރުތާއަކާއި ހަރުވާޅެއްގައެވެ. އޭނަގެ ދަގަނޑު ބޭސްގަނޑު ނެގި ދުވަހު ބޮޑުދައިތަ ވަނީ ބޮޑުދައިތަގެ ހުރިހާ ހައުސްކޯޓެއް އޭނަގެ އަތުން ހޯދާފައެވެ. ވިސާމް އެގެއަށް އަންނައިރު އޮޅުމަކުން ވެސް އޭނަ ދެން އެކަހަލަ ހެދުމެއްގައި ހުންނަން ބޮޑުދައިތަ ނޭދޭތީވެއެވެ.
ކުރުތާގައި ބުރުގާއަކާ އެކީގައި ހުރިއިރުވެސް އޭނަގެ ހަށިގަނޑުގެ ބައްޓަން އެނގޭ ގޮތުން ޝަފަޤް ކުރިން ލަދުނުގަންނަ ވަރަށް ލަދުގަތެވެ. ދޫ ހެދުމެއްގެ ނިވަލުގައި މި ހުރިހާ ދުވަހު ހުރެފައި ކުއްލިއަކަށް އެ ނިވަލުން ނިކުންނަން މަޖުބޫރުވުމުން ވާނީވެސް އެހެންތާއެވެ. އޭނަ ހުރިގޮތް ފެނިފައި ޝަފަޤަށް ހިތާހިތުން ރޮވުނެވެ. އޭނަ މިހެން ހުއްޓާ އޭނަ އެއްވެސް ފިރިހެނެއްގެ ކުރިމައްޗަށް ދާން ނުޖެހޭނެ ގޮތެއް ހައްދަވައި ދެއްވުމަށް އެދި ދުޢާކުރެވުނެވެ. އެވަގުތު ވިސާމްގެ ނަން ހިތަށްވެރިވުމުން ޝަފަޤްގެ ހިތް އިތުރަށް ރުއެވެ. އޭނަ ފިރިހެނުންގެ ނަޒަރުތަކުން ސަލާމަތްވުމަށްޓަކައި ގޭގައި މަޑުކުރަން ނިންމިއަސް އެއީ އޭނައަށް އެއިން ސަލާމަތް ނުވެވޭނެ އެއްނަޒަރޭ އޭނަގެ ހިތް ބުންޏެވެ. އޭނަ އެހެން ނޫނަސް ހުންނަނީ ވިސާމް އޭނައަށް ބަލާގޮތުން އުނދަގޫވެފައެވެ. އޭނަ އެ ވާހަކަ ނުބުނެ ހުންނަނީ މިޝްކާއާއެކީ އުޅެމުން އެކަމަށްޓަކައި ފުރުޞަތެއް ނުލިބޭތީވެއެވެ. އަދި އަމުދުން އެވާހަކަ ބުނެފިނަމަ ވިސާމް އެކަން ބޮޑުކަމަކަށް ހަދައިގެން ފާޙިޝް ރޭވުމެއް ރާވާފާނެތީވެއެވެ. އޭނަގެ ލަވަތަކުން ވެސް އޭނަ ސިފަކުރަނީ އެކަހަލަ ރޭވުންތަކެއް ވިއްޔާއެވެ.
“ޝަފަޤް! ނިކަން އައިއްސަ ސިޓިންގް ރޫމުގަ ކުނިކަހާފަ މޮޕް އަޅާލަބަލަ. މިތަނަށް ހިނި އެބައަރާ. ޒައިން އަތުން ބިސްކޯދު ވެއްޓިފަ ކަންނޭނގެ މިހިރީ.” ކޮޓަރީގެ ބޭރުން ޒަމީނާގެ އަޑުއައެވެ. އެއާއެކު ޝަފަޤް ލައްބައޭ ކިޔައި އޭނަގެ ބުރުގާގައި ގޮށެއްޖަހާލަމުން ހުދާގެ ކޮޓަރިން ނިކުމެ ދޮރު ލައްޕާލިއެވެ. އޭރު ހުދާ މަރުފަދަ ނިންޖެއްގައި ހިރިވެސް ނުލާ އޮތެވެ.
ޝަފަޤާއި އެ މަސައްކަތް ޙަވާލު ކުރުމަށްފަހު ޒަމީނާ އާދައިގެ މަތިން ދިޔައީ ގޭގެ ފެންޑާގެ ދެފަރާތުގައި ހުރި ގަސްތަކަށް ފެންދޭށެވެ. އޭނަ ހިމޭންކަމާއެކީ މަސައްކަތް ކުރަމުން ގޮސް ނިމެން ގާތްވެފައި ވަނިކޮށް ގޭގެ ކައިރިން ކާރެއްގެ އަޑު އިވުނެވެ. އޭނަ ބަލާލިއިރު އެއީ އޭނަގެ ލޮލަށް ފިނިކަން ގެނެސްދޭ ވިސާމްގެ ނޫކުލައިގެ ކާރެވެ. ހިތަށްވެރިވި އުފާވެރިކަމާއެކީގައި އެ ކާރު ގެ ކައިރީގައި ޕާކްކުރެވިގެން ދިޔަތަން ޒަމީނާއަށް ބަލަން ހުރެވުނެވެ. ހަމައެއާއެކު ވިސާމް މިހާ ހެނދުނު ގަޑިއެއްގައި އައީ ކީއްކުރަންތޯ އޭނަގެ ހިތަށްއެރި ވަގުތު ވިސާމް ކާރުން ފައިބައިގެން ގެއަށް ވަދެގެން އަންނަން ފެށިއެވެ.
“ވިސާމް؟ ހާދަ އެހެން ކަހަލަ ގަޑިއެއްގަ؟” ޒަމީނާ ހުރިހާ ދަތްތައް ދައްކައިގެން ހުރެ ސުވާލުގެ ރާގަކަށް ބުންޏެވެ.
“ކިހިނެއްވީ ދައްތާ؟ މިގަޑީގަ އަހަރެން އައުން ރަނގަޅެއް ނޫނީތަ އަނެއްކާ؟” ވިސާމް ސަމާސާ ރާގަކަށް އަހާލުމުން ޒަމީނާ ހީލިއެވެ.
“ނޫނޭ. ވިސާމްއަށް ބޭނުން އިރެއްގަ މިގެއަށް އާދެވޭނެ. ކޮބައިތަ ކަނބުލޮ؟” ޒަމީނާ ކަމެއް ފާހަގަވުމުން ވިސާމްގެ ފަހަތަށް ބަލަމުން އަހާލިއެވެ.
“މިޝްކާ އޮތީ ނިދަން. ހަމައެކަނި އަހަރެން އައީ. މިއައީ ޝަފަޤްއާ ބައްދަލުކޮށްލަން.” ވިސާމް އޭނަގެ ޖިންސްގެ ޖީބަށް އަތް ޖަހާލަމުން ބުނެލި ވާހަކައިން ޒަމީނާގެ ދެލޯ ބޮޑުވިއެވެ. އޭނަ ހިނދުކޮޅަކަށް ހިމޭނުން ހުރުމަށްފަހު ކުއްލިއަކަށް ވާހަކަ ދެއްކިއެވެ.
“އަ…..އާނ…..އަވަހަށް ވަދޭ ގެއަށް. ޝަފަޤް ހުންނާނެ ސިޓިންގް ރޫމުގަ. ވިސާމް ކުޑަކޮށް މަޑުކުރާނަންދޯ؟ ދައްތަ މިދަނީ ސައިބޯން އެއްޗެހި ގަންނަން.” ޒަމީނާ އަވަސްއަވަހަށް ބުންޏެވެ. ވިސާމް ހިނިތުންވުމަކާއެކީ ބޯޖަހާލީ އެކަކު އެއްބަސް ނުވިޔަސް ޒަމީނާ މި ކައިވެންޏަށް އެއްބަސްވާނެކަން ޔަޤީން ކުރަމުންނެވެ. ޒަމީނާ އޭނަގާތު އެތެރެއަށް ވަންނާށޭ ބުނެ އަތުގައި ހުރި ފެންދޭއެތި ފެންޑާގެ އެއްފަރާތެއްގައި ބަހައްޓާފައި ގެއިން ނިކުމެގެން ދިޔައެވެ. ޒަމީނާ އެގޮތަށް ކަންތައް ކުރުމުގެ އެއްބޭނުމަކީ ވިސާމާއި ޝަފަޤް އެކަހެރި ކުރުވުން ވެސްމެއެވެ. އެކަން ނޭނގުނު ވިސާމް ލަސް ހިނގުމެއްގައި ގޮސް އެގޭގެ ބާ ވަކަރު ދޮރާއި ހަމަކޮށްލިއެވެ. އަދި އެ ދޮރުގައި ޓަކި ޖަހާލިއެވެ.
**
ސިޓިންގް ރޫމުގެ ދޮރުގެ ކައިރީގައި މޮޕާއި އެކީ ހުރި ޝަފަޤް އެ ޓަކީގެ އަޑަށް ދިޔައީ ސިއްސައިގެންނެވެ. ހިތަށްވެރިވި ބިރުވެރިކަމާއެކީ ޝަފަޤަށް އެ ދޮރާއި ދިމާލަށް ބަލާލެވުނެވެ. މި ގަޑީގަ އެގޮތަށް ޓަކި ދޭނީ ކާކުތޯ އޭނަގެ ހިތަށްއެރިއެވެ. ހަމަ އެއާއެކު ބޮޑުދައިތަ ނެތީހޭވެސް އޭނަގެ ހިތަށްއެރިއެވެ. ވިސްނުމެއްގެ ތެރޭގައި ހުރެފައި ޝަފަޤް ވާހަކަ ދެއްކިއެވެ.
“ކާކު؟” ޝަފަޤް ތަންކޮޅެއް ބާރަށް އަހާލިއެވެ.
**
ޝަފަޤްގެ ސުވާލު އަޑުއިވުނު ވިސާމަށް ވަގުތުން އޭނަގެ ނަން ބުނެވެން އުޅުނެވެ. އޭނަގެ ނަން ބުނުމުން މިޝްކާ ހުންނާނެއޭ ހިތައި ޝަފަޤް ހުޅުވާނެކަން އޭނައަށް އެނގުންވިއެވެ. އެހެނަސް ސަމާސާއެއްކޮށްލަން ހިތަށްއެރި ވަގުތު އޭނަގެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.
“ޝަފަޤް ކަނބުލޮ! މިއީ އާދަމްބެއޭ. އާދަމްބެމެންގޭ ހަރުގަނޑު އަދިވެސް މިގޭގައެއްނު އޮތީ؟ އޭތި ނަގަންވެގެން މިއައީ.” ވިސާމް އޭނަގެ އަނގަކައިރީގައި ދެއަތް ޖައްސައި އަޑު ބަދަލުކޮށްގެން ވާހަކަ ދެއްކިއެވެ.
“އާދަމްބެ؟ ބޭބޭ! ބޭބެ އެދުވަހު ހަރުގަނޑު ނަގައިގެންނެއްނު ދިޔައީ؟ އެދުވަހު ވިސާމް މިގޭގަ ހުރެގެން އޭތި ނަގައިދިނީވެސް.” ޝަފަޤް އޭނަގެ އަތުގައި އޮތް މޮޕް ކައިރީގައި ހުރި ބާލިދީގެ ތެރޭގައި ބާއްވާފައި ޖަވާބު ދެމުން ދިޔައިރު ވިސާމަށް އަޑެއް ނުނިކުންނަ ގޮތަށް ހެވެމުން ދިޔައެވެ. އެހެނަސް އޭނަ ހަމައަކަށް އެޅެމުން ދެންވެސް ވާހަކަ ދެއްކިއެވެ.
“ކާކޭ؟ ކޮން ބިސާމެއްތަ؟ ނިކަން މި ދޮރު ހުޅުވާލަބަލަ!” ވިސާމް އާދަމްބެގެ އަޑުން ނުރުހުންތެރިކަމާއެކީ އަމުރުކުރިއެވެ. އެއާއެކު ޝަފަޤް ވެސް ހިސާބަކަށް ނުރުހުންވީ ގޮތުން އޭނަ މާ ބޮޑު ވިސްނުމެއްނެތި ދޮރު ހުޅުވާލިއެވެ. އެވަގުތު ފެނިގެން ސޫރައިން ޝަފަޤް ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ. ޝަފަޤް ގާތުން ފެންނަން ފެށި ފަހުން ފުރަތަމަ ފަހަރަށް ކުރުތާއެއްގައި ހުރިތަން ފެނުނު ވިސާމަށް ވެސް ވީ އެކަހަލަ ގޮތެކެވެ. އޭނައަށް ޝަފަޤްގެ ފައިން ފެށިގެން ބޮލާއި ހަމައަށް ނަޒަރެއް ހިންގާލަން ނެގީ ފަޅި ސިކުންތެކެވެ. އެކަން އެނގުންވި ޝަފަޤަށް ވަގުތުން ގޭގެ ތެރެއަށް ދާން އަވަސްވެގަނެވުނެވެ. އެހެނަސް އޭނައަށް މާދުރަކަށް ނުދެވެނީ އޭނަ ދެންމެ މޮޕް އެޅި ތަރުފާލުމަތިން އޭނަ ކައްސާލާފައި ވެއްޓެން ދިޔައެވެ. އެހެނަސް އޭނަ ބިންމަތީގައި ނުޖެހެނީސް މީހަކު އޭނަގެ އަތުގައި ހިފައި ދަމައިގެން ގެނެސް އެ މީހެއްގެ އަތުތެރެއަށް ލިއެވެ. ފުރަތަމަ ފަހަރަށް ފިރިހެނަކާއި އެހާ ކައިރިވެވުނު ޝަފަޤަށް ކުރެވުނީ އާދަޔާ ޚިލާފު އިޙްޞާޞެކެވެ. ދުވި މީރު ވަހެއްގެ ސަބަބުން އޭނަ ހިނދުކޮޅަކަށް ހަމަހޭވެރިކަން ގެއްލުނެވެ. އެހެނަސް މާ ގިނައިރެއް ނުވެ ޝަފަޤް އެ މޭމަތީގައި އަތްއަޅައި ކޮއްޕާލިއެވެ. އަދި ފަޔަށް ލެވުނުހާ ބާރަކާއެކީ އޭނަގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.
“ތިހާ ބާރަށް ދާން އުޅެންޏާ އަނެއްކާވެސް ވެއްޓިދާނެ.” ވިސާމް އެހެން ބުނެލި ވަގުތު ޝަފަޤް ކޮޓަރިއަށް ވަދެ އޭނަ ދުވަހަކުވެސް ދޮރު ނުލައްޕާހާ ބާރަށް ލައްޕާލަމުން ދޮރު ތަޅުލިއެވެ.
“ވިސާމް ދޭ!” ކޮޓަރީގެ ދޮރު ކައިރީގައި ހުއްޓިހުރެ ހަރު އަޑުން ޝަފަޤް ގޮވާލިއެވެ. އެވަގުތު އޭނަގެ ހިތް މޭތެރޭގައި އޮވެ ބާރަށް ތެޅެމުން ދިޔަ ގޮތުން އޭނައަށް ހަމައަކަށް އެޅެން އުނދަގޫވިއެވެ.
“ދާކަށްނޫން މިއަދު މިއައީ. ޝަފަޤްއާ މުހިއްމު ވާހަކައެއް ދައްކަންވެފަ އެބައޮތް. ދޮރު ހުޅުވާލަބަލަ.” ވިސާމް ޝަފަޤްގެ ކޮޓަރިއާއި ހަމައަށް ގޮސް ކޮޓަރީގެ ތަޅު އަނބުރާލަން އުޅުނެވެ.
“ތި ދައްކަން އުޅޭ ވާހަކައެއް ތިތާ ހުރެގެން ދައްކާ! އެހެން ނޫނިއްޔާ ދޭ!” ޝަފަޤް ކޮޓަރީގެ ދޮރާއި ދިމާލަށް އެނބުރިލަމުން ރުޅިވެރިކަމާއެކީ ބުނެލިއެވެ. އެ ވާހަކަ އަޑުއަހަން ހުރި ވިސާމްގެ ބުމަގޮށްޖެހުނެވެ. ޝަފަޤް އޭނައާއި ވާހަކަ ދެއްކިގޮތް އޭނައަށް ކަމަކު ނުދިޔައެވެ. އެއްވެސް މީހަކީ އޭނައަށް އަމުރު ކުރާނެ މީހެއްނޫނެވެ. އޭނަ ވަގުތުން ދޮރުގެ ތަޅު ހަލާކުކޮށް ކޮޓަރިއަށްވަދެ އެކަން އަންގާލަން ބޭނުންވިއެވެ. އެހެނަސް އަތުން ފައިން ގޯހެއް ހެދި އޭނަގެ ރޭވުން ނާކާމިޔާބުވާކަށް ވިސާމް ނޭދުނެވެ. ރޭ މިޝްކާގެ މޫނުމައްޗަށް ވެރިވި އުފާވެރިކަމުގެ މަތިން ހަނދާންކޮށްފައި އޭނަ ހިމޭންކަމާއެކީ ވާހަކަ ދެއްކިއެވެ.
“މައްސަލައެއްނެތް. އަހަރެން މިތާ ހުރެ ކިޔައިދޭނަން. ޝަފަޤް ކަނުލައި އަޑުއަހާ……….އަހަރެން ބޭނުން ޝަފަޤްއާ އިންނަން.” ވިސާމް ބުނެލި ވާހަކައިން ކޮޓަރީގެ ހުރި ޝަފަޤްގެ ދެލޯ ބޮޑުވިއެވެ. ހިތް ނުތަނަވަސްވެގެން ދިޔަ ވަގުތު އޭނަގެ ދެއަތް ފިނިވެގެން ދިޔައެވެ.
“އެނގޭ ވަރަށް ޤަބޫލުކުރަން ދަތި ވާހަކައެއްކަން މި ބުނެވުނީ. އެކަމަކު އަހަންނަށް އަހަރެންގެ މި ނިންމުން ބަދަލު ކުރެވޭކަށް ނެތް…….” ވިސާމް އެހެން ބުނެ ކޮޓަރީގެ ދޮރަށް ފުރަގަސްދީފައި އެ ދޮރަށް ލެނގިލަމުން ހަށަން ބަނދެލިއެވެ. އެއަށްފަހު އިއްޔެ ހަވީރު ކަންތައްވީ ގޮތުގެ ވާހަކައިން ފެށިގެން ރޭ އޭނައާއި މިޝްކާއާއި ދެމެދު ދެކެވުނު ވާހަކަތަކާއި ހަމައަށް މެދުކެނޑުމެއްނެތި ވިސާމް ކިޔައިދޭން ފެށިއެވެ. އެ ވާހަކަތައް އަޑުއަހަމުން ދިޔަ ޝަފަޤަށް ތިރިވަމުން ތިރިވަމުން ގޮސް އެންމެ ފަހަކަށް ބިންމަތީގައި އިށީނދެވުނެވެ. އެތައް ޖަޒުބާތެއް ހިތަށް އަރާ ފައިބަމުން ދިޔައެއްކަމަކު އޭނަގެ ލޮލަށް ސިފަވަމުން ދިޔައީ އެންމެ ސޫރައެކެވެ. މިޝްކާގެ ސޫރައެވެ.
“ޝަފަޤްއަށް ވެސް އަންދާޒާ ކުރެވޭނެ މިޝްކާ އޭނަގެ މަންމައަށް އިންތިޒާރު ކުރި މިންވަރު. ވަރަށް އުފާވެފަ ހުރީ ޝަފަޤްއަކީ މިޝްކާގެ މަންމައޭ ބުނީމަ. އޭނަގެ އަސްލު މަންމަގެ ވާހަކަ ބުނި ނަމަ މިހެން ނުވީސް…….ޝަފަޤް، އަހަރެން ބޭނުމެއްނޫން އޭނަގެ ވާހަކަތައް މިޝްކާއަށް އިވޭކަށް. އޭނަ ޙައްޤެއް ނޫން މިޝްކާގެ މަންމައަށް ވާކަށް. މިޝްކާ މިދުނިޔޭގައި ނެތަސް ހެޔޮކަމަށް ބުނި ދުވަހު އޭނަގެ ކިބައިން އެ ޙައްޤު ނެތިއްޖެ.” ވިސާމް ބުމަގޮށްޖެހިފައިހުރެ އެހެން ބުނެލިއިރު ނަފްރަތުގެ އަލިފާނެއް އޭނަގެ ހިތުގައި ރޯވަމުން ދިޔައެވެ. އޭނަ ބުނެލި ވާހަކައިން ޝަފަޤްގެ މެއަށް ލޮޅުމެއް އެރިއެވެ. މިޝްކާގެ އަސްލު މަންމައަކީ ހަމަ އެހާވެސް ނުބައި މަންމައެއް ހެއްޔެވެ؟ މިއީ އަދި އޭނައަށް އާ ޚަބަރެކެވެ.
“ޝަފަޤް، އަހަންނަށް އެނގޭ އަހަންނަކީ ޝަފަޤްއަށް ކަމުދާ މިޒާޖެއްގެ މީހެއް ނޫންކަން. އެކަމަކު އަހަންނާ އިންނަން ޝަފަޤް ކައިރި މި އެދެނީ އަހަންނަށްޓަކައެއްނޫން. އަހަރުމެންގެ ދަރިފުޅަށްޓަކައި.” ވިސާމް އޭނަގެ އެންމެ ފަހު ދެބަސް ބޭނުންކޮށްލީ ރޭވުންތެރިކަމާއެކީގައެވެ. އޭނަ ހީކުރި ފަދައިން އެ ބަސްތަކުން ޝަފަޤްގެ ހިތަށް އަސަރުކުރިއެވެ. ނޭނގޭ ސަބަބަކާހުރެ އެ ބަސްތައް އޭނައަށް ވެސް ބަދަލެއް ގެނެއްސިއެވެ. ޝަފަޤާއި އާދަޔާ ޚިލާފު ގާތްކަމެއް އިޙްޞާޞްކުރެވުނެވެ.
“އެ ދަރިފުޅު ދުނިޔެއަށް އައި ދުވަހުއްސުރެ ވެސް އަހަރެން ކުރި ކޮންމެކަމެއް ކުރީ އެ ދަރިފުޅަށްޓަކައި. ޝަފަޤް މިޝްކާގެ މަންމައަށްވުމަށްޓަކައި ކަނޑައަޅާ ކޮންމެ ޝަރުތެއްވެސް އަހަރެން ޤަބޫލު ކުރާނަން. ފައިސާ ބޭނުމިއްޔާ ދުވަހަކުވެސް ޝަފަޤް ނުދެކޭވަރަށް ފައިސާ ހޯދައިދޭނަން. މަޝްހޫރުކަން ބޭނުމިއްޔާ އެކަން ވެސް ހޯދައިދޭނަން. ލޯބި ބޭނުމިއްޔާ އެ ލޯބިވެސް ދެވޭތޯ މަސައްކަތް ކުރާނަން. ޝަފަޤް މިޝްކާ އުފާކޮށްދީ.” ވިސާމް ބުނެލިއެވެ. ކޮންމެ ޝަރުތެއް ޤަބޫލުކުރާނެ ކަމަށް އޭނަ ބުނެލީ ހަމައެކަނި ބުނާ ބުނުމެއްގެ ގޮތުގައެވެ. އޭނައަށް އޭނަ އެ ބުނި ފަދައިން ޝަފަޤަށް މި ދުނިޔެ ހޯދައިދެވިދާނެއެވެ. އެހެނަސް އޭނަ އެއްގޮތަކަށް ވެސް ޝަފަޤަށްޓަކައި އޭނަގެ ދިރިއުޅުން ބަދަލުކުރަން އެއްބަހެއް ނުވާނެއެވެ. މިވަގުތު ޝަފަޤަށް ކުރެވިފައިވާނެ އިޙްޞާޞްތަކެއްގެ ސަބަބުން އެފަދަ އެދުމެއް ޝަފަޤް ނޭދޭނެކަމަށް ވިސާމް ހީކުރިއެވެ.
ވިސާމްގެ އެ ވާހަކައަށްފަހު ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. ވިސާމް ޝަފަޤްގެ ޖަވާބަކަށް އިންތިޒާރު ކުރަމުން ދިޔައިރު ޝަފަޤް އިނީ އޭނަގެ ކަކޫ މެއާއި ކައިރިއަށް ގެނެސް ޖައްސައިގެން ވިސްނުމެއްގެ ތެރޭގައެވެ. ޖަވާބެއް ނުލިބި ގިނައިރު ވާން ފެށުމުން ވިސާމަށް މޫނު އަނބުރާލަމުން ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލެވުނެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނު ވަގުތު ޝަފަޤްގެ އަޑު އިވުނެވެ.
“އަހަރެން މިޝްކާގެ މަންމައަށްވާން އެއްބަސް.” ޝަފަޤް އިންގޮތަށް އިނދެ މަޑުމައިތިރި އަޑަކަން އަންގާލިއެވެ. އެއާއެކު ވިސާމް އުޖާލާވެގެން ދިޔަ މޫނަކާއެކީ ކޮޓަރީގެ ދޮރާއި ދިމާލަށް އެއްކޮށް އެނބުރިލިއެވެ. ވީ އުފަލާއެކީ އޭނަ ވާހަކަ ދައްކަން އުޅުނު ވަގުތު އަނެއްކާވެސް ޝަފަޤްގެ އަޑުއިވުނެވެ.
“މިޝްކާ އަހަރެންގެ ކައިރިއަށް އައިއްޔާ އެއީ އަހަރެންގެ ދަރިއެއްގެ ގޮތުގަ ބަލައިގަންނާނަން. މިޝްކާ އަހަންނަށް މަންމަގެ ނަމުން މުޚާތަބު ކުރުމުން އެއީ މައްސަލައެއް ކަމުގައި ނުބަލާނަން. އެކަމަކު އަހަންނަށް ވިސާމާއި އެއްފުރާޅެއްގެ ދަށުގަ ނުއުޅެވޭނެ ވިސާމްގެ އުޅުން ބަދަލު ނުވަނީސް.” ޝަފަޤްގެ ފަހު ޖުމްލަ އިވިފައި ވިސާމްގެ ޖޯޝު ގެއްލި އޭނަގެ ހިނިތުންވުން ފޭދިގެން ދިޔައެވެ.
“ވިސާމް ނަމާދު ކުރަންތަ؟ އަހަރެން ޤަބޫލު ކުރަން ބޭނުންވަނީ ކުރާކަމަށް. އެކަމަކު އަހަންނަށް އެބަފެނޭ ނަމާދަށް ބަންގި ގޮވާ ވަގުތުވެސް ވިސާމްގެ ކާރު މިސްކިތް ފަސްކޮށްފައި މަގުމަތިން ދާތަން. ބަންގި ގޮވާ ގަޑީގައި ވެސް ތި ގެއިން އެކި އަޑުތައް އިވޭ ވާހަކަ މީހުންގެ ފަރާތުން އިވިފައިވޭ……..ވިސާމް ފަސް އިރު ފަސް ނަމާދު ނުކުރަނީސް އަހަންނަށް ވިސާމްގެ އަނތްބަކަށް ނުވެވޭނެ. އެއްގޮތަކަށްވެސް ބޭނުމެއްނޫން ﷲ ގެ ހަނދުމައިން ދުރުގައިވާ މީހަކާއެކީ މުޅި ދިރިއުޅުން ވޭތު ކުރާކަށް. ބިރުގަނޭ އެކަހަލަ މީހަކާއެކީ އުޅެންވުމުން އަހަރެންވެސް ﷲ ގެ ހަނދުމައިން ދުރުވެދާނެތީ. ދިރިއުޅުމުގަ އަހަންނަށް ލިބުނު އެންމެ އަގުހުރި އެއްޗަކީ ﷲ ގެ ހިދާޔަތް. އެ ހިދާޔަތަށް ފުރަގަސްދީފައި އަހަންނަށް މުޅި މި ދިރިއުޅުން ދެއްވި ﷲ ގެ ރަޙްމަތަށް ފަސްދޭ ދުވަސްވާނީ އަހަރެންގެ ޙަޔާތުގެ އެންމެ ބަދުނަސީބު ދުވަހަށް. އެއީ ވަކި އެކަލާނގެ އަހަންނަށް ވަގުތުން ޢަޒާބެއް ފޮނުއްވާނެތީވެއެއްނޫން. އެއީ އަހަންނަށް ތަޖުރިބާ ކުރެވުނު އެންމެ ފުން ލޯތްބަކީ އެކަލާނގެ ލޯބިފުޅު ކަމަށްވާތީ. އަދި އެ ލޯބިފުޅަށްވުރެ ފުރިހަމަ ލޯތްބެއް ނުވެސްވާނެކަން އެނގޭތީ.” ޝަފަޤް އެހެން ބުނެލިއިރު އޭނަ އިނީ ފެންކަޅިވެފައެވެ. އެ ވާހަކަ އަޑުއަހަން ހުރި ވިސާމްގެ މޫނުމަތިން ވާހަކައިގެ ކުރީކޮޅު ނުރުހުންތެރިކަމުގެ އަސަރުތައް ފެނުނަސް ވާހަކައިގެ ފަހުކޮޅުން އެ މޫނުމަތިން ފެނުނީ ޙައިރާންކަމެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
42 Comments!
Comments are closed.







Masha Allah varah reethi ..waiting for da next part
Alhamdhulillah! (All praise and thanks belong to Allah) 🙂 Next part saturday ga In Sha Allah 🙂
maashaa Allah… varah reethi….. keep it up..
Alhamdhulillah! 🙂
Love this stpry. Keep up the hard work. We need more stories like this in our society
yes we do! Jazakallah Khairan for the support. Alhamdhulillah! 🙂
Masha allah love this..when next part..waitin❤❤❤
Alhamdhulillah! Next part saturday ga In Sha Allah 🙂 <3 <3 <3
wowowowowo.. haadha reecheyy.. visaam dhn ok vaane nun .. fahun kulhi dhahkaalaane kanneyge dhw.. hehe.. jana good work ????
Alhamdhulillah! Wisaam ah vaagotheh balamaa In Sha Allah 🙂
masha allah varah reethi!!! jana may god bless you!!
your storys are my favorite?
keep up the good morals??
Alhamdhulillah! Jazakallah Khairan for the support. May Allah bless you more. Ameen! 🙂
Reethi
Alhamdhulillah! 🙂
Maasha Allah vrh reethi… ekm haadha kurey.. dhen kon irakun tha up kuraany?? Cant wait
Alhamdhulillah! 🙂 Next part saturday ga In Sha Allah
Varah reethi mibaives.. 🙂
Alhamdhulillah! 🙂
Maasha Allah v v v reethi mibai
jazakallahu khairan jana for this beautiful story 🙂
Alhamdhulillah! Barakallah laki! 🙂
Avahah aneh bai up kohdhehchey. Enme critical hisaaabun thi ninmaaly.. BTW varah reeethi vaahaka mi dhaa goi
hehe….emme critical hisaabun nimmumaky jana ge target ey 😛 Alhamdhulillah! 🙂
Jazaakallah khair jana..?
vvvvvvvvv reethi mibai….?
aneh bayah inthizaaru kuran..?
Barakallah Laki! Alhamdhulillah! dhen oiy bai saturday ga In Sha Allah 🙂
Masha Alaah varah reethi mi part ves alh Visham namaadhu and bangi dheke ehaa nafrathu kuranee keehvetha? When is the nxt prt…. ???
Story mihaaru kuriyah dhaa goi varah reethi ? ? ?
Wisaam ekanthakah rulhi annany keevvekan adhi varah thafseelukoh engeyne In Sha Allah. Next part saturday ga In Sha Allah. Alhamdhulillah! 🙂 🙂 🙂
V salhi
Alhamdhulillah! 🙂
masha Allah mi vaahaka haadha reehchey….. love the story… 🙂
Alhamdhulillah! 🙂
Masha allah! Hama aslu ves varah reethi mibai! Ekam thankolhehkuru!! Dhen anna bai dhigu kolladhehchey!
Alhamdhulillah! 🙂 dhen oiy bai dhigu kolla dheveytho balaanan ingey kudakamana attakai In Sha Allah 😉
Maashaa Allah… Jana ur the best writer….
Alhamdhulillah! 🙂 (All praise and thanks belong to Allah)
Maasha allah v rythi vahakaeh mi.waiting for da nxt part
Alhamdhulillah! 🙂 (All praise and thanks belong to Allah)
FB Post:
A believer is never weak. NEVER! Even when it seems that he or she is being oppressed or is physically weak. Someone who believes in Allah will have the strength of heart to deal with even the toughest of situations. Because the believer asks, seeks, trusts and loves the Owner of all strength!
FB Post:
We must never be overconfident about our faith. We must never think that we can surround ourselves with people who don’t remember Allah and still hold on to our faith. We must never forget that shaitan is looking for the perfect opportunity to mislead us. And what could be a better opportunity than us being in a company that does his work? May Allah protect us from shaitan and may he strengthen our iman. Ameen!
“And keep yourself patient [by being] with those who call upon their Lord in the morning and the evening, seeking His countenance……” Surah Kahf, ayah 28
http://tanzil.net/#18:28
FB Post:
Modesty and iman go hand in hand. The stronger your iman gets, the stronger your urge to be modest and to stay away from shamelessness.
Mashallah varah reethi mi story. Mihaaru mi site in hama eykani regularly koh kiyaa story mi.
Alhamdhulillah! 🙂
(y) the best story ever 😀