އައިޝާ ގެންދިއުމުން ހުޝާމް އޭނާގެ ކެމެރާއިން ނަގާފައިވާ ފޮޓޯތަށް ބަަލަން ފެށިއެވެ. އޭގައިވަނީ ކުޅެމުންދާ މެޗްގެ ދެތިން ފޮޓޮއެވެ. ދެން މުޅިންވެސް ހުރީ އައިޝާ ހިނިތުންވެފައިވާ ފޮޓޯތަކެެވެ. އައިޝާ ހިނިތުންވެފައިވާ ކޮންމެ ފޮޓޮއެއް ފެނުމުން ބޭއިހްތިޔާރުގައި ހުޝާމްއަށްވެސް ހީލެވެއެވެ. އެހެނީ އައިޝާގެ އެހިނިތުންވުމަކީ ހުޝާމް އަބަދުވެސް ދެކެން ބޭނުންވާ ހިނިތުންވުމެވެ. ހުޝާމް އެތައް އިރެއްވަންދެން އެފޮޓޯތަކަށް ބަލަން ހުރިއިރު ރޭކާނުލީ ފަހަތުގައި ހުޝާމް ގެ ހަރަކާތްތަކަށް ބަލަން ނާހިދު ހުރިކަމެވެ. ހުޝާމްއަށް އައިޝާ ކަމުދާކަން އެނގުމުން ނާހިދުކައިރިއަށް އައީ ލާނެތް ހިންޏެކެވެ. މަޖާ ވާނެ ކަމެއް ކަމަށް ބަލާ ހުރިހާ ކުދިންގެ ކުރިމަތީ ހުޝާމް ފަޅާއަރުވާލަން ނާހިދު ނިންމިއެވެ.
އަނެއްދުވަހު ހުޝާމް ކުލާހަށް ވަނުމާއެކު މެޗްގެ ފޮޓޯތައް ދެއްކުމަށް ކުލާސް ކުދިން އެދެން ފެށިއެވެ. ނަމަވެސް ކެމެރާ ނުގެންނަ ކަމަށް ބުނެ ހުޝާމް ދޮގު ހެދިއެވެ. އެހެން ހުރިހާ ކުދިން ނާހިދުގެ ވާހަކަ ގަބޫލުކުރިއިރު ހުޝާމް އެހެދީ ދޮގެއްކަން އެނގެނީ ހަމައެކަނި ނާހިދަށެވެ.
ބްރޭކް ގަޑީގައި ހުޝާމް ދަބަސް ބަހައްޓާފައި ކެންޓީނަށް ދިއުމުން ނާހިިދުގެ ޕްލޭން ކާމިޔާބުކުރުމަށް މަގުފަހުވިއެވެ. އަދި ކެމެރާ ހިފައިގެންގޮސް ނާހިދުގެ ލެޕްޓޮޕާ އޭތި ގުޅާލިއެވެ. އެއަށް ފަހު އެފޮޓޯތައް ފެންނަހެން ޓީޗަރުގެ މޭޒުމަތީގައި ލެޕްޓޮޕް ބެހެއްޓިއެވެ.
ކެންޓީނު ކައިރީގައި ތިބި ކުދިންނާ ވަކިން ތަންކޮޅެއް ދުރުގައި އައިޝާ ހުއްޓިގެން ދުރު ބަލަން ހުރިތަން ހުޝާމްއަށް ފެނުނެވެ. މީ ވަރަށް ގިނައިން ހުޝާމްއަށް ފެންނަ މަންޒަރެކެވެ. ބްރޭކް ގަޑިގައި އައިޝާ އެއްވެސް އެއްޗެއް ނުކައި ހުންނަނީ ކީއްވެގެންތޯ އަހާނެ ހިތްވަރެއް ހުޝާމްގެ ނުހުރެއެވެ. ނަމަވެސް މިއަދު ހިތްވަރުކޮށްފައި ހުޝާމް ބޭނުންވާ އެއްޗެހި ގަނެގެން އައިޝާއާއި ދިމާއަށް މިސްރާބުޖެހިއެވެ. އައިޝާއާއި ކައިރިވުމަށްފަހު ގޮވާލަން ނުކެރިގެން ހުޝާމް ކަރުކެހިލިއެެވެ. އެއަޑަށް އައިޝާ ބަލާލިވަގުތު ކައިރީގަ ހުރި ހުޝާމް ފެނުމުން ހިނިތުންވެލިއެވެ.
” ކީއްވެ ނުކައި ތިހުރީ.. އަހަންނަށް ވަރަށް ގިނައިންފެނޭ އައިޝާ މިގަޑީ މިތާނގަ ހުންނަތަން.. ފަލަ ކުއްޖެއް ނަމަތާ ޑައިޓުގަހޭ ވެސް އަހާލެވޭނީވެސް.. ” ވީހާވެސް އާދައިގެ ގޮތަކަށް ވާހަކަދައްކަން މަސައްކަތް ކުރަމުން ހުޝާމް އަހާލިއެވެ. ޖަވާބުގައި ހީލަމުން ކާހިތްނުވަނީ ކަމުގައި އައިޝާ ބުންޏެެވެ.
” ނުކައި ހުންނާކަށް ނުވާނެ.. އައިޝާ ތިހުރީ ހުންނަގޮތް.. ކުޑަކޮށް ނަމަވެސް ފަލަވާނީ ރަނގަޅަށް ކައިގެނެއްނު” އަތުގައި އޮތް ކޮތަޅުން ބަޖިޔާއެއް ނަގާ ދިއްކޮލަމުން ހުޝާމް ބުންޏެވެ.
” ނޫން ސީރިއަސްކޮށް އަހަރެން ބަނޑުހައެއް ނުވޭ..” އޭގައި ނާތްލަން މަސައްކަތް ކުރަމުން އައިޝާ ބުންޏެވެ. ނަމަވެސް ހަގީގަތަކީ އައިޝާާ ވަރަށް ބޮޑަށް ބަނޑުހައި ވެފައި ހުރި ކަމެވެ. ކޮންމެ ދުވަހަކު ސައި ނުބޮއެ އަންނައިރުވެސް މިގަޑީގަ ކާން އެެންމެ ލާރިއެއްވެސް ސޮފިއްޔާ އައިޝާއަކަށް ނުދެއެވެ. އެހެން ކަމުން ގެއަަށް ގޮސް ކައްކައިގެން ކެވެންދެން އައިޝާ ހުންނަން ޖެހެނީ ހުސްބަނޑާއެވެ.
” ޕްލީޒް.. އަހަރެން އަލަށް އައިޝާއަށް އެއްޗެއް ދިނީމަ މީގަ ހިފާބަ” އާދޭސްކުރާ ވައްތަރަކަށް ހުޝާމް ބުންޏެވެ. ހުޝާމް އެވަރަށް ބުނުމުން އަތްނުލަން ހުރެފަވެސް އައިޝާ އޭގައި ހިފިއެވެ. އައިޝާ އޭގައި ހިފުމުން ހުޝާމްވެސް ކޮތަޅުން ބަޖިޔާއެއް ނަގައިގެން ކާންފެށިއެވެ. ހުޝާމް އެކިވާހަކަ ދައްކަމުން ކަމުން ދިޔައިރު އައިޝާ ހުރީ ހުޝާމް ކުރިމަތީގައި ކާން ނުކެރިފައެވެ. މަޑުމަޑުން އެތިކޮޅުކޮޅުން ކާންފެށީވެސް ހުޝާމް އަނެއްކާވެސް ކެއުމަށް ބުނުމުންނެވެ. ކައިނިމިގެން ހުޝާމް އަތުއޮތް ފެންފުޅިން އެއްބައި ބުއިމަށްފަހު އަނެއްބައި އައިޝާއަށް ދިއްކޮލަމުން ހުޝާމް އެތަނުން ދިޔައީ އައިޝާއާއި އެކު ވަގުތު ކޮޅެއް ހޭދަކޮށްލެވުނީތީ އެކަމާ އުފާކުރަމުންނެވެ. އަނެއްކޮޅުން އައިޝާ ހުރީ ހުޝާމް އުޅޭގޮތުން ހައިރާންވެފައެވެ. ހުޝާމް ދައްކާހާ ގާތްކޮށް ދުވަހަކުވެސް އެހެން ކުއްޖެއް އައިޝާއާއި ވާހަކަ ދައްކާފައެއް ނުވެއެވެ. އައިޝާ މިސުކޫލަށް އަލަށް އައި ދުވަހުން ފެށިގެންވެސް ހުޝާމް އައިޝާއަށް ހާއްސަގޮތެއް ބަހައްޓާކަން އައިޝާއަށް ފާހަގަކުރެވެއެވެ. އަނެއްކާ ހުޝާމް އެއުޅެނީ އެހެން ކަމެއް ބޭނުންވެގެން ބާއޭ ހިތަށް އެރިވަގުތު ކައިކައި ހުރި ބަޖިޔާ ބިންމައްޗަށް ވައްޓާލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތިގައި އެހިޔާލު ދޫކޮށްލެވުނީ އެއްވެސް މީހަކާ ދޭތެރެގައި ކުށްހީއެއް ކުރުމުގެ ހައްްޤު އައިޝާއަކަށް ނޯންނާނެޔޭ ހިތަށް އެރުމުންނެވެ.
ފާހާނައިން ނިކުތް ހުޝާމް ގަޑިއަށް ބަލާލަމުން ކުލާހާ ދިމާއަށް މިސްރާބުޖެހީ ބެލްޖަހަން ކުޑައިރުކޮޅަކަށް ވެފަ ހުއްޓައެވެ. އަވަސް ހިނގުމެއްގައި ގޮސް ކްލާހަށް ވަނުމާއެކު ހުރިހާ ކުދިންގެ ނަޒަރު ހުޝާމް އަށް ހުއްޓިފައިވާތަން ފެނުމުން ހުޝާމް ހައިރާންވިއެވެ. އެއްބައި ކުދިން ހެމުން ދިޔައިރު އަނެއްބައި ކުދިން ސިއްރުން ވާހަކަތަކެއް ދައްކަމުން ދިޔައެވެ. އައިޝާއަށް ބަލާލިއިރު އައިޝާ މޫނުމަތީގައިވަނީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ. އެންމެ ހިނދުކޮޅަކުވެސް އެތާ މަޑުނުކޮށް ދަބަސް ހިފައިގެން އައިޝާ ކުލާހުން ނިކުމެގެން ދިޔައީ ހުޝާމްއަށް ބަލާލުމެއްވެސް ނެތިއެވެ. ހުޝާމް އައިޝާއަށް ގޮވާލަން އުޅުުނު ވަގުތު މަޑުޖެހުނީ ހެމުން ހެމުން އައި ނާސިހް ހުޝާމް ކޮނޑުމަތީގައި ޖަހާލުމުންނެވެ.
” ކިހިނެއްވެގެންނތަ މިއުޅެނީ..” ހިތްހަމަނެޖެހިފައި ހުރެ ހުޝާމް ސުވާލުކޮށްލިއެވެ.
” ވަގު ފަޅާއެރީމަ ކަޑަވީދޯ” ނާސިހް ޖުމްލައިން ހުޝާމް އަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ.
” ނާސިހް ކީކޭތަ ….” ޖުމްލަ ފުރިހަމަ ކުރަން އުޅުނު ވަގުތު ޓީޗަރުގެ މޭޒުމަތީ ބެހެއްޓިފައިވާ ލެެޕްޓޮޕާއި އޭގައިވާ ފޮޓޯތައް ފެނުމުން ހުޝާމް އަނގަ ބަންދުވިކަހަލައެވެ. އައިޝާ ހިތްހަމަނުޖެހިގެން އެދިޔައީ ކީއްވެގެންކަން ހުޝާމްއަށް ޔަގީންވެގެންދިޔައެވެ.
” މީ ކާކު ކުރިކަމެއްތަ” ރުޅިއައިސް ރަތްވެފައި ހުޝާމް އަހާލިއެވެ.
” ކިހިނެއްވީ.. އަހަރެން ހުޝާމް ފަޅާއަރުވާލީމަ ހާދަ ވަރެކޭ ތިވަނީ.. ނޫނީ އައިޝާ ރުޅިއައިސްގެން ދިޔައިމަތަ ރުޅި ތިއަންނަނީ.. ހަމަ އެހާ ލޯބިވޭތަ އައިޝ…” ނާހިދުގެ އެންމެ ފަހު ޖުމްލަ ފުރިހަމަ ނުކުރެވެނީސް ހުޝާމް މިނިކާވަގެއް ހެން ނާހިދު ގަޔަށް ޖެހިގަތެވެ. ނާސިހު އާއި އަދި އެހެން ދެކުދިން ވެގެން އެދެމީހުން ދުރުނުކުރިނަމަ މިއަދު އެތަނުން އެކަކަށް ވަރަށް ބޮޑު ގެއްލުމެއް ލިބުނީހެވެ. ނާސިހްގެ އަތް ފޮޅުވާލަމުން ހުޝާމް މޭޒުމަތީގައި އޮތްކެމެރާ އާއި ޑެސްކް މަތީގައި އޮތް ދަބަސް ހިފައިގެން ކްލާހުން ނިކުމެގެން ދިޔައީ އަތުން ގޯހެއް ހެދިދާނެތީއެވެ. ބެލްޖެހިއަޑާއެކު ނާހިދުވެސް އަވަސްއަވަހަށް ޓީޗަރުގެ މޭޒުމަތީގައި ހުރި ލެޕްޓޮޕް ނަގާ ދަބަހަށް ލާ ފޮރުވިއެވެ. ޓިޗަރ އައިސް އައިޝާއާއި ހުޝާމް ކޮބާތޯ އެހުމުން ބަލިވެގެން ދިޔައީ ކަމުގައި އެހެންކުދިން ބުނެ ހަމަޖައްސާލިއެވެ.
ކޮޓަރިއަށް ވަން ގޮތަށް އައިޝާ އެނދުމައްޗަށް ދަބަސް އެއްލާލިއެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް ފައިބާގަތީ ކުލާހުގައި ވެދިޔަ ކަންތައް ހަނދާންވުމުންނެވެ. ހުޝާމް އެންމެ ފުރަތަމަ ދިމާވި ދުވަހު ވާހަކަދެއްކިގޮތުން އެއީ ވަރަށް ރަނގަޅު ކުއްޖެކޭ އައިޝާގެ ހިތަށް އެރިއެވެ. ހުޝާމްއަށް އިތުބާރު ކުރެވެން ފެށުނީވެސް އެދުވަހުގެ ފަހުންނެވެ. ނަމަވެސް މިއަދު އެއިތުބާރު ގެއްލިއްޖެއެވެ. އަންހެން ކުއްޖަކަށް ނޭނގި އެކުއްޖާގެ ފޮޓޯ ނެގުމަކީ ކިހާ ގޯސްކަމެއްކަން ހުޝާމަށް ނޭނގެނީ ހެއްޔެވެެ. ހުޝާމް އެފޮޓޯތައް ނެގުމުގެ އަސްލު ބޭނުމަކީ ކޮބައިބާވައޭ އައިޝާގެ ހިތަށް އެރިއެވެ. ކޮންމެ ގޮތެއްވިޔަސް މިހާރު ހުޝާމް އެފޮޓޯތަކަށް ގޮތެއް ހަދައިފިނަމަ އައިޝާ ބަދުނާމު ވާނެ ވަރު ހިތަށް އެރުމާއެކު ގިސްލަގިސްލާފައި ރޯންފެށުނެވެ. މިއަޑަށް ކުރިމަތީ ހުރި ކޮޓަރީގައި އޮތް ސޮފިއްޔާ އައިސް އެކޮޓަރިއަށް ވަނެވެ. ސޮފިއްޔާ ފެނުމާއެކު އައިޝާ ކުރިއަށްވުރެވެސް ބާރަށް ރޯންފެށިއެވެ. މަންމާއޭ ގޮވާލަމުން ސޮފިއްޔާ ގައިގާ ބައްދައިގަތީ ސޮފިއްޔާގެ ފަރާތުން ކުޑަވެސް އަޅާލުމަކަށް އެދިއެވެ. ނަމަވެސް އެއާ ހިލާފަށް ސޮފިއްޔާ އައިޝަ ދުރަށް ކޮއްޕާލިއެވެ.
” ކަލޭ ބަފާ މަރުވެގެންތަ ތިވަރަށް ތިރޮނީ..” ބުމަ ގޮއްޖަހާލަމުން ސޮފިއްޔާ އަހާލިއެވެ.
” މަން..މްްމްމްމް..މަންމާ..” އަނެއްކާވެސް އައިޝާއަށް ރޮއެގަނެވުނެވެ.
“މަންމާ ކުއްޖަކު އަހަރެންގެ ފޮޓޯތަކެއްް ނަގައިފި.. ނޭނގެ އެފޮޓޯތަކަށް ހަދާނެ ގޮތެއްވެސް” ގިސްލަމުން އައިޝާ ބުންޏެވެ.
” ޕިސްޕިސް.. ތީދެން މީހަކު ރޯވަރުގެ ކަމެއްތަ.. އުޅޭ ވައްތަރެއް ދޯ.. ތިއުޅެނީ މިގޭ މިއަދު ކަމެއް ނުކޮށްވޭތޯ ބަލަންދޯ..” މިހެން ބުނުމުން އައިޝާ ގިސްލަމުން ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ.
” ކޮން ނޫނެކޭ ކިޔާކަށްތަ.. ހަމަ މިހާރު އެއްޗެހި ބަދަލުކޮށްގެން މެންދުރަށް ކައްކަން ދޭ.. އަހަރެން މިހުރީ.. ނުލާހިކު ބަނޑުހައިވެފަ” އައިޝާގެ އެއްއަތު ހިފާފައި އެނދާ ދިމާއަށް ހޫރާލަމުން ސޮފިއްޔާ ބުންޏެވެ. އަދި ކަޅިއަޅައިގެންފައި ނިކުމެގެން ދިޔައީ ތުންއަނބުރާލަމުންނެވެ.
އެނދުމަތީގައި އިން އައިޝާ ރޯއަޑު ސޮފިއްޔާއަށް ނީއްވަންވެގެން އަނގަމަތީގައި އަތްއަޅާލިއެވެ. ދެލޯމަރާ ބާރުކޮށްލީ އަޑުނުނިކުމޭތޯ މަސައްކަތް ކުރަމުންނެވެ. އަދި ހުޝާމްއާއި ދެންދުވަހަކުވެސް ވާހަކަ ނުދެއްކުމަށާއި ހުޝާމްއާއި ދިމާއަށް ބަލާވެސް ނުލަން ހިތުގައި އަޒުމް ކަނޑައެޅިއެވެ.
ޖެހިގެން އައި ދުވަހު ސުކޫލަށް ދާން އައިޝާ ފަސްޖެހުނެވެ. ނަމަވެސް ހިތްވަރުކޮށްލާފައި ސުކޫލަށް ދިޔައީ އެންމެ ފިލާވަޅެއްވެސް ގެއްލެން ބޭނުން ނުވާތީއެވެ. ކުލާހަށް ވަނުމާއެކު ހުރިހާ ކުދިންގެ ނަޒަރު އައިޝާއަށް ހުއްޓިފައި ވާތަން އައިޝާއަށް ފެނުނެވެ. ނަމަވެސް ނުފެންނަ ކަމަކަށް ހަދާ އައިޝާ ގޮސް އޭނާގެ ޑެސްކު ކައިރީގައި އިށީނެވެ. ކިޔެވުން ފެށިގެން ގޮސް އިންޓަވަލް ގަޑި ޖެހުނު އިރުވެސް އައިޝާއަށް ކިޔެވުމަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. ހުޝާމްއާއި ދިމާއަށް ނުބަލަން ކިތންމެ މަސައްކަތެއް ކުރިޔަސް ހުޝާމްގެ ތޫނު ބެލުންތަކާ ހެދި އައިޝާއަށް އިނީ އުނދަގުވެފައެވެ. ކައިރިއަށް ގޮސް ބަވާލަންވެސް ހިތަށް އެރިއެވެ. ނަމަވެސް އައިޝާއަކީ އެކަހަލަ ކަންތައްކޮށް ނޫޅޭ ކުއްޖެއްކަމުން އެގޮތަށް ކަންތައްކުރާކަށް ނުކެރުނެވެ. އިންޓަވަލް ގަޑި ޖެހުމުން ކެންޓީނު ކައިރީ ހުރުމުގެ ބަދަލުގައި އައިޝާ ގޮސް ހުއްޓުނީ ބޭރު ގޭޓު ކައިރީގައެވެ. ހުޝާމްއަށް ފެންނަ އެއްވެސް ގޮތަކަށް ހުރުމަކީ އައިޝާ ބޭނުންވާ ކަމެއް ނޫނެވެ. ފަހަތުން މީހެއްގެ ހިލަމެއް ވުމުން އައިޝާ ފަހަތް ބަލާލިވަގުތު ދާދި ކައިރީގައި ހުރި ހުޝާމް ފެނުމުން ހިތް ތެޅިގަތީ އޮބިނޯންނަ ވަރަށެވެ. އަވަހަށް އެތަނުން ދާން ހިނގައިގަތް ވަގުތު ހުޝާމްއަތުގައި ހިފުމާއެކު ކުއްލިއަކަށް ހެން އައިޝާ އަތްފޮޅުވާލިއެވެ. އެހެނީ މީގެ ކުރިން އެއްވެސް ހިލޭ ފިރިހެނަކު އައިޝާ ގައިގާ ބީހިފައެއް ނުވާނެއެވެ.
” ދެވަނަ ފަހަރަށް އަހަރެން ގައިގަ އަތްނުލާތި” ތުރުތުރުލާ އަޑަކުން މިހެން ބުނުމަށްފަހު އަނެއްކާވެސް އައިޝާ ދާން ހިނގައިގަތެވެ.
” އައިޝާ ޕްލީޒް.. މަޑުކޮށްބާ” އައިޝާގެ ފަހަތުން އަންނަމުން ހުޝާމް ބުންޏެވެ.
” އަހަރެން ހުޝާމް އާ ވާހަކަ ދައްކާކަށް ބޭނުމެއްނޫން.. އަހަންނަކީ ހުޝާމް ތިހީކުރާކަހަލަ ކުއްޖެއްނޫން” ބާރަށް ހިނގަމުން އައިޝާ ބުުންޏެވެ.
” އަހަރެންވެސް މީ އައިޝާ ތިހީކުރާކަހަލަ ކުއްޖެއްނޫނޭ” ހުޝާމްވެސް ބުނެލިއެވެ. އެއާއެކު އައިޝާ ހުއްޓުނެވެ. އަދި ރުޅިވެރި މޫނަކާ އެކު ހުޝާމްއާއި ދިމާއަށް ބަލާލިއެވެ.
” ރަނގަޅަށް ތިބުނީ… ހުޝާމްއަކީ އަހަރެން ހީކުރިކަހަލަ ކުއްޖަކަށް ނުވި.. އެންމެ ފުރަތަމަ އަހަންނާ ދިމާވިދުވަހު ވާހަކަދެއްކިގޮތުން އަހަރެން ހީކުރީ ވަރަށް ރަނގަޅު ކުއްޖެއް ކަމަށް ތީ.. އަދި ޤުރުއާނުގެ އާޔަތެއްގެ އެހީގަ ކުދިންނަށް ވިސްނާދިނީމަ އަހަރެންހީކުރީ ހުޝާމް އުޅެނީ ޤުރުއާނުގަ އަންގަވާފައިވާ ގޮތަށް ކަމަށް.. އެކަމު އަހަންނަށް މިހާރު އެނގިއްޖެ މިހާރު އުޅޭ އެހެން ފިރިހެނުންހެން ހުޝާމްވެސް ބޭނުންވަނީ ހަރާމް ގުޅުމެއް އުފައްދަންކަން” މީގެ ކުރިން ދުވަހަކުވެސް މިހާވަރަށް ރުޅި ނާންނަ އައިޝާ އެވަގުތު އައިސްފައިވާ ރުޅިން ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގޭ ކަހަލައެވެ.
” ހުއްޓާލާ އައިޝާ.. އައިޝާ ތިހީކުރަނީ މުޅިން ރަނގަޅަކަށް ނޫން.. ޤަބޫލުކުރަން އަހަރެން އައިޝާގެ ފޮޓޯތައް ނެގީ އައިޝާގެ ހުއްދަނެތިކަން.. އެކަމަކު އެއީ އަހަރެން އައިޝާއާއި ހަރާމް ގުޅުމެއް އުފައްދަން ބޭނުންވާތީކީ ނޫން.. އަދި އައިޝާގެ ފޮޓޯތަކަށް ގޮތެއް ހަދާކަށްވެސް އަހަރެން ނޫޅެން.. އަހަރެން އައިޝާގެ ފޮޓޯނެގީ..” ހުޝާމް އަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.
” ދެން ކީއްކުރަން ކޮންމެހެން އަހަރެންގެ ފޮޓޯ ނަގަންވީކީ.. ގައިމުން އަހަންނަކީ އެހާ މަޝްހޫރުމީހެއްވެސް ނޫން.. ދެން ކީއްވެ” ނުރުހިފައި އައިޝާ ބުންޏެވެ.
” އެއީ.. އެއީ.. އަހްްްހްހް.. އަހަންނަށް އައިޝާ ކަމުދާތީ..” އެތައް ހިތްވަރަކާ އެކު ހުޝާމަށް ބުނެވުނެެވެ. ހުޝާމް ގެ ޖުމްލައާއިއެކު އައިޝާ ކައިރިއަށް އައިސްފައިވާ ރުޅިއިތުރުވިއެވެ. ދަތްތަކަށް ބާރުކޮށްލަމުން އައިޝާ އެތަނުން ހިނގައިގަތީ ބުނަން ބޭނުންނުވާ އެއްޗެއް ބުނެވިދާނެތީއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
28 Comments!
Comments are closed.




Assalaam alaikum hurihaa kudhin.. haaluy rangalhu kudhinnah alhamdulillah bali kudhinnah shafakallah.. 🙂 ummeedhu kuran hurihaa kudhinnahves mi bai kamudhaane kamah.. pls do read and leave a comment 🙂 love you fillah :*
V v v reethi……
jazakallah khairan ny
Varh rythi
jazakallah khairan xenn
v salhi knmedhvahak ves up kohlachey aslu v reethi
pardon me.. but hiyeh nuvey konme dhuwahaku up kureveyne heneh.. ekam in sha allah hayyu balaanan konme dhuvahakuves up kureveytho.. jazakallah khairan shaah 🙂
Varah reethi.. next part avas kohlachey
jazakallah khairan Herrr.. in Sha Allah next part avas kohleveytho balaanan 🙂
Masha allah. so intresting. waiting 4 the next part. plx hayyooo. avahah up kohdhehche. May God bless, u. Luv u. <3 <3
Alhamdulillah .. jazakallah khairan Mimmi.. May god bless you too.. luv u fillah <3
Maasha Allah, vvv reethi,next episode….
jazakallah khairan faidhaS 🙂
Masha allah v rythi v inteligent
jazakallah khairan Khajja 🙂
masha allah varah rythi mi part vs…:)
jazakallah khairan alma.. 🙂
varah rythi mi part ves…..MASHA ALLAH….hayyu……your doing a great job…..:D
Alhamdulillah.. jazakallah khairan ukhthi 🙂
Waalakumuh salaam…vaahaaka hama vv nice..masha Allah
jazakallah khairan Lam 🙂
Is this a real story or based on a real incident.. Just asked because it does sounds like tht.. And as per the first chapters does Aisha wear niqab ☺️
Yes Aisha do where niqab.. But this chapter is about her school days.. Plz read the full story and comment like this
Story v reethi Maasha Allah… cant wait for the next part.. Alhe gaai gandakah kihaa thaakutha up kohleveyny?? Varah varah kiyaahithun mihaaru hureveny eh noon
ma sha allah varah reethi vaahaka eh
masha allah varah varah reethi
jazakallah khairan hayyu for this beautiful story 🙂
varah reethi
amazing, MashaAllah!! ❤❤❤