Skip to content
އެސްފިޔަ

ޢަޞްރު (ހަވަނަ ބައި)

އެވަގުތަކީ ޒަމީނާ ޒައިން ޓިއުޝަނަށް ލާން ގޮސްފައި އަދި ހުދާ ގަދަ ނިދީގައި އޮތް ވަގުތު ކަމަށްވުމުން ޝަފަޤް ފިޔަވައި ގޭގެތެރެއިން އެހެން މީހަކު ނުފެނެއެވެ. އޭނަ އަވަސް ހިނގުމެއްގައި ގޮސް ދޮރު ކައިރީގައި މަޑުކޮށްލިއެވެ. އަދި ދެލޯ މަރައި ފުން ނޭވައެއް ދޫކޮށްލަމުން ދޮރު ހުޅުވާލިއެވެ. ޝަފަޤް ދެލޯ ހުޅުވާލި ވަގުތު އޭނައަށް އެންމެ ފުރަތަމަ ފެނިގެން ދިޔައީ ވިސާމްގެ ސީރިއަސް މޫނެވެ. ޝަފަޤަށް ލިބުނު ކުޑަ ސިހުމާއެކީ އޭނަ ތިރި ބަލާލި ހިނދު އޭނައަށް މިޝްކާގެ ފުރިހަމަ ހިނިތުންވުން ފެނުނެވެ.

 

“ހާއި ދައްތި!” މިޝްކާ އުޖާލާވި މޫނަކާއެކީ ޝަފަޤްގެ މިނިވަންވެފައި އޮތް އަތުގައި ހިފައި ގޭގެ ތެރެއަށް ވަނެވެ.

 

“އައްސަލާމުޢަލައިކުމް މިޝްކާ!” ޝަފަޤް ހިނިތުންވުމަކާއެކީ ބުނެލިއެވެ.

 

“އޮހް…..ވަޢަލައިކުމުއްސަލާމް. އާންޓީ ވެސް ބުނި ގެއަކަށް ވަންނައިރު ސަލާން ގޮވަންވާނެއޭ. ޝަފްދައްތި ވަރަށް ބަސްއަހަންދޯ؟” މިޝްކާ އެހެން އަހާލުމުން ޝަފަޤްގެ ގާތަށް ހިނިއައެވެ. އެވަގުތު ވިސާމް ކަރުކެހިލިއެވެ.

 

“އަހަންނަކަށް ނެތް ބޭކާރު ކުރަންވީ ވަގުތެއް. މަސައްކަތް ފަށަންވީ ކޮން ތަނަކު؟ މަސައްކަތް ކުރަން ބޭނުންވާނެ ހުރިހާ އެއްޗެއް އެބަހުރިތަ؟ އެ އެއްޗެހި ގަންނަންވީ އަހަރެންގެ ފައިސާއިންތަ؟” ވިސާމް ކިތަންމެ ބޭނުމެއް ނުވިޔަސް އޭނައަށް ޝަފަޤާއި މުޚާތަބު ކުރެވުނީ ނުރުހުމުގެ ރާގަކަށެވެ.

 

“ބޭނުންވާނެ ހުރިހާ އެއްޗެހި ގަނެފަ އެބަހުރި. ހަމަ މަސައްކަތް ފަށަންވީ.” ޝަފަޤް އެއްވެސް އަސަރެއް ނެތް މޫނަކާއެކީ ޖަވާބުދިނެވެ. ވިސާމް އައުމުގެ އުފަލުގައި ރޭ ޒަމީނާ ވަނީ ކޭކުތައް އަޅަން ބޭނުންވާނެ ހުރިހާ ސާމާނެއް ގަނެ ތައްޔާރު ކޮށްފައެވެ. ޝަފަޤަށް އެކަމާމެދު އުފާ ކުރެވުނެވެ. އެ ނޫންނަމަ އެ އެއްޗެހި ގަންނަން އޭނަ ވިސާމާއިއެކީ މިއަދު ދާންޖެހުނީހެވެ. އެހެން ނޫނަސް އޭނަ ވިސާމްގެ ފައިސާ އެއްގޮތަކަށް ވެސް ބޭނުމެއްނޫނެވެ.

 

“ގްރޭޓް! އެހެންވީމަ ހިނގާ ބަދިގެ ދައްކަން. އަސްލު އަހަންނަށް ހީވަނީ އަހަރުމެންގެ ގޭގަ މިކަން ކުރަންޏާ މާ ރަނގަޅުވާނެހެން. ކުޑަ ގޮޅިއެއް ވަރުގެ ބަދިގެއެއްގައި ކޮން ކަމެއްތަ ކުރެވޭނީ؟ ބަޓް އެނީވޭސް……ކޭކު އަޅާނީ އަހަރެން. ޝަޤަފް އަރާމު ކުރިޔަސް ހެޔޮ. އެކަމަކު މި ކޭކު ނަގާ މީހަކަށް އެނގެންވާނެ އަހަރެންކަން ކޭކު އެޅީ. ކަންނުވެ ނަންވާކަށް ނުވާނެދޯ؟” ވިސާމް ޝަފަޤާއި މިޝްކާ ވެސް ފަހަނަޅައި ގޭގެ ތެރެއަށް ވަންނަމުން ގޮސް ފަސްއެނބުރި ބަލާލިއެވެ. އެވަގުތު އެ މޫނުމަތީގައިވީ ކިބުރުވެރި ހިނިތުންވުމެކެވެ. އޭނަ މިކަމުގެ ތެރެއިން ވެސް ބޭނުންވަނީ އޭނަގެ މަޝްހޫރުކަން އިތުރުކުރާށެވެ. މީހުންގެ މެދުގައި އޭނައަކީ ކިހާ ބޮޑު އެހީތެރިއެއްކަން ދައްކާށެވެ. އެކަން އިޙްޞާޞް ކުރެވުނު ޝަފަޤް ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

 

“ހެހެ…ބައްޕި! މި ދައްތިއަށް ކިޔަނީ ޝަފަޤްއޭ. ޝަޤަފްއެއްނޫން.” މިޝްކާ ހެވިފައި ހުރެ ފާހަގަކޮށްލިއެވެ. ވިސާމްވެސް ހީލިއެވެ.

 

“ޤަޝަފް ވިޔަސް ފަޝަޤް ވިޔަސް……ކީކޭތަ ބުނަނީ؟ ޑީލް؟” ވިސާމް ލަސް ހިނގުމެއްގައި އައިސް ޝަފަޤްގެ ކައިރީގައި ހުއްޓިލަމުން ސަލާމަށްޓަކައި ކަނާތް އަތް ދިއްކޮށްލިއެވެ. އިސްޖަހައިގެން ހުރި ޝަފަޤް އެއްފަހަރު އެ އަތަށް އަނެއްފަހަރު ވިސާމަށް ބަލާލިއެވެ.

 

“އޮހް ސޮރީ…..ޑީލް؟” ޝަފަޤްގެ ކަނާތް އަތުގެ ޙާލު ފެނިފައި ވިސާމް ވާތު އަތް ދިއްކޮށްލިއެވެ. އޭނަ ހީކުރީ ޝަފަޤް ސަލާން ކުރަން ނުއުޅުނީ ޝަފަޤްގެ ކަނާތް އަތް ބިނދިފައިވާތީ ކަމަށެވެ. އެހެނަސް އެއީ ކުށްހީއެއްކަން އެނގުންވީ އިރުކޮޅެއްވުމުން ވެސް ޝަފަޤް އޭނަގެ އަތުގައި ނުހިފުމުންނެވެ.

 

“އެންމެ ރަނގަޅު.” ޝަފަޤް ސަލާން ކުރުމެއްނެތި އޭނަގެ ސީރިއަސް ނަޒަރުގައި ހުރެ ބުނެލިއެވެ. ވިސާމް ޝަފަޤަށްޓަކައި އިތުރަށް ފޫހިވެގެން ދިޔަ ހިތަކާއެކީ އޭނަގެ އަތް ތިރި ކޮށްލިއެވެ. އޭނަގެ ނަޒަރުން ދެންމެ ޝަފަޤްގެ ފަރާތުން ފެނިގެން އެ ދިޔައީ “ނާތަހުޒީބު” ޢަމަލެކެވެ. އަޅެފަހެ މިއޮތް ޒަމާނެއްގައި އެފަދަ ގޮތަކަށް އުޅޭނީ ކޮން ބައެއްހެއްޔެވެ؟ ވިސާމް ފުން ނޭވައެއް ދޫކޮށްލި ވަގުތު މިޝްކާ ޝަފަޤްގެ އަތުގައި ހިފައި ދެން އަވަހަށް ހިނގާށޭ ބުނެލިއެވެ. ޝަފަޤް ހިނިތުންވުމަކާއެކީ މިޝްކާގެ އަތުގައި ހިފައި ހިނގާށޭ ބުންޏެވެ.

 

ބަދިގެއަށް ގޮސް ޝަފަޤް ހުރިހާ ސާމާނެއް ހުރި ތަންތަން ވިސާމަށް ދެއްކިއެވެ. ވިސާމް ކަބަޑުތަކުގެ ތެރެއިން ހުރިހާ އެއްޗެއް ނަގައި ކަބަޑު މަތީގައި ބަހައްޓަމުން ދިޔައެވެ. ޝަފަޤް ކޭކު ގިރާ މެޝިނާއި މިކްސަރު ދައްކައި  އެއެއްޗެހި ކަރަންޓާއި ގުޅާނެ ސްވިޗް ބޯޑުވެސް ދެއްކިއެވެ. މާ ގިނައިރެއްނުވެ ވިސާމް މަސައްކަތް ފެށިއެވެ. އޭނަ ކިތަންމެ ބޭނުމެއް ނުވިޔަސް އޭނަ ދުވަހަކުވެސް އެހާ ގިނަ ކޭކުތައް އަޅާފައި ނުވާތީ އެއްޗެހި އަޅަންވީ މިންވަރާއިމެދު އޭނަ ޝަފަޤްގެ ލަފާ ހޯދަންޖެހުނެވެ. ޝަފަޤް އޭނަ އެތާ ބާއްވާފައި އޮތް ގަނޑު ވިސާމަށް ދެއްކުމަށްފަހު ވެސް އިތުރަށް ކިޔައިދިނެވެ. އޭގެ ފަހުން ވިސާމް މަސައްކަތް ކުރިއަށް ގެންދިޔަ ގޮތް އޮމާންކަމުން ޝަފަޤް ޙައިރާންވިއެވެ. އޭނަ އިތުރަށް ޙައިރާންވީ ވިސާމަށް އަތް ގާތް ކޮށްދެމުން ދިޔަ މިޝްކާ އޭނަގެ ބައްޕި ވަރަށް ރީއްޗަށް އައިސިންގް ވެސް ޖަހާކަމަށް ބުނުމުންނެވެ. އެކަނިމާއެކަނި ކުއްޖަކު ބޮޑުކުރުމުގެ ނަތީޖާއަކީ މިއީތާއޭ ޝަފަޤަށް ހިތާހިތުން ކިޔާލެވުނެވެ. ވިސާމަށް އެ ހުނަރުވެސް ދަސްވެފައިވަނީ މިޝްކާގެ އެދުމެއް ފުއްދުމުގެ ތެރެއިންކަން އެ ދެމީހުން ދެއްކި ވާހަކަތަކުން ޝަފަޤަށް އެނގުނެވެ.

 

އެ ހުރިހާ ވަގުތު ވިސާމް ކައިރީގައި ހުރި މިޝްކާ ކުއްލިއަކަށް ޝަފަޤްގެ ގާތަށް އައީ، ވިސާމް ހަކުރު ހިމުންކުރަން މިކްސަރު ދޮށަށް ދިޔުމުންނެވެ. މިޝްކާ ދެލޯ މަރައި ތަގުޅި ކޮށްލަމުން ޝަފަޤްގެ ފުރަގަހަށް ގޮސް އޭނަގެ ހައުސް ކޯޓުގައި ހިފަހައްޓާލީ ބިރުންނެވެ.

 

“އެއްކަލަ ކުއްޖާ ބިރުގަތީތަ؟ މީ އެއްވެސް ކަމެއްނޫނޭ ކޮއްކޯ.” ވިސާމް މިޝްކާއަށް ވިސްނައިދޭން އުޅޭ ފަދައަކުން ބުނެލިއެވެ.

 

“ނޫން ބައްޕި ތީތި ނުޖައްސާ!” މިޝްކާ އޭނަގެ ދެލޯ އިހުނަށްވުރެ ބޮޑަށް ތަގުޅި ކޮށްލަމުން އެދުނެވެ. ވިސާމް ފުން ނޭވައެއް ދޫކޮށްލިއެވެ.

 

“އެންމެ ރަނގަޅު އެހެންވީމަ ކޮއްކޮ ދައްތިއާއެކީ ދޭ ކޮޓަރިއަށް. ކޮއްކޮގެ ބޭގްގަ ހުންނާނެދޯ ޓޯއިސްއާ ބުކްސް؟ ދައްތިއާއެކީ ކުޅެންދޭ.” ވިސާމް އެއްފަހަރު މިޝްކާއަށް އަނެއްފަހަރު ޝަފަޤަށް ބަލާލަމުން ބުންޏެވެ. މިޝްކާ ދެންވެސް ޗޮއްކަނޑާލަމުން އެއްޗެކޭ ބުނަން އުޅުނުތަނާ ޝަފަޤް ވާހަކަ ދެއްކިއެވެ.

 

“މިޝްކާ ދައްތި 10 އާއި ހަމައަށް ގުނާ ނިމޭއިރަށް ދައްތި ހޯދާ.” ޝަފަޤް އަވަސްއަވަހަށް އެހެން ބުނެލަމުން ކުޑަކޮށް ދުވެލާފައި ގޮސް ބަދިގެއިން ނިކުތެވެ. މިޝްކާ ދެވަނަ ވިސްނުމެއްވެސް ނެތި ވަގުތުން ޝަފަޤް ދިޔަ ދިމާލަށް ދުއްވައިގަތެވެ. ޝަފަޤް ބޭރުން ގުނަމުން ދިޔަ އަޑުއަހަން ވިސާމަށް ހުރެވުނީ ޙައިރާންކަން އެކުލެވިފައިވި ހިނިތުންވުމެއްގައެވެ. ބަދިގޭގެ ހުޅުވާލެވިފައިވާ ދޮރާއި ދިމާލަށް އޭނަ ބަލަން ހުރިއިރު މިޝްކާ ހެމުން ދެފަރާތަށް ދުވަމުން ދިޔަތަން އޭނައަށް ފެނުނެވެ. މާ ގިނައިރެއްނުވެ ޝަފަޤް 2 ކިޔާލި ތަނާހެން ޝަފަޤާއި މިޝްކާގެ ހުނުމުގެ އަޑު އެކީގައި އިވެން ފެށިއެވެ. މަންޒަރު ނުފެނުނަސް ވިސާމަށް ވެސް ބޭއިޚްތިޔާރުގައި ހީލެވުނެވެ. އޭނައަށް ޝަފަޤާއިމެދު ތަފާތު ގޮތަކަށް ވިސްނެން ފެށި ވަގުތު ޝަފަޤް މިޝްކާގެ އަތުގައި ހިފައިގެން ކޮޓަރިއަކަށް ގޮސް ވަތްތަން އޭނައަށް ފެނުނެވެ. ވިސާމް ތުންފިއްތާލަމުން އިސްޖަހައި އޭނަގެ މަސައްކަތަށް އަނބުރާ ދިޔައެވެ.

 

ޒަމީނާ ޒައިން ޓިއުޝަން ގެއަށް ލާފައި އައި މަގުމަތިން ދިމާވި އެންމެން ގާތު ވިސާމް އޭނަގެ ގެއަށް އަންނަ ވާހަކަ ބުނަމުން ދިޔައެވެ. އޭނައާއި އެއްވަރަށް އަނގަގަދަ އޭނަގެ އެކުވެރިން ވެސް ދިޔައީ، ވިސާމް އެގެއަށް އައުމަށް އެއްބަސްވީ ދުވަހުއްސުރެ މުޅި ރަށަށް އެ ޚަބަރު ފަތުރަމުންނެވެ. ރަށު ތެރޭގައި އެ ވާހަކަ މީހުން ދައްކަމުން ދިޔަ ގޮތުން ޒަމީނާއަށް ހުރެވުނީ ހެވިދިއްލިފައެވެ. ވިސާމް ކަހަލަ މުއްސަނދި މީހަކާއި ގުޅުން އޮތުމަކީ އޭނަގެ ނަޒަރުން ވަރަށް ބޮޑު ފަޚުރެކެވެ. އޭނަ ގެއަށް އައިސް ވަނީ ވިސާމް އޭނަގެ ޢާއިލާއާއި ވަރަށް އަވަހަށް ކައިވެނީގެ ގޮށަކުން ގުޅޭނެ ކަމަށް އުއްމީދު ކުރަމުންނެވެ. އެހެނަސް އޭނަގެ ހިތް ގެނބިގެން ދިޔައީ ގެއަށް އައިއިރު ވިސާމް އެކަނި ބަދިގޭގައި މަސައްކަތް ކުރަމުން ދިޔަތަން ފެނުމުންނެވެ. ޝަފަޤްގެ ކޮޓަރި ތެރެއިން އޭނަގެ ހުނުމުގެ އަޑު އިވިފައި ޒަމީނާ އައި ރުޅީގައި ގޮސް އެ ކޮޓަރީގެ ދޮރު ހުޅުވައި ހަޅޭއްލަވައިގަންނަން އުޅުނެވެ. އެހެނަސް ޝަފަޤްގެ ކައިރީގައި ގޮދަޑި މަތީގައި ފޮތަކާއެކީ އިން މިޝްކާ ފެނިފައި އޭނަ ހިމޭންވިއެވެ.

 

“ހެހެ…..މިޝްކާއާއި ދައްތި ބައްޕިއާ އެހީނުވެ މިތާތަ ތިބެނީ؟” ޒަމީނާ ހެވޭތޯ މަސައްކަތް ކުރަމުން އަހާލިއެވެ. އޭނަގެ މަޤްޞަދު ނަގައިގަނެވުނު ޝަފަޤް ފުން ނޭވައެއް ދޫކޮށްލަމުން އިސްޖަހާލިއެވެ.

 

“ބައްޕި ޓްރްރްރްރްރްރް ޖައްސާތީ މިޝީއާ ދައްތި މިތާ މިތިބީ. މިހާރު ކޮއްކޮ ދައްތިއާއެކީ ކުލަ ޖައްސަނީ. ބައްޕި އެހެންނޫނަސް އެހާ ބޮޑު ހެލްޕެއް ބޭނުމެއްނުވާނެ. ބައްޕި ވަރަށް މޮޅުވާނެ.” މިޝްކާ އޭނަގެ ފުރިހަމަ ހިނިތުންވުމުގައި އިނދެ ބުނެލިއެވެ. މިޝްކާގެ ވާހަކައިން ޝަފަޤަށް ލިބުނު ހިތްހަމަޖެހުމާއެކީ އޭނައަށް ހީލެވުނެވެ. އެހެނަސް ޒަމީނާގެ ރުޅި މޫނު ފެނިފައި އޭނަ ހުނުން ކޮންޓްރޯލް ކޮށްލިއެވެ.

 

“އެކަމަކު މެންދުރު ކާ ގަޑިއަށް ކޮއްކޮ އަންނަންވާނެ އިނގޭ ދައްތިއާ ބައްޕިއާ އެކީ ކާން؟” ޒަމީނާ ދެންވެސް ގަދަކަމުން ހިނިތުންވެލަމުން ބުންޏެވެ. މިފަހަރު މިޝްކާ ބޯޖަހާލި ވަގުތު ޝަފަޤްގެ ހިނިތުންވުން ފިލައިދިޔައެވެ. ޒަމީނާ ކާމިޔާބުގެ ހިނިތުންވުމަކާއެކީ ނިކުމެގެން ދިޔަ ގޮތުން ޝަފަޤްގެ މެއަށް ނުބައި ގޮތެއްވިއެވެ. ކޮންމެއަކަސް އޭނަ ބަހަނާއެއް ދައްކާފައި ވިސާމާއި ދުރުވާނީ ކަމަށް ޝަފަޤް ހިތާހިތުން ކިޔާލިއެވެ. އެއަށްފަހު މިޝްކާއާއެކީ އަނެއްކާވެސް ކުލަޖައްސަން ފެށިއެވެ.

 

 

ވިސާމް ތިންވަނައަށް އެޅި ކުދި ކޭކުތަކުގެ ތަބަކުތައް އޭނަ އަވަނަށްލީ މެންދުރު ނަމާދު ވަގުތު ގާތްވެފައި ވަނިކޮށެވެ. އޭނަ މިހާތަނަށް އައިއިރު ބަދިގޭގައި މަސައްކަތް ކުރަމުން 5 ވަރަކަށް ފަހަރު ހުޅުވާލެވިފައިވާ ކޮޓަރީގެ ދޮރުން ބޯ ދިއްކޮށް މިޝްކާއާއި ޝަފަޤަށް އަވަސް ނަޒަރެއް ދިނެވެ. އޭގެއިން ކޮންމެ ފަހަރަކުން މިޝްކާ ހެވިފައި އިންނަތަން ފެނިފައި ވިސާމް ހިސާބަކަށް ޙައިރާންވިއެވެ. މިޝްކާއަކީ ޢާއްމު ގޮތެއްގައި އެހާ ގިނައިރު ވަންދެން އެއްތަނެއްގައި ފޫހިނުވެ ހުންނަ ޒާތުގެ ކުއްޖެއް ނޫނެވެ. ގޭގައި އޭނަ މިޝްކާއާއެކީ ކުޅޭ އިރުވެސް ވަކި ހިސާބަކުން އޭނަ މިޝްކާ ކޮނޑަށް ލައިގެން ގޭގެ ތެރޭގައި ދުވަންޖެހެއެވެ. އެހެންނޫނީ މިޝްކާ ގޮވައިގެން ގެއިން ބޭރަށް ދާންޖެހެއެވެ. މިޝްކާގެ ފޫހި ފިލުވާލުމަށްޓަކައި އޭނަގެ އަތަށް ޓެބްލެޓް ލައި ދިނުމަކީ ވިސާމް އެހާ ރުހޭ ގޮތެއްނޫނެވެ. އެއީ އެކަމުން މިޝްކާގެ ޞިއްޙަތަށް ގެއްލުމެއް ލިބިދާނެތީވެއެވެ. ކޮންމެއަކަސް އޭނަ ބަލިކޮށް އުޅޭ ދުވަސްދުވަހު މާ ގިނައިން ކޮޅަށް ނުތެދުވުމަށްޓަކައި އޭނަ މިޝްކާއަށް މިޝްކާ ބޭނުންވާ ވީޑިޔޯތައް ދައްކައި ހަދައެވެ. ވީއިރު އެ ޝަފަޤް ބިނދިފައިވާ އަތަކާއެކީ ވެސް މެދުކެނޑުމެއްނެތި މިޝްކާގެ ފޫހި ފިލުވަމުން ދިޔައީ ކިހިނެއްބާއޭ ވިސާމްގެ ހިތަށްއެރިއެވެ. އެއީ ޝަފަޤް ޑްރާމާ ކުޅެން މޮޅުވީމަ ހެއްޔެވެ؟ އޭނަ އެއްފަހަރު ކޮޓަރީގެ ހުޅުވާލެވިފައިހުރި ދޮރު މައްޗަށް އެރިއިރު ޝަފަޤް ހުރީ ކުނި ކަހާ ބުރުހެއްގެ ދަނޑިއެއް ހިފައިގެން އަޑު ބަދަލުކޮށް މުސްކުޅި މާމައެއްހެން ވާހަކަ ދައްކާށެވެ. އޭނަ ދެއްކި މަޖާ ވާހަކައަކުން ވިސާމަށް ހީލެވުނުތަނާހެން ޝަފަޤާއި މިޝްކާގެ ނަޒަރު އޭނައަށް އަމާޒުވިއެވެ. ވިސާމް ފެނުނުތަނާހެން ޝަފަޤް ސީދާވެލަމުން ސީރިއަސްވެލީ ވަގުތު މިޝްކާ ވިސާމްގެ ގާތަށް ގޮސް ތިމަންނަމެންގެ ޑްރާމާ ބަލަން އަންނާށޭ ބުންޏެވެ. ވިސާމް ޝަފަޤަށް ބަލާލި ވަގުތު އޭނަ އިސްޖަހައިގެން ހުރި ގޮތުން ވިސާމް އެތާ ހުރިއްޔާ ޝަފަޤަށް ޑްރާމާ ނުކުޅެވޭނެކަން އޭނައަށް އެނގުންވިއެވެ. އެހެންކަމުން މިޝްކާއަށް މަސައްކަތުގެ ބަހަނާ ދައްކައި ވިސާމް އެތަނުން ދިޔައެވެ.

 

ވިސާމް ފުން ނޭވައެއް ދޫކޮށްލަމުން ގަޑި ބަލާލި ވަގުތު ގަޑިން ވީ 12:15 އެވެ. އޭގެ މާ ގިނައިރެއްނުވެ ބަންގި ގޮވަން ފެށުމުން އާދައިގެ މަތިން ވިސާމްގެ މޫނުމަތީގެ ކުލަވަރު އޮއްސުނެވެ. ކޮންމެ ފަހަރަކުން އެ މޫނުމަތިން ރުޅިވެރިކަމުގެ އަސަރުތައް ފާޅުވާން ފެށިއެވެ. އެހެނަސް ޝަފަޤްގެ ނަން ހިތަށް ވެރިވުމުން އޭނަ ނަމާދު ކުރާނެތާއޭ ވިސާމަށް ހިތާހިތުން ކިޔާލެވުނެވެ. އެއާއެކު ވިސާމް ބަދިގެއިން ނިކުތީ ޝަފަޤް ނަމާދަށް ފޮނުވުމަށްޓަކައި މިޝްކާއާއި ޙަވާލުވުމަށެވެ.

 

“ކޮއްކޯ ހިނގާ އަވަހަށް ނަމާދަށް.” ކޮޓަރީގެ ދޮރާއި ހަމަވަމުން ދިޔަ ވަގުތު ޝަފަޤް އެހެން ބުނެލި އަޑަށް ވިސާމްގެ ފިޔަވަޅުތައް ލަސްވިއެވެ.

 

“ވާވް ދައްތިއަށް އެނގޭތަ ނަމާދުކުރަން؟” ވިސާމް ކޮޓަރި ތެރެއަށް ބަލާލި ވަގުތު ގޮދަޑިމަތީގައި އިން މިޝްކާ ކޮޅަށް ހުރި ޝަފަޤާއި ސުވާލުކުރިއެވެ.

 

“ހޫމް…..ކޮއްކޮއަށް ނޭނގެނީތަ؟” ޝަފަޤް ޙައިރާންކަމާއެކީ ސުވާލުކުރިއެވެ. މިޝްކާ ހިތާމަވެރި މޫނަކާއެކީ ބޯޖަހާލި ގޮތުން ޝަފަޤް ދެރަވިއެވެ. ނަމާދުކުރަން ބޭނުންވާ ކުއްޖަކަށް ނަމާދުކުރަން ދަސްކޮށްނުދެވި ހުރި ކަމަށްޓަކައެވެ. އޭނައަށް ހީވީ ރަނގަޅަށްތާއެވެ. މި ފެންނަމުންދަނީ ވިސާމް މިޝްކާއަށް ދީން އުނގަންނައިދިނުމަށްޓަކައި މަސައްކަތް ނުކުރާ ކަމުގެ ހެއްކެކެވެ. އެހެނަސް އޭނަ މުސްތަޤްބަލުގެ ޖީލުތައް މަގުފުރެދިގެން ދާކަށް ބޭނުމެއް ނޫނެވެ.

 

“ދައްތި ދަސްކޮށްދޭނަން ކޮއްކޮއަށް ނަމާދުކުރަން. މިތާ މަޑު ކުރޭ އިނގޭ؟ ދައްތި އަންނާނަން މިގޭގަ ނިދަން އޮތް އެހެން ދައްތިއަކަށް ގޮވާލާފަ. ކޮއްކޮ މި ކުޅޭ އެއްޗެހި ބޭގަށް އަޅާ ދައްތި އަންނައިރަށް.” ޝަފަޤް އެންމެ ފަހު ޖުމްލަ ބުނެލަމުން ކޮޓަރިން ނިކުންނަން ދިޔައެވެ. އޭނަ ތިރި ބަލަމުން އައިސް ދޮރުން ނިކުތް ވަގުތު މީހަކު ދޮރުމަތިން ދުރުވެލީކަން އެނގުންވީ ހިނދު ޝަފަޤްގެ ހިތް ތެޅިލިއެވެ. އޭނަ އިސްއުފުލާލި ވަގުތު ސީރިއަސް ނަޒަރަކާއެކީ ފާރަށް ލެނގިގެން ހުރި ވިސާމް އޭނައަށް ފެނުނެވެ. ވިސާމްގެ ކުރިމަތީގައި ހުންނަން ބޭނުންނުވެގެން ޝަފަޤް އޭނައާއި ދުރަށްދާން ހިނގައިގަތެވެ. އެވަގުތު ވިސާމް ގާތު ހުކުރަށް ދިޔުމަށް ބުނަންވީ ކަމަށް އޭނަގެ ހިތް ބުންޏެވެ. އެ ޚިޔާލު ހިތަށް ވެރިވުމުން ވީ އުނދަގުލާއެކީ ޝަފަޤަށް ދެލޯ މަރައި ތަގުޅި ކޮށްލެވުނެވެ. އޭނަ ބުންޏަސް ވިސާމް ނުދާނެކަމަށް ޝަފަޤްގެ ހިތުގެ ކަނަކުން ގޮވާލިއެވެ. އެހެނަސް އެއްވެސް މީހެއްގެ ގޮތެއް ހަމަ ނޭނގޭނެތާއޭ ހިތް ބުނި ވަގުތު ޝަފަޤަށް އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ.

 

“ހް…ހުކުރަށް ނުދަނީތަ؟” ޝަފަޤް ޖެހިލުންވުމަކާއެކީ ކޮށްލި ސުވާލު ކޮޓަރިއަށް ވަންނަން އުޅުނު ވިސާމަށް އިވުނެވެ. އޭނަ ބަލާލިއިރު ޝަފަޤް ހުރީ އޭނައަށް ފުރަގަސް ދީގެންނެވެ. ވިސާމް އޭނަގެ ބުމަގޮށްޖަހާލަމުން އެއްވެސް އެއްޗެކޭ ނުބުނީ ޝަފަޤް އިތުރު އެއްޗެކޭ ނުބުނާނެ ކަމަށް ހީކުރަމުންނެވެ. އޭނައަށް ހީކުރެވުނީ ރަނގަޅަށެވެ. ޝަފަޤްގެ ހިތް ބާރަށް ތެޅެމުން ދިޔައިރު އޭނައަށް އިތުރު އެއްޗެކޭ ބުނުމުގެ ހިތްވަރެއް ނުލިބުނެވެ. އޭނަ އިތުރު އެއްޗެކޭ ބުނެފިނަމަ ބޮޑު ފިރިހެނަކާއި އޭނަ ޖަދަލުކުރަން ޖެހިދާނެހެން ހީވުމުންނެވެ. އެހެންކަމުން ޝަފަޤް ނާކާމިޔާބީގެ އިޙްޞާޞަކާއެކީ ކުރިއަށް ހިނގައިގަތެވެ. އެހެނަސް ބަދިގޭގެ ހުޅުވާލެވިފައި ހުރި ދޮރާއި ހަމަވުމުން އޭނައަށް ޚިޔާލެއް ލިބުނެވެ. އޭނަ ކުއްލިއަކަށް އެ ދޮރު ލައްޕާލިއެވެ. އަދި އެއަށްފަހު އޭނަގެ ހައުސް ކޯޓުގެ އަރިމަތީގައި ހުރި ޖީބުން ގޭގެ ތަޅުދަނޑި ފަތި ނަގައި އެ ދޮރު ތަޅުލިއެވެ. މަންޒަރު ބަލަން ހުރި ވިސާމް ހުރީ ވާނުވާއެއް ނޭނގިފައެވެ.

 

“ނަމާދުނުކޮށް ކޭކުތައް ނޭޅިއަސް މައްސަލައެއްނެތް.” ތަޅުދަނޑި ފަތި ޖީބަށް އަޅާލަމުން ޝަފަޤް ބުނެލީ ހަމައެކަނި އެހާވަރަށެވެ. އޭނަގެ މަޤްޞަދަކަށް ވެފައިވީ ވިސާމް ކޮންމެ ގޮތެއް ހަދާފައި ވިޔަސް ނަމާދަށް ފޮނުވުމެވެ. ބައެއް މީހުންނަކީ އެއްފަހަރަށްވުރެ ގިނައިން ބުނުމުން އަޑުއަހާ ބަޔަކަށް ވީއިރު އޭނަ އެއްފަހަރު އެއްގޮތަކަށް ބުނެގެން ދޫކޮށްލާ ހިތެއްނުވީއެވެ. އެކަމަށްޓަކައި އޭނަ ޒިންމާވާންޖެހިދާނެ ދުވަހެއް ހަނދާނަށް އައުމުންނެވެ.

 

ޝަފަޤް އެންމެ ފަހަކަށް ބުނެލި ޖުމްލަ އިވިފައި ވިސާމް ޝަފަޤަށް އިތުރަށް ފޫހިވުން ނޫންކަމެއް ނުވިއެވެ. ޝަފަޤް ހިތުން ޝަފަޤް އޭނަ “ބިރުގަންނަވާލީ” ހެއްޔެވެ؟ އޭނަ ވެސް ވަކި ޝަފަޤަށްޓަކައި ކޭކު އަޅައިދޭ ހިތުންނެއް ނުއުޅެއެވެ. އޭނަ ބޭނުމިއްޔާ އޭނަ މިހާރުވެސް ގެއަށް ދިޔައީހެވެ. އެހީތެރިކަމުގެ އަތެއް ދިއްކޮށްލިޔަސް މިކަހަލަ މީހުންނަށް އެކަން ބަލައެއް ނުގަނެވޭނެއޭ ވިސާމަށް ހިތާހިތުން ކިޔާލެވުނެވެ. އައި ރުޅީގައި އޭނަ އެއްޗެކޭ ބުނަން އުޅުނު ވަގުތު މިޝްކާ ކޮޓަރިން ނިކުތެވެ.

 

“ދައްތި ޓޯއިސްތައް އަޅާ ނިމިއްޖެ!” މިޝްކާ ބުންޏެވެ. އޭގެ ދެވަނަ ސިކުންތުގައި ވިސާމް ފެނިފައި މިޝްކާ އުޖާލާވެގެން ދިޔަ މޫނަކާއެކީ ބައްޕިއޭ ކިޔައި ވިސާމްގެ ގައިގައި ބައްދާލިއެވެ. ވިސާމް ހިނދުކޮޅަކަށް ހުއްޓުން އަރާފައި ހުރެފައި މިޝްކާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.

 

“ބައްޕި ކޮއްކޮ މިއުޅެނީ ދައްތިއާއެކީ ނަމާދުކުރަން. ބައްޕި ވެސް އާދޭ!” މިޝްކާ ވިސާމާއި ދުރުވެ އޭނަގެ އެއްއަތުގައި ދެއަތުން ހިފާލަމުން އެދުނެވެ. ދުރުގައި އެ ވާހަކަ އަޑުއަހަން ހުރި ޝަފަޤްގެ ހިތަށް އުފާވެރިކަމެއް ވެރިވިއެވެ. އޭނައަށް ނޭނގި އޭނަގެ ތުންފަތްމަތިން ހިނިތުންވުމެއް ދުވެލިއެވެ. އެ ހިނދު ދެންމެ މިޝްކާ ބުނެލި ވާހަކައަކާމެދު ވިސްނާލެވުމުން ޝަފަޤަށް ވާހަކަ ދެއްކުނެވެ.

 

“ކޮއްކޯ ބައްޕި ނަމާދު ކުރާނީ ގޭގައެއްނޫނޭ. މިސްކިތުގަ. ބައްޕި ދާނީ މިސްކިތަށް، ދޯ؟” ޝަފަޤް އެއްފަހަރު މިޝްކާއަށް އަނެއްފަހަރު ވިސާމަށް ބަލާލަމުން ދޯދިނެވެ. ވިސާމް ފޮރުވަން އުޅުނު ނުރުހުންތެރިކަމުގެ އަސަރުތައް ޝަފަޤަށް ސިއްރެއް ނުވިއެވެ. އޭނައަށް ހީކުރެވުނީ ވިސާމް ދެންވެސް އިތުރު ބަހަނާތަކެއް ދައްކާނެ ކަމަށެވެ. އެހެނަސް އޭނަ ހީކުރި ގޮތާއި ޚިލާފަށް ވިސާމް އޭނައަށް ބަލަން ހުރެފައި މިޝްކާއަށް ބަލާލިއެވެ.

 

“ބައްޕި އެބަ އަންނަން.” ވިސާމް އެހެން ބުނެ އަދިވެސް އެއްފަހަރު މިޝްކާގެ ބޮލުގައި ފިރުމާލަމުން ގުދުވެ މިޝްކާގެ ނިތަށް ބޮސްދިނެވެ. އެއަށްފަހު ޝަފަޤަށް ބަލާލުމެއްވެސް ނެތި އެ ގެއިން ނިކުމެގެން ދިޔައެވެ. އެ މަންޒަރު ބަލަން ޝަފަޤަށް ހުރެވުނީ ޤަބޫލުވެސް ނުކުރެވިފައެވެ. މަޝްހޫރު ލަވަ ކިޔުންތެރިޔާ ވިސާމް ހަމަ ހުކުރަށް ދިޔައީ ހެއްޔެވެ؟

 

“ބައްޕި އެ ދިޔައީ މިސްކިތަށްދޯ ދައްތި؟” މިޝްކާ އަހާލިއެވެ. ޝަފަޤަށް ސިހިފައި ކަހަލަ ގޮތަކަށް މިޝްކާއާއި ދިމާލަށް ބަލާލެވުނެވެ. މިޝްކާ ޖަވާބަކަށް އުއްމީދުކޮށް އޭނައަށް ބަލަހައްޓައިގެން ހުންނަން ފެށުމުން ޝަފަޤް ޝައްކެއްގެ މަތީގައި ހުރެ ބޯޖަހާލިއެވެ. އޭނައަށް ވިސާމާއިމެދު ނުބައި ހީކުރުންތައް ހީކުރެވެން ފެށި ވަގުތު އޭނަ ގަދަކަމުން ހިނިތުންވެލަމުން މިޝްކާ ގާތު ހިނގާށޭ ބުނެލިއެވެ. އެއަށްފަހު ވިސާމް ދާނީ ނަމާދަށޭ އަމިއްލަ ނަފްސު ގާތު ބުނެލީ މީހުންނާއިމެދު ނުބައިކޮށް ދެކުމަކީ އޭނަ ކުރާ ހިތްވާ ކަމަކަށް ނުވާތީވެއެވެ. އޭނައަށް ނުބައިހެން ހީވާ ކޮންމެ މީހަކީ އެއްވެސް ހެޔޮ ކަމެއް ނުކުރާ މީހަކަށް ނުވެދާނެކަމަށް ޤަބޫލު ކުރެވޭތީވެއެވެ. ކޮންމެއަކަސް ޝަފަޤަށް ނޭނގުނު ކަމަކީ ވިސާމް ގެއިން ނިކުތީ މިސްކިތެއްގެ ކައިރިއަށް ވެސް ދާން ޚިޔާލުކޮށްގެން ނޫންކަމެވެ. ވިސާމް ދިޔައީ މިޝްކާގެ ކުރިމަތީގައި ޒުވާބެއް ފަށަން ބޭނުން ނުވީތީވެކަމެވެ. އަދި ޝަފަޤް ކަހަލަ މީހަކާއި އިތުރަށް ވާހަކަ ދައްކަން ނޭދުމުން ކަމެވެ.

 

ނިދަން އޮތް ހުދާ ތެދުކޮށްލަމުން ޝަފަޤް އޭނަ ގާތު ވެސް ނަމާދަށް އައުމަށް އަންގައި މިޝްކާއާއެކީ ވުޟޫކުރަން ދިޔައެވެ. ހުދާ އެހެން ދުވަސް ދުވަހާއި ޚިލާފަށް ޝަފަޤް ގޮވިތަނާހެން ހޭލީ މިއަދަކީ ވިސާމް އެގޭގައި އުޅޭ ދުވަސްކަން ހަނދާންވުމުންނެވެ. މިހާއިރު ނިދަން އޮވެވުނު ކަމަށްޓަކައި ވެސް އޭނަ ހިތާމަ ކުރިއެވެ. އޭނަ ވުޟޫކޮށްގެން ނިކުތް އިރު ޝަފަޤް މިޝްކާއާއެކީ އޭނަގެ ކޮޓަރިއަށް އައިސް ހުރިތަން ފެނިފައި ހުދާގެ ހުރިހާ ދަތްތައް ފެނިގެން ދިޔައެވެ. މިޝްކާ ރުއްސައިގެން ނަމަވެސް އޭނަގެ ނަން ވިސާމާއި ހަމައަށް ފޯރުވުމުގެ ނިޔަތުގައި ހުދާ މިޝްކާއާއި ސަމާސާކޮށް ހެދިއެވެ. އަދި މިޝްކާއަށް ދޮޅިއެއް ހޯދައި އެ ދޮޅި ހެޔޮވަރު ކޮށްދިނެވެ.

 

ޝަފަޤް އިމާމުވެ ނަމާދުކުރަން ފެށުމުން މިޝްކާ އޭނަގާތު ބުނެވިފައިވި ފަދައިން ޝަފްދައްތި ހެދި ކޮންމެ ގޮތެއް ހަދަމުން ދިޔައެވެ. ނަމާދު ކުރިއިރު މިޝްކާގެ މަޑުމައިތިރިކަން ފާހަގަ ކުރެވުމުން ޝަފަޤްގެ ހިތް ލޯބިން ފުރިގެން އައެވެ. މިޝްކާއަކީ ހިދާޔަތް ލިބިގެންވާ ކުއްޖެއްކަމުގައި ލެއްވުމަށް އެދި ޝަފަޤަށް އެތައް ފަހަރަކު ދުޢާކުރެވުނެވެ. އޭނައަށް ލިބޭ އަންހެން ކުއްޖަކާއެކީ މިގޮތަށް ނަމާދުކުރާ މަންޒަރު ޝަފަޤަށް ހުވަފެންތަކުން ފެނިފައިވެއެވެ. ނޭނގޭ ސަބަބަކާހުރެ އޭނައަށް މިޝްކާ ސިފަކުރެވެމުން ދިޔައީ އޭނަގެ އަމިއްލަ ކުއްޖެއްގެ ގޮތުގައެވެ.

 

ނަމާދުކޮށް ނިމުމާއެކު ޝަފަޤް ހުދާ ގާތު މިޝްކާ ކައިރި ހުރުމަށް ބުނުމަށްފަހު އަވަސްއަވަހަށް ބަދިގެއަށް ދިޔައީ އަވަނުގައި ކޭކުތައް ހުރިތޯ ބެލުމަށެވެ. ނަސީބު ރަނގަޅު ކަމުން އޭނައަށް ރަނގަޅު ވަގުތުގައި ގޮސް އަވަން ނިވާލެވުނެވެ. ކޭކުތައް ހުރިލެއް އޮމާންކަމާއި އެއިން އެރި މީރު ވަހުން ޝަފަޤަށް ހިތާހިތުން ވިސާމަށް ތަޢުރީފު ކުރެވުނެވެ. ވިސާމްގެ ނަން ހިތަށް ވެރިވުމުން ޝަފަޤް މެންދުރު ކާން އަވަސްވެގަތެވެ. އޭނަ ބޭނުންވީ ވިސާމް އައުމުގެ ކުރިން ވެސް ކައި ނިންމާލާށެވެ. މީހަކު ސުވާލު ކުރިޔަސް ތިމަންނަ ކައިފީމޭ ތެދުތެދަށް ބުނެވޭނެ ގޮތަށެވެ. ސުވާލު ކުރިޔަސް ކުރާނީ ބޮޑުދައިތައޭ ޝަފަޤްގެ ހިތް ބުންޏެވެ. ޒަމީނާ 11:30 ވީއިރު ޒައިން ބަލާ ދިޔަ ގޮތަށް އަދިވެސް ގެއަށް ނާދެއެވެ. އޭނަ ވަނީ ޝަފަޤަށް ގުޅާފައި އޭނަ ހުރީ ޒައިންއާއެކީ ޒައިންގެ ބައްޕަ ފަރާތު ކާފަގެ ގޭގައި ކަމަށް ބުނެފައެވެ. އަދި އިރުއޮއްސުމުގެ ކުރިން އެމީހުން ގެއަށް ނާންނާނެ ކަމަށްވެސް ޒަމީނާ ބުންޏެވެ. ބޮޑުދައިތަގެ ވާހަކަ ހުރި ރާގުން ބޮޑުދައިތަ ބޭނުންވަނީ އޭނައާއި ވިސާމް އެކަހެރި ކުރަންކަން ޝަފަޤަށް އެނގުންވިއެވެ. އެހެނަސް އޭނަ އެކަން އެގޮތަށް ކަންތައް ވިޔަ ނުދޭން ޢަޒުމް ކަނޑަ އަޅަމުން އޭނަގެ ކާ ތަށި ނެގިއެވެ.

 

ހުކުރުން މީހުން ފައިބާނެ ގަޑި އަންދާޒާ ކޮށްފައި ވިސާމް އެ ގަޑިއަށް އަނބުރާ ޝަފަޤްމެންގެ ގެއަށްއައެވެ. އޭނަ އައިއިރު ޝަފަޤާއި މިޝްކާ ކާގޭގައި އުޅޭ އަޑު އިވެއެވެ. އޭނަ ކާގެއަށް ދިޔައިރު މިޝްކާއާއި ޝަފަޤްގެ އިތުރުން ފުރާވަރުގެ އެހެން އަންހެން ކުއްޖެއްވެސް ސުފުރާއަށް ކާ އެއްޗެހި އަރުވަމުން ދިޔައެވެ. އެ ކުއްޖާ އޭނަ ފެނުމުން ހެވިފައި ހުރެ ސޭމްއޭ ކިޔައި ގޮވާލި ގޮތުން އެއީ އޭނަގެ ސަޕޯޓަރެއްކަން ވިސާމަށް އެނގުންވިއެވެ. މިކަހަލަ “ދީނީ” ގެއެއްގައި އޭނަގެ ސަޕޯޓަރެއް ހުރި ގޮތުން ވިސާމް ޙައިރާންވިއެވެ. އެ ޙައިރާންކަން މަތިން ހަނދާން ނައްތާލަމުން ވިސާމް ހުދާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އެއަށްފަހު އޭނަ ކާމޭޒުދޮށުގައި އިށީންތަނާހެން މޭޒުމަތީގައި މިޝްކާގެ ޖޫސްތަށި ބެހެއްޓި ޝަފަޤް އެތަނުން ދާން ހިނގައިގަތެވެ. ދައްތި ނުކަނީތޯ މިޝްކާ ސުވާލުކުރުމުން ޝަފަޤް ތިމަންނަ ކައިފީމޭ ބުނެ ބަހަނާއެއް ދައްކާލަމުން ނިކުތެވެ.

 

ކައި ނިމިގެން ވިސާމް މި ފަހަރުވެސް އަނބުރާ މަސައްކަތަށް ދާންޖެހުނީ އެކަންޏެވެ. މިޝްކާ ބޭނުންވީ ޝަފްދައްތިއާއެކީ ކުޅޭށެވެ. ޝަފަޤް އުފަލާއެކީ މިޝްކާ ގޮވައިގެން ސިޓިންގް ރޫމަށް ދިޔައެވެ. އެ ދެމީހުންގެ ހުނުމުގެ އަޑު އިވެމުން ދިޔަ ވިސާމް މަސައްކަތް ހުއްޓާލާފައި އެ މީހުންގެ ގާތަށް ދާން ބޭނުންވިއެވެ. ޝަފަޤް މިޝްކާ ހެއްވަމުން ދިޔައީ ކިހިނެއްތޯ ބަލަން ހިތް އެދުނު ގޮތުން ވިސާމް މޭ ނުބައި ކުރިއެވެ. އޭނަ ވަކި ޝަފަޤް ބަލަންވީ ކީއްކުރަންތޯ ވިސާމް އަމިއްލަ ނަފްސާއި ސުވާލުކުރިއެވެ. ޝަފަޤްގެ ކިބައިގައި އަޅައިގަންނަ ސިފައެއް ނެތަސް ވިސާމްގެ ނަޒަރުން ޝަފަޤް ހުތުރެއްނޫނެވެ. އޭނަގެ ހިތަށް ޝަފަޤް ހުތުރު ކުރުވަނީ ޝަފަޤްގެ އެ ޝަޚުޞިއްޔަތެވެ. ޝަފަޤް ވެސް އެ ހައުސް ކޯޓު ދޫކޮށް ކުރު ހެދުމެއް ލައިގެން ހިނިތުންވުމަކާއެކީ ވާހަކަ ދައްކައިފިނަމަ ވަރަށްވެސް ރީތިވާނެ ކަމަށް ވިސާމަށް ހިތާހިތުން އެއްބަސްވެވުނެވެ. ބައެއް މީހުންނަށް ހަމަ ދިރިއުޅެން ނޭނގެނީތާއޭ އޭނަގެ ހިތަށްއެރިއެވެ.

 

ވިސާމް އޭނަގެ އަމިއްލަ ޚިޔާލުތަކުގައި ހުރެ އަވަސްއަވަހަށް މަސައްކަތްތައް ނިންމަމުން ދިޔައީ ވީހާވެސް އަވަހަކަށް ގެއަށް ދެވޭތޯއެވެ. އެހާ ގިނައިރު ވަންދެން އޭސީއެއް ނެތް ތަނެއްގައި ހުންނަންވުމުން އޭނަ ހުރީ ދާހިއްލާ ފޯވެފައެވެ. ހުދާ ދޭތެރެދޭތެރެއިން އައިސް ވަރަށް އުނދަގޫ އެބަވޭދޯއޭ ކިޔައި ސުވާލުތައް ދިޔައެވެ. އޭނަގެ މަންމައާއި އެއްވަރަށް ނޫނަސް ހުދާގެ ވާހަކަތަކުން ވެސް ވިސާމަށް ފާހަގަކުރެވުނީ ދަހިވެތިކަމެވެ. ފައިސާ ހޯދުމަށް ހުދާ ނުސީދާކޮށް އެތައް ވާހަކައެއް އިއްވިއެއް ކަމަކު ވިސާމް އެ “އެދުންތަކަށް” ދިނީ ބީރު ކަންފަތެކެވެ. މިގޭގެ މަންމައާއި ދަރިފުޅު މިހާ ދަހިކަމަށްވާނަމަ ޝަފަޤް އަދި ކިހާ ދަހިވެތިވާނެ ހެއްޔޭ އޭނަގެ ހިތް ބުންޏެވެ. އޭނަގެ ތަޖުރިބާއިން އޭނައަށް އެނގިފައިވާ ގޮތުގައި ދީންވެރި މީހުންނަކީ ދަހި ބައެކެވެ.

 

ވިސާމް މިފަހަރުވެސް މަސައްކަތުގައި ހުއްޓާ ނަމާދަށް ބަންގި ގޮވުމުން އޭނަ ކަންތައް ކުރީ މެންދުރު ނަމާދު ވަގުތުގައި ވެސް ކަންތައް ކުރި ގޮތަށެވެ. އެއީ ކުރީގައިވެސް އެކަންތައް ކުރި ސަބަބުތަކަށްޓަކައެވެ. އޭނަ 4:00 ޖެހިހިކަށްހާއިރު ގެއަށް އައި ވަގުތު މިޝްކާ އޮތީ ޝަފަޤްގެ ކޮޓަރީގައި ނިދާފައެވެ. އޭނަގެ ދަރިފުޅު އެހާ “ދަށު ދަރަޖައިގެ” ތަންމައްޗެއްގައި އޮތްތަން ފެނިފައި ވިސާމް ނުރުހުންވިއެވެ. އޭނަ ވަގުތުން ހަޅޭއްލަވައި އޭނައަކީ ކާކުކަން އަންގާލަން ބޭނުންވިއެވެ. އެހެނަސް މިޝްކާގެ އަރާމު ނިދި ނަގާލަން ނޭދުނީތީ އޭނަ ހިމޭންކަމާއެކީ ބަދިގެއަށް ދިޔައެވެ. އަދި ކުދި ފޮށިތަކުގެ ތެރޭގައި ކޭކުތައް ރާވަމުން ދިޔަ ޝަފަޤްގެ މަސައްކަތުގައި ބައިވެރިވިއެވެ. ދެމީހުންވެގެން އެ މަސައްކަތްކޮށް ނިމުނުތަނާހެން ކަބަޑުމަތީގައި އޮތް ޝަފަޤްގެ ފޯނު ރިންގުވާން ފެށިއެވެ. އޭނަ ގޮސް ބަލާލިއިރު ފޯނުގެ ސްކްރީނުން ފެނުނީ ރަޝީދާގެ ނަމެވެ.

 

“އައްސަލާމްޢަލައިކުމް ދައްތާ! ހަމަ ދެންމެއަކު ކޭކުތައް ފޮށްޓައް އަޅައި މި ނިމުނީ. ދައްތަ ހަމަ މީހަކު ފޮނުވަންވީ!” ޝަފަޤް ފޯނު ކަންފަތުގައި ޖައްސާލަމުން ހިނިތުންވުމަކާއެކީ ބުނެލިއެވެ.

 

“އަސްލުވެސްތަ؟ ހެހެ…….ޝަފަޤް ނިކަން އައިސް ގޭގެ ދޮރު ހުޅުވާލަބަލަ. މިފަހަރު ކޭކުތައް ބަލާ މިއައީ ދައްތަ އަމިއްލައަށް.” އެކޮޅުން އިވުނު ވާހަކައަކުން ޝަފަޤް ހުއްޓުން އަރައި އޭނަގެ އަނގަ ކުޑަކޮށް ހުޅުވުނެވެ. އޭނައަށް މި ހިތްހެޔޮ ދައްތަ އެންމެ ފަހުން ފެންނަން އުޅޭކަމުގެ އުފާވެރިކަމާއެކީ އޭނަގެ ހިތް ތެޅިލިއެވެ.

 

“އަ….އާނ ދައްތާ މި އަންނަނީ.” ޝަފަޤް އަވަސްއަވަހަށް ބުނެލަމުން ފޯނު ކަންފަތުން ނަގާލިއެވެ. އެއަށްފަހު އޭނައަށް ބަލަންހުރި ވިސާމަށް ބަލާލިއެވެ.

 

“ދައްތަ އަމިއްލައަށޯ މިފަހަރު ކޭކުތައް ނަގަން އައީ! ކޭކުތައް ހިފައިގެން އާދޭ! ދައްތައަށް ލަސްވާނެ.” ޝަފަޤަށް ބޭއިޚްތިޔާރުގައި ނުހަނު ޖޯޝާއެކީ ބުނެލެވުނެވެ. އެއަށްފަހު އޭނަ ސިކުންތަކަށް ވެސް މަޑު ނުކޮށް އަވަސް ފިޔަވަޅުތަކެއްގައި ބަދިގެއިން ނިކުމެގެން ދިޔައެވެ. މަންޒަރު ބަލަންހުރި ވިސާމަށް އޭނަގެ ދެބުމަ ކައިރި ކޮށްލެވުނީ އެ “ދައްތައަކާއި” ބައްދަލުކުރަން ޝަފަޤް އެހާ ބޭނުންވީ ކީއްވެކަން ނޭނގުނީތީވެއެވެ. އޭނައަށް އެނގުނުހާ ވެސް ކަމަކީ އޭނަ އެޅި ކޭކުތައް ގަންނަން އުޅެނީ ޒުވާން އަންހެން ކުއްޖެއް ނޫންކަން އެނގުންވުމުން އޭނަ ފޫހިވި ކަމެވެ. މުސްކުޅި ދައްތައަކަށް އޭނަގެ މަޝްހޫރުކަން އިތުރު ކުރުމަށް ކުރެވޭނީ ކޮން ކަމެއްހޭ އޭނަގެ ހިތަށްއެރިއެވެ. އޭނަ އެ ދައްތައެއްގެ ކުރިމައްޗަށް ދާ ހިތެއްވެސް ނުވިއެވެ. އެހެނަސް އޭނައަކީ ފަށާފައިވާ ކަމެއް ނުނިމެނީސް ދޫކޮށްލާ މީހަކަށް ނުވާތީ އޭނަ އެއް ފޮށިގަނޑު ނަގައި ބަދިގެއިން ނިކުންނަން ދިޔައެވެ.

 

ވިސާމަށް ފޮށިގަނޑާއެކީ ސިޓިންގް ރޫމާއި ހަމައަށް ދެވުނު ވަގުތު ޝަފަޤް ގޭގެ ދޮރާއި ހަމަކޮށްފިއެވެ. ވިސާމް ފޮށީގެ ތެރޭގައި ހުރި ކޭކުތަކަށް ބަލަންހުރެ ޝަފަޤާއި ހަމަ ކުރަމުން ދިޔަ ވަގުތު ޝަފަޤް ދޮރު ހުޅުވައިފިއެވެ.

 

“ޝަފަޤް!” ޝަފަޤް ނަމުން ގޮވާލި އެ އަޑު އިވިފައި ވިސާމްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ އިސްއުފުލައި އެއީ ކާކުތޯ ބަލާލުމާއެކު އޭނަގެ ދެލޯ ބޮޑުވިއެވެ. މުޅި މީހާ ގަނޑުވިއެވެ. ދެއަތުން ވާގި ދޫވާން އުޅުނުހެން ހީވި ވަގުތު އޭނައަށް ފޮށިގަނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (19)

  1. jana

    FB Post:

    Who are the people that dont know how to live? The people who try and follow what other people do or the people who obey the One Who Knows everything?

  2. ny

    V v v reethi…….v v v shaguebahuri……avaskodhechey nx part………mikahala iburaytheri vaahaka that Gina kolhumakee esfiya vaahaka saita libeyv v v bodhu kurierume kamavegn dhaane….njaaya mivisnun ithura fulhaave hulhuvign dhaane hiyaalthake minvarukodevaane.maasha allh….

    1. jana
      ny

      Ameen! Alhamdhulillah! (All praise and thanks belong to Allah) In Sha Allah adhi mikahala vaahaka thah ithuruvegen dhaane. mihaaru ves mi vaahaka noonas dheeny ehen dhigu vaahaka eh mi site ga othumaky ekamattakai ummeedhuge hulhukolheh. Adhi miavvure gina vegen dhaane In Sha Allah. 🙂

  3. faidhaS

    maashaa allah vvv reethi

    1. jana
      faidhaS

      Alhamdhulillah! 🙂

  4. yax

    masha allah varah reethi
    thigothugaa kuriah dhey?

    1. Kudakamana
      yax

      Hageegathuga ves v reethi. Masha allah….. mikahala dheenee vaahaka kudhin kiyan beynun nuvaathee v dheravey!! Ekam hijra vaahaka keefahun hama yageenun ves aharennah v ragalhu ibratheh libun… al hamdh lillah… n thanks jana…

    2. jana
      yax

      Yax: Jazakillah Khairan thi dhevvi hiyvvarattakai. Alhamdhulillah! 🙂

    3. jana
      yax

      Kudakamana: dheravaanvy sababeh nethey kudakamana. 🙂 rangalhu kamakah ehaa gina meehunge hiy lenbigen dhiyumaky faseyhain vaane kameh noon. ey hageegathaky. jana jana ah veevarakun vaahaka shauquveri kureveytho masakkaiy eba kuran. vakin haassakoh zuvaan furaavaruge kudhinnattakai. ey jana ge vaahakathakun emme gina ibraiy thah libeyny ekudhinnah kamavvaathy. Allah molhah dhenevodigenvey jana ah rangalhu badhaleh genaumah effort dheveykan. ekalaange iraadha kurevvi dhuvahakun ekalaange mi masakkathugai barakaaiylavvaane. adhi mi vaahaka kithamme madhu bayaku kiyunas e madhu meehunge therein emme meehakah hidhaayaiy libijjeyya jana ey varah bodu kaamiyaabee eh kamugai dhekeynan In Sha Allah 🙂
      mi vaahaka kiyaa kiyuntherinnah jana ah kohdheven oiy kamaky mi vaahaka ehen meehunnaa hissaakurun. ekamaku vaahaka kiyan beynun nuvaa meehakah force nukurun jana edheyny 🙂 e meehunnah naseyhaiy dheveyne ehen goiythah hunnaane.

  5. Addu manje

    Mibaives varah reethi.. I really like the unique plots you bring in your stories.. They are really helpful and enjoyable.. Good luck for the next part!! 🙂

    1. jana
      Addu manje

      Alhamdhulillah! What inspires me to make my plots unique is the messages hidden in these plots. I want to make sure that the readers are driven to read until i get to the main messages which will actually leave an impact on the readers In Sha Allah.

  6. mixoo

    visaam ah hama nuvisneny dhw.
    jana mee vvvvvvv reethi vaahaka eh..

    1. jana
      mixoo

      hmm wisaamah visneynama ehen nuvaane dho? hehe…..Alhamdhulillah! 🙂

  7. Mine

    Masha Allah varah reethi mi vaahka..mi kahala gina vaahaka kiyan libeyne nama kitanme haa vs rangalhu.. Thiya kuramun daa masaikatah maai Allah barakai lahvaane..aameen

    1. jana
      Mine

      Ameen! Alhamdhulillah! 🙂

  8. Anaan

    Janaa enme ran’galhy… mihaa dhigu koh liyefa hunnaaathy. Pls dhahthi nuki uvva bala. Hadi dhahthi e nan

    1. jana
      Anaan

      Alhamdhulillah! 🙂

      Hehe…balamaa dhen jana thikamaa medhu kuraanee keekkan

  9. Naash

    Masha Allah…. Jana ge story than v v v reethi….. ❤❤❤❤❤

  10. Faxoo

    varah reethi MaShaAllah <3

Comments are closed.