Skip to content
އެސްފިޔަ

ޝެލީން 1

ގަޑިން ފަތިހުގެ ހަތަރުގަޑުބައި ވުމާއިއެކީ ޝާމިންގެ ފޯން އެލާރމްވާން ފެށިއެވެ. ކަންނެތްކަމާއެކު ލޯހުޅުވާލުމަށްފަހު ޝާމިން ފޯނު ނިވާލިއެވެ. ނިދީގެ ސަބަބުން ބަރުވެފައިވާ އެސްފިޔަތައް ހުޅުވާލަން އޭނާއަށްވީ ދަތިކަމަކަށެވެ. އަދިވެސް ނިދާލަން އޭނާ ބޭނުމެވެ. ނަމަވެސް ފަތިސްނަމާދުގެ ޖަމާއަތް ނުލިބިދާނެތީ އަވަހަށް ތެދުވެގެން ފާޚާނާއަށް ވަނެވެ. ޖަމާއަތުގައި ފަތިސްނަމާދު ކުރުމަކީ ވަރަށް ކުޑައިރު އޭނާގެ ކިބައިގާ ހަރުލާފައިވާ ވަރަށް ރަނގަޅު އާދައެކެވެ. ކުޑައިރު މިސްކިތަށް ގޮސް އުޅުނީ ބައްޕަޔާ އެކުގައެވެ. މިހާރު އޭނާ އަމިއްލައަށް ހޭލައިގެން އެކަނި މިސްކިތަށް ދާތާވެސް ދުވަސްތަކެއް ވެއްޖެއެވެ.

ފަތިސްނަމާދަށްފަހު ސުކޫލަށް ދިއުމާމެދު އޮންނަ ވަގުތުގައި ފޮތްކިޔައި، ގޭގައި ހަދަން ދީފައި ހުންނަ ފިލާވަޅުތައް ނިންމައެވެ. މިއަހަރަކީ އޭނާ އޯލެވެލް އިމްތިހާނުގައި ބައިވެރިވާ އަހަރެވެ. އެހެންކަމުން ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހިފައިވެއެވެ.  ރޭގައިވެސް ހޭލާ އުޅެންޖެހުނީ ފިޝަރީޒް ސައިންސްގެ ޕްރޮޖެކްޓްގެ ކަންތަކުގައެވެ. ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް އޭނާ ވަގުތުން ވަގުތަށް ނަމާދުކުރެއެވެ. ދުވާލުގެ ކޮންމެވެސް އެއްވަގުތެއްގައި ޤުރުޢާން ކިޔަވައެވެ. ޝާމިންގެ މައިންބަފައިން މިކަމާ ވަރަށް އުފާކުރެއެވެ. މިއީ ހަމަ އެދެމަފިރިންގެ ރަނގަޅު ތަރުބިއްޔަތުގެ ހެޔޮ ނަތީޖާއެވެ.

ޝާމިން އަކީ އޭނާގެ މަންމައާއި ބައްޕައަށް ލިބިފައިވާ ހަމައެކަނި ދަރިފުޅެވެ. އެއީ އެމީހުންގެ ލޮލުގެ ނޫރެވެ. ހިތުގެ ފިނިކަމެވެ. ނަފްސުގެ ދިރުމެވެ. އެމީހުންގެ ދިރިއުޅުމުގެ ހުރިހާ މަގުސަދެއްވެސް އެދަރިފުޅާ ގުޅިފައިވާ ކަހަލައެވެ. ޝާމިންއަކީ މަންމައާއި ބައްޕަގެ ލޯބި ފުރިހަމަޔަށް ލިބިގެން ބޮޑުވި ނަސީބުވެރި ކުއްޖެކެވެ. އޭނާ ބޭނުންވި ކޮންމެ ކަމެއްވެސް މިވީހާތަނަށް އައީ ފުރިހަމަވަމުންނެވެ. މައިންބަފައިންގެ ފުދުންތެރިމަކާއި ތަނަވަސްކަމުން އޭނާ ބޭނުންވި ކޮންމެ އެއްޗެއް ހޯދައިދެއެވެ. އުނި ހަމަ އެއްކަމެއްވެސް އޭނާގެ ދިރިއުޅުމުގައި ނުވެއެވެ. މިހުރިހާ ކަމަކާއެކުވެސް އޭނާގެ ކިބައިގައި ބޮޑާކަމާއި ފޮނިކަމުގެ އަސަރެއްވެސް ނުވެއެވެ.

ފަތިސްނަމާދުކޮށްގެން އައިސް ކުޑައިރުކޮޅަކު ފޮތްކިޔާލުމަށްފަހު ޝާމިން ފެންވަރާ ތައްޔާރުވެލިއެވެ. ދަބަސް ކޮނޑުގައި އަޅުވައިގެން ނުކުމެ، ސިޓިންރޫމްގެ ސޯފާއެއްގައި ދަބަސް ބޭއްވުމަށްފަހު ކާކޮޓަރިއަށް އޭނާ މިސްރާބުޖެހިއެވެ. ސުކޫލަށް ދިއުމުގެކުރިން، ކިތަންމެ ކުޑަކޮށް ނަމަވެސް ނާސްތާކުރުމަށް މަންމަ އޮންނަނީ ބުނެފައެވެ.

” ކަލޭ ކައިރީ ކޮންމެ ދުވަހަކުވެސް ބުނަންތަ ޖެހެނީ…..މިގަޑީގަ މިތަނަށް ނާންނާށޭ! އޭނ؟..ސައިހަދާފަ މަޑުނުކޮށް ދާށޭ މަ ނުބުނަންތަ؟..ޝާމިން އަންނަ ގަޑީގަ މަބޭނުމެއްނޫން ކަލޭމިތާގަ ހުންނާކަށް….ދޭމިތަނުން!” ކާކޮޓަރީ ދޮރާ ހަމައަށް ދިއުމާއެކު މަންމަ ވަރަށް ނުރުހުންވެފައި މީހަކާ ވާހަކަ ދައްކާއަޑު އިވުނެވެ.

އެހާ ހިތްހަމަ ނުޖެހިގެން މަންމަ ވާހަކަ ދައްކާނީ ހަމައެކަނި ޝެލީންއާކަން ޝާމިންއަށް ހަމަ ރަނގަޅަށް އެނގެއެވެ. ޝެލީންއަކީ ޝާމިންގެ މަންމަ ސަމީރާގެ ދުރުތާ ތިމާގެ މީހެއްގެ ދަރިއެކެވެ. ޝެލީންގެ މަންމައާއި ބައްޕަ މަރުވެ ޔަތީމުވުމުން ބަލާނެ މީހަކުނެތިގެން ސަމީރާ ގެނެސްގެން ގެންގުޅެނީއެވެ. އެއީ މިހާރު ތިރީހަކަށް އަހަރުގެ ޒުވާން ރީތި އަންހެނެކެވެ. އޭނާ އެގޭގައި ނޫޅޭ ހަނދާނެއް ޝާމިން ނުވެއެވެ. ޝެލީންގެ އެންމެ ޒުވާން ދުވަސްވަރުވެސް އެގޭގައި ހޭދަކޮށްފައިވަނީ ސަމީރާގެ ޚިދުމަތުގައެވެ. އަޅަކު ފަދައިންނެވެ. ގޭތެރޭގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރެއެވެ. ކައްކާ، ކާން ހަދާ ސަމީރާއާއި އޭނާގެ ފިރިމީހާ ޝިޔާޒްގެ އަންނައުނު ދޮވެދީ ހަދައެވެ. އެންމެ ކުޑަމިނުން ސަމީރާގެ އެނދުގައި ތަންމަތިއަޅައިދީ ހަދަނީވެސް ޝެލީންއެވެ.

ނަމަވެސް ޝާމިންގެ ހުރިހާ ކަމެއްކޮށްދެނީ އޭނާގެ މަންމައެވެ. ޝާމިންގެ އަންނައުނު ދޮވެ އިސްތިރިކުރަނީވެސް މަންމައެވެ. އޭނާގެ ކޮޓަރި ފޮޅާ ސާފުކޮށް އެނދުގެ ތަންމަތި އަޅަނީވެސް މަންމައެވެ. ޝާމިންގެ އެއްވެސް ކަމެއް ޝެލީންއަކަށް މަންމަ ނުޖައްސައެވެ. ކުޑަމިނުން ޝެލީންއާ ވާހަކަ ދެއްކުންވެސް ޝާމިންއަށް މަންމަވަނީ މަނާކޮށްފައެވެ. މަންމަގެ މިޒާޖާމެދު ބައެއްފަހަރު ޝާމިން އަޖާއިބުވާހާވެއެވެ. މަންމައަކީ ހެޔޮލަފާ ހިތްހެޔޮ މީހެއްކަމުގައި ޝާމިންގެ ރައްޓެހިންވެސް ބުނެއެވެ. އެއީ އޭނާގެ ރައްޓެހިކުދިން ގެޔަށް އައުމުން މަންމަ އެމީހުނާމެދު ކަންތައް ކުރާލެއް ރަނގަޅުކަމުންނެވެ. ޝާމިންއާ ދިމާއަށްވެސް ދުވަހަކުވެސް ނުރުހިފައި މަންމަ ބަހެއްބުނި ހަނދާނެއް އޭނާ ނުވެއެވެ. ޝާމިންނަށް ފެންނަނީ އަބަދުވެސް މަންމަގެ ހިނިތުންވެފައިވާ އުފާވެރި މޫނެވެ.  ވާހަކަ ދައްކާނީވެސް އެހާމެލޯބިންނެވެ. ބައްޕައާމެދުވެސް މަންމަ ކަންތައްކުރަނީ ނުލާހިކު ރަނގަޅަށެވެ.

ނަމަވެސް ޝެލީންއާ މެދު މަންމަ ކަންތައްކުރަނީ ވަރަށް ތަފާތުކޮށެވެ. ރުހުމުގައި ބަހެއް ނުބުނާތާނގައި ހިތްހެޔޮކަމާއެކީ ހިނތުންވެ ނުލައެވެ. ޝާމިންގެ އިތުރުން ބައްޕައާ ވާހަކަދެއްކުންވެސް ޝެލީންއަށް އޮންނަނީ މަނާކޮށްފައެވެ. ބައްޕަ ގޭގައި އުޅޭވަގުތުތަކުގައި ޝެލީންއަށް ކޮޓަރިންވެސް ނުކުތުން މަނަލެވެ. ޝެލީންވެސް އެއްވެސް ޝަކުވާއެއްނެތި މަންމަގެ ކޮންމެ އަމުރަކަށް ކިޔަމަންވެއެވެ. މަންމަ ޝެލީންއާ މެދު ކަންތައް ކުރާގޮތުން ބައްޕަ ހިތްހަމަ ނުޖެހޭކަން ޝާމިންއަށް ފާހަގަ ކުރެވެއެވެ. ނަމަވެސް ޝާމިން ހައިރާންވަނީ މަންމައާ ދެކޮޅަށް ބައްޕަ އެއްޗެއް ނުބުނާތީއެވެ. ބުނެވެންނެތީ ކަމުގައިވެސް ވެދާނެއެވެ.

މަންމަގެ އަމަލުތައް ހުންނަގޮތުން ޝާމިންގެ ހިތުގައި ކުޑައިރުއްސުރެ ސުވާލު އުފެދެއެވެ. ކުޑައިރު މަންމައާ ސުވާލުކުރުމުން މަންމަބުނީ ޝެލީން މަންމަގެ ބަސްނާހަނީ ކަމުގައެވެ. ބަސްނާހާ ކުދިންނަށް އަދަބުލިބެން ޖެހޭނެކަމުގައެވެ. އެހިސާބުން ފެށިގެން، ބަސްނާހާ ކޮންމެ ކުއްޖަކަށްވެސް އަދަބުލިބެން ޖެހޭނެކަމަށް ޝާމިންއަށް ގަބޫލު ކުރެވުނެވެ. އެހެންކަމުން މަންމަ ކޮންމެ އަދަބެއް ޝެލީންއަށް ދިނަސް ފަހުން ޝާމިން ސުވާލުކޮށެއް ނުހަދައެވެ. އެއީ ޝެލީންއަށް ޙައްޤު އަދަބުކަމުގައި ޝާމިންވެސް ދެކެވެ. ކުޑައިރުއްސުރެ ޝާމިންއާ ޝެލީންގެ މެދުގައި ދުރުކަމެއްވަނީ އުފެދިފައެވެ.  އެއްގެއެއްގައި 15 އަހަރު ހޭދަކޮށްފައިވާއިރުވެސް ޝެލީންއަކީ ޝާމިންއަށް ބީރައްޓެއްސެކެވެ. ހަމައެކަނި ގޭގައި ގެންގުޅޭ ނޯކަރެކެވެ. ސާހިބުމީހާއާ ނޯކަރަކާ ދެމެދު އޮންނަ ގުޅުމަށްވުރެވެސް އެދެމީހުންގެ ގުޅުން ކުޑައެވެ.

ޝެލީންއާމެދު ޝާމިންއަށް ވިސްނިފައިވަނީ އޭނާގެ މަންމަ ވިސްނައިދިން އެއްޗެކެވެ. އަމަލުކުރެވިފައިވަނީ އޭނާގެ މަންމަ ދެއްކި ނަމޫނާއާ އެއްގޮތަށެވެ. ޝެލީންއާ ވާހަކަ ނުދައްކާއިރު ރުހުމުގެ ނަޒަރަކުން ބަލާނުލެވެނީވެސް އެހެންވެގެންނެވެ.  ނަމަވެސް ބޮޑުވަމުން އައިވަރަކަށް ޝާމިންގެ ހިތުގައި ޝެލީންއާމެދު އޮންނަ ވިސްނުން ބަދަލުވާން ފެށިއެވެ.

ޝެލީންގެ މަޑުމައިތިރިކަމާއި ކިޔަމަންތެރިކަން ފެނިފައި އޭނާގެ ހިތުގައި ޝެލީންއާމެދު އޯގާތެރިކަން އުފެދުނެވެ. ޝެލީންގެ ރީތި އަޚުލާޤުގެ ސަބަބުން ޝާމިންގެ ހިތުގައި ޝެލީންއަށްޓަކައި ޚާއްސަ ޤަދަރެއް ދެވިއްޖެއެވެ. ފަހަކަށް އައިސް މަންމަގެ އަމަލުތަކާމެދު ޝާމިން ހިތްހަމަ ނުޖެހެން ފެށިއެވެ. ހިތާހިތުން އެކަމަށް ނުރުހެވެއެވެ.

ދުވެފައި ކަހަލަ ގޮތަކަށް ކާކޮޓަރިން ނުކުމެގެން އައި ޝެލީން ލައިގަތީ ޝާމިންގެ ގައިގައެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވެގެންދިޔައެވެ. ޝެލީންގެ ލޮލުން އޮހޮރެން ތައްޔާރުވެފައިވާ ކަރުނަތައްފެނި ޝާމިންގެ ހިތައް އަސަރުކުރިއެވެ. ޝެލީން އަވަސް އަވަހަށް އޭނާގެ ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. ޝެލީން ދިޔަދިމާބަލަން އިރުކޮޅަކު ހުރުމަށްފަހު ޝާމިން ކާކޮޓަރިއަށް ވަނެވެ. އޭރު އޭނާގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވާން ހުއްޓެވެ.

” އަނހަ! ދަރިފުޅާ ތިއައީދޯ….އަވަހަށް އުޅޭ ސައިބޯން…ދަރިފުޅުގެ އިންތިޒާރުގަ މަންމަ މިހުންނަނީ…” އަވަސް ހަރަކާތްތަކާއެކު މަންމަ ޝާމިންއަށް ސައިގިރައިދެމުންދިޔައީ ހިނިތުންވެހުރެއެވެ. ދެންމެ ހިނގި ކަންތަކުގެ އެއްވެސް އަސަރެއް މަންމަގެ މޫނަކުން ފާޅެއްނުވެއެވެ. ޝާމިން ވިސްނުމެއްގައި އިނދެ ސައިބޮއެ ނިންމާލިއެވެ. ސަމީރާވެސް އިތުރުވާހަކައެއް ނުދެއްކީ ޝާމިންގެ މޫނުމަތިން ފާޅުވަމުންދިޔަ އަސަރުތަކުގެ ސަބަބުންނެވެ. ޝެލީންއާ ދިމާއަށް ސަމީރާ އަޑުލާއަޑު ޝާމިންއަށް އިވުނީކަމުގައި އޭނާއަށް ހީވާތީއެވެ. ޝާމިންއަށް އެފަދަ އަޑުތައް އިއްވާކަށް އޭނާވެސް ބޭނުމެއް ނުވެއެވެ.

ޝެލީން ދުވެފައި ދިޔަގޮތަށް އޭނާގެ އެނދުމައްޗަށް ބަންޑުން ވެއްޓިއޮވެގެން ގިސްލަ ގިސްލާފައި ރޮމުންދިޔައެވެ. އޭނާގެ ނަސީބާކަމާމެދު ކަރުނަ ނާޅާ އެންމެ ދުވަހެއްވެސް އޭނާގެ ހަޔާތުން ނުދެއެވެ. އިރުކޮޅަކު ރޯންއޮތުމަށްފަހު މަޑުމަޑުން ތެދުވެ ކޮޓަރީގެ އެއްފަރާތެއްގައިހުރި ކުޑައަލަމާރީގެ ވަތްގަނޑެއް ހުޅުވާލުމަށްފަހު ފޮތަކާއި ގަލަމެއް ނެގިއެވެ އަދި ފޮތާއި ގަލަން ހިފައިގެން އައިސް އަނެއްކާވެސް އެނދުގައި ބަންޑުން އޮށޯތެވެ. ފޮތުން އާސޮފްހާއެއް ހުޅުވާލުމަށްފަހު ގަލަން ނަގައި އޭނާ ލިޔަން ފެށިއެވެ. ޒަމާނުއްސުރެ އެހިތުގައި އުފެދިފައިވާ ހުރިހާ ޝަކުވާތަކެއް އޭނާ ލިޔެ ރައްކާކުރަނީ އެފޮތުގައެވެ. ފޮލުގައި ލިޔެވެމުންދާ ކޮންމެ ލަފްޒަކާއެކު ލޮލުން އޮހޮރޭ ކަރުނައިގެ ސަބަބުން އެ ވީރާނާ ހިތަށް ކޮންމެވެސް ހަމަޖެހުމެއް ލިބެއެވެ.

ޝާމިން ސުކޫލުގައި އިންއިރުވެސް ވިސްނެމުންދަނީ މިއަދު މަންމަ ޝެލީންއާ ދެއްކިވާހަކަ ތަކާމެދުގައެވެ. ޝާމިންއަށް ފެންނަ ހިސާބަށްވެސް ޝެލީން ނައުމަށް މަންމަ އެހާ ހަރުކަށިކޮށް އަމުރުކުރީ ކީއްވެގެންބާއެވެ؟ އެހާބޮޑަށް ޝެލީންއާ އޭނާއާ ދުރުކުރަނީ ކީއްވެގެންބާއެވެ؟ ޝެލީންއަކީ ހަމަ އަސްލުގައިވެސް ގާތްވާން ނުވާވަރުގެ ގޯސްމީހަކީ ބާއެވެ. އޭނާގެ ކިބައިގައިވާ ޝާމިންއަށް ނޭނގޭ ގޯސްކަމަކީ ކޮބައިބާއެވެ؟ ދުވަހަކުވެސް ޝެލީން ކައިވެންޏެއް ކޮށްފައިނުވާއިރު، އޭނާގެ ކިބައިން ނޭދެވޭ ވިޔާނުދާ ސިފައެއްވެސް ފެނިފައެއް ނުވެއެވެ. އޭނާއަކީ ރީތި، މުރާލި އަންހެނަކަށްވީހިނދު އުމުރުން މިހާ ދުވަސްވީއިރު ކައިވެންޏެއް ނުކޮށްހުރީ ކީއްވެބާއެވެ؟ އޭނާވެސް ދިރިއުޅުމެއް ބޭނުންވާނެތާއެވެ. އަނެއްކާ ނުރައްކާތެރި ބައްޔެއް ޝެލީންއަށް ޖެހިފައި ހުރީބާއެވެ. އެކަމަކު ޝެލީންގެ ކިބައިން އެފަދަ އެއްވެސް އަލާމާތެއް މިވީހާތާކަށް ޝާމިންއަކަށް ފެނިފައެއް ނުވެއެވެ. އަދި އެފަދަ ބައްޔެއް ޖެހިފައިހުރިނަމަ މަންމަ އޭނާ ލައްވާ ކައްކާ ކާން ހަދާ ހުރިހާކަމެއް ނުކުރުވީސްކަން ގައިމެވެ.

އާއެކެވެ. ޝާމިންއަށް ނޭނގޭ އެހެން ސިއްރެއް އެބަވެއެވެ. އެއީ އަނެއްކާ ކޮންކަމެއްބާއެވެ؟ ޝެލީންގެ އަސްލަކީ ކޮބައިބާއެވެ.؟ ޝާމިންގެ ހިތުގައި ޖަވާބު ނޭނގޭ އެތައް ސުވާލެއް ފުނިޖެހެމުން ދިޔައެވެ. އެސުވާލުތަކައް ޖަވާބު ހޯދަން އޭނާ ކޮންމެހެންވެސް ބޭނުމެވެ. ނޫންނަމަ އޭނައަކަށް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ނަމަވެސް އެސުވާލުތަކުގެ ޖަވާބު އޭނާ ހޯދާނީ ކިހިނެއް ހެއްޔެވެ؟ މަންމަގާތުގައި އެހުމަކީ ބޭކާރުކަމެކެވެ. ދެންހުރީ ބައްޕައެވެ. ބައްޕައަކީ މަންމަ ކުރާ ކަންތައްތަކާ ބެހޭމީހެއް ނޫނެވެ.

ސުކޫލު ނިމުމުން އެންމެ ހިނދުކޮޅަކުވެސް އެތާމަޑު ނުކޮށް ޝާމިންއައީ ގެޔަށެވެ. އޭނާގެ ކުލާސްކުދިން ގުރޫޕް ސްޓަޑީހަދަން މަޑުކުރަންވެސް އެދުނެވެ. ނަމަވެސް މިއަދު އޭނާގެ މޫޑުވަނީ ގޯސްވެފައެވެ. ޝާމިން ބޭނުންވަނީ އެކަނިއޮވެ ޝެލީންއާމެދު ވިސްނާލާށެވެ. ޝާމިން ގޭގެ ދޮރާށިން ވަތްއިރު ޝެލީން ހުރީ ގޯތިތެރޭގައި ހައްދާފައިވާ ގަސްތަކަށް ފެންދޭށެވެ. ފުން ވިސްނުމެއްގައި ހުރެގެން ގަސްތަކަށް ފެންޖަހަމުންދިޔައިރު ޝާމިން ވަތްކަމެއް ޝެލީންއަކަށް ނޭނގެއެވެ.

އެއްފަރާތުގައި ހުރި ގަސްތަކަށް ފެންދީނިމިގެން އަނެއްފަރާތަށް އެނބުރިލީވަގުތު ދާދިގާތުގައި ޝެލީންއަށް ބަލަހައްޓައިގެންހުރި ޝާމިންފެނިފައި ޝެލީން ސިހުނެވެ. އޭނާގެ އަތުގައި އޮތް ފެންހޮޅިވެސް ދޫވެގެން ޝާމިންއާ ދިމާއަށް ވެއްޓުނެވެ. ޝާމިން ސިހިފައި ފަހަތަށް ޖެހުނު ނަމަވެސް އޭނާގެ ބޫޓާއި ފަޓްލޫނުން ބޮޑުބައެއް ތެމިއްޖެއެވެ. ޝެލީން ގަތްބިރުން ދެލޯބޮޑުކޮށްލަމުން ބޭއިޚްތިޔާރުގައި އޭނާގެ އަނގަމަތީ އަތްއެޅުނެވެ. ޝާމިން ކަންތައްކުރާނެ ގޮތެއްނޭނގޭތީ އެހުރިގޮތަށް ގުޑިލާންވެސް ނުކެރިފައި ޝެލީން ހުއްޓެވެ. ކުޑައިރު ޝެލީންގެ އަތުންޖެހި ފެންތައްޓެއް ޝާމިންގެ ގަޔަށް ވެރުނު ދުވަހު، އޭގެ ބަދަލު ޝެލީންނަށް ޝާމިން ދިނީ ހޫނު ސައިތައްޓަކުންނެވެ. ޝެލީން އެކޭ އެއްފަދައިން ޝާމިންވެސް އެދުވަސް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެދުވަހުގެ މަންޒަރު ބައްޕައަށްފެނި ޝާމިންއަށް ބައްޕަ ނަސޭހަތްދިން ފަހުން އޭނާ އެފަދަ އަމަލެއް ނުކުރެއެވެ. ނަމަވެސް އެދުވަހަށްފަހު ޝެލީން ޝާމިންދެކެ އާދަޔާޚިލާފަށް ބިރު ގަންނަހެން ޝާމިންއަށް ހީވެއެވެ.

” އެޔެއް ކަމެއްނޫން….އަޅާނުލާ! މިއަދުމީ ހަފްތާގެ އެންމެފަހު ދުވަހެއްނު….އެހެންވީމަ ޔުނީފޯރމް ތެމުނަކަސް މައްސަލައެއްނޫނެއްނު!….އަހަރެން ނުބުނާނަން މަންމަގާތުގައެއް..” ޝާމިން ހިނިތުންވެފައި ވަރަށް ގާތްގޮތަކަށް ވާހަކަ ދެއްކިއެވެ. ޝެލީންހުރީ ޝާމިންބުނި އެއްޗެއް ގަބޫލު ނުކުރެވިފައެވެ. ޝެލީންހީކުރީ އޭނާއަށް އަޑުއިވުނުގޮތް ގޯސްވީކަމުގައެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟

މިވޭތުވެދިޔަ ދިގުމާޒީގައި ދުވަހަކުވެސް ޝާމިން އެގޮތަށް ހެވިފައި ޝެލީންއާ ވާހަކައެއް ނުދައްކައެވެ. އިސްއުފުލާ ބަލާވެސް ނުލައެވެ. ކުއްލިއަކަށް އެހައި ގާތްގޮތަކަށް ޝާމިން ވާހަކަ ދެއްކުމުން ޝެލީންހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހިތަށް ލިބުނު އުފާވެރިކަމުން ވަގުތުން ލޮލުން ކަރުނަވެސް ހިލުނެވެ. ނަމަވެސް އޭނާ އެކަން ސިއްރުކުރަން އަވަސް އަވަހަށް އިސްޖަހާލިއެވެ. ޝާމިން އިރުކޮޅަކު މަޑުކޮށްލުމަށްފަހު ހިނިތުންވެހުރެ ގޭތެރެއަށް ވަދެގެން ދިޔައެވެ.

ބިންމައްޗައް ވެއްޓިފައިއޮތް ހޮޅިން ހޯސްލާފައި ފައިބަމުންދިޔަ ފެންތަކުގެ ސަބަބުން މުޅި ހިސާބުގައި ފެންބޮޑުވަމުންންދިޔައިރުވެސް ޝެލީންއަކަށް ރޭކާނުލައެވެ. ޝާމިން ވާހަކަ ދެއްކުމުން އޭނާގެ ހިތަށް ލިބުނު އުފާވެރިކަން އެއަށްވުރެ މާބޮޑެވެ. ޒަމާނުއްސުރެ އެދިއެދި ހުރިކަމެއް ހާސިލްވުމުން ލިބޭފަދަ ބޮޑުއުފަލަކާއި ހިތްހަމަޖެހުމެއް މިކުޑަ ހިނދުކޮޅުގެ ތެރޭގައި އޭނާގެ ހިތަށް ލިބިއްޖެއެވެ.

އިސާހިތަކު އޭނާގެ މޫނުމައްޗައް އުފާވެރިކަން ވެރިވެ ބޭއިޚްތިޔާރުގައި ހިނިތުންވެސް ވެވިއްޖެއެވެ. އަބަދުމެ މޮޅިވެރިކަމުގެ ސަބަބުން ކުލަފަނޑުވެފައި ހުންނަ އެމޫނަށް ހިނދުކޮޅަކަށް ނަމަވެސް އުޖާލާކަން ވެރިވެއްޖެއެވެ. ނަމަވެސް އެމަންޒަރު ބަލަން ރުޅިވެރިކަމާއެކު ލޮލުން ކަނިބުރާހާލުގައި ދާދިގާތުގައި ސަމީރާ ހުރިކަމެއް އޭނާ ނުދެނަ ހުއްޓެވެ.

” ގަސްތަކަށް ފެންދޭށޭ ބުނީމަ ވަޅުހުސްކޮށްލާނަމޭ ހިތާތަ ތިއުޅެނީ؟…..ޖެއްސުމެއް ނޫނީ ކަލޭ ނުކުރާނެ؟….އުނހު މިއޮށްތަނެއް ބަލާބަލަ!..” ދާދިގާތުން ސަމީރާގެ އަޑުއިވިފައި ޝެލީންގެ ހިތް ރޫރޫ އަޅައިގަތެވެ. އަވަސް އަވަހަށް ހޮޅިނަގައިގެން ގޮސް ފެން އިސްކޫރު ބަންދުކުރިއެވެ.

” ދުވާލުގެ މެންދުރުގަ ފާޑަކަށް ހިނިއައިސްފަ ތިހުންނަނީ…މޮޔަވީތަ…ނޫނީ މަށަށް ޖެއްސުމެއް ކޮށްލެވުނީމަތަ ތިހާ ހެވިފަތިހުރީ…” ސަމީރާ ރުޅިގަނޑު އަދިވެސް މަތަވާކަށް ނޫޅެއެވެ.

ސަމީރާ ސިޓިންރޫމުގައި ހުއްޓައި ޝާމިން ބޭރުން މީހަކާ ވާހަކަ ދެއްކިއަޑު އޭނައަށްވަނީ އިވިފައެވެ. ސަމީރާ ބޭރަށް ނުކުތްއިރު ޝެލީން ނޫން ދެވަނަ މީހަކު އެތާކު ނެތެވެ. އެވަގުތު ޝެލީންގެ މޫނުމައްޗަށް ވެރިވެފައިވި ފަނޑުހިނިތުންވުން ފެނިފައި ސަމީރާގެ އެތެރެހަށި އަނދައިގެން ދިޔަހެން އޭނާއަށް ހީވިއެވެ. ޝެލީންގެ އެވަރުގެ އުފަލަކަށްވެސް ސަމީރާއަކަށް ކެތެއް ނުކުރެވޭނެއެވެ. އެހިނިތުންވުން ވެގެންދިޔައީ ސަމީރާއަށް ބިރުވެރި ސިގްނަލް އަކަށެވެ. ނަމަވެސް ޝާމިން ވާހަކަ ދެއްކީ ޝެލީންއާ ކަމަށް އޭނާގެ ޒަމީރު ގަބޫލެއް ނުކުރެއެވެ. އޭނާއާ އެކުއައި ރައްޓެހި ކުއްޖަކާވެސް އޭނާ ވާހަކަ ދައްކަފާނެއެވެ. އެހެން ހިތަށް އަރުވާލުމަށްފަހު ސަމީރާ ހިތްހަމަ ޖައްސާލިއެވެ.

ނަމަވެސް ކޮޓަރިއަށް ވަނުމަށްފަހުވެސް އޭނާއަށް ވިސްނެމުން ދިޔައީ ޝެލީންއާ މެދުގައެވެ. ކޮންމެގޮތެއް ހަދާފައިވެސް ސަމީރާ ޝެލީންގެ މަޤުސަދު ކާމިޔާބު ކުރިޔަކަ ނުދޭނެއެވެ. ޝާމިންގެ ހަޔާތަށް ޝެލީންގެ ހިޔަނިވެސް އެޅުނަކަ ނުދޭނެއެވެ. ސަމީރާ އޭނާގެ ރުޅިގަނޑު ބާލާފައި ދިއުމުން ޝެލީން މަޑު މަޑުން ގޮސް ގެޔަށް ވަނެވެ. އަދި އަވަސް އަވަހަށް އޭނާގެ ކޮޓަރިއަށްވަދެ ޑައިރީގައި ދެންމެ ހިނގާދިޔަ ކަންތައް ހިއްސާކުރިއެވެ. އެވާހަކަ ލިޔަމުން ދިޔައިރު އޭނާގެ ތުންފަތަށް އަނެއްކާވެސް ހިނިތުންވުން ވެރިވެގެން ދިޔައެވެ. ސަމީރާއަށް ޝާމިން އޭނައާ ވާހަކަ ދެއްކިކަން ނޭނގުނުކަން ނަސީބޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.   ކޮޓަރީގައި މާގިނައިރެއް ނުވަނީސް އަނެއްކާވެސް ސަމީރާގެ އަޑުއިވިގެން ތެޅިގެންފައި ޝެލީން ކޮޓަރިން ނުކުތުމަށް އަވަސްވެގަތެވެ.

” މަ ނުބުނަނީސް އަމިއްލައަށް ފެނިގެން ކަލެޔަށް ހަމަ އެއްކަމެއްވެސް ކުރެވޭ ކަމަށް ނުވަނީތަ؟ މިހާރު އެއޮއް ޝިޔާޒް  އޮފީހުން އަންނަ ގަޑި ޖެހެނީ….ދެންވެސް އަވަހަށް ކާންތައްޔާރުކޮށްފަ މިތަނުން ދެވޭތޯބަލާ!… މަށަށް މިޖެހެނީ އަބަދު އަބަދު މީނަޔާ ދިމާއަށް މިހެން ކިޔާލަ ކިޔާލާ ހުންނަން…….މިދެން މަށަށް ކުރާ ޖެއްސުމެއް ނޫންތަ އަޅެ…….މަށަށް އަޅެ މިނޫން ދުވަހެއް ފެންނާނީ ކޮންދުވަހަކުން ބާއޭ ހިތައްއަރާ….މިއޮތީވާ ބޮޑުކަމެއް….” ކާކޮޓަރިއަށް ވަން ޝެލީން ފެނުމުން ސަމީރާ އޭނާގެ އާދައިގެމަތިން ޝެލީންއާ ދިމާއަށް އެއްޗެހި ކިޔަންފެށިއެވެ.

ޝެލީން ހަމަ އަނގައިންވެސް ނުބުނެ ގޮސް ކާންތައްޔާރު ކުރަންފެށިއެވެ. ސަމީރާ ކިޔާނެ އެއްޗެއް ކިޔާނިމުމުން އެތަނުން ނުކުމެގެން ހިނގައްޖެއެވެ. ޗާބީދީފައި ހުރި ބުދެއް ފަދައިން ޝެލީން ކަންތައް ކުރަމުން ދިޔައިރު ސަމީރާކީ އެއްވެސް އެއްޗެއް އޭނާއަށް އަޑުއިވުނު ހެނެއްވެސް ހިޔެއްނުވެއެވެ. އެއްވެސް އަސަރެއް އޭނާގެ މޫނުމަތިން ފާޅެއް ނުވެއެވެ.

ކާންތައްޔާރުކޮށް ނިމުމުން ޝެލީން އަވަހަކަށް ކާކޮޓަރިން ނުކުތީ ޝިޔާޒް އަންނަން ވާއިރަށް އެތަނުން ދިއުމަށްޓަކައެވެ. ސިޓިންރޫމް ހުރަސްކޮށް ކޮޓަރިއާ ދިމާއަށް ހިނގައިގަތް ވަގުތު ޝެލީންއަށް ނުކުމެވުނީ ޝިޔާޒްގެ ކުރިމަށްޗަށެވެ. ސިހިފައި ދެމީހުނަށްވެސް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. ޝިޔާޒްއަށް ޝެލީން މިހާގާތުން މިފެނުނީ ދުވަސްތަކަކަށް ފަހުއެވެ. ޝިޔާޒް ކަޅިޖަހާނުލާ ޝެލީންގެ މޫނަށް ބަލަންހުރިއިރު، ޝެލީންހުރީ ހަދާނެގޮތެއް ނޭނގިފައެވެ. އޭނާ އަތްފައި ފިނިވެ ހިތުގެ ތެޅުންވެސް އަވަސްވަމުން ދިޔައެވެ. އޭނާ ބޭނުންވީ ހަމަވަގުތުން ޝިޔާޒްގެ ކުރިމަތިން ދުރަށްދާށެވެ. އެންމެ ހިނދުކޮޅަކުވެސް ޝިޔާޒްގެ ކުރިމަތީ ހުރުމަކީ އޭނާއަށް ކެތްވާވަރުގެ ކަމެއް ނޫނެވެ. އޭނާ އެތާ ހުއްޓާ ސަމީރާއަށް ފެނި މަސްލަހަތު އިތުރަށް ގޯސްވާކަށްވެސް އޭނާ ނޭދެއެވެ.

ޝިޔާޒް އެއްޗެއް ބުނަން އަނގަހުޅުވާލި ނަމަވެސް ޝެލީން އަވަސް އަވަހަށް ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. ކޮޓަރިއަށް ވަދެވުނުއިރު، އޭނާއެކޭ މޭލަކަށް ދުވެފައި އައިމީހެކޭ އެއްވެސް ތަފާތެއްނެތެވެ. މާނޭވާލެވި މުޅިމީހާވަނީ ދާހިއްލާ ފޯވެފައެވެ. ދޮރުފަތުގައި ލެނގިލުމަށްފަހު ދެލޯމަރާލަމުން ނޭވާ ހަމަޔަކަށް އަޅުވާލިއެވެ.

ޝިޔާޒް އިރުކޮޅެއްވާންދެން ޝެލީން ދިޔަދިމާ ބަލަންހުރުމަށްފަހު، ކަރުގައި އޮތް ޓައީ ދޫކުރަމުން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ފުންވިސްނުމެއްގައި ހުރެގެން ކޮޓަރިއަށް ވަދެގެން ދިޔައިރު  ދޮރުކައިރީގައި ހުއްޓިލައިގެން ހުރި ސަމީރާވެސް އޭނާއަށް ނުފެންނަ ކަހަލައެވެ. ސަމީރާއަށް ދަތްކުނޑިވިކާލެވުނީ ބޭއިޚްތިޔާރުގައެވެ. ކޮޓަރިތެރެއިން ނުކުތްވަގުތު އޭނާއަށް ފެނުނު މަންޒަރުން އޭނާހުރީ އިންތިހާއަށް ރުޅިއައިސްފައެވެ. ނަމަވެސް ޝިޔާޒްއާ ދިމާއަށް އެއްޗެއް ބުނާކަށް އޭނާއަކަށް ނުކެރުނެވެ. ފިރިމީހާއާ ދެބަސްވާ އޭނާ ބޭނުންނުވާތީއެވެ. ސަމީރާ މަޑުމަޑުން ކޮޓަރިތެރެއަށް ވަނެވެ.

” ކާންދާންވީނު!….އަދި ޝާމިންވެސް ނުކައި އެއުޅެނީ…..ހީވަނީ ޝިޔާޒް އަންނަންދެންހެން އޭނަ އެހުރީ..” ނިތްކުރިމަތީ އަތް ބާއްވާލައިގެން އެނދުގައި އޮތް ޝިޔާޒްގެ ގާތުގައި އިށީއްނަމުން ސަމީރާ ބުންޏެވެ. އޭނާ އޮތީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ދާދި ދެންމެއަކު ޝެލީންގެ މޫނު ފެނުނީއްސުރެ އޭނާގެ ހިތް ނުތަނަވަސް ވަނީއެވެ. ޝެލީންގެ މޫނުމަތިން ފެނުނު ބީރައްޓެހިކަމުގެ ސަބަބުން ޝިޔާޒްގެ ހިތަށް އަސަރުކުރިއެވެ. ޝިޔާޒް ކިތަންމެ ވާހަކަ ދައްކަން ބޭނުން ވިޔަސް ޝެލީން އެފުރުސަތެއް އޭނާއަކަށް ނުދެއެވެ.

“ޝިޔާޒް؟” ސަމީރާ ތަންކޮޅެއްބާރަށް ޝިޔާޒްއަށް ގޮވާލިއެވެ.

“އާނ! ކީކޭ؟” ސިހިފައި ޝިޔާޒް ބަލާލިއިރު ދާދިގާތުގައި އޭނާގެ މޫނަށް ބަލަހައްޓައިގެން ސަމީރާއިނެވެ. ސަމީރާގެ މޫނުމަތިން ހިތްހަމަނުޖެނުމުގެ އަސަރުތައް ފާޅުވާން ހުއްޓެވެ. ޝިޔާޒް އަވަސް އަވަހަށް ތެދުވެ ގަމީސްބާލައި ޓީޝާޓެއްލައިގެން ކޮޓަރިން ބޭރަށް ނުކުތެވެ. ޝިޔާޒް ކާކޮޓަރިއަށް ވަނުމުން ސަމީރާ ގޮސް ޝާމިން ގޮވައިގެން އައިސް ތިންމީހުން އެކުގައި ކާންފެށިއެވެ. ހަމަހިމޭންކަމާއި އެކު ކަމުންދިޔައިރު ތިންމީހުންވެސް ތިބީ ކޮންމެވެސް ވިސްނުމަކަށް ގެއްލިފައެވެ. މަންމައާއި ބައްޕަވެސް އެއްވެސް ވާހަކައެއް ނުދެއްކުމުން ޝާމިންވެސް އިނީ ހިމޭނުންނެވެ. ސަމީރާ ވިސްނަމުން ދިޔައީ ޝެލީންގެ ސަބަބުން އޭނާގެ ހަމަޖެހޭ އުފާވެރި ދިރިއުޅުމަށް ކުރިމަތުވެދާނެ ވަރުގަދަ ތޫފާނަކާމެދުގައެވެ. ޝިޔާޒްވެސް ވިސްނަމުން ދިޔައީ ޝެލީންއާ މެދުގައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (32)

  1. Bunny

    woah

  2. Navya

    Thnx shine❤ vv reethi vaane hen heevey. .

  3. Inee

    Varah reethi

  4. Maduhvary shazura

    Mihaar dhen new story eh kiyaalah nulibenytha hus kiyaafa hunna waahaka. V foohi

    1. Shine
      Maduhvary shazura

      mivaahathah mi upkuranee readers ge requestah…..kiyaafa thibikudhin new story akah wait kuraane kamah heekuran….mi vaahathah nimuneema aa vaahaeh genesdheynan insha allah

  5. Ekkala Kujjaa

    Eyh habbx..

    1. Mi
      Ekkala Kujjaa

      Kon site eh ga aslu mi vaahaka ehkoh innaaniii plx bubedheeba

  6. faidhaS

    sameera ehaa rulhi eh e ahnanee keehveba? reethi

  7. Aasaalee

    Wow sheleen vaahaka kiyaa kiyaa foohi nuvaane vaahakaeh thank you shine mi v reethi vaahaka eh

  8. afzal

    wow

  9. Afaa

    I’m holding my breadth. Superb.

  10. Azu

    Kiyaafa othas kiyaa hih vey mi vaahaka…mee vvvv reethi vaahakeh….thanQ shine…????

  11. Dhondhooni

    Woww.❤?mi shine ge v reethi vaahakaeh❤?..anekkaaves mikiyaalanee hama v kiyaahithu..thans shine..v v reethi shine ge vaahakatha..❤?haahsakon moyahiyymagey ar sheleen vaahaka..v v reethi❤?
    ????????????????

  12. Khajja

    Wow v nice n thanks alhey sameeraa aee anhenehtha anhenunge ihusaas thah neyngen aee dhen boduvaru dhw egge egga kihineiyvaahaka nudhakkaa angainnubune ulheyny gaimu aharennakah noolheveyne but stry v rythi waitin nxt prt

  13. Maree

    vvvv reethi

  14. :))))♡♡

    Koba kuryga liyunu story thah. …kiyaalan beynun mi story ehkoh

  15. Aan

    v reethi vaanehen heevany.

  16. aish

    Vaahaka reethi… vaahakaige ulheymeehun ge names maa ehvatharu v ma kamakunudhey

  17. Naadhi

    Shine haadha molhey story liyan v reethi mipart next partah inthixaaru kuran

  18. zaam

    varah rythi..

  19. xaf

    varah reethi vaanehen heevey mi storyvex….
    waitin for the nxt prt….

  20. roassy

    mi story ge hero akee kaaku

  21. ulvy

    Mi site ga enme reethi vaahaka genesdhey faraathaky shine..shine thi kohdhey hiy varah fahfashun shukuru veri van..

  22. Anonymous

    Shine is number one ?

  23. Anonymous

    shine ge mi vaahaka vx v reethi
    ur the best.. waiting for another part

  24. mixoo

    Looks interesting..im waiting for the next part?

  25. Ammuty

    My favoirite story of Shine.. ☺

  26. ninni

    mi vaahakaige hero.akee aalim. shaamin aee sheleen and shiyaz ge kujjeh

  27. ninni

    ADMIN.
    varah kurin bunin comment thakah like dislike kurevey goiy hadhaa dheyshey. u told u r workn on it. nw efahub kithah dhuvas vejje. depressed…

  28. Thaany

    Wow haadhareehchey shne ge storry eh viyya dhookoshe nuleveyne v v v reethi..lurv thix one..

  29. Sumko

    Varah reethi

  30. yumi

    Varah reethi

Comments are closed.