Skip to content
އެސްފިޔަ

ބީރައްޓެހިޔާ 8

“އަހަންނާއެކީ މިބަންދުގަ އަންނަންވީނުން.” ޑޭވް ދައުވަތުދިނެވެ. “އަހަރެމެންނަށް ލަންޑަނަށް ދެވިދާނެ. މިބަންދު އެއްކޮށް އެތާ ތިބެވިދާނެ.”

އަނާ މީގެ ކުރިން ލަންޑަނަށް ދިޔައީ އެންމެ ފަހަރަކުއެވެ. އަނާ ހުރީ ވަރަށް ދާހިތުންނެވެ. އެކަމަކު އޭނާ ހުރީ ބިރުގަނެފައެވެ.

“އަހަންނަކަށް ނޭނގެ.” އަނާ ބުންޏެވެ. “އަހަރެން ޕީޓަރއާ ދޭތެރޭގަ ވިސްނާލަން…”

“އޯ ޕީޓަރ މަތިން ހަނދާން ނައްތާލަބަލަ.” ޑޭވް ބުންޏެވެ. “އޭނައަކަށް ނޭނގޭނެ. އަހަންނާއެކީ އާދޭ. އޭރުން އެންމެ މަތީ ފެންވަރުގެ ފިހާރަތަކަށް ގެންދާނަން. އެންމެ މަތީ ފެންވަރުގެ ސިނެމާއަށްވެސް. އަހަންނާއެކީ އަންނާނަންތަ؟”

އަނާ އެކައްޗެކޭވެސް ނުބުންޏެވެ. ދެން، ކުއްލިއަކަށް އޭނާއަށް މޮޅު ޚިޔާލެއް އައެވެ. އޭނާ ޑޭވްއާ ދިމާލަށް ބަލާލިއެވެ.

“އާނ އަހަރެން ފަހަރެއްގަ ކަލެއާއެކީ ހިނގައިދާނަން.” އަނާ ބުނެލިއެވެ.

“ރަނގަޅު” ޑޭވް ބުންޏެވެ. “އަނާ ހާދަ ރަނގަޅޭ”

“އެކަމަކު ފުރަތަމަ..” އަނާ ވާހަކަދެއްކިއެވެ. “އަހަރެން ބޭނުން ޑޭވްއާ ސުވާލެއް ކޮށްލަން.”

“ކޮން ސުވާލެއް އަހަން ބޭނުންވަނީ؟” ޑޭވް މަޑުމަޑުން އެހިއެވެ.

“އަހަރެން ބޭނުން ޚާއްސަ އޯޑަރުތަކާ ބެހޭގޮތުން އަހަން.” އަނާ ބުންޏެވެ.

“ވަރަށް ބުއްދިވެރި” ޑޭވް ބުނެލިއެވެ. “ތީ ރަށްފުށުގެ ކުއްޖެއް. އެކަމަކު ކަލޭ ވަރަށް ބުއްދިވެރި.”

“ރަށްފުށުގެ ކުދިންނަކީ ނުވިސްނޭ ގަޅިންނެއް ނޫން” އަނާ ބުންޏެވެ. “މިހާރު އަހަންނަށް ޚާއްސަ އޯޑަރުތަކާ ބެހޭގޮތުން ކިޔައިދީ. އޭރުން އަހަރެން ކަލެއާއެކީ ލަންޑަނަށް ދާނީ.”

ޑޭވް ހުރީ ރުޅިއައިސްފައެވެ.

“އެންމެ ސުވާލެއް. ހަމަ އެންމެ ސުވާލެއް!” ޑޭވް ބުންޏެވެ.

އަނާ އަވަސްއަވަހަށް އެއްސެވެ. “ކީއްވެ މީހުން ކަލޭގާތަށް އަންނަނީ؟ ކީއްވެ؟..”

“އެންމެ ސުވާލެއް! ހަމަ އެންމެ ސުވާލެކޭ!” ޑެވް ހަޅޭއްލަވައިގަތެވެ.

“އެންމެ ރަނގަޅު.” އަނާ ބުންޏެވެ. “އެކަމަކު ހަލޭއްނުލަވާ. އަހަންނަށް ކިޔައިދީ. ކީއްވެ މީހުން ކަލޭ ގާތަށް އަންނަނީ؟”

ޑޭވް ޖަވާބަކާ މެދު ވިސްނާލިއެވެ.

“އެމީހުން އަންނަނީ އެހީ ހޯދަން.” ޑޭވް މަޑުމަޑުން ބުންޏެވެ. “އެމީހުންނަށް އެހީ ބޭނުންވާތީ. ދެން އަހަރެން އެމީހުންނަށް އެހީ ދެނީ.. ނޫން. ދެނީކީ ނޫން. އެހީ ވިއްކަނީ.”

އަނާއަކަށް ނުވިސްނުނެވެ.

“ކޮންކަހަލަ އެހީއެއް؟” އަނާ ސުވާލުކުރިއެވެ.

“އެންމެ ސުވާލެކޭ!” ޑޭވް އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. “އަހރެން ކަލޭގެ ސުވާލަށް ޖަވާބުދީފިން.”

އަނާ އިތުރު ސުވާލެއް ނުކުރެއެވެ. އޭނައާ ޑޭވް އޮތީ އެއްބަސްވެފައެވެ. އަނާ، އޭނަގެ ސުވާލު ކޮށްފިއެވެ. އަދި ޑޭވް އޭނާއަށް ޖަވާބުދީފިއެވެ.

ޑޭވް އޭނައާއެކީ ލަންޑަނަށް ދިޔުމަށް އެދުނު ދައުވަތު ޤަބޫލުކޮށް އަނާ، އޭނައާއެކި ލަންޑަނަށް ދިޔައެވެ.

އަނާ، އެހަފްތާ ވަރަށް މަޖާކުރިއެވެ.

އެމީހުން ލަންޑަނަށް ދިޔައީ ހުކުރު ދުވަހުގެ ރެއެވެ. އަދި އެމީހުން ތިބީ ބޮޑު ހޮޓަލެއްގައެވެ. ހޮނިހިރު ދުވަހު އެމީހުން ދިޔައީ ފިހާރަތަކަށެވެ. އަދި އެރޭ އެމީހުން ސިނެމާއަށް ދިޔައެވެ.

އާދީއްތަ ދުވަހު ޑޭވް، އަނާ ގޮވައިގެން ޕާކަށް ދިޔައެވެ. އެމީހުން ވުޑެންޑަށް އައީ އާދީއްތަ ދުވަހުގެ ރެއެވެ. އެއީ ސެޕްޓެމްބަރު މަހުގެ ފަހު އާދީއްތައެވެ.

ހޯމަ ދުވަހު އަނާ ފިހާރައަށް ދިޔައެވެ. އޭނާ މިފަހަރަކު އަވަދިނެތިކޮށް އުޅޭކަށް ނުޖެހުނެވެ. ހޫނު މޫސުން ނިމިއްޖެއެވެ. ފިހާރައަށް އަންނަ ގިނަމީހުންނަކީ އަވަސުގެ މީހުންނެވެ. މިހާރު މިއީ ފިނި، އޯޓަމްގެ ދުވަސްވަރެވެ.

ހޯމަދުވަހުގެ ރޭ، ޕީޓަރ އަނާގެ ގެއަށް އައެވެ.

“ހެލޯ.” އަނާ ބުނެލިއެވެ. “ހޮނިހިރު ދުވަހު މޮޅުވިތަ؟”

“ނޫން” ޕީޓަރ ޖަވާބުދިނެވެ. “އަހަރެމެން މޮޅެއް ނުވޭ. އަދި އަހަންނެއް ނުވެސ ްކުޅެން.”

އަނާ ހައިރާންވިއެވެ. “ކަލޭ ނުކުޅެމޭ؟ އެކަމކަު ކީއްވެ؟ ކިހިނެއްވީތަ؟”

“އެދުވަހު ހެނދުނު ހޭލިއިރު އަހަރެން އެހާ ރަނގަޅެއް ނޫން. އެހެންވެ އަހަރެން ވުޑެންޑުގަ މަޑުކުރީ.” ޕީޓަރ ޖަވާބުގައި ބުންޏެވެ.

އަނާގެ މޫނު ރަތްވިއެވެ.

“މިހާރު ރަނގަޅުތަ؟” އަނާ މަޑުމަޑުން އަހާލިއެވެ.

“ނޫން” ޕީޓަރ ބުންޏެވެ. “ކަލެއަށްވެސް އެނގޭނެ އެއީ ކީއްވެކަން”

އަނާ ނޭނގޭކަމަށް ހެދިއެވެ.

“އަހަންނަށް އެނގޭނޭ؟” އަނާ ބުނެލިއެވެ.

“އޯ އަނާ” ޕީޓަރ ބުންޏެވެ. “ކަލެއަށް އެނގޭނެ ގޯސްވީ ކޮންކަމެއްކަން. އެއީ ކަލެއާ ޑޭވް ސްޓެޓިންގެ ކުޅިގަނޑު.”

“ކިހިނެއް ތިމާނަކުރަނީ؟ އަހަންނާ ޑޭވް ސްޓެޓިންގެއޭ؟” އަނާ އަވަސްއަވަަހށް ބުންޏެވެ.

“ކަލޭ އޭނައާއެކީ ހުކުރުދުވަހުގެ ރޭ ދިޔައީމެއްނު. ކޮންމެވެސް މީހަކަށް ކަލޭ ޑޭވްގެ ކާރުގަ އިންދަ ފެނުނީ.”

އަނާ އޮލުންފިލުވައިދޭން މަސައްކަތްކުރިއެވެ.

“އޯ އެއީ ކަމެއްނޫން.” އަނާ ހަމަޖެހިލާފައި ބުންޏެވެ. “ޑޭވްއާ އަހަރެން ދިޔައި…”

“އަނގަ މަޑުންލާ!” ޕީޓަރ ބުންޏެވެ. “އަހަރެން ބޭނުމެއް ނޫން އެނގޭކަށް، އަނާ. އެވާހަކަ ނުދައްކާ!”

“އެކަމަކު ޕީޓަރ!” އަނާ ގޮވާލިއެވެ.

ޕީޓަރ އަޑެއް ނޭހިއެވެ.

“އަހަންނަށް އެނގޭ އޭނަ އަތުގަ ބައިވަރު ފައިސާ ހުންނަކަން. އޭނައަށް ކަލޭ ގޮވައިގެން ތަންތަނަށް ދެވޭނެ. އެއީ ލަންޑަނުގެ މީހެއް. އެކަމަކު އަހަންނަކީ ރަށްފުށުގެ ފަޤީރު ނިކަމެތި ސޮރެއް. އަނާ! އެކަމަކު ކަލޭ ޖެހޭނެ އަހަންނާ ޑޭވްކުރެ ކޮންމެވެސް އެކަކު އިޚްތިޔާރުކުރަން. ކަލެއަށް ދެމީހުންނެއް ނުލިބޭނެ.”

“އަހަންނަށް އެނގެޔޭ ތިކަން ޕީޓަރ. ” އަނާ ބުންޏެވެ. “އަދި އަހަންނެއް ބޭނުމެއްވެސް ނޫން ދެމިހުންނެއް. އެކަމަކު އަޑުއަހާބަލަ ޕީޓަރ. އަހަރެން ބޭނުން ޑޭވްއާ ބެހޭގޮތުން ކިޔައިދޭން. އޭނަ އެއީ ވަރަށް އާދަޔާޚިލާފު މީހެއް.”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (3)

  1. Admin

    HiInsaanehMiAAlamGaivAA, This is the admin of esfiya. I need to contact you regarding something. Can you please contact me on 7997991. Thanks -Admin-

  2. Mujey

    Mibai ves varah interesting adhi varah mysterious?…..fahun vaane gothakaa medhu varah visney?…and btw even this time i am the first?
    story varah reethi

  3. Maree

    V reethi

Comments are closed.