ފިހާރައިގެ ދޮރު ލެއްޕި އަޑު އަނާއަށް އިވުނެވެ.
ޒުވާނާ ހިނގާފައި އޭނާގެ ކާރާ ހަމައަށް ދާތަން އަނާއަށް ފެނުނެވެ. އަނާއަށް ޒުވާނާގެ އަތުގައި އޭނާގެ ފޮށި ނެތްކަން ފާހަގަކުރެވުނެވެ. އަނާ އޭނާގެ ފަހަތުން ދިޔައެވެ.
“އެކްސްކިއުޒް މީ.” އަނާ ވަހަކަދެއްކިއެވެ. “ކަލޭ އެއްޗެއް ހަނދާން ނައްތާލާފަ ތިއައީ. އެއްޗެއް ބަހައްޓާފަ ތިއައީ.”
އެމީހާ ފަހަތަށް އެނބުރުނެވެ. އަނާ މަޑުޖެހުނެވެ. ކުއްލިއަކަށް އަނާގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ. އޭނާގެ މޫނު ވަނީ ބިރުންގޮސް ހުދުވެފައެވެ.
“ދަރުމަވާނެ މިތަނުން ދޭ.” އޭނާ އެދުނެވެ. “އަހަރެން އެކަނި ހާލަށް ދޫކޮށްލާ”
އޭނާ ކާރަށް އެރުމަށްފަހު ނައްޓާލިއެވެ.
‘ކީއްވެ އޭނަ މިފިހާރައަށް އައީ؟ އޭނަގެ ޚާއްސަ އޯޑަރަކީ ކޮބައިތަ؟ އަދި އޭނަ ޑޭވްގެ އަތަށް އެފޮށި ދީފަ އައީ ކީއްވެތަ؟’ އަނާގެ ހިތުގައި ސުވާލުތައް ފުނިޖެހުނެވެ.
ޖެހިގެން އައި ދުވަހަކީ ބޮޑު ފުޓްބޯޅަ މެޗް ދައްކަން ހަމަޖެހިފައި އޮތް ދުވަހެވެ. މިސްޓަރ ހާޓް ދައުވަތު ދިނީ ދިހަ މީހުންނަށެވެ.
އަނާ މެޗެއް ނުބަލައެވެ. އޭނާ ބަދިގޭގައި މިސަޒް ހާޓަށް އެހީތެރިވެދޭން އުޅުނެވެ. އެމީހުން އުޅުނީ ސައި ތައްޔާރުކުރާށެވެ.
ފުރަތަމަ ހާފް ނިމުމުން ޕީޓަރ ބަދިގެދޮށަށް އައެވެ.
“އަނާ އަންނަންވީނު މެޗް ބަލަން.” ޕީޓަރ އެދުނެވެ.
އަނާ ހިނިގަނޑެއް ޖަހާލިއެވެ. “ނޫން އަހަރެން މިއުޅެނީ މިސަޒް ހާޓަށް އެހީވެދޭން. މިހިރީ ސައި ތައްޔާރުކުރެވިފަ. މި ގެންގޮސްދޭންވީނުން އެމީހުންނަށް ދޭން.”
“އޯކޭ.” ޕީޓަރ ބުންޏެވެ. “ސަޅި އިނގޭ މެޗު. މައިކް ބެއިލީ ޖެހި ވަރަށް ސަޅި ލަނޑެއް.”
މިހެން ބުނެފައި ޕީޓަރ ސައި ހިފައިގެން ސިޓިންގްރޫމަށް ދިޔައެވެ.
އިރުކޮޅެއްނުވެ ދެވަނަ ހާފް ފެށިއްޖެއެވެ. ވިހި މިނެޓަށްފަހު މައިކް ބެއިލީ އަނެއްކާވެސް ލަނޑެއް ޖެހިއެވެ. މިހާރު ސްކޯއަކީ ދޭއް ސުމެކެވެ. މާ ގިނައިރެއްނުވެ އިދިކޮޅު ޓީމުން ފަހަތުން އަރާ އެއްވަރުކޮށްފިއެވެ.
މެޗު ނިމެން ފަސް މިނެޓަށް ވެއްޖެއެވެ.
“ކަލޭމެންނަށް ވާނެ!” ޕީޓަރ ހަޅޭއްލެވިއެވެ. “މައިކް! އިތުރު ލަނޑެއް ޖަހާބަލަ!”
މެޗުގެ ފަހު ސިކުންތުގައި މައިކް ބެއިލީ މޮޅުވި ލަނޑު ޖެހިއެވެ. އެއީ މެޗުގައި އޭނާ ޖެހި ތިންވަނަ ލަނޑެވެ.
އެކަމަކު ކޮންމެވެސް ކަމެއް ގޯހެވެ. އަނެއް ތީމުގެ ގޯލްކީޕަރަށް އޮތީ އިންޖަރީވެފައެވެ. ބެއިލީ ހުރީ ގޯލްކީޕަރާ ވަރަށް ގާތުގައެވެ. އަދި އޭނާ ބޯޅައިގައި ޖެހީ ވަރަށް ބާރަށެވެ. ބޯޅަ ގޮސް ގޯލަށް ވަނީ ގޯލްކީޕަރުގެ ކަރުގައި ޖެހިފައެވެ.
މިސަޒް ހާޓާއި އަނާ ސިޓިންގްރޫމަށް އައެވެ.
“ކިހިނެއްތަވީ؟” އަނާ ސުވާލުކުރިއެވެ.
“އެއީ ބްރިއެން ތޯމަސް، ގޯލްކީޕަރު.” ޕީޓަރ ބުންޏެވެ. “އޭނައަށް ވަރަށް ސީރިއެސް އަނިޔާއެއް ވެއްޖެ. އޭނަގެ ކަރު ބިނދުނީކަމަށް ވަނީ.”
ފަހުން، އެމީހުން އެޚަބަރު ޓީވީއިން ބެލިއެވެ. މައިކް ބެއިލީގެ ލަނޑުގެ ފޮޓޯތައް ޓީވީއިން ދެއްކިއެވެ. ބޯޅަ ގޮސް ގޯލްކީޕަރުގެ ކަރުގައި ޖެހުނު ތަންވެސް ދެއްކިއެވެ. އެއީ އެކްސިޑެންޓެކެވެ.
ޓީވީ އެނައުންސަރު ކިޔަމުން ދިޔައެވެ. ” މިހާރު މިބައްދަލު ކޮށްލަނީ މައިކް ބެއިލީއާއެކު އިންޓަވިއުއަކުން.”
“މައިކް.” އިންޓަވިއުކުރަން އިން މީހާ ގޮވާލިއެވެ. “އެއް މެޗެއްގަ ތިން ގޯލް! ކޮބާ ކުރެވޭ އިހުސާސްތަކަކީ؟”
އެކަމަކު މައިކް ބެއިލީ އެކައްޗެކޭވެސް ނުބުންޏެވެ. އޭނާއަށް ވާހަކައެއް ނުދެއްކުނެވެ.
އިންޓަވިއުކުރަން އިން މީހާ ދެވަނަ ސުވާލެއް ކުރިއެވެ. “ތިންވަނަ ގޯލާ ބެހޭގޮތުން އަހާލާނަން މައިކް. ބްރިއެން ތޯމަސަށް ލިބުނު އިންޖަރީ ސިފަކޮށްދީބަލަ.”
އެއީ މޮޔަ ސުވާލެކެވެ. އެގޯލްކީޕަރަށް ދެން ފުޓްބޯޅައެއް ނުކުޅެވޭނެއެވެ.
މައިކް ބެއިލީ ދެންވެސް އެކައްޗެއް ނުބުންޏެވެ. އޭނާ ފެންނަނީ ބަލިކޮށެވެ.
އިންޓަވިއު ނިމުމުން މިސްޓަރ ހާޓް ޓީވީ ނިއްވާލިއެވެ.
އެކަކަށްވެސް އަނާ އެތަނުގައި ނެތްކަމެއް ފާހަގައެއް ނުވިއެވެ. މައިކް ބެއިލީ ހީވަނީ ބިރުގަނެފައި ހުރިހެންނެވެ. އަނާވެސް ހުރީ ބިރުގަނެފައެވެ. މައިކް ބެއިލީއާއި އަނާ މީގެ ކުރިން ވަނީ ބައްދަލުވެފައެވެ. އިއްޔެ، ކޯނަރ ޝޮޕްއިންނެވެ.
އަނާއަށް ކުރަންވީ ކަމެއް ނޭނގުނެވެ. އޭނައަކީ ސަތާރަ އަހަރުގެ ކުއްޖެކެވެ. އެކަމަކު ބައެއްފަހަރު އުމުރަށްވުރެ ދޮށީކޮށް އޭނައަށް އިހުސާސްވެއެވެ.
ގްރެޓާ ގޯރޑަނާ މައިކް ބެއިލީއާ ބެހޭގޮތުން ޑޭވްއާ ސުވާލުކުރަން އަނާ ބޭނުންވިއެވެ. ޚާއްސަ އޯޑަރުތަކަކީ ކޮބާތޯ ބަލަން ބޭނުންވިއެވެ. އެކަމަކު އޭނާ ގަސްދުކުރީ ފުރުސަތެއް ލިބެންދެން މަޑުކުރާށެވެ.
އެއްދުވަހަކު ޑޭވްއާއި އަނާ ފިހާރައިގައި އެކަނިވިއެވެ.
“ކިހިނެއްތަ ޕީޓަރ؟” ޑޭވް އެހިއެވެ.
“އޭނަ ރަނގަޅު، ޝުކުރިއްޔާ.” އަނާ ޖަވާބުދިނެވެ.
ޑޭވް ހިނިތުންވެލިއެވެ. “އޭނަ އަދިވެސް ފުޓްބޯޅަ ކުޅޭތަ؟”
“އާނ ޔަޤީނެއްނު.” އަނާ ބުނެލިއެވެ.
ޑޭވް ހިނިގަނޑެއް ޖަހާލިއެވެ. “ކަލެއަށް އޭނަ އެހާ ގިނައިން ނުފެނޭދޯ، އަނާ.”
“ހަފްތާއަކު ތިންހަތަރު ދުވަހު އޭނަ ފެންނާނީ.” އަނާ ބުންޏެވެ.
“ބަންދު ދުވަސްތަކޯ؟” ޑޭވް އެހިއެވެ.
“ނުފެނޭ އެއްގޮތަކަށްވެސް.” އަނާ އަވަހަށް ޖަވާބުދިނެވެ. “އޭނަ އެދުވަސްތަކުގަ އުޅޭނީ ފުޓްބޯޅަ ކުޅެން.”
“ކޮންއިރަކު ކައިވެނިކުރަނީ؟’ ޑޭވް އެހިއެވެ.
“ނޭނގެ” އަނާ ޖަވާބުދިނެވެ. “އަހަރެމެން އަދި ނުނިންމަން، ފަހަރެއްގަ މިއަންނަ އަހަރު”
“ތީ ހާދަ ގިނަ ވަގުތެކޭ” ޑޭވް ބުނެލިއެވެ.
ޑޭވް އަނެއްކާވެސް ހިނިތުންވެލިއެވެ. އަނާ ބިރުގަތެވެ. އެކަމަކު އޭނާގެ ހިތްވެސް އަވަސްވެފައިވިއެވެ. އޭނާއަށް އެއީ ކީއްވެކަމެއް ނޭނގުނެވެ.
“ބައެއްފަހަރު ވަރަށް ފޫހިވޭދޯ އަނާ” ޑޭވް އެހިއެވެ. އޭނާ، އަނާގެ ދެލޮލަށް ފުންކޮށް ބަލާލިއެވެ.
އަނާ އެއްބަސްވިއެވެ.
“އަހަންނާއެކީ މިބަންދުގަ އަންނަންވީނުން.” ޑޭވް ދައުވަތުދިނެވެ. “އަހަރެމެންނަށް ލަންޑަނަށް ދެވިދާނެ. މިބަންދު އެއްކޮށް އެތާ ތިބެވިދާނެ.”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.


v reethi ingey?
Me first dhw?
keep it up??
V kuru. Ekamaku ves reetgi. Kuru veema foohi
Vaahaka varah salhi ekamu vaahaka varah kuru. Vaahaka dhigukohlun varah muhiyymu
V reethi anehkka eee fureythaehtha
vedhaane dhw ??