Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ލޯބިވާއޭ ….. (6)

Aislin Level 110 Stories
November 6, 2016 4 Mins Read
9 Comments

އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެވެ. ޝަންހާއީގެ ހުރިހާ ދިމާލަކުންވެސް ފެންނަނީ އާރޯކަމެވެ. ހޭލަމޭލައަށް އެންމެންވެސް ތައްޔާރުވަމުންދަނީ މިރޭ އެގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރޭގަނޑުގެ ކެއުމަށެވެ. މައިރާ ބަދިގޭގައި މަސައްކަތް ހިނަގމުންދާގޮތް ބަލާލުމަށް ބަދިގޭގައި ޙަރަކާތްތެރިވަމުން ދަނިކޮށް މޫމިނާ ގޮވާލި އަޑު އިވުނެވެ. ކަންކުރަންވީގޮތް ކިޔައިދިނުމަށްފަހު މައިރާ މިސްރާބުޖެހީ މޫމިނާ ކައިރިއަށެވެ. މައިރާ ފެނުމާއެކު އިށީނުމަށް މޫމިނާ އެދުނެވެ.

ކައިރީގައި ބަހައްޓާފައި ހުރި ފޮށިން ކޮތަޅެއް ނެގުމަށްފަހު މައިރާއާއި ދިމާލަށް ދިއްކޮށްލުމުން ކޯޗެއްހޭ އަހާލާފަދަގޮތަކަށް މައިރާ އިޝާރާތްކޮށްލިއެވެ.

“މިއީ މައިރާ މިރޭ ލާންވީ ހެދުން. އެތައް ދުވަސްތަކެއްފަހުން މިގެއަށް މިކަހަލަ އުފާވެރި ދުވަހެއް މިއައީ. ދައްތަ އެދެނީ މިރޭ މިހެދުމާއި މީގައިވާ ގަހަނާ ސެޓް މައިރާ ބޭނުންކުރުމަށް. މަނާނުކުރައްޗޭ.” މޫމިނާ އެހާ ލޯބިން އެދުމުން އެކަމަށް ދެކޮޅު ހަދުމަކާއިނުލާ މޫމިނާ ދިއްކޮށްލި ކޮތަޅުގައި މައިރާ ހިފިއެވެ.

އިރުއޮއްސި ރޭގަނޑުގެ ކަނު އަނދިރިކަން ދުނިޔެ މައްޗަށް ވެރިވެގެންފިއެވެ. ޝަންހާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ރޭގަނޑުގެ ކެއުމަށް ކާމޭޒުމަތިވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކުރެވިފައެވެ. މޭޒުމަތިގައި ނެތް އެއްޗެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ތައްޔާރުކުރެވިފައިވާ ބާވަތްތައް އެހާވެސް ގިނައެވެ. މޫމިނާ އޭނާގެ މާމަ ދަރިއެއްކަމަށްވާ ޝިމްޔާއާއެކު ސިޓިންގ ރޫމަށް އައިއިރު އެމޫނުމަތީގައި ނުފިލާ ހިނިތުންވުމެއް ހުއްޓެވެ. ރީނދޫކުލައާއި އަޅިކުލައިގެ މާތަކެއްޖެހި ހެދުމެއްލައިގެން އެއާއިގުޅޭ ބުރުގަލެއް އަޅައިގެން އިންއިރު މޫމިނާ ޢުމުރަށްވުރެ ހަނގުކަމަށް ދައްކައެވެ. ޝިމްޔާއާއި މޫމިނާ ވާހަކައިގައި ތިއްބާ ޢުބައިދުﷲ ފިޔަވާ އެހެން އެންމެން ސިޓިންގ ރޫމަށް ޖަމާވެ ނިމިއްޖެއެވެ. “އަޒްލިފާ. ޢުބައިދުﷲ ކޮބާ؟ ތިރިއަށް ނާންނަނީތަ؟ މިހާރު އެމީހުންވެސް އަންނަން އުޅޭނެ.” މޫމިނާ އަޒްލިފާއަށް ގޮވާލަމުން އެހިއެވެ. “އެބައާދޭ، އަދި ތައްޔާރުވެ ނުނިމޭ.” އަޒްލިފާ މައިދައިތަ ކައިރީ ބުނެލިއެވެ. ޙަޤީޤަތަކީ އުބައިދުﷲ ހިތްހަމަ ނުޖެހިފައި ހުރި ކަމެވެ. އެހެންކަމުން އެންމެންގެ ކުރިމައްޗަށް އަންނަން ބޭނުންނުވަނީއެވެ.

ވާހަކައިގައި ތިބި އެންމެންވެސް ހިމޭންވީ ތިރިއަށް ފައިބައިގެން އައިސްހުރި މައިރާ ފެނުމުންނެވެ. އެންމެން މައިރާއާއި ދިމާލަށް ބަލާތަން ފެނުމުން މައިރާ ކުއްލިއަކަށް ފިނިވިއެވެ. އެއެންމެންގެ ތެރެއިންވެސް އިމްޔާންގެ ތޫނު ނަޒަރު މައިރާއަށް ފާހަނގަވިއެވެ. “މާޝާ ﷲ. މިކުއްޖާފުޅު މީހުންގެ އެސްފިންނާއިން ސަލާމަތްކުރައްވާށި.” މައިރާ އައުމުން މޫމިނާ މައިރާގެ މޫނުގެ ދެފަރާތުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ. ޙަޤީޤަތުގައިވެސް މައިރާ މިރޭ ވަރަށް ރީއްޗެވެ. ކަނޑުނޫ ކުލައިގެ ކަކުލާއި ހަމައަށް އޮތް ހެދުމަކާއި އެކު ރީތިކޮށް ފަޔަށް ހިފާފައިވާ ކަޅުކުލައިގެ ސްކިނީއެއް ލާފައިހުރިއިރު އިސްތަށިގަނޑުވަނީ ރީތިގޮތަކަށް ދަތިޖަހާ ހައްޔަރުކޮށްފައެވެ. އޭނާގެ އެރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ކަރުގައި އަޅާފައިވާ ރިހިކުލައިގެ ހާރުންނެވެ. މޭކަޕްކޮށްފައިނެތްނަމަވެސް އެމޫނުމަތި ތާޒާވެފައި އޮމާނެވެ.

އެކަހަލަ މިކަހަލަ ވާހަކައިގައި އެންމެން ތިއްބާ ގޭގެ ބެލް ޖަހާލިއަޑު އިވުނެވެ. މައިރާ މަޑު ހިނގުމެއްގައިގޮސް ދޮރު ހުޅުވާލިއިރު އަރޫޝާ ހުއްޓެވެ. މައިރާ ހީލަމުން އަރޫޝާއަށް އެތެރެއަށް ވަނުމަށް ދަޢުވަތު ދިނެވެ. އަރޫޝާގެ ފަހަތުން ކަހަލަގޮތަކަށް ޒޯއީވެސް އައިސް ވަނެވެ.

ރަތްކުލައިގެ އެސްތަކުން ޖަރީކޮށްފައިވާ ހެދުމަކާއެކު ގަދަނޫކުލައިގެ ޝޯލްއެއް އަޅިއިގެން އިންއިރު އަރޫޝާ ވަރަށް ރީއްޗެވެ. “މާޝާﷲ. މަންމަގެ ދަރިފުޅުގެ ހޮވުން ވަރަށްވެސް ރީތި.” އަޒްލިފާ ވާހަކަ ދެއްކިއެވެ. ޙަޤީޤަތަކީ އޭގޭގައިވީ ކުޑަވަގުތުކޮޅުގެ ތެރޭގައި އަރޫޝާގެ މަޑުމައިތިރިކަމާއި އަދަބުވެރިކަމުގެ ސަބަބުން އަރޫޝާއަށް އެންމެންގެވެސް ރުހުން ލިބުނެވެ. ވާހަކައިގައި ތިއްބާ ޢުބައިދުﷲ ސިޑިން ފައިބައިގެން އައިސް ސިޓިންގ ރޫމްގައި އޭނާއަށް ޚާއްޞަކޮށްފައިވާ ގޮނޑީގައި އިށީނދެއްޖެއެވެ.

މާޙައުލުގައިވަނި އުފާވެރިކަމެވެ. ނަމަވެސް އެއުފާވެރިކަމަށް ކުޑަނަމަވެސް ލޮޅުމެއް އައިސްދާނެކަމަށް ބިރުން ހުރި ހަމައެކަނި ފަރާތަކީ އަޒްލިފާއެވެ. ޢުބައިދުﷲ މޫމިނާއާއި ވާހަކަ ދެއްކުމަށްފަހު އިވާންއާއި އަރޫޝާއަށް ގޮވާލިއެވެ. އިވާންއާއި އަރޫޝާ ސޯފާގައި އިށީނީ ޢުބައިދުﷲއާއި ކުރިމައްޗަށްވާގޮތަށެވެ. ޢުބައިދުﷲ އިވާންއަށް ގޮވި އަޑު އިވުނީއްސުރެ އަޒްލިފާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ހަމައެއާއެކު ޢާއިލާގެ އެންމެންވެސް އެތާގައި ދެކެވެން އުޅޭ ވާހަކައަށް ސަމާލުވެ ތިއްބެވެ. މައިރާވެސް އެއްފަރާތެއްގައި މަޑުކޮށްލައިގެން އިނެވެ.

“ކޮންރަށެއް؟” ޢުބައިދުﷲ މަޑުމަޑުން އެހިއެވެ. “ފުވައްމުލައް” އަރޫޝާ ނުކެރިފައި އިނދެ ޖަވާބުދިނެވެ. ” މައިންބަފައިންކޮބާ؟ ކޮން މަސައްކަތެއ ކުރަނީ؟ އަރޫޝާ ވަޒީފާ އަދާކުރަނީ ކޮންތާކު؟” ޢުބައިދުﷲ އެއްފައްޗަކަށް ސުވާލުތައް އަމުނާލިއެވެ. ” ބައްޕަ ނިޔާވެފައި. މަންމަ އުޅުއްވަނީ ރަށުގައި. އަޅުގަނޑު ވަޒީފާ އަދާކުރަނީ ފޮރިން އެފެއަރޒްގެ އެޗް.އާރ. ގައި” އަރޫޝާ އިވާންގެ ބައްޕަގެ ސުވާލުތަކަށް ޖަވާބުދެމުންދިޔައީ އަންނަން އުޅޭ ހަމަލާގެ އެއްވެސް ޚަބަރެއ ނުވެހުރެއެވެ. ކިހާވަރެއް ދޭންވީ؟” ޢުބައިދުﷲ ރުޅިއައިސްފައިހުރެ ހަރުކަށިކޮށް ސުވާލުކުރިއެވެ. އަރޫޝާއަށް ޢުބައިދުﷲ އެބުނި އެއްޗެއް ނޭގުމުން ބަލަހައްޓައިގެން ހުއްޓެވެ. ބައްޕަގެ ވާހަކަތައް ހުރިގޮތާމެދު އިވާން ނުރުހުންވިއެވެ.

އަޒްލިފާގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަން ޙަޤީޤަތަކަށްވެ ކުރިމަތިން ފެންނަން މިއޮތީއެވެ. “ކިހާވަރެއް ދޭންވީ؟ އިވާން އާއި މިޢާއިލާއަށް ނުވަދެ ދުރަށްދާނީ ކިހާވަރެއް ދިނީމަހޭ؟” ޢުބައިދުﷲގެ ރުޅި ކޮންޓްރޯލުން ނެއްޓި އަރޫޝާއާއި ދިމާލަށް ހަޅޭއްލަވައިގަތެވެ. މިފަހަރު އެތަތިބި އެންމެންނަށް ޢުބައިދުﷲ އެކިޔާ އެއްޗެއް ސާފުވިއެވެ. މޫމިނާ އޭނާގެ ދަރިފުޅުގެ އަތުގައި ހިފީ އެކަން ހުއްޓުވުމަށެވެ. ނަމަވެސް އެކަންވީ ބޭކާރު ކަމަކަށެވެ. “މަންމާ. މިއަދު އަހަރެން ނުހުއްޓުވާ. އިވާންގެ ކަންތައްތަކާއި އަހަރެން އެއްޗެއް ނުބުނުމުން އޭގެ މާނައެއްނޫން އޭނަ މަގުމަތިން ފެންނަ ކޮންމެ އަންހެން ކުއްޖަކު ގޮވައިގެން ގެއަށް އައީމަވެސް އެއްޗެއް ނުބުނެ ހުންނާނޭ. ބައްޕަ މަރުވެ، ޢާއިލީ އެއްވެސް ޙައިސިއްޔަތެއް ނެތި، މަހެއްގެ މައްޗަށް ދިހަހާސް ރުފިޔާ ނުލިބޭ ވަޒީފާއެއްގައި ހުރި އަންހެން ކުއްޖަކު އަހަރެންގެ ދަރިއަކާއި އަހަރެން ގުޅުވާނީ ކިހިނެއް؟ އެކަހަލަ ކިތައް ދިހަހާސް ރުފިޔާ އަހަރެމެން އެންމެ ދުވަހެއްގެ މައްޗަށް މިހޯދަނީ؟ ތަނަކުން މުއްސަނދި މީހަކު ފެންނައިރަށް ރާއްޖެތެރޭ ރަށްރަށުގެ މީހުންވާނެ އަތުއަޅުވާލެވޭތޯ އުޅެން. ބުނޭ ދޭންވި ވަރެއް. މިޢާއިލާއާއި އަހަރެންގެ ދަރިފުޅު ދޫކޮށް އުފަލުގައި އުޅެވޭ ވަރަށް ލާރިދޭނަން. މިއޮތީ ބްލޭންކް ޗެކެއް. ބޭނުން ޢަދަދެއް ޖަހާ. އިތުރަށް ބޭނުމަސް ބުނޭ. ދޭނަން.” ޢުބައިދުﷲގެ ޖީބުން ސޮއިކޮށްފައިވާ ބްލޭންކް ޗެކެއް ނަގާ އަރޫޝާއައި ދިމާލަށް ދިއްކޮށްލަމުން ޢުބައިދުﷲ ވާހަކަ ދެއްކިއެވެ. އޭރު އަރޫޝާ ހުރީ ރޮމުން ރޮމުންގޮސް ގިސްލެވިފައެވެ. މައިރާއާއި ޝިމްޔާވެސް އެޙާލެއްގައެވެ. ބައްޕަގެ ބަހުރުވަ އެފަދަގޮތަކަށް ހުރެދާނެކަމަކަށް އިމަޔާން އަދި އިވާންވެސް ހިއެއްނުކުރެއެވެ.

“ބައްޕައަށް ހަމަ ސާބަސް. ބައްޕައަށް ހީވަނީ ކައިވެންޏަކީ ވެސް ޑީލްއެއްކަމަށް. އެންމެ ގިނަ ލާރިލިބޭ ޢާއިލާއެއްގެ އަންހެނަކާއ ކާވެނިކުރަން. އަރޫޝާއަކީ އަހަރެންގެ ޗޮއިސްއެއް. އަހަންނަކީ އަހަރެންގެ އަމިއްލަ މަސައްކަތުން ލާރިހޯދާ މީހެއް. އަރޫޝާގެ ބައްޕަ ނިޔާވުމަކީ އަރޫޝާގެ ކުށެއްނޫން. ބައްޕަގެ ވިސްނުން ކޮށިކަމާމެދު އަހަރެން ހައިރާންވެ އަންތަރީސްވަން” އިވާން ރުޅިއައިސްފައި ހުރެ އަރޫޝާގެ ދިފާއުގައި ވާހަކަ ދެއްކިއެވެ.

“އިވާންގެ ބައްޕަ. އަހަރެން މިމުއްސަނދިކަމެއް ބެނުމެއްނޫން. އަހަރެން އިވާންއާއި ގުޅުނީ ލޯބިވާތީ. އެކުގައި އުޅެން. މިޗެކަކީ އަހަންނަށް މުހިންމު އެއްޗެއް ނޫން. އަހަންނަށް ލިބޭ މިންވަރުން އަހަންނަށް ފުދިގެން އިތުރުވޭ. މިއަދު މިފަދަގޮތަކަށް އިވާންގެ ބައްޕައާއި ވާހަކަ ދައްކަން ޖެހުމުން ވަރަށް ދެރަވޭ. އެކަމަކުވެސް ބުނެލާނަން. އަމިއްލަ ދަރިންގެ ޙަޔާތުގައި ޕްރައިޒް ޓެގް އަޅުވާ ވިއްކާލައްވަން އުޅުމަކީ ގޯހެއް. އަހަންނަކީ ވެސް އަބުރުވެރި ޢިއްފަތްތެރި އަންހެން ކުއްޖެއް. ކިތަންމެ މުއްސަނދި ބަޔަކަށްވެސް އެއަބުރު ކަތިލުމުގެ ބާރެއް ލިބިގެނެއްނުވޭ. އަދި އެއްވާހަކަ. ތިމާގެ އަތުގައި މިއަދު ކިތަންމެ ފައިސާއެއް ހުރެ އެކަމާއި ކިބުރުވެރިވެ ބޮޑާވިނަމަވެސް މާދަމާ އިސްޖަހާލަން ޖެހިދާނެކަން ހަނދުމަ ބަހައްޓަވާ.” އަތުގައި އޮތް ޗެކް މޭޒުމަތީގައި ބާއްވަމުން އަރޫޝާ ވާހަކަ ދެއްކިއެވެ. އަރޫޝާގެ ހިތްވަރާމެދު ޢާއިލާގެ އެންމެންވެސް ހައިރާންވިއެވެ. ސަބަބަކީ ޢުބައިދުﷲގެ ކުރިމަތީގައި ވާހަކަ ދައްކަން ކެރެނީ މަދުބަޔަކަށް ވާތީއެވެ. “ޝުކުރިއްޔާ ދައްތާ. ނުކެއި ނަމަވެސް އަޅުގަނޑުގެ ބަނޑު ފުރިއްޖެ. އިވާން. އިވާންގެ ބައްޕަގެ ރުހުން ލިބުނު ދުވަހަކުން އިވާން އަޔަސް އަހަރެން އިވާންއާއި ކާވެނި ކުރާނަން. އެކަމަކު މިއަދު މިވަގުތުން ފެށިގެން އަހަންނާއި އިވާންއާއި އެއްވެސް ގުޅުމެއް ނޯންނާނެ.” އަރޫޝާ އިވާންއާއި އަޒްލިފާއާއި މުޚާޠަބްކޮށް ވާހަކަ ދެއްކިއެވެ. އަދި މަޑުމަޑުން އެގެއިން ނިކުންނަށް ހިނގައިގަތް ވަގުތު އެލޮލުގައި ހިފެހެއްޓިފައި ހުރި ކަރުނަތައް އަނެއްކާވެސް އޭގެ މަޤާމް ދޫކޮށް ފައިބާން ފެށިއެވެ.

ގޭތެރޭގައި ހިނގައިދިޔަ ހައިޖާނުގަނޑާއެކު މުޅި ގެއަށް ވެރިވެފައިވަނީ އަޖައިބެއްފަދަ ހިމޭންކަމެކެވެ. އަޒްލިފާ އޭނަގެ ދަރިފުޅު އިވާންގެ ޙާލާއިމެދު ޙަމްދަރުދީވެ ރޮމުން ދިޔައިރު މޫމިނާ އަޒްލިފާ މަސަލަސްކުރެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ނަމަވެސް އަމިއްލަ ދަރިފުޅުގެ ހިތްހަލާކުވެ ރޯއިރު އަޅާނުލާ ހުންނަން މައިލަގޮނޑިއަށް ކެތްނުވާނެކަން ގައިމެވެ. އެރޭ އިވާން ގޮސް ކޮޓަރިއަށް ވަންގޮތަށް ކޮޓަރިން ނުނުކުމެއެވެ. އަދި އެގޭގެ އެއްވެސް މީހަކު ހެނދުނުގެ ނާސްތާވެސް ނުކުރެއެވެ. “މަންމާ. ތިއްތިއަށް ގޮވާބަލަ. ޕްލީޒް.” ޝިމްޔާ ކޮޓަރިން ނުކުމެގެން އައިސް އަޒްލިފާ ގާތުގައި އިށީދެލަމުން އާދޭހުގެ ރާގެއްގައި ބުނެލިއެވެ. ޝިމްޔާވެސް އިނީ އިންތިހާއަށް ދެރަވެ ކަންބޮޑުވެފައެވެ. “ނުހުޅުވާނެ. ކިހާ ވަރަކަށްތަ އިވާންއަށް ގޮވީ. ކިހާދުވަހެއް ފަހުން އިވާން ހިތްއެދޭ ކަހަލަ ކުއްޖަކު ފެނުނީވެސް.” އިމްޔާންވެސް އެތަނަށް އަންނަމުން ވާހަކަ ދެއްކިއެވެ. އަޒްލިފާ އެއްޗެކޭ ނުބުނީ ދަރިންގެ ކުރިމަތީގައި ބައްޕަގެ ގޯސްވާހަކަ ދައްކަން ބޭނުންނުވާތީއެވެ.

ޝަންހާއީގައި ހިނގާދިޔަ ކަންތައްތަކަށްފަހު މިއަދު އެގޭގެ އެންމެން ހެނދުނުގެ ނާސްތާގައި ބައިވެރިވިއެވެ. ނަމަވެސް މުޅިތަނަށް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެވެ. އެއްވެސް މީހަކު އަކަކު އަނެކަކާއި އަނގައިން ބުނުމެއްވެސް ނެތެވެ. އެހަމަހިމޭންކަން ފުރަތަމަ ފޫދުއްވާލި މީހަކީ އިވާންއެވެ. “މަންމާ. އަޅުގަނޑު މިވިސްނަނީ ސިންގަޕޯރއަށް ބަދަލުވާން. އެބްރާންޗްގެ މެނޭޖަރާއިވެސް ވާހަކަ ދައްކާލައިފިން. ބުނި އަންގާލާނަމޯ ހަމަޖެހުނީމަ. ހީވަނީ ވަރަށް އަވަހަށް ހަމަޖެހޭނެހެން.” އިވާން ދެއްކި ވާހަކައިގެ ސަބަބުން އެތާގައި ކުޑަވަރެއްގެ ބޮމެއް ގޮވިފަދައެވެ. “ކީއްވެތަ ދާންވީ؟ އެވެސް ހަމަކުއްލިއަކަށް” މޫމިނާ ލިބުނު ހައިރާންކަމުގައި ހުރެ ވާހަކަ ދެއްކިއެވެ. “މިތަނުގައި އަހަރެންގެ ބޭނުމެއްނެތީ. އަހަރެންގެ އަމިއްލަ މިނިވަންކަމެއްވެސް ނެތީ. އެއީ ސަބަބަކީ.” އިވާން ދެރަވެފައި ހުރެ ވާހަކަ ކުރިއަށް ގެންދިޔައެވެ. “ދަރިފުޅާ. ބައްޕަ އެގޮތަށް ކަންތއްކުރީ ދަރިފުޅުމެންނަށް ފާއިދާއަކަށް. އެކަހަލަ ރަށްފުށުގެ މީހުން ބޭނުންވާނީ އަހަރެމެން ކަހަލަ މުއްސަނދިންގެ ފާއިސާއާއި މުދާ. ބައްޕަގެ މިވިޔަފާރިވެސް ބަނގުރޫޓުކޮށްލަން ކިތައްފަހަރު އުޅެފި. ހަމަހުސް ރާއްޖެތެރޭ މީހުން.” ޢުބައިދުﷲ ވިސްނައިދޭފަދަ ގޮތަކަށް ވާހަކަ ދެއްކިއެވެ. ދެކެވިގެންދިޔަ ވާހަކައިގެ ޙަޤީޤަށް އެގޭ ހަމައެކަނި ފަރާތަކީވެސް އޭނާއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aislin

Level 110 Stories

Other Articles

Previous

ތާޝާ (11ވަނަ ބައި)

Next

އެފިނިމެންދަން 22

Next
November 6, 2016

އެފިނިމެންދަން 22

Previews
November 6, 2016

ތާޝާ (11ވަނަ ބައި)

9 Comments!

  1. shaai says:
    November 6, 2016 at 3:12 pm

    vvvvvvvv rythi…

  2. Hooooo. says:
    November 6, 2016 at 3:21 pm

    Varah salhi.

  3. naaxy says:
    November 6, 2016 at 3:56 pm

    V salhi mivaahaka

  4. Aislin says:
    November 6, 2016 at 4:00 pm

    Hi readers!
    Next part will be uploaded sooon…
    thank you for your support and love. this means lot to me.
    do comment and let me knw how it is

  5. Pop says:
    November 6, 2016 at 5:25 pm

    Hadha lasvy mi faharu.. Story salhi

  6. shelly says:
    November 6, 2016 at 5:35 pm

    v salhi bt kudakoh lasvi

  7. tara says:
    November 6, 2016 at 6:52 pm

    Varah reethi mi vaahaka. Keep it up Aislin!

  8. Saadha Abdhulatheef says:
    November 7, 2016 at 1:32 am

    Varah reethi vaahakaeh

  9. cher says:
    February 6, 2017 at 7:18 pm

    ????????????
    LOVED IT

Comments are closed.

Next Episodeލޯބިން ލޯބިވާއޭ ….. (7)←


All Right Reserved!