ނޭނގޭހެ ހާދަ ލޯބިވޭ 27
އަހަރުތަކެއް ވަންދެން އެކުގައި އުޅެމުންދާ ބައިވެރިޔާއަށް ވިސްނައިދެވޭތޯ އިސްހާގު މަސައްކަތް ކުރީ ދަރިފުޅުގެ ޓަކައެވެ. ރާހިލްވެސް މަލާކްއަށް ޓަކާ މަންމައާ ބައްޕައަށް ވިސްނައި ދޭން މަސައްކަތް ކުރި ފަދައިންނެވެ.
އެރޭ ރާހިލްއަކަށް ނުނިދުނެވެ. ހާފިޒާ، މަލާކް ބަލައިގަތުމަށް ދެކޮޅު ހެދުމުން ރާހިލްއަށް ކުށްވެރި ކުރެވުނީ އަމިއްލަ ނަފްސެވެ. ހާފިޒާގެ ވިސްނުން ހުންނަ ގޮތް މާކުރިން ފެށިގެންވެސް ރާހިލްއަށް އެނގެއެވެ. އެހެން ކަމުން މަލާކްގެ ވާހަކަ ބުނުމުން ހާފިޒާ ނިންމާނީ އެފަދަ ނިންމުމެއް ކަންވެސް ރާހިލްއަށް އެނގެއެވެ. ނަމަވެސް ރާހިލް ހީކުރި ގޮތާ ޚިލާފަށް ބައްޕަގެ ފަރާތުން ރާހިލްއަށް އެއްވެސް އެއްބާރުލުމެއް ނުލިބުނެވެ. ރާހިލްއާ އެއްކޮޅަށް އިސްހާގު އެއްވެސް އެއްޗެއް ނުބުނުމުން ރާހިލް ދެރަވިއެވެ.
ކަންތައް ވީގޮތް މީރާ ކައިރީ ބުނާނެ އެއްވެސް ގޮތެއް ރާހިލްއަކަށް ނުވިސްނުނެވެ. މުޅި އެރޭ ރާހިލް ހޭދަ ކުރީ އެކަމާ ވިސްނުމުގައެވެ.
ހެނދުނު އިރު އެރުމާއެކު ރާހިލް ވިދާދްއަށް ގުޅިއެވެ. ހުކުރު ދުވަހެއް ނަމަވެސް ވިދާދް ހޭލާ އުޅޭނެކަން އެނގޭތީއެވެ.
“ގުޑް މޯރނިންގް ރާހިލް، ހާދަ ހެނދުނަކާ ތިގުޅާލީ؟” ވިދާދް އެހިއެވެ.
“ވިދާ، އަހަރެން ކުރާ ސުވާލަކަށް ތެދަށް ޖަވާބު ދޭނަންތަ؟” ރާހިލް އަހާލިއެވެ.
“ކިހިނެއްވީ؟” ރާހިލް ކުރި ސުވާލާ އެކުވިދާދްގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައީ ޔަމާންއާ ވިދާދްގެ މެދުގައި ދުވަސްކޮޅެއް ކުރިން ވީ ކަންތައް ހަނދާން ވުމުންނެވެ.
“ބުނެބަލަ…” ރާހިލް ބުންޏެވެ.
“އާނ، ތެދަށް ބުނާނަން” އެދުވަހުގެ ކަންތަކާ ރާހިލް ސުވާލު ކުރިޔަސް ތެދަށް ބުނަން ވިދާދް ނިންމިއެވެ.
“ކޮންމެ ހާލެއްގައިވެސް ވިދާ އަހަންނާ އިންނާނަންތަ؟” ރާހިލް އަހާލިއެވެ.
“ކީކޭ…؟” ރާހިލް ކުރީ ވިދާދް ހީކުރި ފަދަ ސުވާލެއް ނޫނެވެ.
“އަހަރެން އަހަރެންގެ ފަމިލީ ދޫކޮށްލިޔަސް ވިދާ އަހަންނާ އިންނާނަންހޭ؟” ރާހިލް އެހިއެވެ.
“ކޮން ކަހަލަ ސުވާލެއް ތިކުރަނީ؟ ކަމެއް ވީތަ؟” ރާހިލްމެންގެ އާއިލާ ތެރޭގައި ކޮންމެވެސް ކަމެއް ވެއްޖެހެން ވިދާދްއަށް ހީވިއެވެ.
“ޕްލީޒް ވިދާ، އިހަށް ޖަވާބު ދީބަލަ” ރާހިލް ބުންޏެވެ.
“އާނ، އިންނާނަން” ވިދާދް ދިނީ ރާހިލް ބޭނުންވި ޖަވާބެވެ.
“ވީހާވެސް އަވަހަކަށް މި ކައިވެނި ކުރަން ބޭނުމޭ އަހަރެން ބުނެފިއްޔާ…؟” ރާހިލް އަނެއްކާވެސް ސުވާލެއް ކުރިއެވެ.
“އަހަންނަށް އެއްވެސް މައްސަލައެއް ނެތް، ރާހިލް މިއަދޭ ބުންޏަސް އަހަރެން ހަމަ ރެޑީ” ވިދާދް ބުންޏެވެ.
“ތޭންކްސް ވިދާ” ރާހިލްއަށް ބުނެވުނެވެ.
“ދެން ބުނެބަލަ ވެގެން ތިއުޅޭ ގޮތެއް” ވިދާދް އެދުނެވެ.
“އަހަރެން ދަންތަ ތި ގެޔަށް؟ ފޯނުން ކިޔައެއް ނުދެވޭނެ” ރާހިލް ބުންޏެވެ.
ވިދާދް ވަގުތުން އެއްބަސް ވިއެވެ. ފޯން ކަނޑާލާފައި ވިދާދް ފާހާނާއަށް ވަދެލާފައި އެއްޗެހި ބަދަލު ކޮށްގެން ނިކުތް ތަނާ ރާހިލް އައެވެ. ރާހިލް ކައިރީ ޓެރެސްއަށް ދިޔުމަށް ބުނެފައި ފަސް ވަރަކަށް މިނަޓް ފަހުން ދެ ކޮފީ މަގު ހިފައިގެން ވިދާދް ދިޔައިރު ރާހިލް ދަގަނޑުގައި ހިފަހައްޓައިގެން މޫދަށް ބަލަން ހުއްޓެވެ.
“ރާހިލް…” ވިދާދް ގޮވާލިއެވެ. އަދި ރާހިލް ބަލާލުމުން ކޮފީމަގު ދިއްކޮށްލިއެވެ.
“ތޭންކްސް” މަގުގައި ހިފާފައި ރާހިލް ބުންޏެވެ.
“އިށީންނަން ވީނު؟” އެއްފަރާތުގައި ހުރި އުނދޯއްޔަށް އިޝާރާތް ކޮށްލަމުން ވިދާދް ބުންޏެވެ.
ދެމީހުން އެކީގައި ގޮސް އުނދޯލީގައި އިށީނދެ ވާހަކަ ދެއްކުމެއް ނެތި ކޮފީ ބޮމުން ދިޔައެވެ.
“ރާހިލް، ބުނެބަލަ… ކިހިނެއް ވީ؟” ރާހިލް ހުސްތަށި ބެހެއްޓުމުން ވިދާދް އެހިއެވެ.
“މަންމަ ބުނީ ގަބޫލެއް ނުކުރާނަމޯ މަލާއަކީ އަހަރެންގެ ކުއްޖެއް ކަމަކަށް” އުނދޯލީގައި ލެނގިލަމުން ރާހިލް ބުންޏެވެ.
“ކޮން އިރަކު މަންމަ ކައިރީ ބުނީ؟” ވިދާދް އެހިއެވެ.
“ރޭގަ… ވިދާ… އެނގޭތަ؟ މަލާއަކީ… މަލާއަކީ ޓްވިންއެއް…” އެހެން ބުނެވުމާއެކީ ރާހިލްގެ ލޯ ފެންކަޅިވެގެން ދިޔައީ މަނާލްގެ ހަނދާން ވުމުންނެވެ.
ރާހިލް އެބުނި އެއްޗެއް ނުވިސްނިފައި ފުރަތަމަ ވިދާދްއަށް އިނދެވުނެވެ.
“މީރާ ވިހެއީ އެއްމާބަނޑު ދެކުދިން… މަލާކްއާ މަނާލް… އެކަމަކު އަހަންނަށް ނުވެސް އެނގި… ނުވެސް ފެނި އަހަރެންގެ އެއް ކުއްޖަކު މަރުވެއްޖެ ވިދާ…” ރާހިލް ވިދާދްއާ ދިމާއަށް ބަލާލާފައި ބުންޏެވެ. އަދި އެވަގުތު ލޮލުން ވެއްޓުނު ކަރުނަ ތިކި ފޮހެލިއެވެ.
“ރާހިލް…” ވިދާދްއަށް ބުނެވުނެވެ. އަތުގައި ހުރި މަގު މޭޒުމަތީ ބަހައްޓާފައި ވިދާދް ރާހިލްއާ ކައިރިއަށް ޖެހިލާ ރާހިލް ގައިގައި ބައްދާލިއެވެ. ރާހިލްވެސް ދެއަތުން ވިދާދްގެ ހަށިގަނޑު ވަށާލިއެވެ.
“އަހަންނަކީ ކިހާ ގޯސް މީހެއް؟ މީރާއަށް އަހަރެންގެ ސަބަބުން ކިހާ ހިތާމައެއް ކުރަން އެޖެހުނީ؟ ވިދާ… އަހަރެން މިއަދު ވަރަށް ދެރަވޭ ކަންތައް ކުރެވުނު ގޮތުން… ހިތަށް އަރާ ހުރުހާ ކަމެއް ބަދަލު ކުރެވޭނެ ނަމައޭ… އަހަންނަށް ނުފެނި މަނާލް ވަކިވެ ދިޔުން އެއީ އަހަރެން ކުރި ކުށުގެ ސަޒާ…” ރާހިލް އަމިއްލަ ނަފްސު ކުށްވެރިކޮށް ވާހަކަ ދައްކަމުން ދިޔައެވެ.
“ނޫން ރާހިލް… ކަންތައް ވާނެ ގޮތެއް އެކަކަށްވެސް ނޭނގޭނެ… މީރާ ބަނޑުބޮޑުކަން އެނގުނު ނަމަ ރާހިލް އޭނަ ދޫކޮށްލާފަ ނާންނާނެކަން އަހަންނަށް ޔަގީން… އަހަރެންވެސް ގަބޫލު ކުރަން ރާހިލް އޭރު ކަންތައް ކުރީ ރަނގަޅަށް ނޫން ކަން، އެކަމަކު ލިބެން އުޅޭ ކުދިން ދޫކޮށްލާފަ އަންނާނެހާ ގޯސް މީހެއް ނޫން ރާހިލްއަކީ… އެވަރު އަހަންނަށް ޔަގީން” ރާހިލްގެ ގައިން ދޫކޮށްލާފައި ދެއަތުން ރާހލްގެ މޫނުގައި ހިފާލައިގެން އިނދެ ވިދާދް ބުންޏެވެ.
“ކީއްވެތަ ވިދާ ތިހާ ރަނގަޅީ؟ ވިދާ ތިހާ ރަނގަޅު އިރު ކީއްވެ ޔަމާން ވިދާ ދޫކޮށްލީ؟” އިރުކޮޅަކު އެއްޗެއް ނުބުނެ ވިދާދްގެ މޫނަށް ބަލަން އިނދެދައި ރާހިލް އަހާލިއެވެ.
“އެއީ އަހަންނަށް ރާހިލް ލިބެން ވެގެން ވީ ގޮތެއް…” ވިދާދް ހީލަމުން ބުންޏެވެ.
“ވިދާ… އަހަރެން…” އިއްޔެ މީރާ ކައިރީ ކުރެވުނު އާދޭސް ހަނދާން ވުމުން ރާހިލް ވިދާދްގެ އަތް ރާހިލްގެ މޫނުން ވަކިކޮށްލަމުން ދުރަށް ޖެހިލިއެވެ. އެވަގުތު ރާހިލްއަށް ވިދާދްއާ މެދުވެސް ވިސްނާނުލެވުނެވެ. ރާހިލްއަކީ ކިހާ އަމިއްލަ އެދުން ބޮޑު މީހެއް ހެއްޔެވެ؟
“ރާހިލް، ދެން އެކަންތައް ހަނދާން ނައްތާލަން މަސައްކަތް ކުރޭ… މިއަދު ރާހިލްއަށް މަލާކް ލިބިއްޖެ، ދެން މަސައްކަތް ކުރަންވީ އޭނައަށް މިހުރިހާ ދުވަހު ނުދެވި އޮތް ލޯބި ދޭން، ދެކުދިންނަށް ވާވަރަށް… މާޒީއާ މެދު ވިސްނައިގެން ކުރާނެ ފައިދާއެއް ނެތެއްނު؟ ދެން ބަލަންވީ ކުރިއަށް އޮތް ތަނުގަ ރަނގަޅަށް ކަންތައް ކުރެވޭތޯ… ތީ މިހާރު އޭރުގެ ރާހިލްއެއް ނޫނެއްނު؟ ރާހިލް މީރާ ކައިރިން މާފަށް އެދުނީމަ ހިތަށް ލުއިވާނެ…” ރާހިލްގެ އަތުގައި ހިފާލަމުން ވިދާދް ބުންޏެވެ.
“އަހަރެން އެދުނިން މާފަށް… ކިތަންމެ ފަހަރަކު އެދުނިން… އިއްޔެ… އިއްޔެ އަހަންނަށް މަނާލްގެ ވާހަކަ އެނގުނީ… އިއްޔެ މީރާ އަހަންނަށް މާފުވެސް ކޮށްފި… އެކަމަކު އަހަންނަކީ މާފު ހައްގު މީހެއްތަ؟ ވިދާއަށް ނޭނގުނަސް އަހަރެންނަށް ވިދާއަށްވެސް ބޭވަފާތެރި ވެވިއްޖެ… އިއްޔެ އަހަރެން މީރާ ކައިރީ އާދޭސް ކުރިން އަހަންނާ އަލުން ގުޅެން… ދެން ވިދާ ބުނެބަލަ… އަހަރެން ކޮން ގޮތަކުން ރަނގަޅު މީހަކަށް ވީ؟” ރާހިލް ބުންޏެވެ.
“ރާހިލް، އަހަރުމެން ދެމީހުން ފުރަތަމަ ގުޅުނީވެސް ލޯބި ވެގެންނެއް ނޫން… ދެމީހުންނަށްވެސް އެނގޭ އެކަން… ލޯބި ހޯދަން ކޮންމެ މީހަކުވެސް ބޭނުން ވާނެ… ލޯބިވާ މީހާއާ ކައިވެނި ކުރަން ނޭދޭނީ ކާކު؟ އެކަމަކު އެކަމަކީ އެންމެންނަށް ކާމިޔާބު ވާނެ ކަމެއް ނޫން… އެހެން ވީމަ ދެން އެންމެ ރަނގަޅު ގޮތަކީ އެމީހަކާ އެކީ އުފާވެރި ދިރިއުޅުމެއް އުޅެވޭނެހެން ހީވާ މީހަކާ ކައިވެނި ކުރުން… އެހެން އުޅޭ މީހުން މަދެއް ނޫން… އަދި އެ މަގްސަދުގަ ދިރިއުޅުމެއް ފަށާ މީހުންނަށް މާ ހަމަޖެހޭ އުފާވެރި ދިރިއުޅުންވެސް އުޅެވޭ…
އަހަރުމެން ދެމީހުންވެސް މީ އެކަހަލަ ދެމީހުން، ޔަމާން އަބަދުވެސް ލޯބި ވީ މީރާ ދެކެ، އަހަރެން ދެކެ އެއްވެސް އިރެއްގަ އޭނަ ލޯތްބެއް ނުވޭ… މީރާ ކުރިން ރާހިލް ދެކެ ލޯބިވިޔަސް މިއަދު އޭނަ ލޯބި ވަނީ ޔަމާން ދެކެ… އެދެމީހުން ވަކިކޮށްގެން އަހަރުމެންނަކަށް އުފަލުންނެއް ނޫޅެވޭނެ…
އަހަންނަށް ރާހިލް އެނގޭތާ ތިން އަހަރު ވެއްޖެ… ރާހިލް ތީ ގޯސް މީހެކޭ އަހަރެން ނުބުނާނަން… އަހަންނަށް އެއްވެސް އިރެއްގަ ރާހިލް ގޯހެއް ނޫން… ރާހިލްގެ މާޒީގަ އެހެން އަންހެން ކުއްޖަކާ މެދު ރާހިލްއަށް ކަންތައް ކުރެވުނު ގޮތުން އަހަރެން ނުނިންމާނަން ތީ ގޯސް މީހެއް ކަމަކަށް… އަހަންނަށް އެނގެނީ އަހަންނާ ދިމާވި ފަހުން ތީ ގޯސް މީހެކޭ ބުނާ ކަހަލަ ކަމެއް ރާހިލް ނުކުރާ ކަން… އެހެން ވީމަ އަހަރެން ރާހިލްއާ ރައްޓެހިވީ، ރާހިލްއާ އިންނަން އެއްބަސްވީ…
ރާހިލްގެ އަނތްބަކަށް ވެވޭނެ ދުވަހެއްގެ އިންތިޒާރުގަ އަހަރެން ހުންނަތާ ދެ އަހަރު ވެއްޖެ… މިއަދު ރާހިލް ބުންޏަސް އަހަރެން މިހިރީ އިންނަން ތައްޔާރަށް… އެކަމަކު އެއީ ރާހިލް ބޭނުން ވަންޏާ… ރާހިލް ބޭނުން ނުވަންޏާ އަހަރެން ދުރަށް ދާންވެސް ތައްޔާރަށް މިހިރީ… ދެން ރާހިލް ބުނޭ ހަދަން ވީ ގޮތެއް…” ވިދާދް ބުންޏެވެ.
ރާހިލް އެއްޗެއް ނުބުނެ ވިދާދް ގެނެސް މޭގައި ޖައްސާލިއެވެ. ދެއަތުން ވިދާދް ގައިގައި ބައްދާލަމުން ވިދާދްގެ ނިތްކުރީގައި ރާހިލް ބޮސްދިނެވެ.
“އަހަރެން ދުވަހަކުވެސް ވިދާއަށް ދެރަ ގޮތެއް ނަހަދާނަން… ދުވަހަކުވެސް ވިދާ ދެރަވާ ކަމެއް ނުކުރާނަން… އަހަންނާ އިނދެފަ ވިދާ އެކަން ރިގްރެޓް ކުރާކަށް ނުޖެހޭނެ… އައި ޕްރޮމިސް…” ވިދާދްއަށް ދުނިޔޭގެ ހުރިހާ އުފަލެއް ހޯދާދިނުމަށް އަމިއްލަ ނަފްސަށް ވަޢުދު ވަމުން ރާހިލް ބުނެލިއެވެ.
“ތިވަރުން އަހަންނަށް ފުދޭ… އަހަރެންވެސް ބަލާނަން ރާހިލް ބޭނުންވާ ކަހަލަ ވައިފްއަކަށް ވެވޭތޯ” ހީލަމުން ވިދާދް ބުންޏެވެ.
ބޯޖަހާލަމުން ރާހިލް ދެއަތުން ވިދާދްގެ މޫނުގައި ހިފާލަމުން ވިދާދްގެ ތުންފަތުގައި ބޮސްދިނެވެ. ހުރިހާ ކަމެއް ހިތުން ފޮހެލަމުން ވިދާދްވެސް ރާހިލްއަށް އިޖާބަ ދިނެވެ.
“ދެން ކިޔާދީބަލަ ރޭގަ ވީ ގޮތް…” ދެމީހުން ދުރު ވެލާ ހަމަޖެހިލާފައި ވިދާދް އެހިއެވެ.
އިއްޔެ ވީ ކަންތަކާ ރޭގައި މަންމައާ ބައްޕައާ ދެއްކި ހުރިހާ ވާހަކައެއް ރާހިލް ވިދާދްއަށް ކިޔާދިނެވެ.
“އަދިވެސް މަންމައަށްވިސްނައިދެވޭތޯ ޓްރައި ކުރަން ވީނު؟ އަހަރެން ވާހަކަ ދައްކަންތަ؟” ރާހިލް ހުރިހާ އެއްޗެއް ކިޔައިދީ ނިމުމުން ވިދާދް އަހާލިއެވެ.
“ނޫން، އަޅާނުލާ ދެން… މަންމަ އެއްޗެއް ބުނެފިއްޔާ އެ ބަހުގަ ހިފަހައްޓައިގެން ހުންނާނީ… ގޮތް ދުލެއް ނުކުރާނެ، މަންމަގެ ވިސްނުން ބަދަލު ކުރެވޭނީ ބައްޕައަށް އެކަނި… ދެން ވާހަކަ ދައްކަންޏާ ދައްކަން ވީ ބައްޕައާ” ރާހިލް ބުންޏެވެ.
ވިދާދް ރާހިލް ބުނި ގޮތާ އެއްބަސް ވަމުން ބޯ ޖަހާލީ ހާފިޒާގެ ގޮތް ވިދާދްއަށްވެސް އެނގޭތީއެވެ.
“އައިމް ސޮރީ އެބައުޓް މަނާލް…” ރާހިލްގެ ދެއަތުގައި ހިފާލަމުން ވިދާދް ބުންޏެވެ.
“ވިދާއަށް މައްސަލައަކަށް ވާނެތަ އަހަރުމެން މެރީކޮށްގެން ވަކިން އުޅުނިއްޔާ؟ މަންމަ މަލާ އެކްސެޕްޓް ނުކުރާހާ އިރަކު އަހަރެން ބޭނުމެއް ނޫން ގެޔަށް ދާކަށް… އަދި އަހަންނަށް ދެން ލިބޭ ކުއްޖަކުވެސް ގޭގަ ގެންގުޅޭކަށް އަހަރެން ބޭނުމެއް ނޫން” ރާހިލް ވިދާދް ދެކޭ ގޮތް ބަލަން ބޭނުން ވިއެވެ.
“ރާހިލް ބޭނުން ގޮތެއް… ރާހިލްގެ ކޮންމެ ކުއްޖެއްވެސް ވާނީ ރާހިލް މަންމަގެ މާމަ ކުއްޖަކަށް. އެއީ އަހަންނަށް ލިބޭ ކުއްޖަކަސް ވަކި ތަފާތެއް ނޯންނާނެ…” ވިދާދް ބުންޏެވެ.
“ވިދާގެ ފެމިލީއަށް އޯކޭ ވާނެތަ؟ މިބުނީ މަލާގެ ވާހަކަ އެނގުނީމަ؟” ރާހިލް އެހިއެވެ.
“ހިއެއް ނުވޭ މަންމަމެން މައްސަލަ ޖައްސާނެ ހެންނެއް… އެހެން ނޫނަސް އަހަރެންގެ ލައިފްގެ ކަންތައް ނިންމާނީ އަހަރެން” ވިދާދް ބުންޏެވެ.
“ދެން ވިދާ؟” ރާހިލް ވިދާދްގެ އަތުގައި ހިފާލަމުން އަހާލިއެވެ.
“އަހަރެންގެ އެއްވެސް މައްސަލައެއް ނެތް… އަހަރެންގެ ޓާގެޓްއަކީ ދުނިޔޭގެ އެންމެ ރަނގަޅު ދޮންމަންމައަށް ވުން…” ސަމާސާ ރާގަކަށް ވިދާދް ބުނެލިއެވެ. އެއާއެކު ސީރިއަސް މޫޑެއްގައި އިން ރާހިލްވެސް ހިނިތުންވެލަމުން ވިދާދް ގައިގައި ބައްދާލިއެވެ.
ރާހިލް އެ ދެދުވަހު އުޅުނީ މުޅިންވެސް ގެއިން ބޭރުގައެވެ. ހުކުރަށް ދާން ކައިރި ވުމުން ވިދާދްމެން ގެއިން ރާހިލް ދިޔައީ ރާހިލްގެ އެއްބަނޑު އެއްބަފާ ދައްތަ ކައިރިއަށެވެ. އެރެއާ އަނެއް ދުވަހާ އަނެއްރޭވެސް ރާހިލް ހުރީ އެގޭގައެވެ. ކޮންމެ ދުވަހަކުވެސް ހަވީރު މަލާކް ކައިރިއަށް ދާ ގަޑީގައި ރާހިލް މީރާމެން ގެޔަށް ދެއެވެ. ނަމަވެސް އެދެދުވަހުވެސް ހާފިޒާއާ ރާހިލްއާ މެދު ދެކެވުނު ވާހަކައެއް މީރާ ކައިރިއަކު ރާހިލް ނުބުނެއެވެ.
އާދީއްތަ ދުވަހު ހެނދުނު ރާހިލް އޮފީހަށް ދިޔައީވެސް ރަމްލާމެން ގެއިންނެވެ. އޮފީހަށް ގޮސް ގިނައިރެއް ނުވަނީސް އިސްހާގު ރާހިލްއަށް ގުޅިއެވެ.
“އުމުރުގަވެސް އެންމެ ފަހަރަކު ރާހިލް ބޭނުންވި ގޮތަކަށް ކަންތައް ނުވީމަ ހާދަ ފަސޭހައިންނޭ ރާހިލް މަންމައާ ބައްޕަ ދޫކޮށްލާފަ ތި ދިޔައީ؟ ބައްޕަ ކުޑަކޮށްވެސް ހިއެއް ނުކުރަން ރާހިލް ތިހެން ކަންތައް ކުރާނެ ކަމަކަށް” ރާހިލް ފޯން ނެގުމާއެކު އިސްހާގު ބުންޏެވެ.
“އަހަރެން ދެއްކި ވާހަކަ ބައްޕައަށް ނުވިސްނޭނެ ކަމަކަށް އަހަރެންވެސް ހިއެއް ނުކުރަން. މަންމަގެ ވިސްނުން ހުންނާނީ އެހެން ކަން އެވާހަކަ ދައްކަން ދިޔަ އިރުވެސް އަހަންނަށް އެނގޭ… އެކަމަކު ބައްޕަވެސް ވިސްނާނީ އެހެން ކަމަކަށް އަހަރެން ހިއެއް ނުކުރަން” ރާހިލް ޝަކުވާ ކޮށްލިއެވެ.
“ރާހިލް، އޭރު އެއްޗެއް ނުބުންޏަސް ބައްޕަ ގަބޫލު ކުރަން ރާހިލް ދެއްކި ވާހަކަ، މަންމައަށް ވިސްނައިދޭން ބައްޕަ މަސައްކަތް ކުރާތާ ދެދުވަސް މިވީ، އެންމެ ފަހުން ކާމިޔާބު ވެގެން ރާހިލްއަށް މިގުޅީވެސް… އެކަމަކު ރާހިލް… ރާހިލް އެކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް ހިތަށް ނާރާ…” އިސްހާގު ބުންޏެވެ.
“އެއީ އަހަރެން މޮޔަ ކަމުން ކުރެވުނު ކަމެއް، އަހަރެން ގަބޫލު ކުރަން ވަރަށް ގޯސްކޮށް އަހަރެން ކުރި ކަމެއްކަން އެއީ… އެކަމަކު މިހާރު އެވާހަކަ ދެއްކުން މުހިންމެއް ނޫން… ބައްޕަ ބުނެބަލަ، މަންމަ ކީކޭ ބުނީ؟” ރާހިލް އެހިއެވެ.
“މަންމަ އެއްބަސް ވެއްޖެ ރާހިލްގެ ދަރިފުޅު ދެކެލަން… އެކަމަކު ހަމަ އެކަނި އެކަމަށް އެއްބަސް ވީ. ރާހިލް ނާންނާނަންތަ ގެޔަކަށް؟ އައިސްގެން ދޯ މަންމައާ އިތުރަށް ވާހަކަ ދެއްކޭނީވެސް؟” އިސްހާގު ބޭނުންވީ ރާހިލް ގެޔަށް އައިސް ހާފިޒާއާ ވާހަކަ ދައްކާށެވެ.
“މިއަދު އޮފީސް ނިންމާފަ ދާނަން… ދެން އިހަށް ބާއްވަނީ ބައްޕާ” ރާހިލް ބުންޏެވެ.
ރާހިލް ފޯން ބާއްވާފައި ގަޑި ބަލާލިއެވެ. ނުވަގަޑި ބައިވަނީއެވެ. ގޮނޑިން ތެދުވެގެން ގޮސް ދޮރު ހުޅުވާ ބަލާލި އިރު މީރާގެ މޭޒު ހުސްކޮށް ހުއްޓާ ފެނުމުން ރާހިލް އެނބުރި ގޮސް ބަސްމާއަށް ގުޅާފައި މީރާ ނާދޭތޯ އަހާލިއެވެ.
“މިއަދު މީރާމެން ގޭ މީހުން މާލެއަށް އަންނާތީ އެމީހުން ބަލާ އެއަރޕޯޓަށް ދާން ވެގެން ނާދެވޭނެ ވާހަކަ ބުނަން ގުޅި އިރުކޮޅެއް ކުރިން” ބަސްމާ ބުންޏެވެ.
ގެޔަށް ވަދެފައި މީރާ ފުރަތަމަ އުޅުނީ ޖޫސް ގިރާށެވެ. ޝަފީގުއާ ނަދީމާ ސިޓިންގްރޫމްގައި އިށީނީ މަލާކްއާ ޒައިކް ގޮވައިގެންނެވެ. ޝިހާދްއާ ޔަމާން އުޅުނީ ފޮށިތައް ގެޔަށް ވައްދާށެވެ.
“ތާނީ، ކޮން ކަމަކާތަ ދެމީހުން ރުޅި އައިސްގެން މިއުޅެނީ؟” ނަދީމާ މީރާއަށް ނޭނގޭނެހެން ތާނިޔާ ކައިރީ އަހާލީ މީރާއާ ޔަމާން އެކަކު އަނެކަކާ ވާހަކަ ނުދައްކާ ތިބޭ ކަން ފާހަގަ ކުރެވިގެންނެވެ.
“ނޭނގެ މަންމާ، މިއަދު މީ ތިންވަނަ ދުވަސް އެމީހުން ރުޅިއައިސްގެން އުޅޭތާ” ވެގެން އުޅޭ ގޮތް ކޮންމެވެސް ވަރަކަށް އެނގުނު ނަމަވެސް ތާނިޔާ އެކަން މަންމައަށް ސިއްރު ކުރިއެވެ.
“އެކަމަކު ދޯ ދެން! އެއްވަރުގެ ގޮތް ދޫ ނުކުރާ ދެމީހުން ވިއްޔަ” ދެފަރާތަށް ބޯ ހަލުވާލަމުން ނަދީމާ ބުނެލިއެވެ.
“މަންމާ، ރާހިލްއަށް އެނގިއްޖެ ނާލުގެ ވާހަކަ…” ނަދީމާ ކައިރީ އިށީނދެފައި ތާނިޔާ ބުންޏެވެ.
ދެލޯ ބޮޑުކޮށްލާފައި ނަދީމާ ތާނިޔާއަށް ބަލާލިއެވެ.
“އޭގެ ފަހުން މީރާއާ ދޮންބެ ރުޅިއައިސްގެން އެއުޅެނީވެސް” ތާނިޔާ މީރާއަށް ބަލާލަމުން ބުންޏެވެ.
“ކިހިނެއް އޭނައަށް އެނގުނީ؟ ދެން އެކަމަކާ މިދެމީހުން ރުޅި އައުމަކާ ކޮން ކަމެއް؟’ ނަދީމާ އެހިއެވެ.
“ފަހުން ކިޔާދޭނަން… އިހަށް މަޑުކޮށްލާ މަންމާ” މީރާ ޖޫސް ތަބައް ހިފައިގެން އެދިމާއަށް އަންނަން ފެށުމުން ތާނިޔާ އަވަސްއަވަހަށް ބުންޏެވެ.
“ކޮބާ ރިޔާން؟” ނަދީމާއާ ޝަފީގުއަށް ޖޫސް ދީފައި މީރާ އަހާލީ ރިޔާން ފެންނަން ނެތުމުންނެވެ.
“ކޮޓަރިއަށް ވަނީ، ފެން ވަރަނީ ކަންނޭނގެ. އަންނާނަން ބަލާލާފަ” ތާނިޔާ ތެދުވަމުން ބުންޏެވެ.
އެވަގުތު ޔަމާންއާ ޝިހާދް ގެޔަށް ވަނުމުން މީރާ އެދެމީހުންނަށްވެސް ޖޫސް ދިނެވެ. މީރާ ދިއްކޮށްލި ޖޫސްތަށީގައި ހިފި އިރު ޔަމާން މީރާއާ ދިމާއަކަށް ނުބަލައެވެ. ނަދީމާ ޝަފީގު ގައިގައި ކޮއްޓާލާފައި އެދެމީހުން ދައްކާލިއެވެ.
ނަދީމާ މީރާއާ ޔަމާންއާ ވާހަކަ ދައްކަން ބޭނުން ވި ނަމަވެސް އެންމެންގެ ތެރޭގައި އެވާހަކަ ނުދައްކަން ވެގެން މަޑުކުރީއެވެ. އެންމެ ފަހުން އެފުރުސަތު ލިބުނީ އެރެއެވެ. އެރޭ ކެއުމަށް ފަހު އެންމެން ޖަމާވީ ނަދީމާއާ ޝަފީގުގެ ކޮޓަރިއަށެވެ. އެމީހަކަށް ގެނައި ހަދިޔާއެއް އެމީހަކަށް ދިނުމަށް ފަހު ވާހަކަ ދައްކަން ތިބެފައި ތާނިޔާއާ ޝިހާދްއާ ރިޔާން ދިޔުމުން ޔަމާންވެސް ތެދުވީ ނިދަން ވެއްޖެއޭ ބުނަމުންނެވެ. ނަމަވެސް ނަދީމާ ގޮވާލުމުން ޔަމާން ހުއްޓުނެވެ.
“އިހަށް އިށީނދެބަލަ މިތާ، މަންމަ ބޭނުން ވާހަކައެއް ދައްކާލަން” ނަދީމާ ބުނުމުން ޔަމާން އިށީނެވެ.
“ދެން ކައިވެނީގެ ކަންތައް އަވަސް ކުރަންވީނު؟ މާދަން ފޯމު ނަގަން ވާނެ. މަންމަ ބޭނުންވަނީ ދެން އަވަހަށް މީރާއާ ޔަމާންގެ ކައިވެނި ކުރެވޭތަން ދެކެން. މިހާރު މަންމަމެންވެސް މިއައީނު؟” ނަދީމާ ބުންޏެވެ.
މީރާއާ ޔަމާންވެސް ނަދީމާ ބުނި އެއްޗަކަށް ޖަވާބެއް ނުދިނެވެ.
“ކިހިނެއްވީ އެއްޗެއް ނުބުނީ؟” ނަދީމާ ފަހަރަކު މީހެއްގެ މޫނަށް ބަލާލާފައި އެހިއެވެ.
ދެންވެސް އެކަކުވެސް އެއްޗެއް ނުބުންޏެވެ.
“މަންމަމެންނަށްވެސް ފާހަގަ ކުރެވިއްޖެ ދެމީހުން ކޮންމެސް ކަމަކާ ރުޅިއައިއްސަ ތިބިކަން… ކިހިނެއް ވެގެން ތިއުޅެނީ؟” ނަދީމާ އެންމެ ފަހުން އެވާހަކަވެސް ބުންޏެވެ.
“އަދި ނުވޭ ކައިވެނީގެ ކަންތައް ފަށާކަށް… އަހަރުމެން ބޭނުމީ އަދި ދުވަސްކޮޅަކު މަޑުކޮށްލަން” މީރާގެ މޫނަށް ބަލާލަމުން ޔަމާން އެހެން ބުނީ ނަދީމާ ކުރި ސުވާލަށް ޖަވާބު ދިނުމެއް ނެތިއެވެ.
“ތެދެއްތަ މީރާ؟” ނަދީމާ އަހާލިއެވެ.
“ޔަމާން ކުއްލިއަކަށް ޚިޔާލު ބަދަލު ވެގެން އެއުޅެނީ ކީއްވެ ކަމެއް އަހަންނަކަށް ނޭނގެ، އަހަރެން ވިސްނާފަ އޮތް ގޮތެއް ބަދަލެއް ނުވޭ. މީހެއްގެ ހިތުގަ އޮތް ޝައްކެއް ފިލުވާނެ ގޮތެއް އަހަންނަކަށް ނޭނގެ” މީރާ އިސްޖަހައިގެން އިނދެ ބުންޏެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.








ސަލާމް ހުރިހާ ކުދިން… ކުރީ ދުވަހު 27 ގެނެސްދޭނީ އަންގާރަ ދުވަހުންނޭ ބުނެވުނީ އޮޅިގެން، މިއަދު މީނީ ގެނެސްދީފަ… ހީކުރަން ލައިކް ވާނެ ކަމަށް… 28 ސަންޑޭގެ، އިންޝާﷲ… އަދި އެބައި ތަންކޮޅެއް ދިގުކޮށްލެވޭތޯ ބަލާނަން… ކިޔާލާފަ ކޮމެންޓް ކޮށްލައްޗޭ އިނގޭ… ހޭވް އަ ނައިސް ވީކްއެންޑް…
Waaaaaau..salhi salhi…
Waitinggggggggggf
??
yesh Marsha.. varah reethi ??
Woooooow. Haadha inthizaaru koffeemey mi vaahaka ah. Story vvvv reeethi
waiting for the next part…. Marsha THANK U for ur’s lovely stories.
wow v reethi… <3
mihaaru fahe yamaan ah kihineh vgn e ulheny????
reethi varah. rahil and vidhaadh, meera and yamaan gulhuvahchey pls pls pls pls
V reethi…waiting for the nxt part?
V v v v ves riithi
V v v reeeeethi…….??????????????????????????????????????
Wow..v reethi waiting nxt part…♥♥♥
??Wow very nce waiting for next part
Vvvv nice… Meera n rahil gulhuvahchey….. Eyrun mi story reethi vaanee.
keeve tha loabi nuvaa dhemeehun gulhuvanee . raahil & vidhaadh ekaku anekaku dheke loabeh nuvey .
V reethi vaahakaeh
????? v rythi mi part vx
Today up vaanetha