Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މޮނިކާ!

saani Level 1
August 21, 2016 6 Mins Read
12 Comments

ހުރާގެ ވީރާނާވެ ހަސްނެތިފައިވާ ތޮށިގަނޑު ކައިރީގައި އޮތް ސަފާރީއަށް ޓޫރިސްޓުން އަރައި ހަމަޖެހެމުން ދިޔައިރު މޮނިކާ ހުރީ އަތިރިމަތީގަ އެވެ. ފޭރުގަހެއްގެ ހިޔަލުގައި ގޮޅިޖެހި މުންޑެއްލައިގެން އިން މީހެއްގެ ފޮޓޯ ނަގާށެވެ. ތަންކޮޅެއް ލަސްވުމުން މޮނިކާއަށް ޖާގަ ލިބުނީ ސަފާރީގެ ކަމަރާ މަތިންނެވެ.
ހުރާ ބަނދަރުން ނައްޓައިލުމުގެ ކުރިން އެކަނި ފިލުވައިލާން، މޮނިކާ، ކެމެރާގައި ހުރި ފޮޓޯތައް ބަލަން ފެށިއެވެ. އެއް ފޮޓޯގައި ވަނީ ހުދުކޫޑިއާ އެއްވަރަށް ދޮންފޭރު އަޅާ ބަރާވެފައިވާ ފޭރުގަހެއް ދޮށުގައި އިން ފިރިހެނަކު ކަށިކެޔޮގަނޑަކުން ވައް ނައްޓަނިކޮށެވެ. އެމީހާ ދަތްކުނޑި ވިކާފައިވާއިރު ބޭރަށް ފާޅުވާން ހުރި ދަތުގައިވެސް ޖެހިފައި ވަނީ ރަތްކަށިކޭލުގެ ކުލައެވެ. އެހެން ފޮޓޯއެކެވެ. ފޭރުގަހަށް ޖައްސާ ކާޅު ފަހާން އެލުވާ ދަޅުފަތީގެ ވާގަނޑަށް އެ މީހާ ދަމާލާއިރު ގަސްމަތިން ކާޅުބައެއް އުދުހިގެން ދަނީ އެވެ.

އުޑުމަތީގައި ބަނަފުސް ޖަހާފައި ނެތް ވައިމަޑު ދުވަހެކެވެ. ދުނިޔެ މައްޗަށް ހިނގަހިނގާ އޮތް އިރުގެ ގަދަހޫނުގެ އަމުރުގެ ތެރޭގައި ބިއްލޫރިގަނޑެއް ކަހަލަ ނޫކަނޑު ކަފައި ހިމުން ކުރަމުން ސަފާރީ ދުވަމުން ދިޔައީ މާލެއާ ދިމާއަށެވެ.

ހިއްޕީގެ ދިހިފަށް ބާރުކޮށްލާފައި މޮނިކާ ފުރޮޅިލިޔެވެ. ޅިނދަށްވުރެ ތިރިން އެއްބައި ހާމަވާ ގަދަ ރަތްމަތީން އަނދެފައިވާ މުނޑުފަޅި ރީތިކޮށްލައި ކަމަރާ މަތީގައި ހަމަޖެހިލިއެވެ. ބެޓިކް މުންޑުގައިވާ މަންޒަރުގެ ތެރެއިން ދުވާ ތުންބިބީ އަރާ ހަމަވަނީ މޮނިކާގެ އާފަލު ބައްޓަމުގެ މެދުން ރޮނގު މައްޗަށެވެ.

އަނެއްކާވެސް ފުރޮޅިލައި އުޑުތިލަައަށް ޖައްސާލި އެވެ. އެ ވަގުތު ސަފާރީ ތަޅުވައިލުމުން ދިހި ދޫވެފައިވާ އުސްކަމަށް ލޮޅުން އަރައިގެން ދިޔައެވެ. އަވީލެވިގެން މޮނިކާ އޮތްއިރު ދޮން ހަށިގަނޑުގައި މަޑު ފެއްސަކާއި ގަދަ ނުލަކުން ޖަހާފައިވާ ޓެޓޫ ރީއްޗަށް ފާޅުވެ އެވެ. ތަން މިނަށް އަނގަ ހުޅުވާލާފައިވާ، ފިޔަލީ ހަރުފަ އޮތީ މޮނިކާ މުލައްދަނޑީގައި އޮޅާލައިގެންނެވެ. ހިއްޕީގެ މަތީން ފެންނަނީ ނަގިއްޔެކެވެ. އޭގެ ހިލިހިލާ ބޮޑުޅުތައް ދުވެފައި ވަނީ މޭމަތީ ދޮންކަމުން ނެއްޓޭ ދިމާއަށެވެ.

ސަފާރީ ދުވަމުންދެ އެވެ. ހުރާގެ ޓޫރިސްޓު ފިހާރައިން ގަތް ދިވެހިންނާބެހޭ ގޮތުން ލިޔެފައިވާ ފޮތް ހުޅުވާލައިގެން މޮނިކާ އޮތީ ދަތުރު ކުރުކުރާށެވެ. ފޮތުގައިވާ ފޮޓޯތައް ފެނުމާއެކު މޮނިކާ އެންމެ ކިޔާ ހިތްވީ ކަޅުހުރާގޭ ސައްޔިދު އަލީގެ ބޮޑުސީދީގެ ސިއްތި އާއި މުހައްމަދު ޝަމްސުދީނު ތިނެއްގެ ދަރިކަލުން ޕްރިންސް ހަސަން އިއްޒުއްދީނާބެހޭ މައުލޫމާތެވެ. އެންމެ ކަމުދިޔައީ ފޮތުގައިވާ ޕްރިންސް ހަސަން އިއްޒުއްދީނުގެ ފޮޓޯއެވެ. މޮނިކާ ބަލަމުން ދިޔައީ އިނގިލީގެ ބަނޑުފުށް ކާއްތަމުންނެވެ.

ކުލަ ދޮން. އިސްކޮޅު މެދުމިން! މޮނިކާގެ މޭމަތީގެ އުފުލުމުގައި ޖެހިފައިވާ ފޮތުން ޕްރިންސް ހަސަން އިއްޒުއްދީނުގެ ސޫރަ އާއި މައުލޫމާތުތައް މޮނިކާއަށްވީ ހިތުގެ ޖަޒުބާތަކަށެވެ. މިއުޒިކާއި ނެށުމަށް ޝައުގުވެރިވެ ވަޑައިގަންނެވި ޕްރިންސްވީ މުޅި އިނގިރޭސި ވިލާތުން ވެސް މޮނިކާއަށް ނުފެންނަވަރުގެ ރީތި ފިރިހެނަކަށެވެ. “ވާއޮ” މޮނިކާއަށް ބުނެލެވުނެވެ.

މޮނިކާގެ އަތުން ދޫވެ ފޮތުގެ ގަނޑުތައް ވަޔާ އުކައިލި އެވެ. އަލުން ފޮތް ހުޅުވައިލުމާއެކު މޮނިކާގެ ނަޒަރު ހުއްޓުނީ 19 ވަނަ ގަރުނުގެ ފަހުކޮޅާއި 20 ވަނަ ގަރުނުގައި ދިވެހި އަންހެނުން ލައި އުޅުނު ކަސަބު ބޯވަޅު އެޅި ލިބާހާއި ފޭއްޔާއި ރުމާފަޅިއާ ތުނި ބުރުގާގެ ހެދުމަށެވެ.

ފޮޓޯގައިވާ ލިބާސް މޮނިކާއަށް ކަމުދިޔައެވެ. މޮނިކާއަށް ހެވުނެވެ. އެ ހެދުމުގައި މޮޑެލް ކުރުމުން އޭނާ ހުންނާނެ ސިފަ ހިތަށް ގެނެވުނީ ކަންނޭނގެ އެވެ. މޮނިކާ ރާއްޖެއައީ ވެސް މޮޑެލް ކުރުމަަށެވެ. އިނގިރޭސި ފެޝަން ޑިޒައިނަރު ލޯރެން ފޮކްސް 2010 އަކަށް ފަރުމާކުރި އަތިރިމަތީ އަންނައުނާއެކު ފޯސީޒަން ކުޑަހުރާގެ ގޮނޑުދޮށުގައި މޮނިކާ މޮޑެލްކޮށް ނިންމައިލީ އިއްޔެ އެވެ.

ދިވެހި ލިބާހުގައި އަންހެނެއްގެ ރީތިކަމާއި ފަރިކަމުގެ ޖާޒުބިއްޔަތު މާ ފުރިހަމަހެން މޮނިކާއަށް ހީވާތީ އަމިއްލަ ހަށިގަނޑަށް ބަލައިލައި ގެނެވުނު ހަރަކާތުން މުޅި ހަށިގަނޑަށް ވާންވެގެން ދިޔައެވެ. ފޮޓޯގައިވާ ގޮތަށް ރަންފަށްޓަރު ބަޔާއި އުޅާ އަޅައި ކަންފަތު މުންޖާއެކު މަރުވަޅިއަށް އެރީމާ ވާނެ ސަޅި ހީވުމުން ދޮން ކަނދުރާގައި އޮޅިފައިވާ ރަންޗޭނުގަނޑެއް ކަހަލަ ފަށުގެ ފުލުގައިވާ ހުރަހުގައި ހިފައި ރީތިކޮށްލިއެވެ. ހުރަސް ފޮރުވިގެން ދިޔައީ ބޮޑުބައި ހާމައަށް އޮތް މޭމަތީގެ އަޑިކޮޅުގެ ތެރޭގައެވެ.

ސޯޅަ ވަނަ ގަރުނުގައި ދިވެހި ފިރިހެނުން އެއްފޭލި އަނދެ އަނެއް ފޭލިން ނިހާލި ބަނދެގެން އުޅުނު ހެދުމާއި، އެއްފޮށާ އަނދެ އަނެއް ފޮށާ ބޮލުގައި އޮޅައިގެން އުޅުނު ހެދުން ބަލަން އޮވެފައި މޮނިކާ ފޮތް ލައްޕާލިއެވެ. ރަންކުލައިގެ އިސްތަށިގަނޑުގެ މައްޗަށް ގެންގޮސްފައިވާ އަވި އައިނު ލޯމައްޗަށް ހަމަޖައްސަމުން ސަފާރީގެ ތެރެއަށް ބަލައިލި އެވެ.

“ވާއޮ!” ފުރަތަމަ ނަޒަރުން ވެސް މޮނިކާގެ ލޮލުގައި އަޅައިގަތީ ދިރުނބާކޮޅު، ހުސެންދަރި ކައިރިއަށް ފުނިޖެހިފައިވާ ވައިފުޅިތަކާއި ފީނާފައިވާންތަކާއި ނޭވާހޮޅިތަކާއި މޫނުމަތިތައް ތަރުތީބު ކުރަން ހުރި ޒުވާނާއެވެ. ހަންގަނޑު އަނދާފައިވާ އެ ޒުވާނާ، މޮނިކާއަށް ހުރިހާ ގޮތަކުން ވެސް ވައްތަރުވީ ފޮތުން ފެނުނު ޕްރިންސް ހަަސަން އިއްޒުއްދީނާ އެވެ. ވާތްފަރާތުން މަގުފަޅައި ދެ ފަރާތަށް ވައްޓާލާފައިވާ ފަން އިސްތަށިގަނޑާއި އަޑިކޮޅު ދެބައިހަމަ ނޭފަތާއި ދިގުބުރުގެ މޫނާއި ތުނބުޅި ނެތް ދަތްދޮޅި، ޕްރިންސް ހަސަންއާ އެއްވެސް ތަފާތެއް ނެތެވެ.

ސޯޓެއް އެކަނި ލައިގެން ހުރި އެ ޒުވާނާ ތެމި ފޯވެގެން ހުރިއިރު މޭމަތިން ރޮނގަކަށް ތަތްވެފައިވާ އިސްތަށިތަކުގެ މެދުން ލޮނުތިކިތައް ތިރިއަށް ސޮހެމުންދެ އެވެ.

“ހަސަން ލަވައެއް ނުޖަހަންތަ؟” ކަމަރާމަތީގައި ހުރި އަބްދުއްރަހުމާނުގޮނޑިއެއްގައި އިނދެގެން ހުންގާނު ސަރަކަ ހިފަމުންދިޔަ ސަރަނގު ގޮވައިލުމުން ހަަސަން ބަލައިލި އެވެ.

ހަސަން… ޕްރިންސް ހަސަން! އެ ޒުވާނާގެ ނަން މޮނިކާއަށް ނަގައިގަނެވުނެވެ. ސަރަނގު ގޮވައިލުމުން ދިރުނބާކޮޅުގެ ކޮޅުފަލި މަތިން ކޮޅުފަސްކޮޅަށް ހަސަން ދިޔައިރު މޮނިކާ ވެސް އިނީ ބަލާށެވެ. ހީވަމުން ދިޔައީ އޭނާގެ ހިތާ ގާތަށް ހަަސަން އަންނަނީހެންނެވެ.

“ހަލޯ” ފެންދުއްވާ މަޅުމަތިން މޮނިކާއާ ވަރަށް ގާތުން ހަސަން ދަނިކޮށް މޮނިކާ ހިނިތުން ވެލުމުން ހަސަން ބުނެލި އެވެ. އެވަގުތު ކައިރިން އަރައިގެން ދިޔަ ލާންޗެއްގެ މޯހިރުން އުފެއްދި ރާޅުބާންޏަކުން ސަފާރީ ހަލުވާލާފައި ބޯރުދޫމައްޗަށް ވިއްސާލި ރާޅުން ބުރައިގެން އައި ލޮނުތިކިތަކާއެކު މޮނިކާގެ ލޯ ވެސް މެރިގެންދިޔަ އެވެ.

ލޯބީ ގޮތުން ހީނލާ ގޮތުން!

ފަރިކަންދޭ، ކަތިނަޒަރުން ކަތިލައިފިޔޭ!

ގާތުން ފެނިލީ ގޮތުން!

ހިނިތުންވާ ފަރި ގޮތަކުން ހިތް ފުރިދެޔޭ!

މޮނިކާ ލޯ ހުޅުވާލާފައި ބަލައިލި އިރު ސަފާރީގެ ތެރެއަށް ވަނީ މިއުޒިކު ފަތުރާލާފައެވެ. ހަސަން ހުރީ ލަވަޖަހާ އެއްޗާ ކުޅޭށެވެ. ރީތި މިއުޒިކާއެކު މޮނިކާގެ ހިތް ހަސަނާ ދިމާއަށް އޮޔާ ގެންދަން ފެށީ އިހުތިޔާރަކާ ނުލައެވެ. ކައިރީގައި އޮތް ފޮތް ހުޅުވާލައި ޕްރިންސް ހަސަން އިއްޒުއްދީނުގެ ފޮޓޯ ހިތާ އެންމެ ކައިރިވާނެހެން މޭގައި ޖައްސާލިއެވެ.

މޮނިކާއަށް ސިފަކުރެވުނީ ފޮތުގައި ދިވެހި ރަސްގަނޑުވަރުތައް ސިފަކޮށްދީފައިވާ ގޮތަށް އިނގިރޭސި ވިލާތުގެ މިނިވަން ޖައްވުގައި ގަނޑުވަރެއް އަޅައިގެން ހަސަނާއެކު ލޯބިލޯބިން ދިރިއުޅެމުންދާހެންނެވެ. ފޮތުގައިވާ ޕްރިންސް ހަސަން އިއްޒުއްދީނުގެ ފޮޓޯއާއި ސަފާރީގައި ހުރި ޒުވާން ހަސަންގެ ސިފަ މޮނިކާގެ ހިޔާލުތަކާ ގުޅެމުން ދިޔައެވެ. މޭމަތީގައި އޮތް ފޮތުން ހިނދުކޮޅަކަށް ނަމަވެސް އޭނާގެ ހިތުގައި ފިރުމައިދޭން ފެށިއެވެ.

*****

ހަސަން މޮނިކާގެ އަތަށް ކޯރާޑި ދިއްކޮށްލި އެވެ. ކޯރާޑީގެ މުށުގައި މޮނިކާ ހިފުމުން އެދޮން އަތުގައި ހަސަން ވެސް ހިފަހައްޓާލި އެވެ. ކުރިމަތީގައި އޮތް ބޮޑު ހިރިގާ ކޮށައި ކުދިކޮށް ހިރިގަލުގެ ވަޑާމަކުން އިރުން ހުޅަނގަށް ގަނޑުވަރެއްގެ އެތެރެގެއާއި ބޭރުގެ ވަކިކުރާ ހުރަސް ބިތް ދަމާލި އެވެ. ބިންވަކަރު ޖަހައި އޭގެ މަތިން ކަތިކަންޏާއި އަރިވަކަރާއި ހުރަސް ވަކަރު ދަމާލި އެވެ. ވަސްވަކަރާއި ފައިދޮށްތަކުގެ ގަތައިލުމަކުން ފުރާޅުމަތީގައި ފަންގިލައިފި އެވެ.

ރީތި ރަސްގަނޑުވަރުގެ ކީމަކޮޅުގެ ތެރޭގައި މޮނިކާއާއި ހަސަން ލޯބި ލޯބިން ވަގުތުކޮޅެއް ހޭދަކުރަމުން ދިޔައެވެ. ދޮން ހަށިގަނޑުގައި ހަސަންގެ ދެއަތް ވަށާލެވިފައިވާއިރު މޮނިކާގެ މޫނު ވަނީ ހަސަންގެ ކަނދުރާމަތީ ފޮޅިފައިވާ މާކޯންޏެއް ހެންނެވެ. ބަދަނުގެ ފަތިތައް ބާރު ފަށުއި ލިބާސް މޮނިކާގެ ކަނދުރާ އިން ނެއްޓެމުން ހަސަންގެ ތަނަވަސް މޭ މަތީގައި ތުނިތުނި ހަށިގަނޑު ލައްވެލީ ހަސަދައަށްވެސް ނުވަދެވޭހާ ހިންމި ހެޔޮކޮށެވެ. އެ ގާތްކަމުގައި ކުރިން އަދި ނުވާ އާ ގޮތްތަކެއްވެއްޖެއެވެ. އެހެން ހުރިހާ ދުވަހެއްގެ އާދަޔާ މިއަދު ހިލާފުވެ އެނދުދާން ރުލަށް ވެއްޖެއެވެ.

ގަނޑުވަރުގެ ސުންޕާފަޅީގައި އޮތް ސާފު ވެވެވުގެ ތެރެއަށް ފޭބުމުގެ ކުރިން ހަރުފަތްގަނޑުގެ މައްޗަށް މޮނިކާ ފޭލި ދޫކޮށްލި އެވެ. ލިބާހާއި ފަށްޓަރުބައިގެ މައި ފައުނާއެކުގައި ހިފައި، މޭމަތިން ހިއްލައިލުމަށް ކުޑަކަޅުވާ ކަތިކޮށްލުމުން ތިންގިގުނީގެ ފަތީގެ ތެޅިލުމަކުން ތޫލިއަޑެއް އުފެދި، ވެވުގެ ފެންގަނޑުގެ ރާގާ ގުޅިގެން ދިޔައެވެ.

ލޯބިން ހީނލާ ގޮތުން ފަރިކަންދޭ

ކަތި ނަޒަރުން ކަތިލައިފިޔޭ !

ގާތުން ފެނިލި ގޮތުން ހިނިތުންވާ

ފަރިގޮތަކުން ހިތްފުރިދެޔޭ!

ކުއްލިއަކަށް މޮނިކާ ސިހުނެވެ. ނޭވާގެ ކޮޅަށް މޭމަތި އުފުލުމާކު ދެ އަތް ހުރަސްކޮށްލެވުނެވެ. ހަސަން ހުރީ ގާތުގައެވެ.

“ހަސަން!” ލަދުން ހުރެ މޮނިކާއަށް ބުނެލެވުނެވެ. މޮނިކާއާ ދިމާއަށް ހަސަން ބަލަހައްޓައިގެން ހުރި ގޮތުން ހީވަނީ ބޭނުންވުމުގެ ލޮލަކުން ބަލާހެންނެވެ. ކަޅިރަވައިގެ ބަހުރުވަ ހުރީ ހިތްއެދޭ ފުރުސަތު ދީބަލާށޭ ބުނާހެންނެވެ.

“ދޭ، އިހަށް ދޭ!” ފުރަަގަސް ދިނުމަށްފަހު މޮނިކާ ވެވުގެ ތެރެއަށް ގެނބިލައި ނިވާވެލަމުން ހަސަނާ ދިމާއަށް ފެން ގޮށްޓެއް އުކައިލިއެވެ. ހަސަންގެ ވާންވެފައިވާ ހިއްސުތައް ދޫވެ އުކުޅުވަޅުން އަވަސްވަމުން ދިޔަ ލޭ ހޮޅިތައް ހަމައަކަށް އެޅުނީ ބިއްލޫރި ފުށްތަކެއް ކަހަލަ ފެން ތިކިތައް ގައިގައި ބީހެން ފެށުމުންނެވެ.

ހަސަން ދިއުމުން ވެވުގެ ތެރޭގައި މޮނިކާ ފެންވަރަމުން ދިޔައެވެ. ތިލަވަތްގާ އަޅައި ދޫނިފަތްލާފައިވާ ވެވުގެ ފެންގަނޑުގެ ތެރެއަށް ގެއްލިފައިވާ ދެގަނޑު ހަރުފަތްބަރި މަތިން ފެނާ ކުޅެމުން ސަކަރާތް ގަންނަމުން ދިޔަ އެވެ. ހަސަން ދިޔަޔަސް ހަސަންގެ ހިޔާލުގައެވެ. ހަށިގަނޑަށް ބަލައިލިއެވެ. ހިތަށް އެރިއެވެ. އަހަރެންގެ ވަނާތަކުގައި ސިފަޖެހެން ފެށުނީ ހަސަންގެ ލޯބިކުރުމަކުން ފިރުމައިދެމުން ދަނިކޮށެވެ.

ގަނޑުވަރުން ނުކުމެގެން ގޮސް އެ ދިގު ފާލަންމަތީގައި އެރޭއެވީ ގޮތް ހަނދާންވިއެވެ. އެރޭ އެވީ ގޮތެއް ނޭނގެ އެވެ. އެކަހަލަ ގޮތެއް އަދިއެއް ނުވެއެވެ. ފާލަމުގެ މެދާ ހަމައިން ކަފުނެއް ފަދައިން އަހަރުމެން ގުޅި ކަރާކަރުމާހާލީ ތަރިރުހަނދު ނަށަނިކޮށެވެ. ދެން މޫސުން ބަދަލުވީ އެވެ. އަހަރެން ހަސަންގެ މޭމަތީގައި މޫނު ފޮރުވީއެވެ. ހަސަން ބުނީ ބެލުމަށެވެ. އެއީ ދުނިޔޭގެ ސޫރަ ކަމަށެވެ. އަހެރެން ބެލީމެވެ. ފުރަތަމަ ވައެވެ. ދެން ގުގުރިއެވެ. ދެން ވިދުވަރެވެ. ދެން ވާރެއެވެ. އެކަމަކު ހަސަން ކިޔައިދިން ސޫރައިގައިވާ ދުނިޔޭގެ ނޭވާ އެއީ ވައި ކަމުގައި ހީވި މީހުން ދުވީއެވެ. ދުނިޔޭގެ ހުނުން އެއީ ގުގުރި ކަމުގައި އަޑު އިވުނު މީހުން ރޫރޫއެޅިއެވެ. ދުނިޔޭގެ ލޮލުގެ އަލިކަން އެއީ ވިދުވަރު ކަމުގައި ދުށް މީހުން ސިހުނެވެ. ދުނިޔޭގެ ކަރުނަ އެއީ ވާރޭ ކަމުގައި ބެލި މީހުން ހިޔަލެއް ހޯދިއެވެ. އަހަރެމެންނަށްވީ މަޖާ ކަމަށެވެ. ދުނިޔޭގެ ނޭވަޔާއި ކަރުނަޔާއި ހުނުމުގައި ފޯވީމެވެ. ހަސަންގެ ދެފައިތިލަ މަތީގައި ވާންވެލައިގެން ހުރެވުނު އިރު ވިންދުތައް ދިޔައީ ހަމައިން ނެއްޓެމުންނެވެ.

ވެވުތެރޭގައި ފެނާ ކުޅެމުން ދަނިކޮށް ފިނި ރޯޅިއެއްޖެހިލާފައި ކެރިކޮޅެއް ވެހެން ފެށުމުން މޮނިކާ މަތި ބަލައިލި އެވެ. ފެންވަރާ ނިމިގެން މޮނިކާ ހިނގައިގަތެވެ. ކަޅަކާއި ހުދަކާއި ލޭ ކުލައަކުން ބިހުރަ އަޅާފައިވާ ކީމަކޮޅާ ދިމާއަށެވެ. އިހުތިޔާރާ ނުލައި ދުރު ބަލައިލެވުނެވެ. ކުޑަކިބާގެ ކިޑިކީގައި ހަސަން ސަތަރު ހުދުއްސަނީ އެވެ. ހަނާ އަޅައިލުމުގެ ގޮތުން ފިރޯށިތަޅުވައިލި އެވެ. މޭ މަތީގައި ދެއަތް ހުރަސްކުރަމުން މޮނިކާ ކީމަކޮޅުގެ ތެރެއަށް ދެމިގަތެވެ.

ގަނޑުވަރުގެ ކުޅިޖަހާ ފެންޑާގައި ސާމަރާ ދޫނިފަތުގެ ފަންކާތައް ދިޔައީ ވިހެމުންނެވެ. ރަންކަރުދާހަކުން ކުރެހުން އަޅާފައިވާ ގިގުނީގެ ތާރަތަކާއެކު އެތުރިއޮތް ދެ ސަފުން ލަސް ލަވަ ކިޔަމުން ގޮސް މެދު ލަވަޔަށް ވައްޓާލިއެވެ.

ތާރައިގެ ފުނަ އަވަސް ވަމުން ދިޔައިރު މޮނިކާގެ އަތުގައި ހިފައިގެން ހަސަން ކުޑަ ކިބައިން ފެންޑާއަށް ހިނގަމުން ދިޔައެވެ.

“އުޑުމަތި ބަލައިލަ ބަލަ؟ ފެންވިލާތައް ހީވަނީ މޮނިކާ ތުނި ހަށިގަނޑު ފެނިފައި، ބީހިލަން ތިރިވެލާން އުޅޭހެން،” ހަސަނު ބުނެލި އެވެ. މޮނިކާ އޭނާގެ އަތްތިލަ ހަސަންގެ އަތާ ގުޅުވާލައި ބައްދާލިއެވެ.

މޮނިކާގެ ދޮން ހަށިގަނޑު ފޮރުވާފައިވަނީ ބޯވަޅު އެޅި ފަށުއި ލިބާހާއި ފޭލިންނެެވ. ރުމާފަޅިއާއި ތުނި ބުރުގާއިން ރަން އިސްތަށިގަނޑު ފަޅު ފިލައެވެ. އަތުކުރީގެ ރަންު އުޅާބައި އިރުއިރުކޮޅާ ރާގު ކުޅެލައެވެ. ރަން ފައްޓަރުބައިން މޭ މަތީގެ ޖަޒުބާތު އިތުރުކޮށްދެ އެވެ. ކަންފަތު ފޫޅުގައިވާ ރަން މުދިން ފާންކުރާ ބެބުޅުމާއެކު މޮނިކާ ހީވަނީ ރަނުގެ ސަމޭދާނެއް ހެންނެވެ.

ގަނޑުވަރުގެ ފެންޑާއަށް ވަނުމާއެކު ގުރުޒު ހިފައިގެން ކޮރަކަށް ނަށާލާފައި ހަސަން މޮނިކާއަށް ލެނބިލި އެވެ. އަންނާށޭ ބުނަމުން ސަފުގެ ތެރެއަށް ވަދެ ގުރުޒު ވައްޓައިލާ އޮނު ފުމެމުން ސަފު ދެބައިކޮށް ރާގު ހަމަކުރަމުން ސަފުގެ ތެރެއަަށް މޮނިކާ ގެނައެވެ.

މޭމަތި އުސްކޮށް އަންހެނުންގެ ސިފަޖެހިގެން ތިބި ނެށުންތެރިން ގުރުޒު ހިފައިގެން ނަށަން ފަށައިފި އެވެ. ނިސްވާނީކަން ފާޅު ކުރުމުގައި ހައްދު ފަހަނަޅައި ދާއިރު ތާރައިގެ ފޯރި އަރަމުންދިޔަ ސަފުތައް ވަޖިދަށް ބަދަލުވެ މާކިޔެވެއްޔަކުން މަތުރައި ދުން އަޅާފައިވާ އެންދެރި މުށްލީ ވަޅިއާއި ގުރުޒުތަކާއެކު ހެލުވެމުން ތަންމިނަށް ދޫނެރެނީއެވެ. ގުރުޒުތަކުގެ ތޫނު ތުނޑު ދުލަށް ހަރައި ލޭ އޮރުވާން ފަށައިފިއެވެ. ވަޅިތަކުގެ މިޔަ މޫނުގައި އަޅުވައި ނޭޒާތަކުން ބޮލުގެ ފުއްކިބަ ޒަހަމު ކުރާން ފަށައިފި އެވެ.

ބަރިޔަކަށް ހުރި ވަޖިދު ފެން ފުރާފައިވާ ޖަހަލާތަކަށް އެރި ޒަހަމްތަކުން ވިހަ ފިލުވައި ފާރު ހެޔޮކުރާން އުޅެގަތްއިރު މަސްހުނި ނެށުމަކުން މޮނިކާ ހަސަންގެ ތަނަވަސް މޭމައްޗަށް ހުސްވަނީ އެވެ. ދޮންކަމާއި ކަޅުކަން ސުރެންސުރެން ފާޅުވެ މަސްތުގެ މަސްތަކުން ލެނބި ލޯބީގެ ޒަހަމަކުން ޒަހަމުވަނީއެވެ.

ޖަންނަތެއް ފަދަ ހީލުން ދުނިޔެ ރަންކުރުވީޔޭ!

ނަންކުރާ ފިނިފެންމާ ތުންފަތުން ސިފަވީޔޭ!

މެންދަމުގެ ރަންދާނަށް ގެންނަ ހިތް މަވަނީޔޭ!

ހިތް ލެނބޭ އިހުސާސުން މީރުކަން އެދެނީޔޭ!

މެންދަމުގެ ރަންދާނުގެ ވަޖިދުގައި މޮނިކާއަށް ލިބުނު ވާންކަން ރުލަށް ބަދަލުވަމުން ދިޔައިރު ވަޖިދުގެ ފެން ފޮދެއް ހަސަން މޮނިކާގެ ހިކެމުންދާ ތުންފަތުގައި އުނގުޅައިލިއެވެ.

ދަތުރުމަތީގައި މޮނިކާ ގެނބުނު ހިޔާލުތައް ލޮނަށްވެގެން ދިޔައީ ސަފާރީގެ ތެރެއަށް ރާޅެއްޖަހައި ތެންމާލުމުންނެވެ.

ރާޅުގެ ލޮނުން ތެމިފައިވާ އައިނު ނެގުމަށްފަހު މޮނިކާ ހަސަންގެ މޫނަށް ބަލައިލި އެވެ.

ހަސަން! ކޮންފަދަ ރީތި ފިރިހެނެއް! ހިތަށް އެރިއެވެ.

މޫދުގެ ދިރިއުޅުމުގައި ވީއަކުރުގެ ބައްޓަން ލިބިފައިވާ ހަސަންގެ މޭމައްޗާއި ބަނޑު މަތިން ބައި އެޅިފައިވާ އިންތަކަށް މޮނިކާގެ ނޫލޮލުން ބަލަމުން ދިޔައީ ހިތަށް ފިނިކަން ހޯދުމަށެވެ.

“ހައި!” ހަސަންގެ ހިނގުމާ އެއްވަރަށް މޮނިކާ މޫނު އަނބުރާލިއިރު މާލޭގެ ފަޅަށް ސަފާރީ ވަންނަނީ އެވެ. ހަސަން ދުވެފައި ގޮސް ދިރުނބަލުން ވަލެއް ނަގައިގެން ތޮށިގަނޑު މައްޗަށް ފުންމާލިއެވެ. ބުރުނާލުގައި ވާ ބެއްދުމަށްފަހު ފަތުރުވެރިން ފައިބާ ހަރުފަތްބަރި ބަހައްޓައިދިނެވެ. “ހައި ހަސަން!” ފައިބަން ހަސަނަށް އަތްދިއްކޮށްލުމުން މޮނިކާ ހިނިތުންވެލި އެވެ. ތޮށިގަނޑުގެ މައްޗަށް ފޭބުމަށް ފަހުވެސް ހަސަންގެ އަތުން ދޫކޮށް ނުލައި ވިންދަކަށް ބަލަހައްޓައިގެން ހުއްޓެވެ.

“ތީ ހަމަ ޕްރިންސް ހަސަން!” ގެންގުޅުނު ފޮތް ހުޅުވާލުމަށްފަހު ޕްރިންސް ހަސަން އިއްޒުއްދީނުގެ ފޮޓޯއެއް ހަސަނަށް ދައްކާލުމު މޮނިކާ އިނގިރޭސި ބަހުން ބުނެލިއެވެ. އެވަރުން އޭނާގެހިތުގެ އަޑު ހަސަނަށް އިއްވައިދެވިއްޖެ ކަމަށް ބަލައި ހިނގައިގަންނަމުން ހަސަނާ ދިމާއަށް ކެމެރާ ހަމަކޮށްލިއެވެ. މޮނިކާ، ހަސަން ގެ ފޮޓޯއެއް ނެގުމުން އޭނާ ހުރީ އާދައިގެ މަތިން ހެވިފަ އެވެ. ހުދުހުދު ދަތްތައް އެކީ ކާޅަށްދީގެންނެވެ. މޮނިކާ އޭނާގެ ޕްރިންސް ހަސަން އަބަދުގެ އަބަދަށް ޑިޖިޓަލްކޮށްލީއެވެ. ހަސަން އެނބުރިލިއެވެ. އަނެއްކާ ވެސް އާ ދަތުރަކަށެވެ. އެފަދަ އެހެން މޮނިކާއެއްގެ ހިތުގައި ރަސްކަންކުރުމަށެވެ.

Share Article

Follow Me Written By

saani

Level 1

Other Articles

Previous

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 11 ވަނަ ބައި )

Next

އެދުނީމޭ ލޯތްބާއި އުފާ 9

Next
August 21, 2016

އެދުނީމޭ ލޯތްބާއި އުފާ 9

Previews
August 20, 2016

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 11 ވަނަ ބައި )

12 Comments!

  1. sama says:
    August 21, 2016 at 11:04 am

    thafaathu

  2. jaaz says:
    August 21, 2016 at 11:22 am

    varah reethi vaahaka eh mee.. mikahale gina vaahaka beynun. i love monicas carector . totally love this

  3. sabeeha says:
    August 21, 2016 at 12:05 pm

    nice..??

  4. thundercat says:
    August 21, 2016 at 12:59 pm

    what happen to my comment

    1. thundercats says:
      August 21, 2016 at 8:41 pm

      I believe this is a story by Adam Haleem.. it was published under the name Prince Hassan.

      name is changed to Monica so I think whoever submitted is trying to take credit for this. if it is the author publishing under another name my apologies, but that seems very very unlikely. since there is no mention that this has been already published in a couple of popular Maldivian websites.

    2. thundercats HO says:
      August 21, 2016 at 9:04 pm

      very hard to comment on this. it goes as normal but it cant be seen.
      im going to personally contact the author about this and find the truth.

      this is a very lame and disgusting thing. copying from a maldivian. how sad.

  5. Anonymous says:
    August 21, 2016 at 2:41 pm

    wow just wow. varah bodah sodubyge ibaaraaikurumuge raha ebahuri. saafau saadhaa dhivehi bastha beynunkoffai thihuri kiyaameeha ah hiyy hama jeheyfadha gothaka. ibaaraaitha gathaa amunaalaafaivaaleh varah furihma. mizamaanugai nufennna fadha fari kameh ibaarai thakun eba feney. sani ah mirogun kuriyah dhiyumuge hiyyvaru dhevvashi

  6. Aish says:
    August 21, 2016 at 5:50 pm

    V v kamunudhey thikahala ibaaraai nuliyeves vaahaka furihamayah genessdheveyne kamah feney

    1. Baish says:
      August 22, 2016 at 12:42 am

      Den hurihaa vaahaka eh nujehe dho egggothalah ibaaraiy hunnaakah.

  7. Rix says:
    August 21, 2016 at 6:50 pm

    Mi story hama geteh nuvi. So v foohi. Sorry writer…..

  8. Maiiii says:
    August 21, 2016 at 7:20 pm

    Varah foohi.vaanuvaa eh neygey.

  9. Myra says:
    August 25, 2016 at 8:16 am

    Adam Haleem ge prince hassan vaahakaige copy eh… amilla ah liyan dhaskurey

Comments are closed.



All Right Reserved!