މައި ނޭމް އިޒް ޚާން.. ފެށުން
މިއީ އަހަރެންގެ ހަޔާތުގައި ދިމާވެފައިވާ ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ލިޔެވައިވާ ވާހަކައެކެވެ. އަހަރެންގެ ނަމަކީ ވިޚާން އެވެ. ރައްޓެހިންގެ ނަމުން ނަމަ “ޚާން” އެވެ.
އެއީ މީގެ 7 އަހަރުކުރިއެވެ. 2005 ވަނައަހަރުގެ 03 ވަނަ ޓާރމް ކިޔެވުން ފެށުނުދުވަހެވެ. ޚާންގެ ވާހަކަ ފަށަން ބޭނުންވަނީ އެހިސާބުންނެވެ.
“..ދަރިފުޅާ.. ދަރިފުޅާ..” އަހަރެންނަށް ހޭލެވުނީ މަންމަ ގޮވާއަޑަށެވެ. އަހަރެން ގަދަކަމުން ދެލޯ ހުޅުވާލީމެވެ. މަންމަ ކޮޓަރި ދޮރުމަތީގައި ހުއްޓެވެ. “..ދަރިފުޅާ 6 ޖަހާފި.. ތެދުވޭ.. ހޭލެވިއްޖެތަ ދަރިފުޅާ..” މަންމަ ބުންޏެވެ. އަހަރެން މޯޅިއަކަށް ދެމިލަމުން ހޫމް ލައްވާލީމެވެ. މަންމަ އެ ގޮވަނީ ސުކޫލަށް ދާށެވެ. އަހަރެންނަށް ހޭލެވުނުކަން ޔަޤީންވުމުން މަންމަ ދިޔައެވެ. އަހަރެން ދެލޯ އުނގުޅަމުން އެނދުން ތެދުވެ ފާހާނާއަށް ވަނީމެވެ.
“..ދަރިފުޅާ.. މޭޒުމަތީ ހުންނާނެ މައިލޯ ތަށި.” އަހަރެން ތައްޔާރުވެގެން ބޭރަށް ނުކުތުމުން މަންމަ ބުނެލިއެވެ. އަހަރެން ހިނިތުންވެލަމުން ކާގެޔާ ދިމާލަށް މިސްރާބު ޖެހީމެވެ.
އަހަރެންނަކީ ގްރޭޑް 10 ގައި ތަޢުލީމް ޙާސިލްކުރަމުން އަންނަ ކުއްޖަކީމެވެ. އުމުރުން 17 އަހަރެވެ. އަހަރެން އާއިލާގައި ތިބެނީ މަންމަ އާއި ބައްޕަ އަދި ކޮއްކޮ ވިމްލާއެވެ.
އަހަރެން ދަބަސް އަޅުވައިލައިގެން މަގުމައްޗަށް ނުކުމެ ސުކޫލާ ދިމާލަށް މިސްރާބު ޖެހީމެވެ. މިއަދަކީ ދެވަނަ ޓާމް ޗުއްޓީއަށްފަހު ސުކޫލްތައް ހުޅުވޭ ދުވަހެވެ. އެހެންކަމުން އަހަރެންނަށް ކުރެވެމުން ދިޔައީ އަލަށް ސުކޫލަށް ދެވޭ ކަމުގެ ފޮނި އިހްސާސެކެވެ.
ސުކޫލް ހުންނަނީ ގެޔާ ވަރަށްކައިރީގައި ކަމުން މާ ދުރަކަށް ހިނގާކަށް ނުޖެހެއެވެ. އަހަރެން މަޑު ހިނގުމުގައި ގޮސް ސުކޫލް އާ މާދުރުނޫން ހިސާބެއްގައި ހުއްޓިލަމުން މަގުމައްޗަށް ނަޒަރު ހިންގާލީމެވެ. ސުކޫލް ކައިރިއަށް އިރުވާހުދު ބައިގަނޑުތަކެއް ތިރިކޮށްފައިވާ ކަހަލައެވެ. ފެންނަމުން ދިޔައީ ހުދު ޔުނީފޯމްގައި ތިބި ކުދިންތަކެކެވެ. އެކި ހިސާބު ގަނޑުގައި ރައްޓެހިންތައް ގޮވައިގެން އެކި އެކި ވާހަކަ ދެއްކުމުގައި ކުދިންތައް މަސްއޫލުވެ އުޅުނެވެ. ހީ ސަކަރާތް ޖަހަމުން ދިޔައެވެ. އެކުދިން ޗުއްޓީ ގައި ކުރި މަޖާކަންތައް ކިޔާ ދެނީ ކަންނޭގެއެވެ. އަހަރެންވެސް ބެލްޖަހާނެ އިރަކަށް އިންތިޒާރުކުރަމުން މަގުގެ ދެކޮޅު ބަލާލީމެވެ. ޝާންޓޭ ފެނޭތޯއެވެ. ޝާންޓޭ އެއީ އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ.
“..ޚާން ލޯބި ގަނޑާ..ހާދަ ހިއްކާލާފަ ތިހުރީ.” އަހަރެން ދިޔައީ ސިހިގެންނެވެ. ބޮނބި ފަޅި މަތީ މީހަކު ޖެހުމުންނެވެ. ޖެހިލެއްބާރުކަމުން އަހަރެންނަށް ތަދުވެސް ވިޔެވެ. އެއީ ޝާންޓޭއެވެ.
“..ލޯބި ގަނޑޭ.. ކަލޭ ތިހެން ކިޔުން ހުއްޓާނީ ކޮންދުވަހަކުންތަ؟.” އަހަރެން ޝާންޓެއާ ދިމާލަށް ބަލާވެސް ނުލާ ބޮނބިފަޅި މަތީ އަތް އަޅާލަމުން ބުނީމެވެ.
“..ޚާން މަށާ އިންނަން އެއްބަސްވި ދުވަހަކުން..” ޝާންޓޭ ޖަވާބުގައި ބުނެލިއެވެ. ދެމީހުން އެކަކު އެނެކަކު މޫނަށް ބަލާލެވުނެވެ. އެވަގުތު ދެމީހުންގެ ހިނިގަނޑުވެސް ދިޔައީ ފަޅައިގެންނެވެ.
ޝާންޓޭ އަހަރެންނާ ދިމާލަށް ލޯބި ގަނޑާއޭ ކިޔާފަ ގޮވުމަކުން އަހަރެން ހައިރާނެއް ނުވެއެވެ. ރުޅިއެއްވެސް ނާދެއެވެ. ލަދެއްވެސް ނުގަނެއެވެ. އެއީ އަބަދުވެސް އޭނާގެ އާދައެވެ. އަހަރެން ހުންނަލެއް ރީތިކަމުންނާ ބަސްއަހާތީ ކިޔާ އެއްޗެއް ކަމުގައި އޭނާ ބުނެއެވެ. ހުންނަލެއް މައުސޫމް ކަމުން ކިޔާއެއްޗެއް ކަމުގައި ބުނެއެވެ. އަހަރެންނަށް އޭރު ވިސްނިފައި ހުރީ އެއީ އޭނާ ޖެއްސުމަށް ކިޔާ އެއްޗެއް ކަމުގައެވެ. ރުޅި އެރުވުމަށް ކިޔާ އެއްޗެއް ކަމުގައެވެ. އެއްވެސް ވަރަކަށް އޭނާގެ ހިތުގައި ނުބައި އެދުމެއް އޮވެދާނެކަމަށް ހީވެފައެއްވެސް ނެތެވެ.
އަހަރެންނަކީ މަޑުމައިތިރިކަމަށް ލޯބިކުރާ ބަސްމަދު ކުއްޖެކެވެ. އެހެން ފިރިހެންކުދިންނާ ތަފާތު މިޒާޖުތަކެއް ގެންގުޅޭ ކުއްޖެކެވެ. އެހެން ފިރިހެން ކުދިންނާ ހާސްބައި ތަފާތު ކުއްޖެކެވެ. އަހަރެންގެ ކަޅުކަންގަދަ ފަން އިސްތަށިގަނޑާ ރަތްކުލައިގެ ތުންފަތަކީ މީހުން އެންމެ ރީތިކަމަށް ތަޢުރީފްކުރާ ތަންތަނެވެ. އަދި އަހަރެންނަށް ލިބިފައިވާ ދޮންކަމާއި ތުންފަތާއި ވަރަށް ގުޅޭކަމަށް ވެސް މީހުން ބުނެއުޅެއެވެ. ދެން މިހެން ބުނީމައި އަހަރެން ރަނޑެއް ގޮތަށް ސިފަކުރާނީކީ ނޫނެވެ. ވާހަކަ ކުރިޔަށް ދިޔަ ވަރަކަށް އަހަރެންގެ މިޒާޖާއި ސިފަތައް ދާނީ އެނގެމުންނެވެ. ކުރިޔަށް ދަމާ ހިނގާށެވެ.
“..ކޮބާ ވަރަށް އުފަލުން ދޯ ތިހުންނަނީ ލޯބިވެރިޔާ ފެންނާތީ..މާ ހެވިފަ ތިހުންނަނީ އެހެންވެ ދޯ..” ޝާންޓޭ އަހަރެން ކޮނޑަށް އަތްވައްޓާލަމުން ބުނެލިއެވެ. “..ދެން ތި ހިކުނު ތަންކޮޅުވެސް ފަލަ ވެދާނެ..”
“..އަލަށްތަ މިފެންނަނީ..” އަހަރެން ރައްދުގައި ބުނެލީމެވެ. “..ކިހާދުވަހެއްތަ މިހާރު އެކަންވިތާ..”
“..އާކަން ކަނޑާލީތަ؟..ނޫނޭ..ކުޅަދާނަ..ފައްކާދޯ..” އަހަރެން ޝާންޓޭގެ ވާހަކަ އެހިސާބުން ހުއްޓުވާލީމެވެ. ދައްކަން އުޅެނީ ކޮންވާހަކައެއްކަން އިނގޭތީއެވެ. ޝާންޓޭ އުޅުނީ އަހަރެން ބުނި އެތީގެ މާނަ އޮޅުވާލައިގެން އެހެންވާހަކައެއް ފަށާށެވެ. އެކަހަލަ ބޭ އަދަބީ ވާހަކަ ދެއްކުމަކީ އަހަރެން ކުރާ ހިތްވާކަމެއް ނޫނެވެ. އެހެންކަމުން އެގޮތަށް ވާހަކަ ނުދެއްކުމަށް ބުނީމެވެ. މިއީވެސް އަހަރެންގެ ކިބައިގައިވާ އެހެން ފިރިހެން ކުދިންނާ ތަފާތު މިޒާޖެކެވެ. ޝާންޓޭ ޖަހާލީ ހިނިގަނޑެކެވެ. އަދި މަޑުން ހުންނަގުރާ ބާރަށް ދައި ގަންނާނެކަމަށް ބުންޏެވެ. އެވަގުތު ބެލް ޖެހި އަޑުއިވުނެވެ. އަހަރެން ސުކޫލަށް ވަނުމަށް ހިނގައިގަތީމެވެ. ޝާންޓޭވެސް އަހަރެން ފަހަތުން ހިނގައިގަތެވެ.
ހަޤީޤަތުގައި އެދުވަހު އަހަރެން ހުރީ ވަރަށް އުފަލުންނެވެ. ޝާންޓޭ ބުނިގޮތަށް އަހަރެންގެ ލޯބިވެރިޔާ ފެންނާނެތީއެވެ. އަހަރެންގެ ރީމް ފެންނާނެތީއެވެ. މިއަދަކީ އަހަރެންނާ ރީމްގެ ލޯބިގެ ގުޅުމަށް 1 އަހަރު ވީދުވަހެވެ. ފަސްޓް އެނިވަރސަރީއަށް ވުމުން އަހަރެން ސުކޫލަށް އައީ ރީމްއަށް ދޭނެ ހަދިޔާއެއްވެސް ހިފައިގެންނެވެ.
މި ވޭތުވެދިޔަ 2 ހަފްތާގެ ޗުއްޓީ ގައި ރީމް ލޮލަށް ނުފެނި އުޅެން ޖެހުމުން ޗުއްޓީ ވެގެން ދިޔައީ ވަރަށް ދިގު ޗުއްޓީއަކަށެވެ. އަހަރެންވެސް ރީމްވެސް އުޅެމުން ދިޔައީ އުފަންރަށަކު ނޫނެވެ. އަހަރެންނަކީ ހއ.ވަށަފަރު ކުއްޖަކީމެވެ. ރީމްގެ ރަށަކީ ހއ.މާރަންދޫ އެވެ. އަހަރެމެން ދެމީހުންގެ ރަށުގައިވެސް ކިޔަވައި ދެނީ ގްރޭޑް 7 ހަމައަށެވެ. ރަށުން އޯލެލް ފެންވަރަށް ކިޔެވެން ނެތުމުން ތަޢުލީމް ހާސިލްކުރުމަށްޓަކައި އުޅެމުން ދިޔައީ އަތޮޅު ތަޢުލީމީ މަރުކަޒު ހުންނަ ރަށް ކަމުގައިވާ ހއ.ދިއްދޫ ގައެވެ. އެހެންކަމުން ކޮންމެ ޗުއްޓީއަކީ އަހަރެމެން އުފަންރަށަށް ދާ ދުވަސްކޮޅެވެ. މިފަހަރު އަހަރެން މިއައީ މާލެ ޖައްސާލާފައެވެ. އަހަރެން މާލެ ދިޔައީވެސް އެނިވަރސަރީއަށް އެއްޗެއް ގަތުމަށެވެ. ރީމް ދިޔައީ ރީމްގެ ރަށަށެވެ.
ދުވަސްވަރަކީ މޯ ބައިލް ފޯން އާންމު ދުވަސްވަރަކަށް ނުވުމުން ޗުއްޓީގައި ހޭދަކުރަންޖެހޭ ދުވަސްތައް ދާނީ އެއްވެސް ހަބަރެއް ނުވެއެވެ. ހާލު އަހުވާލާއި ޗުއްޓީގައި ކުރި ކަމެއްވެސް އިނގޭނީ އެނބުރި ސުކޫލަށް އައުމުންނެވެ. އެހެންކަމުން ކެތްތެރިކަމެއް ނެތި އަހަރެން އިންތިޒާރު ކުރަމުން ދިޔައީ ރީމް ފެންނާނޭ ވަގުތަކަށެވެ. އެސެމްބުލީ ވަގުތަށެވެ. އެގަޑީގައި ރީމް ފެންނާނެކަން ޔަޤީނެވެ. ވާހަކަ ދައްކާލާނެ ޗާންސްއެއް ނުލިބުނަސް ހީލާނެކަން ގައިމެވެ. އެ ހިނިތުން ވުމަކީ ރީމްގެ ކިބައިގައިވާ އަހަރެން އެންމެ އަޅައިގަންނަ އެއްސިފައެވެ.
ކޮންމެ ކުލާހެއްގެ ކުދިންވެސް ސަފެއްގައި ހިނގަމުން ގޮސް މޫނިމާ ގަސްދޮށަށް ޖަމާވަމުން ދިޔައެވެ. އެއީ އެސެމްބުލީއަށް ކޮންމެ ދުވަހެއްގައިވެސް އެންމެ ޖަމާވާތަނެވެ. އަހަރެން ކުލާސް ކުދިންވެސް މޫނިމާ ގަސްދޮށަށްގޮސް އެތާ ހުރި ސްޓޭޖް އެއް ކުރިމަތީ ބަރިއަކަށްވާގޮތަށް ސަފެއްހަދާލާފީމެވެ. އޭރު ގްރޭޑް 8 ، 9 ގެ ކުދިންވެސް އެތާ ތިއްބެވެ. 10ގެ އަންހެން ކުލާސްކުދިންތައް އޭރަކު ނާދެއެވެ. ރީމް އުޅޭނީ އެއިން ކުލާހެއްގައެވެ. ރީމް ކުލާސް ސަފު ހަދާނީ އަހަރެންގެ ކުލާހާޖެހިގެންނެވެ.
އަހަރެން ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. ރީމްގެ ކުލާސް ކުދިންތައް އަންނަތަން ފެނުމުންނެވެ. މޫނުމަތި ފޮހެލާ ރީތި ހިނިތުން ވުމެއްދޭން ރެޑީވެލީމެވެ. ދެއަތް ދެއަތާ ޖޯޑް ކުރެވެމުން ދިޔައިރު އިޙްސާސް ކުރެވެމުން ދިޔައީ އެތައް އަހަރަކަށްފަހު ރީމް ފެންނަން އުޅޭކަމުގެ އުފާވެރި އިޙްސާސެވެ. ރީމް ހުންނާނީ ކިހިނެއް ހެއްޔެވެ؟ ފަލަ ވެފަބާއެވެ؟ ނޫނީ އަހަރެން ގޮތަށް ހިކިފަބާއެވެ؟ ރަށަށް ދިޔުމުން ރީމް ހުންނާނީ ކަޅުވެފަބާއެވެ؟ މިކަހަލަ އެތަކެއް ސުވާލްތަކެއް އަހަރެންގެ ސިނކުޑިއަށް ޖަމާވަމުން ދިޔައެވެ. ކޮންމެއަކަސް މިސުވާލްތަކުގެ ޖަވާބު ލިބޭނީ ރީމް ފެނުމުންނެވެ. އެހެންކަމުން ހަށިފުރާ ނޭވާއެއް ލަމުން ހަމަޖެހިލީމެވެ.
ހުރިހާ ކުދިން ގަސްދޮށަށް ޖަމާވެ ނިމުނުއިރު އަހަރެންގެ މޫނުމަތީގައިވާ އުފާވެރި ހިނިތުންވުން ވަނީ ގެއްލިފައެވެ. ރީމް ނުފެނުމުންނެވެ. އެސެމްބުލީއަށް ހާޟިރުނުވުމުންނެވެ. މިވީގޮތުން މުޅި ދުވަސް ހަރާބްވީއެވެ. މާބޮޑަށް ކަމަކަށް އުންމީދުކޮށްގެން ހުއްޓާ އެކަމެއް ނުވުމުން ކޮންމެ މީހަކަށްވެސް ވާނީ މިކަހަލަ ގޮތެކެވެ.
“..ކޮބާތަ ޙާންގެ ރީމް.” ފަހަތުގައި ހުރި ޝާންޓެ އަހަރެން ކަންފަތް ދަށުގައި ސިއްރުން ބުންޏެވެ. އަހަރެން ނޭގެޔޭ ބުނުމުގެ ގޮތުން ދެކޮނޑު އަރުވާލީމެވެ.
“..އެސެންބުލީއަށް ނާންނަން އިނީކަންނޭގެ ކުލާހުގައި..” ޝާންޓޭ އަނެއްކާވެސް ބުންޏެވެ. އަހަރެން އެއްޗެކޭ ނުބުނަމެވެ. އަހަރެންގެ ހިތް ބުނަނީ ރީމް އަށް ކޮންމެވެސް ކަމެއް ވެއްޖެ ކަމުގައެވެ. ސުކޫލަށް ނާންނަނީ ކަމުގައެވެ. ސުކޫލަށް އައި ނަމަ އަހަރެން ދެކިލަން ނައިހެއް ނުހުންނާނެއެވެ. އެއީ އަހަންނަށް ޔަޤީންކަމެކެވެ. އެސެމްބުލީ ފެށިގެން ނިމުނީވެސް އަހަރެން ރީމްގެ ހިޔާލުގައި ހުއްޓައެވެ. އެތަނުގައި ވީއެއްކަމެއްވެސް އަހަރެންނަކަށް ނޭގުނެވެ.
ކުލާހަށް ގޮސްވެސް އަހަރެންނަށް ވިސްނެމުން ދިޔައީ ރީމް އާ މެދުގައެވެ. މުދައްރިސުން ކިޔަވާ ދެއްވާ ފިލާވަޅުތަކަކަށް ސަމާލުކަމެއް ނުދެވުނެވެ. އަހަރެންނާއި ޝާންޓޭ ތިބީ ކުލާހުގެ އެންމެ ފަހަތުގައެވެ. އަހަރެން އޮތީ ޓީޗަރު ކައިރީ ބޮލުގަ ރިއްސަނީކަމަށްބުނެ ޑެސްކު މަތީ ބޯ ޖަހާގެންނެވެ.
“..ހާދަ ޑްރެމެޓިކޭ ދެން.. އެއީ ދެން ތިވަރަށް ވިސްނަންޖެހޭ ވަރު ކަމެއްތަ؟..” ޝާންޓޭ އަށް އަހަރެންގެ ވިސްނުން އެހެން ދިމާލެއްގައި އެނބުރޭކަން އެނގުމުން ބުންޏެވެ.
ތެދެކެވެ. ބައެއް މީހުންނަށް މިކަންތައް އެހާ ބޮޑުކަމަކަށް ނުވެދާނެއެވެ. ވިސްނާވަރުގެ ކަމަކަށްވެސް ނުވެދާނެއެވެ. ވަރަށް ސިންޕަލް ކަމަކަށްވެސް ވެދާނެއެވެ. ނަމަވެސް އަހަރެންނަށް އެއީ ބޮޑުކަމެކެވެ. ހާސްވާވަރުގެކަމެކެވެ.
“..ޚާން އަހަރެން ކިތަންމެ ބަލިވިޔަސް ހިރިލެވެންޔާ ސުކޫލަށް އަންނާނަން.. އަދި ހާއްސަކޮށް ޗުއްޓީ ނިންމާފައި ސުކޫލް ހުޅުވޭ ދުވަސް ދުވަހު.” އެއީ ރީމް އަހަރެން ކައިރީ ބުނެފައިވާ ވާހަކަ އެކެވެ. އެއީވެސް ހަމަ މިކަހަލަ ދުވަހެކެވެ. ޗުއްޓީއަކަށް ފަހު ހުޅުވުނު ދުވަހެކެވެ. އެދުވަހު ރީމް ބަލިވެ އުޅެމުންވެސް ސުކޫލަށް އައުމުން، އަހަރެން އެކަމާ ސުވާލްކުރުމުން ރީމް ދިން ޖަވާބަކީ އެއީ އެވެ. އަހަރެންނަށް އެކަންތަކާ ވިސްނެމުން ދިޔަ އެންމެ ބޮޑު އެއްސަބަބަކީ އެއީއެވެ. ރީމްއަށް ހިރިނުލެވިފަ އޮތީބާއޭ އަހަރެންގެ ހިތަށް އެތަށް ފަހަރަކުއެރިއެވެ.
“..ދެން ތިވަރަށް ނުވިސްނަބަލަ..” ޝާންޓޭ އަނެއްކާވެސް ބުންޏެވެ. އޭނާއަށް އަހަރެން އުޅޭ ގޮތުން އުނދަގޫވަނީ ކަންނޭގެއެވެ.
“..ޝާންޓޭއަށްވެސް ލޯބިވެވުނީމަ ވިސްނޭނެ..” އަހަރެމެން ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ. ޓީޗަރަށްވެސް އަދި އެހެން ކުއްޖަކަށްވެސް ނީވޭ ވަރަށެވެ.
“..މަވެސް ލޯބިވެޔޭ ޚާން ދެކެ.. އެކަމް ތިވަރެއް ނުވާނެ..”
“..އެއްކަލަ ވައްތަރުވަނީ އޭ ތި..” އަހަރެން ޝާންޓޭއާ ދިމާލަށް ބަލާލަމުން ބުނީމެވެ. “..ތި ލޯތްބާ މިލޯބި ތަފާތޭ.. މީ އިޝްގީ ލޯބި..”
“..ހޫމް ލޯބީގެ ފިލާވަޅު ނަގާ ދިނުން ހުއްޓާލާފަ.. ބޯޑުގަ ލިޔެފަ ހުރިއެއްޗެހި ނަގަން ތެދުވޭ..” ޝާންޓޭ ބުންޏެވެ. “..އިންޓަވަލް ގަޑީގައި ޒާނާއާ ދިމާކޮށްފަ އަހާނީ ރީމްއަށް ކިހިނެއްވީ ތޯ.. އޯކޭ އެއް ނުން..” ޒާނާ އެއީ ރީމްގެ ބެޝްޓް ފުރެންޑެވެ.
އަހަރެން ތެދުވެ ނޯޓްތައް ނަގަން ފެށިތަނުން ޓީޗަރ ހާލު ރަނގަޅުތޯ ސުވާލްކުރިއެވެ. މުޅިން އޯކޭ ނުވާކަމަށް ބުނުމުން ބޭސް ކާން ދިޔުމަށް ބުނުމުން ކުލާހުން ބޭރަށް ނުކުތީމެވެ.
“..އޭ އައްކި އެއްކަލަ މަންޖެ ސުކޫލުން ކަނޑާލާފި..” އަހަރެން އެނބުރި ކުލާހަށް އައިސް ވަންނަނިކޮށް ދާދި އެކީ ކަހަލައިން ވަދެގެން ދިޔަ ޒާލް ބުނި އަޑުއިވުނެވެ. ނަމަވެސް އަހަރެން އެބުނި އެއްޗަކަށް މާބޮޑު ސަމާލުކަމެއް ނުދެމެވެ. ޒާލް ބުނި އެއްޗެއް ބުނީވެސް އަހަރެންނާ ދިމާލަކަށް ނޫނެވެ. އަކްޝަމް އާ ދިމާލަށެވެ. އަހަރެންގޮސް ގޮނޑިގައި އިށީނީމެވެ.
“..ކޮން މަންޖެއެއް..” އަކުޝަމް ބުނި އަޑު އިވުނެވެ. އެހިސާބުން އަހަރެން އިނީ އެމީހުންގެ ވާހަކަތަކަށް ސަމާލުކަންދީގެންނެވެ. ކޮން ކުއްޖެއްތޯ ބެލުމުގެ ބޭނުމުގައެވެ. އަކްޝަމް އާއި ޒާލް ތިބީ އަހަރެމެންގެ ކުރިމަތީ ބަރީގައެވެ.
“..ސައިންސް ކުލާހުގަ އުޅޭނުން ރީމާ ކިޔާކުއްޖެއް..” ޒާލް ބުންޏެވެ. އަހަރެންގެ ގައިން ހީބިހިނަގައިގެން ދާން ސިކުންތެއްވެސް ނުނެގިއެވެ. ހިތުގެ ހިނގުން އަވަސްވެ ލޭ ދައުރުވުން ވެސް އަވަސްވި ކަހަލައެވެ.
“..ވަޓް ރީމްތަ؟..” އަހަރެންނަށް ލިބުނު ހައިރާން ކަމާއެކީ އަހާލެވުނެވެ. އެހެން ބުނެވުނީވެސް ތަންކޮޅެއް ބާރަށެވެ. އަހަރެން ޝާންޓޭ އާ ދިމާލަށް ބަލާލީމެވެ. އޭނާގެ މޫނު މަތިންވެސް ފެންނަމުން ދިޔައީ ހައިރާންކަމެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކަތައް އޭނާވެސް އިނީ އަޑުއަހަންކަން ޔަޤީންވިއެވެ.
“..ޔާ އޭނަ.” ޒާލް ފަހަތައް އެނބުރިފައި ބުންޏެވެ. “..އޭނަ ބަނޑުބޮޑު ވީޔޯ..”
އަހަރެންގެ ކަންފަތް ދަށުގައި ހޮނު ގުގުރިއެއް ގުގުމާލިކަހަލައެވެ. މުޅި މީހާ ރޫރޫ އަޅައިގެންދިޔައެވެ. ދެލޯ ތަންމިނަށް ހުޅުވި އަނގަވެސް ހުޅުވިގެން ދިޔައީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. އިސާހިތަކު މޫނު މައްޗަށް ދާތިކިތައްވެސް ޖަމާވާން ފެށިއެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.





ވަރަށް ރީތި މި ވާހަކަ.
thankx
ެެސޮރީ….ވަށަފަރަކު ނޫޅޭ ވިޙާން ކިޔާ މީހެތް……………
The genius store called, they’re running out of you.
ސްޓޯރީގައި ބޭނުންކުރެވިފައިވަނީ އަސްލުނަން ތަކެއް ނޫން..
Nice story
thank you liyaam
Maarandhoo ga ves nuulhe reem kiyaa kijjeh…. bt v salhi story eh
Thy maisharaatha??
Mi nan kiyaa hindhi flim eh dhekunin and green kula noon I mean register nukuraa kulaiga msg kurany nishan dear tha. By the way story is nice and waitinn 4 your vanhanaa story prt 14 n miss u more sissy bye