Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 38

nashaa Level 310 Stories
August 20, 2013 6 Mins Read
2 Comments

“ކަލޭމެން ބުނީ މެއްނު އޭނަ ޖާހަތު އާ އިނީ ލޯތްބަކުން ނޫނޭ. ބަދަލު ހިފުމަށޭ. ދެން؟ ކީއްވެ އޭނައަށް ޖާހަތު ދޫކޮށްލަން ނުކެރިގެން އެއުޅެނީ؟” އެތަނުން ދެތިން މީހަކަށް އިޝާރާތް ކޮށްލަމުން ހުމާމު ސުވާލު ކޮށްލި އެވެ. ރުޅިވެރި ކަމާއެކީގައެވެ. އަނެއްކާވެސް ގޮސް އާއިޒުގެ ކައިރީގައި ހުއްޓިލިއެވެ.

“ލޯބިވެވުނީތަ ޖާހަތު ދެކެ؟” މަޑުމައިތިރި ކަމާއެކީގައި ސުވާލު ކޮށްލިއެވެ. އާއިޒު އިސް އުފުލާލިތަން ފަހަތުގައި ހުރި ހުމާމަށް ފެނުނެވެ. “ކަލެއަށް ލޯބިވެވުނީ ހޭ އޭނަ ދެކެ؟” ހަޅޭއްލަވައިގަންނަމުން ސުވާލުތަކުރާރު ކޮށްލިއެވެ. “އެހެންވެގެން ނުވާނެ. ޖާހަތު ދެކެ ފުރަތަމަ ލޯބިވީ އަހަރެން. އެހެން ވެއްޖެނަމަ ޖާހަތު ލިބެން ޖެހޭނީ އަހަރެންނަށް. ކަލޭ އަހަރުމެންގެ ދެމެދަށްވަނީ. އަހަރެން ޖާހަތު ދެކެ ލޯބިވާކަން ޖާހަތުއަށް ކިތަންމެ ރަނގަޅަކަށްވެސް އެނގޭނެ. ޖާހަތުވެސް އަހަރެންދެކެ ލޯބިވާކަން އަހަރެންނަށް އެނގޭ. އެހެންވީމަ ކަލޭ ޖެހޭނީ މި ދެމެދުން ދުރަށްދާން. ކަލެއަށް ވާނެތަ އެކަން؟ އޭނ؟…… ނުވާންޖެހޭ ސަބަބެއް ނެތް ކަލޭ އޭނަ ދެކެ ލޯބި ނުވަންޏާ.”

“ލޯތްބެއް ނުވަން.” އާއިޒު އެނބުރި ހުމާމަށް ބަލައިލަމުން ބުނެލީ މަޑުމައިތިރި ކަމާއެކީއެވެ. “ހުމާމްއަށް އަދި ހުރިހާ ކަމެއް އެނގިފައި ތިވަނީ މުޅިން ރަނގަޅަކަށް ނޫން. ތެދެއް ތިބުނީ! އަހަރެން ޖާހަތުއާ އިނީ ލޯތްބަކުންނެއް ނޫން. އިންނަން ބޭނުންވެގެނެއްވެސް ނޫން. ހަމަ އެންމެ ސަބަބަކަށްޓަކާ. އެއީ ބަދަލު ހިފާކަށެއްނޫން. ހަމައެކަނި އަހަރެންގެ މަންމައަށްޓަކާ.” ހުމާމު ހުރީ އަޑު އަހާށެވެ. ވަރަށް ކަނުލައެވެ.
“ދެން ތީގެ މާނައަކީ ކޮބާ؟ އަހަރެންނަށް ވަރިހަމަ ކޮންމެ ގޮތަކަށް ކަންތައް ވެފައި އޮތަސް. އަހަރެން ބޭނުމީ ޖާހަތު. ކަލޭ އަމިއްލަ އުފަލަކަށްޓަކައި ޖާހަތުގެ އުފާތަކުގައި ކަސްތޮޅުއަޅައިގެން ތިއުޅެނީ ކީއްވެ. އަޅާލާނެ މީހެއްނެތް ޔަތީމު އަންހެން ކުއްޖަކަށްވީމަތަ؟ ބަލަ އެއީވެސް އިންސާނެކޭ. އޭނާވެސް ބޭނުންވާނެ އުފަލާ ހިތްހަމަ ޖެހުން. އެކަން އެންމެ ފަހަރަކު ނަމަވެސް ވިސްނާލަބަލަ.” ހުމާމުގެ ވާހަކަތަށް އާއިޒު އަޑުއަހަންހުރީ ދުރު ބަލަހައްޓައިގެންނެވެ.

“މައްސަލައެއްނެތް. މަންމަ ރަނގަޅު ވެގެން ރާއްޖެ އައުމަށްފަހުގައި ތިކަމަށް ގޮތެއް ނިންމާނަން.” އާއިޒު ނިންމުމަކަށް އައެވެ.
“ގޮތެއް ނިންމާނީ މިހާރު. މިވަގުތު. އެހެންނޫނީ އަނެއްކާވެސް ކަލޭ ކޮންމެވެސް މޮޅު އެއްޗެއް ހަދާލާނެ.” ހުމާމު ދެކޮޅު ހެދިއެވެ.
“އަހަރެންނަކަށް މިވަގުތު ޖާހަތު ދޫކޮށެއް ނުލެވޭނެ. އެހެންނޫނަސް ކިހިނެތް އެނގެނީ ޖާހަތު ހުމާމު ދެކެ ލޯބިވާކަމެއް؟ އަހަރެންނަކަށް އަޑެއް ނީވޭ ހަމަ ގައިމުވެސް ޖާހަތު ހުމާމުގެ ވާހަކަ ދެއްކިއަޑެއް.” އާއިޒު ދިފާއުގައި ބުނެލިއެވެ. އާއިޒުގެ ވާހަކައިން ހުމާމު ފުންމައިގެން އައިސް އާއިޒުގެ ކުރިމައްޗަށް ޖެހިގަތެވެ.
“ކޮބާ ތީގެ މާނައަކީ؟ އޭނަ އެހެން މީހެއްގެ ވާހަކަ ދައްކަނީއޭތަ؟” އާއިޒު އިތުރު އެއްޗެކޭ ނުބުނުމުން ހުމާމު ކުޑަކޮށް ވިސްނާލުމަށްފަހު އަނެއްކާވެސް ސުވާލު ކުރިއެވެ. “ކަލެއާ ޖާހަތުގެ ގުޅުން އޮންނަނީ ކިހާ ވަރަކަށް؟”

އާއިޒު ކުޑަކޮށް ކުރިއަށް ދެތިން ފިޔަވަޅު އަޅާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. “މިހާރު ދެން ތިދަނީ މާ މައްޗަށް. އަހަރެމެން ދެމެދުގައި ގުޅުން އޮތް ހިސާބެއް ނޭނގި އެއްނު ހުމާމު ޖާހަތު ބޭނުން ވެގެން ތިއުޅެނީ. ދެން އަހަރެން ދަނީ. މިހާރު ވަރަށް ލަސްވެއްޖެ. ފަހުން ބައްދަލު ކުރާނީ.” ހުމާމުގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި އާއިޒު ދާން ހިނގައިގަތެވެ.

“އާއިޒު ދިޔުމުގެ ކުރިން އަޑު އަހާ. އަހަރެންގެ ޝަރުތެއް އެބަ އޮތް. މިރެއިންފެށިގެން ކަލޭ ޖާހަތު ވަރިކުރުމާ ހަމައަށް ދެން އޭނާޔާ އެއްވެސް ގުޅުމެއް ބާއްވައިގެންނުވާނެ. އޭނާގެ ގައިގައި ބީހިލައިގެންވެސް ނުވާނެ. އެއީ ހަމަ އެކަނި އަހަރެންގެ މިލްކެއް. އެހެންނޫންނަމަ..” ހުމާމު ބާރުލާފައި ދެއްކިވާހަކަތައް މިހިސާބަށް ދިޔުމާއެކީ އާއިޒު ހުއްޓި އެދިމާއަށް ބަލައިލި އެވެ. އެދެލޮލުން ހާމަކޮށްދެނީ ކޮންވާހަކަ ތަކެއްކަމެއް ބުނެދޭކަށް ނޭނގެއެވެ. އިތުރު އެއްވެސް އެއްޗެއް ބުނުމެއް ނެތި ނިކުމެގެން ހިނގައްޖެއެވެ.

ރީމް އާއި ޝަކީލާގެ އިތުރުން އީމަންގެ ބިޒްނަސް މެނޭޖަރުން ތިބީ ސިޓިން ރޫމުގައެވެ. މުހިންމު ކަމަކާއި މަޝްވަރާ ކުރެވެމުން ދާތީ އެންމެންގެ މޫނުމަތިން ސީރިއަސްކަން ފެންނަމުން ދިޔައެވެ. ރީމްގެ ނަޒަރު އިރުއިރުކޮޅާ މައްޗަށް ހިންގާލެވެނީ އީމަންގެ ހަބަރެއް ވޭތޯއެވެ. ދެތިން ފަހަރަކު އެހެން މައްޗަށް ބަލައިލުމަށްފަހު އެންމެފަހުން ތެދުވިއެވެ. އަދި ހަލުވި ފިޔަވަޅު ތަކެއްގައި ސިޑި ގިރާކޮށް މައްޗަށް އެރިއެވެ. އަވަސް ހިނގުމެއްގައި ގޮސް އީމަންގެ ކޮޓަރީގެ ދޮރު ހުޅުވާލި އެވެ.

އީމަން އިނީ ކުޑަ ދޮރުކައިރީގަ އެވެ. އާދައިގެ މަތިން ޔާނާގެ ތަސްވީރަށް ބަލާށެވެ. ބޮލުގެ އިސްތަށިގަނޑު ދިގުވެފައިވާއިރު ތުނބުޅި މަތިމަސްވެސް ވަނީ ދިގުވެފައެވެ. ހަށިގަނޑު ހިކި އަނަރޫފަވެފައި ހުރުމުންނާއި ލޯ ކައިރި ކަޅުވެފައިވުމުން ހީވަނީ ބަލި އެދުގައި އޮންނަން ޖެހިފައިވާ މީހެއް ހެނެވެ.

“މާން! ދިސް އިޒް ޓޫ މަޗް. ކިހިނެއް މި ހުރިހާ ކަމެއް އަހަރެން އަމިއްލައަށް ‘ހޭންޑްލް’ ކުރާނީ؟ މާންގެ މުޅި ވިޔަފާރި ބަނގުރޫޓުވެގެން އެދަނީ. ހަމަ އެއްވެސް ފަރުވާލެއް ނެތްތަ؟” ހިތްހަމަ ނުޖެހިފައި ހުރެ ރީމް ވާހަކަ ދެއްކިއެވެ.

އީމަން އެއްވެސް އެއްޗެކޭ ނުބުނެއެވެ. އެއްޗެކޭ ބުނެފިނަމަ ބުނެވޭނީ ހަމަ އެއް ވާހަކަ އެއް ކަމަށްވާތީއެވެ. ތަކުރާރުކޮށް އެކަށްޗެއް ކިޔުމުގެ ބޭނުމެއް ނުވިސްނެނީއެވެ. އަދި ހަމަ އެހެންމެ ވާހަކަ ނުދައްކައި އެކަނި އުޅެން މާބޮޑަށް ބޭނުންވާތީއެވެ.

ނަމަވެސް ރީމް ދުލެއް ނުކުރިއެވެ. އީމަން އެއްޗެކޭ ނުބުނުމުން އެތަނުން ދާ ހިޔާލެއް ނުކުރިއެވެ. ޝަކީލާވެސް އެތެރެއަށް ވަދެގެން އައީ އެވަގުތުއެވެ. “މާން! ކުޑަމިނުން ލިޔެ ކިޔުންތަކުގައި ސޮއިކޮށްލަދީ! އެއީ މާންއަށް ވަފާތެރި މީހުން. އެމީހުން މާންގެ ވިޔަފާރި ބަލަހައްޓަދޭނެ. މާންގެ ހާލަތު އަހަރެންނަށްވެސް ވިސްނޭ. އެކަމަކު ހަޤީޤަތަކީ އަހަރެންވެސް ދިރިއުޅެނީ މާންގެ އެހީތެރި ކަމާއެކީގައިކަން.”

“އަހަރެން ކުރިންވެސް ބުނިން ‘ޕަވަރ އޮފް އެޓާނީ’ ރީމް ގެ ނަން މައްޗަށް ބަދަލު ކޮށްލާށޭ!” އީމަން މަޑުމަޑުން އިނދެ ބުނެލި ޖުމުލައިން ޝަކީލާގެ މޫނު މައްޗަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ. އީމަން ވާހަކަ ކުރިއަށް ގެންދިޔައެވެ. “އަހަރެން ބޭނުމެއް ނޫން އެއްވެސް އެއްޗެއް. އަހަރެންގެ ހުރިހާ އެއްޗެއް ޔާނު އާ އެކީ ގެއްލިގެން ހިނގައްޖެ. ރީމް އަށް ބިޒްނަސް ލިބުމުން ރީމްގެ ހަޔާތްވެސް ‘ސެކިޔޯ’ ވީ!”
ރީމް އެއްޗެކޭ ނުބުނުމުން ޝަކީލާ ކުޑަކޮށް ރީމްގެ ގައިގައި ކޮށްޓާލީ އެއްބަސްވާށޭ ބުނުމުގެ ގޮތުންނެވެ.

“އަހަރެން ބޭނުމެއް ނޫން. މާން ބޭނުމީ ތިގޮތަށް ހުންނާކަށެއްނު. އެންމެ ރަނގަޅު. އަހަރެންވެސް ދެން މާން ގާތު އާދޭހެއް ނުކުރާނަން. ވިޔަފާރިވެސް ބަނގުރޫޓު ވިޔަދީ. އަހަރެންގެ އެއްވެސް ފަރުވާލެއް ނެތް.” ރީމް ރޮވިފައި ހުރެ ރުޅިވެރި ކަމާއެކީ ވާހަކަ ދައްކަމުން ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ. ޝަކީލާގެ އަވަސް ހަރަކާތަކާއެކީ ރީމްގެ ފަހަތުން ނިކުމެގެން ދިޔައެވެ. ރީމް އެފަދަ ޅަ އެއްޗެއް ހެދުމުގެ ސަބަބުން ޝަކީލާގެ ހިތް ހުއްޓޭވަރުވިއެވެ.

ރީމް ދޮރު ހުޅުވާލުމަށްފަހު ގޮސް ކޮޓަރި ތެރެއަށް ވަނެވެ. ލޮލުން ކަރުނަތަށް ހޯސްލާފައި ފައިބަމުން ދިޔައެވެ. ރުޅި ގަދަވެފައި ހުރެވެސް ރޮވޭގޮތްވެފައި ހުރުމުން އެ ހިތަށް ކޮށްފައިވާ އަސަރު ސާފުކޮށް ފެންނަ ފަދައެވެ. އެނދުމަތީގައި އިށީނދެލިއެވެ. މާގިނައިރުތަކެއް ނުވެ ޝަކީލާ އައިސް ހުއްޓުނެވެ.

“ރީމް އަށް ހަމަ ސާބަސް. ތިއީ ހަމަ ނުވިސްނިގެންވާ ގޮތްތަ؟ ނޫނީ ރީމްވެސް ހޭބުއްދި ފިލާ ދިޔައީތަ؟” ޝަކީލާ ދެއްކި ވާހަކަ ތަކުން ރީމް އަށް ހައިރާންކަން ލިބުނެވެ.

“ސާބަސް! މިދައްކަނީ އެލިބުނު ރަނުގެ ފުރުސަތު އެއްލާލި ވާހަކަ. މިހެން އަހަރެމެން އުޅެންވެއްޖެނަމަ އިސާހިތަކު ސަލާން ޖަހަން ޖެހިދާނެ.” ޝަކީލާ ތަފްސީލު ކޮށްދިނެވެ.

“އަހަރެންނަށް އެނގޭ މާންގެ ވިސްނުން އެހުރި ގޮތް. އަހަރެންނަށް ބިޒްނަސް ދީފަ މާން ހަމަ ޖެހިލައިގެން ޔާނާގެ ހަނދާނުގައި އެގޮތުގައި ނިމިދިޔުން. އަހަރެން ހަމަ ހިލާ އެހެން ވިޔަކަ ނުދޭނަން. މިހާ ހިސާބަށް މިއާދެވުނީ ވަރަށް ބުރަ މަސައްކަތުން. ކުރި ހުރިހާ މަސައްކަތް ވެއްޔަށް ވިޔަ ދޭންވީތަ؟” ރީމް ރުޅި ގަދަވެފައި ހުރެވާހަކަ ދެއްކިއެވެ. “މާން ޖެހޭނީ ކުރީގެ ހާލަތަށް އަންނަން. އަހަރެން އެކަން ކުރާނަން. މަންޒިލާ މިހާ ގާތްވެވިފައިވަނިކޮށް ބަލިގަބޫލެއް ނުކުރާނަން.” ރީމް އަޒުމާއެކީ ގައި ދައްކަމުން އެދިޔަ ވާހަކަ ތަކުން ޝަކީލާގެ ހިތުގައި ސުވާލުތަކެއް އުފެދެމުން ދިޔައެވެ.

ސައިކަލު ގޯތި ތެރެއަށް ވެއްދުމަށްފަހު އާއިޒު އައިސް ގޭ ދޮރު ހުޅުވާލިއެވެ. ސޯފާގައި ޖާހަތު ނިދިފައި އޮތެވެ. އަތުގައި ރިމޯޓް އޮތުމުން ޓީވީ ބަލަން އޮއްވާ ނިދުނީކަން އެނގުނެވެ. ޓީވީން ދައްކަމުން ދިޔަ ހިންދީ ޑްރާމާ ފެނި އާއިޒު ހިނި އައެވެ. ޖާހަތުވެސް ޑްރާމާ ބަލާކަން އެނގުމުންނެވެ. ޖާހަތުއަށް ގޮވުމަށްޓަކައި ގުދުވެލިއެވެ. ކައިރިން ޖާހަތު ފެނުނު ހިނދު އާއިޒުގެ ހިތަށް ކޮންމެވެސް ކަހަލަ ގޮތެއް ވިކަން އިހުސާސް ކުރެވުނެވެ. ލޮލުގެ ދިގު އެސްފިޔަ ތަކުގެ ހިޔަނި ކޯތާފަތް މައްޗަށް އެޅިފައިވީއިރު މަޑު ފިޔާތޮށިކުލައިގެ ތުނިތުނި ތުންފަތުގައި ލުއިލުއި ހިނިތުންވުމެއް ވާފަދައެވެ. ކަޅުކުލައިގެ ބުރުގާގެ ތެރެއިން އެ ދޮން މޫނު ވިދަމުން ދާފަދައެވެ. މައުސޫމު ކަމާއި ރީތިކަން އެމޫނުމަތިން އާއިޒު އަށް އަލަށް ފެނުނު ފަދައެވެ. އެސްފިޔަ ޖަހާލަން ދަތިވެފައި ހުރެ ކަކޫމައްޗަށް ތިރިވެވުނީ ޖާހަތުގެ މޫނުން ނަޒަރު ވަކިކޮށްލަން ދަތިވުމުންނެވެ. ބޭއިޚްތިޔާރުގައި އަތް އުފުލާލެވުނީ އެ ކޯތާފަތުގައި ބީހިލަން އެދެވުމުންނެވެ.

އެހިނދު ހުމާމުގެ ބަސްތައް ސިކުނޑީގައި ތޫފާނެއްގެ ގޮތުގައި އެނބުރިގަތެވެ. ‘އޭނާގެ ގައިގައި ބީހިލައިގެންވެސް ނުވާނެ. އެއީ ހަމަ އެކަނި އަހަރެންގެ މިލްކެއް…. ކަލޭ އަހަރުމެންގެ ދެމެދަށްވަނީ. އަހަރެން ޖާހަތު ދެކެ ލޯބިވާކަން ޖާހަތުއަށް ކިތަންމެ ރަނގަޅަކަށްވެސް އެނގޭނެ. ޖާހަތު ވެސް އަހަރެންދެކެ ލޯބިވާކަން އަހަރެންނަށް އެނގޭ…. އޭނާގެ ގައިގައި ބީހިލައިގެންވެސް ނުވާނެ…….” އާއިޒު ސިހި ކޮޅަށް ތެދުވިއެވެ. އެހިނދު ޖާހަތުއަށް ވެސް ލޯ ހުޅުވާލެވުނެވެ. ކައިރީގައި ހުރި އާއިޒު ފެނުމުން ތެދުވެލެވުނެވެ.
“ހަނގުރާމަ ނިމިއްޖެ. މައިދައިތަ މޮޅުވީ!” ޓީވީއަށް އިޝާރާތް ކޮށްލަމުން އާއިޒު ބުނެލިއެވެ. ޖާހަތުއަށް އާއިޒު ބުނި އެއްޗެއް ވިސްނާ ލެވުމާއެކީ ގައި ހިނި އައިސް ހީގަނެވުނެވެ. އާއިޒުވެސް ހީލިއެވެ.
“ކާން ތައްޔާރުކޮށްފަ ހުންނާނީ!” ޖާހަތު ތެދުވެލަމުން ބުނެލިއެވެ. އާއިޒު މިސްރާބު ޖެހީ ބަދިގެ އާ ދިމާއަށެވެ. ޖާހަތު ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

އާއިޒު ކައި ނިމިގެން ކޮޓަރިއަށް އައިއިރު ޖާހަތު ހުރީ ނިދަން ތަންމަތި އަޅާށެވެ. އާއިޒު އަށް ބަލާލާފައި ހިނިތުންވެލަމުން މަސައްކަތް ކުރިއަށް ގެންދިޔައެވެ. އާއިޒު ފާހާނާއަށް ވަދެ ފެންވަރާލައިގެން ނިކުތެވެ. ޓީޝާޓަކާއި ސޯޓުކޮޅެއްގައި އާއިޒު ގޮސް އެނދުގައި އިށީނދެލިއެވެ. ޖާހަތު އޮތީ ސޯފާގައެވެ. އާއިޒުވެސް އެނދުގައި އޮށޯވެލައިގެން އޮވެ އިރުކޮޅެއްވީ އިރުވެސް ނިދި އަންނަ ގޮތެއް ނުވިއެވެ. ހުމާމުގެ ބަސްތައް ބޮލަށް އުނދަގޫ ކުރަން އުޅޭހެން ވެސް ހީވިއެވެ. ބޯހިއްލާލައި ޖާހަތުއަށް ބަލައިލެވުނު ހިނދު ޖާހަތުވެސް އޮތީ އާއިޒުއަށް ބަލާށެވެ.

“އަހަރެންވެސް މިއުޅެނީ ނުނިދިގެން.” އާއިޒު ބުނެލިއެވެ. އަދި އިރުކޮޅަކު އެހެން އޮވެލުމަށްފަހު ބުނެލިއެވެ. “ސުވާލެއް ކޮށްލަންތަ؟”
ޖާހަތު މަޑުމަޑުން ހޫމް އޭ ބުނެލިއެވެ. “ޖާހަތު މިހާރު ވަރަށް މޮޅުވާނެ ދޯ؟”
“ކޮންކަމަކަށް؟” ޖާހަތު ސުވާލުކޮށްލިއެވެ.
“މައިދައިތަޔާ ހިފަން!” އާއިޒު ބުނެލިއެވެ. ޖާހަތު ހިނި އަންނަގޮތްވިއެވެ.
“ހިފަން އެކަންޏެއް ނޫނޭ ދަސްވަނީ. އެތަށް ކަމެއް އޭގެން ދަސްވޭ. އެހެން ނޫނަސް އަހަރެން ނުޖެހޭނެއެއްނު ހިފާކަށް. އަހަރެންގެ މައިދައިތަ އަކީ ނުލާހިކު ރަނގަޅު….” ޖާހަތުގެ ވާހަކަތައް ހުއްޓުނެވެ. މައިދަތައޭ ކިޔައިގެން ވާހަކަ ދެއްކުމުން އުނދަގޫވީއެވެ.

އާއިޒުއަށް މިކަން އިހުސާސްވިއެވެ. ތެދުވެގެން ގޮސް ޖާހަތު ކައިރީގައި އިށީނދެލިއެވެ.
“އެހެންވީމަ، މީގެ އެއް މަސްކުރިން ޖާހަތުއާ އަހަރެން ކުރި ‘ޕްރޮމިސް’ އެއީ ހިތުގެ އަޑިން ކުރި ‘ޕްރޮމިސް’ އެއް ނޫން ދޯ؟” އާއިޒު ވާހަކަ ދައްކަން ފެށިއެވެ. “އެރޭ ދެމީހުންވެސް އެއްބަސްވީމެއްނު ރައްޓެހިންގެ ގޮތުގައި އުޅެން. އެކަކު އަނެކަކަށް ހުރިހާ ކަމެއްގައި އެހީތެރިވެދޭން. އެހެންވީމަ އެއްވެސް ވާހަކައެއް ދެއްކުމަށް ޖެހިލުން ވެގެން ނުވާނެއެއްނު. ދޯ؟” އާއިޒުގެ ވާހަކައަށް ޖާހަތު އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލިއެވެ. އާއިޒުއާ ދެމީހުންވަނީ އެކަކު އަނެކަކަށްޓަކައި ދެ ރަށްޓެހިންގެ ގޮތުގައި ތިބުމަށް އެއްބަސްވެފައެވެ.

އާއިޒު ކޮޅަށް ތެދުވެ ކުރިމަތީގައި ހުރި ކުޑަ ދޮރާ ދިމާއަށް ދަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ. “އަހަރުމެން ދެމީހުން އެކަކު އަނެކަކާ އެކީގައި އުޅެން ބޭނުމެއް ނުވޭ. ދެމީހުންގެ މަޤްސަދަކީ އެއް މަޤްސަދަކަށްވާއިރު އެކީގައި ދަތުރު ނުކުރެވެންވީ ސަބަބެއް ނެތް. ދެމީހުންވެސް މަންމަ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އުޅެން މަޖުބޫރުން އުޅެނީ. އިރާދަ ކުރެއްވިއްޔާ މަންމަ ވަރަށް އަވަހަށް ރަނގަޅު ވެގެން މިކޮޅަށް އަންނާނެ. ދެން އެހިސާބުން…..” އާއިޒު ކުޑަދޮރުގައި ލެނގިލަމުން އެނބުރި ޖާހަތުއަށް ބަލައިލި އެވެ. ޖާހަތުއަށް އާއިޒު އެދެއްކި ހުރިހާ ވާހަކައެއް ވިސްނުނެވެ. އަދި ހިނިތުންވެލަމުން ތެދުވެ އާއިޒު އާއިޒުއާ ދިމާއަށް ހިނގައިގަތެވެ.

“އެހެންވީމަ ސީރީސްތައް ބެލުން ތަންކޮޅެއް އިތުރު ކޮށްލަންވީ ދޯ” ޖާހަތު ކުޑަދޮރުގެ އަނެއް ފަރާތުގައި ލެނގިލަމުން ބުނެލި އެވެ.
“އެއީ؟” ތަފްސީލު ބޭނުންވާފަދަ ގޮތަކަށް އާއިޒު ސުވާލު ކޮށްލި އެވެ.
“ދެން ލިބޭނީ ކޮންކަހަލަ މައިދައިތައެއްކަން އެނގޭނީ ކިހިނެތް؟” ކަންބޮޑުވާ ކަހަލަ ރާގެއްގައި ޖާހަތު ބުނެލި ގޮތުން އާއިޒުއަށް ބާރަށް ހީ ގަނެވުނެވެ. ޖާހަތުވެސް ހީގަތެވެ.
“ޖާހަތު ތިވިސްނަނީ މައިދައިތަ އާ މެދު؟ އެވަރިހަމަތަ ކޮންމެ ކަހަލަ ފިރިއެއް ލިބުނަސް؟” އާއިޒު ސުވާލުކޮށްލިއެވެ. އެހިނދު އަނެއްކާ ހުމާމުގެ ވާހަކަ ތައް ސިކުނޑީގައި ތާޒާ ވެލިފަދައެވެ. ޖާހަތު ވިސްނާލަމުން އަނެއްކާވެސް ކުޑަކޮށްހީލިއެވެ.
“އަނެއްކާ މީހަކު އެބަހުރިތަ؟” އާއިޒު ސުވާލުކޮށްލިއެވެ. ހުމާމުގެ ވާހަކަތަކުގެ ހަނދާނުގައި ހުރެ ހިތުގައި އުފެދުނު ސުވާލު ބޭރުކޮށްލެވުނީ އިޚްތިޔާރުގައިކަމެއް ނުވަތަ އިޚްތިޔާރަކާ ނުލާ ކަމެއް އާއިޒުއަށްވެސް ނޭނގުނު ފަދައެވެ.

“ނޫނޭ. މީހަކު ހޯދަން ޖެހޭނީ.” ހަމަ ޖެހިލަމުން ޖާހަތު ބުނެލިއެވެ. ޖާހަތުގެ ވާހަކައިން އެއްވެސް ކަހަލަ ފޮރުވުމެއް ނުވަތަ އާއިޒުއަށް ކަމެއް ސިއްރުކުރަން އުޅޭކަމެއް އާއިޒުއަށް ފާހަގަ އެއް ނުކުރެވުނެވެ. ޖާހަތު ކައިރީގައި ހުރި ބެލްކަނީގެ ދޮރު ހުޅުވާލަމުން އާއިޒު އަށް ބަލައިލީ އައުމަށް ދައުވަތު ދެމުންނެވެ.
އާއިޒުވެސް ޖާހަތުއާ އެކީ ގައި ގޮސް ބެލްކަންޏަށް ނިކުމެލި އެވެ. މާލޭގެ ހަލަ ބޮލި މަގުމައްޗަށް ކުޑަވެސް ބަދަލެއް އައިސް ފައެއް ނުވެއެވެ. ތާޒާ ވައިރޯޅިތައް ގައިގައި ބީހިލުމުން ދެމީހުންނަށްވެސް ފުންނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލެވުނެވެ.

“އެހެންވީމަ މާނައަކީ ޖާހަތު ލޯބިވާ މީހަކުވެސް ނެތީއޭތަ؟” އާއިޒު އިތުރަށް ޔަޤީންކޮށްލުމަށް ސުވާލުކޮށްލި އެވެ.
ޖާހަތު އާއިޒުއަށް ބަލައިލަމުން ހީގަތެވެ. “ތިއުޅެނީ އަހަރެންގެ ހިތުގެ ހާލަތު ހޯދަން ދޯ؟” އާއިޒު ހީލަމުން ތިރިއަށް ބަލައިލި އެވެ.
“އެހެންވީމަ އަހަރެންވެސް ބޭނުން ބަލަން އާއިޒު ލޯބިވާ ކުއްޖަކު…..” ޖާހަތު ސަމާސާ އަކަށް ބުނަން އުޅުނު ޖުމުލަ ކަރުގައި ތާށިވިފަދައެވެ.

ދެމީހުންނަށްވެސް މާޒީ ހަނދާންވިފަދައެވެ. ޔާނާ މަތިން ހަނދާންވިއެވެ. އާއިޒު އިސް ޖަހައިލި އެވެ.

“އާއިޒު ޔާނު ދެކެ ލޯބިވޭތަ؟” ޖާހަތު މަޑުމަޑުން ސުވާލު ކޮށްލި އެވެ.
“ލޯބިވެވުނު ނަމަ އެގޮތަށް ކަންތަކެއް ނުކުރެވުނީސް. ޔާނާ އަހަރެންނަށް މާފު ކުރާނެ ކަމެއްވެސް ނޭނގެ. ވަރަށް ދެރަވޭ” އާއިޒު ދެއްކި ވާހަކަތަކުން ޖާހަތުވެސް ދެރަވިއެވެ.
“ކުރީގެ އާއިޒަކަށް ހަމަ ޔަޤީނުންވެސް މަޢާފެއް ނުކުރާނެ. އެކަމަކު މިހާރު އަހަރެން ކުރިމަތީގަ މިހުރި އާއިޒަށް މަޢާފު ކުރާނެ.” ހިތްވަރުދެމުން ޖާހަތު ބުނެލި އެވެ.
“ހިނގާ ޔާނުއަށް ގުޅަމާ! އަހަރެންނަށްވެސް ގުޅާނުލެވޭތާ ކޮން ދުވަހެއް؟!” ޖާހަތު މިހެން ބުނެލަމުން އިތުރު އެއްޗެކޭ ނުބުނެ ސޯފާ މަތީގައި އޮތް ފޯނު ނަގައި ޑަޔަލް ކޮށްލިއެވެ.
“ޔާނުއަށް އެނގޭތަ ޖާހަތު މެރީކޮށްގެން އުޅެނީ އަހަރެންނާކަން؟” އާއިޒު ސުވާލުކޮށްލިއެވެ.
“ނޫން. ނޭނގޭނެ. އަދި ނުބުނަން.” ޖާހަތު ފޯނަށް ބަލަން އިނދެ ޖަވާބު ދިނެވެ. އަދި އެރޭ ޔާނާ ގުޅި ވާހަކަ ވެސް ބުންޏެވެ.

“ފޯނެއް ނުނަގާ؟” ޖާހަތު ކަންބޮޑުވެފައި އާއިޒުއަށް ބަލައިލި އެވެ.
އާއިޒު ފޯނުނަގައި ގަޑި ދައްކައިލި އެވެ. ދަންވަރު އެކެއް ޖަހަނީއެވެ. ޖާހަތު ހިނިތުންވެލިއެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

nashaa

Level 310 Stories

Other Articles

Previous

އެހީގެއަގު

Next

ވަކިވީ އަސަރާ މަންޒަރު ހިތަކުން ހަމަ ނުފިލާނޭ

Next
August 20, 2013

ވަކިވީ އަސަރާ މަންޒަރު ހިތަކުން ހަމަ ނުފިލާނޭ

Previews
August 19, 2013

އެހީގެއަގު

2 Comments!

  1. pinky says:
    August 20, 2013 at 10:56 pm

    ވ.ރީތި މިޕާޓްވެސް.. ދެން މިއުޅޭ ހުމާމް އަކަށްވެސް އަންނަން އެނގުނީ މިހާރުތަ؟ ގޯ ޑައި.. އާއިޒް އާ ޖާތު މިހާރު ކިހާ ގުޅޭ.. އަޅޭ ޔާނު ފެންނަން ވެއްޖެއްނު. ވ.ވ.ވރީތި. ވެއިޓިންގް ފޮ ދި ނެކްސްޓް ޕާޓް.

  2. މުޒޫ says:
    August 25, 2013 at 10:16 am

    ހާދަ ލަހޭ އަޕްވާލެއް ވަރަށް ބޮޑައްއިންތިޒާރު ކުރެވޭ

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 39←


All Right Reserved!