ވިސްނުނީ މާ ފަހުންނެވެ. (3 ވަނަ ބައި)
ރުޅިއަކީ އިންސާނާ ހެޔޮކަންތައްތަކާ ދުރުކުރުވާ އެއްޗެކެވެ. އެއީ އިންސާނާއަށް ލިބިގެންވާ އެންމެ ނުބައިސިފައަށްވީ އެހެންވެގެންނެވެ. ރާއިންއަށް އާދެވުނު ގަދަރުޅީގެ ސަބަބުން މިރޭގެ މަޣުރިބުނަމާދުގެ މަތިންވެސް ރާއިން ހަނދާނެއް ނެތެވެ. މިއީ ރާއިން މުކައްލަފަކަށް ވީފަހުން ފާއިތުވީ ފުރަތަމަ ނަމާދެވެ. ނަމާދު ނުކުރެވޭ ހަނދާންވުމުން ރާއިން ވަރަށް ދެރަވިއެވެ.
އެއްއުޞޫލަކުން ބަލާނަމަ ރާއިންއަކީ ބަސްނާހާ ކުއްޖެއްނޫނެވެ. މުއްސަނދި ދިރިއުޅުމެއްގެ އެދުމުގައި ދައްކާ ނޭއްގާނި ކަމެއް ފިޔަވާ މަންމަ ދަސްކޮށްދިން ހުރިހާ ރީތި އާދަތަކެއްގައި ރާއިން ހިފަހައްޓައެވެ. ޚާއްޞަކޮށް ނަމާދަށް ފަރުވާ ބަހައްޓައެވެ.
ނަމާދު ފާއިތުވުމުން އެކަމާދެރަވެގެން ވިސްނަމުންގޮސް މަންމަގެ ހެޔޮކަމާ، އޯގާތެރިކަން ހަނދާންވާން ފެށިއެވެ. ރާއިން ނުކައި ހުއްޓާ ދުވަހަކުވެސް މަންމަ ނުކައެވެ. ރާއިން ކަރުހިއްކައިގެންފައި ހުރިކަން އެނގިއްޖެއްޔާ ރާއިންއަށް ފެންދީފައިނޫނީ މަންމަ ފެނެއް ނުބޮއެވެ. ރާއިން ބައްޔެއްވެއްޖެއްޔާ މަންމަ ނުނިދާ ރާއިންގެ ޙާލުބަލަން ކައިރީގައި އިނދެއެވެ. މަންމަ ފޮތިމަތީ ފޮތިއަޅައިގެން ހެދުންލާފައިވެސް ރާއިންއަށް އާހެދުން ހޯދައިދެއެވެ.
މަންމަގެ ފަޤީރުކަން ޢުޛުރަކަށް ހަދާފައި ބޭކާރު ކުއްޖެއްގެ ގޮތުގައި ރާއިން މުޖުތަމަޢަށް ދޫކޮށެއްނުލައެވެ. ރެޔާދުވާލުގެ ބުރަމަސައްކަތުން ރާއިންއަށް ތަޢުލީމާ ތަރުބިއްޔަތު ދީ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެވޭވަރު ކޮށްދިނެވެ. މީހުންގެ ގާތަށް ސަލާންޖަހަން ނުގޮސް އަމިއްލައަށް މަސައްކަތްކޮށްގެން ދިރިއުޅެން ދަސްކޮށްދިނެވެ. ފަޤީރުކަމުގައި އުޅެންޖެހުނީ މަންމަގެ ސަބަބުން ކަމަށް މީހުން ވިސްނައިދީފައިވާތީ އެކަމާ މަންމައާ ދޭތެރޭގައި އުފެދިފައިވާ ރުޅިވެރިކަން ނެތްނަމަ ރާއިންއަކީ ޖަވާހިރެކޭވެސް ބުނެވިދާނެވެ. ކޮންމެ މީހެއްގެވެސް ކޮންމެވެސް އުނިސިފައެއް ހުންނާނެއޭ ބުނެއެވެ. މަންމަގެ ނަޞޭޙަތަށްވުރެ ދުރުތިބީންގެ ވާހަކަތަކަށް އިތުބާރުކޮށް ހިސާބަށްވުރެ ބޮޑަށް މުއްސަނދިކަމަށް ދަހިވެތިވުމަކީ ރާއިންގެ ކިބައިގައިހުރި ހަމައެކަނި ނޭދެވޭ ސިފައެވެ.
މިއަދު ހަވީރު މަންމަޔާ ދިމާއަށް އެއްޗިހިކިޔަންޖެހުނީވެސް އެހެންމީހުންގެ ބަސްއަހަން ހަދައިގެންނެވެ. ކުދިކުދި ކަންތައްތައް މާބޮޑެތި ކަންކަމަށް ހަދައިގެން ވާހަކަދައްކާ ޒާތުގެ މީހުން ރާއިންގެ ގާތުގައި ދެއްކި ވާހަކަތައް މާބޮޑަށް ޤަބޫލުކުރެވުނީއެވެ. އައިރުޅީގައި ދަރިއަކު މަންމަޔާ ދިމާއަށް ކިޔައިގެންނުވާނެ ކަހަލަ ހަޑިހުތުރު ބަސްތައްވެސް ރާއިންއަށް ބޭނުންކުރެވުނެވެ. އެއްޗިހިކިޔާފައި އައިފަހުން އަދި މަންމަ ފެންނަ ހިސާބަކަށް ނުދެއެވެ. މިހާރު މަންމަގެ ޙާލެއްވެސް ނޭނގެއެވެ. ރާއިން އައީ މަންމަ އަޑުން އަޑުނަގާ ރޯން އިންދައެވެ. ވީހާ އަވަހަކަށް މަންމަގެ ޙާލުބަލާލަން ބޭނުންވިއެވެ. އެކަމަކު މިވަގުތު އެންމެ އިސްކަންދޭންވާނީ ނަމާދަށެވެ.
މަގުކުރުކޮށްލުމަށްޓަކައި ވަލުތެރޭންލާފައި ތުނޑިއަށްދާން އޮންނަ މަގުން އަވަށާ ދިމާއަށް މިޞްރާބުޖެހިއެވެ. ރަނގަޅަށް ހަނދުވަރުގެއަލި އަދި ނުފޯރާތީ ހިސާބަކަށް އެއްޗިހީގައި އަޅައިގަންނަމުން ނެއްޓެމުން ހިނގާފައި ދިޔައިރު ފަނިފަކުސާގެ އަޑުން މުޅި ވަލުތެރެވަނީ ގުގުމާލާފައެވެ. އެހެންނަނަމަވެސް އަވަހަށް ނަމާދަށްދާން ހިތުގައި އޮތްވަރުން ވަލުތެރޭގެ ބިރުވެރިކަމާމެދުވެސް ވިސްނައެއް ނުލެވެއެވެ. ވިސްނަމުން ދިޔައީ ވީހާ އަވަހަކަށް ނަމާދުކޮށްގެން މަންމަގާތަށް ދިއުމަށެވެ. ގެއަށް ދެވުނުހާ އަވަހަކަށް މަންމަގެ ކިބައިން މަޢާފަށް އެދޭނެއެވެ. މައިން ބަފައިން މުސްކުޅިވާ ދުވަހު އެމީހުންގެ ކުރިމަތީގައި ނުރުހުމުގެ ގޮތުން ޗުއްޕުވެސް ނުބުނަން ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ އަންގަވާފައިވެއެވެ. އެމީހުން ހިތުގައި ނުޖެއްސުމަށް އަންގަވާފައިވެއެވެ. ނިކަމެތިކަމުގެ ގޮތުން އެމީހުންގެ ކުރިމަތީގައި ފިޔަތިރިކޮށްލުމަށް އަންގަވާފައިވެއެވެ. ރާއިން އެކަން ހަނދާންނެތިގެން ނުވާނެއެވެ. ރާއިންއަކީ ގިނަގިނައިން އެވާހަކަތައް ކިޔާކުއްޖެކެވެ. ޚާއްޞަކޮށް ބައްޕައަށްވުރެ މަންމަގެ ދަރަޖަ ތިންގުނައަށް އިތުރުކަން ހަނދާންވުމުން ކުރެވުނު ކުށުގެ ބޮޑުކަން އިޙްސާސްކުރެވި ލޮލުން ކަރުނައައެވެ. އަޅާއާ ކާފިރުކަމާ ދެމެދުގައިވާ ހުރަހަކީ ނަމާދެވެ. ވީމާ ނަމާދާ ދުރުހެލިކޮށް ބޮޑެތި ފާފަތަކަށް އަރައިގަތުމަށް މަގުފަހިވާ އެއްވެސް ކަމަކަށް އުއްމީދު ނުކުރުމަށް ރާއިން ޢަޒުމްކަނޑައެޅިއެވެ.
އަވަށަށް ދެވުމާއެކު މިސްކިތަށްއަރާ ނަމާދުކުރިއެވެ. ފާފަ ފުއްސެވުމަށް އެދި ޚާލިޤުވަންތަ ﷲއަށް ދުޢާ ދެންނެވިއެވެ. ކުރިއަށް އޮތްތަނުގައި ކެތްތެރިކަން މަތީގައި ޘާބިތުވެ ހުރުމުގެ ހެޔޮތައުފީޤު ދެއްވުމަށް އެދުނެވެ. ކުރެވުނު ކުށާމެދު ހިތާމަކޮށް ތައުބާވިއެވެ.
މިސްކިތުން ފައިބައިގެން އަވަސް އަވަހަށް ގެއަށްދިއައެވެ. ތެޅިތެޅިއޮތް ހިތަކާއެކުގައެވެ. ގެއަށް އާދެވުނުއިރު އަވަށުގެ އެންމެން ގޭދޮށަށް ޖަމާވެފައިވާހެން ހީވިއެވެ. ތަންތަން ކޮޅުގައި މީހުން އެއްވެފައި ތިއްބެވެ. ގޭތެރޭގައި މީހުން ގިނަކަމުން ގެއަށް ވަންނަންވެސް އުނދަގޫވިއެވެ. އަޙްމަދުގެ ހިތް ނެގިނެގިފައި ޖެހެންފެށިއެވެ. ނޭވާ ކުރުވާހެންވެސް ހީވެއެވެ. ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ. ރާއިން ފެނުމުން ކޮންމެ މީހަކުވެސް ރާއިންއާ ދިމާ ބަލާލަނީ ނުރުހުމާއެކުގައެވެ. މިއަދުވީ ކަންތައް ރަށުރައްޔިތުންނަށް އެނގުނީ ކަންނޭނގެއެވެ. އިރާދަކުރެއްވިއްޔާ ދެން އެފަދަކަމެއް ރާއިންގެ ފަރާތުން ތަކުރާރެއް ނުވާނެއެވެ. އެހެން މީހުންގެ މޫނުތަކުން ފެންނަންހުރި ނުރުމަކަށް ރާއިން ފަރުވާލެއް ނުބަހައްޓައެވެ. ދެއަތުން މީހުންތައް ދުރުކުރަމުން މަންމަގެ އެނދާ ހަމަޔަށް ދިއައެވެ. މަންމައޮތީ ހަމަހިމޭނުންނެވެ. ގޭގައި އޮންނަ ބާ، އެހެންނަމަވެސް ދޮވެސާފުކޮށްފައި އޮތް ރަޖާގަނޑު މަންމަގެ ބޮލާއެއްކޮށް ފޮރުވޭގޮތަށް އަޅާފައި އޮތެވެ. އެނދުގެ މަގަތުން އިށީނދެލައިގެން މުދިންބޭގެ އަންހެނުން އިނެވެ.
“ދެން އަވަސްކުރަމާ އުޅޭ” ކޮންމެވެސް ދިމާލަކުން ކަތީބުބޭ ބުނުއްވި އަޑު އިވުނެވެ. މީހުންތައް ކޮޅުކޮޅަށް ޙަރަކާތްތެރި ވެލައިފިއެވެ. މަންމަގެ ކަށުކަމާކެމީގެ ކަންތައްތައް ކުރުމަށެވެ. އެމީހުން އެތިބީ ރާއިން ނައިސްގެން ކަށުކަމާކެމީގެ ކަންތައްތައް ނުފެށިފައެވެ. ބައެއްމީހުންވީ ރާއިން ހޯދަންގޮއްސައެވެ. މަންމަ މަރުވީއެވެ. ރާއިންގެ ގޮތްދޫނުކުރުމަށް ކެތްނުކުރެވިގެންނެވެ. ރާއިން އެއައީ މަޢާފަށް އެދޭށެވެ. އެކަމަކު ދެން މަޢާފަށް އެދޭނީ ކިހިނެއް ހެއްޔެވެ؟ އާދެވުނުއިރު މާލަސްވެއްޖެއެވެ. އަބަދަށްޓަކައި ރާއިން ދޫކޮށްލާފައި ހިނގައްޖެއެވެ.
ނުނިމޭ.
6 Comments!
Comments are closed.

Raain Ahmed ah badhal v tha mihaaru
V interesting sotry eh but name change kohfa dhw
Varah reethi waiting 4 part 4
?????
Okay mibai ves thamkolheh dhigu kohfa rangalhu story eh genas dhinihya rangalhuvaane….
Aneh part kudakoh avahah genes dheeba pls