
ސައިކޯ – 11

7:25
“ދެން ވެސް ކޫ ކިއާ ދެކެ ރުޅިތަ އަންނަންވީ…؟ ކޫ އަށް އިނގޭތަ ކިއާ އޭރު ބިރު ގައިން ވަރު..؟” ކައިރާގެ ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަން ފެށިއެވެ. އެވާހަކަ އެކަމަކު އޭނާ ބުނާނީވެސް ކިހިނެއް ހެއްޔެވެ؟ އެވާހަކަ ގަބޫލު ކުރާނީ ކާކު ހެއްޔެވެ؟
(11 ވަނަ ބައި)
“ދެން އެހެން ވިއްޔާ ބުނެބަލަ.. ކިހިނެއްތަވީ؟ ކީއްވެ ތިހެން ތިހެދީ؟” ކައިރާގެ އަތުގައި ހިފާ ތަޅުވާލަމުން ކިއިޝާ އެހިއެވެ.
ކައިރާ ވިސްނާލިއެވެ. އޭނާއަށް ވީ ގޮތް ބުނެވިދާނެއެވެ. އެހެން ވިޔަސް އެވާހަކަ ގަބޫލު ކުރާނީ ކާކު ހެއްޔެވެ؟ އޭނާ އަތުގައި ކަތުރު އެޅުވީ އަތަށް ކޮކާލެއް ވަނުމުންނޭ ބުނެގެން ކުޑަ ކުއްޖަކުވެސް ގަބޫލު ނުކުރާނޭކަން މުޖައްރިބެވެ. އެހެން ކަމުން އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ކައިރާ އެނދުގައި އޮށޯތެވެ.
ކިއިޝާ ދެން އުޅުނީ ކައިރާއަށް އަނެއްކާވެސް ގޮވާށެވެ. ނަމަވެސް އެވަގުތު ނިޔަލް ކިއިޝާގެ ދަބަހުގައި ހިފާ އޭނާ ގޮވައިގެން އެއްކައިރިއަކަށް ޖެހިލިއެވެ. “ހަމަ ޖެހިބަލަ.. އަހަރެންނަށް އެނގޭ މީ ކިހާ ވޭންދެނެވި ކަމެއްކަން.. އެކަމަކު ކިއާ ހަމަ ޖެހިލާފައި އެވާހަކަތައް ކިޔާ ދޭން ދެން އަހަރެމެން އިހަށް މަޑު ކޮށްލަންވީ ނުން؟” ނިޔަލް އޭނާގެ ހިޔާލު ފައުޅު ކޮށްލިއެވެ. ބޯ ޖަހައިލަމުން ކިއިޝާ ދުރަށް ޖެހިލިއެވެ. އަދި ހަދީޖާއަށް ގުޅާ އެވާހަކަ އެންގިއެވެ.
***
ސްޓޭޝަނަށް ވައިން ކައިޔަންގެ ތުންފަތުގައި ކުރެހިފަ އިވީ އަންހެން ކުދިންގެ ހިތައް ކަތިލާ ފަދަ ހިނިތުންވުމެކެވެ. ދުވަހަކުވެސް އަންހެން ކުއްޖަކު ފެނިގެން އެހިތަށް ނުވާ ކަހަލަ ގޮތެއް މިއަދު ވެއްޖެކަން ޔަގީނެވެ. އެ ގޮތް ނޭނގޭ އަންހެން ކުއްޖާއާއި މެދުގައި އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. އެއީ ކޮން ކުއްޖެއް ބާއެވެ؟ މާލޭ ކުއްޖެއް ބާއެވެ؟ ރާއްޖެތެރޭ ކުއްޖެއް ބާއެވެ؟ ކޮން ރަށެއްގެ ކުއްޖެއް ބާއެވެ؟ މިއޮށް ބޮޑު މާލެއިން އޭނާ އެކުއްޖާ ހޯދާނީވެސް ކިހިނެއް ހެއްޔެވެ؟
“ކައިޔަންންންންން ކިހިނެއްވީތަ ކިނބުލެއްހެން ހެވިދިލިފައި ތިހުރީ؟ ކޯލްގޭޓު އިސްތިހާރު ކުރަނީތަ..؟” އެވަގުތު ސްޓޭޝަނަށް ވަދެގެން އައި އެޒިކިއެލްއަށް ހެވިފައި ހުރި ކައިޔަން ފެނި ދިމާ ކޮށްނުލާ ނުހުރެވުނެވެ.
“އޭން؟ ކީކޭ؟ ނޫޅެން” މޫނުގައި އަތް ހާކާލަމުން ކައިޔަން ދުރު ބަލައިލިއެވެ.
“ހޫމް. އިސްތިހާރު ކުރަނީކީ ނޫން ދޯ؟ އައި މަގުމަތީގަ ކިއުޕިޑް ތީރެއް ޖެހީ ދޯ؟” ކައިޔަންގެ އަތުގައި ވިކާލަމުން އެޒިކިއެލް އަހައިލިއެވެ.
“އާން… ދެން… ވަރަށް ލޯބި ކުއްޖެއް ފެނިއްޖެ.. ނޭނގެ ކޮންތާކު އުޅޭ ކާކު ކަމެއްވެސް.. ކިހިނެއްތަ އެކުއްޖާ ހޯދާނީވެސް..؟” ބޯ ކަހައި ލަމުން ކައިޔަން ވާހަކަ ދެއްކިއެވެ.
“ދިމާވާން ހުރިއްޔާ އަދި ދިމާވާނެ އިންޝާ ﷲ .. މަގޭ އަންހެނުންނާވެސް މަށަށް ދިމާވީ ބަނޑު ސަކަރާތްވެގެން ޑަކްޓަރަށް ދެއްކި ދުވަހު.. ހުވާ ލަދެއްވާގަތޭ.. އަހަރުން ކޯޅޭތަން ބަލަން ޑަކްޓަރުވެސް އިނީ ހައިރާންވެފަ. ހަހަހަ” 6 އަހަރު ކުރީގެ އެ ހަނދާން އައު ކޮށްލަމުން އެޒިކިއެލް ބުނެލިއެވެ.
“ހަހަހަ.. އިންޝާ ﷲ އަހަރެންނަށްވެސް އަދި އެކުއްޖާ ފެންނާނެ” ކައިޔަން ބުނެލީ އުއްމީދާއި އެކުގައެވެ.
“އިންޝާ ﷲ … ހޫމް.. ދެން ހިނގާ މަސައްކަތައް ދަމާ.. މިހެން ވާހަކަ ދައްކަން ތިއްބަސް ނުވާނެ ދޯ؟ ލޯބީގެ ކުޅިވަރު ކުޅޭނީ ދެން ފަހުން” ކައިޔަންގެ ކޮނޑުގައި ޖަހައިލަމުން އެޒިކިއެލް ބުނެލިއެވެ.
***
ހަމަ ގުޅާލާފައި ބުނުމާއި އެކުގައި ހަދީޖާ އައިސް ހުރީ ހަސްފަތާލު ގައެވެ. ލޯބިވާ ކައިރާގެ ބޮލުގައި ފިރުމާލަ ފިރުމާލަ އިން އިރު އޭނާގެ ލޮލުން ކަރުނަ ހުސްނުވެއެވެ. އެމޫނުމަތިން ފެންނަނީ ހިތާމައިގެ ސާލެކެވެ. އަމިއްލަ ނަފުސު ކުށްވެރި ކުރެވެމުން ދިޔައީ އިންތިހާއަށެވެ.
“ކީއްވެތަ…؟ ކޮބާތަ މަންމަގެ ކުށަކީ…؟ މަންމައަށް ދަރިފުޅު ހިތްހަމަ ނުޖެހޭ ކަމެއް ކުރެވުނީތަ؟ އެހެން ވިޔަސް ބުނެލި ނަމަ ދެން…؟ ކީއްވެ އަމިއްލައަށް މަރުވާން އުޅުނީ…” ކައިރާގެ އަތުގައި ހިފައިގެން އިނދެ ރޮމުން ހަދީޖާ ދެއްކި ވާހަކަ އިވިފައި ކިއިޝާއަށް ދުރު ބަލައިލެވުނީ ހިތަށް ނުކުޅަދާނަ ވެގެންނެވެ.
“މަންމާ… ކިއާ އަމިއްލައަކަށް މަރުވާކަށް ނޫޅެމޭ… ދެން އެވާހަކަ ނުދައްކަފާނަންތަ؟؟ ކިއާ ބޭނުމެއް ނޫން އެ ހަނދާންތައް އައު ކުރާކަށް…” ހަދީޖާގެ އަތުގައި ފިރުމާލަމުން ކައިރާ ބުނެލިއެވެ.
“މައްސަލައެއް ނެތް.. އެކަމަކު ދަރިފުޅު މަންމައަށް ހުވާ ކުރޭ.. ދެން.. ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާނަން ކަމަށް” ދެލޯ ފުހެލަމުން ހަދީޖާ ބުނެލިއެވެ. ކައިރާ ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ.
އެވަގުތު ބޭރުގައި ފޯނެއްގައި ހުރި ނިޔަލް ވެސް އެތެރެއަށް ވަނެވެ. “މާދަމާ ނޫން އަނެއް ދުވަހަށް އެޕޮއިންޓްމެންޓު ހަމަ ޖެހިއްޖެ” ނިޔަލް ފޯނު ޖީބަށް ލަމުން ބުނެލިއެވެ.
“ކޮން އެޕޮއިންޓްމެންޓެއް؟؟” ކައިރާ ކުއްލިއަކަށް ތެދުވެ އިށީނެވެ.
“ނަފުސާނީ ޑަކްޓަރަކަށް ދައްކާލަން ވެގެން…” އެ ސުވާލަށް ޖަވާބު ދިނީ ކިއިޝާއެވެ.
“ކީކޭ؟؟ ކޫއާއި މަންމަ ހީކުރީތަ ކިއާ މީ މޮޔައެކޭ؟؟ މަންމަ މެން ދޯ މޮޔައީ؟ ޖެހޭތަ ތަންދޮރު ނޭނގޭ މީހަކު އައިސް އާން ކައިރާ ނަފުސާނީ ޑަކްޓަރަކަށް ދައްކާށޭ ބުނާއިރަށް ދައްކަން؟؟ އަހަރެން ނަފުސާނީ ބައްޔެއް ހުރި ނަމަ މަށަށްވެސް އިނގޭނެ ދޯ؟ އަހަރެން މީ މޮޔައެއް ނޫން..” މިހާރު ކައިރާގެ މޫނުމަތީގައި ހުރީ ރުޅިވެރިކަމެވެ.
“ކިއާ.. ހަމަ ޖެހިބަލަ.. ކިއާ އަށް ރަނގަޅަކަށޭ މިއުޅެނީވެސް..” ނިޔަލް ކުރިއަށް ފިޔަވަޅެއް އަޅާލަމުން ބުނެލިއެވެ.
“ނި… ނިޔާވެސްތަ…؟” ނިޔަލް ވާހަކަ ދައްކަން ފެށުމުން ކައިރާގެ ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަން ފެށިއެވެ. މިހާރު އޭނާއަކީ މޮޔައެއް ކަމަށް ނިޔަލް ވެސް ގަބޫލު ކުރީ ހެއްޔެވެ؟
ތުންކޮޅު ފިއްތާލަމުން ކައިރާ ބޮލުގައި ގޮށް މުށްކަވާލަމުން ޖެހިއެވެ. އަދި އަތަށް ގުޅުވާފައި އިން އައިވީ ނައްޓާލިއެވެ. ވަގުތުން މުޅިތަނަށް ލޭތައް ބުރައިގެން ދިޔައެވެ. މުޅި ހަށިގަނޑުގެ އެތަން މިތާގައި އޭނާގެ ދިގު ނިޔަފަތި ތަކުން ވަކި އަޅުވަމުން ދިޔައިރު އެކި ދިމަ ދިމާލުން ލޭ އަންނަން ފެށިއެވެ.
“ކިއިޝާ ދޭ ޑަކްޓަރަށް ގޮވަން” ރޯން ފެށި ހަދީޖާ އެއްކައިރި ކޮށްލައިގެން ހުރި ކިއިޝާ ގާތުގައި ނިޔަލް ބުނެލިއެވެ. ވަގުތުން ބޯ ޖަހައިލާފައި އޭނާ އެތަނުން ނިކުމެގެން ދިޔައެވެ.
ނިޔަލް، ކައިރާ ގާތަށް އެނދަށް އަރާފައި ކައިރާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ފެށިއެވެ. ކައިރާގެ ތޫނު، އަނިޔާވެރި ހަމަލާ ތަކެއް އޭނާގެ ހަށިގަނޑަށްވެސް ކުރިއެވެ. އެހެން ވިޔަސް އޭނާ ކެތްކުރަމުން ދިޔައީ އޭގެން ކައިރާއަށް އެއްވެސް ކަހަލަ އިގެ އަނިޔާއެއް ވިޔަ ނުދިނުމަށެވެ.
ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކިއިޝާއާއި އެކުގައި ޑަކްޓަރުވެސް ވަނެވެ. އޭނާގެ އަތުގައި އޮތް ހުދު ކުލައިގެ އިންޖެކްޝަން ފެނިފައި ނިޔަލް ކައިރާގެ މުޅި ހަށިގަނޑުގައި އޮޅުލައިގަތެވެ. އެކަމަށް ނުވިސްނާ ހުރުމުން އޭނާ ފާޑަކަށް ތާށިވިއެވެ. އެހެން ކަމުން މާ އުނދަގުލަކާއި ނުލާ ޒިނާން އަށް ކައިރާގެ ހަށިގަނޑަށް އެ އިންޖެކްޝަން ޖެހުނެވެ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކައިރާގެ ހަށިގަނޑު ނިޔަލްގެ އަތު ތެރެއަށް ދެމުނެވެ.
“ނިދާ އިންޖެކްޝަނެއް މި ޖަހައިލީ.. ކިހިނެއް ވެގެން ތޯ މިހެން މިވީ؟” ޒިނާން އެހިއެވެ. ކަންވީ ގޮތް ކިޔާދިނީ ކިއިޝާއެވެ.
“އަޅުގަނޑު ބުނެލާނީ އިހަކަށް ސައިކޮލޮޖިސްޓަށް ދައްކާވާހަކައާއި އެހެން ވާހަކަތައްވެސް އެކަމާ ގުޅުން ހުރި ނަމަ އެވާހަކައެއް ކައިރާ ގާތުގައި ނުދެއްކުމަށް.. އަދިވެސް ސިކުނޑި ހުރީ ޝޮކެއްގައި ކަމަށް ބެލެވެނީ..” ޒިނާން ބުނެލިއެވެ.
(ނުނިމޭ)
ބާރަވަނަބައިގެ ތެރެއިން:
އެދެމީހުންނަކީ އަބަދުވެސް ކޯޅޭ ބައެކެވެ. އެކަމަކު މިއަދު މާ ވަރަކުން އެއުޅެނީ ކައިރާ ހެއްވާ ލަންކަން އެނގުމުން އޭނާގެ ހިތަށް ތަސައްލީއެއް ލިބުނެވެ. އެކަހަލަ އެކުވެރިން ލިބުނީތީވެސް ﷲ އަށް ހަމްދު ކުރެވުނެވެ.