ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 70 (ފަހުބައި)
ޖާހަތު ބެލްކަންޏަށް ނިކުމެ ބޭރު ބަލައިލިއެވެ. ދެލޯ ބޮޑުވެ ތަންމިނަށް އަނގަ ހުޅުވުނެވެ.
“ޒާން!” ޖާހަތު ބާރަށް ހަޅޭއްލަވައިގަތެވެ. ޒާން އެތުއްތު ދަރިފުޅު އުރާލައިގެން ގޮސް ކާރަށް އަރަނީއެވެ.
ޖާހަތުއަށް ކުރެވުނީ ރަނގަޅު ހީތަކެއްކަން އިހުސާސްކުރެވުނެވެ. ޒާންގެ އަމަލުތައް ހުރި ގޮތުން އޭނާ ކޮންމެވެސް ކަމެއް ކުރަން އުޅޭކަން އެނގުނެވެ. އެހިނދު ހަނދާންވީ ހަފްތާއެއްކުރިން ޒާން ކުރި ފޯންކޯލެވެ. ނަރުހެއް ހަމަޖައްސައިދިނުމަށާ އަދި ފުރަން ތައްޔާރުވެގެން ހުރުމަށް ބުނެލިއެވެ. އެހެންވެއްޖެނަމަ ޒާން އެދަނީ އެދަރިފުޅުގޮވައިގެން ރާއްޖެ ދޫކޮށް ދާށެވެ.
ޖާހަތު ބޭރަށް ދުއްވައިގަތެވެ. ކޮރިޑޯރ ހުރަސްކޮށް އަވަސްފިޔަވަޅުތަކެއްގައި ސިޑިން ފައިބަންފެށިއެވެ. އޭނާ ޒާން ހުއްޓުވަން ބޭނުމެވެ. އެދަރިފުޅާ ވަކިވެއްޖެ ނަމަ ޔާނާ މަރުވެދާނެއެވެ.
ސިޑިން ދުވެފައި ފައިބަމުން އައި ޖާހަތުއަށް އެންމެން ބަލަން ތިބީ ހައިރާންކަމާއެކު ހުއްޓުން އަރާފައެވެ.
“އާއިޒު. އީމް. ޒާން ހުއްޓުވާ. ބޭރުގަ ވީ. ބޭބީ ގޮވައިގެން ދާން އެދަނީ.” ޖާހަތު ސިޑިންފައިބަމުން އަނެއްކާ ދޮރާ ދިމާއަށް ދުއްވައިގަތެވެ. އާއިޒުވެސް އަވަހަށް މިސްރާބު ޖެހީ ބޭރުދޮރާ ދިމާއަށެވެ. އީމަން ބޯންއިން ފެންތަށި ދޫކޮށްލުމަށްފަހު ބޭރަށް ދުއްވައިގަތެވެ. ޔާނާއަށް ދެލޯ ބޮޑުކޮށްލުމަށްފަހު ރޮއެގަނެވުނެވެ. އަދި އަވަސްފިޔަވަޅުތަކެއްގައި ބޭރަށް ނިކުންނަށް ހިނގައިގަތްއިރު ސައުދިއްޔާއާއި ޝަކީބުގެ އިތުރުން މަރީނާވެސް ބޭރަށް ނިކުމެއްޖެއެވެ. ޒާން ކާރަށް އަރައިގެން ހިނގައްޖެއެވެ.
ޖާހަތު އެންމެ ކުރީގައި ހުރެގެން މަގަށް ނިކުތެވެ. ޖާހަތުގެ ފަހަތުން އީމަންއާއި އާއިޒުވެސް ނިކުމެ މަގުގެ ދެކޮޅު ހޯދާލިއެވެ.
“ކޮންތާކަށް ޒާން އެދިޔަޢީ؟ ކީއްވެ؟” ފުންނޭވާ ތަކެއް ލަމުން އާއިޒުއަށް ސުވާލުކޮށްލެވުނެވެ.
“ޒާން އެއުޅެނީ ބޭބީ ގޮވައިގެން ރާއްޖެ ދޫކޮށްދާން.” ޖާހަތުވެސް ދެކޮޅު ހޯދާ ބަލަމުން ބުނެލިއެވެ.
“އޭރުން ހިނގާ އަވަހަށް ފެރީޓާރމިނަލަށް.” އީމަން ބުނެލިއެވެ. އަދި ކާރުގައި އަވަހަށް ދުއްވާލިއެވެ. މަރީނާއާއި ސައުދިއްޔާ ޔާނާގޮވައިގެން ޝަކީބާއެކު ޝަކީބުގެ ކާރުގައި ދުއްވާލިއެވެ.
ފުރަން ތައްޔާރުވެފައި އޮތް ފެރީއަށް އަރައި ޒާން އިށިނދެލިއެވެ. އަތުގައިވާ ލޯބިލޯބި ދަރިފުޅުގެ މޫނަށް ބަލައިލަމުން ބޮސްދިނެވެ. “ބައްޕިގެ މިޝެލް އާ ބައްޕި ވަކިނުކުރެވޭނެ އެކަކަށްވެސް. ބައްޕިއާ އެކީގަ ބޭރަށް ދާނީ ދޯ. ދެމީހުން އެކުގައި ދެން އުޅޭނީ.” ޒާން އެދަރިފުޅާ ވާހަކަ ދައްކަމުން ދިޔައިރު ހީވަނީ މޮޔަވެފައިވާ މީހެއްހެނެވެ. އެދަރިފުޅު މެޔާލާ ބޮނޑިކޮށްލިއެވެ.
އީމަންމެންނަށް އާދެވުނު އިރު ފެރީ ވާ މޮހަނީއެވެ. އީމަން ފުންމައިގެން ގޮސް ދޯންޏަށް އެރިއެވެ. ޒާންއަށް އީމަން ފެނުނު ހިނދު ހާސްވިއެވެ.
“އަހަރެން ދަރިފުޅެއް ނުދޭނަން.” އީމަންއަށް ޒާން ފެނުމުން ޒާން ބުނެލިއެވެ.
ޒާންއަށްވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައިކަން އީމަންއަށް ވިސްނުނެވެ. “ޒާން އަހަރެން ނޫޅެން ދަރިފުޅު ހޯދާކަށް. ތިއީ ހަމަ ޒާންގެ ދަރިއެއްފަދަ. އެކަމަކު ފުރަތަމަ ގެއަށް ހިނގާ.”
ޒާން ނޫނެކޭ ބުނެލިއެވެ. އަދި ދަރިފުޅު އިތުރަށް މެޔާލާ ބޮނޑިކޮށްލިއެވެ. ” ޒާން. ތި ދަރިފުޅު ވަރަށް ކުޑަ. ޔާނާއާ ނުލާ ކިހިނެތް ގެންގުޅޭނީ. އެހެންވީމަ ފަހުންވެސް ގޮވައިގެން ދެވިދާނެއެއްނު.” އީމަން ޒާންއަށް ވިސްނައިދޭން އުޅުނު ނަމަވެސް ޒާންއަށް އެއްވެސް އެއްޗެއް ނުވިސްނޭ ފަދައެވެ. “ޒާން! ދަރިފުޅަށް މިވަގުތު އެންމެ މުހިންމީ މައިމީހާ. ޔާނުއާ ވަކިކޮށްގެން ގެންގޮސްފިނަމަ ދަރިފުޅު މަރުވެސް ވެދާނެ.” އީމަން އޭނާއަށް އެނގޭ އެންމެ ފަހު ހަތިޔާރު ބޭނުންކޮށްލިއެވެ. ޒާން މަޑުމަޑުން ތެދުވިއެވެ. އަދި އީމަންގެ ކުރީގައި ހުރެގެން ހިނގައިގަތެވެ. ޒާންގެ ހަރަކާތްތައް ހުރި ގޮތުން ޒާންގެ ސިކުނޑިއަށް އަސަރުކޮށްފައިވާކަމަށް އީމަންގެ ހިތްބުނެލިއެވެ. ދޯނިން ފައިބަންވެގެން އީމަން ދަރިފުޅު ހޯދުމަށް އަތް ދިއްކޮށްލިއެވެ. ދިރުނބާކޮޅުގައި ހުރެގެންނެވެ. ޒާން ދަރިފުޅު ދޭން އުޅެފައިވެސް ކުއްލި ހަރަކާތެއް ގެނެސް އީމަން މޫދަށް ކޮށްޕާލިއެވެ. ތޮށިގަނޑުގެ ކަނުން އީމަން ސަލާމަތްވީ ކިރިޔާއެވެ. މަގުގެ އަނެއްފަޅިއަށް މަޑުކޮށްލި ކާރުން ފޭބި ޔާނާއަށް މިމަންޒަރު ފެނި ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ދޯނިކައިރީގައި ހުޝިޔާރުކަމާއެކު ހުރި އާއިޒު ފުންމައިގެން ދޯންޏަށް އަރައި ޒާންގެ އަތުން ދަރިފުޅު ހޯދިއެވެ. އަދި ތޮށިގަނޑުމަތީގައި ހުރި ޖާހަތުއަށް އެދަރިފުޅު ދިއްކޮށްލިއެވެ. ޒާން އުޅުނީ އާއިޒުވެސް ކޮށްޕާލުމަށެވެ. ނަމަވެސް އާއިޒު އެއަށްވުރެ އަވަހަށް ފައިބައިފިއެވެ. ފެރީ ނައްޓާލީ އެވަގުތުއެވެ. ޒާން ފެރީގައި ދިޔައީއެވެ. ލޯބިވާ މަންމަވެސް ދޫކޮށްލާފައެވެ. ދެވަނަ ފަހަރަށް އެމީހުންގެ ކުރިމައްޗަށް އަންނަން ނުކެރިގެންކަމުގައިވެސް ވެދާނެއެވެ.
އާއިޒު އަވަސްވެގަތީ މޫދުގައި އޮތް އީމަން މައްޗަށް އެރުވޭތޯއެވެ. ޖާހަތު އެތުއްތު ދަރިފުޅު މެޔާލާ ބޮނޑިކޮށްލަމުން ޔާނާމެންކައިރިއަށް ދާން ހިނގައިގަތެވެ.
ސަލާމަތްތެރިކަމާއެކު ޖާހަތު ދަރިފުޅު ގޮވައިގެން އަންނަތަންފެނި ޔާނާ ދުއްވައިގަތެވެ. ރުއިމުގެ ސަބަބުން ޔާނާގެ ދެލޯވަނީ ދުޅަވެފައެވެ. ނޭފަތާއި މޫނުމައްޗަށޤ ވަނީ ރަތްކުލަ ވެރިވެފައެވެ. އެ މަދު ވަގުތުކޮޅުގެ ތެރޭގައިވެސް ޔާނާއަށް އިހުސާސްކުރެވުނީ އޭނާގެ ދުނިޔެ މުޅިން ބަނަވީ ކަމުގައެވެ. އެހިތަށް ކުރި އަސަރު ބަޔާންކޮށްދޭން ދައްޗެވެ. އަދި ޖާހަތުއާ އަރާހަމަވެ ދަރިފުޅު ހޯދުމާއެކު މެޔާލާބޮނޑިކޮށްލަމުން ބާރަށް ރޮއެގަނެވުނެވެ.
ކާރޫބާރުބޮޑު އެމަގުގެ އެއްފަރާތުން ކާރެއް ބަރުގޮނު އަޅާލިއަޑުއިވުނެވެ. ޔާނާ އަވަސްއަވަހަށް ޖާހަތުގެ އަތުގައި ހިފައިގެން އެއްކައިރިއަށް ގެންނަން ދަމައިގަތެވެ. ނަމަވެސް ބާރު ސްޕީޑްގައި އައި އެކާރު ދިޔައީ ޖާހަތު ‘ގޮވައިގެންނެވެ.’ ކާރުގައި ޖެހުނު ޖާހަތުގެ ހަށިގަނޑު ވިއްސައިގެން ގޮސް މާދުރުގައި ޖެހުނު މަންޒަރު އެންމެންނަށް ފެނުނީ އެސްފިޔަ ޖަހާލާ ފަދަ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. އެންމެން ތިބީ ބަސްހުއްޓިފައެވެ. މޫދުގައި އޮތް އީމަން އަރުވައިގެން އެނބުރުނު އާއިޒުއަށް ފެނުނީ ކާރުންޖެހި ޖާހަތުގެ ހަށިގަނޑު ވިއްސައިގެން ދިޔަތަނެވެ. އެންމެންނަށް ތިބެވުނީ އަނގަހުޅުވި ހަރަކާތެއް ގެންނަން ދަތިވެފައެވެ.
“ޖާތޫ” ޔާނާ މޮޔައެއް ފަދައިން ހަޅޭއްލަވައިގަންނަމުން ދުއްވައިގަތެވެ. ވިއްސައިގެން ގޮސް ޖެހުނު ޖާހަތުގެ އެއްވެސް ހަރަކާތެއް ނެތެވެ. 20ކަށް ފޫޓޫ ދުރުގައި އޮތްޖާހަތުކައިރިއަށް އެންމެން ދުވެފައި ދިޔައެވެ. އެތަނަށް އިތުރު މީހުންތައްވެސް އެއްވިއެވެ.
“އަވަސްކުރޭ! ޓެކްސީއެއް މަޑުކުރުވާ!” އާއިޒު ޖާހަތުގެ ހަރަކާތްހުސްވެފައި ވާ ހަށިގަނޑު އަތްމައްޗަށް އުފުލާލަމުން ބުނެލިއެވެ.
“ކާރަށް އަރަން ހިނގާ އަވަހަށް.” އީމަން ބުނެލިއެވެ. ހާސްވެފައި ހުރިވަރުން އާއިޒުއަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގޭ ފަދައެވެ.
ކާރުގައި އެންމެން މިސްރާބުޖެހީ ހޮސްޕިޓަލަށެވެ. އީމަން ކާރު ދުއްވަމުން ދިޔައިރު ފަހަތުގައި ސައުދިއްޔާއާއި އާއިޒު ޖާހަތު ގޮވައިގެން ތިއްބެވެ.
“މަގޭ ފުރާނަޔާ ދެލޯ ހުޅުވާލަބަލަ. އާއިޒު! ޖާތުއަށް ކިހިނެތްތަ މިވީ؟ ބުނެބަލަ ލޯހުޅުވާލަން.” ސައުދިއްޔާ ރޮމުން ބުނަމުން ގެންދިޔައެވެ.
“މަންމާ! ހަޅޭއްނުލަވާ. ޖާތު ރަނގަޅުވާނެޔޭ. މިދަނީ ހޮސްޕިޓަލަށް ދާކަށްނު.” އާއިޒު ބުނެލިއެވެ.
އީމަން ލޯގަނޑުން އާއިޒުގެ މޫނަށް ބަލައިލިއެވެ. ކިތަންމެ ހަމަޖެހިލައިގެން އިންނަން ބޭނުންވިޔަސް އެހިތުގައި އަޅަމުން ދިޔަ ވޭން އެދެލޮލުން ދިޔައީ ފެންނަމުންނެވެ.
އައިޖީއެމްއެޗަށް ގެންދެވުމާއެކު ވަގުތުން ފަރުވާ ދިނުމަށް ތައްޔާރުރުކުރެވުނެވެ. މަރީނާ ޔާނާގެ ދަރިފުޅު އުރުމުން ޔާނާ ދުވެފައި އައިސް އީމަންގެ ގައިގައި އޮޅުލައިގަތެވެ. ޖާހަތުގެ ހަރަކާތްހުސްވެފައި ވާ ހަށިގަނޑު ފެނި އެންމެންގެ ހިތުގެ އަޑީގައިވެސް ވަނީ އެންމެ ސުވާލެކެވެ. ނަމަވެސް އެކަކުވެސް އެކަން ހާމަ ކުރާކަށް ބޭނުންމެއް ނޫނެވެ. އެގޮތް ބޭނުން ނުވާތީއެވެ.
ފަސްވަރަކަށް މިނެޓްތެރޭގައި ޑޮކްޓަރު އައިސް ޖާހަތުގެ މަރުގެ ހަބަރު ޔަޤީންކޮށްދިނެވެ. ފައިދަށުން ބިންގަނޑު ދެމިގަތްފަދައެވެ. ޔާނާއަށް ބާރަށް ރޮއިގަނެވުނެވެ. އީމަންއަށް ރޮވުނު ނަމަވެސް ޔާނާ ކޮންޓްރޯލްކުރެވޭތޯ މަސައްކަތް ކުރިއެވެ. ސައުދިއްޔާ ވަގުތުން ހަބަރު ހުސްވިއެވެ. އާއިޒު ހަރަކާތްހުސްވެފައިވާ ބުދެއްހެން މިސްރާބު ޖެހީ ޖާހަތު އޮތް ކޮޓަރިއަށެވެ.
ބޯދަށުން ބާލީސް ނެގިފައި ދެއަތް ހަށަމަށް އެރުވިފައިވާ ޖާހަތުގެ ދެލޯ ވަނީ މެރިފައެވެ. އާއިޒު ފުންނަޒަރަކުން ޖާހަތުއަށް ބަލާލިއެވެ.
“ހާދަ އަވަހަކަށް ތި ދިޔައީ؟” އާއިޒު މަޑުމަޑުން ސުވާލުކޮށްލިއެވެ. އިތުރު އެއްޗެއް ބުނަން އަނގަހުޅުވާލިނަމަވެސް ދަތްދޮޅި ތުރުތުރު އަޅަމަން ދިޔުމުން އެއްވެސް އެއްޗެކޭ ނުބުނެވުނެވެ. ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. އާއިޒު ޖާހަތުގެ އަތްތިލަ ނަގައި އޭނާގެ އަތުތެރޭގައި ބާއްވާލިއެވެ. އެއްވެސް ހަރަކާތެއް އެއަތުގައި ނެތެވެ. “އަހަރެންގެ ހިތުގެ އަޑު އަދި ރަނގަޅަށް ނުވެސް އިއްވެނީސް ކީއްވެ މާ އަވަހަށް ތިޔަ ވަކިވީ.؟ ޖާތުއަށް އެނގޭތަ؟ ތިއީ މިދުނިޔެއިން އަހަރެންނާ ދިމާވި އެންމެ މާތް އަންހެނާ.” ޖާހަތުގެ ހަށިގަނޑުގެ ބޭރަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވިނަމަވެސް އެތެރޭގެ ގުނަވަންތަކަށް ވަރަށް ބޮޑެތި ގެއްލުންވެ އެތެރެއަށް ލޭފައިބަމުންދާ ވާހަކަ ޑޮކްޓަރު ބުންޏެވެ.
އާއިޒު ޖާހަތުގެ ނިތްކުރީގައި ފިރުމާލިއެވެ. އަދި އެއަށްފަހު އަވަސްއަވަހަސް ކޮޓަރިން ނިކުތެވެ. އީމަން އާއިޒު ކައިރިއަށް އައެވެ.
“ވަޅުލުމުގެ ކަންތައް އަވަސްކުރަމާ.” އާއިޒު ލޯ ފުހެލަމުން އީމަންއަށް ބުނެލިއެވެ. އާއިޒުގެ ކެތްތެރިކަމާމެދު އީމަން ހައިރާންވިއެވެ. ނަމަވެސް އިތުރު އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ. އެއީ މިވަގުތަށް އެންމެ ރަނގަޅުގޮތްކަމުގައި ވާތީއެވެ.
ޑޮކްޓަރުގެ ލަފާގެ މަތިން ޖާހަތު ވަޅުލުމުގެ ކަންތައްތައް އަވަސްކުރެވުނެވެ. އެއީ ގިނައިރުވެއްޖެނަމަ އެތެރެއަށް ފައިބަމުންދާ ލޭތަށް ބޭރުވާން ފަށާފާނެތީއެވެ.
ދަންވަރުގެ ވަގުތުގައި ޖާހަތުގެ ފުރާނަނެތް މަސްގަނޑު ސަހަރާއަށް ގެންދެވުނެވެ. އަދި ހިނެވުމުގެ ކަންތައް ކުރިއަށް ދިޔައެވެ. އެންމެ ކުރީގައި ހަރަކާތްތެރިވެ އުޅުނީ އާއިޒުއެވެ. އާއިޒުގެ ހަރަކާތްތަކަށް ކެތްނުކުރެވިގެން އީމަން ގޮސް އާއިޒު ހުއްޓުވިއެވެ.
“އާއިޒު!” އީމަން އާއިޒުގެ ކޮނޑުގައި ހިފަމުން ބުނެލިއެވެ.
އާއިޒު އީމަންގެ އަތްތިލަ ނެގިއެވެ. “އީމަން! އަހަރެން ފަހުރުވެރިވަން ޖާތުފަދަ މާތް އަންހެނެއްގެ ލޯބި އަހަރެންނަށް މަދުދުވަސްކޮޅަކަށް ނަމަވެސް ލިބުނު ކަމަށްޓަކާ. އެފަދަ މާތް މީހުންނަށް މިކަހަލަ ފަސާދައިން ފުރިގެންވާ ބިމަކު އުޅުމުގެ އެއްވެސް ބޭނުމެއް ނެތް. އަހަރެން ބޭނުން ޖާހަތުގެ ވަދާއީ ކަންތައްތައް އެންމެ ފުރިހަމައަށް ޝަރަފުވެރިކަމާއެކު ކުރަން.” އާއިޒު ބުނެލިއެވެ. ލޮލުގައި ޖާމާވަމުންދާ ކަރުނަތިކިތައް އަތުގެ ނުފުށުން ފުހެލަމުން ކުރިއަށް ހިނގައިގަތެވެ. އާއިޒު ކިތަންމެ ސިއްރުކުރަން އުޅުނު ނަމަވެސް އެހިތުގައި އަޅަމުންދިޔަ ވޭން އެމޫނުމަތިން ދިޔައީ ހާމަވަމުންނެވެ.
ހިނަވާނިމުމުން މޫނު ދެއްކުން ކުރިއަށް ދިޔައެވެ. ހުދުކަފުނުގެ ތެރޭގައި ޖާހަތު އޮތްއިރު ހީވަނީ އަރާމު ނިންޖަކުން ނިދާލާފައި އޮތީހެނެވެ. މޫނުގައި އުޖާލާކަންވިއެވެ.
ޔާނާ އޭނާގެ ރަހްމަތްތެރިޔާ އާ ވަދާއީ ސަލާމްކޮށްލިއެވެ. ދެ ރަހްމަތްތެރިން ހަޔާތުގައި ވޭތުކޮށްފައިވި އުފާވެރިދުވަސްތައް ހުލާސާކޮށް ކުރިމަތީގައި ފެންނަމުން ދިޔައެވެ. ޅަދުވަހުންފެށިގެން މިއަދާހަމައަށް ޖާހަތު ޘާބިތުކޮށްދީފައިވަނީ އޭނާއަކީ ވަފާތެރި ރައްޓެއްސެއްކަމުގައެވެ. އެކަނި އުޅެ ބޮޑުވިނަމަވެސް ކަންކަމާ ކުރިމަތިލަނީ ހިތްވަރާކެރިގެންނެވެ. ޖާހަތު މިއަދު ޔާނާ ދޫކޮށްފައި ދާއިރު އޭނާގެ މައްޗަށް އޮތް ދަރަނި ބޮޑެވެ. “ޖާތު. އަހަރެން މުޅި އުމުރުގައި ޖާތުގެ އެކުވެރިކަމުގެ ބަދަލު ދޭން މަސައްކަތް ކުރިނަމަވެސް އެއީ ވާނެ ކަމެއް ނޫން. މިރޭ އަހަރެންގެ ހަޔާތުން އުނިވެގެން މިދިޔައީ އަހަރެންގެ އެންމެ އަގުބޮޑު ޖަވާހިރު. މާތްﷲ ޖާތުއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުމަކީ އަހަރެންގެ ދުޢާ.” ޔާނާ ނިކުތެވެ. އެދެލޮލުން ކަރުނަ ނުހިފެހެއްޓެއެވެ. އީމަން ޔާނާއަށް ހިތްވަރު ދެމުން ދިޔައެވެ.
ފަތިސްނަމާދަށްފަހު ޖާހަތު ވަޅުލުމުގެ ކަންތައް ކުރިއަށް ދިޔައެވެ.
އާ ދުވަހަކަށް އިރު އަރައިގެން އައިއިރު އިއްޔެގެ ހަޔާތުން ވަރަށް ބޮޑުބައެއް ވަނީ އުނިވެގެން ގޮސްފައެވެ. ވަޅުލުމުގެ ކަންތައް ނިމި އެންމެން ނިކުމެގެން ދިޔައިރުވެސް އާއިޒު ޖާހަތުގެ މަހާނަކައިރީގައި އިށީނދެލައިގެން އިނދެ ވެލިތަކުގައި ފިރުމަމުން ދިޔައެވެ. ލޯ ކުރިމަތީގައި ސިފަވަމުންދިޔައީ ކައިވެނީގެ ރޭގައި ދެމީހުން ހޭދަކުރި އުފާވެރި ވަގުތުކޮޅެވެ. ޖާހަތުގެ އެލޯބި ހިނިތުންވުމެވެ. ހަމަ އެހެންމެ އެރޭ ޖާހަތު ދެއްކި ވާހަކަތައްވެސް އާއިޒުގެ ކަންފަތުގައި ގުގުމަމުންދިޔައެވެ.
“ތެންކްސް އާއިޒު. އަހަރެންގެ މުޅި އުމުރު ދުވަހު އެދެމުން އައި ރައްކާތެރިކަމާއި ހިމާޔަތް މި ފެނުނީ އާއިޒުގެ އަތުތެރެއިން. މިރޭ އަހަރެންނަށް ފަހުރުވެރިކަމާއެކު އަމިއްލަ ނަފްސަށް ބަލައިލެވިއްޖެ. ދުނިޔެއަށް ގިނަވެ އެންމެން ކުޅޭކުޅޭ ބުދެއްފަދައިން އަހަރެން ގެންގުޅުނު އިރު އަހަރެންގެ ހިތްވެސް އެދި ގޮވަމުން ދިޔައީ މިފަދަ ހިމާޔަތަކާ ރައްކާތެރިކަމަކަށް. އަހަރެންގެ މުޅި އުމުރު އާއިޒު އާ އެކީ ވޭތުކޮށްލަން ބޭނުން. މިދުނިޔޭގަވެސް. އަދި އާޙިރަތުގަވެސް ބޭނުމީ އާއިޒުއާ އެކީގައިވާން.”
“ޖާތު އަހަރެން އެދުނިޔެއިން ޖާތުއާ ބައްދަލުކުރަނަން.” އާއިޒު ބުނެލިއެވެ. ދެން އިތުރަކަށް ހިފަހައްޓައެއް ނުލެވުނެވެ. ކިތަންމެ ނުރޯން ހުއްޓަސް ރޮއެގަނެވުނެވެ. ކެތްކުރެވޭވަރަށް ވުރެ ހިތަށްވަމުން ދިޔަ ތަދު ބޮޑުވީއެވެ.
ޖާހަތުގެ އެކްސިޑެންޓް ކޭސް ފައިލްކުރެވި ފުލުހުން ތަހްގީގިކުރަންފެށިއެވެ. ފުލުހުންގެ ހޯދުންތަކުގެ އަލީގައި ޖާހަތުގެ ޤާތިލު ހާޒިރުކުރެވުނެވެ. އެއީ ޖާހަތުއަށް އަބަދުވެސް ފެންބޮވައިގަނެފައިވާ ހުމާމެވެ. އެރޭ ހުމާމު ދިޔައީ ޖާހަތަށް ފާރަ ލަމުންނެވެ. ޖާހަތު ތޮށިގަނޑުމަތީގައި ހުރިއިރު ހުމާމު ދުރުގައި ކާރުތެރޭގައި އިނދެ ވިސްނަމުންދިޔައީ ޖާހަތުގެ ކިބައިން ބަދަލުހިފާނޭ ގޮތެކެވެ.
“އަހަރެން ބުނިން އަހަރެންނަށް ޖާހަތު ނުލިބެއްޖެނަމަ ދެން އެހެން އެކަކަށްވެސް ޖާހަތު ނުލިބޭނެޔޭ، މަގުމެދުގައި ހުއްޓާ އަހަރެން ޖާހަތުގައި ކާރުން ޖެއްސިން. މިދުނިޔެއިން ނައްތާލުމުގެ ނިޔަތުގަ. އެއާއިޒު އަހަރެންގެ ދިރުއުޅުން ހަލާކުކޮށްލީ. މިހާރު އޭނާގެ ދިރިއުޅުމުގައި ހަތަރަ ފަރާތުންވެސް ފެންނަމުންދާނީ އަނދިރިކަން.” ހުމާމު ފުލުސްއޮފީހުގައި ބުންޏެވެ. ކުށް ޘާބިތުވުމުން ހުމާމު ހައްޔަރުކުރެވުނެވެ، ނަމަވެސް އޭނާގެ މޫނުމަތިން ކުށުގެ އެއްވެސް ލަދުވެތިކަމެއް ނުފެނެއެވެ.
ހުމާމަށް ހައްޤުއަދަބު ލިބިގެން ދިޔަނަމަވެސް އާއިޒުއާއި ޔާނާއަށް ލިބިގެން ދިޔައީ އެމީހުންނަށް ހައްޤު ސަޒާއެއް ނޫނެވެ. ޖާހަތުފަދަ ގާތްއެކުވެރިއެއް ، ހެޔޮލަފާ އަންބެއް ވަކިވެގެން ދިޔަކަމީ ފޫ ނުބެއްދެނެ ވަރުގެ ގެއްލުމެކެވެ. ހަމަ އެހެންމެ ޒާންގެ އަމަލުން އީމަންއަށް ފުން ހިތާމައެއް ލިބުނެވެ. ޒާން އެހެންކަންތައްކުރަންވީ އެއްވެސް ސަބަބެއް ވިސްނައިނުގަނެވުނެވެ. ނަމަވެސް އީމަން އެއްޗެސް ޝަކުވާއެއް ނުކުރެއެވެ. މަރީނާއަށް ހިތްވަރުދިނެވެ. ޒާން ކަންތައް ކުރިގޮތުން މަރީނާ ބޭނުންވީ ރަށަށް ދާށެވެ. އީމަންއާ ކުރިމަތިލާނެ ހިތްވަރު ނެތުމުގެ ސަބަބުންނެވެ.
ޔާނާ އޭނާގެ ތުއްތު ދަރިފުޅަށް ނަންކީ ޖާހަތުގެ ނަމުންނެވެ. ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ޖަހާތުގެ ފަޅުކަން އެހަޔާތުން ފިލުވައެއް ނުލެވުނެވެ.
1މަސްފަސް
ޔާނާ އިނީ ތުއްތު ޖާހަތު ގޮވައިގެން ބޭރު ބަގީޗާގައެވެ. އީމަން އޮފީހުން އައިސް ޔާނާ ކައިރީގައި އިށީނދެލިއެވެ. 1މަސް ވެގެން ދިޔައިރުވެސް ޔާނާގެ މިޒާޖަށް ކުޑަނަމަވެސް ބަދަލެއް ނާދެއެވެ.
“ޔާނު! ތިވަރަށް ފިކުރު ނުކުރޭ.” އީމަންއައިސް ކުޑަކުޑަ ޖާހަތު އުރާލަމުން ކޮޅަށްތެދުވެލިއެވެ. ޔާނާ އެއްޗެކޭ ނުބުނެ ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ.
“ޖާތުއަކީ ޔާނުއަށް ހެޔޮ އެދޭ މީހެއް. ޖާތު ކިހާ ދެރަވާނެ ޔާނު އަބަދު ރޯތަން ފެނުނީމަ. ޖާތު ބޭނުންވަނީ ޔާނު އުފަލުގަ އުޅޭތަން ދެކެން. ޖާތުގެ އެއެދުން ފުރިހަމަ ނުކުރާނަންތަ؟” އީމަން ބުނެލިއެވެ.
“ނޫން އީމް! އެކަމަކު މިދުނިޔެމަތީގަ އުފަލުގައި އުޅުމުގެ ހައްގު ޖާތުއަށްވެސް ލިބިގެން ވެއެއްނު. އެހައްގު ނިގުޅައިގަތްއިރު އެ ނުލަފާ ހުމާމުގެ ހިތަށް ހަމަ އެކައްޗެއްވެސް ނާރާ،” ޔާނާއަށް އަނެއްކާ ރޮވުނެވެ.
އީމަން ޔާނާގެ ކައިރީގައި އިށީނދެލިއެވެ. “ޔާނު. އަހަރެމެން އަތްމަތީގަ ހުރިހާކަމެއްގެ ބާރެއް ނުވެޔޭ. ޤަބޫލުކުރަން ޖާތުއަށް މިދުނިޔެމަތިން މިންވަރުވީ ވަރަށް ކުޑަ އުފާވެރި ވަގުތުކޮޅެއްކަން. އެކަމަށް އަހަރުމެންނަށް ކުރެވޭނެ އެއްވެސް ކަމެއްނެތް. އެކަމަކު މިއަދު ޖާތުގެ ބަދަލުގައި އަހަރުމެންގެ މި ކުޑަކުޑަ ޖާތުއަށް އުފާދެވިދާނެ އެއްނު. އެ ޖާތުގެ ހަޔާތް ހިތާމައިން ފުރިފައިވިނަމަވެސް އަހަރެމެންނަށް މި ޖާހަތުގެ ދިރިއުޅުން އުޖާލާ ކޮށްދެވިދާނެއެއްނު. ޖާހަތުއަށް ނުލިބުނު ހުރިހާ އުފަލަކާ ލޯތްބެއް މި ޖާހަތުއަށް މިންވަރުކޮށްދެވިދާނެއެއްނު.” އީމަން ޔާނާއާށް ވިސްނައިދިނެވެ. ޔާނާ ކަރުނަ ފުހެލަމުން ހިނިތުންވެލިއެވެ.އީމަންގެ ވަހަކަތަކަށް އެއްބަސްވަމުންނެވެ. ކުޑަކުޑަ ޖާހަތު އީމަންގެ އަތުގެ އިނގިލިތަކުގައި ހިފަހައްޓާލައިގެން އޮތްއިރު އެމޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަ ޖެހުމާއި އުފަވެރިކަމެވެ. ރައްކާތެރި މާހައުލެއްގައި ލެއްވީތީއެވެ. ޔާނާ އީމަންގެ ކޮނޑުގައި ބޯއަޅާލަމުން ތުއްތު ޖާހަތުގެ ކޮލުގައި ކޮށްޓާލިއެވެ. އުފާވެރި ހަޔާތެއް ވޭތުކުރުމަށް ނިޔަތްގަންނަމުންނެވެ.
ހަޔާތުގައި އަހަރެމެން ބޭނުންވާ ހުރިހާ އެއްޗެއް ނުލިބުމަކީ އެކަށީގެންވާކަމެކެވެ. އަދި ހަމަ އެހެންމެ ކިތަންމެ ވަކިވާން ބޭނުން ނުވިނަމަވެސް ލޯބިވާ މީހުންނާ ވަކިވާންޖެހެއެވެ. އަހަރުމެން އިންސާނުންނަށް އޮތީ ކެތްކުރުމެވެ.
ޖާހަތުފަދަ ބައިވެރިއަކާ ވަކިވާން ބޭނުންވާނީ ފަހެ ކާކު ހެއްޔެވެ؟ ނަމަވެސް ވަގުތު ޖެހުމުން އެކަންވެސް ވެނިމުނީއެވެ.
ޔާނާއާއި އީމަން ވެސް މި ފިލާވަޅުދަސްކުރިއެވެ. އެދެމީހުންނަށްވެސް އެކުގައި ވޭތުކުރެވޭނީ ކިތަށް ދުވަސްކަމެއް ނޭނގެއެވެ. ދެމީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެއެވެ. ވަކިކާވަކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އަޒުމަކަށްވީ އުފަލުގައި އެއްކޮށް އުޅެމުން ހަޔާތް ވޭތުކުރާށެވެ. ކުޑަކުޑަ ޖާހަތުގެ ހަޔާތް އުފާވެރިކަމުން ފުރާދޭށެވެ. ގުޅުމާއި ވަކިވުމަކީ އަހަރެމެންގެ އަތުގައި ވާ ކަމެއްނޫނެވެ. ނަމަވެސް ދެހިތްވެސް ބުނަމުންދިޔައީ އެއްވާހަކައެކެވެ. ވަކިވާކަށް ބޭނުމެއް ނޫނެވެ. އެއަށްވުރެ މާލޯބިވެއެވެ. ޖާހަތުއާ އާއިޒުވެސް އެކަކު އަނެކަކާ ވަކިވެގެން ދިޔަ ހިނދު އެދެހިތް ގޮވަމުން ދާނީ ހަމަ މިހެންކަން ޔަޤީނެވެ. ނޭދެމޭ ވަކިވުމެއް…… ހާދަހާ ލޯބިވޭ!!!!
ނިމުނީ
33 Comments!
Comments are closed.



Jaathu Maru nuvinama maareethivees
Ekamves 4 yrs in ninmaaladhineethee thanks
VARAH REETHI STRY EH…
Ending ehaa ryhcheh noon… Jaahathu maraanulinama v habeys vaane… N aaaaixu ah knmes gotheh hedhinamavx… N rym kobaa
Mi vaahaka nimen beynumehnoon????????????? v asarugadha reethi vaahaka eh.
Yaanu ge mom kobaa
Guys i told u miheney vaani,. Hehe..
hmmm…… lyn v molhu.
Vaahakaige kureege partx thah v reethi by ending reehcheh nun… koba reem… n yaanage mom…
Yaana ge mom dead vii
Jaathu maruveema dheravy varah reethi mivaahaka
v reethi mi whole story ves
V reethi story eh.. nice
Kada vaahaka eh … Hama eh nujeheyy … Vaahakaii ge vaki hisaabakun syih fadha hetiler reem ah vii goii vx neyygunu … Ehaa varah dhigu dhamaafa nimunn reethi vi nama v salhi vees … Heevaa gohthun liye liye foohi vgn vaahaka gadha kamunn nimmaaalaafa miothyy
Ending ehaa rycheh noon ….n yaanu mom maru vi ehnu eyna handhaan nethifa hutta …
Yaanuge mom ehaa balikoh hospitaluga baahvaafa fahun veegotheh neynge
Vaahaka kadakameh neynge .. abadhu up veythw balaairaku…. yaanu ge mom maruvi vaahaka liyefa oii n reem yaana maraalan ulhunkan saabithuveema dhen eynayah adhabuthaa dheynee.. dhen eynage konvaahakaeh liyaakahtha…. vaahaka v v reethi
yes.. u r ryt..
Jaathu maruvyma vv dhera. Aslu maru nuvi nama maa reethi vees mi vaahaka
Vaahaka v v reethi
V salhi mi stryy…n jaathu maru v ma v sad…bt stry ge name aa gulhey thy nice
Finally mi story ves nimijje dho
New story eh vx noon
vaahaka varah salhi
happy an sad ending eh aissa
Nimun eha reehcheh noon. And zaan goas kohleema dhera
Yaanaa ge handhaan thah ehkn anburaa aeetha? Jaahath maru v ma kureege handhaan v? N ferry thereyga v kanthah ehaa real eh noon. Zaan innaanee baby govaigen ferry ethtereyga hen heevanee dhw.. n vaa mohaafa hiyeh nuvey eeman eryma madu kuraane heneh nattaanulaa.. ethan ehaa hama eh nujehey.. anywax its a story..
Jaathu marubeema v sakaraah.. ekamves v reehi mi vahaaka. Mihaathanah kiyaalevunu emme interesting story mi. Adhi meege ehn vaahakeh up kohdheyne kamah umeedhu kuran
Vv reethi
V reethi bt jaathu maraanulina ma maa reethi vyys ……nd yaanu ge mom kobaa …..ryms ves kobaa …….jaathu maruvyma v kada dhen aaix aai vakivyma ….?????
Varah asaru gada reethi mi vaahaka.
Nice story.,keep it up
Nice story.,keep it up…varah interest aa ehkoh kiyaa levunu..
Story hama v v reethi…nimun ves v reethi…aaiz ah evee hama vaan vi gothah…
vvv habeys…..vv salhi stry….like it…