Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 69

Esfiya
July 15, 2016
9 Mins Read
65 Views
10 Comments

“ހާދަ ހައިރާންވެފަ؟” އީމަން ހިނިތުންވެލަމުން ސުވާލުކޮށްލިއެވެ. ޒާން އިސްޖަހާލިއެވެ. އެއަށްފަހު އީމަންއަށް ބަލައިލިއެވެ. ވާހަކައެއް ބުނަން ބޭނުންވެގެން އުޅޭ ކަހަލަ ނަޒަރަކުންނެވެ.
“އަހަރެން ހީކުރަން ޒާން ތިގޮތަށް ކަންތައް ކުރުމުގައި މަޤްބޫލު އުޒުރެއް ވާނެކަމުގައި.” ޒާން ހިފާފައި ހުރި ކޮޓަރީގެ ކުރިމަތީގައި ހުރި ކުޑަ ސިޓިން އޭރިއާގައި ދެމީހުން އިށީންނަމުން އީމަން ބުނެލިއެވެ.
“ޑީޑީ. އައި އެމް ރިއަލީ ސޮރީ. އަހަރެންނަށް އެއީ ޑީޑީގެ އަންހެނުންކަން އެނގުނު ނަމަ…..” ޒާން ދެރަވެފައި ބުންޏެވެ.
“ޒާން! މާނައަކީ އެއީ އެހެން މީހެއްގެ އަންބެއް ނަމަ ހަމަ ކަންތައް ކުރާނީ ތިގޮތަށޭތަ؟ އަހަރެން ޒާންއަށް ހާދަ އިތުބާރެއް ކުރަމޭ< އަހަރެންނަށް ޒާން ބެލެވިފައިވަނީ ބޮޑު ބޭބެއެއްގެ ހައިސިއްޔަތުން އެކަމަކު ތިގޮތަށް ކަން ކުރުމުން ވަރަށް ހައިރާން ވެއްޖެ. މީ ކީއްވެގެން ވީ ކަމެއް؟" އީމަން ސުވާލުކޮށްލިއެވެ.
ޒާން އޭނާގެ ވާހަކަތައްކިޔައިދޭން ފެށިއެވެ. ހުރިހާ ކަމެއް ހަޤީޤަތަށެވެ. ބަލަދުވެރިއެއް ނެތް ދިވެހި ކުއްޖެއް ހޮސްޕިޓަލުގައި އޮތް ހަބަރު ލިބުމުން އޭނާ އެތަނަށް ދިޔައީ ހަމަ އެކި ދިވެއްސަކަށް ވީތީ އެނިޔަތުގައެވެ. އޭނާއަށް އެހީތެރި ވެވެން އޮތީތީއެވެ. އައިސީޔޫގައި ފަރުވާ ދެވެމުން ދިޔަ ޔާނާއަށް ލިބިފައިވާ އަނިޔާ ނުހަނު ބޮޑެވެ. އޭނާ ދިޔައީ މަރާ ހަނގުރާމަކުރަމުން ކަހަލައެވެ. ބޯ ފަޅައިގެން ގޮސް އެތެރެއަށް ލޭ ފައިބަމުން ދިޔައިރު މޫނުވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ. ޔާނާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކުރަންޖެހުނު އޮޕްރޭޝަންގެ ހުއްދަ ދިނުމުގެ ފޯމުގައި ޒާން ސޮއި ކުރީ ފިރިމީހާގެ ހައިސިއްޔަތުންނެވެ. އަދި ބަލިމީހާގެ ނަމަކަށް ދިނީ އޭނާއާ ވަކިވެގެން ދިޔަ އިޔާނާގެ ނަމެވެ. 12 ގަޑީރުގެ ނުރައްކާތެރި އޮޕްރޭޝަނަކަށްފަހު ޔާނާ އައިސީޔޫއިން ނެރުނު އިރުވެސް ހޭނާރައެވެ. ޔާނާ ހޭއެރީ 1ހަފްތާ ފަހުންނެވެ. ޔާނާގެ އެއްވެސް ހަނދާނެއް ނެތެވެ. ލޯ ހުޅުވާލުމާއެކީ ޔާނާ ކުރަންފެށި އެއްވެސް ސުވާލަކަށް ޒާންއަކަށް ދޭނެ ޖަވާބެއް ނުވިސްނުނެވެ. ނަމަވެސް ޔާނާ އޭނާގެ އަސްލުހޯދަން ބޭނުން ވަރުން ދިޔައީ މެދުނުކެނޑި އެކަމާ ސުވާލުކުރަމުންނެވެ. ޖަވާބެއް ނުލިބުމުން އެކަމާ ޔާނާ ވިސްނަން ފެށުމުގެ ނަތީޖާއަކަށް ވީ އޭނާގެ ހާލަތު އިތުރަށް ގޯސްވެގެން ދިޔުމެވެ. ޒާންއަށް އެހިސާބުން މަޖުބޫރުވީ ޔާނާއާށް އިޔާނާގެ ވަނަވަރު ދިނުމަށެވެ. އެގޮތުގެ މަތިން ޔާނާ އިޔާނާއަށް ބަދަލުވީއެވެ.
އެކްސިޑެންޓްގެ ޒަހަމްތައް ފަސޭހަވެގެން އައިއިރު މޫނުގައި ބޮޑެތި ލަކުނުތައް އުފެދުނެވެ. ޔާނާއަށް އޭނާގެ އަމިއްލަ ސޫރަ ނުފެނުނަސް ޑޮކްޓަރުންގެ ލަފާގެ މަތިން ޒާން ނިންމީ އެލަކުނުތައް ނައްތާލުމަށެވެ. އެހެންކަމުން އެލަކުނުތައް ސާޖަރީ ކުރެވުނެވެ. އެ ސާޖަރީގައި އެހީއެއްގެ ގޮތުން ޑޮކްޓަރުން ބޭނުންކުރީ އިޔާނާގެ ފޮޓޯއެކެވެ. ނަތީޖާއެއްގެގޮތުން ޔާނާގެ މޫނުން ކޮންމެވެސް ވަރަކަށް އިޔާނާގެ ސިފަވެސް ފެންނަމުން ދިޔައެވެ.
"އަހަރެންގެ ހިތުގައި ޔާނާގެ މައްޗަށް އެއްވެސް އެދުމެއް ނެތް. އެކަމަކު ޔާނާގެ ރިޕޯރޓްތައް އަހަރެން އަތަށް ލިބުނުއިރު އޭގައިވާ ސްކޭން ފޮޓޯތަކުގައިވާ ތުއްތު ފުރާނަ ފެނުނު ހިނދު އަހަރެންގެ ހިތުގައި ވަޅުލެވިފައިވާ ތުއްތު ދަރިފުޅުގެ ލޯބި އަލުން ދިރިގެން ދިޔަ ފަދަ. އިޔާނާ ބަލިވެ އިން އިރު އަހަރެން އެ ދަރިފުޅަށްޓަކައި ނުވާ އެއްވެސް ޤުރުބާނީއެއް ނެތް. އެކަމަކު އެއީ އަމިއްލަ އެދުމުން ފުރިގެންވާ އަންހެނެއް. އަހަރެންނަށް އަޑުއިވިފައިވާގޮތުންނަމަ ދަރިންގެ ފުރަތަމަ ތޮޅިލުމާއެކުވެސް މައިންގެ ހިތުގައި މައިވަންތަކަމުގެ ލޯބި އުފެދިގެންދޭ. އެކަމަކު އިޔާނާ އެފުރާނަ މަރާލީ ބަނޑުގައި ތެޅިތެޅި އޮއްވާ. އަހަރެން އެ ދަރިފުޅުގެ ތޮޅުން އިހުސާސްކުރަން. ކޮންމެ ދުވަހަކު. އެކަމަކު އެއްދުވަހަކު އިރުއެރިއިރު އިޔާނާ އަހަރެން ދޫކޮށް ފިލައިފި. އަހަރެންނާ އަހަރެންގެ ލިބެން އުޅޭ ދަރިފުޅު ވަކިކުރުމުގެ އިތުރަށް އެކުށެއް ނެތް ފުރާނަވެސް މިދުނިޔެއަށް ނޭވާލުމުގެ ކުރިން ނައްތާލި. ހަމަ އެކަނި އޭނާގެ ކެރިއަރަށްޓަކައި." ޒާން އަށް ވާހަކަ ދައްކަމުން ގޮސް ރޮވުނެވެ. އޭނާ ފުރާނަފަދައިން އެދުނު ދަރިފުޅާމެދު ކަންތައްވީ ހިތާމަވެރިގޮތް ސިފަވުމުންނެވެ. އީމަން އެވާހަކަ ތައް އަޑު އަހަން އިންއިރު އޭނާގެ މޫނުމަތިން ޒާންއަށްޓަކައި ހަމްދަރުދީ ފެންނަން ހުއްޓެވެ.
ޒާން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. "އަހަރެން ޔާނާގެ ކިބައިން ބޭނުންވީ އެތުއްތު ދަރިފުޅު އެކަނި. އެއީވެސް އެއްވެސް ނުބައި ނިޔަތެއްގައެއްނޫން. އަހަރެންނަށް ސިފަވެގެން ދިޔައީ އަހަރެންގެ ގެއްލުނު ދަރިފުޅު އަހަރެންނަށް އަނބުރާ ލިބުނީކަމުގަ." ޒާން ވާހަކަތަކަށްފަހު އީމަންކައިރިއަށް ގޮސް އިށީނެވެ. "ޑީޑީ! ޔާނާއަކީ ޑީޑީގެ ވައިފްކަން އެނގުނު ނަމަ އަހަރެން ހަމަ ވަގުތުން އެކަން އަންގާނަން. ޑީޑީގެ އެކްސިޑެންޓްގެ ވާހަކަތައް ކިޔައިދިނުމުންވެސް އަހަރެންނަކަށް މިކޭސް މާބޮޑަކަށް ނުނެގުނު. އައި އެމް ރިއަލީ ސޮރީ." ޒާން ދެރަވެފައި މަޢާފަށް އެދުނެވެ.
"އިޓްސް އޯކޭ ޒާން. އަހަރެން ޒާންއަށް އިތުބާރުކުރަން." އީމަން ޒާންއާ ކޮނޑާކޮނޑު ޖައްސަމުން ހިތްވަރުދިނުމުގެ ގޮތުން ބުރަކަށީގގައި ތަޅާލިއެވެ.
ޒާން ހިނިތުންވެލަމުން ލޮލުގައިވާ ކަރުނަ ތިކިތައް ފުހެލިއެވެ. "ދެންވެސް ހިނގާބަލަ އަވަހަށް ޔާނާ ކައިރިއަށް." ޒާން ބުނެލިއެވެ.
އީމަންއާ ދެމީހުން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ކޮޓަރިއާ ގާތަށް އެޅޭ ކޮންމެ ފިޔަވަޅެއް އީމަންގެ ކެތްތެރިކަން ކުޑަކުރަމުން ދިޔަކަހަލައެވެ. އޭނާގެ ފުރާނަފަދައިން ލޯބިވާ އަންހެނުންނާ އޭނާއާ ދެމެދު ލެވިފައިވި ބޯފާރު އެކީގައި ވެއްޓިގެން ދިޔުމުން ހިތްއުފަލުން ރޮމުން ދިޔައެވެ.
ނިދިފައި އޮތް ޔާނާއަށް ހޭލެވުނީ ކޮންމެވެސް ކަހަލަ އުނދަގޫތަކެއް ވާހެން ހީވުމުންނެވެ. ދެފައިފިނިވެފައި ވުމުން ހީކަރުވާ ގޮތްވިއެވެ. ތެދުވެ އެނދުގައި އިށީނދެލިއެވެ. ނަމަވެސް ހަމަ ޖެހުމެއް ނުލިބުނެވެ. ކުއްލިއަކަށް އުނގަނޑާދިމާލުން ތަދެއް އެރިއެވެ. ހަމަ އެރުމާއެކުހެން އެތަދު ފިލައިފިއެވެ. ވިހަންވީ ވަގުތު އައިސް ޖެހުނީކަމުގެ އިހުސާސް ކުރެވުނު ހިނދު އަވަސްވެގަތީ ފާހާނާއަށެވެ. ފެންވަރާ ތައްޔާރުވެލުމަށެވެ. ހިތްވަރުކޮށްފައި އެކަންކުރިއަށް ގެންދިޔައިރުވެސް އިރުއިރުކޮޅާ އެތަދު އަރައި ފައިބަމުން ދިޔައެވެ. އެހެންކަމުން އަވަސްއަވަސްކޮށްލިއެވެ. ފާހާނައިން ނިކުމެ ހެދުމެއް ނަގައިގެން ލިއެވެ. ނަމަވެސް ދެން ތަދު ވާންފެށީ މާބޮޑަށެވެ. އަދި ތަދު އެރުމަށްފަހު ފައިބައިގެން ދާލެއް ލަސްވަމުން ދިޔައެވެ. ފެންވަރައިގެން ނިކުތް ނަމަވެސް މީހާ ގައިން ދާހިއްލާލިއެވެ. ވަގުތުވާ ވަރަކަށް އަރަމުން ދިޔަ ތަދު ދިޔައީ ބޮޑުވަމުންނެވެ.
ޔާނާ ފޯނު ނަގައި މަރީނާއަށް ގުޅަން ތައްޔާރުވިތަނުން އަނެއްކާ ތަދުވާންފެށިއެވެ. މިފަހަރު ކެތްކުރެވޭ ވަރެއް ނުވިއެވެ. އުނގަނޑުގައި އަތްއަޅާލަމުން ހިތްވަރުކުރިއެވެ. ތަދު ނުފިލާ ފަސްވަރަކަށް މިނެޓަށް ހުރިއެވެ. އެއަށްފަހު ތަދު ކެނޑުނެވެ. ޔާނާ އަވަސްއަވަހަށް މަރީނާއަށް ޑަޔަލްކޮށްލިއެވެ.
ދޮރުގައި ޓަކިދިން އަޑުއިވުނީ އެވަގުތުއެވެ. ޔާނާއަށް ދޮރުގެ ތަޅު އަނބުރާލެވުނީ ކިރިޔާއެވެ. އަނެއްކާ ތަދުވާންފެށިއެވެ.
ދޮރުހުޅުވުމާއެކު ޒާންއާއި އީމަން އެތެރެއަށް ވަނެވެ. ޔާނާއަށް ބަނޑުގައި އަތް އަޅަމުން ބާރަށް ރޮއެގަނެވުނެވެ. އަދި ވޭނުން ފުރިގެންވާ އަޑަކުން މަންމައަށް ގޮވާލެވުނެވެ. ޒާންއާ އީމަންއަށް ސިހުން ލިބުމާއެކު އަވަސްއަވަހަށް ޔާނާ ހޮސްޕިޓަލަށް ގެންދިޔުމަށްތައްޔާރުވިއެވެ.
ޖާހަތުއަށް ހޭލެވުނީ ސައުދިއްޔާ ދޮރުގައި ތަޅާއަޑަށެވެ. ކޮންމެވެސް ބޮޑުކަމެއްވެއްޖެކަން ޖާހަތުއަށް ވިސްނުނެވެ. އަވަސްއަވަހަށް ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ.
"ދަރިފުޅާ. ޔާނާ ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ގެންގޮސްފި." ސައުދިއްޔާ ކަންބޮޑުވެފައި ބުނެލިއެވެ.
މާގިނަ ވަގުތުތަކެއްނުވެ ޖާހަތުއާ އާއިޒުވެސް ތިބީ އައިޖީއެމްއެޗްގައެވެ. އެންމެން ތިބީ ވިއްސާކޮޓަރީގެ ބޭރުގައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ ހާސްކަމެވެ.
އާއިޒުއާ ޖާހަތުއަށް އީމަން ފެނުމުން ހައިރާންކަން ލިބިގެން ދިޔައެވެ. އީމަން އިނީ މަރީނާކައިރީގައެވެ. މަރީނާ އީމަންގެ އަތުގައި ހިފައިގެން ހުރެ ހިތްވަރުދެމުންދިޔައެވެ.
އީމަންއަށް ޖާހަތުއާ އާއިޒު ފެނުމުން ތެދުވެގެން އައިސް ދެމީހުންނާ ސަލާމްކުރިއެވެ. އީމަން ޔާނާގެ ހާލު އޮޅުންފިލުވިއެވެ. އީމަންއާ ޔާނާގެ ދެމެދުގައިވާ އޮޅުންބޮޅުންގަނޑު ސާފުވެއްޖެކަން އެނގުމުން ޖާހަތުއަށް ހިނިތުންވެލެވުނެވެ. އެވަގުތު އޭނާއަށް ބަލައިލެވުނީ ޒާންއަށެވެ. ފާރުގައި ލެގިލައިގައިން އިން އިރު އެމޫނުމަތިންވެސް ފެންނަމުންދިޔައީ ހާސްކަމެވެ.
އެންމެން ތިބީ އިންތިޒާރުގައެވެ. ޔާނާ ވިހާނެ ވަގުތެއްގައެވެ. ނަމަވެސް އެތަށް ގަޑީރެއް ފައިތުވެގެން ދިޔައިރުވެސް ޔާނާއެއް ނުވިހައެވެ. ޖާހަތުއާއި އާއިޒު އެރޭގެ ހާއްސަ ހަފްލާވެސް ފަސްކޮށްލިއެވެ.
ވަގުތު ހޭދަވަމުންގޮސް އެރޭ 8ގަޑި ބައިވީއިރު ޔާނާ ވިހައިފިއެވެ. ލޯބިލޯބި އަންހެން ކުއްޖެކެވެ. ހުދުކުލައިގެ ރަޖާކޮޅެއްގައި އެދަރިފުޅު އޮޅާލައިގެން ނަރުސް ކުއްޖާ ވިއްސާކޮޓަރިން ނިކުމެގެން އައުމުން ކެތްތެރިކަމެއް ނެތި އިންތިޒާރުގައި ތިބި އެންމެން އެއްފަހަރާ ކައިރިވިއެވެ. ނަމަވެސް އެ ނަރުސް ކުއްޖާ ދަރިފުޅު ހަވާލުކުރީ އެތަނުން އެކުއްޖާގެ ބައްޕަ އީމަންއާއެވެ. ބައްޕައަކީ ކާކުތޯ ސުވާލުކުރުމުން ޒާންގެ ދުލުން އޭނާއޭ ބުނެވި ކުރިއަށް ނިކުންނަށް އުޅުނު ނަމަވެސް އީމަން އެކުއްޖާ އުރުމުން ޒާންއަށް ޖެހުނީ ފަހަތަށް ޖެހޭށެވެ. ޖާހަތުއަށް ޒާންގެ އިހުސާސްތައް ވަރަށް ރަނގަޅަށް ދެނެގަނެވުނެވެ.
އެތުއްތު ފުރާނަ އަތުތެރެއަށް ލުމާއެކު އީމަންގެ ދެލޯ ފެންކަޅިވިއެވެ. މަޑުމަޑު ފުށްކޮޅެއްހެން އޮތް އެތުއްތު ދަރިފުޅުގެ ގައިގައި އީމަން ލޯބިން ބޮސްދެމުން ދިޔައިރު އެންމެންވެސް ދިޔައީ އުފާ ފާޅުކުރަމުންނެވެ. ދުރުގައި މިމަންޒަރު ބަލަން ޒާން އިންއިރު އެއްވެސް މީހަކަށް މިކަމެއް ފާހަގަ ނުކުރެވުނެވެ. ޖާހަތު ފިޔަވައެވެ.

ޔާނާ ޕްރައިވެޓް ކޮޓަރިއަކަށް ބަދަލުކުރެވުނެވެ. އީމަން ކޮޓަރިއަށްވަދެ އެނދުކައިރީގައު ހުއްޓުނެވެ. ޔާނާ އޮތީ ނިދިފައެވެ. އެމޫނުމަތިން ވަރުބަލިކަން ފެންނަމުން ދިޔައެވެ. ވޭނުގައި ރުއިމުގެ ސަބަބުން ލޯވަނީ ދުޅަވެފައެވެ. ކޯތާފަތަށް ވަނީ ރަތްކަން ވެރިވެފައެވެ. އީމަން ޔާނާގެ ބޮލުގައި މަޑުމަޑުން ފިރުމާލިއެވެ. ޔާނާއަށް ދެލޯ ހުޅުވާލެވުނެވެ. ކުރިމަތީގައި ހުރި އީމަންފެނި ހައިރާންވިނަމަވެސް ދެވަނަސިކުންތުގައި ރޮއެގަނެވުނެވެ.
އީމަން ޔާނާ ހުއްޓުވިއެވެ. އަދި އޯގާތެރިކަމާއެކު ވިސްނައިދެމުން ދިޔައެވެ. ޖާހަތުވެސް އެތަނަށް އައެވެ. އަދި ޔާނާއަށް ހަޤީޤަތް ކިޔައިދިނެވެ.
"އަހަރެންގެ ހިތް އަބަދުވެސް ބުނި ތިއީ އަހަރެންނާ ގުޅުމެއްވާ މީހެކޭ. އެކަމަކު ހާލަތުއޮތްގޮތުން އަހަރެންނަށް އަހަރެންގެ ހިތުގެ އެދުމަށް އިޖާބައެއް ނުދެވުނު." ހުރިހާ ވާހަކަތަކެއް އަޑުއަހަން އޮތުމަށްފަހު ޔާނާ ބުނެލިއެވެ. "އަހަރެންނަށް މަޢާފްކުރޭ އީމް. އަހަރެން ގަސްތުގައި ކުރިކަމެއްނޫން. ހަޤީޤަތަކީ މިއަދުވެސް ތިއިން އެއްވެސް އެއްޗެއް މާ ބޮޑަކަށް ހަނދާނުގައި ނެތްކަން. އެކަމަކު އަހަރެންގެ ހިތް ބުނަނީ ތިއީ ހަމަ ތެދު ވާހަކަތަކޭ."
އީމަން ގުދުވެލަމުން ޔާނާއޭނާގެ މޭގައި ޖައްސާލިއެވެ. އަދި ނިތްކުރީގައި ބޮސްދިނެވެ. ޔާނާއަށް ލޯމަރާލެވުނީ ހިތަށޤ ލިބުނު ބޮޑު ހަމަ ޖެހުމެއްގެ ސަބަބުންނެވެ.
"އެކަމަކު، ކޮބާ ރީމް؟" ޔާނާ ކުއްލިއަކަށް ރީމް މަތިން ހަނދާންވިއެވެ. "އީމްގެ ކުއްޖަކަށް ނުވަންޏާ، ރީމްގެ ބަނޑުގަ އެވަނީ ދެން ކާކުގެ ކުއްޖެއް؟" ޔާނާ އޮޅުންފިލުވަން ބޭނުންވިއެވެ.
އީމަން ފުންނޭވާއެއް ދޫކޮށްލިއެވެ. "ޔާނު، ތިސުވާލުގެ ޖަވާބު ދޭން އެނގޭނީ ހަމަ އެކަނި ރީމްއަށް. އަހަރެންނާ ކައިވެނި ކުރުމުގެ ކުރިންވެސް ރީމްއަކީ ނައިޓް ކްލަބްތަކަށް ގޮސް ފާޑުފާޑަށް އުޅެމުން އައި މީހެއް. އެއީވެސް ހަމަ އެކަހަލަ ކަމެއްގެ ނަތީޖާ. އެކްސިޑެންޓް ކޭހުގައި ރީމް ވަރަށް ބޮޑަށް ކުށްވެރިވާކަން ޘާބިތުވޭ. އަހަރެން މިއައީ އަހަރެންގެ އެކޮޅުގެ ގެއާ ވިޔަފާރި ރީމްގެ ނަންމައްޗަށް ބަދަލުކޮށްފަ. ރީމްގެ ބައްޕަ އަހަރެންނަށް ވަސިއްޔަތްކުރި ރީމްއަށް ރަނގަޅު ދިރިއުޅުމެއް ހޯދާ ނުދެވެނީސް އަދި ރީމް ނޭދެނީސް ވަރި ނުކުރުމަށް. އެކަމަކު ރީމް އަމިއްލައަށް ރީމްގެ ދިރިއުޅުމުގައި އަލިފާން ރޯކޮށްފި. އެކަމަކު އަހަރެން ރީމްގެ ނަން މައްޗަށް ބަދަލުކުރި މުދަލުން ރީމްއަށް މުޅި އުމުރުގައިވެސް އުފަލުގައި އުޅެވޭނެ. ރީމް އިން ހާލަތު ވިސްނައި އަހަރެން އައީ ރީމްގެ އަދަބު ލުއި ކޮށްދިނުމަށް އެދެފައި. އެކަމަކު އެކަން ނިންމާނީ ކޯޓުން." އީމަން ރީމްގެ ވާހަކަ ކިޔައި ދިނެވެ. ޔާނާ އެއްޗެކޭ ނުބުނެ އިނީ އިސްޖަހާލައިގެންނެވެ.
" މިއީ ހަމަ އަހަރެންނާ ހެދި ވީކަންތައް ދޯ؟ އަނެއްކޮޅުން އީމް ތިއައީ އީމްގެ އުމުރުދުވަހުގެ މަސައްކަތް ދޫކޮށްލައިފަ." ޔާނާ ދެރަވެލާފައި ބުނެލިއެވެ.
"ޔާނު ތިޔަހެން ނުވިސްނާ. ކޮންމެ މީހަކަށްވެސް ރަނގަޅުގޮތުގަ ކަންތައް ހާސިލުކުރުމުގެ ހައްގު އޮވޭ. އެކަމަކު އެކަމުން އެއްކިބާ ވެއްޖެނަމަ ދެން ކުރެވޭނެ ކަމެއް ނެތް. އެހެންނޫނަސް އަހަރެން މުދަލެއް ބޭނުމެއް ނޫން. އަހަރެންގެ ހުރިހާވެސް މުދަލަކީ އަހަރެންގެ މިކުޑަކުޑަ އާއިލާ. އެހެންވީމަ ހީނުކުރޭ ޔާނުއާ ހެދި އެއްވެސް ކަމެއް ވީކަމަކަށް. ޔާނު ތިއީ ކުށްވެރިއެއްނޫން." އީމަން ޔަނާއަށް ވިސްނައިދިނެވެ.
ހުރިހާކަމެއް އޮޅުންފިލަގެން ދިޔުމުން ޔާނާއަށް ހިނިތުންވެލެވުނެވެ.
"ޔާނާގެ ކުށްވެރިޔަކީ އަހަރެން. އަހަރެންނަށް މަޢާފުކުރޭ." ކޮޓަރިއަށް ވަދެގެން އައި ޒާން ބުނެލިއެވެ. ޒާންގެ ފަހަތުން މަރީނާވެސް އައެވެ.
"ނޫނޭ. އަހަރެން އެކަކަށްވެސްހިތް ބުރައެއްނޫން. ދެން އެކަން ހަނދާން ނައްތާލާ." ޔާނާ ހިނިތުންވެލަމުން ބުނެލިއެވެ. ޒާންގޮސް ހުއްޓުނީ ތުއްތު ދަރިފުޅުކައިރީގައެވެ.
"ވަރަށް ލޯބި ދޯ؟" ޒާން ބުނެލިއެވެ.
"އާނ. ހަމަ ހީވަނީ އީމަންގެ ތައްގަނޑެއްހެން." ޖާހަތު ހިނިއައިސްފައި ހުރެ ބުނެލިއެވެ.
"ކީއްވެ އެހެން ހީނުވާންވީ. ބަލަ އެއީ މަގޭ ދަރިއެކޭ." އީމަން ފޮނިވެލާފައި ޖާހަތުއަށް ބުނެލިއެވެ. ޒާންގެ މޫނުމަތީގައިވި ހިނިތުންވުން ވަގުތުން ފަނޑުވިއެވެ. އެހެންނޫންނަމަ އެއީ މިއަދު ޒާންގެ ދުލުން ނިކުންނަންވީ ޖުމުލައެކެވެ. ޒާން އެކުއްޖާއަކީ އޭނާގެ ކުއްޖެއްކަމުގައި އަމިއްލަ ނަފްސަށް ވިސްނައިދީފައިވާތަން ކިތަންމެ ދުވަހެކެވެ.
އީމަން ތެދުވެގެން އައިސް ދަރިފުޅުކައިރީގައި މަޑުކޮށްލިއެވެ. "މިއީ ބައްޕަގެ ރަންގަނޑޭ ދޯ. އަހަރެންގެ މިދަރިފުޅަށް ކިޔާނީ ވަރަށް ހާއްސަ ނަމެއް. ދޯ ޔާނު؟" އީމަން ޔާނާއަށް ދޯ ދިނެވެ. ޔާނާ އާނއެކޭ ބުނަމުން ބޯޖަހާލިއެވެ. ޒާން އެތަނުން ނިކުތެވެ.
އޭނާ ބޭނުންވީ އެކުއްޖާއަށް މިޝެލްގެ ނަމުން ނަންދޭށެވެ. ނަމަވެސް އެހައްގުވެސް އެދިޔައީއެވެ. ޒާންގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އޭނާ މިވަރަށް ދަރިއަކަށް އެދޭ އިރުވެސް ، ތަޤްދީރުގައި އެނަސީބު ލިޔެވިފައި ނުވަނީ ކީއްވެހެއްޔެވެ؟
24 ގަޑިއިރު ވުމުން ޔާނާ ގެއަށް ފޮނުވާލެވުނެވެ. ޔާނާ ދިޔައީ އީމަންގެ ގެއަށެވެ. ޔާނާއާއި ދަރިފުޅަށް މަރުހަބާ ކިޔުމަށްޓަކައި އެގެވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކުރެވިފައެވެ.
ޔާނާގެ އެންމެ ގާތުގައި ޖާހަތު ހުރެގެން ދަރިފުޅާއިގެން އެގެއަށް ވަނެވެ. މުޅި މާހައުލަށް އުފާވެރިކަން ވެރިވެފައިވާފަދައެވެ.
ޔާނާގެ ކޮޓަރީގައި ތިބެގެން އެންމެން މަޝްވަރާކުރަމުންދިޔައީ ދަރިފުޅަށް ނަންކިޔުމުގެ ކަންތަކާއިގެންނެވެ.
"އެހެންވީމަ، ޖާތުމެންގެ ކައިވެނީގެ ހަފްލާއާއި ދަރިފުޅުގެ 7 ދުވަސް އެއްކޮށް ހަދަމާ." ޔާނާ ހިޔާލުދިނެވެ. އެންމެން އެއްބަސްވިއެވެ.
އެންމެން އެއްކޮށް ތިބިއިރުވެސް ޒާންއެއް ނެތެވެ. ހަމަ ގައިމުވެސް ޒާން އެންމެނާއެކީގައި ގެއަށް ވަންކަން ޖާހަތުއަށް އެނގެއެވެ. އެސުވާލުހިތުގައި އުފެދުމާއެކީ ޖާހަތު ބޭރަށް ނިކުތެވެ.
"އަހަރެން ނަރުހެއް ބޭނުން އެރެއަކަށް. ހަމަޖައްސައިދީ.. އާނ އާނ. ހުރިހާ ހަރަދެއް އަހަރެންކުރާގޮތަށް. އެކަމަކު މިކަން ވާންޖެހޭނެ. އަންނަ އަންގާރަ ދުވަހުގެ ރެއަށް ފުރަން ރެޑީވޭ." ސިޓިން ރޫމުގައި ހުރެގެން ޒާން ވާހަކަދައްކަމުންދިޔައީ ފޯނުން ގުޅައިގެންނެވެ. ޖާހަތުއަށް މިއަޑު އިވުނު ނަމަވެސް އެވާހަކަ ތަކަކަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ.
"ޒާން!" ޖާހަތު ގޮވާލިއެވެ.
ޒާންއަށް ސިހުންލިބި ބަލައިލެވުނެވެ.
"ޒާން ކީއްވެ މާ ދުރުދުރުން ތިއުޅެނީ. ކަމަކާ ހިތްހަމަ ނުޖެހިފަތަ؟" ޖާހަތު ސުވާލުކޮށްލިއެވެ.
"ނޫން. އެއްވެސް ކަމެއް ނުވޭ. މިއީ ދެން ބިޒްނަސްގެ ކަންތައް." ޒާން ފޯނަށް އިޝާރާތްކޮށްލަމުން ބުނެލިއެވެ. އަދި ހިނިތުންވެލަމުން ނިކުތީ ބޭރަށެވެ.
ފާއިތުވާންފެށި ވަގުތުތަކަކީ ޔާނާއަށް ހުވަފެނެއްފަދަ ވަގުތުތަކެކެވެ. ލޯބިން ފުރިގެންވާ އުފާވެރި ވަގުތުތަކެކެވެ. އީމަންގެ އަޅާލުމާއި ލޯބީގައި ޔާނާ ހޭދަކުރަމުންދާ ވަގުތުތަކަކީ އޭނާގެ ވީރާނާވެފައިވާ ހަޔާތަށް ދިރުންގެނެސް ދެމުންދިޔަ ވަގުތުތަކެކެވެ. އަދި އެހެންމެ ކުޑަކުޑަ ދަރިފުޅުގެ ސަބަބުން އެދެމީހުންގެ ދިރިއުޅުމަށް ބަހާރު މޫސުން ގެނުވިއެވެ. ނަމަވެސް އެއްވެސް މޫސުމަކީ ތާއަބަދުމެ ދެމިއޮންނާނެ އެއްޗެއް ނޫނެވެ. މިއީ އަހަރެމެންގެ ދިރިއުޅުމުގެ މިސާލުވެސް މެއެވެ.
ރެއަކީ ބޮޑުރެއެކެވެ. އެތަށް ބައެއްގެ ހިތްތަކަށް އުފާވެރިކަން ލިބިގެންދާނެ ރެއެކެވެ. ޔާނާއާއި އީމަންގެ ދަރިފުޅަށް ނަންކިޔުމުގެ އުފާ ފާޅުކުރަމުންދާއިރު އާއިޒުއާ ޖާހަތުގެ ކައިވެނީގެ މުނާސަބާވެސް މެއެވެ. މިކުޑަކުޑަ ހަފްލާގައި ބައިވެރިވީ ހަމައެކަނި ގޭ މީހުންނެވެ. މީގެ އިތުރުން ސައުދިއްޔާއާއި ޝަކީބެވެ. ދެން އާއިލާއާއި ވަރަށް ގާތް މަދު ބައެކެވެ. އެންމެންގެ މެދުގައި އެކުވެރި މާހައުލެއް އޮތްއިރުވެސް ޒާންގެ ކިބައިން ފެންނަމުންދިޔައީ ބީރައްޓެހިކަމާއި ވަކިވެގަތުމެވެ. ޖާހަތުގެ ސަމާލުކަން ޒާންއަށް ދެވިފައިވަނީ ޔާނާ ވިހޭ ދުވަހުއްސުރެއެވެ. ކީއްވެގެންކަމެއް ނޭނގެއެވެ. ޒާންގެ މައްޗަށް ޝައްކުކުރެވެނީއެވެ. އޭނާގެ ހިތުގައި ކޮންމެވެސް ކަމެއް އެބަވެއެވެ.
ހަފްލާއަށްޓަކައި އެންމެން ތިބީ ނަލަ ހެދިގެންނެވެ. ޖާހަތުއިނީ ހުދާއި ލައިލަކްގެ ގައުންއެއްގައެވެ. އާއިޒު ހުރީ ހުދުކުލައިގެ ގަމިހަކާއި ކަޅު ޖިންސެއްގައި ބެގީކޮށްގެނެވެ. އަދި ކަޅާއި ލައިލަކްގެ ޓައީ އާއިޒުގެ ރީތިކަން އިތުރަށް ފުރިހަމަކޮށްދެއެވެ. އީމަންގެ ހެދުންވެސް ހުރީ ހަމަ މިގޮތަށެވެ.
ޔާނާއާއި ޖާހަތުގެ ހެދުންވެސް ހުރީ ދާދި އެއްގޮތަކަށެވެ. ޔާނާވެސް ލައިގެންހުރީ ކަޅާއިލައިލަކްގެ ހެދުމެއްގައެވެ. ހަމައެހެންމެ ތުއްތު ތުއްތު ދަރިފުޅުވެސް ވަނީ ޖާހަތުގެ ހެދުމާ ގުޅުވައިގެން ހެދުން އަޅައިފައެވެ. ހުދުކުލައިގެ ޕްރިންސަސް ހެދުމެކެވެ. އެހެދުމުގައިވެސް ކުދިކުދި ލައިލަކްކުލައިގެ މާކޮޅުތައް ހަރުކުރެވިފައި ވެއެވެ. ބޮލުގައި ހުދާއި ލައިލަކް ކުލައިގެ މަލުން ޒީނަތްކުރެވިފައިވާ ބޭންޑެއް އޮތެވެ. އުފާވެރިކަމުން ފުރިގެންވާ ހަފްލާއެކެވެ.
އެންމެން ފޮޓޯ ނެގުމާއިގެން ކުރިއަށް ދިޔައިރު ތުއްތު ދަރިފުޅަށް ނިދުނެވެ. ޔާނާ ގޮސް ދަރިފުޅު ކޮޓަރީގައި ބޭއްވިއެވެ. ނިދިފައި އޮތް އެމައުސޫމު ދަރިފުޅުގެ މޫނަށް ބަލައިލިއެވެ. އީމަންގެ އެތަށް ސިފައެއް ލިބިގެންވާ އެތުއްތު ދަރިފުޅު ނިދާލާފައި އޮތް ލޯބިކަމުން ޔާނާއަށް ހުރެވުނީ ހިނިތުންވެލައިގެންނެވެ.
"ހާދަ ހިނި އައިސްފަ؟" ފަހަތުން އައި އީމަން ޔާނާގެ ގައިގައި ބައްދާލަމުން ކަންފަތްދަށުގައި ބުނެލިއެވެ. ޔާނާ ސިހިގެންދިޔަނަމަވެސް އީމަންކަން އެނގި ހިނިތުންވެލެވުނެވެ.
"ބަލާބަލަ ލޯބިކަން. އީމް އާ ވަރަށް ވައްތަރު ދޯ!" ޔާނާ ބުނެލިއެވެ.
"އާނ. ވަރަށް ލޯބި ދޯ." އީމަންވެސް ބުނެލިއެވެ. "އަހަރެންގެ މިފުށްގަނޑު ވަކި ހަޑިތަ." އީމަން ޔާނަގެ ބަނޑުގައި ކޮށްޓާލަމުން ސަމާސާކޮށްލިއެވެ.
"އީމް." ޔާނާ ތެޅިގަންނަމުން ބުނެލިއެވެ. އަދި އީމަންއާ ދިމާއަށް އެނބުރުނެވެ.
"ކިހިނެތްވީ؟ ކުޑަކޮށް ފަލަވީމަ މިހާރު އަދި ވަކިން ލޯބި." އީމަން ތަޢުރީފުކޮށްލިއެވެ. އީމަން ޔާނާއާ ގާތްވެލިއެވެ.
"ދެން އީމް. މިހާރަކު ނޫން. މީހެއް އައިސްދާނެ." ޔާނާ އީމަން ދުރުކޮށްލަމުން ބުނެލިއެވެ.
އީމަން ލާނެތްގޮތަކަށް ހީލިއެވެ. "އެހެންވީމަ އެންމެން ދިޔައީމަ ދޯ؟"
އީމަންގެ ސަމާސާއިން ޔާނާ ދެފަރާތަށް ބޯ ހޫރަލަމުން ހީލިއެވެ.
"ހިނގާ ތިރިއަށް. އަދި ދަރިފުޅުގެ ނަންވެސް އިއުލާން ކުރަން ވާނެއެއްނު. އީމް ނަމެއް ވިސްނައިފިންތަ؟" ޔާނާ ސުވާލުކޮށްލިއެވެ.
"އާނ. އަހަރެން އެދަރިފުޅަށް ނަންދޭން ބޭނުމީ މިޝެލްގެ ނަމުން. އެއީ ޒާންގެ ދަރިފުޅަށް ދޭން ނިންމި ނަން. ރަނގަޅުތަ؟" އީމަން ބުނެލިއެވެ.
"އާނ. ވަރަށް ރަނގަޅު. އީމް ތިއީ ހަމަ ގައިމުވެސް ރަނގަޅު އެކުވެރިއެއް." ޔާނާ އީމަންއަށް ތަޢުރީފުކޮށްލިއެވެ.
"އެކަމަކު އަދި ޒާން ކައިރީގަ ނުބުނަން. ސަޕްރައިޒްއެއް ދޭނީ." އީމަން ބުނެލިއެވެ.
ޔާނާ އެއްބަސްވަމުން ބޯޖަހާލިއެވެ. އެއަށްފަހު ދެމީހުން ތިރިއަށް ފޭބިއިރު އެންމެން ކެއުމާއިގެން ކުރިއަށްދަނީއެވެ.
"ދަރިފުޅުމެންވެސް ދެން އާދޭކާން." އީމަންއާ ޔާނާއަށް ސައުދިއްޔާ ބުނެލިއެވެ.
ހަފްލާގެ ހުރިހާ ކަމެއްހެން ބެލެހެއްޓީ މަރީނާއާއި ސައުދިއްޔާއެވެ. އީމަންހުރީ މިކަމަށްޓަކައި ވަރަށް އުފާވެފައެވެ. ނަމަވެސް މަރީނާގެ މޫނުމަތިން މޮޅިވެރިކަމެއް އީމަންއަށް ފާހަގަ ކުރެވެއެވެ. އެއީ ޒާން ކަންތައްކޮށްފައިވާގޮތުންކަމުގައި ވެދާނެއެވެ. ނުވަތަ އޭނާގެ ދަރިފުޅުގެ ދިރިއުޅުމުގެ ހަޤީޤަތް އެނގުމުންކަމުގައިވެސް ވެދާނެއެވެ.
އެންމެން ކެއުމާއިގެން ކުރިއަށް ދިޔައިރު މަރީނާ ކާތަށީގައި އަތްވެސް ނުލާ އިށީނދެލައިގެން އިނީއެވެ.
"މަރީނާއްތާ! ކޮންކަމަކާ ތިޔަ ވިސްނަނީ؟" އީމަންގެ ސުވާލުން އެންމެންގެ ނަޒަރު މަރީނާއަށް ހުއްޓުނެވެ.
ޒާންގެ އަމަލުގެ ސަބަބުން ލަދުވެތިވެފައި އިން މަރީނާ އެންމެންގެ ހާޒިރުގައި އީމަންގެ ކިބައިން މަޢާފަށް އެދެން ބޭނުންވިއެވެ.
"އީމަން. ޒާން އެގޮތަށްކަންތައް ކޮށްފާނެކަމަށް ދައްތައަށް ކުރިން އެނގުނުނަމަ.." މަރީނާ ވާހަކަ ދައްކަން ފެށިނަމަވެސް އީމަން އެވާހަކަތައް ހުއްޓުވާލީ އޭނާ ވާހަކަދައްކަންފަށަމުންނެވެ.
"މަރީނާއްތާ! ތިއީ ދެން ކޮންވާހަކައެއް؟ ތިހުރިހާ ކަމެއް އަހަރެންނާ ޔާނު ހަނދާންނައްތާލައިފިން. އެހެންނޫނަސް ޒާންގެ އިހުސާސްތައް އަހަރެންނަށް ޤަބޫލުކުރެވޭ. ޒާންއަކީ ވަރަށް ހިތްހެޔޮ މީހެއް، ކުޑަކުދިންދެކެ އެހާ ލޯބިވޭ. އަމިއްލަ ދަރިއެއް ލިބުމުގެ އުފާ ލިބިލިބި ހުއްޓާ ބީވެގެން ދިޔުމުން ވަރަށް ބޮޑަށް އަސަރުކުރާނެ." އެންމެން ތިބީ އީމަންގެ ވާހަކަތަކަށް ސަމާލުކަން ދީގެންނެވެ. ނަމަވެސް މޭޒުގެ އެއްފަރާތުގައި އިށީނދެގެން އިން ޖާހަތުގެ ސަމާލުކަން ހޯދީ ސިޑިއާ ދިމާއަށް ގޮސްގޮސް ހުރި ޒާންއެވެ. ޒާންގެ ސިކުނޑީގައި އެނބުރެމުންދަނީ ކޮންހިޔާލުތަކެއް ބާއޭ ހިތް ބުނެލިއެވެ. ޒާންގެ ކޮންމެ ހަރަކާތަކަށް ޖާހަތުއަށް ބެލެނީ ޝައްކުގެ ނަޒަރަކުންނެވެ.
އީމަން ވާހަކަ ދެއްކުން ކުރިއަށް ގެންދިޔައެވެ. "އަހަރެންނަށް އެނގޭ ޒާން އަހަރެމެންގެ ދަރިފުޅުދެކެ އިންތިހާއަށް ލޯބިވާކަންވެސް. އަހަރެން އެކުއްޖާގެ އެއްވެސް ހައްގެއް ޒާންއަތުން ނިއުޅައި ނުގަންނާނަން. އެދަރިފުޅުގެ ބައްޕަގެ ހައިސިއްޔަތުން އަހަރެންނަށް ލިބިދޭ ކޮންމެ ހައްޤެއް އަހަރެން ޒާންއަށްވެސް ދެން. މިހުރިހާ ވާހަކަތަކެއް އަހަރެން ގަސްދުކޮށްގެން މިހުރީ މިރޭ އެންމެންގެ މެދުގައި ހިއްސާކުރަން. އެކަމަކު ޒާން ނައިސްގެން މި މަޑުކުރަނީ." އީމަން ބުނެލިއެވެ.
"އާނ. އަދިވެސް ނާދޭ ދޯ؟ ދިޔަތަނެއްވެސް ނޭނގެ. އެންމެންނާއެކީ ކެއުމުގައި ބައިވެރިވެލިނަމަވެސް…." މަރީނާ ކަންބޮޑުވެފައި ބުނެލިއެވެ.
"ދެންމެ ޒާން މައްޗަށް ދިޔަތަން ދެކެފިން. ފައިބައިގެން އައި ތަނެއް ނުފެނޭ." ޖާހަތު އޭނާއަށް ފެނުނު މަންޒަރު ބުނެލިއެވެ.
"އެބަ އަންނަން ޒާން ގޮވައިގެން." މަރީނާ ތެދުވަމުން ބުނެލިއެވެ.
"މަރީނާއްތަ ކާންފަށާ. އަހަރެން ހިނގައިދާނަން." ޖާހަތު މަރީނާ ހުއްޓުވަމުން ބުނެލިއެވެ. އަދި އާއިޒުއަށް ބަލައިލާފައި ހިނިތުންވެލަމުން ކުރިއަށް ހިނގައިގަތެވެ.
"މިރޭގެ ކެއުން ވަރަށް ފުރިހަމަ. މީރުކަމުން ހަމަ ތަޢުރީފުކޮށްލަން ބޭނުންވީ." ޖާހަތު އެންމެންނާ ދިމާއަށް އެނބުރިލަމުން ބުނެލިއެވެ.
"އާނ. ވަރަށް މީރު ދޯ؟ ކާކު ކެއްކީ؟" އާއިޒުވެސް ތަޢުރީފުކޮށްލިއެވެ.
"މިހާ މީރުވާނީ އަހަރެންގެ މަންމަ ކެއްކީމައެއްނު." ޖާހަތު ފަހުރުވެރިކަމާއެކު ސައުދިއްޔާއަށް ބަލައިލަމުން ބުނެލިއެވެ.
"ހުމްމް. ދެން މަންމަ ނަލަ ކުރަން އުޅޭނެ ކަމެއް ނެތޭ." ސައުދިއްޔާ ޖާހަތުއާ ދިމާކޮށްލިއެވެ. އެންމެން ހީލިއެވެ. ޖާހަތު ސިޑި ހުރަސްކޮށްފައި މައްޗަށް އެރިއެވެ.
ކޮރިޑޯރއިން ލާފައި ކުރިއަށް ހިނގައިގަތީ ޔާނާމެންގެ ކޮޓަރިއާ ދިމާއަށެވެ.
"ޒާން ކުރަން އެއުޅެނީ ކޮންކަމެއްބާ؟" ޖާހަތަށް ބުނެލެވުނެވެ.
ޖާހަތުގޮސް ކޮޓަރިއަށްވަދެ ދެކޮޅު ބަލައިލިއެވެ. ޒާން ހުރިކަމުގެ އުންމީދުގައެވެ. ނަމަވެސް ޒާން ފެންނާކަށް ނެތެވެ. ޖާހަތު ޒާންއަށް ގޮވާލިއެވެ. ނަމަވެސް މުޅިތަނުގައި ވަނީ ހަމަ ހިމޭންކަމެވެ. އެނބުރި ދާން ހިނގައިގަނެފައި އެނބުރުނީ ޔާނާގެ ދަރިފުޅު ބަލައިލުމަށެވެ. ފިޔާތޮށިކުލައިގެ ރޭނދާއިން ޒީނަތްތެރިކުރެވިފައިވާ އެނދާ އަރާހަމަވެފައި މަދިރިގޭ ހިއްލާލަމުން ބަލައިލިއެވެ. ޖާހަތުގެ މޫނުގައިވި މަޑުމަޑު ހިނިތުންވުން ގެއްލި ދެލޯ ބޮޑުވެގެން ދިޔައެވެ. ޔާނާގެ ދަރިފުޅެއް ނެތެވެ. ތަންމަތި އޮތީ ހުސްކޮށެވެ. ޖާހަތުއަށް ބޭއިޚްތިޔާރުގައި ތަންމަތީގައި އަތްކާއްތާލެވުނެވެ.
ހާސްކަންވެރިވެ ހަރަކާތްތައް އަވަސްވެގަތެވެ. ބޮޑު އެނދާކައިރިވެ އެނދުމަތި ބެލިއެވެ. އެއަށްފަހު އެނދުދަށްވެސް ބެލިއެވެ. އެތުއްތު ފުރާނައެއް ނެތެވެ. ޖާހަތު ބެލްކަންޏަށް ނިކުމެ ބޭރު ބަލައިލިއެވެ. ދެލޯ ބޮޑުވެ ތަންމިނަށް އަނގަ ހުޅުވުނެވެ.

16
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Esfiya

Other Articles

Previous

އަހަރެންގެ ވާހަކަ (ތިރީސްވަނަ ބައި)

Next

ލޯބިވާ އަޚާ …

Next
July 15, 2016

ލޯބިވާ އަޚާ …

Previews
July 14, 2016

އަހަރެންގެ ވާހަކަ (ތިރީސްވަނަ ބައި)

10 Comments

  1. leeeeee says:
    July 15, 2016 at 7:03 pm

    mi vaahaka ninmaibala.feelin boarin

  2. Same says:
    July 15, 2016 at 7:21 pm

    haadha kiya hivva hisaabakun thinimmaalee??? anywayx story v v v reethi.

  3. Akki says:
    July 15, 2016 at 7:34 pm

    Oh my god. I wish anything did not happen to the baby
    and leeeeee buni vaahaka adu naahah chey. 100 part varu nellaafa ninmaalan vaanee

  4. apjwqertfygvk says:
    July 15, 2016 at 7:38 pm

    Interesting. avahah up koh dhey thi.

  5. Lyn says:
    July 15, 2016 at 8:18 pm

    Xaan dhaani bby govaigen…xaan e nurse hoadhi bby aa ehkoh dhaan vegen… dhn jaahathu ah fennaanii….dhn enmn dhaane bby hoadhn… jaahathu maruvaanii… yaana bby ah kiyaani jaahathu… jaahathu maruvaanii humaam ge car ga jehifa…

    1. Lyn says:
      July 15, 2016 at 8:19 pm

      This is whts gonna hppn next… balahchey hurihaa kudhin,,

    2. Same says:
      July 15, 2016 at 10:18 pm

      Lyn kurin vaahaka kiyaafadhoa othy. thnks…

  6. Musli says:
    July 15, 2016 at 8:23 pm

    Boaring feelvaanama ehaa lahun up kuraairu nukiyàane… vaahaka v v reethi

  7. Rose says:
    July 15, 2016 at 8:35 pm

    Alhe zaan goas nukurahchey. Feeling sad

    1. Lyn says:
      July 16, 2016 at 1:16 am

      He is just nt gttn ovr wth his past…

Comments are closed.

All Right Reserved!