Skip to content
އެސްފިޔަ

ސައިކޯ – 10

8:18
Watch this episode Video · first minute free
Watch
Listen to this story Audio · 8:14 Powered by Esfiya Voice
0:00 8:14

ވަގުތުން ކައިރާގެ ދެލޯ ބޮޑުވިއެވެ. އެ ކޮކާ އޭނާގެ އަތު ތެރެއަށް އެވަނީ ކިހިނެއް ހެއްޔެވެ؟ ކަރުދާސް ގަނޑެއްގެ ދަށުގައި އޮތް ވަކި ރުފިޔާއެއް ފަދައިން އެ ކޮކާ އޭނާގެ ހުޅު ތެރޭގައި ފެންނަން އޮތެވެ. އޭރުވެސް އެ ކޮކާ އޭނާގެ އަތު ހުޅު ތެރޭގައި ދުވަމުން ދިޔައެވެ. މި މަންޒަރު ފެނި އޭނާ ގަތީ ބިރެވެ. ދަބަސް ހާވާލީ އިރު އޭގައި އޮތް ކުޑަ ކަތުރު އޭނާގެ ލޮލުގައި އަޅައިގަތެވެ.

(10 ވަނަ ބައި)

އެއްޗެހި ބަދަލު ކޮށްލައިގެން ކޮލެޖަށް ދާން ނިކުން ކިއިޝާގެ ނަޒަރު ހުއްޓިފައިވަނީ އޭނާގެ ފޯނަށެވެ. މަގުމަތީގައި ހިނގާފައި ދާއިރު އެނޫން ގޮތަކަށް ދާން އޭނާ ބިރުގަނެއެވެ. ނައިކާ މަރާލި މީހާ އަދިވެސް މިނިވަންކަމާއި އެކު އުޅޭތީވެ ހަދީޖާވެސް ހުރީ އަންނަން ހިފާލާފައެވެ. އެކަމަކު އެދުވަހު ހަދީޖާ ހުރީ ހުންވެސް އައިސްފައެވެ. ކިއިޝާއާއި އެކު އޭނާ އަޔަ ނުދިނީ އެހެންވެގެންނެވެ.

ފޯނު ތެރެޔަށް ގެއްލިފައި ހުރެ ހިނގާފައި ދިޔަ ކިއިޝާއަކަށް ކުރިމަތިން އަންނަ ޒުވާނާއެއް ނުފެނުނެވެ. އޭރު އެޒުވާނާވެސް ހުރީ ފޯނަށް ގެއްލިފައި ކަމުން އޭނާއަކަށްވެސް ކިއިޝާއެއް ނުފެނުނެވެ. ދެމީހުނަށްވެސް ހަމަ ބިމަށް އާދެވުނީ އެކަކު އަނެކަކު ގައިގައި ލައި ގަތުމުންނެވެ.

“ސޮރީ”

“ސޮރީ”

ދެމީހުނަށް ބުނެވުނީ އެކުގައި ކަހަލަ ގޮތަކަށެވެ. ކިއިޝާ އިސް އުފުލާލަމުން އެޒުވާނާގެ މޫނަށް ބަލައިލިއެވެ. ފުލުސް ޔުނީފޯމުގައި ހުރި އިރު މޫނުމަތީގައި އެއްވެސް ވަރަކަށް ތުނބުޅި ބަހައްޓާފައެއް ނުވެއެވެ. ހެޔޮވަރު ވަރަކަށް ކޮށާލާފައި ހުރި އިސްތަށިގަނޑު ރީތި ގޮތަކަށް ފުނާ އަޅާލާފައި ހުރި އިރު ވަރަށް ސްމާޓް ކަމަށް ދައްކައެވެ. މީދެން ވާ ދިގުވެސް މީހަކީއެވެ. ކިއިޝާގެ މޫނު އޭނާގެ ކަރާއި ހަމައަށްވެސް ނާރައެވެ. އެ ޒުވާނާގެ މޫނު އޭނާއަށް ފެނުނީވެސް ކަނދުރާއަށް ނާރެއް އަރާ ވަރަށް ބޯ ހިތްލާލުމުންނެވެ.

ގަބުވެފައި ހުރެ، އެޒުވާނާ ކިއިޝާގެ ތޫނު ދެލޮލަށް ބަލަން ހުރުމުން އޭނާ އިސް ޖަހައިލިއެވެ. އޭނާ ބަލައިލީ އެޒުވާނާ ލައިގެން ހުރި ފުލުސް ޔުނީފޯމަށެވެ. “ކައިޔަން އިބްރާހިމް؟” ފުލުސް ޔުނީފޯމުގައި އިން ނަން އޭނާ ކިޔާ ލުމާއި އެކު، ކައިޔަންއަށް ހަމަ ބިމަށް އާދެވުނެވެ. އެހެނަސް އެ ޖާދޫވީ ރީތި އަޑު އިވިފައި މުޅި ހަށިގަނޑުން ހީބިހި ނަގައިގަތެވެ.

“ޔުނީފޯމު ލައިގެން ހުރީމަ ތި ކުއްޖާގެ ނަސީބު ރަނގަޅުތާ ދޯ؟ ތި އިނގުނީ ވިއްޔާ މިހާރު ނަންވެސް” ޖީބަށް އަތް ޖަހާލަމުން ކައިޔަން ހިނިތުންވެލިއެވެ.

“އާން ދޯ؟ އެހެންތާ މިވީ..” ހިނިތުންވެލަމުން ކިއިޝާ ހިނގައިގަތެވެ.

“މަޑުކޮށްލަބަ…” އޭނާ ފަސްދީފައި ދާން އުޅުމުން ކައިޔަން އޭނާ ހުއްޓުވިއެވެ. ކިއިޝާ ފަހަތަށް އެނބުރި އެއްބުމަ ހިއްލާލިއެވެ.

“ނަންވެސް ނުބުނެ ދަނީތަ..؟” ކިއިޝާގެ މޫނަށް ބަލައިލަމުން ކައިޔަން ހިނިތުންވެލިއެވެ.

“ހޫމް.. ތިހެން ލައިގަންނަ ހުރިހާ ކުދިންގެ ނަމާ ނަންބަރާ ހޯދަންތަ..؟ ތީތަ ފުލުހުން ބިޓުން ހޯދާ ގޮތަކީ؟ ސްމާޓް އިނގޭ” ހިނިތުންވެލަމުން ކިއިޝާ ހިނގައިގަތެވެ.

އޭނާގެ ހިޔަނިވެސް މަގުމަތިން ގެއްލެންދެން ކައިޔަންއަށް ބަލަން ހުރެވުނެވެ. ކޮންފަދަ ރީތި ކަމެއް ލިބިފައިވާ ކުއްޖެއް ހެއްޔެވެ؟ ހީވަނީ ހޫރު ޕަރީއެއް ހެންނެވެ. އެހާ ރީތި ކުދިން ރާއްޖޭގައި އުޅޭކަމެއް ވެސް ކުރިއަކުން އޭނާއަކަށް އިނގިފައެއް ނުވެއެވެ. އެކުއްޖާ ލައިގަތީ އޭނާގެ ހަށިގަނޑުގައި ނަމަވެސް އެދިޔައީ އޭނާގެ ހިތާވެސް ކުޅިލާފައިކަން މުޖައްރިބެވެ.

ކޮލެޖާއި ހަމައަށް ވާސިލު ވާން ކައިރި ވުމުން ކިއިޝާ ދަބަސް ހުޅުވާލީ ފޯނު އޭގެ ތެރެއަށް ލާށެވެ. އެހެން ވިޔަސް އަލުން ފޯނު ނަގަން ޖެހުނީ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަމުން ދިޔައީ ކައިރާއެވެ.

“ކޮބާ ކިއާ ކޮންތާކުތަ؟ ކޫ މިއައީ މިހާރު ކޮލެޖަށް” ފޯނު ނަގާ ކަންފަތުގައި ޖަހައިލަމުން ކިއިޝާ ވާހަކަ ދައްކަން ފެށިއެވެ.

“ހަ.. ހަލޯ…؟” އެކޮޅުން އިވުނީ ނިޔަލްގެ އަޑެވެ. ވަގުތުން ކިއިޝާގެ ދެލޯ ބޮޑުވިއެވެ. ރޭހެއް ޖަހަން ދުއްވާލި ކާރެއް ފަދައިން އޭނާގެ ހިތްވެސް ތެޅެން ފެށިއެވެ. ގަނޑުކުރާ ބައިން ނެގި ފެންފުޅި އެއްފަދައިން އޭނާގެ އަތާ ފައި ވެސް ފިނިވާން ފެށިއެވެ.

“ކަ… ކަލޭ ކީއްތިކުރަނީ..؟ ކިއާގެ ފޯނު ހިފައިގެން؟؟؟ ކަލޭ ދޯ ނައިކާވެސް މަރާލީ؟ މިހާރު ކިއާވެސް ރަހީނު ކޮށްލީ ދޯ؟ ކޮބާ މަގޭ ކިއާ؟؟ ބުނޭ! ހަމަ މިހާރު ބުނޭ.. ނޫނީ އަހަރެން މިގުޅަނީ ފުލުހަށް” ކިއިޝާ އަރައިގެން ރުޅިން ނާއި ގަންނާ ކުރެއްވީ ބިރުން ނިޔަލްއާއި ދިމާލަށް ދުލަށް އައިހާ އެއްޗެއް ގޮވަން ފެށިއެވެ.

“ސާބަސް ކިއިޝާއަށް. އަހަރެން މީ އެހާ އަނިޔާވެރި މީހެއް ނޫން.. އަ.. އަހަރެން މިހުރީ އޭޑީކޭގަ.. އަހަރެމެން ދެމީހުން މިއަދު ދިޔައީ ރެސްޓޯރެންޓަކަށް ކާން.. އެތާ އިނދެފަ އޭނާ ދިޔައީ ފާޙާނާއަށް.. ދެން އިވުނީ އެތަނަށް ވައިން ކުއްޖަކު އެހީއަށް ގޮވާ އަޑު.. ކައި އޭރު އޮތީ.. ބިންމަތީގަ.. ހޭނެތިފަ.. ކަނާއަތުގައި އޮތް ކަތުރެއް.. އޭގަވެސް އޮތީ ހުސް ލޭ.. ވާއަތުގަ… އޮތީ.. ކަތުރު އަޅާ……” ދެން އިތުރަށް އެވާހަކަ ކުރިއަށް ގެންދާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އަދިވެސް އޭނާ އޭނާ އެހުންނަނީ ތުރުތުރުލާ ހާލުގައެވެ. އެހާ ރީތިކޮށް ހުރެފައި އޭނާ ކުއްލިއަކަށް އަމިއްލަ ނަފުސަށް އެވަރު ބޮޑު އަނިޔާއެއް ދޭންވީ ކީއްވެގެން ހެއްޔެވެ؟

އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ކިއިޝާ ދުއްވައިގަތެވެ. ފޯނު ދަބަހަށް ލަމުން ދުއްވައި ގަން އިރު އޭނާގެ ހަށިގަނޑުގައި އެވަގުތު ހުރީ ކޮންފަދަ ބާރެއް ކަމެއްވެސް ނޭނގެއެވެ. މައްސަރު ކަންތައް ޖެހުމުން ކިއިޝާއަކީ އަބަދުވެސް ފީވެފައި ހުންނަ ކުކުޅެއް ކަހަލަ މީހެކެވެ. އެކަމަކު މިހާރު އޭނާއަށް ބަލާލާފައި އޭނާ އެހުރީ މަހުގެ އެދުވަސްކޮޅުގެ ފުރަތަމަ ދުވަހުގައޭ އެއްވެސް މީހަކު ނުބުނާނެއެވެ. ކައިރާއަކީ ކިއިޝާގެ ފުރާނައިގެ ދިރުމެވެ. އެއްބަނޑު އެއްބަފާ ގުޅުމަކީ ތަފާތު ގުޅުމެކެވެ. އެހެން ވިޔަސް އެއްބަނޑު އެއްބަފާ ދެމީހުންގެ ގުޅުމަކާއި އެއްމާބަނޑު ދެބެންގެ ގުޅުން މާ ބޮޑަށްވެސް ތަފާތު ވާނެއްނު ހެއްޔެވެ؟

މާ ގިނަ އިރު ތަކެއް ނުވެ ކިއިޝާއަށް އޭޑީކޭ ހަސްފަތާލަށް ވާސިލު ވެވުނެވެ. އެތެރެއަށް ވަދެފައި ކިއިޝާ ފޯނު ނަގާ އަލުން ކައިރާގެ ނަންބަރަށް ގުޅިއެވެ. ފޯނު ނަގާނީ ނިޔަލްކަން އެނގޭތީއެވެ. ނިޔަލްއަށް ގުޅާ އެމީހުން ތިބީ ކޮން ހިސާބެއްގައިތޯ ބަލާ ޔަގީން ކުރިއެވެ. ކިއިޝާއަށް އެހިސާބަށް ވާސިލު ވެވި، ނިޔަލްއާއި ސުވާލެއްވެސް ކޮށް ނުލެވިގެން އުޅެނިކޮށް ޑަކްޓަރު ކޮޓަރިން ނިކުތެވެ.

“ކައިރާގެ އާއިލާ ބޭފުޅެއް…؟” ނިޔަލް އަދި ކިއިޝާގެ މޫނަށް ބަލައިލަމުން ޒިނާން އަހައިލިއެވެ.

“އަޅުގަނޑު… އެއްމާބަނޑު ދެބެން މީ… މިހާރު ކައިރާގެ ހާލު ކިހިނެއްތޯ؟” ކުރިއަށް ފިޔަވަޅު އަޅައިލަމުން ސުވާލު ކޮށްލި ކިއިޝާގެ ދެލޮލުގައި އޭރު ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ.

“މިހާރު ރަނގަޅު.. ކިރިޔާ ހަމަ ނާރެއް ހަލާކު ނުވެ އިނީ… އެ ހަލާކުވީ ނަމަ ވަރަށް ގެއްލުން ވިސް… ކައިރާއަކީ ނަފުސާނީ ބައްޔަށް ބޭސްކާ ކުއްޖެއްތޯ؟” ޒިނާން އެހިއެވެ.

“ނޫން…”

“އަޅުގަނޑަށް ފެނޭ ނަފުސާނީ ޑަކްޓަރަކަށް ދައްކާލަން… މި ބޭފުޅާ ވިދާޅުވީ ހިތުގައި ކައިރާއާއި އޭނާ ހަމަ މަޖަލުގައި އުޅުނީ.. ފާޙާނާއަށް ގޮސްފަ މިވީ ކަމެއް މިވީ” ޒިނާން ބުނެލިއެވެ. އަދި ކައިރާ ހޭ އެރި ވާހަކައާއި މިހާރު ބައްދަލު ކުރެވޭނެ ވާހަކަ ވެސް ބުނެލިއެވެ.

ކިއިޝާ އަވަސް އަވަހަށް އެތެރެއަށް ވަނެވެ. އޭނާގެ ފަހަތުން ނިޔަލް ވެސް އެތެރެއަށް ވަނެވެ. ސީލިންގާއި ދިމާލަށް ބަލަން އޮތް ކައިރާގެ އަތުގައި ބެންޑޭޖު އޮޅާފައި ވިއެވެ. އެދެލޮލުގައިވި ހުސްކަމެވެ. ބިރުވެރިކަމެވެ. ތުންފަތް ހިކިފައިވި އިރު މާ ގިނައިން ލޭ އައުމުން ހުދު ހެންވެސް ހީވެއެވެ. އޭރު އައިވީގެ އިތުރުން ލޭ ޕެކެޓެއްވެސް އޭނާގެ ހަށިގަނޑަށް ގުޅުވާފައި ހުއްޓެވެ.

“ކައި މޮޔަވީތަ؟؟ ކީއްވެ އެހެން ހެދީ؟؟ މަންމައަށް މިކަން އެނގުނީމަ މަންމައަށް ވާނެ ގޮތް އިނގޭތަ؟؟” ދެރަވެފައި ހުރި ނަމަވެސް އެވަގުތު ކިއިޝާއަށް އިސްކުރެވުނީ ފާޑެއްގެ ރުޅި ގަނޑެކެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟

“ދެން ވެސް ކޫ ކިއާ ދެކެ ރުޅިތަ އަންނަންވީ…؟ ކޫ އަށް އިނގޭތަ ކިއާ އޭރު ބިރުގައިން ވަރު..؟” ކައިރާގެ ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަން ފެށިއެވެ. އެވާހަކަ އެކަމަކު އޭނާ ބުނާނީވެސް ކިހިނެއް ހެއްޔެވެ؟ އެވާހަކަ ގަބޫލު ކުރާނީ ކާކު ހެއްޔެވެ؟

(ނުނިމޭ)

އެގާރަވަނަބައިގެ ތެރެއިން:

“ކީއްވެތަ…؟ ކޮބާތަ މަންމަގެ ކުށަކީ…؟ މަންމައަށް ދަރިފުޅު ހިތްހަމަ ނުޖެހޭ ކަމެއް ކުރެވުނީތަ؟ އެހެން ވިޔަސް ބުނެލި ނަމަ ދެން…؟ ކީއްވެ އަމިއްލައަށް މަރުވާން އުޅުނީ…” ކައިރާގެ އަތުގައި ހިފައިގެން އިނދެ ރޮމުން ހަދީޖާ ދެއްކި ވާހަކަ އިވިފައި ކިއިޝާއަށް ދުރު ބަލައިލެވުނީ ހިތަށް ނުކުޅަދާނަ ވެގެންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (1)

  1. Exxo

    Alheyyy mi ves Hamdha reethi part ekey dhww 🩷🩷
    Y????? y Kairaa suicide vaan ulhenyy
    O pls kairaa dont don’t do that!!!😭😭
    Pls take care Shihaa

Comments are closed.