Skip to content
އެސްފިޔަ

ޒައިނަބް – 13

Listen to this story Audio · 27:15 Powered by Esfiya Voice
0:00 27:15

އެދުވަހުގެ ހަވީރުގެ ވަގުތެއްގައި ސަލީމު ޔޫނުސްއާއި ބައްދަލު ކުރުމަށްފަހު އިބުރޭގެ ފަރާތުން ލިބުނު މައުލޫމާތު ޔޫނުސްއާއި ހިއްސާކުރިއެވެ.

“ހިކި ފިރިހެނެއް ދަބަހެއް ހިފައިގެންނޭ؟… އޭނާ ކައިރީގައިހުރި ދިގު މީހެކޭދޯ ބުނީ؟..”

ސަލީމު ކިޔާދިން ވާހަކަތައް އަޑުއެހުމަށްފަހު ޔޫނުސް އެހިއެވެ.

“އާނ.. އިބުރޭ ބުނީ ހަމަ އެހެން… އެކަމަކު އެއީ ސީދާ ކޮންބައެއް ކަން ނޭނގެއޭ ބުނީ.. އެމީހުންގެ ސިފަތައް ކިޔާދިން ކޮންމެވެސް ވަރަކަށް..”

ސަލީމު ބުންޏެވެ. ސަލީމު ކިޔައިދިން ވާހަކަތައް ޔޫނުސް އޭނާގެ ނޯޓުފޮތުގައި ނޯޓު ކޮށްލިއެވެ. ސަލީމުގެ ފަރާތުން އެލިބުނު މައުލޫމާތުން އަދި އެއްވެސް ކަމެއްގެ ސާފު ހެކި ލިބޭގޮތް ނުވިޔަސް އެއީ މިކަމަށް ލިބުނު ވަރަށްބޮޑު ބާރެކެވެ. އެލިބުނު މައުލޫމާތުގެ އަލީގައި އަދި އިތުރު އެތައްކަމެއް ހޯދިދާނެ ކަމަށް ޔޫނުސްއަށް ގަބޫލު ކުރެވުނެވެ.

“އިބުރޭ ބުނިތަ ސީދާ އޭނާ ފެނުން ދުވަސްތައް؟..”

ޔޫނުސް އެހިއެވެ.

“ނޫން.. އިބުރޭވެސް އެހާބޮޑަށް ހަނދާނެއް ނެތޭ ބުނީ.. އެކަމަކު ބުނި މީގެ އަހަރުތަކެއް ކުރިންވެސް ފެނިފަޔޯ ހުރީ.. މިހާރުވެސް ދޭތެރެއަކުން އެ ހިކިކޮށް ދަބަސް ހިފައިގެން ހުންނަމީހާ ފެނެޔޯ..”

ސަލީމު އެހެން ބުނުމުން ޔޫނުސް އިރުކޮޅަކު އެއްޗެކޭ ނުބުނެ ވިސްނާލަން އިނެވެ.

“އަދި އެބަ ޖެހޭ އިބުރޭ ތިބުނި މީހާ އިތުރު އެހެން ބަޔަކަށްވެސް ފެނިފަ ހުރިތޯ ބަލަން.. ގިނައިން ހެކި ލިބުނު ވަރަކަށް މިކަން ހޯދަން ފަސޭހަވާނެ..”

ޔޫނުސް އެހެންބުނެ އޭނާގެ ފޮތުގައި ލިޔެފައިވާ ނޯޓުތައް އަނެއްކާވެސް ކިޔާލިއެވެ. އިބުރޭއަށް ފެނުނުކަމަށް އެބުނާ ދެވަނަ މީހާއަކީ ކާކުބާއެވެ؟… ގާދިރަކީ އެ ސިހުރުވެރިޔާ ނަމަ ދެން އޭނާ ކައިރީގައި އެހުރީ ކާކުބާއެވެ؟. އަނެއްކާ އެއީ ގާދިރާއި އެހެންމީހަކާ ދެމީހުންވެގެން ކުރާ ކަމެއްބާއެވެ؟..

އެކި ސުވާލުތަކުން ޔޫނުސްގެ ސިކުނޑި ފުރެން ފެށުމުން ޔޫނުސް ފޮތް ލައްޕާލިއެވެ. އަދި އެހުރިހާކަމެއް ވަގުތުން ވަގުތަށް ސާފުނުވި ނަމަވެސް އެ ހުރިހާކަމެއްވެސް މަޑުމަޑުން އެނގޭނެކަމަށް ނިންމުމަށްފަހު ޔޫނުސް ހަމަޖެހިލިއެވެ.

…………………..

އަނެއްކޮޅުން މަރިޔަމް އުޅެމުންދިޔައީ ބޮޑު ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. ޒައިނަބާއި އަހުސަލްގެ ކުރިމަތީގައި މަރިޔަމްއަށް ކުރެވުނު ކަންތަކަށް އެއްބަސްވީ ހިސާބުންފެށިގެން އޭނާއަށް ހަމަ ޖެހިލައިގެން ލޮލުފިޔައެއްވެސް ނުޖެހެއެވެ. މަރިޔަމް ހީކުރީ އޭނާ ކުރި ކަންކަމަށް އެއްބަސްވާ ހިސާބުން އޭނާއަށް ކުރިމަތި ވަމުންދިޔަ ބިރުވެރި ކަންތައްތަކުން މިންޖުވާނެ ކަމަށެވެ. ނަމަވެސް އޭނާ ހީކުރިގޮތާ ހިލާފަށް އެ އުނދަގޫތައް އިތުރުވެ ތަނެއްގައި އެކަނި އިންނަންވެސް ނުކެރޭވަރު ވާންފެށިއެވެ.

މަރިޔަމް އޭނާގެ އަތަށް އެ ސިހުރު ބޮނޑި ދިން މީހާ ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެދުވަހު އެމީހާ އޭގައި ވަރަށް ބާރަށް ގޮއްޖަހާ ބަނދެލި ހަނދާންވެސް އެބަހުއްޓެވެ. އެހާ ބާރަށް އޭގައި ގޮއްޖަހަނީ ކީއްވެތޯ މަރިޔަމް ސުވާލުކުރުމުން އެމީހާ ދިން ޖަވާބުވެސް މަރިޔަމް ހަނދާން އެބަހުއްޓެވެ.

“މާގިނަ ސުވާލު ނުކުރޭ… މިގޮށްތައް ނުމޮހި މީތި ހިފައިގެންގޮސް އަހަރެން ބުނިގޮތަށް ހަދާ!..”

އެމީހާގެ އެ ޖަވާބުން މަރިޔަމްއަށް އޭނާ އެކުރި ކަންތަކުގެ ބޮޑުކަން އިހުސާސްވިއެވެ. ނަމަވެސް އެކަން ކުރުމުން ދެން ވާނޭގޮތެއް ނޫނީ މަރިޔަމްއަށް ކުރިމަތިވެދާނެ ކަމަކާމެދުވެސް އެދުވަހު ވިސްނާ ނުލެވުނީއެވެ. މިހާރު މަރިޔަމްއަށް ވިސްނެނީ އެދުވަހު އޭނާއަށް އެކުރެވުނު ކަންތަކަކީ ބިރުވެރި ކަމަކަށް ދެވުނު ދައުވަތެއް ކަމުގައެވެ. ހެދުނު ބޮޑު ގޯހަކުން މަރިޔަމްގެ ދިރިއުޅުންވެސް މިވަނީ ނާމާންކަމުން ފުރާލާފައެވެ.

އެދުވަހު ހަވީރު ސަލީމު މަރިޔަމްއަށް ގުޅުމަށްފަހު ޔޫނުސް މަރިޔަމްއާ ބައްދަލުކޮށްލަން ބޭނުންވާ ކަމުގައި ބުންޏެވެ. އެކަމަށް މަރިޔަމް ކުޑަކޮށް ޖެހިލުންވި ނަމަވެސް އޭނާ އެކަމަށް އެއްބަސްވިއެވެ.

ޖެހިގެންއައި ދުވަހުގެ މެންދުރު މަރިޔަމް ޔޫނުސް މެންގެ ގެއަށް ދިޔައެވެ. ހަމަނިދި ނުލިބި އުޅެން ޖެހިފައިވުމުން މަރިޔަމްގެ ދެލޯ ކައިރި ވަނީ ކަޅުވެފައެވެ. ވަރުބަލި ކަމުގެ އަސަރު ވަރަށް ސާފުކޮށް އޭނާގެ މޫނުމަތިން ފެންނަން ހުއްޓެވެ. ސަލީމު މެން އެންމެން ކުރިމަތީގައި އިންނަން ކުޑަކޮށް ޖެހިލުންވި ނަމަވެސް މަރިޔަމް ހިތްވަރުކޮށްލާފައި ގޭތެރެއަށް ވަނެވެ. ޔޫނުސް މަރިޔަމްއަށް ސަލާމް ގޮވާލުމަށްފަހު އިށީންނަން ބުންޏެވެ. އަދި ހުރިހާ ކަމެއް ފެށިގެން ނިޔަލަށް ކިޔާދިނުމަށް އެދުނެވެ. މަރިޔަމް އޭނާ ޒައިނަބާއި އަހުސަލަށް ކުރިންވެސް ކިޔައިދިން ވާހަކަތައް ތަކުރާރު ކުރިއެވެ.

މަރިޔަމް ބުނީ އޭނާ ޒައިނަބަށް ހަސަދަވެރި ވާތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އަދި އަވައްޓެރިންނާއި ތިމާގެމީހުން ޒައިނަބަށް ކުރާ ތައުރީފުތަކާއި ޒައިނަބް އުޅެމުންދާ އުފާވެރި ތަނަވަސް ދިރިއުޅުން ދެކެން މަރިޔަމްގެ ހަސަދަވެރި ހިތަށް ކެތްނުވީ ކަމުގައި ބުންޏެވެ. އަދި އެކަންތައް ބޮޑުވަމުންގޮސް އެންމެފަހުން ޒައިނަބްގެ ދިރިއުޅުން އެފުއް މިފުށަށް ޖަހާލުމަށް އޭނާ ބޭނުންވި ކަމުގައިވެސް ބުންޏެވެ. އެކަމަށްޓަކައި ސިހުރުހަދާ މީހަކާއި ބައްދަލުކޮށް އެމީހާގެ ފަރާތުން އެހީއަށް އެދުނުކަމަށްވެސް މަރިޔަމް ބުންޏެވެ. އަދި އެ ސިހުރުހަދާ މީހާގެ އެދުމަށް ޒައިނަބާއި އަހުސަލްގެ ޒާތީ މައުލޫމާތު އެމީހާއާއި ހިއްސާ ކުރިކަމަށާއި އެމީހާ ސިހުރު ހަދާފައި ދިން އެއްޗެއް މަރިޔަމް ގެންގޮސް ޒައިނަބްގެ ގޭގެ ވަލުދޮރާށި ފަޅީގެ ގޯތިތެރޭގައި ބޭއްވިކަމަށްވެސް އެއްބަސްވިއެވެ.

“މަރިޔަމް ދުށިންތަ އެމީހާ ތިބުނާ އެއްޗެއް ހެދިތަން؟. އޭތި ތައްޔާރު ކުރިއިރު މަރިޔަމް އިނިންތަ އެތާ؟.”

މަރިޔަމްގެ ވާހަކަ އަޑުއެހުމަށްފަހު ޔޫނުސް އެހިއެވެ.

“ނޫން އޭތި އޮތީ ބަންދުކޮށްފަ.. އަހަރެން ކުރިމަތީގަ ހަމައެކަނި އޭތީގަ ބާރަށް ގޮއްޖެހީ..”

މަރިޔަމް ކިޔާދިނެވެ.

“އެހެންވިއްޔާ އެމީހާ ބުނިތަ އޭތީގެ އެތެރެއަށް އަޅާފަހުރީ ކޯއްޗެއްކަން؟..”

ޔޫނުސް މަރިޔަމްގެ މޫނަށް ބަލަން އިނދެ އެހިއެވެ.

“ނޫން…”

މަރިޔަމް ބޯހޫރާލަމުން ބުންޏެވެ.

“އެމީހާ ބުނިތަ ޒައިނަބްގެ ގެއާ އެހާ ކައިރީގަ އޭތި ބާއްވަން ބުނީ ކީއްވެކަން؟..”

ޔޫނުސް އިތުރަށް އެނގެން ބޭނުންވާ މައުލޫމާތު ސާފުކުރުމުގެ ގޮތުން އެހިއެވެ.

“އޭނާ ބުނީ އެންމެ ރަނގަޅުވާނީ ގެއާ ވީހާވެސް ކައިރީގަ ބޭއްވީމައޭ..”

މަރިޔަމް އިސްޖަހާލައިގެން އިނދެ ބުންޏެވެ.

ޔޫނުސްގެ ސުވާލުތަކަށް ޖަވާބުދެމުން ދިޔައިރު މަރިޔަމް އިނީ އޭނާއަށް ކުރެވުނު ކަންތަކާމެދު ވަރަށް ލަދުގަނެފައި ކަން ޔޫނުސަށް އެނގެއެވެ.

“އެމީހާ އެއްވެސް ދުވަހަކު ލޮނުދޫއާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނިތަ؟.”

ޔޫނުސް އެހިއެވެ.

ޔޫނުސްގެ އެސުވާލު އިވިފައި މަރިޔަމް ކުޑަކޮށް ސިހުނެވެ. އަދި ޖަވާބުނުދީ އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ޔޫނުސްގެ މޫނަށް ބަލާލިއެވެ.

“އާން… ބުނި އެރަށަށް ދާ ވާހަކަ..”

މަރިޔަމް އެހެން ބުނިއިރު އޭނާއަށް އަދިވެސް އިތުރަށް އެނގޭ ކޮންމެވެސް ކަމެއް ސިއްރުކުރަން އުޅޭކަން އޭނާގެ މޫނުމަތިން ޔޫނުސަށް ފާހަގަވިއެވެ.

“ކޮން އިރަކު އޭނާ އެރަށަށް ދިޔައީ …”

ޔޫނުސް ކުޑަކޮށް ކުރިއަށް ޖެހިލަމުން އެހިއެވެ.

“އެމީހާ އަހަރެން އަތަށް އޭތި ދިނުމުގެ ކުރިން ކޮންމެވެސް ތާކަށް ދާންޖެހޭ ކަމުގައި ބުނި..”

މަރިޔަމް އެހެން ބުނިއިރު އޭނާ އިނީ ކުޑަކޮށް ބިރުގަނެފައެވެ. އެމީހާގެ މައުލޫމާތު މަރިޔަމް ޔޫނުސްއާއި ހިއްސާކުރިކަން އެމީހާއަށް އެނގިއްޖެނަމަ ދެން ވާނީ ކިހިނެއްބާއޭ މަރިޔަމްގެ ހިތަށް އެރިއެވެ.

“ދެން މަރިޔަމް އެހިންތަ އެއީ ކީއްވެތޯ؟..”

ޔޫނުސް އެހިއެވެ.

“ނޫން.. ނާހަން..”

މަރިޔަމް ބޯހޫރާލަމުން ބުންޏެވެ.

“މަރިޔަމް… ވަރަށް ރަނގަޅު ތިހުރިހާ ވާހަކައެއް ކިޔާދިނީމަ… އެކަމަކު އަދި އެބައޮތް އެއް ސުވާލު.. ވަރަށް ތެދަށް ޖަވާބު ދޭތި… އެމީހާއަށް ކިޔަނީ ކޮންނަމެއް؟..”

ޔޫނުސް މަރިޔަމްގެ ލޮލަށް ބަލަންއިނދެ އެހިއެވެ. އެވަގުތު މަރިޔަމްގެ މޫނުމަތީގެ ކުލަވަރު އެއްކޮށް ބަދަލުވެގެން ދިޔައެވެ. ބިރުން އޭނާގެ ދެއަތް މުއްކަވާލަމުން ވަށައިގެން ގޭތެރެއަށް ނަޒަރު ހިންގާލިއެވެ.

“މަރިޔަމް ކޮންކަމަކާ ތިހާ ބިރު ތި ގަންނަނީ؟؟. އެމީހާގެ ނަން ބުނަން ބިރުގަންނަނީތަ؟؟.”

މަރިޔަމްއަށް ވީގޮތް ފެނިފައި ޔޫނުސް އެހިއެވެ.

“އަހަރެން އެމީހާގެ ނަން ބުނިކަން އެނގިއްޖެއްޔާ އޭނަ އަހަންނަށް ކޮންމެފަދަ ކަމެއްވެސް ކޮއްފާނެ.”

އެހެން ބުނިއިރު މަރިޔަމްގެ އަޑު ތުރުތުރު ލައެވެ.

“އޭނާ މަރިޔަމްއަށް ބިރު ދެއްކިތަ؟..”

ޔޫނުސް އެހިއެވެ. މަރިޔަމް އެހާ ބިރުން އެ އުޅޭ ސަބަބެއް ހޯދަން ޔޫނުސް ބޭނުންވިއެވެ.

“އެމީހާ ބުނެފަ އޮތީ އޭނާ އެކުރާ ކަންކަމާ ބެހޭގޮތުން އެއްވެސް ވާހަކައެއް އެއްވެސް މީހަކަށް ކިޔާ ނުދެއްޗޭ.. އަދި ބުނި މަރިޔަމްއަށް ރަނގަޅަށް ނޭނގޭ ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކާ އެކަންކަމާ ބެހޭނަމަ ފަހުން އެކަމާ ދެރަވާން ޖެހޭނެއޭ…”

މަރިޔަމް ބިރުން އިނދެ ބުންޏެވެ.

ޔޫނުސް މަރިޔަމް ކައިރީގައި އިރުކޮޅަކު ފުންކޮށް ނޭވާލާ ކުޑަކޮށް ހަމަޖެހިލުމަށް ބުންޏެވެ. އަދި އެއްވެސްކަމަކާ މާބޮޑަށް ބިރުނުގަތުމަށް ބުންޏެވެ.

“މަރިޔަމް… އެމީހާ އެހެން ބުނެފަ އޮތޭ ކިޔާފަ އަހަރުމެންނަށް ހުރިހާކަމެއް ތެދަށް ކިޔާނުދީ ފަސްޖެހޭނެ ކަމެއް ނެއް… މަރިޔަމް އަމިއްލައަށް ދޯ އެމީހާ ކައިރިއަށްގޮސް އެމީހާ ބުނިގޮތަށް ކަންތައްކުރީ… މިހާރު މަރިޔަމް ތިވަނީ މަރިޔަމް ކުރިކަންތަކަށް އެއްބަސްވެފަ.. އެހެންވީމަ މަރިޔަމްއަށް އެނގޭ ހުރިހާ އެއްޗެއް ސާފުކޮށް ކިޔާދިނީމަ އަހަރުމެންނަށް މިކަމުގަ އިތުރަށް ކުރިއަށް ދެވޭނީ..”

ޔޫނުސް އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ބުންޏެވެ. ޔޫނުސް އެހެންބުނުމުން މަރިޔަމް ރޯންފެށިއެވެ.

“އަހަރެން ފަހުން ދިޔައިން އެމީހާ އާ ސުވާލުކުރަން އެގެއަށް.. އަހަންނަށްވެސް އެކިއެކި އުނދަގޫތައް ވާން ފެށީމަ ބިރުން އަހަރެން ދިޔައީ ސުވާލުކުރަން.. އެދުވަހު އެމީހާ ބުނީ އޭނާއާ ހަވާލުކުރި ކަންތައް ކޮށް ނިމިއްޖެ ކަމަށް.. އަހަރެން އެދުވަހު ބުނިން އެ ސިހުރުގެ ކަންތައް އެއީ ނުވާކަމަކަށް ހަދާ އެހުރިހާ ކަމެއް ކެންސަލް ކޮށްލަން.. އެހެން ބުނީމަ އެމީހާ ވަރަށް ރުޅިއައި.. ބުނީ އިތުރަށް ދެން އެކަމުގެ ތެރެއަށް ނުވަދެ މާގިނަ ސުވާލު ނުކުރާށޭ.. އެކަމާ ދެން ނުބެހޭށޭ.. އެކަންތައް ނިމިއްޖެއޭ…..”

މަރިޔަމް ރޮމުން ކިޔާދިނެވެ.

“ފުރަތަމަ މަރިޔަމް އެގޭ ކައިރީގަ ބޭއްވި އެތީގެ ކަޅު ފޮތިކޮޅު ޒައިނަބާ އަހުސަލަށް ފެނުން ފަހުން ދެވަނަ އެއްޗެއް އެތާ ބާއްވަން މަރިޔަމް ދިޔައިންތަ؟..”

ޔޫނުސް އެހިއެވެ.

“ހަމަ ހުވާކޮށްފަ މިބުނަނީ… ފަހުން އެގެއިން އެފެނުނު އެއްޗަކީ އަހަރެން ބޭއްވި އެއްޗެއްނޫން..”.

މަރިޔަމް ދެރަވެލާފައި ބުންޏެވެ. މަރިޔަމްގެ މޫނުމަތިންނާއި އޭނާގެ ރާގު ހުރިގޮތުން އޭނާ އެހަދަނީ ތެދުކަން ޔޫނުސަށް އެނގުނެވެ.

“އެހެންވިއްޔާ އޭތި ބޭއްވީ ކާކުކަން އެނގޭތަ؟..”

ޔޫނުސް އަނެއްކާވެސް އެހިއެވެ.

“ނޫން.. ނޭނގޭ… ހަމަ ތެދަށް މިބުނަނީ..”

މަރިޔަމް ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ.

މަރިޔަމްގެ ފަރާތުން ހުރިހާ ކަމެއްގެ ހަގީގަތް ސާފު ނުވާނެކަން ޔޫނުސަށް އެނގެއެވެ. ނަމަވެސް ޔޫނުސް ބޭނުންވީ ނަސޭހަތް ދީގެން ނަމަވެސް މަރިޔަމްގެ ފަރާތުން އިތުރަށް އެއްވެސް ކަމެއް ސާފުވޭތޯ ބަލާށެވެ.

ޔޫނުސް މަރިޔަމްއަށް ހުރިހާ ނަމާދެއް ކުރުމަށް ނަސޭހަތްތެރިވިއެވެ. އަދި ސިހުރު ހެދުމާއި އެކަމުގައި ބައިވެރިވުމަކީ ﷲ ނަހީ ކުރައްވާފައިވާ ކުފުރުގެ އަމަލެއް ކަމުގައިވެސް ބުންޏެވެ. އަދި މަރިޔަމް އަވަހަށް ތައުބާވެ ﷲ ގެ ހަޒްރަތުން އެ ކުއް އަފޫ ކޮށްދެއްވާތޯ ދުއާ ކުރުމަށް ބުންޏެވެ. އަދި ރުޤްޔާ ކުރުމުން އެހުރިހާ ކަމެއް ކުއްލިއަކަށް ރަނގަޅު ނުވާނެ ކަމަށާއި ޒައިނަބް މެންނަށް ލިބިފައިވާ ނިކަމެތިކަމުން އެމީހުން އަރައިގަތުމަށްވެސް ދުވަސް ނަގާނެ ކަމުގައިވެސް ބުންޏެވެ. އަދި މަރިޔަމްވެސް އޭނާއަށް ކުރެވުނު ކުށަށް ތައުބާވެ ދެން އެފަދަކަމެއް ނުކުރުމަށްވެސް ޔޫނުސް ނަސޭހަތްތެރިވިއެވެ. ޔޫނުސްގެ ވާހަކަތައް އަޑުއެހުމަށްފަހު މަރިޔަމް އާނ އެކޭ ބުނެ އެގެއިން ނިކުމެގެން ދިޔައިރުވެސް އެ ސިހުރުވެރިޔާގެ ނަމެއް އޭނާ ނުބުންޏެވެ.

އެދުވަހު ޔޫނުސް އަހުސަލްއާއި ސަލީމު އާއިއެކު އެރަށުގެ ހޮޓަލަކަށް ކޮފީއަކަށް ދިޔައެވެ. އަދި އެދުވަހު މަރިޔަމް ކިޔާދިން ހުރިހާ ވާހަކަތަކެއް ޔޫނުސް އަހުސަލްއާއި ހިއްސާކުރިއެވެ.

“އޭނަ ހަމަ ނުބުނޭތަ އެމީހާގެ ނަމެއް؟..”

އަހުސަލް ރުޅިއައިސްފައި އެހިއެވެ.

“އާން.. މަރިޔަމް ހުރީ ވަރަށް ބިރުން… އެ ސިހުރުވެރިޔާ ދެކެ ބިރުން އެމީހާގެ ނަމެއް ނުބުނި..”

ޔޫނުސް ބުންޏެވެ.

“މަރިޔަމް ބިރެއްނުގަނޭތަ އެ ސިހުރުހަދާ މީހާ ކައިރިއަށްގޮސް މަގޭ އަންހެނުންގެ ދުވަސް ދުއްވާލަން ބުނި އިރަކު؟.. އެވަރުގެ ކަމެއްކުރަން އޭނަ ބިރެއް ނުގަތްތަ؟.. ކިހާބޮޑު ކަމެއް މީދެން..”

އަހުސަލް ރުޅިއައިސްގެން ދަތްކުނޑި ވިކާލިއެވެ.

“އަހުސަލް … މަށަށް އެނގޭ އަސްލު އަހުސަލް ރުޅިއަންނާނެ ވަރު.. އަހުސަލް ރުޅިއަންނަން ހައްގު.. އެކަމަކު މަރިޔަމް ނުބުނާން ހުއްޓާ ގަދަކަމަކުން ނުހޯދޭނެ ދޯ އެމީހާގެ ނަމެއް.. އަނެއްކާ އަނެއްކޮޅުން ސީދާ ޔަގީން ނުވަނީސް މަށަކަށް ވަކި މީހަކާ ދިމާލަށް އިނގިލި ދިއްކޮށްފަ އެއީ އޭނާ ކުރިކަމެކޭ ބުނާކަށްވެސް ނުކެރޭނެ..”

ޔޫނުސް އެހެންބުނުމުން އަހުސަލް އެކަމާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ.

“މަރިޔަމް ބުނީ ފަހުން ތިގޯތިން ފެނުން އެއްޗަކީ އޭނާ ބޭއްވި އެއްޗެއް ނޫނޭ.. މަރިޔަމް އަކަށް އެއާ ބެހޭގޮތުން އެއްވެސް އެއްޗެއް ނޭނގެޔޭ އޭނަ ބުނީ.. އެކަމަކު މަށަށް ހީވަނީ މީހަމަ އެ ސިހުރުވެރިޔާގެ ކަމެއްހެން…”

ޔޫނުސް ވިސްނާލާފައި ބުންޏެވެ.

ޔޫނުސްގެ ވާހަކަ އަޑުއަހާފައި އަހުސަލް ނިތްކުރީގައި އަތްހާކާލިއެވެ. މިކަންތައްގަނޑުގެ ތެރޭގައި މިހެން އުޅެއުޅެ އަހުސަލް މުޅިން ވަރުބަލި ވެއްޖެއެވެ. މިކަމުގެ ސަބަބުން ޒައިނަބް އަބަދު ކަހަލަ ގޮތަކަށް އުޅެނީ ބަލިވެއެވެ. އެމީހުންގެ ގެއަކީ މުޅިން ނާމާން ބިރުވެރި ތަނަކަށް ވެއްޖެއެވެ. ލޮނުދޫއަށް ކޮންމެވެސް މީހަކުގޮސް ސިހުރު ހަދާކަން އެނގުނަސް އެއީ ކާކުކަމެއް އަދިވެސް ނޭނގެއެވެ. ޔޫނުސް ބުނެފައިވާ ގޮތުން އެންމެ ފުރަތަމަ އެއީ ކާކުކަން ހޯދައިގެން ނޫނީ އިތުރަށް ކުރިއަށް ދެވޭކަށްވެސް ނެތެވެ. މިކަންތައް ގަނޑަށް ނިމުމެއް އަންނާނީ ކޮން ދުވަހަކުން ބާއެވެ؟.. މިހުރިހާ ކަމެއް ނިމި ހަމަޖެހިލައިގެން ނިދާލެވޭނީ ކޮން ދުވަހަކުން ބާއެވެ؟. މިކަމުގެ ހުރިހާ ހަގީގަތެއް އެނގި މިކަންތައް ނިމޭނެ ދުވަހެއް ދެކެން އަހުސަލްވަނީ ކެއްމަދުވެފައެވެ.

އެރޭ ގެއަށްގޮސް އަހުސަލް ޒައިނަބަށް އެދުވަހު ޔޫނުސް ކިޔާދިން ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އެވާހަކަތައް އަޑުއަހާފައި އަހުސަލް އެކޭ އެއްގޮތަށް ޒައިނަބްވެސް މަރިޔަމް ދެކެ އިންތިހާއަށް ރުޅިއައެވެ. މަރިޔަމް އެމީހާގެ ނަން ބުނަން ބިރުން އުޅޭކަން އެނގުމުން ޒައިނަބްވެސް ބުނީ ހަމަ އަހުސަލްވެސް ބުނިހެންނެވެ. އެއްވެސް ބިރަކާ ނުލައި ޒައިނަބަށް އެވަރުގެ ދެރައެއްދޭން ކެރުނު މީހަކަށް އެމީހާގެ ނަން ބުނަން ނުކެރުން އެއީ ޒައިނަބްގެ ބުއްދި ގަބޫލުކުރާ ވާހަކައެއް ނޫނެވެ.

އަނެއްދުވަހުގެ ހެނދުނު ޔޫނުސްއަށް އިބުރޭގެ ކޯލެއް އައެވެ. އަދި ސަލީމު އިބުރޭއާ ސުވާލުކުރީ ޔޫނުސްގެ އެދުމަށް ކަން އޭނާއަށް އެނގޭ ކަމުގައިވެސް ބުންޏެވެ. އަދި އިބުރޭ ޔޫނުސަށް މިގުޅީ އެކަމާ ބެހޭގޮތުން އިތުރުކަމެއް ހަނދާންވުމުން ކަމުގައިވެސް ބުންޏެވެ. އަދި ވީހާވެސް އަވަހަކަށް ޖެޓީ ކައިރިއަށް އައުމަށް ބުންޏެވެ.

ޔޫނުސް ޖެޓީ ކައިރިއަށް ދިޔައިރު އިބުރޭ ޖެޓީ މަތީގައި ސިނގެރޭޓެއް ބޯން ހުއްޓެވެ.

“ޔޫނުސް… މަބުނީ އެރަށުން މަށަށް ފެންނަ ހިކި މީހާއާއެކު އަދި ދިގުކޮށް ހުންނަ މީހެއްވެސް ފެނުން.. ސަލީމު ބުނިދޯ.. މަށަށް އެމީހާ ފެނުން ދެތިން ފަހަރަކުވެސް… އެ ދިގުމީހާ ދުވަހަކުވެސް ކާށި ނޫނީ ދަރު ހޮވައިގެން ވަލުން ނިކުތްތަނެއް މަށެއް ނުދެކެން. އަބަދުވެސް ފެންނާނީ ވަލަށް ވަންނަތަން.. ނޫނީ ގަސްތަކާ ދިމާލަށް ބަލަން ހުއްޓިގެން ހުންނަތަން…”

އިބުރޭ ވަރަށް ހަނދާންކޮށްފައި ކިޔައިދިނެވެ.

“ތިބުނާ ދިގުމީހާ އެކަނި ހުއްޓާ ފެނުންތަ އެއްވެސް ދުވަހަކު؟.. ”

ޔޫނުސް އެހިއެވެ.

“އާން… އެއްދުވަހަކު އިރު އޮއްސެނިކޮށް އަހަރެން ލޮނުދޫއާ ވަރަށް ކައިރީގަ މަސްބާނަން މަޑުކޮށްގެން އިންދައި ދުށިން އެމީހާ އެކަނި ހުއްޓާ… އެދުވަހު އެމީހާ ހުރީ ހުދުކުލައިގެ ގަމީހެއް ލައިގެން.. އެކަނި ހުރީ ގަސްތަކާ ދިމާލަށް ބަލަން.. މަ ހީކުރީ ދޫންޏެއް ކަހަލަ އެއްޗެއް ފެނިގެން ބަލަން ހުރީކަމަށް… އެހެންވެ މަށެއް އެކަމަކާ މާބޮޑަކަށް އަޅައެއްނުލަން. މަ އުޅުނީ ރަތްމަސްކޮޅެއް ބޭނޭތޯ ވިއްޔާ…”

އިބުރޭ އެހެން ބުނެ ހިނިގަނޑެއް ޖަހާލިއެވެ.

ޔޫނުސް ގަމީހުގެ ޖީބުން އޭނާ ގެންގުޅޭ ކުޑަ ނޯޓުފޮތް ނަގައި އެވާހަކަތައް ކުރުކޮށް ނޯޓު ކޮށްލިއެވެ.

“އޭނަ ހުރީ އެއްވެސް އެއްޗެއް ހިފައިގެންތަ؟..”

ޔޫނުސް އެހިއެވެ.

އިބުރޭ ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ.

“އިބުރޭ ދުށިންތަ އެމީހާ ލޮނުދޫއިން ފުރައިގެން ދިޔަތަން؟..”

ޔޫނުސް އަނެއްކާވެސް އެހިއެވެ.

މިފަހަރުވެސް އިބުރޭ ނޫނެކޭ ބުނެ ބޯ ހޫރާލިއެވެ.

ޔޫނުސް އިބުރޭއަށް ޝުކުރު އަދާކުރުމަށްފަހު އެނބުރި ގެއަށްދާން ހިނގައިގަތެވެ.

ސިހުރުގެ ކަންކަން އެކުރަނީ އެތަނުން ކާކުބާއެވެ؟.. އިބުރޭ ކިޔާގޮތުން އާދަޔާ ހިލާފަށް ގިނައިން އެރަށުން ފެންނަ ދެމީހަކު އެބައުޅެއެވެ. މަރިޔަމްވެސް އެމީހާގެ ނަމެއް ނުބުންޏެވެ. ނަމަވެސް މިހެން ދަމުންގޮސް އަދި ޔޫނުސްގެ ހުރިހާ ސުވާލެއްގެ ޖަވާބުވެސް ލިބޭނެކަން ޔޫނުސަށް އެނގެއެވެ. ނަމަވެސް އެކަމަށްޓަކައި އަނެއްކާވެސް ލޮނުދޫއަށް ދާންޖެހޭނެ ކަމާމެދު ވިސްނާލުމަށް ފަހު ޔޫނުސަށް މަޑުމަޑުން ޝަހާދަތް ކިޔާލެވުނެވެ. ޔޫނުސް ކިތަންމެ ހިތްވަރު ނެރެގެން އުޅުނަސް ލޮނުދޫގައި ހޭދަވީ ރެއަކީ އޭނާވެސް ނުހަނު ބިރުގަތް އަދި ހަނދާނުންވެސް ފޮހެނުލެވޭނެ ރެއެކެވެ.

ލޮނުދޫއިން ސަލާމަތުން އާދެވުނު ނަމަވެސް އެރަށުގައި ހިނގާދިޔަ ކަންތައްތަކުގެ ބިރު އަދިވެސް އެހަތަރުމީހުންގެ ހިތުގައިވެސް ނުފިލާ ހުއްޓެވެ. ދުވި ނުބައި ފަރުހަކި ވަހާއި، ފެނުން ބިރުވެރި ކަޅު ހިޔަނިތަކާއި އެ އިވުނު އަޑުތަކެވެ. އެކަންކަމަކީ އަމިއްލައަށް ތަޖުރިބާ ނުކުރާނަމަ އެއްވެސް މީހަކަށް ހިތަށްވެސް ނުގެނެވޭނެ ފަދަ ބިރުވެރި ކަންކަމެވެ.

އޭގެ އަނެއްދުވަހު ހެނދުނު ހެނދުނާ ސަލީމު ކޮންމެވެސް ޚަބަރަކާއިގެން ޔޫނުސް މެންގެ ގެއަށް ދިޔައެވެ. ސަލީމު އަނެއްކާވެސް އެހެން މަސްވެރިއަކާ ވާހަކަ ދައްކައިގެން އިތުރު މައުލޫމާތު ތަކެއް ހޯދީއެވެ. ހައްސާނު ކިޔާ އެމީހާއަކީވެސް ފަރުމަހަށް ގޮސްއުޅޭ މީހެއްކަމުން އޭނާއަކީވެސް ލޮނުދޫގެ ފަޅުތެރޭގައި މަސްބޭނުމަށް ގިނަވަގުތު ހޭދަކުރާ މީހެކެވެ. ހައްސާނު ބުނިގޮތުގައި އޭނާއަށްވެސް ލޮނުދޫއިން ވަރަށްގިނައިން އެކަކު އެކަނި އުޅޭތަން ވަނީ ފެނިފައެވެ. ހައްސާނުވެސް ބުނީ އިބުރޭ ބުނިފަދައިން އެމީހާ ދިގުކޮށް ހުންނަ ހުދު ހެދުންލާ މީހަކާއެކު ދޭތެރެއަކުން ފެންނަ ކަމުގައެވެ. އަދި އެއްދުވަހެއްގައި އެ ހިކި ފިރިހެންމީހާ އަނެއް ދިގުމީހާގެ އަތަށް ކަޅުކުލައިގެ ފޮތިގަނޑަކުން ބަނދެފައިވާ ކޮންމެވެސް އެއްޗެއް ދިންކަމުގައިވެސް ބުންޏެވެ..

“ހައްސާނު ބުނިތަ އެއިން އެއްވެސް މީހެއްގެ ނަން؟.. އެމީހުންގެ މޫނު ފެނުންތަ އޭނައަށް؟..”

ސަލީމުގެ ވާހަކަ އަޑުއެހުމަށްފަހު ޔޫނުސް އެހިއެވެ.

“ހައްސާނުވެސް ބުނީ އެމީހުންގެ މޫނު ސާފުކޮށެއް ނުފެނޭ. ނޭނގެޔޯ ބުނާކަށް އެއީ ކޮން ބައެއްކަމެއް..”

ސަލީމު ބުންޏެވެ.

“ކޮން އިރަކުއޯ ފެނުނީ؟..”

ޔޫނުސް އެހިއެވެ.

“ހައްސާނު ބުނީ މީގެ މަދު އަހަރުތަކެއް ކުރިންވެސް އެމީހުން ފެނުންކަމަށް.. އަދި މިހާރުވެސް ދޭތެރެއަކުން ފެންނަކަމަށްވެސް ބުނި…”

ސަލީމު ކިޔާދިނެވެ.

“އަހަރުތަކެއް ކުރިންވެސް އިބުރޭއަށްވެސް ފެނުނެއްނު… އެހެންވީމަ ތި ސިހުރުހަދާ މީހާއަކީ މާކުރިއްސުރެ އެރަށަށްގޮސް ތިކަހަލަ ކޮންމެވެސް ކަމެއް ކުރާ މީހެއްތާދޯ…”

ޔޫނުސް އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު ބުންޏެވެ.

ޔޫނުސް ބޭނުންވީ ހައްސާނުއާއި ބައްދަލުކޮށް އަދި އިތުރަށް އެކަމާބެހޭ މައުލޫމާތު ސާފުކުރާށެވެ. އެހެންކަމުން ހައްސާނުއާއި ވާހަކަ ދައްކައިގެން ޔޫނުސްއާއި އެކު ބައްދަލުވުމެއް ހަމަޖެއްސުމަށް ސަލީމު ކައިރިން ޔޫނުސް އެދުނެވެ.

އަނެއްކޮޅުން ޒައިނަބްގެ މަންމަ ފާތުންމެންގެ ގޭގައި ކެއުމަކަށް ތައްޔާރުކުރަމުން ދިޔައެވެ. އެދުވަހު ޒައިނަބްއާއި އަހުސަލްއަށް އެގެއަށް މެންދުރު ކެއުމަށް ދައުވަތު ދީފައިވުމުން ފާތުންނާއި ޝިފާ އަވަދިނެތި ބަދިގެތެރޭގައި އުޅުނެވެ. އޭރު އާރާ އޭނާގެ ކޮއްކޮއާއި އެކުގައި ގޯތިތެރޭގައި ބޯޅައެއް ހިފައިގެން ކުޅެން އުޅުނެވެ. އިސްމާއިލްވެސް ކޮންމެވެސް ކަމެއްގައި ގޯތިތެރޭގައި އުޅެއެވެ.

އަހުސަލް ސައިކަލުގައި ޒައިނަބް އެގޭ ކައިރިއަށް ގެންދިއުމަށްފަހު ފަހުން ކާން އަންނާނެ ކަމުގައި ބުނެފައި ދިއުމުން ޒައިނަބް ގޮސް ގޭތެރެއަށް ވަނެވެ.

“ދަރިފުޅު ނައިސްގެން ލަސްވެފަ މަންމަ މިހުރީ..” ގޭތެރެއަށް ވަދެގެން އައި ޒައިނަބް ފެނިފައި ފާތުން ބުންޏެވެ. ޒައިނަބް ހީލާފައި ގޮސް ބަދިގެ ތެރެއަށް ވަނެވެ.

“ބަރާބަރު ގަޑިއަށް ތިއައީ… އާދެބަލަ މީގެ ރަހަބަލަން.. ލޮނު ހެޔޮވަރުތޯ ބަލާލަ ބަލަ…”

އުނދުން މަތީގައި ކެކިކެކި ހުރި މަސްރިހަ ތެލިން ސަމުސަލަކުން ރިހަކޮޅެއް ނަގައި ޒައިނަބްއަށް ދިއްކޮށްލުން ޝިފާ ބުންޏެވެ.

“އާން ގެނޭ .. ދޮންތަ އަކަށް ނޭނގޭނެ ލޮނު ހެޔޮވަރު ކުރާކަށް…”

ޒައިނަބް ހެމުންގޮސް ޝިފާ ކައިރީގައި މަޑުކޮށްލިއެވެ.

ޝިފާއާއި ޒައިނަބް އެކި ސަކަރާތުގައި ތިބެ ހެމުން މެންދުރުގެ ކެއުމަށް ތައްޔާރު ކުރަންފެށިއެވެ. އެމަންޒަރު ބަލަން ތަންކޮޅެއް ދުރުގައި ހުރި ފާތުން ހުރީ އެދެބެން އެކުގައި ހީސަމާސާ ކުރާ މަންޒަރު ފެނުމުން ނުހަނު އުފާވެފައެވެ.

އެދުވަހު މެންދުރުފަހު ޔޫނުސް ބަނދަރު މަތީގައި ހިނގާފައި ދަނިކޮށް ހައްސާނުއާއި ދިމާވިއެވެ. ޔޫނުސް ހައްސާނުއަށް ގޮވުމަށްފަހު ސަލީމުއަށް ކިޔާދިން ވާހަކަތައް ކިޔާދިނުމަށް އެދުނެވެ. ހައްސާނު ބުނިގޮތުގައި އޭނާއަށް އެކި ފަހަރު މަތިން އެ ހިކިކޮށް ހުންނަ މީހާ ފެނިފައިވެއެވެ. އިބުރޭވެސް ބުނެފައިވާ ގޮތަށް ހައްސާނުވެސް ބުނީ އެމީހާ ހުންނަނީ ކުޑަ ދަބަހެއް ކަހަލަ އެއްޗެއް ހިފައިގެންނެވެ. އެމީހާ އާންމުކޮށް ފެންނަނީ ވަލުތެރެއަށް ވަދެގެން ދާތަނެވެ. އަދި މަދުންނަމަވެސް އެމީހާއާއިއެކު ދިގުކޮށް ހުންނަ މީހެއްވެސް ފެނެއެވެ. އަދި އެއްދުވަހަކު އެ ހިކިމީހާ އޭނާ ގެންގުޅޭ ދަބަހުން ކަޅު އެއްޗެއް ނަގައި އެ އަނެއްމީހާގެ އަތަށް ދިންކަމަށްވެސް ބުންޏެވެ. އޭތި ދިނުމުން އެމީހާ އޭތި ހިފައިގެން ވަލުތެރެއަށް ވަނުމުން އަނެއްމީހާ މަޑުކޮށްގެން ހުރިކަމަށްވެސް ބުންޏެވެ. އަދި އެ ހިކިމީހާ އަނެއްމީހާ ކައިރީގައި ހުންނައިރު ހުންނަނީ ކުޑަކޮށް ބިރުންހެން ހީވާ ކަމުގައިވެސް ބުންޏެވެ. ޔޫނުސް ހައްސާނު ކިޔާދިން ވާހަކަތަކަށް ޝުކުރު އަދާކުރިއެވެ.

ހަމަ އެދުވަހު ހަވީރު ޔޫނުސް މަރިޔަމްއާވެސް ބައްދަލު ކުރިއެވެ. ޔޫނުސް ބޭނުންވީ އެ ސިހުރުވެރިޔާއާއި ބެހޭ އިތުރު އެއްވެސް މައުލޫމާތެއް މަރިޔަމްގެ ފަރާތުން ލިބޭތޯ އަދިވެސް މަސައްކަތް ކުރާށެވެ. މަރިޔަމް ގޮސް ޔޫނުސްމެންގެ ގެއަށް ވަތްއިރު އޭނާއިނީ ވަރަށް ހިތް ނުތަނަވަސްވެ ޖެހިލުންވެފައެވެ. މަރިޔަމް ޔޫނުސް ކުރިމަތީހުރި ގޮނޑީގައި އިށީނދެ ވަށައިގެން ގޭތެރެއަށް ބަލާލިއެވެ. މަރިޔަމްގެ ހަރަކާތްތައް ހުރިގޮތުން އޭނާ އަބަދުވެސް އިންނަނީ ސިހިސިހި ކަން ޔޫނުސްއަށް އެނގުނެވެ.

“މަރިޔަމް އެއްވެސް ދުވަހަކު ދުށިންތަ އެހެން ފިރިހެނެއް އެ ސިހުރުވެރިޔާ އާއެކު؟.”

ޔޫނުސް އެހިއެވެ.

“އާން އެއްފަހަރު ފެނުން…”

މަރިޔަމް އެހެން ބުނުމުން މަރިޔަމްއަށް ފެނިފައިވާ މީހާގެ ސިފަތަކާއި އެދުވަހު ވީކަންކަން ކިޔާދިނުމަށް ޔޫނުސް އެދުނެވެ.

“އަހަރެން އެއްދުވަހަކު އެމީހާގެ ގެއަށް ދިޔައިރު ދިގުކޮށްހުރި މީހެއް އިން އެތާގަ.. އެއީ އަހަރެން އެ ސިހުރު އެތި ޒައިނަބް މެންގެ ގޭގައި ބޭއްވުމުގެ ކުރިން ވީކަމެއް… މިބުނާ ދިގުކޮށްހުރި މީހާހުރީ ހުދު ގަމީހެއް ލައިގެން.. އެމީހާ އިންދުވަހު އެ ސިހުރުވެރިޔާގެ އަމަލުތަކާ މަސްމަގު ވަރަށް ތަފާތު.. އޭނަ ކުރިމަތީގަ އެ ސިހުރުވެރިޔާ މާގިނަ ވާހަކައެއް ނުދައްކާ.. ހީވަނީ އެމީހާދެކެ ޖެހިލުންވެފަ އިންހެން..”

މަރިޔަމް އޭނާއަށް ފެނުން މަންޒަރު ޔޫނުސަށް ކިޔައިދިނެވެ.

“މަރިޔަމްއަށް އަޑުއިވުންތަ އެމީހުން ދެއްކި ވާހަކަ؟.”

ޔޫނުސް އެހިއެވެ.

“ނޫން.. އެމީހުން ވާހަކަދެއްކީ ވަރަށް މަޑުން.. އަހަރެން ދިޔައިރު އެމީހާ އެތާ އިނީމަ އަހަރެން ހުރީވެސް ދުރުގަ މަޑުކޮށްލައިގެން.. އެހެންވެ އެމީހުން ދެއްކި ވާހަކައެއް މާބޮޑަކަށް ސާފެއްނުވޭ..”

މަރިޔަމް ބުންޏެވެ.

“އެއްވެސް ނަމެއް ކީއަޑު އިވުނުތަ؟. އެދިގު މީހާގެ ނަން އެނގޭތަ؟.. އެމީހާގެ މޫނު ފެނުންތަ؟.”

ޔޫނުސް އޭނާގެ ސުވާލުތައް ފައްޗަކަށް އަމުނާލިއެވެ..

“އާނ ކުޑަކޮށް ފެނުން.. މިހާރު މާބޮޑަކަށް ހަނދާނެއް ނެތް އެމީހާގެ މޫނެއް… އެހެން ނޫނަސް އަހަރެން އެހާވަރަކަށް ނުވެސް ބަލަން އެމީހާއަކަށް. އެމީހާގެ ނަމުންގޮވި އަޑެއްވެސް ނާހަން.. ނޭނގެ އެމީހާގެ ނަމެއް.”

މަރިޔަމް ބުންޏެވެ.

“އެ ސިހުރުވެރިޔާ މަރިޔަމްގެ އަތަށްދިން އެތި ހެދުމުގައި ތިބުނާ ދިގުމީހާ ބައިވެރި ވިތަ؟..”

ޔޫނުސް އެހިއެވެ.

“ނޭނގެ.. އަހަރެން އަތަށް އޭތި ދިނީ އެހެން ދުވަހަކު.. އެދުވަހަކު އެމީހާއެއް އެތާކު ނެތް..”

މަރިޔަމް ކިޔައިދިނެވެ.

“މަރިޔަމް.. އަސްލު ކީއްވެތަ އެ ސިހުރުވެރިޔާގެ ނަން ނުބުނަން ތިއުޅެނީ؟..އެމީހާގެ ނަން ބުނެބަލަ…”

ޔޫނުސް އެހިއެވެ.

“އޭނައަށް އެނގޭނެ އަހަރެންގެ ވަރަށްގިނަ މައުލޫމާތު.. އަހަރެންގެ އާއިލާގެ މައުލޫމާތުވެސް.. އަހަރެންގެ ގެވެސް.. އެމީހާ އެއް ދުވަހަކު ބުނަންވެސް ބުނި އޭނައަށް ދޯކާދޭ މީހުންނަށް ފަހުން މާރީތި ގޮތެއް ނުވާނެއޭ… އަހަންނަށް އެނގޭ އެއީ އަހަރެން ބިރުދައްކަން ބުނި އެއްޗެއްކަން.. އެމީހާ އަހަންނަށް ކަމެއް ކޮއްފާނެ..”

މަރިޔަމް ބިރުން އިނދެ ބުންޏެވެ.

އެދުވަހުވެސް ހަމަ އެއްގޮތަކަށްވެސް މަރިޔަމްގެ އަނގައިން އެމީހާގެ ނަމެއް ނުބުންޏެވެ.

……………

އެރޭ ޒައިނަބާއި އަހުސަލް ރޭގަނޑުގެ ކެއުމަށްފަހު ސިޓިންރޫމު ސޯފާގައި އެކި އެކި ވާހަކައިގައި ތިއްބެވެ. ކުރިން ގޭތެރޭގައި ވާހާ ބިރުވެރިކަމެއް މިހާރަކު އެގޭތެރެއަކު ނޯވެއެވެ. ޔޫނުސް ރުޤްޔާ ކުރަން ފެށިފަހުން ކޮންމެވެސް ވަރަކަށް އެ ގޭތެރެވަނީ އަމާންވާން ފަށާފައެވެ. ކުރިން އިވޭހާ އަޑުތަކާއި އެމީހުންނަށް ފެންނަ ބިރުވެރި ހުވަފެންތައްވެސް އިހުނަށްވުރެ މަދެވެ.

“ޒައިނަބް.. މިހުރިހާ ކަމެއް ފެށުމުގެ ކުރިން އަހަރުމެން އުޅުނުލެއް އުފާވެރިކަން ޒައިނަބް ހަނދާން އެބަހުރިތަ؟.”

އަހުސަލް ޒައިނަބްގެ އަތުގައި ހިފާލަމުން އެހިއެވެ.

“އާނ.. އަދިވެސް އެހާ އުފާވެރިކޮށް އުޅެވޭނެ ދުވަހެއް ބޭނުން..”

ޒައިނަބް ދެރަވެލާފައި ބުންޏެވެ.

“ކޮންމެ ހުކުރު ދުވަހަކު މީރު އެއްޗެހި ކައްކާ ޒައިނަބްގެ އާއިލާއާ އަހަރެންގެ އާއިލާ މީހުން ގެނެސް ކާންދީ އެންމެން އެއްކޮށް ކިހާ މަޖާދޯ އޭރު… އޭރު ޒައިނަބް އުޅޭނީ އަބަދުވެސް ކޮންމެވެސް ކަމެއް ޕްލޭން ކުރުމުގަ.. ކޮންމެވެސް ކެއުންގަނޑެއް ނޫނީ ސަޔެއް ހަދަންވެގެން.. ނޫނީ ޕިކްނިކް ދާން…”

ކުރިން އެގޭ ތެރޭގައިވީ އުފާވެރިކަން އަހުސަލް އޭނާގެ ހިޔާލަށް ގެންނަމުން ބުންޏެވެ.

“އާނ.. ކިހާ މަޖާ އޭރު.. އަދިވެސް އެދުވަސް އަނބުރާ ލިބޭނެ އިންޝާ ﷲ..”

ޒައިނަބް އެހެންބުނެ ހީލިއެވެ.

“ޒައިނަބް ބުނެބަލަ… އަސްލު މަރިޔަމް އޭނާއަށް ކުރެވުނު ކަންތައް ރިގްރެޓް ކުރާނެތަ؟..”

އަހުސަލް އެހިއެވެ.

“ހީވަނީ ކުރާހެން… އޭނާ އެހުންނަނީ ނުލާހިކު ބިރުން… އެކަމަކު އޭނަ ހިތުގެ އަޑިން އެކަން ރިގްރެޓް ކުރާކަމެއް ދެނެވޮޑިގެންވާނީ ﷲ.. މަރިޔަމްއަކީ އެހާ ދޮގުހަދާ މީހެއްވީމަ ނޭނގޭ ބުނާކަށް… އަސްލު އަހަރެން ބޭނުމެއްނޫން އެއްވެސް މީހަކަށް ނަފްރަތު ކުރާކަށް.. އެކަމަކު އަހަންނަކަށް ހިޔެއްނުވޭ ދެން ދުވަހަކުވެސް މަރިޔަމްއަށް އިތުބާރު ކުރެވޭނެ ހެނެއް..”

ޒައިނަބް އެހެންބުނެ އިރުކޮޅަކު ވިސްނާލަން އިނެވެ.

“ޒައިނަބް ދެން ނުޖެހޭނެ އޭނައަށް އިތުބާރު ކުރާކަށް.. ކޮށްގެންވެސް ނުވާނެ… މިހުރިހާ ކަމަކުން ސަލާމަތް ވުމުން ޒައިނަބް އޭނައަށް މާފްކުރިޔަސް ދުވަހަކުވެސް އޭނައަށް އިތުބާރުކޮށް ގާތްކަން ނުބާއްވާތި!..”

ޒައިނަބްގެ ބޮލުގައި ފިރުމާލަމުން އަހުސަލް ބުންޏެވެ.

ޒައިނަބް އާނއެކޭ ބުނެ އަހުސަލްގެ ކޮނޑުގައި ބޯއަޅާލިއެވެ.

…………

އޭގެ އަނެއްދުވަހު ހެނދުނު ސަލީމް ޔޫނުސްމެންގެ ގެއަށް ދިޔައެވެ.

“އެނގިއްޖެ މަރިޔަމް ދިޔައީ ކާކު ކައިރިއަށް ކަން…”

ސަލީމު ގޭތެރެއަށް ވަތްގޮތަށް ބުންޏެވެ. އޭރު ޔޫނުސް ކޮފީތައްޓެއް ހިފައިގެން ކާމޭޒު ކައިރީގައި އިނެވެ. ސަލީމު ދިން ހަބަރު އިވިފައި ޔޫނުސް އޭނާ ބޮއިބޮއި އިން ކޮފީތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު އެއީ ސުވާލު ކުރިއެވެ.

“ގާދިރު….”

ސަލީމު ޔޫނުސް ކައިރީގައި އިށީންނަމުން ބުންޏެވެ.

މިއޮއްހާ ދުވަހު ޔޫނުސްގެ ހިތުގައިވާ ޝައްކު ޔަގީނަށް ވީއެވެ.

“ސަލީމުއަށް ތިކަން އެނގުނު ގޮތް ކިޔާދީބަލަ..”

ޔޫނުސް ވަރަށް ޝައުގުވެރި ކަމާއެކު އެހިއެވެ.

“އަހަރެން ކައިރީގަ އެހެން ބުނީ އަހަރުމެން ގެ ކައިރީގައުޅޭ އަންހެނެއް.. އޭނައަށްވެސް ކޮންމެވެސް މީހެއްގެ ފަރާތުން އެކަންތައް އެނގިފަ އޮތީ.. އެމީހާ ބުނީ އެ ގާދިރަކީ މީހުންނަށް ސިހުރުހަދާ މީހެކޯ.. އޭނާ އެކަހަލަ ކަންކަން ކުރާތާ އެތައް އަހަރެއް ވެއްޖެދޯ ބުނީ… ޔޫނުސް ބުނީމެއްނު ޔޫނުސަށްވެސް ހީވެޔޭ މީ ގާދިރުގެ ކަމެއްހެން.. ހަމަ އެހެންދޯ އެވީވެސް.. މިހުރިހާ ކަމެއް މިކުރަނީ އެ ގާދިރު.. ހާދަ ނުބައި ނުލަފާ މީހެކޭދޯ އެއީ.. ”

ސަލީމު ބުންޏެވެ.

“ތިބުނާ އަންހެންމީހާ ބުނިތަ ގާދިރު ލޮނުދޫއަށް ގޮސް ހަދާ ވާހަކަ..؟..”

ޔޫނުސް އެހިއެވެ.

“އާނ ބުނި… އޭނަ ބުނީ އޭނައަށް އެނގެޔޭ ގާދިރު ވަރަށް ގިނައިން ލޮނުދޫއަށް ދާކަން…”

ސަލީމު ކިޔާދިނެވެ.

ސަލީމުގެ ވާހަކަތައް އަޑުއަހާފައި ޔޫނުސް ހަމަ ޖެހުމުގެ ނޭވާއެއްލިއެވެ. މިހާތަނަށް މިލިބުނު މައުލޫމާތުން ޔޫނުސްގެ މަސައްކަތުގައި ކުރިއަށްދާން އިތުރަށް މަގުފަހިވީ ނަމަވެސް އަދިވެސް ޖަވާބު ނޭނގޭ އެތަކެއް ސުވާލެއް އެބަހުއްޓެވެ. އެންމެން އެކިޔާ ދިގު މީހާއަކީ ކާކުބާއެވެ؟.. ގާދިރު އެމީހާއާއި އޮންނަނީ ކޮން ގުޅުމެއް ބާއެވެ؟.. އަދި އެ ސިހުރުތައް ހެދުމުގައި އެމީހާގެ ރޯލަކީ ކޮބައި ބާއެވެ؟…

-ނުނިމޭ-

Comments (4)

  1. Rosey

    Whoo is that dhigu dude
    this part is very interesting
    And thank you for uploading fastly💗💗💗

    1. Eyesh
      Rosey

      Thank you for dropping a comment 🤍 and you’re welcome 🤗 readers ge feedback positively i take and appreciate all positive and negative comments as well. Rosey buneema now dhigu koh mikuranee episodes 🤍 hope you will enjoy next part also

    2. Eyesh
      Rosey

      Dhigu dude tho balan hingaa. Hehe Rosey keep reading to find out 😉☺️

  2. Rosey

    Okkk☺️

Comments are closed.