Skip to content
އެސްފިޔަ

އަލްވިދާ – ޓްރޭލާރ

Listen to this story Audio · 7:11 Powered by Esfiya Voice
0:00 7:11

(ޓްރޭލާރ)

ނޯޓް: މިވާހަކައަކީ މިއީ ހިލޭ ކިޔާލަން ލިބޭ ވާހަކައެކެވެ. މިވާހަކައަކީ އަޅުގަނޑުގެ ޓިކްޓޮކް “shihaagevaahaka@” އަށް ‘އޯޑިއޯ’ ވާހަކައެއްގެ ގޮތުގައި ލަމުން ގެންދާ ވާހަކައެކެވެ. މިވާހަކަ ސައިޓަށް ލާން ގިނަ ކިޔުންތެރިންގެ ފަރާތުން އެދެވުނެވެ. ގިނައީ އެއްވެސް ކަހަލަ ސޯޝަލް މީޑިއާއެއް ނުގެންގުޅޭ ކުދިންނެވެ. މިވާހަކަ ސައިޓުގައި ގެނެސްދޭން ނިންމީ އެހެން ވެގެންނެވެ. މި ވާހަކަ އަޅުގަނޑު ގެނެސްދޭނީ ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހަކުއެވެ. ޓިކްޓޮކް އަދި އެސްފިޔަ އަށް ވެސްމެއެވެ. ހަފުތާއެއްގެ ދެދުވަހު ނެރޭ ތީވެ، ބައިތައް އަޅުގަނޑު މިހާރު މި ލިޔަމުން ދާ ވާހަކަ ‘ސައިކޯ’ އަށް ވުރެ ދިގުމިން ބޮޑުވާނެއެވެ. މިއީ އެއްވެސް އިރެއްގައި ހިނގާފައިވާ ހާދިސާއެއް ނޫނެވެ. މީ ހިޔާލީ ވާހަކައެކެވެ. ދެން އަޅުގަނޑުގެ ބޭކާރު ވާހަކަ ހުއްޓާލާ ނަމެވެ. އަވަހަށް ކިޔާލާށެވެ. ކިޔުންތެރިންނަށް މިވާހަކަވެސް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ… 🩶

އޮލިމްޕަސް ސިނަމާގެ މުޅި ހިސާބު ވަނީ، އަހަރުގެ އެންމެ ފުރަތަމަ ދިވެހި ފިލްމު “އަލްވިދާ” ޕްރިމިއާ ކުރުމަށްޓަކައި ހައިބަތު ބޮޑު ގޮތަކަށް ޒީނަތްތެރި ކޮށްފައެވެ. ދޮރުމަތިން ފެށިގެން ހޯލާ ހަމައަށް ފަތުރާ ލެވިފައިވާ ރަތް ދޫލައާއި، ދެފަރާތުގައި ޖަހާފައިވާ ރަންކުލައިގެ ފަނޑު އަލިތަކުން މުޅި މާހައުލަށް ގެނެސްދީފައިވަނީ ޖާދުވީ ރީތިކަމެކެވެ. ފިލްމުގެ ޕޯސްޓަރުތަކާއި ބަތަލުންގެ ފޮޓޯތަކުން ފާރުތައް ވިދަމުން ދިޔަ އިރު، ޖެހެމުންދިޔަ ހިތްގައިމު މަޑުމައިތިރި ފިނި ވައިރޯޅިން މުޅި ތަނުގައި އުފެދިފައިވަނީ ހިތްހަމަޖެހުމެވެ.

އެންމެންގެ ލޯތައް ސްޓޭޖާ ދިމާއަށް ހުއްޓިފައިވަނިކޮށް، ޓީވީ ހޯސްޓް އުލްޔާ ވަހީދު ސްޓޭޖަށް އެރީ އެންމެންގެ ލޯތައް އޭނާއަށް ހުއްޓުވާ ލަމުންނެވެ. އޭނާ ލައިގެން ހުރީ މި ޚާއްޞަ ރެއާ ނުހަނު ގުޅޭ، ހައިބަތު ބޮޑު ކަޅު ކުލައިގެ އަބާޔާ އެކެވެ. މޮޅު ވެލްވެޓް ފޮއްޗަކުން ފަހާފައިވާ އެ އަބާޔާގެ ކަނދުރާއިން ފެށިގެން މޭމައްޗާ ހަމައަށް، އަދި ދެއަތުގެ އަތުކުރީގައި ޖަހާފައިވާ ކަޅު ކުލައިގެ ކުދި އެސްތަކުން ވިދަމުން ދިޔައީ ސްޓޭޖުގެ އަލިތަކުގެ ތެރޭގައި ޖަވާހިރެއް ފަދައިންނެވެ. ހަށިގަނޑަށް ނިވާވާނޭހެން ހުރި އެ އަބާޔާއިން އޭނާގެ ހިނގުމަށް ގެނެސްދީފައިވަނީ ޝާހީ ފުރިހަމަކަމެކެވެ. އަދި އެ ހެދުމާއި ގުޅޭހެން އޭނާ އަޅާފައި ހުރި ރަންކުލައިގެ ޝޯލް އިން އެ ދޮން މޫނު ފެންނަނީ ވަރަށް ވެސް ފުރިހަމަ ކޮށެވެ.

އޭނާގެ އަޑުގައިވާ ރީތި ޖޯޝާއި، މޫނުމަތިން ފެންނަން ހުރި ހިނިތުންވުމާއެކު، ހުރިހާ ބެލުންތެރިންނަށް މަރުޙަބާ ކިޔައި ވާހަކަ ދައްކަން ފެށީ، ޕްރޮގްރާމްގެ ފުރިހަމަކަން އިތުރު އެތައް ގުނައަކަށް އުފުލައި ދެމުންނެވެ. އުލްޔާގެ ބަސްމޮށުންތެރި ކަމާއި ޝައުޤުވެރި ތަޢާރަފާއި އެކު، “އަލްވިދާ” ގެ ޚާއްޞަ ޕްރިމިއާ ނައިޓް ރަސްމީކޮށް ފެށިގެން ދިޔައީ ބެލުންތެރިންގެ ހިތްތައް އިންތިހާއަށް ކެތްމަދު ކުރުވަމުންނެވެ.

ފަރި ހިނގުމެއްގައި ދެން އެތަނަށް އަންނަތަން ފެނުނީ އުމުރުން 21 އަހަރުގެ އީމާންއެވެ. މިރޭގެ ރާނީ އަކީ ވެސް އެއީއެވެ. އޭނާ ތައްޔާރު ވެލައިގެން ހުރީ ބަލާލަން ނުހަނު ހިތްގައިމު، މުށި ކުލައިގެ ފުރިހަމަ ޕާކިސްތާން ހެދުމެއްގައެވެ. ދިގުކޮށް ހުރި އެ މުށި ކުރުތާ ފަހާފައި ވަނީ އަގުބޮޑު މަޑު ސިލްކު ފޮއްޗަކުން ނެވެ. ކުރުތާގެ ކަރު ވަޅާއި މޭމަތީގައި، އަދި ދެއަތުގެ ކައިރިފަށުގައި ޖަހާފައިވާ ރަންކުލައާއި ގަދަ މުށި ކުލައިގެ ނާޒުކު ތިލަ ކޮޅު “އެމްބްރޮއިޑަރީ” މަސައްކަތްތަކުން ގެނެސްދެނީ ޝާހީ މުއްސަނދި ކަމެކެވެ. ތިރިން ލާފައިވާ ދޫ ހަރުވާޅުގެ ފައި ކުރީގައިވެސް ވަނީ ހަމަ އެފަދަ ފަންނީ ޒީނަތްތެރި ކަމެކެވެ.

ހެދުމާއެކު އޮތް ބޮޑު ދޯޕައްޓާ ގެ އެއްފަރާތް ކޮނޑުމަތިން ނަގައި، މޭމަތި ފޮރުވޭނޭހެން ނަލަކޮށް ވައްޓާލާފައި ވާއިރު، އޭނާ ބޮލުގައި އަޅާފައިވަނީ ހެދުމާ ވަރަށް ގުޅޭ މަޑު މުށި ކުލައިގެ ‘ޝިފޯން’ ބުރު ގަލެކެވެ. މޫނުމައްޗަށް އެއްވެސް އިސްތަށްޓެއް ނުވެއްޓޭނޭހެން، އަޅާފައިވާ އެ ބުރު ގަލުން އޭނާގެ މޫނަށް އިތުރު އަލި ކަމަކާއި ސާދާ ތާޒާކަމެއް ގެނެސްދެއެވެ. އިސްލާމީ ރިވެތި އަދަބުތަކާއި ޕާކިސްތާނު ސަގާފަތުގެ ހިތްގައިމު ފަރުމާ އެކުލެވިގެންވާ އެ ހެދުމުން އޭނާގެ ކިބައިން ފެންނަމުން ދިޔައީ ބަޔާންކުރަން ދަތި ހައިބަތަކާއި، ލޮލަށް ފިނިކަން ގެނެސްދޭ ފަދަ މާތް ރީތިކަމެކެވެ.

“އައްސަލާމު އަލައިކުމް، އީމާން ކިހިނެތްތޯ ހާލު އަހުވާލު؟” އީމާން އައިސް ކައިރީގައި ހުއްޓުމުން އުލްޔާ މައިކު ދިއްކޮށްލަމުން ވާހަކަ ދައްކަން ފެށިއެވެ.

“އާހްހްހ ދެން… ވަރަށް ހިތް އަވަސްވެފަ ދޯ؟ އަނެއްހެން އޯކޭ ދެން. އަލްހަމްދުލިއްލާހި ހަމަ ވަރަށް އުފާވެފަ މިހުންނަނީ މިހާ ގިނަ މީހުން އަޅުގަނޑުގެ މި ފިލްމު ބަލާލަން އައިސް ތިބީ ތީވެ” އީމާންގެ މޫނުމަތިންވެސް އެ އުފާވެރިކަން ފެންނަމުން ދިޔައީ އިންތިހާއަށެވެ. ތުންފަތުގައި ފުރިހަމަ ހިނިތުންވުމެއް ވީ އިރު އެކުޑަ ދެލޯ ވިދަމުން ދިޔައީ ތަފާތު ގޮތަކަށެވެ.

“އަލްވިދާ ފިލްމާއި ބެހޭ ގޮތުން އީމާން ބުނެލާނީ ކީކޭތޯ؟” އުލްޔާ ވެސް ހުރީ އެ ފިލްމު ބަލަން ކެތްމަދުވެފައެވެ.

“މީ ވަރަށް އަސަރުގަދަ ވާހަކައެއް. މިޒަމާނުގައި ހަގީގަތުގައި ވަރަށް އާންމު ވަމުންދާ ކަމެއްވެސްމެ. އެކަމަކު އަސްލު ވާހަކަ ދައްކަން ޖެހޭވަރަށް ނުދެކެވޭ ވާހަކައެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އަޅުގަނޑުގެ ބައްޕައަކީ ރާއްޖެ މީހެއް ކަމުގައިވިޔަސް އަޅުގަނޑުގެ މަންމައަކީ ޕާކިސްތާނު މީހެއް. ދެގައުމަކީވެސް މުސްލިމު ގައުމެއް އެކަމަކު، ދެކޮޅުގައިވެސް ހަމަ އާންމު ކަމެއް މިއީ. އެކަމަކު މީހުން އެހާގިނައިން ދައްކާ ވާހަކައެއް ނޫން މީ. އެހެންވެ ބަލާލުން މުހިންމު ފިލްމެކޭ އަޅުގަނޑު ބުނެލާނީ” އީމާން ބުނެލިއެވެ.

“މިވާހަކަ މިއީ ކިހާ ދުވަހެއްގެ މަސައްކަތެއްތޯ؟” އެއީ އެންމެންވެސް އަހާލަން ބޭނުންވެފައިވީ ސުވާލެކެވެ.

“މިވާހަކަ އަޅުގަނޑު ލިޔަން ފެށީ މިދިޔަ އަހަރު… މިހާރު އަހަރެއް ވީމި…”

“އެންމެ ރަނގަޅު ވަރަށް ބޮޑަށް ޝުކުރިއްޔާ އީމާން.. އާދެ.. ދެންމެ ތިބޭފުޅުންނާއި ތި ބައްދަލުވީ، އަލްވިދާ، މި ފިލްމު ލިޔުނު މަރިޔަމް އީމާން ޔޫނުސްއަށް.. ދެން އަޅުގަނޑު މި ބަލައިލަނީ…

***

ފިލްމުގެ ތަރިންނާއި ފިލްމަށް އެހީވި އަދި ފިލްމު ބަލަން އައި ގިނަ ފަންނާނުންގެ ވާހަކަތައް އެއްސެވުމަށް ފަހު ފިލްމު އަޅުވާ ވަގުތު ޖެހިއްޖެއެވެ. މިހާރު ގަޑިން 30 10 އެވެ. އެންމެ ކުރީ ބަރީގައި އިށީނދެލައިގެން އިން އީމާންގެ ހިތުގައި ނުތަނަވަސްކަމެއް ވިޔެވެ. އެހެން ވިޔަސް ހިތްހަމަ ޖެހުމެއް ވެސް ވިޔެވެ.

އަތުގައި އޮތް ފޯނު ވައިބް ރޭޓު ވުމާއި އެކު އީމާން ފޯނު ހުޅުވައިލިއެވެ. އެއީ ދާނާގެ މެސެޖެކެވެ. ފިލްމު ބަލަން އޭނާ ވެސް އެބަ އިނިން ކަމަށް ބުނެފައި ވިއެވެ. އަދި ވަރަށް ފަޙުރުވެރި ވެފައިވާ ވާހަކަވެސް ބުނެފައި އިނެވެ.

އީމާންގެ ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަން ފެށިއެވެ. ނަމަވެސް މިއަދު އެއީ އުފާވެރިކަމުގެ ކަރުނަ ކަން މުޖައްރިބެވެ. ފިލްމު އެޅުވުމުން މުޅިތަން އަލިވެގެން ދިޔައެވެ. އަވަސް އަވަހަށް އީމާން ދެލޯ ފުހެލިއެވެ. އަދި ހަމަ ޖެހިލިއެވެ. އީމާންއާއި އެކު އަހަރެމެންވެސް ‘އަލްވިދާ’ މި ފިލްމު ބަލާލަމާ ހިނގާތޯއެވެ..؟

***

އެ އުފާވެރި ރޭ އުފާވެރިކަމުގެ ބަދަލުގައި، އީމާންގެ ލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަން ފަށަންވީ ކީއްވެގެން ހެއްޔެވެ؟

އަހަރު ދުވަހުގެ ބުރަ މަސައްކަތް ކާމިޔާބު ވުމުން އެހިތުގައި ރިއްސައިގަތީ ކީއްވެގެން ހެއްޔެވެ؟

‘މުސްލިމު ގައުމެއް އެކަމަކު، ދެކޮޅުގައިވެސް ހަމަ އާންމު ކަމެއް މިއީ. އެކަމަކު މީހުން އެހާގިނައިން ދައްކާ ވާހަކައެއް ނޫން މީ. އެހެންވެ ބަލާލުން މުހިންމު ފިލްމެކޭ އަޅުގަނޑު ބުނެލާނީ’ މިހެން އީމާން ބުނެފިއެވެ. އެހެން އެބުނީ ކީއްވެގެން ބާއެވެ؟

އެއީ ކޮން ކަމެއްގެ ވާހަކައެއް ބާއެވެ؟

މި ސުވާލު ތަކުގެ ޖަވާބު ހޯދެއްވުމަށް މި ވާހަކަ ‘އަލްވިދާ’ އަށް އިންތިޒާރު ކޮށްލައްވާ…🩶🩶

Comments (1)

  1. Futtaki

    Such a nice back story… I meant like the story ah u amihla ah back story eh vx hadhaalaafa mi othyy… Vrh furihama maasha allah💙💙

Comments are closed.