Skip to content
އެސްފިޔަ

ސައިކޯ – 9

9:42
Watch this episode Video · first minute free
Watch
Listen to this story Audio · 9:38 Powered by Esfiya Voice
0:00 9:38

“ހޫމް… މިހާރު ދެން މަށަށް ފާރަ ލަނީ ދޯ؟” ފޯނަށް އައިސްފައި އިން މެސެޖު ފެނިފައި ކައިރާގެ ތުންފަތައް ހިނިތުންވުމެއް ވެރިވިއެވެ. ކައިރާ ހަމަ މެސެޖު ކޮށްލުމާއި އެކު ނިޔަލް ‘ޓައިޕް’ ކުރާ ކަމަށް އަރަން ފެށިއެވެ. އެމެސެޖުގެ އިންތިޒާރުގައި އޭނާ ކެތްމަދުވެފައިވާ ފަދައެވެ.

(9 ވަނަ ބައި)

“ނޫނޭ… ދެން… ހަމަ ސަޖެޝަންއަށް އައިސް އިނީމަ ހިތަށް އެރީ މެސެޖު ކޮށްލަން…” ނިޔަލްގެ މެސެޖުގައި އިނެވެ.

“ހޫންންންންން… ނުކުރާނަން ގަބޫލެއް.. ވަރަށް ފޫހިވޭ.. ހަހަ” އެގޮތުގައި ދެމީހުން ތަފާތު އެކިއެކި ވާހަކަ ދައްކަން ތިއްބެވެ. ނިދަން އޮށޯތީ ދަންވަރު 2 ޖަހަން އުޅެނިކޮށެވެ. އެރެއަކީ ނިޔަލްއާއި ބެހޭ ގޮތުން އައު އެއްޗެހި ތަކެއް ކައިރާއަށް ދަސްވީ ދުވަހެކެވެ. މީހުން ކުރިމަތީގައި ބަސްމަދުވެފައި، އެއްވެސް ކަހަލަ އިހުސާސެއް ނެތް މީހެއްހެން އުޅުނަސް ހަގީގަތުގައި ނިޔަލްއަކީ މަޖާ، ސަކަ މިޒާޖެއްގެ ޒުވާނެކެވެ. މީހުން ކުރިމަތީގައި އޭނާ އެހާ ސަކަރާތް ޖަހާ އުޅޭ ހިތް ނުވާ ކަމުގައިވެސް އޭނާ ބުންޏެވެ. ހަގީގަތުގައި ކައިރާއާއި ނިޔަލްގެ އުޅުމުގައި ވަރަށް އެއްގޮތް ކަންތައްތަކެއް ވިއެވެ. އެހާ ފަސޭހައިން އެދެމެދުގައި ގުޅުމެއް އުފެދުނު ސަބަބަކަށްވީ އެކަމެވެ. އެހެން ވިޔަސް ނިޔަލްގެ ހިތުގައި ކައިރާ އަށްޓަކައި ލޯބި ވާކަން، އަދި ބުނާކަށް އޭނާ ބޭނުމެއް ނުވިއެވެ. އިހަކަށް އެކަން އޭނާ ބޭއްވީ ވަންހަނާ ކޮށްފައެވެ.

އިރު އޭގެ ރަންދޯދިތައް ދުނިޔެއަށް ދައްކާލީ އައު ދުވަހެއް ފެށުނު ކަމަށް އިއުލާން ކޮށްލަމުންނެވެ. ފަތިހުގެ ތެތް ފިނިކަން ފިލާ، ޖައްވަށް ހޫނުކަން ވެރި ކުރުވަމުން ދިޔަ އިރު ހަމަ ހިމޭންވެފައި އޮތް މާލޭގެ މަގުތައްވެސް ހަލަބޮލި ވެއްޖެއެވެ. ދެން އެ މަގު މައިތިރި ވާނީ ދަންވަރު 3 ޖެހީމައެވެ. ސަހާދެއް ފަދަ ތެދެކެވެ. މާލޭގެ މަގު ތަކަށް ވުރެ ބޭރު ގައުމު ތަކުގައި ހުންނަ ޖަނަވާރުން ބަހައްޓާ ކޮށިތަކުގައިވެސް މާ ހަމަ ހިމޭންކަން އޮންނާނެކަން މުޖައްރިބެވެ.

މިއަދުވެސް އާދައިގެ މަތިން އެއްކަލަ ކިއިޝާއަށް ތައްޔާރު ވެގެން ނިކުމެވުނީ ގަޑި ޖެހި ބޮޑުވީ ފަހުންނެވެ. އޭރު ހަދީޖާ ހުރީ ދޮރު ކުރިމަތީގައި ކުދި ކިޔާލާ ކިޔާލައެވެ. އެހެންޏާ ވިއްޔާ މި މަންޒަރު ބަލަން ހެވިފައި ހުންނަ ކައިރާ މިއަދު ހުރީ ތަންކޮޅެއް ދުރުގައެވެ. ފޯނުން ނިޔަލްއަށް މެސެޖު ކުރާށެވެ.

“މިއަދު ބްރޭކު ގަޑީގަ ހިނގާބަލަ އެއްޗެއް ކާލަން ދާން..؟” ނިޔަލްގެ އެ މެސެޖު ފެނިފައި ކައިރާގެ ތުންފަތައް ހިނިތުންވުމެއް ވެރިވިއެވެ.

“އޯކޭ.. ހިނގާ..” ކައިރާ ލަދުން ހުރެ މެސެޖު ކޮށްލިއެވެ.

“ޔޭ!! ބެލް އާމީ ބިސްޓްރޯއަށް ދޯ ދާނީ.. އެތަނުގެ ބާގާ ވަރަށް މީރުވާނެ.. ބުނީމެއް ނުން ބާގާ ވަރަށް މީރު ވާހަކަ ރޭގަ” ނިޔަލްގެ އެމެސެޖު ފެނިފައި ކައިރާގެ ތުންފަތައް ހިނިތުންވުމެއް ވެރިވިއެވެ. އެކަހަލަ ކުދިކުދި ކަންކަން ހަނދާން ހުންނަ މީހުންނަށްޓަކައި ކައިރާގެ ހިތުގައި ވަނީ ބަޔާން ކުރަން ދަތި އިހުތިރާމެވެ.

“އެންމެ ރަނގަޅު.. ހިނގާ ދާން… އޯކޭތަ..؟ ކޫ ގޮވައިގެން ދިޔަޔަސް؟” ކައިރާ ލަސްލަހުން މެސެޖު ކޮށްލިއެވެ.

“ކިއިޝާ ބޭނުންވާނެތަ މަށާ އެކީގަ ތަނަކަށް ދާން..؟ އިއްޔެވެސް އެމީހުން ހުރީ އަހަރެންދެކެ ރުޅި އައިސްފަ” ނިޔަލް މެސެޖު ކޮށްލިއެވެ.

“އެއީ ނިޔާ އެހެން ބުނީމައޭ.. އަސްލު… އަހާލަންތަ…؟ ކީއްވެ އެހެން ބުނީ…؟” އަހަން ނާހަން ކަހަލަ ގޮތަކަށް ހުރެފައި ކައިރާ އެހިއެވެ.

“އަހަރެމެން ތިބީ މަސައްކަތެއް ކުރަން.. އެހެންވެ އެކަހަލަ ވާހަކަ ދެއްކީމަ ހިތްހަމަ ނުޖެހުނީ. ދެން ޒެނީޝާ މެން ބުނިގޮތުން ހީވީ ދޯ މަށޭ ނައިކާ މަރާލީ.. އަހަރެން ވަރަށް ފޫހިވާ ކަމެއް އެއީ ނުކުރާ ކަންކަން ބޮލުގައި އެޅުވުން.. އަދި އެޅުވި ކަހަލަ އިހުސާސެއް ކުރެވުން ވެސް.. އެހެންވެ ފާޑަކަށް ރުޅި އާދެވުނީ… އަހަރެން ގައިމު ދިޔައިން ނައިކާގެ ކަށު ނަމާދަށްވެސް..” އިރުކޮޅަކު ‘ޓައިޕިން’ ގައި އިނދެފައި ނިޔަލްގެ ފަރާތުން އައި މެސެޖުގައި އިނީ އެހެންނެވެ.

“ސަހާދެއް ފަދަ ތެދެއް މިބުނީ. އަހަރެން ދެން ކޫގެ ފޯނު ވެސް އަތުލާނީ.. މިހާރު އަބަދު ހަމަ ގަޑި ޖެހި ބޮޑުވާ ފަހުންނޭ މި ނިކުންނަނީ” ކޮޓަރިން ނިކުން ކިއިޝާގެ ފަހަތުން ކުދި ކިޔަމުން ނިކުން ހަދީޖާ ފެނި ކައިރާގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.

ކޮލެޖަށް ކައިރާއާއި ކިއިޝާ ވަދެގެން އައި އިރު އައިދާންއާއި ޒެނީޝާ ތިބީ ބެންޗުގައެވެ. އެދެމީހުން ވާހަކައިގައި ތިބިތަން ފެނިފައި ކިއިޝާ ތުންކޮޅު އޫކޮށްލިއެވެ. އަދި ގުންފައި ތަޅަމުން ކަހަލަ ގޮތަކަށް ގޮސް އިށީނެވެ.

“ހޫން. މިއަދު އަވަހަށް އައިދު ކައިރިއަށް އަންނަން ވެގެން ދޯ އަހަރެމެން ކޮބާތޯ ބަލައިވެސް ނުލީ؟” ތުންކޮޅު އޫކޮށްލަމުން ކިއިޝާ ޝަކުވާ ކޮށްލިއެވެ.

“ހަހަ.. ނޫނޭ.. ސާބަސް ދެން.. މަށަށް ވެސް މިއަދު މާ ލަހުން ހޭލެވުނީ.. އަދި ކޫ ނިކުންނާނީ އެހާ ލަހުން.. އެހެންވެ ދެން އައީ..” ޒެނިޝާ ބުނެލިއެވެ. އެވަގުތު ތަންކޮޅެއް ދުރުގައި ފޯނަށް ބަލަން ހެވިފައި ކޮޅަށް ހުރި ކައިރާ ފެނި ޒެނީޝާގެ ތުންފަތައް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.

“ހޫމްމް.. މިއަދު ކޮންމެވެސް މީހެއްގެ ހިތަށް ލޯބީގެ ތީރު ޖެހިއްޖެ ކަންނޭނގެ. އުނަގަނޑުގައި އަތް އަޅުވާލަމުން ޒެނީޝާ ދިމާ ކުރާ ކަހަލަ ރާގެއްގައި ބުނެލިއެވެ.

“ލޯބިވީ އޭ؟ ހޫންން. ޒެނީ ދައްކަފާނެ ކޮންމެ ފަދަ ވާހަކައެއްވެސް. އިއްޔެގަ ދާރާ އައޭ. އެހެންވެގެން ހަހަ..” ބެންޗުގައި ކައިރާވެސް އިށީނދެލިއެވެ.

“ހޫމްމް.. މަ ހިތަށް އަރާ ތި ދާރާ ތީ ހަމަ އަންހެން ކުއްޖެއް ބާއޭ. ޔަގީންތަ ތީ ފިރިހެން ކުއްޖެއް ނޫންކަން؟ އަހަރެމެންނަށް އޮޅުވާލަނީ ދޯ ހަމަ؟” އެއްބުމަ ހިއްލާލަމުން އައިދާން އަހައިލިއެވެ.

“ކިހާ ދެރަ ކަމެއްތަ ދެން؟؟ އެއީ އަންހެން ކުއްޖެކޭ.. ނަމަކީ ދާރާ.. އޯކޭ ނުން؟ ދެން ހިނގާ ކުލާހަށް ވަޑައިގަންނަވަން” ބޯ ހޫރުވާލަމުން ކައިރާ ބެންޗުން ތެދުވިއެވެ.

ފުރަތަމަ ދެގަޑިއަށް ފަހުގައި ދެން އޮތީ އިންޓަވަލް ގަޑިއެވެ. ކައިރާއާއި ނިޔަލްއާއި އެކުގައި ދާން ބުނަން ހުއްޓާ ކިއިޝާގެ މައްސަރު ކަންތައް ޖެހުމުން އޭނާއަށް ޖެހުނީ ގެއަށް ދާށެވެ. ކާން ދިޔައީ ނިޔަލްއާއި ކައިރާ އެކަންޏެވެ.

ކޮލެޖާއި މާ ދުރުނޫން ހިސާބެއްގައި ހުރި ‘ބެލް އާމީ ބިސްޓްރޯ’ އާއި ހަމައަށް ވާސިލު ވެވުމުން ކައިރާއާއި ނިޔަލް ގޮސް ތަންކޮޅެއް އެކަހެރިކޮށް އިން މޭޒުގައި އިށީނެވެ. ވޭޓަރުގެ އިންތިޒާރުގައި އިން ކައިރާ އިނީ އިނގިލިތަކާއި ކުޅެލަ ކުޅެލައެވެ. ނިޔަލްގެ ތޫނު ނަޒަރު އޭރުވެސް ހުއްޓިފައިވަނީ ކައިރާގެ ދޮން ދޮން މޫނަށެވެ. ކައިރާ ލައިގެން ހުރި ކަޅު ކުލައިގެ އަބަޔާއާއި ގުޅުވާލައިގެން އަޅާފައި ހުރި ވެލާ ‘ޕްރިންޓް’ ޝޯލް އިން އެ ދޮން މޫނު ފެންނަނީ ނިޔަނެތި ކޮށެވެ. މޫނުމަތީގައި އެއްވެސް މޭކަޕެއް ނެތް ނަމަވެސް އެމޫނުގައިވި ޖާދޫވީ ރީތިކަމެކެވެ. ނިޔަލް އެންމެ ބޮޑަށް އަޅައިގަންނަނީ ކައިރާގެ ތުންފަތް ކައިރީގައި އިންނަ ކަޅުތިލައެވެ. އެކަޅު ތިލައިގެ ސަބަބުން އެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދޭ ފަދައެވެ.

“ނިޔާ ކޯއްޗެއް ނަގާނީ؟” ކައިރާ އަހައިލީ އަޑަށް ނިޔަލް ދިޔައީ ސިއްސައިގެންނެވެ. ހިޔާލީ ފޮލާ ކައްކަން އިނދެ ވުމުން ވޭޓަރު އައިސް ކުރިމަތީގައި ހުއްޓުނު ކަން ވެސް އޭނާއަކަށް ނޭނގުނެވެ.

“ޗިކެން ބާގާއެއް. ދެން ބޯން އޮރެންޖު ޖޫހެއް.. ކައި؟” ނިޔަލް ކަރުކެހިލަމުން ވާހަކަ ދައްކަން ފެށިއެވެ. ކައިރާވެސް އޮރެންޖު ޖޫހަކަށް އޯޑަރު ޖެހުމުން ވޭޓަރު ކުއްޖާ އެތަނުން ދުރަށް ޖެހިލިއެވެ.

“ހޫމް.. އަދި މިހުރީ ހަނދާން ނެތިފައޭ.. މިއޮތީ..” ނިޔަލް އޭނާގެ ދަބަސް ހުޅުވާލަމުން އޭގައި އޮތް ހުދު ފޮތި ކޮތަޅު ނެގިއެވެ.

“މިއޯ؟” އެކޮތަޅު ފުރާ ހުރި ޔޯގަޓު ތަށިތައް ފެނިފައި ކައިރާގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ.

“ބުނީމޭ ނުން ކައި ނިންމައިގެން އަބަދުވެސް ތި ބޯ ވާހަކަ.. އެހެންވެގެން” މޭޒުގައި އަތް ބާއްވާލަމުން ނިޔަލް ހިނިތުންވެލިއެވެ. އެކުޑަ އަމަލުން ވެސް ކައިރާގެ ތުންފަތައް ވެރިވީ ހިނިތުންވުން ފެނިފައި ނިޔަލްގެ ހިތަށްވެސް ތަސައްލީއެއް ލިބުނެވެ.

އެބަ އަންނަން އިނގޭ ފާހާނާއަށް ގޮސްލާފަ…” އޭނާ ކިނބުލެއްހެން ހެވިފައި އިންތަން ނިޔަލްއަށް ދައްކަން ބޭނުން ނުވުމުން ކައިރާ އަވަސް އަވަހަށް އެތަނުން ތެދުވިއެވެ. ނިޔަލް ހީލަމުން ބޯ ޖަހައިލިއެވެ.

ފާހާނާއަށް ވަދެވުނު އިރު ނަސީބު ކަން ދިމާ ކުރި ގޮތުން އެވަގުތު އެތަނުގައި ހުރީވެސް ކައިރާ އެކަންޏެވެ. ދަބަސް ލޯގަނޑު ކައިރީ އިން އަތްދޮންނަ ތަށި މަތީގައި ބައިންދާފައި އޭނާ ފުންމަން ފެށީ ކުޑަ ކުއްޖަކަށް ކުޅޭ އެއްޗެއް ލިބުމުން ފުމޭ ހެންނެވެ. އޭނާއަށް މިވަނީ ކީއްހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް މިއީ އޭނާގެ ހިތަށް އައު އިހުސާސެކެވެ.

ފުންމަ ފުންމާ ހުރި ކައިރާ ކުއްލިއަކަށް ސިއްސައި ގަނެފައި ކިނބިއްސެއް އެޅުނީ ކުޑަ ކޮކާލެއް އައިސް އޭނާގެ ނޭފަތާ ތުންފަތާ ދޭތެރޭގައި އިށީނުމުންނެވެ. ކައިރާ ކިނބިހި އެޅުމާއި އެކު އެ ކޮކާ އުދުއްސައިގަތެވެ. ރަތް ކުލައިގެ އެ ކޮކާ ފެނިފައި ކައިރާއަށް އެއާއި ދިމާލަށް ބަލަން ހުރެވުނެވެ. ދެންވެސް އެ ކޮކާ އޭނާއާއި ދުރަށް ނުދިޔުމުން އޭނާ ހުރީ ފާޑަކަށް ހައިރާން ވެފައެވެ. އިންސާނުންނާ މިހެން ކައިރިވާ ކޮކާވެސް އުޅޭ ހެއްޔެވެ؟

ބަލަބަލާ ހުއްޓާ އެ ކޮކާ އައިސް އޭނާގެ ވާއަތު ހުޅުގައި އިށީނެވެ. އެ ކޮކާ ފިޔަގަނޑު ހުޅުވާލުމާއި އެކު ފިޔަގަނޑުގައި ހުރި ރީތިކަން އޭނާއަށް ފެނި ހައިރާން ވިއެވެ. ރަތް ލޭ ކުލައިގެ ކޮކާލެއް އޭނާއަށް މިފެނުނީ އަދި އަލަށެވެ. ކައިރާ ބޭނުންވީ އެ މަންޒަރު ފޯނުގައި ރައްކާ ކޮށްލާށެވެ. އެ ކޮކާ ލުން ލޯނު ނަގާ މަޑުމަޑުން ކުރިއަށް ޖެހިލާ ޖެހިލާ ހުއްޓާ އެ ކޮކާ ވަނީ އޭނާގެ އަތު ހުޅު ތެރެއަށެވެ.

ވަގުތުން ކައިރާގެ ދެލޯ ބޮޑުވިއެވެ. އެ ކޮކާ އޭނާގެ އަތު ތެރެއަށް އެވަނީ ކިހިނެއް ހެއްޔެވެ؟ ކަރުދާސް ގަނޑެއްގެ ދަށުގައި އޮތް ވަކި ރުފިޔާއެއް ފަދައިން އެ ކޮކާ އޭނާގެ ހުޅު ތެރޭގައި ފެންނަން އޮތެވެ. އޭރުވެސް އެ ކޮކާ އޭނާގެ އަތު ހުޅު ތެރޭގައި ދުވަމުން ދިޔައެވެ. މި މަންޒަރު ފެނި އޭނާ ގަތީ ބިރެވެ. ދަބަސް ހާވާލީ އިރު އޭގައި އޮތް ކުޑަ ކަތުރު އޭނާގެ ލޮލުގައި އަޅައިގަތެވެ.

(ނުނިމޭ)

ދިހަވަނަބައިގެ ތެރެއިން:

“ކައި މޮޔަވީތަ؟؟ ކީއްވެ އެހެން ހެދީ؟؟ މަންމައަށް މިކަން އެނގުނީމަ މަންމައަށް ވާނެ ގޮތް އިނގޭތަ؟؟” ދެރަވެފައި ހުރި ނަމަވެސް އެވަގުތު ކިއިޝާއަށް އިސްކުރެވުނީ ފާޑެއްގެ ރުޅި ގަނޑެކެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟

Comments (3)

  1. Futtaki

    Whaattttttt???????

  2. devil_heart

    Kihineh eh v

  3. devil_heart

    Curious to know kihineh kan v… Waiting for thr next part

Comments are closed.