
ޒައިނަބް – 12

އިރުކޮޅަކު އެހެން ތިއްބައި އަނެއްކާވެސް މީހެއްގެ ފިޔަވަޅުގެ އަޑު އިވެންފެށިއެވެ. މިފަހަރު އެ އަޑުއައީ ތަންކޮޅެއް ދުރުން ގަސްތަކުގެ ތެރެއިންނެވެ. ވަލުތެރޭގައި މީހަކު ބާރަށް ހިނގާފައިދާއިރު ހިކިފަތްތަކުގެ މަތީގައި ފައި އެޅުމުން އަޑު އަންނަފަދައިން އެ ކޮންމެ ފިޔަވަޅަކާއެކު އަޑުއިވުނެވެ. މިފަހަރު އެއަޑު އެތާގައި ދެންތިބި ތިންމީހުންނަށްވެސް އިވުނެވެ. ޔޫނުސް ޓޯޗުބައްތި ހިފައިގެންގޮސް އަތިރިމަތީގައި ޖަހާފައިވާ އަލިފާންގަނޑު ކައިރީގައި ހުރެ ގަސްތަކާ ދިމާލަށް އަލިކޮށްގެން ބަލަންފެށިއެވެ. އަދި އެއްކަލަ މަގާދިމާލަށް އަލިކޮށްލިއެވެ. ނަމަވެސް އެ ބައްތީގެއަލިން ހަމައެކަނި ފެނުނީ އެމަގުގެ ދެފަޅީގައިވާ ބައެއް އޮފިތަކާއި ބިންމައްޗައް ވެރިފައިވާ ކާއްޓެވެ. އެތަނަކުން އެއްވެސް މީހެއް ފެންނާކަށް ނެތެވެ.
އެ ހަމަހިމޭންކަމުގެ ތެރެއިން އިވެމުންދިޔަ ފިޔަވަޅުގެ އަޑުގެ ސަބަބުން ސަލީމުއާއި އަހުސަލް އަދި އިސްމާއިލްވެސް ތިބީ ވަރަށް ޖެހިލުންވެފައެވެ.
އެއްވެސް މީހަކު އަނގައިން ނުބުނެ އެކަކު އަނެކަކުގެ މޫނަށް ބަލަމުން ދިޔައެވެ. އިރުކޮޅަކުން ސަލީމް ތެދުވެގެންގޮސް ޔޫނުސްގެ ކައިރީގައި ހުއްޓި އެއަޑު އަންނަ ދިމާލުން އެއްވެސް މީހަކު ފެނޭތޯ ބަލަންފެށިއެވެ.
“އަހުސަލް… ކަލެއަށްވެސް އެބަ އިވޭދޯ އެއަޑު.. ޔަގީން އެއީ މީހެއް ހިނގާއަޑު..”
ބިންމަތީގައި އިށީނދެގެން އިން އަހުސަލްއާއި ބޮޑަށް ކައިރި ވެލާފައި އިސްމާއިލް ވައިއަޑުން ބުންޏެވެ.
އަހުސަލް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
އިސްމާއިލްވެސް ތެދުވެ ޓޯޗު ބައްތިއެއް ނަގައިގެން އެކި ދިމަދިމާލަށް އަލިކުރަން ފެށިއެވެ. އިރުކޮޅަކު އެހެން ހުރެފައި ކުއްލިއަކަށް ޝޮކެއް ޖެހުނުފަދައިން މީހާ ތެޅިގަތެވެ. އަދި އޭނާގެ އަތުން ބައްތި ދޫވެގެން ވެއްޓުނެވެ. އިސްމާއިލް ތެޅެމުން ފޮޅެމުންގޮސް ޔޫނުސްގެ އަތުގައި ހިފައިގެންހުރެ ގަސްތަކާ ދިމާލަށް އަތްދިއްކުރަން ފެށިއެވެ.
“އެއްކަލަ… އެއްކަލަ…”
ބިރުންގޮސް އިސްމާއިލްއަށް އޭނާ ބުނަންއުޅުނު ޖުމުލަ ފުރިހަމަކުރެވޭ ވަރެއްވެސް ނުވިއެވެ. ޔޫނުސް އިސްމާއިލްގެ އަތުގައި ހިފައިގެންގޮސް އަހުސަލް ކައިރީގައި ބޭންދިއެވެ.
“ފެންފޮދެއް ބޯލާ ހަމަޖެހިލައިގެން ކިޔާ.. އެއްކަލަ ކޮންއެއްޗެއް؟..”
ޔޫނުސް އެހިއެވެ.
އިސްމާއިލް ފެންފޮދެއް ބޯލުމަށް ފަހު ފުންނޭވާއެއް ލިއެވެ.
“އެއްކަލަ އަންހެންމީހާ… ހަމަ އެގޯނި ހިފާގެން ވަނީ ގަސްތަކުގެ ތެރެއަށް… މަށާ އަހުސަލްއަށް ރަށުން ފެނުނު މީހާ އެއީ ހަމަ…. ހަމަ އެގޯނި ހިފާގެން ހުރީވެސް… ޓޯޗުން އެކި ދިމަދިމާލަށް އަލިކުރަނިކޮށް މަށަށް ފެނުނީ…”
އިސްމާއިލް ބިރުން އިނދެ ކިޔާދިނެވެ. އެހެން ކިޔަމުން ދިޔައިރުވެސް އިސްމާއިލް އިނީ އެކި ދިމަދިމާލަށް ބަލާށެވެ.
“އެއްވެސް މީހެއް ގަސްތަކާ ދިމާލަށް ނުދާތި!.. އެއްވެސް އަޑެއް އިވުނަސް ކޮންއަޑެއްތޯ ބަލަންވެސް ނުދާތި، މީހަކު ތިމީހުންގެ ނަމުންގޮވިޔަސް ނުދާތި!.. ހަމަ މިތިބިތާ ތިބޭނީ!!. ގަސްތަކާ ދިމާލަށް އެނބުރިގެން ތިބޭނީ ބަލަން.. އެދިމާލުން އެއްޗެއް ނޫނީ މީހެއް އަޔަސް ފެންނާނީ އޭރުން…”
ޔޫނުސް އެހެންބުނެގޮސް އަހުސަލްމެން ކައިރީގައި އިށީނދެ މަޑުމަޑުން ކޮންމެވެސް ދުޢާތަކެއް ކިޔަންފެށިއެވެ. އޭރު އެމީހުން ތިބީ ގަސްތަކާ ދިމާލަށް ބަލާށެވެ. އަހުސަލްއާއި ޔޫނުސްތިބީ ޓޯޗުބައްތި އެދިމާލަށް ދިއްކޮށްގެން ވަރަށް ހުށިޔާރު ވެގެންނެވެ.
އެވަގުތު ކުއްލިއަކަށް ގަސްތަކުގެ ތެރެއިން އެއްޗެށް ތެޅިގަތެވެ. ޔޫނުސް އަވަސްއަވަހަށް އޭނާގެއަތުގައި އޮތް ބައްތިން އެދިމާލަށް އަލިކޮށްލިއެވެ. އެވަގުތު އާދަޔާ ހިލާފަށްދިގު ހިޔަންޏެއް ކުއްލިއަކަށް ގަސްތަކުގެ ތެރެއަށް ދެމިގަތްތަން ޔޫނުސަށް ފެނުނެވެ. ޔޫނުސް އަޑުބާރުކޮށް ޤުރުއާނުގެ އާޔަތްތަކެއް ކިޔަވަން ފެށިއެވެ.
ދެންއިވުނީ އެހަތަރު މީހުންނަށްވެސް ސިހުމެއް ގެނުވި އަޑެކެވެ. އެއީ އެއްކަލަ މަގާއި ދިމާލުން ބިންމަތީގައިވާ ހިކިފަތްތަކުގެ ތެރެއިން ކޮންމެވެސް ބަރުއެއްޗެއް ދަމާ ކޫއްތާފައި ގެންދާއަޑެވެ. ހަތަރުމީހުންނަށް ތެޅިގަނެފައި އެއްފަހަރާ އެދިމާލަށް ބަލާލެވުނެވެ. އިރުކޮޅަކު އެއަޑު އިވުމަށްފަހު އަނެއްކާވެސް އެއަޑު ހުއްޓުމުން ޔޫނުސް އެދިމާލަށް ބައްތިން އަލިކޮށްލިއެވެ. އޭރު އެމަގުގެ ކޮޅުގައި ހުއްޓިގެން ކޮންމެވެސް އެއްޗެއް ހުއްޓެވެ. އަނދިރީގެ ތެރެއިން ޓޯޗުން އެދިމާލަށް އަލި ކުރިނަމަވެސް އޭތީގެ މޫނުގެ ސިފައެއް ނުފެނެއެވެ. ފެންނަނީ ކަޅުއެއްޗެއް ފަދައިންނެވެ. ކުރިންފެނުނު ހިޔަނި ތަކާ ހިލާފަށް އެހިޔަނި ވައްތަރީ އިންސާނެއްގެ ހިޔަންޏަކާއެވެ. ނަމަވެސް އާންމު މީހުންނަށްވުރެ އިސްކޮޅުން ދިގުވެފައި އެމީހާގެ މޭމަތި ފުޅާކަން ޔޫނުސަށް ފާހަގަވިއެވެ. އެއީ އަނެއްކާ އިންސާނެއް ބާއެވެ؟.. ނޫނީ އިންސާނެއްގެ ސިފައިގައިހުރި ޖިންނިއެއް ބާއެވެ؟.. ރަނގަޅަށް އޭތީގެމޫނު ނުފެންނާތީ ވަކިގޮތަކަށް ނިންމަން ޔޫނުސަށް އުނދަގޫވިއެވެ.
ޔޫނުސް ކޮޅަށްތެދުވެ އެދިމާލަށް އަލި ކުރިނަމަވެސް އެމީހާ ނުވަތަ އެއެތި އިސްޖަހައިގެން ހުރުމުން މޫނުގެ ސިފައެއްވެސް ނޭނގުނެވެ. ޔޫނުސް ކިޔެވުން ނުހުއްޓާ ކުރިއަށް ގެންދިޔައެވެ.
“ކަލޭމެން މިތަނުން ދޭ!”..
އެދިމާލުން އައީ ބަރު އަޑެކެވެ. އެއަޑަށް އެއްވެސް ރައްދެއްނުދީ ޔޫނުސް ކިޔަވަމުން ދިޔައެވެ. އެވަގުތު މަގުކޮޅުގައި ހުރި އެތި ދެކޮޅު ދެކޮޅަށް ދާންފެށިއެވެ. އަދިއޭތި އިތުރަށް ދިގުވާން ފެށިހެންވެސް ހީވިއެވެ.
“ހިނގާ މިރަށުން ދާން…”
އިސްމާއިލް އަހުސަލްގެ އަތުގެ މުލައްދަނޑީގައި ހިފަމުން ބުންޏެވެ. އޭރު އިސްމާއިލް ބިރުން ހުރިވަރުން އޭނާގެއަޑު ތުރުތުރު ލައެވެ. އިސްމާއިލް އެހެން ބުނިއަޑު ޔޫނުސަށްވެސް އިވުނެވެ. ނަމަވެސް ޔޫނުސް ހަމަ ގުޑިވެސް ނުލައިހުރެ ރުޤްޔާގެ އާޔަތްތައް ކިޔަވަމުން ދިޔައެވެ. އިރުކޮޅަކު އެހެންހުރެ ކިޔެވުމުންވެސް އެހިޔަނި ހަމަ ކުރިއެކޭވެސް އެއްގޮތަށް ދެކޮޅަށް ގޮސްގޮސް ހުއްޓެވެ. އެއީ އެހާފަސޭހައިން ފަހަތައްޖެހޭނެ އެއްޗެއް ނޫންކަން ޔަގީންވުމުން ޔޫނުސް ކިޔެވުން ހުއްޓާލުމަށްފަހު އަހުސަލްމެން ކައިރިއަށް ޖެހިލިއެވެ. އޭރުވެސް އޭނާގެ އަތުގައި އޮތް ބައްތި ސީދާ އެ އެއްޗާދިމާލަށް ދިއްކޮށްފައި ހުއްޓެވެ.
” އެއްވެސް މީހެއް މާބޮޑަށް ބިރުން ނޫޅޭތި!!! މާބޮޑަށް ބިރުން އުޅެންޏާ އެއީ އެއެއްޗަށް ލިބޭ ހިތްވަރަކަށް ވާނީ!!. މި އަލިފާންގަނޑުގެ އަލި ހުރުމަކުން ނޫނީ ޓޯޗުބައްތީގެ އަލި ހުއްޓަސް އަހަރުމެންނަކަށް ރައްކާތެރި ކަމެއް ނޯންނާނެ.. ރައްކާތެރިކަން ދެއްވާނީ މާތް ﷲ . އަހަރެންނާއެކު ދެރަކުއަތް ނަމާދެއް ކުރަން ހިނގާ. އެއަށްފަހު އެންމެން އެކުގައި ރައްކާތެރި ކަމަށްއެދި ދުޢާކުރާނީ..”
ޔޫނުސް އެހެން ބުނެގޮސް ނަމާދުކުރަން ފެށުމުން ދެންތިބި މީހުންވެސް އޭނާގެ ފަހަތުގައި ތިބެ ނަމާދުގައި ބައިވެރިވިއެވެ.
ނަމާދުކޮށް ނިމިގެން ޔޫނުސް އޭނާގެ ދަބަހުން ކަރުދާސްގަނޑު ތަކެއް ނަގައި އެކޮންމެ މީހެއްގެ އަތަށްދިނެވެ. އޭގައިވަނީ ހަށިރައްކަލަށް ކިޔާ ދުޢާ ތަކަކާއި ގުރުއާނުގެ ބައެއް ސޫރަތްތަކެވެ.. ޔޫނުސްގެ އެންގުމަށް އެންމެން އިށީނދެ އަލިފާން ގަނޑުގެ އަލީގައި ތިބެ އެދުޢާތައް ކިޔަންފެށިއެވެ. ދުޢާތައް ކިޔައި ނިމުނުން ޔޫނުސް އަނެއްކާވެސް ޓޯޗުބައްތިން އެެއްކަލައެތި ހުރި ދިމާލަށް އަލިކޮށްލިއެވެ. މިހާރު އޭތި ފެންނަން ނެތުމުން ޔޫނުސް ﷲ އަށް ހަމްދުކުރިއެވެ.
އެ ހަތަރު މީހުންވެސް ތިބީ އިންތިހާއަށް ވަރުބަލި ވެފައިނަމަވެސް އެއިން އެކަކުވެސް އަދި ނިދާކަށް ބޭނުމެއް ނުވިއެވެ. ދަބަސްތައް ކައިރީގައި އިނދެ އަހުސަލް ވަށައިގެން ބަލާލިއެވެ. އެވަގުތު ޒައިނަބް ކޮބާބާއޭ އޭނާގެ ހިތަށްއަރަމުން ދިޔައެވެ. ހެނދުނު ލޮނުދޫއަށް އަންނަމުން އަހުސަލް އައީ ޒައިނަބް ފާތުންމެންގެ ގެއަށް ލާފައެވެ. އަދި އަހުސަލް އެނބުރި ރަށަށް ދަންދެން އެގޭގައި މަޑުކުރުމަށްވެސް ބުނެފައެވެ. އެއީ ފާތުންމެންގެ ގޭގައި ޒައިނަބް އެކަނިނުވެ ހިތްހަމަޖެހިގެން ހުންނާނެކަން އެނގޭތީއެވެ..
“އަހަރެން ރައްޓެހިންނާ ފެމެލީއާއެކީގަ ކިތަށްފަހަރު މިރަށަށް އައިސްފިން… ދުވަހަކުވެސް މިކަހަލަ ބިރުވެރި ކަމަކާ ދިމަލެއްނުވޭ…”
އިސްމާއިލް ބުންޏެވެ.
“ރަށަކަށް ނޫނީ ތަނަކަށް ކިތަންމެ ގިނައިން ދިޔަޔަސް އެތަނެއްގަ ފޮރުވިފައިވާ ހުރިހާ ހަގީގަތެއް ނޭނގޭނެ… މިރޭ މިރަށް ކިތަންމެ ނާމާންވިޔަސް އޭގެ މާނައަކީ މިރަށަށް އައިސްއުޅޭ އެންމެންނަށް އެކަންކަން ފެންނާނެއެކޭ ނޫން.. އަބަދު ނާމާން ވާނެއެކޭވެސް ނޫން….”
ޔޫނުސް ބުންޏެވެ.
“އަދި ހުރިހާކަމެއްވެސް އެނގި ސާފުވާނެ އިންޝާ ﷲ . އަދި މިރަށް އެއްކޮށް އަމާންވާނެ ދުވަހެއްވެސް އައިސްފާނެ…”
ސަލީމު އެވާހަކައާ ބައިވެރިވެލަމުން ބުންޏެވެ.
ޔޫނުސް އޭނާގެ ނޯޓުފޮތް ހުޅުވާލައި އެދުވަހު އޭގައި އޭނާ ނޯޓުކުރި ބައެއް މުހިއްމު އެއްޗެހި ކިޔާލުމަށްފަހު އާދައިގެ ގޮތަކަށް ލޮނުދޫގެ މެޕެއް ކުރަހާލިއެވެ. އަދި އޭގައި އެމީހުން އެދުވަހު ރުޤްޔާ ކުރަންތިބި ހަނިމަގުގެ ސަރަހައްދު ފާހަގަ ކޮށްލިއެވެ. އަދި އިސްމާއިލަށް އެއްކަލަ އަންހެންމީހާ ފެނުންކަމަށްބުނި ހިސާބުވެސް ފާހަގަ ކޮށްލިއެވެ. އެ ދެތަން މާ ދުރުނޫންކަން ޔޫނުސަށް ފާހަގަވިއެވެ.
އިސްމާއިލްއަށް އެފެންނަ އަންހެންމީހާއަކީ އަނެއްކާ އިންސާނެއް ބާއެވެ؟.. އެހެންކަމަށް ވާނަމަ އެހަނިމަގުގެ ބިންމަތިން އެ ފެނުނުތަނަކީ އެމީހާގެ ކަމަކަށް ވެދާނެބާއެވެ؟. އެތަނަކީ މީހަކު ސިހުރުހަދަން ބޭނުންކުރާ ހިސާބެއްނަމަ އެތަނުގައި އެވަނީ އެތަކެއްް ދުވަސްމަތިން ކޮށްފައިވާ ކަންތައްތަކެއްކަން ޔަގީނެވެ. އެސިހުރުތައް އެހަދަނީ އެއަންހެން މީހާކަމުގައި ވެދާނެބާއެވެ؟. އެކަމަކު އަންހެނަކަށް މިއޮއްފަދަ ރޭގަނޑު އެކަނިމާއެކަނި ވަލުތެރޭގައި އުޅެން ކެރިދާނެބާއެވެ؟.
އެފަދަހިޔާލު ތަކެއްގެ ތެރޭގައި އިރުކޮޅަކު އިނުމަށްފަހު ޔޫނުސް ފޮތް ލައްޕާލިއެވެ.
އޭގެފަހުން އެއްވެސް އިތުރު ބިރުވެރިކަމެއް ކުރިމަތިނުވާތީ އިސްމާއިލް އިނީ މަޑުމަޑުން ހަމައަކަށް އެޅިފައެވެ. އަހުސަލްވެސް ދަބަސްތައް ކައިރީގައި ްިއިށީނދެގެން އިންއިރު ކުޑަކޮށް ލޮލުފިޔަ ޖެހުނެވެ. ޔޫނުސް ދޭތެރެއަކުން ކޮންމެވެސް ކިޔެވެލިތަކެއް ކިޔަވައެވެ. އަދި ދުޢާކޮށް މޫނުގައި ހަމްދުވެސް އަޅައެވެ. ސަލީމްވެސް ޔޫނުސް ކައިރީގައި އިނދެ ކޮންމެވެސް ދުޢާތަކެއް ކިޔަވަމުން ދިޔައެވެ. ރެއަކީ މޫސުންރީތި ރެއެކެވެ. އާދައިގެ ވަރަކަށް މަޑުމަޑުން ވައިޖެހެމުން ދިޔައެވެ. އުޑުމަތި ސާފުކަމުން ދިއްލިފައިވާ ހަނދާއި ފިޔަޖަހަމުންދިޔަ ތަރިތަށް ވަރަށްސާފުކޮށް ފެންނަން ހުއްޓެވެ.
ގާތްގަނޑަކަށް އެރޭ އެގާރަގަޑި ބައިވަނިކޮށް އަނެއްކާވެސް މާހައުލު ބަދަލުވާން ފެށިއެވެ. ޖެހެމުންދިޔަ ވައިރޯޅިތައް ކުއްލިއަކަށް ހުއްޓުނު ކަހަލައެވެ. ވަޔަށް ހެލެމުންދިޔަ ގަސްތަކުގެ ފަތްތައްވެސް ކުއްލިއަކަށް ހުއްޓި ޖަހާފައިވާ އަލިފާންގަނޑުގެ ހުޅުވެސް ކުޑަވިއެވެ. އަތިރިމައްޗަށް ބީއްސަމުންދިޔަ ރާޅުތައްވެސް ހިމޭންވިއެވެ.
ކުއްލިއަކަށް މިއަދު ރުޤްޔާކުރި ގަޑީގައި ދުވި ފަރުހަކިވަސް އެ މުޅި މާހައުލުގައި ފެތުރުނެވެ. މިފަހަރު އެވަސް އިތުރަށް ގަދަހެންވެސް ހީވެއެވެ.
“ޖިންނިއެއް އައީތަ؟. އޭތީގެ ވަސްތަ އެދުވަނީ؟..”
އަހުސަލް ބިރުން ތެދުވަމުން އެހިއެވެ.
އޭރު ދުވާ ނުބައިވަހަށް ކެތްނުވެގެން އިސްމާއިލް އޭނާގެ ނޭފަތްމަތީގައި އަތްއަޅައިގެން އިނެވެ.
ކުއްލިއަކަށް އެއްކަލަ މަގުކައިރިން ބާރު އަޑުފަށްގަނޑެއް އައެވެ. އެއީ ބަން ބަން ލާފައި ބިންމަތީގައި ބޮޑު ލަކުޑިގަނޑެއްފަދަ އެއްޗަކުން ޖެހިކަހަލަ އަޑެކެވެ. ތިންވަރަކަށް ފަހަރު އެއަޑު އިވުނެވެ. އޭރު ޔޫނުސް މަޑުމަޑުން ކޮންމެވެސް ކިޔެވެލިތަކެއް ކިޔަވަމުންދިޔައެވެ.
އަނެއްކާވެސް މުޅިމާހައުލު ހިމޭންވިއެވެ. ނަމަވެސް އެ ހިމޭންކަމުގެ ތެރެއިން އިވުނީ ބަރުއަޑަކުން މީހަކު ހަޅޭއްލަވައިގަތް އަޑެވެ.
“ކަލޭމެންނަކަށް އެއީ ކާކުކަމެއް ނުހޯދޭނެ!. އެ ފިރިހެނާއަކީ އަހަރުމެންގެ މީހެއް!..”
ގަސްތަކުގެ ތެރެއިން އައި ބިރުވެރި ބަރުއަޑުން ބުނި އަޑުއިވުނެވެ.
ސަލީމުއާއި އިސްމާއިލް އަދި އަހުސަލްވެސް ބިރުން ޔޫނުސް ކައިރިއަށް ޖެހިލިއެވެ.
“އެއުޅެނީ އަހަރުމެން ބިރުދައްކަން… އެއްވެސް މީހަކު ރައްދު ނުދޭތި!..”
ޔޫނުސް ބުންޏެވެ.
“އަހަރުމެންނަށް އޭނާ ކޮށްދިން ކަންކަމުގެ ބަދަލުގައި އޭނާ ބޭނުންވީ ކަންކަންވެސް އަހަރުމެން އޭނާއަށް ވާނީ ކޮށްދީފަ!. ކަލޭމެންނަކަށް އެމީހާއެއް ނުހޯދޭނެ… އެއީ އަހަރުމެންގެ މީހެއް…”
އަނެއްކާވެސް އެބިރުވެރި އަޑުން ބުންޏެވެ. މިފަހަރު އެއަޑު އައީ އެމީހުންނާ ތަންކޮޅެއް ކައިރިންނެވެ. ގަތްބިރުން އަހުސަލްއަށް މޭގައި އަތްއެޅުނެވެ. އޭރު ބާރަށް ތެޅެމުންދިޔަ އޭނާގެހިތް ހީވަނީ މޭފަޅާފައި ނިކުންނަން އުޅުނުހެންނެވެ.
ކުއްލިއަކަށް އެއަޑު އައި ދިމާލުން ބޮޑެތި ކަޅުހިޔަނިތަކެއް ފާޅުވިއެވެ. ބަރިއަކަށް ތިބިފަދައިން ފާޅުވީ އެ ދިގުހިޔަނިތަށް ބޮނޑިވަމުންގޮސް އެތަށްބައިވަރު ހިޔަނިތަކަކުން ގަސްތަކާދިމާލުން އެމުޅި ހިސާބުގަނޑު އިތުރަށް ކަޅުކޮށްލިއެވެ. އެވަގުތު ޖެހުނު ވައިރޯޅިއަކާއެކު ޖަހާފައިވާ އަލިފާންގަނޑު ނިވުނެވެ. ކުއްލިއަކަށް މުޅިތަނަށް ކަނު އަނދިރިކަން ފެތުރުނެވެ. އިސްމާއިލް ބިރުން ހަޅޭއްލަވައިގަތް އަޑަށް އަހުސަލް ތެޅިގަނެފައި އޭނާގެ އަތުގައި އޮތް ޓޯޗުބައްތިން އަލިކޮށްލިއެވެ. ޔޫނުސްގެ އެންގުމަށް އެންމެން ޓޯޗުބައްތިތައް ނަގައި ދިއްލަން ފެށިއެވެ.
ޔޫނުސް އޭނާގެ ކިޔެވުން ބާރަށް ކުރިއަށް ގެންދިޔައެވެ. ފަތިސްވަގުތު ޖެހެންދެން ޔޫނުސް ކިޔަވިއެވެ. ފަތިސްނަމާދުގެ ވަގުތު ޖެހުމުން ޔޫނުސް ބަންގި ގޮވުމަށްފަހު ދެންތިބި މީހުންނާއިއެކު ނަމާދުކުރިއެވެ.
ފަތިހުގެ ފިނިކަން ރަށުތެރެެއަށް ފެތުރެމުންދިޔައެވެ. އެހިސާބުން މާހައުލު އަމާންވެ ދޫނިތަކާއި ކޮވެލީގެ އަޑުން މުޅިތަން ގުގުމާލިއެވެ. މަޑުމަޑުން އިރުގެ އަލިކަން ރަށުތެރެއަށް ފެތުރެންފެށިއެވެ. އެނބުރި ތިނަދޫއަށް ދިޔުމުގެ ކުރިން ޔޫނުސް އަދި އެއްފަހަރު އެ މަގުކައިރިއަށް ގޮސް ބަލާލަން ބޭނުންވިއެވެ. ރޭގައި އެދިމާލުން އިވުނު އަޑުތަކުގެ ސަބަބުން އެހިސާބުގައި އިތުރުކަމެއް ހިނގާފައިވޭތޯ ބަލަން ކަމުގައިވެސް ވެދާނެއެވެ. ޔޫނުސް ސަލީމުއާއި އެކު އެދިމާލަށް ހިނގައިގަތުމުން އަހުސަލްއާއި އިސްމާއިލްވެސް އެމީހުންގެ ފަހަތުން ދިޔައެވެ.
އެހިސާބަށްގޮސް ޔޫނުސް ހުއްޓި ބިންމައްޗަށް ބަލަންފެށިއެވެ. ބިންމަތީގެ ވެލިގަނޑު މަތީގައި އެތަނުގައި ބޮޑު ކަންތައްގަނޑެއް ހިނގާފައިވާ ކަމުގެ ހެކި ފެންނަން ހުއްޓެވެ. ބިންގަނޑު ކޮނެ އެތަނަށް ހިކިފަތްތަކެއް ގަންނަވާފައި ހުރިހެންވެސް ހީވެއެވެ. އެފަތްތަކުގެ ތެރެއިން ކަޅުއެއްޗެއް ފެނުނުހެން ޔޫނުސްއަށް ހީވިއެވެ. ޔޫނުސް ބިންމަތިން ހިކި އޮފިކޮޅެއް ނެގުމަށްފަހު އޭގެން އެތަން ކުޑަކޮށް ހާވާލިއެވެ. އެއީ ކަޅުކުލައިގެ ފޮތިކޮޅެކެވެ.
“ތީ އެއްކަލަ ސިހުރު ބޮނޑި ބަންނަން ބޭނުންކޮށްފަ ހުރި ފޮތިހެން މަށަށް ހީވަނީ…”
އޭތި ފެނުމުން ސަލީމު ބުންޏެވެ.
“އާނ.. ވެދާނެ.. އެކަމަކު އިތުރަށް ބަލާފަ އެނގޭނީ ބުނަން..”
ޔޫނުސް އެހެންބުނެ ފުން ނޭވާއެއްލިއެވެ.
އެތަނުގައި ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު ގޮސް އެމީހުން ގެނައި ސާމާނުތައް ހިފައިގެން ދޯންޏަށް އެރިއެވެ. އެނބުރި ތިނަދޫއަށް ދިޔަ ދަތުރުމަތީގައި އެކަކުވެސް މާގިނަ ވާހަކައެއް ނުދައްކައެވެ. އެންމެންވެސް ތިބީ އިންތިހާއަށް ވަރުބަލިވެ ނިދިވެސް އައިސްފައެވެ. ޔޫނުސް އިނީ ލޮނުދޫގައި ހިނގާދިޔަ ކަންކަމާމެދު ވިސްނާށެވެ. އެޖިންނިތައް އެކިފަހަރު މަތިން ކޮންމެވެސް މީހެއްގެ ވާހަކަ ވަނީ ބުނެފައެވެ. އަދި އެއީ ފިރިހެނެއްކަންވެސް ވަނީ ބުނެފައެވެ. އެއީ އަނެއްކާ ކާކުބާއެވެ؟. އެ އެއްޗެހި ބުނެފައިވަނީ އެމީހާ އެޖިންނިތަކަށް ކޮންމެވެސް ކަމެއް ކޮށްދިންކަމަށާއި އޭގެ ބަދަލުގައި އެޖިންނިތައްވެސް އެމީހާއަށް ކޮންމެވެސް ކަމެއް ކޮށްދިން ކަމަށެވެ. އެއީ އަނެއްކާ ކޮންކަމެއް ބާއެވެ؟.. މިކަންކަމުގެ ހަގީގަތް ހޯދުމަށް ލޮނުދޫއަށް ގޮސްއުޅޭ މީހުންގެ މައުލޫމާތު އެއްކުރުމަށާއި އަދި މަރިޔަމްއާއި ބައްދަލުކޮށް ވާހަކަ ދެއްކުމަށް ޔޫނުސް ނިންމިއެވެ.
ރަށަށް ދެވުމާއެކު އަހުސަލް އަވަހަށް ފާތުންމެންގެ ގެއަށް ދިޔައެވެ. ޔޫނުސްއާއި ސަލީމުވެސް އަހުސަލް އެކީގައި ދިޔައެވެ.
“ތި އައީދޯ…”
އަހުސަލް ފެނުމާއެކު ޒައިނަބް ދުވެފައި ކަހަލަގޮތަކަށް ގޮސް އަހުސަލްއަތުގައި ހިފިއެވެ.
“ކިހިނެއްވީ އެރަށުގަ؟..”
ޒައިނަބް އެހިއެވެ..
“އެރަށުން ބައެއްކަންކަން ފެނުން.. ޔޫނުސް ބޭނުންވަނީ އިތުރަށް އެކަންކަން ހޯދާ ބަލަން…”
އަހުސަލް އިށީންނަމުން ބުންޏެވެ.
“އެރަށުގަ ކިހިނެއްވީ؟.. ބިރުވެރި ކަމެއް ވިތަ؟..”
ޒައިނަބް އަނެއްކާވެސް އެހިއެވެ. ޒައިނަބް ހުރީ ލޮނުދޫގައި އަހުސަލްމެންނަށް ދިމާވި ހުރިހާކަމެއް އެނގެން ބޭނުންވެފައެވެ.
އަހުސަލް އެސުވާލަށް ޖަވާބުނުދީ ޔޫނުސްއާއި ދިމާލަށް ބަލާލިއެވެ.
“ޒައިނަބް… އެރަށުގަ ކޮންމެވެސް ވަރަށް ބިރުވެރި ކަންކަމާ ދިމާވި.. އެކަމަކު އެހުރިހާ ކަމެއްގެ ތަފްސީލު ކިޔާދީގެން ޒައިނަބް އިތުރަށް ބިރުގަންނަވާކަށް އަހަރެން ބޭނުމެއްނެތް.. ﷲ އިރާދަކުރެއްވީތީ އަހަރުމެން އެންމެންވެސް މިތިބީ ސަލާމަތުން… އިންޝާ ﷲ ދެން މާގިނަ ދުވަހެއްނުވެ ހުރިހާ ކަމެއްގެ ހަގީގަތް ހޯދި ހުރިހާކަމަކަށް ހައްލުވެސް ލިބޭނެ އިންޝާ ﷲ ”
ޔޫނުސް އެހެންބުނެ ހީލިއެވެ. ޒައިނަބް އިތުރަށް ސުވާލުނުކޮށް ގޮސް އެމީހުންނަށް ސައި ތައްޔާރު ކުރަންފެށިއެވެ. ޝިފާވެސް ޒައިނަބަށް އެހީތެރިވުމުގައި އުޅުނެވެ.
ސަލީމުއާއި އިސްމާއިލްވެސް އެމީހުންނާއެކު ސައިބޯން އިށީނެވެ. ސައިބޮއި ނިމިގެން އެކަމުގައި ކުރިއަށްދިއުމަށް ޔޫނުސްގެ ވިސްނުން ހުރިގޮތް އޭނާ އަހުސަލްމެންނާއި ހިއްސާކުރިއެވެ.
އިރުކޮޅަކު ފާތުންމެންގެ ގޭގައި ތިބުމަށްފަހު އެމީހަކު އެމީހެއްގެ ގެއަށް ދިއުމަށް ނިކުތެވެ. ކުޑަކޮށް ނިދާލުމަށްފަހު ހަމަޖެހިލައިގެން އަނެއްކާވެސް މަސައްކަތާއިގެން އުޅޭނީ ކަމުގައި ޔޫނުސް ބުންޏެވެ.
އެދުވަހު މެންދުރުފަހު ޔޫނުސް ސަލީމުމެންގެ ގެއަށް ދިޔައެވެ. ދެމީހުން އެކުގައިތިބެ ލޮނުދޫގައި ހިނގާދިޔަ ކަންކަމާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކާހެދިއެވެ.
“އަހަރެންވެސް ވަރަށް މަދުންނަމަވެސް ދޭތެރެއަކުން ލޮނުދޫއަށް ދަން.. އެކަމަކު އެއްވެސް ބިރުވެރި ކަމަކާ ދުވަހަކުވެސް ދިމަލެއްނުވޭ.”
ސަލީމު ބުންޏެވެ.
“މަށަކަށްވެސް އެރަށަކުން އެކަހަލަ ކަމެއް ދިމާލެއް ނުވޭ.. އެރަށުން އެއިވުނު އަޑުތަކަކީ ޖިންނި ޝައިތާނުންގެ އަޑުތަކެއް.. އެ އެއްޗެހި ބައެއްފަހަރު ދޮގުހަދާ އޮޅުވާވެސް ލާނެ… ވަރަށް ވިސްނައިގެން ކުރިއަށް ދާންވާނީ..”
ސަލީމުގެ މޫނަށް ބަލަންއިނދެ ޔޫނުސް ބުންޏެވެ. އަދި ޔޫނުސް ގެންގުޅޭ ނޯޓުފޮތް ހުޅުވާލުމަށްފަހު އޭގައި އޭނާ ކުރަހާފައިވާ ލޮނުދޫގެ މެޕް ސަލީމުއަށް ދެއްކިއެވެ.
“ބަލާބަލަ… މިހުރީ އެ ދިމަދިމާ ފާހަގަކޮށްފަ.. އެއްކަލަ ކަޅު ރޮދިގަނޑު ފެނުންތަނާ މަގުގެ އެއްކަލަ ހިސާބުވެސް… މަށަށްހީވަނީ ކޮންމެވެސް މީހަކު ސިހުރުހަދަން އެތައްދުވަހަކު އެހިސާބުގަނޑު ބޭނުން ކޮށްފަ ހުރިހެން..”
ޔޫނުސް ބުންޏެވެ.
“ޔޫނުސްއަށް ހީވަނީ ތިކަމަށް އެތައް އަހަރެއް ވެދާނެހެންތަ؟..”
ސަލީމު އެހިއެވެ.
“ތިހެން ބުނާކަށް ނޭނގެ.. އެކަމަކު ހޯދާ ބަލާނީ.. ތިއެއްވެސް އެނގޭނީ ހޯދީމަތާ…ސަލީމަށް އެނގޭތަ… އަހަރެން ކައިރިއަށް ކުރިންވެސް ރުޤްޔާގެ އެހީހޯދަން އައި އެހެންމީހަކު ހަމަ ލޮނުދޫގެ އެ މަގުގެ ވާހަކަދެއްކި.. އެމީހާއަށްވެސް ހުވަފެނުގައި ހަމަ އެތަން ފެންނަ ވާހަކަ ބުނި..”
ޔޫނުސް ކިޔާދިނެވެ.
“އެހެން މީހެކޭ؟..”
ސަލީމް ހައިރާންވެފައި އެހިއެވެ.
“އާން… އެކަމަކު އަހަރެން އެވާހަކަ ޒައިނަބްއާ އަހުސަލް ކައިރީގަ ނުބުނީ އެކަން އިތުރަށް ސާފުކޮށްފަ ބުނަންވެގެން… އެމީހުން މިހާރުވެސް އެތިބެނީ ނުލާހިކު ބިރުން.. އެކަހަލަ އެއްޗެއް ބުނެގެން އިތުރަށް ބިރުގަތުން ނޫންކަމެއް ނުވާނެ.. މިހުރިހާ ކަމެއްގެ ހަގީގަތް އެނގުނީމަ ބުނާނީ..”
ޔޫނުސް އެހެންބުނުމުން ސަލީމުވެސް އެކަމާ އެއްބަސް ވުމުގެގޮތުން ބޯޖަހާލިއެވެ.
“ޔޫނުސްއަށް ޝައްކު ކުރެވޭ އެއްވެސް މީހެއް އެބަހުރިތަ؟…”
ސަލީމު އެހިއެވެ.
“މިރަށުގަ އުޅެއެންނު ގާދިރު ކިޔާމީހެއް.. އޭނާއަކީ ސިހުރުގެ ކަންކަން ކޮށްހަދާ މީހެއްކަން މަށަށްއެނގޭ.. އެކަމަކު މި ސިހުރުތަކަކީ އޭނާގެ ކަމެއްކަން ޔަގީން ނުވަނީސް ވަކިއެއްޗެއް ބުނާކަށް ނުކެރޭނެ..”
ޔޫނުސް ވިސްނާލުމަށްފަހު ބުންޏެވެ.
ޔޫނުސް އެހެންބުނުމުން ސަލީމު ހައިރާންވެފައި އިރުކޮޅަކު އިނެވެ. އެބުނާ ގާދިރަކީ ސަލީމުވެސް ކޮންމެވެސް ވަރަކަށް ދެކެފަރިތަ މީހެކެވެ. ގާތް ރައްޓެއްސެއް ނޫނަސް ފެނުމުން ހީލާހަދާ މީހެކެވެ.
ޔޫނުސްއާއި ސަލީމު އެތައްއިރަކު ވާހަކަ ދެއްކުމަށްފަހު އެމީހުން އިތުރަށް ރަށުތެރެއިން މީސްމީހުން ކައިރީގައި އަހައިގެން ނަމަވެސް ލޮނުދޫއަށް އާންމުކޮށް ގޮސްއުޅޭ މީހުންގެ ނަންތައް ހޯދުމަށް ނިންމިއެވެ. އެރަށާއި ދިމާލަށް ފަރުމަހަށް ނިކުމެއުޅޭ ދޯނިތަކުގެ މީހުންނާއި އެރަށަށް ކާއްޓާއި ދަރު ހޮވަންދާ މީހުންނާވެސް ސުވާލު ކުރުމަށް ވިސްނިއެވެ. އެރަށަށް މަރިޔަމް ނޫނީ ގާދިރު ދިޔަތަން އެއްވެސް މީހަކަށް ފެނިފައި ވޭތޯ ޔަގީންކުރަން ނިންމިއެވެ. ވަކިމީހަކާ ދިމާލަށް އިނގިލި ދިއްކުރުމުގެ ކުރިން ހުރިހާކަމެއް ޔަގީންކޮށް އެކަމުގެ ސާފުހެކި ހޯދަން ޔޫނުސް ބޭނުމެވެ.
އެރޭ ރޭގަނޑު ކާންތިބެގެން އަހުސަލްއާއި ޒައިނަބް އެކިއެކި ވާހަކަ ދައްކަމުން ދިޔައެވެ. ލޮނުދޫއަށް ދިޔަ ދަތުރުގައި އިސްމާއިލް ދޯނި ދުއްވިލެއް ބާރުކަމާއި ފަރިތަކަމުގެ ވާހަކަ އަހުސަލް ކިޔެވެ. އަދި ލޮނުދޫއިން ފުރައިގެން އަންނަން އުޅުނު ވަގުތު ސަލީމު އަވަސް އަރުވާލައިގެން އުޅުމުގެތެރޭގައި އޭނާގެދަބަސް މޫދަށް ވެއްޓެން އުޅެނިކޮށް އަހުސަލް އޭތި ވެއްޓުނަނުދީ ހިފެހެއްޓި ވާހަކަވެސް ކިޔާދިނެވެ. ލޮނުދޫގައި ދިމާވި އެއްވެސް ބިރުވެރިކަމެއް އަހުސަލް ޒައިނަބަކަށް ކިޔައެއް ނުދެއެވެ. މިއަދު ޔޫނުސް ޒައިނަބް ކައިރީގައި އެދަތުރުގައި ބިރުވެރި ކަންކަން ހިނގިކަމަށާއި ނަމަވެސް އެކަންކަމުގެ ތަފްސީލު ޒައިނަބަށް ކިޔައިދޭން ބޭނުންނުވަނީ ޒައިނަބް އިތުރަށް ބިރުގަނެފާނެތީ ކަމުގައި ބުނި ހިސާބުން ޒައިނަބް އިތުރަކަށް އެކަމާބެހޭގޮތުން އެއްވެސް ސުވާލެއް ނުކުރެއެވެ. އެދެމީހުން އެކިއެކި ވާހަކައިގައިތިބެ ކައި ނިންމާލުމަށްފަހު އަހުސަލްގޮސް ގޭގެ ދޮރުތައް ލައްޕާ ތަޅުލިއެވެ. އަދި ނިދަން އޮށޯންނަން ތައްޔާރުވާން ފެށިއެވެ.
“އެ ސިހުރު ހަދަނީ ކާކުކަން އަހަރުމެންނަށް އެނގޭނެތަ އަދި؟..”
އެނދުގައި އޮށޯތުމަށްފަހު ޒައިނަބް އަހުސަލް ކައިރީގައި އަހާލިއެވެ.
“އިންޝާ ﷲ އަދި އެނގޭނެ.. ޔޫނުސްގެ އެހީތެރިކަން ލިބެންޏާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ…”
އަހުސަލް އެހެންބުނެ ގޮސް އެނދުގައި އޮށޯތެވެ.
ޖެހިގެންއައި ދުވަހުގެ ހެނދުނު ހެނދުނާ ޔޫނުސްއާއި ސަލީމު އެމީހުންގެ ޕްލޭނާއި އެއްގޮތަށް މަސައްކަތް ފަށަން ތައްޔާރުމަވުން ދިޔައެވެ.
“ސަލީމު… މަސްދޯނިތަކުގެ މީހުންނާ ލޮނުދޫއަށް ގޮސްހަދާ މީހުންނާ ސުވާލުކޮށް މައުލޫމާތު އެއްކުރޭ.. ނަމަނަމަ ކުރީ ރޭގައި ލޮނުދޫގައިވީ ކަންކަން އެއްވެސްމީހަކާ ހިއްސާ ނުކުރާތި!..”
ޔޫނުސް ސަލީމުއަށް އޭނާގެ މަސައްކަތް ކިޔާދިނެވެ.
“ފަހުން މަރިޔަމްއާ ދިމާވިތަ؟..”
ޔޫނުސް އެހިއެވެ. ސަލީމު ނޫނެކޭ ބުނުމުން ޔޫނުސް އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު އޭނާ އެބައި ކުރިއަށްގެންދާނެ ކަމަށްބުންޏެވެ. އަދި މަރިޔަމްގެ ފަރާތުން އެކަމާބެހޭ އިތުރު މައުލޫމާތެއް ލިބޭތޯ ބަލާނެ ކަމުގައިވެސް ބުންޏެވެ.
އެެދުވަހު މެންދުރުވަނިކޮށް ޒައިނަބް އުޅުނީ ބަދިގެ ސާފުކޮށް ގޭތެރެ ކުނިކެހުމުގައެވެ. ހެނދުނު ބޭރަށް ނިކުތްގޮތަށް އަހުސަލް އައިސް ގެއަށްވަނީ އެވަގުތުއެވެ. ރައްޓެހިންނާ އެކުގައި ކޮފީއެއް ބޯލަން ދިޔައީކަމުގައި ބުނެ އަހުސަލްގޮސް ސޯފާގައި އިށީނެވެ. އަހުސަލްއަށް މަސައްކަތެއްނުކޮށް އެފަދަ ތަނަވަސް ދިރިއުޅުމެއް އުޅެވެނީ އޭނާގެ ސަފާރީބޯޓު ބަޔަކަށް ކުއްޔަށްދީފައި އޮންނާތީއެވެ. މަހުންމަހަށް ކުލީގެގޮތުގައި ލައްކައަކާ ކައިރި ކުރާވަރަށް އޭނާއަށް ފައިސާލިބެއެވެ. ރަށުގައިއުޅޭ އަހުސަލްއާއި އެއްއުމުރެއްގެ ގިނަމީހުން ބުރަމަސައްކަތުގައި އުޅެންޖެހުނަސް އަހުސަލްއަށް ޒައިނަބާއި އަހުސަލްގެ އާއިލާއާއި އެކުގައި ހަމަޖެހިގެން ހުރިހާ ވަގުތެއް ހޭދަކުރެވެއެވެ.
އަހުސަލް ޓީވީބަަލަން އިނުމުން ޒައިނަބްގޮސް މެންދުރަށް ކެއްކުމުގެ މަސައްކަތް ފެށިއެވެ.
“ޒައިނަބް.. ކޯއްޗެއް ތިކައްކަނީ؟.. ހާދަވަރަކަށް ކައްކައޭދޯ…”
ސަމާސާ ރާގެއްގައި އަހުސަލް އެހިއެވެ.
“ނުކައްކަން ވީތަ؟..”
ޒައިނަބް ހެމުންހެމުން އެހިއެވެ.
“ނޫނޭ އެހެންނެއްނޫން ހަމަ ބޭނުންވަރަކަށް ކައްކަންވީ… ވަރަށް ބަނޑުވެސްހައި އަސްލު..”
އަހުސަލް އެހެންބުނެ އަނެއްކާވެސް ޓީވީބަލަން ފެށިއެވެ.
ޒައިނަބް ކައްކާނިމުމުން ދެމީހުން އެކުގައި ކާމޭޒު ކައިރީގައި އިށީނެވެ.
“ޔޫނުސް އުޅެނީ ލޮނުދޫއަށްދާ މީހުންކައިރީގަ ސުވާލުކޮށްގެން އިތުރު މައުލޫމާތު ހޯދަން…”
އަހުސަލް ބުންޏެވެ.
“ކޮންމެވެސް މީހެއް އަބަދު އެރަށަށް ދަނީތަ؟..”
ޒައިނަބް އެހިއެވެ.
“ވެދާނެ އެހެންކަމަށް.. އެކަމަކު އެއެއް ބަލަން އެއުޅެނީ..”
އަހުސަލް ބުންޏެވެ.
އެވަގުތު ލޮނުދޫގެ ރީތި އަތިރިމައްޗާއި އެތަނުގައި އެކިފަހަރު މަތިންގޮސް އެރަށުގައި ކޮށްފައިވާ މަޖާ ކަންކަން ޒައިނަބް ހަނދާންވިއެވެ. އެންމެން އެކުގައި ކައްކާ މަޖާކޮށް ހަނދާންވިއެވެ. އެފަދަ އުފާވެރި ރަށެއްގައި މިފަދަ ބިރުވެރި ކަންތައްގަނޑެއް ގުޅިފައި ވެދާނެކަމަށް ދުވަހަކުވެސް ޒައިނަބް ހިޔެއްނުކުރެއެވެ.
“ދެން ނުދާނަން އެރަށަކަށް…”
ޒައިނަބް ދެރަވެލާފައި ބުންޏެވެ.
“މި ހުރިހާކަމެއް ނިމުނީމަ އަނެއްކާވެސް ދަތުރުދާނީ އެންމެން އެއްކޮށް… ”
ޒައިނަބްގެ އަތުގައި ހިފާލަމުން އަހުސަލް ބުންޏެވެ.
އެދުވަހު މެންދުރު ވާންވީއިރު ސަލީމު ފުދޭވަރަކަށް ގިނަމީހުންނާއި ސުވާލުކުރިއެވެ. ނަމަވެސް އެއްވެސްމީހެއްގެ ފަރާތުން މާ އެދެވޭ ޖަވާބެއް ނުވަތަ މުހިއްމު މައުލޫމާތެއްވެސް ސާފެއް ނުވިއެވެ. ބައެއްމީހުން ބުނިގޮތުގައި އެމީހުން އާއިލާއާއި އެކުގައި ލޮނުދޫއަށް ޕިކްނިކް ގޮސްހަދައެވެ. އަނެއްބަޔަކު ފަރުމަތިން ބޯވައާއި ހަންދަ ނަގަން ދާއިރު އަނެއްބަޔަކު ކާއްޓާއި ދަރުހޮވަން ދާކަމުގައިވެސް ބުންޏެވެ. ނަމަވެސް އާދަޔާޚިލާފަށް ގިނައިން އެރަށަށް ގޮސްހަދާ މީހަކާ ދިމަލެއްނުވިއެވެ. އަދި އެފަދަމީހެއްގެ މައުލޫމާތުވެސް އެއިން އެއްވެސްމީހަކަށް އެނގޭކަމަކަށް ނުވެއެވެ.
ދެން ސަލީމު ބައްދަލުކުރީ ފަރުމަސްވެރިކަން ކޮށްއުޅޭ އިބްރާހިމްއާއެވެ. ރަށުގެ ގިނަމީހުން އޭނާއަށް ކިޔާއުޅެނީ އިބުރޭއެވެ. އިބުރޭއަކީ އޭނާގެ ޑިންގީގައި ކައިރި ރައްރަށަށް މީހުން ގޮވައިގެން ދަތުރުގޮސް ހަދާމީހެކެވެ. އަދި ފަރުމަސްވެރިކަމަށް ރަށުގެ ފަޅުތެރޭގެ އެކިހިސާބުތަކުގައި ގިނަވަގުތު ހޭދަކޮށް ހަދާމީހެއްކަމުން އޭނާގެ ފަރާތުން ކަމެއް ސާފުވެދާނެކަމުގެ އުންމީދު ސަލީމަށް އޮތެވެ.
ސަލީމު ލޮނުދޫއާ ބެހޭގޮތުން ސުވާލު ކުރަންފެށުމުން އިބުރޭ ބަހެއްނުބުނެ އިރުކޮޅަކު ވިސްނާލަން އިނެވެ.
“ކީއްވެ އެރަށާ ބެހޭގޮތުން ސަލީމު މާގިނަ ސުވާލު ތިކުރަނީ؟.”
އިބުރޭ އެހިއެވެ.
“އަހަރެން ބޭނުންވަނީ އެރަށަށް އެއްވެސްމީހެއް އާދަޔާހިލާފަށް ގިނައިން ގޮސްއުޅޭތޯ ބަލަން..”
ސަލީމު ވަރަށްސާފުކޮށް ޖަވާބުދިނެވެ.
“ތިބުނީ ކިހިނެއް ގޮސްހަދާ ވާހަކަތަ؟.”
އިބުރޭ އެހިއެވެ.
“މިބުނީ އެކަނި އެރަށަށްގޮސް ހަދާމީހެއް އެނގޭހޭ… ރޭގަނޑުވެސް އެރަށުގަ މަޑުކޮށް ހަދާމީހެއް އެނގޭހޭ..”
ސަލީމު އިތުރަށް ކިޔާދިނެވެ.
“ހްމް… އެހެންދޯ… އާން އަހަރެން ފަރުމަހަށް ނިކުމެ އުޅޭއިރު ފުދޭވަރަކަށް އެރަށުން އެކަނި ފެންނަ މީހެއްއުޅޭ.. މަށަށް ހީވަނީ އެއީ ކާށިހޮވަން ދާމީހެއް ހެން…”
އިބުރޭ އިރުކޮޅަކު ވިސްނަން އިނދެފައި ބުންޏެވެ.
އިބުރޭގެ އެވާހަކައިން ސަލީމު އިތުރަށް ޝައުގުވެރިވިއެވެ.
“ކާކު؟.”
ސަލީމު އެހިއެވެ.
“ނޭނގެ ނަމެއް.. ފެނުނީމަ އެނގޭނެ ކަންނޭނގެ.. ހިކިކޮށް ހުންނަ ފިރިހެންމީހެއް އެއީ.. އަނދިރި ކުލަކުލައިގެ ގަމީސްލާފަ ހުންނާނީ އަބަދުވެސް.. ގިނައިން ފެންނަނީ ކުޑަ ދަބަހެއްކަހަލަ އެއްޗެއް ހިފާގެން އުޅެނިކޮށް…”
އިބުރޭ ކިޔާދިނެވެ.
“ކިހާ ގިނައެއްކޮށް އެމީހާ ފެނޭތަ؟.”
ސަލީމު އެހިއެވެ.
“ކޮންމެ ހަފްތާއަކު ނުދެކެން.. އެކަމަކު ދޭތެރެއަކުން ފެނޭ އެކަނި ކުޑަޑިންގީއެއްގަ އެރަށަށް ދާތަން… މަ އެރަށްކައިރީ ފަޅުތެރޭގަ މަސްބާނަން އުޅޭއިރުވެސް ދޭތެރެއަކުން ފެނޭ އެމީހާގޮސް ވަލުތެރެއަށް ވަންނަތަން..”
އިބުރޭ އޭނާއަށް ފެނިފައިވާ ކަންކަން އިތުރަށް ސަލީމަށް ކިޔައިދިނެވެ.
“އެމީހާ އަބަދުވެސް ފެންނަނީ އެކަނިތަ؟..”
ސަލީމު އެހިއެވެ.
“ގިނައިން ފެންނަނީ އެކަނި.. އެކަމަކު އެއްދުވަހަކު ފެނުން އެހެން ފިރިހެނަކާ އެއްކޮށް.. އޭނަ ކައިރީގަހުރި ފިރިހެންމީހާ މިބުނާ މީހާއަށްވުރެން ދިގު.. އެދެމީހުން އެއްކޮށް އެރަށަށް ދިޔައީ ކަމެއް ބުނާކަށް ނޭނގެ.. އެކަމަކު އެދެމީހުން އެއްކޮށް ގަސްތަކާ ދިމާލަށް ދަނިކޮށް ދުށިން..”
އިބުރޭ ވަރަށް ހަނދާންކޮށްފައި ކިޔާދިނެވެ.
“ތިބުނާ ދިގުމީހާ އަތުގަ އެއްވެސް އެއްޗެއް އޮތްތަ؟”
ސަލީމު އެހިއެވެ. އޭނާ ބޭނުންވަނީ އިބުރޭގެ ފަރާތުން އޭނާއަށް އެނގޭ ހުރިހާކަމެއް ސާފުކުރާށެވެ.
“އާނ… ކަޅު ކޮތަޅެއް ނޫނީ ފޮތިގަނޑެއް ކަހަލަ އެއްޗެއް އޮތީ އެމީހާ އަތުގަ..”
އިބުރޭ ބުންޏެވެ.
ސަލީމު ބޭނުންވީ އިބުރޭ އެކިޔާދިން ދެމީހުންކުރެ އެއްވެސް މީހެއްގެ ސިފަތަށް ޔޫނުސް ބުނި ގާދިރުގެ ސިފަތަކާ ދިމާވޭތޯ ބަލާށެވެ.
ނަމަވެސް އެރަށުގައި ހިކި ފިރިހެނުން ވަރަށް ގިނައެވެ. ދިގު ފިރިހެނުންވެސް އެހާގިނައެވެ. އަނދިރި ކުލަކުލައިގެ ގަމީސްލާ މީހުންވެސް އުޅެއެވެ. އިބުރޭ އެކިޔާދިން ވާހަކަތަކުން އެއީ ސީދާ ގާދިރުކަމެއް ޔަގީނެއްނުވިއެވެ.
-ނުނިމޭ-.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (9)
Comments are closed.
Girl
Don’t make me wait five days again
And plsss I have to know what is happening
Hey hama readers bunaa gotheh in sha Allah v try kuraanan avahah neren ingey. So glad you are enjoying this story. And i would really appreciate name jahaalanyaa comment kuraa iruga 🥺☺️ thank you 🤍🫰🏻
Saw this on tiktok and came to read here. I love this story. Can’t wait for the next part. Pls upload it soon😍
Awwn 🤍 thank you so much Haanthu 🫰🏻 will upload soon. Hope you will like the next part too 😊
i wonder who its going to be i loved that this part was longer can’t wait for next part
Will upload soon ingey 🤍😘 hope you will like the next part 😊
Oks girl
I’ll write my name as rosey 🙂
Okay girl
I’ll write my name as rosey 🙂
Alright Rosey ☺️🤍