Skip to content
އެސްފިޔަ

ހިޔަނި – 2

Listen to this story Audio · 11:38 Powered by Esfiya Voice
0:00 11:38

ޒޯއީ ކާރަށް އަރައި ހަމަޖެހިލި އިރު އޭނާ ވެސް ވަނީ އެކަށް ތެމިފޯވެފައެވެ. އެހެނަސް އެކަމާ އޭނާގެ އެއްވެސް ފަރުވާލެއް ނެތް ކަހަލައެވެ. އެއް އަތުން ކުރުކޮށް ކޮށާލެވިފައި އޮތް އިސްތަށިގަނޑުން ފެން ފޮޅަމުން، އަނެއް އަތުން އޭނާ ގެންގުޅުނު ދަބަސްގަނޑު އަތު ހުރި ބާރެއްލައި ފަހަތު ސީޓަށް ހޫރައިލިއެވެ. އެ ދިޔަ ބާރުމިނުގައި އެ ދަބަސް ގޮސް ޖެހުނީ އީވީގެ ކޮނޑުހުޅު މަތީގައެވެ. އެ ވަގުތު ވީ ތަދުން އީވީގެ އަނގައިން ބޭރުވެގެންދިޔައީ މަޑު އާހެކެވެ.
” ސާބަހޭ ޒޯ…އޭނަ ގައިގަ ދޯ ތި ޖެހީ…ތި ދެން ތަންކޮޅެއް ބަލާލައިގެން އުޅެބަލަ އޭނައަށްވެސް…ސޮރީ އީވީ… ވަރަށް ތަދުވިތަ؟“ ޗޮކެއް ކަނޑާލުމަށްފަހު، ހިތްހަމަނުޖެހުމުގެ ރާގެއްގައި ޒޯއީއަށް އަމާޒުކޮށްލި ބަސްތައް ޒޭލް ނިންމައިލީ، ފަހަތަށް އެނބުރި އޯގާތެރިކަމާއެކު އީވީގެ ހާލު އަހައިލަމުންނެވެ.
ތަދުވި ނަމަވެސް އެކަން ހާމަ ކުރާކަށް އީވީ ބޭނުމެއް ނުވިއެވެ. ދެފަރާތަށް ބޯހޫރާލުމަށްފަހު އޭނާ ޖަހާލީ އިސްދަށަށެވެ. އޭނާގެ އިހުސާސްތައް ފާޅުކޮށްގެން ވާނެ މޮޅުތަކެއް ނޯންނާނެކަން އެނގޭތީއެވެ. އަބަދުމެ ޒޯއީގެ ވިހަ ބަސްތަކުގެ އަމާޒުފަތްގަނޑަކަށް ވާކަށް އޭނާއަކަށް ވެސް މާ ފަސޭހައެއް ނޫނެވެ. ޒޭލް ކިރިޔާ ވެސް އޭނާގެ ދިފާއުގައި އެއްޗެކޭ ބުނެފިއްޔާ ޒޯއީ ފަހުން އޭނާއަށް އޭގެ ހަސްކާ ދައްކާލާނެއެވެ. އެއީ ޔަގީންކަމެކެވެ.
”ކިހާ ދެރަކަމެއްތަ ޒޭލް! ކަލޭ މަށާތަ ނޫނީ އޭނަޔާތަ ރައްޓެހިވެގެން ތި އުޅެނީ…؟ އެހެންޏާ ފަހެ އޭނާއަށް ކިރިޔާ ކަމެއްވާއިރަށް ކަލެއަށް ހާދަ ވަރެކޭ ތިވަނީ… އެއްޗެކޭ ބުނާއިރަށް މަ ވަރުގެ ނުބައި ނުލަފާ މީހެއް ނޯންނާނެ ޒޭލަކަށް ވެސް…ހުވާ މި ބުނީ! ކީއްކުރަންތަ އޭނާ އަހަރުންނާ އެކީ ކާރުގަ ދަނީ ކޮންމެހެން… ބަހަށް އެރީމަ ވީނު!“ ޒޭލްގެ ބަސްތައް ހީވީ ރުވާފަައި،ކުޅަނދުރު ހަތަޔަކަށް އެއްލައިލެވުނު އޮށްގަލެއްހެންނެވެ. އޭނާއާ ދިމާލަށް ބަލާލާފައި ޒޯއީ ކަޅި އަޅައިލި ގޮތުން އޭނާގެ ގާތަށް އައިސްފައި ހުރި ގަދަ ރުޅި ހާމަވެގެން ދިޔައެވެ.
” ވަޓް؟! ކީކޭ ތި ކިޔަނީ؟!މިހާރު ތި ދަނީ މާ މައްޗަށް އިނގޭ…ޒޯއަށް ހަމަ ރަނގަޅަށް އެނގޭނެ ކީއްވެގެންކަން ވެސް… އިޓްސް ނޮޓް ސޭފް ފޮރ ހަރ އައުޓް ދެއަރ…އައި ނޯ ގައިޒް ލައިކް އެލަން. އޭނަ އީވީއަށް ކޮންމެ ފަދަ ކަމެއް ކުރާކަށް ވެސް ފަހަކަށް ނުދާނެ…އައި ނޯ ޔޫ ގައިޒް ހޭވް ސަމް ފިއުޑް ބިޓްވީން ޔޫ ޓޫ…ބަޓް ޒޯ ..އެއީ ޒޯގެ ކޮއްކޮއޭ…ތި އާއިލާގެ ކޮންމެ މީހަކަށް ވެސް އަހަރެން ކެއަރ ކުރަން .“ ހިތްހަމަނުޖެހިފައި އިން ނަމަވެސް މަޑުމައިތިރި ރާގެއްގައި ޒޭލް ބުނެލިއެވެ. ބައެއްފަހަރު ޒޯއީގެ ވިސްނުން އެ ހުންނަ މިސްރާބަކުން އޭނާ ހަމަ ހައިރާންވެ އަންތަރީސްވެއެވެ. އޭނަޔާ އީވީއާ އެގޮތަށް އަޅުވާކިޔަން ޒޯއީއަށް ކެރުނީތީ ވެސް ޒޭލް ހިތުގައި ޖެހުނެވެ. ޒޯއީއަށްޓަކައި އެ ހިތުގައިވާ ފުން ލޯބި ހަމަ އިހުސާސް ނުވަނީބާއޭ ހިތަށް އެރުމުން އެ ހިތަށް ވީ ތަދު ބަޔާންކުރަން ވެސް ދައްޗެވެ.
”އޯހ ޕްލީޒް! މަ ވެސް އަދި ކަނެއް ނޫނޭ..“ ކަޅި އަނބުރާލަމުން ޒޯއީ ހަށަންބަނދެލީ އޭނާ އެކަން ގަބޫލެއް ނުކުރާނަމޭ ބުނެލި ކަހަލަ ބީދައަކުންނެވެ. އެހެނަސް އެކަމާ ޒޯއީއާ އިތުރަށް ޖަދަލުކުރާކަށް ޒޭލް ބޭނުމެއްނުވިއެވެ. އެއަށްވުރެ އޭނާގެ ހިތުގައި އުފެދިފައި ހުރި އެހެން ޝަކުވާތަކުގެ ބުރަދަން މާ ބޮޑެވެ.
”ކިހާ ވަރަކަށް ޒޯއަށް އަހަރެން ގުޅާނީ…އެއް ފަހަރު ވެސް ފޯނު ނެގީކީ ނޫން…ކޮބާތަ ފޯނު؟ އަޅެ މެސެޖެއް ނަމަވެސް ކޮށްލާނަމަ އަހަރެން ވެސް ތަންކޮޅެއް ހިތްހަމަ ޖެހޭނެ ދޯ… ކޮންތާކުންތަ ތި އައީ އެހާ ލަސް ވީ؟ “ ކާރު ދުއްވާލުމާއެކު ހުއްޓުމެއް ނެތި ޒޭލްގެ ޝަކުވާތައް އޮހެން ފެށިއެވެ. ޒޯއީއަށް ހަމަ ކަހާތަން ހިރުވާލިހެން ވެސް ހީ ނުވިއެވެ. ވާރޭގެ ބޯކަމުން ފުސްވެފައިވާ މަގަށް ނަޒަރު ހުއްޓާލައިގެން އިން އިރު ހީވަނީ އެ ހިމޭންކަމުން ޒޭލަށް އަދަބެއް ދޭން އޭނާ ނިންމައިގެން އިނީހެންނެވެ.
”ޒޯއާ އޭ އަހަރެން މިވާހަކަ ދައްކަނީ.“ ޒޭލްގެ އަޑުގައިވީ ރިހުމެވެ. ބޭގަރާރުކަމެވެ.އެ އަޑު އަހާފައި އީވީއަށް ވެސް އިސް އުފުލާ އެ ދިމާލަށް ބަލައިލެވުނެވެ. ބޭއިޚްތިޔާރުގައެވެ. ޒޭލްގެ އެ ދީވާނާކަން ފެނި އެ ހިނދު އެ ހިތުގައި ވޭން އަޅާލިއެވެ. ޒޭލްގެ ފުށުން އެ ފަދަ ގާތްކަމަކަށް އެދިއެދި އޮތް އެ ނާޒުކު ހިތުގައި ހަސަދައިގެ ހުޅުކޮޅެއް ކަނި ޖަހައިލިއެވެ. އެހެނަސް ހަމަ އެހާމެ އަވަހަށް އޭނާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލިއެވެ. ޒޭލަކީ އޭނާގެ ދޮންތަގެ ލޯބިވެރިޔާކަން އަމިއްލަ ނަފްސަށް ހަނދާންކޮށްދެމުންނެވެ.
ގެޔާ ހަމައަށް ފޯރި އިރު ވާރޭ ތުނިކޮށްލައިފިއެވެ. އެއް ވާމެއްގައި ވެހިލަވެހިލަ އޮތް ވާރޭގެ މިޔުޒިކީ އަޑު، ހީވަނީ އަރާމު ނާނާއެއް ހެންނެވެ. ޖެހެމުން ދިޔަ ލުއި ވައިރޯޅިތަކާއެކު ގަސްތައް ދެފަރާތަށް ހެލިލާ މަންޒަރުގައި ވެސް ވަނީ ހިތްގައިމުކަމެވެ. ގަސްތައް ދޮވެވި ،ބިންގަނޑު ވެސް ތެމިފައި ވީއިރު، ވެލިގަނޑުން އަރަމުން ދިޔަ ގުދުރަތީ ތާޒާ ވަހުން މުޅި ޖައްވު ވަނީ އެއްވަސްވެފައެވެ.
އެންމެނަށްވުރެ ކުރިން ކާރުން ފައިބައިގެން އީވީ ދުވެފައި ގޮސް ގެއަށް ވަނެވެ. ތެތް ހެދުމާއެކު އެހާ ފިނީގައި ގިނައިރު އިންނަން ޖެހުމުން، ހީގަނެގެން ގޮސް މުޅި މީހާ ހީވަނީ ގަނޑުވެދާނެހެންނެެވެ.ވަން ގޮތަށް ސިޓިންރޫމުގައިވާ ހީޓަރު ޖައްސާލައިފައި، އޭނާ މިސްރާބު ޖެހީ ކޮޓަރިއާ ދިމާލަށެވެ. ޒޭލާއި ޒޯއީ އެތެރެއަށް ފޯރުމުގެ ކުރިން އެމީހުންގެ ލޯ ކުރިމަތިން ގެއްލެން އޭނާ ކެތްމަދުވެފައި ހުރި ކަހަލައެވެ.
ޒޯއީ ކާރުން ފައިބަން އުޅެނިކޮށް ޒޭލް އޭނާގެ އަތުގައި ހިފައި ހުއްޓުވަަައި، މަގަތަށް އަނބުރައިލިއެވެ. ދެބުމަ ކައިރިކޮށްލަމުން ތުން ފިތާލައިފައި ޒޯއީ ޒޭލާ ހަތަރުކަޅި ހަމަކޮށްލިއިރު އެ ދެލޮލުން ފާޅުވާން ހުރީ ނުރައްކާތެރި ވިދުވަރެކެވެ.
”ދޫކުރޭ!“ ހަރުކަށިކަމާއެކު ޒޯއީ ބުނެލިއެވެ.
”ޒޯ ޕްލީޒް ދެން ތި ރުޅި މަޑުކޮށްބަލަ…“ ކުޑަކުއްޖަކު ފަދައިން މައުސޫމު ނަޒަރަކުން ޒޯއީއާ ދިމާލަށް ބަލައިލަމުން ޒޭލް ކުސްތަޅައިލިއެވެ. ޒޯއީ އެގޮތަށް އޭނާ ދެކެ ރުޅިއައިސްފައި އިނުމަކީ އެހިތަށް ކެތްވާވަރުގެ ކަމެއް ނޫނެވެ.އެހެނަސް ޒޯއީ އެ ބޭނުންވާ ގޮތަށް އީވީ ބާކީކޮށްލުމަކީ ވެސް އޭނާއަށް ކުރަން ފަސޭހަ ކަމެއް ނޫނެވެ. ބާކީކޮށްލުމުން އެ ކުރެވޭ ހިތްދަތި އިހުސާސް އެންމެ ރަނގަޅަށް އެނގޭނެ އެކަކަށް އޭނާ ވާތީއެވެ.
” އަހަރެން އަދި ރުޅި މަޑޭ…ޒޭލް ނުޖެހޭނެ އޭނަގެ ބޮޑީގާޑަކަށް ޝޯފާރއަކަށް ވާކަށެއް ކޮންމެހެން… ދެފަހަރަކު ފިރިހެނަކު ފަހަތުން ދުވީއޭ ކިޔާފަ އީވީވެސް ޖެހޭތަ އެވަރުތަކެއް އަރުވާލަން…ތީ އަހަރެންގެ ބީ އެފް އޭ… އަހަރެންގެ މީހެކޭ ކިޔަން ހުރި ހަމައެކަނި މީހާއޭ…ބައްޕަ ވެސް ހުންނާނީ އޭނަޔަށް ގޮސް ހުސްވެފަ… އަބަދުވެސް އީވީ އީވީ…އަހަރެން މީ އުޅޭ މީހެއްކަން ވެސް ހަނދާން ނުހުރޭ… އަހަރެންގެ މަންމަ މަރާލާފަ އަދި ލަދު ކުޑަވެގެން-“ އައިސްފައި ހުރި ގަދަ ރުޅީގެ ސަބަބުން ޒޯއީގެ އަޑު ވެސް ދިޔައީ ފަހަރަކަށް ވުރެ ފަހަރެއް ބާރުވެ، ތުރުތުރު އަޅަމުންނެވެ.
”ދެން ހުއްޓާލާ …ތި ކަހަލަ އެއްޗެހި ކިޔަން ހެޔޮނުވާނެ ޒޯ!“ ޒޭލް ގަސްދުގައި ޒޯއީގެ ވާހަކަ މެދުކަނޑައިލިއެވެ. ރުޅިގަދަވެގެން ގޮސް ޒޯއީ ކޮންމެ ފަދަ އެއްޗެއްވެސް ކިޔައިފާނެކަން އޭނާއަށް އެނގޭތީއެވެ.
” އީވީއޭ މަންމަ މަރާލީ ނުބުނޭ ޒޯ! އެއީ އެކްސިޑެންޓެއް…އެކަން ހިނގިއިރު ތި ދެމީހުން ވެސް އެއީ ކުޑަކުދިންނޭ…އޭނަ ވެސް ހަމަ ޒޯ ތި ވާ ދެރަވާނެ ނޫންތަ؟ އޭނަގެ ވެސް މަންމައޭ އެއީ…ދެން އެކަމެއް ހިނގިއިރު އޭނަ އެތާާ ހުރިއްޔޭ ކިޔާފަ ޒޯ ނުވާނެއްނު ތި ކަހަލަ ތުހުމަތެއް އޭނަ ބޮލުގަ އަޅުވާކަށް ވެސް…ތި ހުންނަނީ އަބަދުހެން އޭނަޔާ ދިމާލަށް ތިހެން ކިޔާލަކިޔާލަ… ބަލާބަލަ މިހާރު ވެސް އޭނަ އެ އުޅޭ ގޮތް… މީހަކާ އަނގައިންވެސް ބުނަނީކީ ނޫން ގިނަ ފަހަރު….ތެރަޕީއަށް ދިޔައެއް ކަމަކު އެ ގެންދެވެނީ ގަދަކަމުން … ކިރިޔާ ޅަ އެއްޗެއް ނާޅާ އެހުރީ… ޒޯއަށް އެންމެ ރަނގަޅަށް އެނގޭނީ އެކަން ވެސް…ޒޯ އަބަދު ތިހެން އޭނަޔާ ދިމާލަށް ކިޔާ ކިޔާ އޭނާ މިހާރު ނިންމައިގެން އެ ހުންނަނީ އޭނާޔާ ހެދިކަމަށް މަންމަ މަރުވީ…ކެން ޔޫ އީވެން އިމޭޖިން ހައު ހެވީ ދެޓް މައިޓް ފީލް ޒޯ…؟ އީވީ ތެރަޕީއަށް ގެންދަން ނުފެށިނަމަ އޭނާ މިއަދު ނޭނގެ މިދުނިޔޭގައި ވެސް ހުރީސްކަމެއް…ދެން އެލަން… އަހަރެން ހަމަ ހައިރާންވޭ އީވީ ކަހަލަ ކުއްޖަކު އޭނާގެ ރާޑަރަށް އެރީމަ…އާންމުކޮށް އޭނާ ޓާގެޓް ކުރާ ކަހަލަ ކުއްޖެއް ނޫން އީވިއަކީ…އެއީ ނުރައްކާތެރި މީހެއް… އަންހެންކުއްޖަކު ނޫނެކޭ ބުނެފިއްޔާ އޭނަ ކޮށްފާނެ ކޮންމެ ފަދަ ކަމެއްވެސް… ކިތައް ރޭޕް ކޭސް ވީނުވީއެއް ނޭނގި ހިންދާލީ..ހީ ހޭޒް ސަމް ޑޭންޖަރަސް ކަނެކްޝަންސް… އަހަރެން ކިޔާ އަޑު އެހިން އެއީ ކޮންމެވެސް ގޭންގެއްގެ މީހެކޭ ވެސް…ސޯ ޕްލީޒް ޓްރައި ޓު އަންޑަސްޓޭންޑް…“ އާދޭހާއެކު ޒޭލް އެދުނެވެ.
” މަންމަ މަރާލީ ހަމަ އޭނަ… އަހަރެންގެ މި ދެލޮލުން ދުށީމޭ! މަންމަ ވެއްޓުނީއެއް ނޫން! އީވީ މަންމަ ކޮއްޕާލީ! އެވަރުން ވެސް އޭނަތަ ތެރަޕީ ނަގަންވީ އަދިވެސް…ހައް! ކީއްވެގެންތަ އެކަކުވެސް އަހަރެން ދައްކާ ވާހަކަ ގަބޫލުނުކުރަނީ…؟ އީވީއަކީ ޒޭލް ތި ހީކުރާ ކަހަލަ މާތް މީހެއް ނޫނޭ…އެންޑް ސީރިއަސްލީ ޒޭލް…؟ ޑޫ ޔޫ ރިއަލީ ނޮޓް ސީ ހައު ޝީ ޑްރޫލްސް އޯވަރ ޔޫ…؟“ ވަރަށް ޖޯޝާއި ފޯރީގައި ޒޯއީ ރައްދު ދިން އިރު އެ އަޑުގައި އެކުލެވުނީ ސާބިތުކަމެވެ.
” ތީ ޒޯގެ ތި ޓުވިސްޓެޑް މައިންޑަށް ވިސްނޭ ގޮތް… އަހަރެން އޭނަޔާ މެދު ދެކެނީ އަމިއްލަ ކޮއްކޮއެއް ގޮތަށް… އަހަންނަށް ޔަގީން އީވީ ވެސް ދެކެނީ ހަމަ އެހެންކަން…“ ޗޮކެއް ކަނޑާލާފައި ވަރަށް ޔަގީންކަމާއެކު ޒޭލް ބުނެލިއެވެ.
”ޔާ ރައިޓް!“ އަޑަށް ހަރުކަށިކަން ވެރިކުރުވަމުން ޖެއްސުމުގެ ރާގަކަށް ޒޯއީ ބުނެލިއެވެ. އޭނާ ޒޭލްގެ އަތް ފޮޅުވާލައިފައި ކާރުން ފައިބައިގެން، ހަރު ފިޔަވަޅުތަކެއްގައި ގެއަށް ވަންނަން މިސްރާބުޖެހިއިރު އެ މަންޒަރު ބަލަން ޒޭލަށް އިނދެވުނީ މާޔޫސްވެފައެވެ.އެ ހިނދު މާޒީގެ ސަފްހާތަކުގެ ތެރެއަށް ގެނބިގެންދާން ފެށުމުން އެ ދެލޯ ފެންކަޅިވެގެން އައެވެ.އެހާ ލޯބިން ފެށުނު ގުޅުމެއް މިފަދަ ދަރަޖައަކަށް ހީނަރުވެގެން ދިޔައީ ކީއްވެގެންބާއޭ އޭނާއަށް ހިތާހިތާ ކިޔައިލެވުނެވެ.
އޭނާއަށް ފުރަތަަމަ ޒޯއީއާ ބައްދަލުވީ ކޮލެޖުގެ ’ފަންޑް ރެއިޒިން‘ އިވެންޓަކުންނެވެ. އޭރު ވެސް ޒޯއީ ހަމަ އެހާ މަގުބޫލެވެ. އެހާ ފަރިއެވެ.އެހާ ޗާލެވެ. ކޮލެޖުގެ ހުރިހާ ފިރިހެން ކުދިންހެން ތިބީ މަށަށްމަށަށް ކިޔައިލަ ކިޔައިލައެވެ. އެހެނަސް ޒޯއީގެ ސަމާލުކަން ލިބުނު ހަމައެކަނި ފަރާތަކަށް ވީ ޒޭލެވެ .ފުރަތަމަ ރައްޓެހިވި ދުވަސްކޮޅު އެ ގުޅުން ކިތަންމެހައިވެސް އުފާވެރިއެވެ. ލޯބިން ގޮސް ޒޯއީ ބުނި ކޮންމެ ކަމެއް ޒޭލް ކޮށްދިނެވެ. ބުނި ކޮންމެ އެއްޗެއް ހޯދައި ދިނެވެ. އެ އަންހެން ކުއްޖާއަށްޓަކައި އޭނާ ނުވަނީ ކޮން ގުރުބާނީއެއް ހެއްޔެވެ؟ ނުކޮށްދެނީ ކޮން ކަމެއް ހެއްޔެވެ؟ އޭނާއަކީ މަހުޖަނެއްގެ ހުރި ހަމައެކަނި ދަރިއެވެ. ފައިސާއަކީ އޭނައަށް ހަމަ ފެން ފަދަ އެއްޗެކެވެ. ޒޯއީގެ ކުޑަ ކުޑަ އިޝާރާތަކަށްވެސް، އެއްވެސް ޖެހިލުމެއްނެތި ފައިސާ އޮއްސައިލުމަކީ، އޭނާ ކުރަން ފަސްޖެހުނު ކަމެއް ނޫނެވެ. އެހެނަސް އެކަމަށް ޝުކުރުވެރިވުމުގެ ބަދަލުގައި ޒޯއީ އޭނާއަށް ހަދަން ފެށީ ހަމަ ހަދާލާނަމޭ ހިތަށް އެރި ގޮތެކެވެ. އޭނާ އެ ބުނާ މިންގަނޑުތަކަކަށް ފަހުން ފަހުން އައިސް ޒޭލް ފެތޭކަމަކަށް ވެސް ނުވިއެވެ. އަބަދުހެން ކުރަނީ ކޮންމެވެސް ޝަކުވާއެކެވެ. ރުޅި ކޮންޓްރޯލުން ނައްޓައިގެން ގޮސްފި ނަމަ އަތް ވެސް އިސްކުރަނީއެވެ. އެހެނަސް ވާ ލޯތްބެއްގެ ބޮޑުކަމުން ޒޭލް ދިޔައީ އެއްވެސް ޝަކުވާއެއް ނެތި އެ ހުރިހާ ކަމަކަށް ކެތްތެރިވަމުންނެވެ. ބައެއްފަހަރު ޒޯއީ އޭނާއާ ރުޅިނުވާން ހުންނަ ހަމައެކަނި ސަބަބަކީ އޭނާގެ މުއްސަނދިކަމޭ ވެސް ޒޭލްގެ ހިތަށް އަރައެވެ. އެހެނަސް ޒޯއީ ދެކެ ވާ އަމަށަކު ލޯތްބެއްގެ ސަބަބުން ޒޭލްވެސް އޭނާ ދޫކޮށްލާކަށް ކުޑަކޮށް ވެސް ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވަނީ ހީނަރުވަމުންދާ އެ ގުޅުން ބަދަހިކުރާނެ އުކުޅުތަކެކެވެ. އެތައް ގޮތަކުން މިހާރު ވެސް އޭނާ އެ ކަމަށް މަސައްކަތްކޮށްފިއެވެ. އެހެނަސް އަދި ހަމަ އަލިމަގެއް ފެންނަވަރު ނުވަނީއެވެ. ޒޯއީ އޭނާއާ މެދު ކަންތަައްކުރާ ގޮތުން އޭނާއަކީ ޒޯއީގެ މަގުބޫލުކަން އިތުރުކޮށްލާނޭ ވަސީލަތެއްގެ ގޮތުގައި ދެކެނީހެން ވެސް ޒޭލަށް ހީވެއެވެ. އެހާ މަގުބޫލު ރީތި އަންހެން ކުއްޖެއްގެ މުއްސަނދި ލޯބިވެރިއެއް ހުންނަކަން އެނގުމުން، މީހުން އެވާހަކަ ނުދައްކައެއް ނުތިބޭނެކަން އޭނައަށް ވެސް އެނގޭތީއެވެ.

(ނުނިމޭ)

Comments (6)

  1. Lavender

    Ooommmggg love this story 😍💗 can’t wait for the next part 💗 you’re so talented darrrlll 💗💗

    1. Lamtty
      Lavender

      Awwn Thank you loab! ❤️
      I’m glad you loved it 🥹

  2. mary

    v reethi

    1. Lamtty
      mary

      Thank you Mary ❤️

  3. r-a-a-j-i-h-a

    when next

    1. Lamtty
      r-a-a-j-i-h-a

      In review

Comments are closed.