Skip to content
އެސްފިޔަ

ހިޔަނި – 1

Listen to this story Audio · 8:24 Powered by Esfiya Voice
0:00 8:24

ވާރޭ ވެހެން އުޅޭ ކަމުގެ އިންޒާރު ދެމުން ބޯމަތިކޮށްލި ކަޅު ވިލާތަކުން އިސާހިތަކު މުޅި ދުނިޔެމަތި އަނދިރިކޮށްލިއެވެ. ބޫން އަޅުވާފައި ޖެހެން ފެށި ބާރު ވައިރޯޅިތަކުގެ ރަޙުމެއް ނެތް ހަމަލާތަކުން ގަސްތައް ހީވީ ހަމަ ދެންމެދެންމެ މުލުން ލުހެވިދާނެ ހެންނެވެ. އެ ގަދަ ވަޔާއެކު އޭގެ މަގާމުން ދޫވެގެން އެކި ދިމާލަށް އުދުހިގެން ދިޔަ އެތައް ހާސް ފަތްތަކުން މަގުތައް ފުނިޖެހެން ފެށިއެވެ. ވާރޭގައި ނުޖެހި ސަލާމަތްވެވޭތޯ ކޮޅުކޮޅުމައްޗަށް ދުއްވައިގަތް މީހުންތައް ގިނަކަމުން، މަދު ސިކުންތުކޮޅެއްގެ ތެރޭގައި މުޅި މަގުމަތި ހަލަބޮލިކަމުގެ ތެރެއަށް ގެނބިގެން ދިޔައެވެ.
މާ ގިނަ އިރެއް ނުވެ ބަރާވެފައި އޮތް ބޯ ވިލާތައް ފޫދުއްވާލާފައި ބޮޑުތިކި ވާރޭ އޮއްސައިގެންފިއެވެ. ސަލާމަތްވާން މަސައްކަތްކުރި ނަމަވެސް އެ ބޯ ވާރޭގައި ނުޖެހި އެންމެންނަކަށް ސަލާމަތެއް ނުވެވުނެވެ. އީވީ ވެސް ހިމެނުނީ އެ ބަދުނަސީބުވެރިންގެ ލިސްޓުގައެވެ. އަމިއްލަ ނަފްސަށް ކުދިކިޔަމުން، ކޮލެޖުން ނުކުމެގެން ދެފައި ހުރި ބާރެއް ލާފައި ދުއްވައިގަތް ނަމަވެސް، އޭނާ ވެސް ވީ އެ ބޯ ވާރޭގެ ޝިކާރައަކަށެވެ.
މަގުގެ އެއް ފަރާތުގައި މަޑުކޮށްލައިގެން އޮތް ކަޅު ކުލައިގެ ކާރެއްގެ ޑުރައިވަރު ސީޓުގައި ފިރިހެނަކު އިނެވެ. ބަލާ ބެލުމަށް ހީވަނީ ބާވީހަކަށް އަހަރުގެ ޒުވާނެއް ހެންނެވެ. ހުންގާނުގައި ދެ އަތުން ހިފައި ބާރުކޮށްލައިގެން އިންއިރު އޭނާގެ ކަތުރުކަށިގަނޑަށް ވަނީ ވާންވެލައިފައެވެ. ގޮށްޖެހިފައިވާ ދެ ބުމައާ ނިތަށް ގިނަވެފައިވާ ކުދި ރޫތަކުން އޭނާ އިނީ ކަމަކާ ވަރަށް ހިތްހަމަނުޖެހިފައި ކަން ހާމަވެއެވެ. އިރުއިރުކޮޅަކާ ޖެހިގެން އޮތް ސީޓު މަތީގައި އޮތް ފޯނުގެ ސްކްރީނުގައި އިނގިލި ޖައްސައިލާ ގޮތުން ހީވަނީ މީހެއްގެ މެސެޖަކަށް ނުވަތަ ކޯލަކަށް އިންތިޒާރުކުރަމުންދާ ހެންނެވެ. މޫނުމަތީގައިވި އެ ނުތަނަވަސްކަމާއެކުގައި ވެސް އެ ޒުވާނާގެ ރީތިކަމަށް ކުޑަ ވެސް ފަނޑުކަމެއް ނާދެއެވެ. އެއީ ކުލަ އަލި، ސާފު ހަންގަނޑެއްގެ ވެރިއެކެވެ. މޫނުގައި އެންމެ ބިއްސެއްހައި ހިސާބު ވެސް ނެތެވެ. އެހާ އޮމާނެވެ. ގަވާއިދުން ސްކިން ކެއަރ ހަދާ އަންހެން ކުދިންގެ މޫނު ވެސް އެހާ އޮމާންވާނެ ކަމެއް ނޭނގެއެވެ. އޭނާގެ ކުރުކޮށް ކޮށާލެވިފައިވާ ދިހުންކަން ގަދަ ތުނބުޅި މަތިމަސް އެ ކަތުރުކަށިގަނޑުގެ ފުރިހަމަ ބައްޓަން އިތުރަށް ފާޅުކޮށްދެއެވެ. މުށި ފެހި ކުލައިގެ ފުން ދެލޮލުގައި ވަނީ ބަޔާންކުރަން ދަތި ސިއްރުވެރިކަމެކެވެ. އެ ދެލޮލަށް ހިޔާ އަޅާފައި ވަނީ ކަޅުކަން ގަދަ، ބޯ އެސްފިޔަތަކަކާ ހައިބަތު ހުރި ދެ ބުމައެވެ. ކަނދުރާއާ ހަމައަށް ފަށަލަކޮށް ކޮށާލެވިފައިވާ ރާޅުބާނީ އިސްތަށިގަނޑުގައި ވެސް ހިސާބެއްގެ ތެތްކަމެއް ހިފާލާފައި ހުއްޓެވެ.
ކާރުގެ ފަހަތު ސީޓުގެ ދޮރު ހުޅުވައިލި އަޑަށް ޒޭލްގެ ނަޒަރު ރިއަރ ވިއު މިރާއާ ދިމާލަށް ދަތުރުކޮށްލިއެވެ. އެ ވަގުތު ތެމިފޯވެގެން، ފަހަތު ސީޓަށް އަރައި ހަމަޖެހިލި އަންހެން ކުއްޖާ ފެނިފައި، އޭނާއަށް ދެވަނަ ފަހަރަކަށް ބަލައިލަން އޭނާގެ ޒަމީރު ވެސް މަޖުބޫރުކުރުވި ކަހަލައެވެ. ތިރިކޮށްލެވިފައިވާ ހުޑްގެ ތެރެއިން އެ އަންހެން ކުއްޖާގެ މޫނުގެ ބައެއް ފެނިލި ހިނދު، ފަޅި ސިކުންތަކަށް ނަމަވެސް އެއީ އޭނާގެ ލޯބިވެރިޔާ ޒޯއީ ކަމުގައި އޭނާއަށް ހީކުރެވުނީއެވެ. އެހެނަސް އެ ކުއްޖާގެ ފަން، ދިގު އިސްތަށިގަނޑު ހުޅީގެ ހައްޔަރުން ނެއްޓިގެން އެ މޫނުމައްޗަށް ސޮހިގެން ދިޔަ މަންޒަރު ފެނިފައި، އެއީ އަދި ޒޯއީ ނޫންކަން ޒޭލަށް ރޭކާލިއެވެ.
އެއީ އީވީއެވެ. އޭނާގެ ޒަމާންވީ ލޯބިވެރިޔާ ޒޯއީގެ އެއްމާބަނޑު ކޮއްކޮއެވެ. އީވީއެކޭ އެއްގޮތަށް ޒޯއީ ވެސް އޭނާގެ އިސްތަށިގަނޑު ކޮށާނުލައި އޮތް ނަމަ ޒޭލަށް ވެސް އެ ދެ މީހުން އޮޅޭނެކަން ހަމަ ގައިމެވެ. ދެ ކުދިންނަށް ވެސް ލިބިފައި ވަނީ ކުލަ އެހާ މެ އަލި، ފަށުވިހައި އޮމާން ހަންގަނޑެކެވެ. މާމުއި ކުލައިގެ ފެންގަނޑެއް ފަދަ ފުން ދެލޮލާއި، ކަޅުކަން ގަދަ ދިގު އެސްފިޔަތަކެކެވެ. ފިޔާތޮށި ފިނިފެންމަލެއްގެ ފިޔަތައް ފަދަ ‘ޕައުޓީ’ ދެ ތުންފަތެވެ. މޫނުމަތީގައިވާ މުށި ކުލައިގެ ކުދިކުދި އަވިތިކިތަކުން ވެސް އެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ. އިސްކޮޅުން ވެސް ދެމީހުން ހަމަ ދާދި އެއްވަރެވެ. ބޭރުފުށުގެ ސިފައަށް ބަލައިފި ނަމަ ހަމަ އެކަކު އަނެކަކުގެ ތައްގަނޑެކޭ ބުންޏަސް ދޮގަކަށް ނުވާނެކަން ހަމަ ޔަގީނެވެ. އެހެނަސް މިޒާޖުގެ ގޮތުން ބަލައިފި ނަމަ އެއީ ހަމަ އުޑާއި ބިމެވެ.
“އަމްމްމް… ސޮރީ… ކުޑަކޮށް ތެމިފަ މިހުރީ…” އިސްދަށަށް ޖަހައިގެން އިނދެ، ދެ އަތް ދެ އަތާ މޮޑެމުން، ޖެހިލުންވުމުގެ އަސަރުން ފުރިފައިވި ރާގެއްގައި، ލަސްލަހުން އީވީ ބުނެލިއެވެ. ކާރު ސީޓު ތެމިފޯދާނެތީ އޭނާ ކަންބޮޑުވީ އިންތިހާއަށެވެ. ޒޭލް އެކަމާ އޭނާ ދެކެ ހިތްހަމަނުޖެހިދާނޭ ހިތަށް އަރާވަރުންނެވެ. އޭރު ކާރުތެރޭގައި ހިފާލާފައި ހުރި އޭސީގެ ފިނިކަމުގެ ސަބަބުން އޭނާ އިނީ ހީކަރުވައިގަނެގެން ހަލާކުވާވަރުވެފައެވެ. މުޅި މީހާ ދިޔައީ ރޫރޫ އަޅަމުންނެވެ. ލައިގެން ހުރި ކަނޑު ނޫކުލައިގެ ޖިންސާއި އޮރެންޖު ކުލައިގެ ފްލޮރަލް މަތިކޮޅު ވަނީ ތެމުމުގެ ސަބަބުން ހިސާބަކަށް ގައިގައި ތަތްލައިފައެވެ. އިސްތަށިގަނޑުގައި ވެސް ކޮންމެވެސް ވަރަކަށް ފެނުގެ އަސަރު ހިފާލާފައި ހުރުމުން، އެ ފިނިކަމުގެ ސަބަބުން އޭނާއަށް ލިބެމުންދިޔައީ އިތުރު ތަކުލީފެކެވެ.
“އިޓްސް އޯކޭއޭ” މޫނުމަތިން ފާޅުވޭވޭ ހުރި ނުރުހުމުގެ އަސަރުތައް ފަރުދާކޮށްލެވޭތޯ މަސައްކަތްކުރަމުން ޒޭލް ގަދަކަމުން ހިނިތުންވެލި ނަމަވެސް އޭނާގެ ކޮލުގައި އިންނަ އަޑިކޮޅު ފާޅުވެގެން ދިޔައެވެ. އީވީއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދެނެވެ. ދެމެދުގައި މާ ގިނަ ވާހަކަތަކެއް ނުދެކެވުނެއްކަމަކު އީވީ ވަނީ އޭނާގެ ހިތުގެ އެންމެ ފުނުން ޒޭލް ބަލައިގެންފައެވެ.
ކޮންމެ ދުވަހަކު ވެސް ކާރުގައި އީވީ އާއި ޒޯއީ ކޮލެޖަށް ގެންގޮސް ގެނެސްދީ ހަދަނީ ހަމަ ޒޭލެވެ. އެހެނަސް އަދިވެސް އީވީ އެކަމަކަށް ނުހޭނެއެވެ. ހޭނޭނެ ހެނެއް ހިޔެއް ވެސް ނުވެއެވެ. ޒޭލްގެ ކާރު ފެންނަ ކޮންމެ ފަހަރަކު އޭނާގެ އަތްފައި ފިނިވެ، ކަކުލު ހުޅުން ވާގި ދޫވާ ގޮތްވެއެވެ. މުޅި އެތެރެހަށީގައި ބޮޑު ހައިޖާނެއް އުފެދި، ހިތާއި ސިކުނޑީގެ ނިމުމެއް ނެތް ހަނގުރާމައެއްގެ ތެރޭގައި މުޅި ނަފްސު ބަނދެވޭ ގޮތްވެއެވެ. އެހެނަސް އެއީ މިއަދު އޭނާއަށް ހުރި ގޮތެވެ. ހާލަތު އޭނާއަށް މަޖުބޫރުކުރުވި ގޮތެވެ.
ކޮންމެކޮންމެ މީހަކަށް އީވީއަކަށް އިތުބާރެއް ނުކުރެވޭނެއެވެ. ނުވެސް ކުރާނެމެއެވެ. އެހެނަސް ޒޭލަކީ އޭނާގެ ބައްޕަ ފިޔަވައި ދެން އޭނާ ކިރިޔާ ވެސް އިތުބާރެއް ކުރާނެ ފަރާތެވެ. ޒޭލްގެ ފުށުން އޭނާއަށް ރައްކާތެރިކަމުގެ އިހުސާސް ކުރެވިފައިވާތީއެވެ. ޒޯއީގެ ގަނާތަކުން މިންޖުކޮށް، އޭނާގެ ދިފާއުގައި ބަސް ބުނެފައިވާތީއެވެ. އެހެނަސް އޭނާގެ ހިތުގައި ޒޭލަށްޓަކައި އުފެދި ކުރިލައި ފޯދެމުންދާ ޖަޒުބާތުތަކުން އޭނާއަށް ކުރެވެމުންދަނީ ކުށްވެރިކަމުގެ އިހުސާސެކެވެ. ޒޭލް އޭނާއަށް ކިތަންމެ ރަނގަޅަސް އިތުރު ގޮތެއް އޮތް ނަމަ އޭނާ އެ ކާރަކަށް ނާރާނެއެވެ. ކޮންމެ ދުވަހަކު ޒޯއީގެ އަލިފާން ނަޒަރުތަކުން އަނދައި ހުލިވާކަށް އޭނާއަކަށް ވެސް ފަސޭހައެއް ނޫނެވެ.
ކާރުގެ ބިއްލޫރިގަނޑުގައި ފިރުކިލާފައި ތިރިއަށް ފައިބަމުންދިޔަ އެތައް ހާސް ފެންތިކިތަކަށް އީވީ ނަޒަރު ހިންގައިލިއެވެ. އެއާއެކު އޭނާގެ ޚިޔާލުގެ އޮއިވަރު މުޅިން އެހެން ދިމާލަކަށް މިސްރާބު ޖަހަން ފަށައިފިއެވެ. އެހެނަސް އެ އޮއިވަރުގައި މާ ދުރަށް ބެހިގެން ނުދަނީސް، އޭނާގެ އެ ޚިޔާލީ ސިލްސިލާގައި ނިމުމުގެ ސިއްކަ ޖެހިއްޖެއެވެ. ކުއްލިއަކަށް ވިދާލި ވިދުވަރާއެކު މުޅި ކާރުތެރެއަށް ވެރިވެގެންދިޔަ އަލިކަމުން ދެލޯ ތަރަތަރަ ޖަހައިގެން ދާ ވަރުވިއެވެ. ދެވަނަ ސިކުންތުގައި މުޅި ފަޒާގައި ގުގުމައިގެން ދިޔަ ބާރު ގުގުރީގެ އަޑުފަށްގަނޑުން މުޅި ބިމަށް ވެސް އަރައިގެން ދިޔައީ ލޮޅުމެވެ. ލިބުނު ކުއްލި ސިހުމާއެކު އިޚުތިޔާރަކާ ނުލައި އީވީގެ ކަރުބުޑުން ނުކުތީ ތޫލި ހަޅޭކެއްގެ އަޑެވެ. ދެލޯ މަރައި ފިއްތައިލި ގޮތުން އެ ހިތަށް ލިބުނު ބިރުވެރިކަން އަންދާޒާކޮށްލެވޭހައިވެއެވެ. ނުރައްކާތެރި ހަލުވިމިނެއްގައި އޭނާގެ މޭގަނޑު ނެގިނެގިފައި ޖެހެމުން ދިޔައިރު ލަމުންދިޔަ ނޭވާ ވެސް ވަނީ މަޑުޖައްސައިލެވިފައެވެ. މުޅި މޫނުން ލޭކުލަ ފަނޑުވެ މީހާ ހުރީ އެކަށް ހުދުވެފައެވެ.
“އީވީ… ޔޫ އޯކޭ؟!” ކުރިމަތީގައި ހުރި ލޯގަނޑުން އީވީއަށް ނަޒަރެއް ދެމުން ޒޭލް އަވަސްއަވަހަށް ސުވާލުކޮށްލިއިރު، އެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. އެ އަޑު ކަންފަތުގައި ޖެހުމާއެކު، އީވީއަށް ކަންތައް ކުރެވުނު ގޮތާ މެދު ހޭވެރިކަންވެ ރަކިވެގެން އޭނާއަށް ތުންފަތް ހަފަން ފެށުނެވެ. ލަސްލަހުން އިސްއުފުލައި ބަލައިލި ވަގުތު، އެ ލޯގަނޑުގެ ތެރެއިން ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. އެއާއެކު އީވީއަށް ހީވީ އޭނާގެ މުޅި ހަށިގަނޑުގައި ފިނީގެ ރާޅެއް ދަތުރުކޮށްލި ހެންނެވެ. މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ލަމުންދިޔަ ނޭވާ ވެސް ހިނދުކޮޅަކަށް ހުއްޓުނު ކަހަލައެވެ. ޒޭލްގެ މޫނުމަތިން ފާޅުވާން ހުރި އޯގާތެރިކަމުގެ ކުލަވަރުތަކުން އީވީގެ ހިތަށް އިހުސާސްވެގެން ދިޔައީ ބަޔާންކުރަން ދަތި ފިނިކަމެކެވެ. އެ ތޫނު ދެލޮލުގައިވި ސިހުރުވެރިކަން އީވީގެ ހިތުގެ އެންމެ ހިމަ ނާރުތަކާ ވެސް ކުޅެލައިފިއެވެ. އެ ފުން ދެލޮލުގެ ތެރެއަށް ފީނައިގަންނަން އޭނާ އެހާ ބޭނުންވި ހިނދުކޮޅެއް ނާދެއެވެ. އެހެނަސް ކުއްލިއަކަށް ކުރީ ސީޓުގެ ދޮރު ހުޅުވައިލާފައި އެތެރެއަށް ދެމިގަތް ޒޯއީ ފެނުމުން އީވީގެ މޭގަނޑު ވެސް ހީވީ އަނގަޔަށް އައި ހެންނެވެ.
(ނުނިމޭ)

Comments (1)

  1. Your fav bab

    OMG!!! heyyy lamtty!!
    So happy to see u back with a whole new storyyyy!!✨
    MA! This story started so descriptive! N had me hooked already!
    love how captivating this is. Makes me want to read more!🙈
    Waiting for next!
    Ly💗

Comments are closed.