
ސައިކޯ – 6

6:58
“ކޮބާ ޒާނިލް ކިހިނެއް؟ މީތަ ޒާނިލްގެ އަންހެނުންނަކީ..؟” ޒާނިލްގެ އަތުގައި ހިފާލައިގެން ހުރި އިޝްރާގެ ބޮލުން ފެށިގެން ފަޔާއި ދިމާލަށް ބަލައިލަމުން ޝަޔަމް އެހިއެވެ. ހީވީ ސްކޭނެއް ކޮށްލި ހެންނެވެ.
(6 ވަނަ ބައި)
“އާން. މީ އިޝްރާ.. އަހަރެންގެ އަންހެނުން.. އިޝޫ.. މީ ޝަޔަމްބެ. ޝަޔަމްބެ މީ ވަރަށް ހެޔޮ މީހެއް. ޒާންގެ މަންމަމެން އިނގޭތަ 8 އަހަރު އުޅުނު ކުއްޖަކު ނުލިބިގެން. ޝަޔަމްބެ މީ ދިވެހި ބޭހަށް ވަރަށް މޮޅު މީހެއް. ޝަޔަމްބެ ހެދި ބޭހަކުން މަންމަ ރަނގަޅުވީވެސް.. ރާއްޖޭން ބޭރުގައި ކިޔަވަން އުޅެފައި އެ އައީ.. އަހަރެމެންގެ ކައިވެންޏަށްވެސް އަންނަން ވަރަށް މަސައްކަތް ކުރި.. އެކަމަކު ކީއްކުރާނީ ދޯ ނާދެވުނީ ވިއްޔާ” ކުރު ގޮތަކަށް ތަޢާރަފެއް ދިނުމުގެ ގޮތުން ޒާނިލް ބުނެލިއެވެ.
“ހޫމް. ދެން އޯކޭ އޭ ތިވާހަކަ ކޮންމެ ހެން ނުކިޔަސް ވެސް.. އަހަރެން އެކަން ޒާމިލް އަށް ކޮށް ދިނީކީ އަބަދު ތި ކަލަ ގޮވާހެނެއް ނޫނޭ” ހިނިތުންވެލަމުން ޝަޔަމް ބުނެލިއެވެ.
“ދެން ތިމީހުން ވާހަކަ ދައްކަން ތިބެނީ ތި ތާގަ ތަ..؟ އެތެރެއަށް ވަދެބަލަ” ހިމޭނުން އިން ނިޔަލް އަޑަށް ބާރު ލަމުން ގޮވައިލިއެވެ.
“ނިޔަލޫ.. ކޮބާ ނިޔަލް ނޫޅެންތަ ކައިވެންޏެއް ކުރާކަށް..؟” އެތެރެއަށް ވަދެ، ނިޔަލް ގާތުގައި ސޯފާގައި އިށީންނަމުން ޝަޔަމް އެހިއެވެ.
“ދެން. ސާބަސް ޝަޔަމްބެ އަށް. އަހަރެން ނޫޅެމޭ ދޮންބެހެން ކަންނެއް ވެގެން ރިސޯޓަކަށް ދާކަށް. އަހަރެން އިރާދަ ކުރެއްވިއްޔާ ވާނީ ސައިކޮލޮޖިސްޓަކަށް. ކިޔަވާ ނިންމާފަ އެކަހަލަ ކަމަކާ އުޅޭނީ” ކައިރާގެ ވާހަކަ ޝަޔަމްބެ ގާތުގައި ބުނާކަށް އަދި އޭނާ ބޭނުމެއް ނުވިއެވެ. އިޝްރާގެ ވާހަކަ އެނގުމުން ޒާނިލް އަށްވެސް ޝަޔަމް އެހާ ދިމާ ކުރިއެވެ. އޭނާގެ މިލްކަކަށް ކައިރާ ވުމުން ނޫނީ އެވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނުވިއެވެ.
ނައިކާގެ ހަށިގަނޑު ވަޅުލުމަށް ވަޅު ކޮންނަން ހުރި ޒިޔާދުގެ ނިއްކުރި މަތީގައި ހުރި ދާތައް ފުހެލިއެވެ. އެއްކައިރިއަށް ޖެހިލަމުން ކައިރީގައި އޮތް ތާޒާ ފެންފުޅި ނަގާ ކޯވަރެއް ބޯލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނާ އަނެއްކާވެސް އުދެލި ނަގާ ކޮންނަން ފެށިއެވެ. ދެވަނަ ފަހަރަށް ވެލި ނަގަން އުދެލި ތިރިއަށް ލުމާއި އެކު ކޮންމެވެސް އެއްޗެއްގައި އޭގެން ޖެހުނެވެ. ވަގުތުން އެ އެއްޗެއް ހަލާކު ވެގެން އޭގައި ހުރި އެއްޗެއް އޭނާގެ މޫނުމަައްޗައްބުރިއެވެ. ހަޅޭއް ލަވައި ގަންނަމުން ބިންމައްޗަށް ޖެހި ގަނެވުނީ އެއީ ލޭކަން އެނގުމުންނެވެ.
“ހާމިދޫ!!!” އޭނާއާއި އެކުގައި އެތަނުގައި ހުރި ހާމިދަށް އޭނާ ގޮވައިލިއެވެ. ސަންދޯކުގައި ޖަހަން ގެންނަ ދެ ގާ ހިފައިގެން އައި ހާމިދަކަށް އެމަންޒަރެއް ނުފެނުނެވެ. އޭނާ އެދިމާލަށް ބަލައިލީ ޒިޔާދު ހަޅޭއް ލަވައި ގަތުމުންނެވެ.
“ޒިޔާދޫ.. ބަލަ ޒިޔާދޫ ކިހިނެއްތަ ވީ..؟ އުދެލިން މޫނު މަތީގަ ޖެހުނީތަ؟ ސުބްޙާނައްﷲ ހާދަ ލެޔެކޭ…” ޒިޔާދު ގާތުގައި އިށީނދެލި ހާމިދު ހުރީ ހާސްވެފައެވެ.
“އަހަރެންގެ މޫނަކަށް ކަމެއް ނުވެޔޭ. ވަޅު ކޮންނަނިކޮށް ކޮންމެވެސް އެއްޗެއްގަ އުދެލިން ޖެހުނީ. އެ އެއްޗެއް ފަޅައިގެން ގޮހޭ ލޭ އަންނަން ފެށީ. ބަލަ. އަހަރެންގެ މޫނުގައި މިހުރީ ހަމަ ލެޔެއް ނުން؟ މީ ލޭގެ ވަސް.. މުޖައްރިބު” މޫނުމަތީގައި ހުރި ލޭތައް އަތުގެ ނުފުށުން ފުހެލަމުން އޭނާގެ އަތަށް ބަލައިލިއެވެ. އޭރު އޭނާގެ މުޅި ހަށިގަނޑު ތުރުތުރު ލަމުން ދިޔައެވެ.
ވަގުތަކީ ރޭގަނޑަށް ވެފައި ރެއަކީ ހަނދުވަރުގެ އެއްވެސް އަލިކަމެއް ނެތް، އަދި ވިއްސާރަކޮށް އޮތް ރެޔެއް ވުމުން އެތަން އޮތީ ވަރަށް އަނދިރިކޮށެވެ. ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލައިލަމުން ގޮސް ދުރުގައި ބައިންދާފައި އިން ކުޑަ ބޮކި ނެގިއެވެ. ހިންދިރުވާލަމުން ގޮސް ވަޅު އެތެރެ ބަލާލުމާއި އެކު އެދެމީހުންގެ ހިތުގައިވީ ބިރުވެރިކަން އެތަށް ގުނައަކަށް ވެރިވެގެން ދިޔައެވެ.
ހަސްފަތާލުގެ ދޮރު މަތީގައި ކައިޔަން، އެޒިކިއެލް، ދާއިޔަލް އަދި ޔައުލާން ތިބި އިރު އެއިން އެކަކުވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ. ދައްކާނީވެސް ކޮން ވާހަކައެއް ހެއްޔެވެ؟ މި މީހަކީ ހައްޔަރު ކުރަން އުނދަގޫވާނޭ މީހެއްކަން މުޖައްރިބެވެ. އަނިޔާވެރިކަމުގެވެސް އިންތިހާއެވެ. އެއްވެސް ވަރެއްގެ ހެއްކެއް ހަށިގަނޑުން ލިބިދާނެތީ އެއޮތީ މުޅި ހަށިގަނޑުވެސް އަންދާލާފައެވެ.
“މަށަށް ހީވޭ މި މީހަކު ދޮންބެއަށް ވުރެވެސް ބުއްދިވެރިހެން…” އެ ހަމަ ހިމޭންކަން ފިލާ ދިޔައީ ދާއިޔަލް ވާހަކަ ދައްކަން ފެށުމުންނެވެ.
“އެހެން އަހަރެންވެސް ހިތައް އެރި… އެކަމަކު.. ދެން ކީއްތަ ކުރާނީ…؟ މިއޮށް ބޮޑު މާލެއިން ކިހިނެއްތަ އެމީހަކު ހޯދާނީ؟ ކިހިނެއްތަ އެނގޭނީ މީ ކިތައް މީހުންގެ އަމަލެއް ކަމެއް؟ ނޭނގެ ދެން.. ބޯ ހަލާކު” ނިތުގައި އަތް ހިންގާލަމުން އެޒިކިއެލް އިސްޖަހައިލިއެވެ. އެކަމުގައި އެއްވެސް ވަރެއްގެ ކުރިއެރުމެއް ނުލިބޭތީވެ، އޭނާ މިހާރު އެހުރީ ބޯ ގޮވާ ވަރުވެފައެވެ.
“އަހަރެން ހަމަ ހިތައް އަރަނީ… މީނަ ކިތައް ކުދިން މަރާނެ ބާއޭ… ނިކަން ބަލާބަލަ.. ނައިކާ.. އެއީ ކިޔަވަން އެހާ މޮޅު ކުއްޖެއް. ކުރިމަގު އެހާ އަލިކޮށް އޮށްވާ އެއްވެސް ކުށަކާ ނުލާ އޭނާ އެ މަރާލީ… އަދި އެވެސް ކިހާ އެކަނިވެރިކޮށް؟ އަދި ނައިކާ އެއީ އެދެމަފިރިންގެ ހުރި ހަމަ އެކަނި ދަރިފުޅު.. އެ މައިންބަފައިންގެ ހިތުގައި ކިހާ ފުން ލަކުނެއް ލާނެ…؟” ޔައުލާންގެ ހިތުގައިވެސް ވީ ހަމްދަރުދީއެވެ.
ކައިރީގައި އިން ކައިޔަން އިނީ އެމީހުން ދައްކާ ވާހަކަ އަޑު އަހާށެވެ. ނައިކާ އަށްޓަކައި އޭނާގެ ހިތުގައިވެސް ހަމްދަރުދީ ވީ އިންތިހާއަށެވެ. ހިތުގައިވީ ތާޒާ ލަކުނެކެވެ. އަބަދުވެސް ކައިޔަން އަކީ ހިތުގައި ޖެހުމުން އެހާ ވާހަކަ ދައްކާ މީހެއް ނޫނެވެ. އޭނާ މަޑުން އިނީ އެހެން ވެގެންނެވެ.
އެގޮތުގައި ގަބުވެފައި އިން ކައިޔަން ސިއްސައިގެން ދިޔައީ އޭނާގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. އޭނާ އިނީ ފޯނު ނަގާ ހިތަކުން ނޫނެވެ. އެހެން ވިޔަސް ޑިއުޓީގައި އިނުމުން އޭނާ ފޯނު ނެގިއެވެ. “ހަލޯ؟” އޭނާއަށް ގުޅީ ހާމިދެވެ.
“ކައިޔަން… ހެޔޮނުވާނެ.. ވަރަށް އަވަހަށް އާދެބަލަ ސަހަރާއަށް… ވަރަށް.. ވަރަށް… އެހެން ކަހަލަ އެއްޗެއް ފެނިއްޖެ.. ވަރަށް އަވަހަށް އާދެބަލަ.. މުޅި މާލެ ނާމާން ވީ ކަންނޭނގެ…” އޭރު ހާމިދު ހުރީ ރޮވޭ ނުރޮވޭ ހާލުގައެވެ.
“ހާމިދޫ.. ހަމަ ޖެހިބަލަ. ކިހިނެއްތަ ވީ؟ ކީކޭތަ ތި ކިޔަނީ؟” ފޯނު ސްޕީކަރަށް ލަމުން ކައިޔަން އެހިއެވެ.
“މަށާ ޒިޔާދާ މިއުޅުނީ ނައިކާގެ ވަޅު ކޮންނަން… އަހަރެން މިދިޔައީ ޒިޔާދު ބަހައްޓާފަ ގާ ބަލައި.. ގޮސް އައިސް އައިސް ހު.. ހުއްޓާ.. ޒިޔާދު ހަޅޭއް ލަވައި ގަތީ. އޭރު މީނަ މުޅި މޫނު މަތީގަ ހުރީ ލޭ.. އަހަރެން ހީކުރީ އުދެލިން އޭނާގެ މޫނުގަ ޖެހުނީ ކަމަށް. އެކަމަކު އޭނަ ބުނީ.. ވަޅު ކޮންނަނިކޮށް އެއްޗެއްގަ ޖެހުނީއޭ. ދެން.. ރަނގަޅަށް މި ބަލައިލީ.. ބަލައިލީ އިރު…” ހާމިދުގެ ޖަވާބު އިވިފައި ކައިޔަން، އެޒިކިއެލް އަދި ޔައުލާންގެ ދެލޯ ބޮޑުވީ އިރު އެއްކައިރިއަށް ޖެހިލި ދާއިޔަލްއަށް ލެވުނީ ހޮޑެވެ.
(ނުނިމޭ)
ހަތްވަނަބައިގެ ތެރެއިން:
“ނިޔާލް މިތާގަ އެކަނި ކީއްތަ ތިކުރަނީ؟ ދެފަރާތް ބަލައިލަމުން ކައިރާ އެހިއެވެ. އިރު އޮއްސުނު އިރު އެވީ ކަމަކާއި ހުރެ އަދިވެސް އޭނާ އެހުންނަނީ ސިހިސިހިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (4)
Comments are closed.
shiherr!!! alhe haadha bodakah curious kohlaafey thi ninmaaly. hope next part is soon. very exited. btw shiher balytha? ehenyaa konme dhuvahaku ves episode eh nikumey viyya. ehnve…. anyways tc luv yu❤
Lahbbbaaaaaa
Hahahah yeaahh.. dhn mulhi vhk dhaanii hama mihen darll😭 always curiosity 💔
In sha allah will try my best to upload it asap..
Yea kudk balikon dhiyaee.. but now dhn alhamdhulihllah ok jazaakillah khair for noticing, and asking, means more than you know 🥺❤️🩹
Tc , lyt🩶🫶🏻🥹
Alheyy haadha reehcchey mi Bai ves … Waiting for next part ingey….tc…lots of love from me …..
This is the first I’ve started to read your story…and this is hama another level mashallah…keep it up ❤️✨ u can do it inshallah ✨✨✨
Awwwhhh jazaakallah khairrr 🫶🏻🥹 in sha allah next ep as soon as possible
Awwwnwn thisss means smmm vrh vrh vrh bodah jazaakallah khair🩶🫶🏻🥹 in sha allah ✨️