Skip to content
އެސްފިޔަ

ސައިކޯ – 5

8:25
Watch this episode Video · first minute free
Watch
Listen to this story Audio · 8:21 Powered by Esfiya Voice
0:00 8:21

އެއްޗެކޭ ބުނަން އަނގަ ހުޅުވާލީ ކައިޔަންގެ އަނގަ ލެއްޕުނީ ބާރު އަޑު ފައްގަނޑެއް އިވުމުންނެވެ. އޭރު އެތަނަށް ދުވަމުން ދުވަމުން ކަހަލަ ގޮތަކަށް ނަރުހަކު އަންނަމުން ދިޔައެވެ. އިވެމުން ދިޔައީ ކޮން އަޑެއްކަން ރެއަކާ ލުމުން ހަތަރު މީހުންގެ ހިތުގެ ވިންދުވެސް އަވަސްވެލިއެވެ.

(5 ވަނަ ބައި)

“ފަޔާ އެލާމް ތަ އެއީ…؟” ނަރުސް ކުއްޖާ އައިސް އެދެމީހުން ގާތުގައި ހުއްޓުމުން ހަތަރު މީހުނަށް އެހުނީ އެކީގައި ކަހަލަ ގޮތަކަށެވެ.

“އާން… ނައިކާގެ ހަށިގަނޑުގައި ރޯކޮށްލާފައި އޮތީ…”

ނަރުސް ކުއްޖާއާއި އެކު ހަތަރު ފުލުހުން އެތަނަށް ދިޔަ އިރު އަލިފާންގަނޑު ނިވާލުމަށް އެތަނުގައި ތިބި ‘ފަޔާ ފައިޓަރުން’ އުޅުނެވެ. މުޅި ހިސާބުގަނޑުގައި ދުމުގެ އަސަރު ވީ އިރު ކައިރި ހިސާބުގައި ތިބި ކޮޓަރި ތަކުގައި ތިބި މީހުން އެހެން ކޮޓަރިތަކަށް ބަދަލު ކުރަމުން ދިޔައެވެ. އަނގަ މަތީގައި އަތް އަޅައިގެން ކެއްސާ ކެއްސާ އެތާ ކައިރީގައި ކައިޔަންގެ ދަށުގައި މަސައްކަތް ކުރަމުން ދިޔަ ދެ ފުލުހުން ކަމުގައި ވާ ހިޝާމް އާއި އިޒާން ތިއްބެވެ.

“ތި ދެމީހުން ކޮންތާކު ތިބީ މިކަމެއް ވީ އިރު..؟ ކޮބާ ނައިކާގެ މަންމައާއި ބައްޕަ..؟” އަނގަ މަތީގައި އަތް އަޅަމުން ކައިޔަން ކުރިއަށް ޖެހިލަމުން އެހިއެވެ.

“އަޅުގަނޑުމެން ތިބީ ހަމަ ސާރް ވިދާޅުވީ ހެން މިތާ ދޮރު ކައިރީ ފާރައަށް.. އެހެން ތިއްބާ ދޮރު ދަށުން ދުން އަންނާތީ ބަލާލީ އިރު މިއޮށް އަނދާ ހުލި ވަނީ… ދެން ނައިކާގެ މަންމައާއި ބައްޕަ މަސަލަސް ކުރަން މަސައްކަތް ކުރަން ޔައިނާ ގޮއްސި” ޔައިނާއަކީ ވެސް ކައިޔަން އާއި އެކު އައިސް އުޅޭ ފުލުހެކެވެ.

އިސް ޖަހާލަމުން ވާހަކަ ދެއްކި ހިޝާންގެ ރާގުންވެސް އޭނާ ދެރަވެފައި ހުރި މިންވަރު ހާމަ ވެއެވެ. ކައިރީގައި ހުރި އިޒާންވެސް ހުރީ އެކަހަލަ ހާލެއްގައެވެ.

“ފެނުނުތަ މީހަކު އެތަނަށް ވަދެފައި ހުރި ކަހަލަ އެއްވެސް މަންޒަރެއް…؟” އެޒިކިއެލް ކުރިއަށް ޖެހިލަމުން އަހައިލިއެވެ.

“އާން…” ގަބުވެފައި ހުރި އިޒާން ވާހަކަ ދައްކަން ފެށިއެވެ. “ކޮޓަރީގައި އިން ޖާލީ ދޮރު ހުރީ ތަޅާލާފަ.. އެތަނަށް ހުރީ މީހަކު ވަދެފައި.. އެމީހަކު އައިސް މިކަމެއް މިކުރީ.. މަށަށް ހަމަ ޔަގީން…”

***

ފެންވަރައިގެން ނިކުން ކިއިޝާ ހުރީ އަނގައިން މަޑު ރާގެއް ލައްވާލާ ލައްވާ ލައެވެ. ފިޔާތޮށި ކުލައިގެ ‘ބާތް ރޯބް’ އަކުން އޭނާގެ މުޅި ހަށިގަނޑު ވަންހަނާ ކޮށްފައިވީ އިރު، އޭނާ ކޮޓަރިއަށް ނިކުތުމާއި އެކު އޭނާ ބޭނުން ކުރި ސައިބޯންޏާއި ޝޭމްޕޫގެ މީރުވަސް އެކުވެ މުޅި ކޮޓަރި ތެރޭގައި ހިތްގައިމު ވަހެއް އުފެދުނެވެ. ލޯގަނޑު ކައިރީ ހުއްޓިލަމުން ‘ވެސްލިން’ ލޯޝަން ފުޅި ނަގާ މުޅި ހަށިގަނޑުގައި ހާކާލިއެވެ. އަދި އެޔަށް ފަހު ‘ވެސްލިން’ ގެ ގައިގައި ހާކާ ތެޔޮ ފުޅި ނަގާ މުޅި ގައިގައި އުނގުޅާ ލަމުން މީރުވަސް ދުއްވާލިއެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލަމުން ލޯގަނޑު ކައިރީ އިން ‘ކޮންފެޓީ’ ކިއްޕައްޗައް ޖަހާ ފުޅި ނަގަމުން މީރުވަސް ދުއްވާލިއެވެ. އަދި ބޮޑީ ސުޕްރޭ ފުޅިން މުޅި ހަށިގަނޑަށް މީރުވަސް ދުއްވާލަމުން ކަރު ދަށަށް ‘މާޝްމެލޯ ބްލަޝް’ ސެންޓު ފުޅިން އެތިކޮޅެއް ޖަހައިލިއެވެ.

ރަތް ކުލައިގެ ދޫ ޓީޝާޓަކާއި އެކު ކަޅު ކުލައިގެ ދޫ ހަރުވާޅެއް ލަމުން އޭނާ ބޮލުގައި އޮޅާފައި އިން ތުވާލިން އެ އިސްތަށިގަނޑު މިނިވަން ކޮށްލިއެވެ. ކޮނޑާއި ހަމައަށް ކިރިޔާ އަރާ އެ އިސްތަށިގަނޑުގައި ފިރުމާލަމުން އޭނާ ލޯގަނޑު ކައިރީގައި އިން ގޮނޑީގައި އިށީނެވެ. އޭނާއަށް ގުދުރަތީ ގޮތުން ވެސް ލިބިފައިވަނީ ކަޅުކަން ގަދަ ބުޅި އިސްތަށިގަނޑެކެވެ. ކައިރާއަށް ވެސްމެއެވެ. އެ ބުޅި ކަން ރީތިކޮށް ބެހެއްޓުމަށްޓަކައި ދެކުދިން ގެންގުޅޭ ތަފާތު ތެޔޮތައް ހާކާލަމުން އިސްތަށިގަނޑު ރީތިކޮށްލިއެވެ.

ފުނާ އަޅާ ނިމުމުން ދެން އޭނާގެ ސަމާލު ކަމެއް އައީ މޫނު މައްޗަށެވެ. ކައިރީގައި އިން “ޑަރ ރަޝެލް’ ގެ ‘ޓޯނާރް’ ފުޅި ނަގާ މޫނަށް އެތިކޮޅެއް އަޅާލާ އަޅާލާ ހުއްޓާ ކޮޓަރި ދޮރު ހުޅުވުނު އަޑު އިވުމުން ފަހަތް ބަލައިލެވުނެވެ. ކޮޓަރިއަށް ވައިން ކައިރާ ފެނިފައި ކިއިޝާ ހިނިތުންވެލިއެވެ.

“ކޮބާ ދާރާ ފުރީތަ..؟” ލޯގަނޑުން ކައިރާގެ މޫނަށް ބަލައިލަމުން ކިއިޝާ އަހައިލިއެވެ.

“އާން.. ދެން އަނެއްކާ ދުވަސްކޮޅަކުން އަންނާނީ..” އެނދަށް ވެއްޓި ގަންނަމުން ކައިރާ ބުނެލިއެވެ.

“އެހެންތަ..؟ ހޫން.. ތެދުވޭ.. އަރާމު ކުރަން އޮންނާނީ ފަހުން.. ހިނގާބަލަ ކާންދާން.. ވަރަށް ބަނޑުހައި” ‘ޑރ ރަޝެލް’ ގެ ‘ސޫތިންގ ޖެލް’ ފުޅީގެ މަތި ނަގަމުން އޭނާ ކައިރާ އާއި ދިމާލަށް އެނބުރުނެވެ.

“ކާން ވީކީ ނޫން.. ނަމާދު ކޮށްފިންތަ..؟” ތެދުވެ އިށީންނަމުން ކައިރާ އަހައިލިއެވެ.

“ދެން.. ކައިގެން ވެސް ނަމާދު ކުރެވިދާނެ ދޯ..؟” މޫނުމަތީގައި ޖެލް ކޮޅު ހާކާލަމުން ކިއިޝާ ބުނެލިއެވެ.

“އުހޫން.. ފުރަތަމަ ނަމާދު ކުރާނީ.. އަވަސް ކުރޭ.. ތެދުވޭ..” ކައިރާ އަމުރު ކޮށްލާ ކަހަލަ ގޮތަކަށް ބުނެލިއެވެ. ޗުސް ތަޅުވާލާފައި ‘ސްކިން ކެއާރ’ ނިންމާލާފައި މި ތެދުވަނީ ކަމަށް ބުނެލިއެވެ.

ދޮރު ހުޅުވާލާފައި ގެއަށް ވައިން ނިޔަލްގެ މޫނުމަތީގައިވީ ފޫހިކަމެވެ. އެހާ ހާލުން ކައިރާ އެކަނި ހުރި ވަގުތަކާއި ބަލާ ކައިރި ވެލަން އުޅުމުން ވެސް އެދައިތަ ގަނޑު އެދެމެދަށް ވަންނަން ވެއްޖެ ވިއްޔާއެވެ. ދެން އަނެއްކާ އެކަހަލަ ފުރުސަތެއް ލިބޭނީ ކޮން އިރަކުން ކަމެއްވެސް ނޭނގެއެވެ.

“އިރު އެކަންޏެއް ނޫން ކަންނޭނގެ އޮއްސުނީ. މަށަށް ހީވަނީ ނިޔާގެ މޫނުވެސް ހުރީ އޮއްސިފައި ހެން” ފޫހިވެފައި ހުރި ވަރުން ސޯފާގައި އިން ޒާނިލް އޭނާއަކަށް ނުވެސް ފެނުނެވެ. ޒާނިލްއަކީ ނިޔަލްގެ ދޮންބެއެވެ. އުމުރުގެ ގޮތުން ނިޔަލްއަށް ވުރެ 5 އަހަރު ބޮޑު ޒާނިލްއަކީ ރިސޯޓެއްގައި މަސައްކަތް ކުރާ ޒުވާނެކެވެ. ސިފަޔަށް ބަލާ ނަމަ ޒާނިލްއާއި ނިޔަލްގެ ވައްތަރު ގޮތެއް ވެސް ހުރެއެވެ. އެހެން ވިޔަސް އޭނާ ބޮޑަށް ވައްތަރީ ދެބެންގެ ބައްޕަ، ޒާމިލް އަށެވެ.

“އޮއްސޭ ނޭނުން؟ ހަމަ ރަނގަޅު ފުރުސަތެއް ލިބުނު އިރަށް ފާޑެއްގެ އަންހެނެއް އައިސް އެދެމެދަށް ވަންނަން ވެއްޖެ ވިއްޔާ.. މިހުރީ ނުން ހޯ މިހާރު ކުދިން މަގުމަތީގައިވެސް އުޅޭ ގޮތަކީ.. ހާދަ ހަޔާތް ކުޑަ ޔޯ.. ދެން އެހެން ވިއްޔާ ނުބެލީމާ ވީނުން؟؟” އައިސްފައި ހުރި ރުޅީގައި ނިޔަލް ސޯފާގައި ފައިން ބާރަކަށް ޖެހިއެވެ.

“އާން. ހޫން.. ދެން މި ސޯފާއަށް އަނިޔާ ނުކޮށް ހުރޭ. ނިޔަލް ލައިގެން ހުރި ހޫޑީގައި ހިފާ ދަމާލަމުން ޒާނިލް އޭނާ ސޯފާއަށް ވައްޓާލިއެވެ.

“ހޫންން.. ދެބެން ކޮން ކޯޅުމެއް ތި ކޯޅެނީ؟” އެވަގުތު ދެ ޖޯޑު ކޮފީ ހިފައިގެން އެތަނަށް އައި އިޝްރާ އަހައިލިއެވެ. އެއީ ޒާނިލްގެ އަންހެނުންނެވެ. އުމުރުން 21 އަހަރުގެ އިޝްރާއަކީ މިހާރު ނަރުހެކެވެ. އޭނާ ޒާނިލްއާއި އެކުގައި މާލެ އައިސް އެއުޅުނީ އޭނާގެ ދަސްވެނިވި އަށެވެ.

“ސާބަހޭ.. ދޮންބެ ދައްތައަށް އަބަދުވެސް ހީވަނީ އަހަރެމެން ކޯޅެނީ އޭ” ތުންކޮޅު އޫކޮށްލަމުން ނިޔަލް ޝަކުވާ ކޮށްލިއެވެ. ގޭތެރެއަށް ވަދެވުމުން ނިޔަލްގެ އެހުންނަ ‘ރޫޑް’ ގޮތްގަނޑު ވަނީ ކޮން ތާކަށް ކަމެއްވެސް ނޭނގެއެވެ. މިހާރު ހީވަނީ އުޅޭގޮތުން ހަމަ ކުޑަ ކުއްޖެއް ހެންނެވެ.

“އޭ ނިޔާ ބުނަންތަ ވާހަކައެއް؟ ދައްތަ މި ދޮންބެއާއި ރައްޓެހިވީ ދައްތައަށް 14 އަހަރުގަ ދޯ؟ އޭރުން ސުރެ ހަމަ އެއްކޮށް ދޯ މިއުޅެނީ.. ތިކުދިންގެ ކޯޅުން ބަލާ ބަލާ ބޮޑުވީ މީހެއް މީވެސް ހަމަ އިނގޭ؟ ހަހަހަ” ހެމުން ހެމުން އިޝްރާ ދޫ ނެރެލިއެވެ. ނިޔަލް އަދި ޒާނިލްގެ ހުނުމުގެ އަޑުވެސް އިވިލިއެވެ. އެބުނީ ކީވެސް ދޮގެއް ނޫނެވެ.

“ޓޮއް ޓޮއް”

ތިން ކުދިންގެ ހުނުން ހުއްޓާލާފައި ދޮރާ ދިމާލަށް ބަލައިލެވުނީ ދޮރުގައި ޓަކިދޭން ފެށުމުންނެވެ. ބޯން އިން ކޮފީ ޖޯޑު މޭޒުގައި ބައިންދަމުން ޒާނިލް ތެދުވެ، އިޝްރާގެ އަތުގައި ހިފައިގެން ގޮސް ދޮރު ހުޅުވިއެވެ.

“އާން މިއޮށް އައީ ނުން؟” ދޮރު ހުޅުވާލީ އިރު ދޮރު ކުރިމަތީގައި ހުރި މެދު އުމުރުގެ މީހާއަށް ހިނިތުންވެލަމުން ޒާނިލް ބުނެލިއެވެ. އުމުރުގެ ގޮތުން ބަލާ އިރު އޭނާ ހީވަނީ 40 ގެ އަހަރުތަކަށް ގާތް ކުރާ މީހެއް ހެންނެވެ. ކުޑަކޮށް ފަލަކޮށް ހުރި އިރު ތުނބުޅީގައި އަދި އިސްތަށިގަނޑުގައިވެސް ނުރަ އިގެ އަސަރު ހުއްޓެވެ. ކޮންމެވެސް ވަރަކަށް މޫނުގައި ރޫ ޖެހިފައި ހުއްޓެވެ. ލައިގެން ހުރި ކޯޓު ފަޓުލޫނުން އޭނާގެ ހައިބަތު އެނގިގެން ދެއެވެ. އެއީ ޝަޔަމްއެވެ.

“ކޮބާ ޒާނިލް ކިހިނެއް؟ މީތަ ޒާނިލްގެ އަންހެނުންނަކީ..؟” ޒާނިލްގެ އަތުގައި ހިފާލައިގެން ހުރި އިޝްރާގެ ބޮލުން ފެށިގެން ފަޔާއި ދިމާލަށް ބަލައިލަމުން ޝަޔަމް އެހިއެވެ. ހީވީ ސްކޭނެއް ކޮށްލި ހެންނެވެ.

(ނުނިމޭ)

ހަވަނަބައިގެ ތެރެއިން:

ނައިކާގެ ހަށިގަނޑު ވަޅުލުމަށް ވަޅު ކޮންނަން ހުރި ޒިޔާދުގެ ނިއްކުރި މަތީގައި ހުރި ދާތައް ފުހެލިއެވެ. އެއްކައިރިއަށް ޖެހިލަމުން ކައިރީގައި އޮތް ތާޒާ ފެންފުޅި ނަގާ ކޯވަރެއް ބޯލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނާ އަނެއްކާވެސް އުދެލި ނަގާ ކޮންނަން ފެށިއެވެ. ދެވަނަ ފަހަރަށް ވެލި ނަގަން އުދެލި ތިރިއަށް ލުމާއި އެކު ކޮންމެވެސް އެއްޗެއްގައި އޭގެން ޖެހުނެވެ. ވަގުތުން އެ އެއްޗެއް ހަލާކު ވެގެން އޭގައި ހުރި އެއްޗެއް އޭނާގެ މޫނުމަައްޗައްބުރިއެވެ. ހަޅޭއް ލަވައި ގަންނަމުން ބިންމައްޗަށް ޖެހި ގަނެވުނީ އެއީ ލޭކަން އެނގުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. Someone

    Masha Allah varah furihama mi part genes dheefa in goih ves 🫶💗
    When’s next?
    Thankolheh dhigu koh up kohladhehche next part🥹

    1. shihaamaa ali
      Someone

      jazaakillah khairr🥹🥹
      in sha allah next soon, stay tuned🩶
      will try my best 🙂

  2. mariyambu

    alhey vrh reethi mashaallah new bai avahah upload kohllla dhehcche plzzzzzz

    1. shihaamaa ali
      mariyambu

      jazaakillah khairr🥹🥹
      in sha allah next soon, stay tuned🩶 i was a bit busy today thats why i wasnt able to write.. in sha allah varah avahah 6 vana bai genessdheynan🩶

  3. Lavender

    Mi story kiyaafa hama hee hihi nagaifi 😭😭
    So talented Maasha Allaah 💗💗 keep it up love 💗

    1. shihaamaa ali
      Lavender

      jazaakillah khair dearr🥹🩶
      same to u too love 🩶

Comments are closed.