
ޒައިނަބް – 11

އެރޭ ދަންވަރު ދޭއް ޖަހަނިކޮށް ޒައިނަބަށް ފާހާނާއަށް ދާންޖެހިގެން ހޭލެވުނެވެ. ޒައިނަބް އެނދުން ފައިބައިގެން ފާހާނާއާއި ދިމާލަށް އެޅި ފުރަތަމަ ފިޔަވަޅާއެކުގައި އޭނާގެ މެޔަށް ހީވީ ފެންއެއްޗެއް އޮއްސާލިހެންނެވެ. ކުޑަދޮރުގެ ދޮރުފޮތިގަނޑު ކެހިފައިވާ ދިމާލުން ބޭރުގެ ކޮރިޑޯއިން ހިޔަންޏެއް ދެކޮޅު ދެކޮޅަށް ދާތީ ޒައިނަބަށް ފެނުނެވެ. އެއީ އަނެއްކާ މީހަކަށް ވެދާނެބާއެވެ؟. ޒައިނަބް އަހުސަލްއަށް ގޮވާ ހޭލެއްވުމަށް ފަހު ގޭތެރޭގައި ކޮންމެވެސް މީހަކު އެބަ ހިނގާ ކަމުގައި ބުންޏެވެ. އާދައިގެމަތިން އެރޭވެސް އަހުސަލް ގޮސް ބޭރު ބެލިނަމަވެސް އެއްވެސްމީހަކު ނުފެނުނެވެ.
“އެ ވެދާނެ ހީވި ގޮތެއްކަމަށް… ފާހާނައަށް ވަދެފަ އާދޭ ނިދަން އޮށޯންނަން.. ވަރަށް ހެނދުނާ ހޭލަންވެސް ޖެހޭ..”
އަހުސަލް އެހެންބުނެ އެނދުގައި އޮށޯތެވެ.
އަނެއްދުވަހުގެ ފަތިސްނަމާދުން ފޭބިގޮތަށް އަހުސަލްއާއި އިސްމާއިލް އުޅުނީ ލޮނުދޫއަށް ދިޔުމުގެ އެންމެފަހުގެ ތައްޔާރީތައް ވުމުގައެވެ. އިސްމާއިލްގެ ކުޑަދޯނީގެ އިންޖީނަށް ތެޔޮ އެޅުމާއި އަދިވެސް އެފަދަ އެހެންކަންކަން ނިންމުމުގައެވެ. ހެނދުނުގެ ނާސްތާއަށްފަހު ޔޫނުސް، ސަލީމް، އިސްމާއިލް އަދި އަހުސަލް ލޮނުދޫއަށް ފުރުމަށް ދޯންޏަށް އެރިއެވެ. އެރަށުގައި ދިމާވާނީ ކޮންފަދަ ކަމެއް ކަންވެސް އެމީހުންނަކަށް ނޭނގެއެވެ. ނަމަވެސް ކޮންމެފަދަ ކަމަކާއި ކުރިމަތިލައިގެން ނަމަވެސް ކަމުގެ ހަގީގަތް ހޯދާ ބެލުމުގެ އަޒުމުގައި ލޮނުދޫއާއި ދިމާލަށް މިސްރާބުޖެހިއެވެ.
ލޮނުދޫއަށް ދިޔަ ދަތުރުމަތީގައި ޔޫނުސް ވިސްނަމުން ދިޔައީ އިއްޔަ ކިޔެވި ވަގުތުގައި ޒައިނަބް ސިފަކޮށްދިން ލޮނުދޫގެ ވަލަށް ވަންނަ ހަނި މަގާއި ދޭތެރޭގައެވެ. އެތަނަކީ ކުރިންވެސް ޔޫނުސްގެ ފަރާތުން ރުޤްޔާގެ އެހީ ހޯދި އެހެންމީހެއްވެސް ސިފަކޮށްދީފައިވާ ތަނެކެވެ. ނަމަވެސް އެމީހާ ޒައިނަބާއި ދިމާވެފައި ނުވާނެކަން ޔޫނުސަށް އެނގެއެވެ. އަދި އެދެމީހުންނަށް އެކަކު އަނެކަކަށް ދިމާވެގެން އުޅޭ ކަންތަށްވެސް އެނގިފައި ނުވާނެކަން ޔޫނުސަށް އެނގެއެވެ. ޔޫނުސް އެވާހަކަ އަދި ޒައިނަބް މެންނާއި ހިއްސާނުކޮށް މަޑުކުރަން ނިންމީ އެތަނުގެ ހަގީގަތް ރަނގަޅަށް ހޯދުމަށް ފަހުގައި އެވާހަކަ ދެއްކުމަށެވެ.
އެބުނާ މަގަކަށް ގޮސް އެތަނުން އެނގޭނީ ކޮންފަދަ ހަގީގަތެއްބާއެވެ؟. އެރަށުގައި ފޮރުވިފައިވަނީ ކޮންކަމެއްބާއެވެ؟. ޒައިނަބެކޭ އެއްފަދައިން ޔޫނުސް ކައިރިއަށް ދިޔަ އަނެއްމީހާވެސް އެދައްކަނީ ހަމަ އެއްތަނެއްގެ ވާހަކަތޯ ޔަގީންކުރަން ޔޫނުސް ބޭނުމެވެ. އެއީ އެއްތަނެއް ނަމަ މިކަންތައް ގަނޑަކީ ނުހަނު ބޮޑު ކަމެއްކަން ޔަގީނެވެ. ޔޫނުސް ތަފާތުއެކި ހިޔާލުގައި އިންދައި ދޯނިގޮސް ލޮނުދޫގެ ފަޅަށް ވަނެވެ.
ދޯނި ދުއްވަން ހުރި އިސްމާއިލް ފަރިތަކަމާއެކު ލޮނުދޫގެ ކުޑަ ފާލަމަށް ދޯނި ކައިރިކޮށް ފާލަމުގައި ދޯނީގެ ވާ އެއްސިއެވެ.
ރަށަށް އެރުމާއެކު އަހުސަލް އަވަސްވެގަތީ އެމީހުން ގެނައި ބައެއް ސާމާނުތައް އަތިރިމަތީގައި ހުރި ބޮޑު ގަހެއްގެ ހިޔަލުގައި ބެހެއްޓުމަށެވެ. އަހުސަލްއާއެކު ސަލީމުއާއި އިސްމާއިލްވެސް އެކަމުގައި ބައިވެރިވިއެވެ. އޭރު ޔޫނުސް ފާލަމުން ފައިބައިގެންގޮސް ރަށުގެ ފަސްގަނޑު މަތީގައި އޭނާއެޅި ފުރަތަމަ ފިޔަވަޅު މަތީގައި ހުރެ މަޑުމަޑުން ތުންތަޅުވަމުން ދިޔައެވެ. ހީވާގޮތުން ކޮންމެވެސް ކިޔެވެލިތަކެއް ކިޔަވަނީއެވެ. ޔޫނުސް ފަސްވަރަކަށް މިނެޓު އެހެން ހުރެ ކިޔެވުމަށްފަހު އަހުސަލްމެން ކައިރިއަށް ދިޔައެވެ.
“އަވަހަށް ހިނގާ ރަށުތެރެ ބަލާލަން… އަހަރެން އެންމެފުރަތަމަ ބޭނުމީ ރަށުގެ ވަށައިގެން އަތިރިމަތިން ހިނގާލަން …”
ޔޫނުސް އެހެންބުނެ އަހުސަލްމެންނާއެކު ހިނގައިގަތެވެ.
ކުޑަތަންކޮޅަކަށް ހިނގާލުމާއެކު ޒައިނަބްބުނި ވަލުތެރެއަށް ވަންނަ ހަނިމަގު ކައިރިއަށް ދެވުނެވެ.
“މީ އެތަނަކީ..”
އަހުސަލް ޔޫނުސްއަށް އެތަން ދެއްކިއެވެ.
އެ މަގުގެ ކޮޅުގައި މަގުމައްޗައް ވާހެން ހިކިފަތް ތަކަކާއި ކޮންމެވެސް ވަރަކަށް ގަސްގަހުގެ އޮފިތަކެއް އެއްކޮށްފައި ހުއްޓެވެ. އެދިމާލުން ބިންމަތީގެ ފަސްގަނޑު ހީވަނީ ކުރިން ކޮނެފައި އަލުން ފަސްލާފައި ހުރިހެންނެވެ.
“އެންމެފަހުން ދަތުރު އައި ދުވަހުވެސް މިތަން ހުރިހެން ދޯ އަދިވެސް މިހުރީ..”
އެތަނަށް ބަލަންހުރެ އިސްމާއިލް ބުންޏެވެ.
ޔޫނުސް އުޑުފައިން އިށީނދެ އެތަނަށް ބަލަންފެށިއެވެ.
އެދިމާލުން ކުޑަތަންކޮޅެއް ދުރުގައި ދަރުތަކެއް އަތުރާފައި ހުއްޓައި ޔޫނުސްއަށް ފެނުނެވެ. އެރަށަކީ މީހުން ދަރާއިކާށި ހޮވަން އަންނަ ރަށެއްކަމުން އެފަދަ ތަނެއް ފެންނަން ހުރިނަމަވެސް ހަގީގަތް ނޭނގި ވަކިއެއްޗެއް ބުނަން ޔޫނުސަށް ދައްޗެވެ.
“ދަތުރު އައިސްގެން އުޅުނު އެއްވެސް ދުވަހަކު ތި އާއިލާގެ އެއްވެސްމީހަކު ސީދާ މިތަނުން ދަރު ނެގިތަ؟”.
ޔޫނުސް އެހިއެވެ.
“ސީދާ އެހެން ބުނާކަށް ހަނދާނެއްނެތް..”
އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު އަހުސަލް ބުންޏެވެ.
އަހުސަލް އެހެންބުނުމުން ޔޫނުސް އޭނާގެ އަތުގައިއޮތް ކުޑަ ނޯޓު ފޮތެއްގައި އެވާހަކަ ނޯޓު ކޮށްލިއެވެ. އެފޮތަކީ ޔޫނުސް ރުޤުޔާ ކުރާއިރު މުހިންމު ބައެއް ކަންކަން ނޯޓުކޮށް އަދި ބައެއް މަޢުލޫމާތުތައް ރައްކާކޮށްފައި ބަހައްޓަން ގެންގުޅޭ ފޮތެކެވެ.
އޭރު އެތަނުގައިހުރި ދަރުތަކުގެ ތެރެއިން ކަޅު ރޮދި ބޮނޑިއެއް ފެނިގެން ސަލީމް އުޅުނެވެ.
“މީ ކޮން ރޮދި ގަނޑެއް؟..”
ސަލީމު އޭތި ނަގަން ގުދުވަމުން ބުންޏެވެ.
“ތީތި ކުރިންވެސް އޮތްތާ ބާއްވާ!. ފަހުންވެސް މިތަން އަދި ބަލަން ޖެހޭނެ… އެއްވެސް އެއްޗެއް ނުގުޑުވާ ކުރިން ހުރިހެން ބަހައްޓާ.. ހަމައެކަނި ބަލާނީ… އެއްވެސް އަތްނުލާތި!..”
ޔޫނުސް އެހެންބުނުމުން ސަލީމް އޭތި ކުރިންވެސް އޮތްތަނުގައި ބޭއްވިއެވެ. އަދި އިތުރަށް ރަށުތެރެ ބެލުމަށް ހިނގައިގަތެވެ. ހަތަރުމީހުން އެކުގައި ގޮސް ރަށުގެ އެކިދިމަދިމާ ބެލުމަށްފަހު ގޮސް ޔޫނުސްގެ އެންގުމަށް ކާއެއްޗިއްސާއި އަދިވެސް ގެނައި އިތުރު ސާމާނުތައް ބަހައްޓާފައިހުރި ގަސްދަށުގައި އިށީނެވެ.
އޭރު މެންދުރުވާން ކައިރިވެފައި ހުރުމުން ދޮން ކޮށްފައިހުރި އިރުގެ ހޫނު އިންތިހާއަށް ގަދައެވެ. ދީފައިވާ ރަތްދަކަ އަވީގައި އަތިރިމަތީގެ ހުދު ވެލިގަނޑަށް ބަލާލިޔަސް ދެލޯ ބަޑިޖަހާ ވަރުވެއެވެ. އަހުސަލް އޭނާ ލައިގެންހުރި ޓީޝާޓުގެ ކަރުގައި އަޅުވާފައި އޮތް އަވިއައިނު އަޅާލުމަށްފަހު ފެންފޮދެއް ބޯލިއެވެ. އަދި ކޮންމެވެސްވަރަކަށް ބަނޑުހައި ވެފައި ހުރުމުން ބިސްކޯދެއް ނަގައިގެން ކާންފެށިއެވެ. އެތަންފެނި އިސްމާއިލް ގޮސް ދޯންޏަށް އަރައި އޭގައިހުރި ފޮއްޓަކުން ބޮޑު ކުޅިބޯކިބަލެއްް ގެނެސް އެންމެން ކުރިމަތީގައި ބޭއްވިއެވެ. ބޯކިބާ ބަންދުކޮށްފައިވާ ފޮއިލްގަނޑު ހުޅުވާލުމާއެކު އަރައިގެންދިޔަ މީރުވަހުންވެސް އެމީހުންގެ ބަނޑު ފުރުނު ފަދައެވެ.
“މިއީ ދޮންތަ އެޅި ބޯކިބަލެއް.. އަދި ހުންނާނެ ބިސްކޯދާއި ކޭކާ އެއްޗެހިވެސް އިނގޭ.. އެންމެން އަވަހަށް ކާންފަށާ.. ދޮންތަ އަޅާ ބޯކިބާ ވަރަށް މީރުވާނެ ދޯ އަހުސަލް… ”
އިސްމާއިލް ޝިފާއަށް ތައުރީފު ކޮށްލަމުން އަހުސަލްއަށް ދޯދިނެވެ. އަހުސަލް އެއީ ތެދެކޭ ބުނެ ލަސްނުކޮށް ކާންފެށިއެވެ. ހަތަރުމީހުން ހަމަޖެހިލައިގެން ތިބެ އެ ބޯކިބާ އެއްކޮށް ކައި ހުސްކޮށްލިއެވެ.
“ޔޫނުސް.. ޔޫނުސްއަށް ހީވޭތަ މިރަށުގަ އެއްވެސް ގޯހެއް އުޅޭހެން؟..”
އިސްމާއިލް އެހިއެވެ.
“އަދި އެހާ ޔަގީންކޮށް ވަކިއެއްޗެއް ބުނަންދަތި.. އެކަމަކު ރަށުތެރެއިން ފެނިއްޖެ ތަފާތު ބައެއް ކަންކަން.. އަދިވެސް އިތުރަށް ބަލަން ޖެހޭނީ..”
ޔޫނުސް ގަސްތަކާއި ދިމާލަށް ބަލާލަމުން ބުންޏެވެ.
“އަހަރެން ބޭނުންވަނީ މިރަށުގައި ތިބެ ކޮންމެވެސް ވަރަކަށް ރުޤްޔާގެ ބައެއްދުޢާތައް ކިޔަވަން… އަދި ޤުރުއާން ކިޔަވާލާ ހަދަން… އޭރުން އަހަރުމެންނަށް ވެސް ރައްކާތެރިކަން ލިބޭނީ… މިތަނުގައި އަހަރުމެންގެ ލޮލަށް ނުފެންނަ ޖިންނި ޝައިތޯނުން ވަރަށް ގިނަ.. މިހެންބުނީމަ އެކަކުވެސް ބިރުނުގަންނާތި… އޭއްޗެހިވެސް ހެއްދެވީ ހަމަ މާތް ﷲ.. ”
ޔޫނުސް އެހެން ބުނުމުން އެވާހަކައާއި އެއްބަސް ވުމުގެގޮތުން ސަލީމުއާއި އަހުސަލްއަދި އިސްމާއިލް ބޯޖަހާލިއެވެ.
އިރުކޮޅަކު އެތާގައި ތިބުމަށްފަހު ޔޫނުސް އެންގީ އެންމެން ތެދުވެ ވުލޫ ކޮށްލުމަށެވެ. އެންމެން ވުލޫ ކޮށްލައިގެން ޔޫނުސް ފަހަތުންގޮސް ވަލަށް ވަންނަ ހަނިމަގުގެ ކައިރީގައި މަޑުކޮށްލިއެވެ.
އެހިސާބުގައި ކޮޅަށްހުރެ ޔޫނުސް އަޑުހަރުކޮށް ކިޔަވަންފެށިއެވެ. އޭރު ދެންތިބި ތިންމީހުން ޔޫނުސް ކައިރީގައި އޭނާ ކިޔަވާ އަޑުއަހަން ތިއްބެވެ. އެހެން ކިޔަވަމުން ދިޔައިރު ވަކި ތަންތަން ކޮޅަކަށް އޭނާގެއަޑު ބާރު ކޮށްލާކަން އެމީހުންނަށް ފާހަގަވިއެވެ.
ޔޫނުސްގެ ކިޔެވުމުގެ އަޑު މުޅި އެހިސާބުގައި ފެތުރުނެވެ. އިރުކޮޅަކުން ޖެހެމުންދިޔަ ވައިރޯޅިތައް1 ކުޑަކޮށް ބާރުވާންފެށިއެވެ. އަދި ގަސްތަކުގެ މަތިން ކާޅުތައް އެއްފަހަރާ ކަހަލަ ގޮތަކަށް ގޮވާލިއެވެ. ކުއްލިއަކަށް ވަލުތެރެއިން އަންނަ ފަދައިން ބާރު ވައިރޯޅިތަކެއް އަންނަން ފެށިއެވެ. އަހުސަލްއާއި އިސްމާއިލަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. ބިރުން ތިބިނަމަވެސް ވުލޫކޮށްގެން ޔޫނުސް ކިޔާދިން ދުޢާތައް ކިޔައިގެން ތިބުމުން ހިއްވަރުކޮށްފައި ﷲ އާ ވަކީލުކޮށްގެން ތިބީއެވެ.
ވަލުތެރެއިން އަންނަމުންދިޔަ ބާރު ވައިރޯޅި ތަކާއެކު ވަރަށް ނުބައިވަހެއް ވައިގައި ހިފާލިއެވެ. އެއީ ފަރުމަތިން ދުވާފަދަ ފަރުހަކިވަހެކެވެ. އަދި އެވަހާއި އެކުވެގެން ކުނިވަހެއްވެސް ދުވަންފެށިއެވެ.
“ކޮން ވަހެއް އެދުވަނީ؟.”
އިސްމާއިލް ނޭފަތުގައި އަތް އަޅަމުން ބުންޏެވެ.
“މަށަށްވެސް އެބަދުވާ އެވަސް.. ހާދަ ނުބައި ވަހެކޭ ދޯ..”
އަހުސަލް ގަސްތަކާ ދިމާލަށް ބަލަންހުރެ ބުންޏެވެ. އެވަސްއައީ ގަސްތަކުގެ ތެރެއިންކަން އޭނާއަށް ޔަގީނެވެ. ނަމަވެސް އެއީ ކޮން އެއްޗަކުން ދުވި ވަހެއް ބާއެވެ؟.
ކުޑައިރުކޮޅަކުން އެވަސް މަޑުވަމުންގޮސް އެއްކޮށް ފިލާނުދިޔަ ނަމަވެސް ވަރަށް މަޑުވިއެވެ. އޭރުވެސް ޔޫނުސް ހުއްޓާނުލައި ކިޔެވުން ކުރިއަށް ގެންދިޔައެވެ. އެވަގުތު ކުއްލިއްކަށް ވަލުތެރޭގެ ހިސާބަކުން ގަހަކުން ބޮޑު އޮފިގަނޑެއް ވެއްޓި ބިންމަތީގައި ޖެހުނު އަޑުއިވުނެވެ. އެއަޑު އައިގޮތުން އެއީ ވަލުތެރެއިން އެމީހުންނާއި ވަރަށް ކައިރި ހިސާބަކުން އިވުނު އަޑެއްކަން އެމީހުނަށް އެނގެއެވެ. ސަލީމު ފަސްއެނބުރި ގަސްތަކާއި ދިމާލަށް ބަލާލުމަށްފަހު ފުންނޭވާއެއް ލިޔެވެ. ހީވާގޮތުން ސަލީމުވެސްހުރީ ކޮންމެވެސް ވަރަކަށް ބިރުގަނެފައެވެ. އެއްވެސް މީހަކު އެ އަޑުއައި ދިމާލަށް ނުގޮސް ތިބިތާ ތިއްބެވެ.
ޔޫނުސް އޭނާގެއަޑު އިތުރަށް ބާރުކޮށް ކިޔެވުން އަވަސްކޮށްލިއެވެ. މާގިނައިރެއްނުވެ ކުއްލިއަކަށް ވަލުގެ ބޯގަސްތަކުގެ ތެރެއިން ކުޑަކޮށް ހާމައަށް ހުރި ދޭތެރެއަކުން ހިޔަންޏެއް ފާޅުވިއެވެ. އެއީ އަނދިރި ގަނޑެއްފަދައިން ފެންނަންހުރި ކަޅު ހިޔަންޏެކެވެ. ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި އެހިނި ކައިރިން އިތުރު ދެތިން ހިޏެއްވެސް ފާޅުވިއެވެ. ގަސްތަކުގެ ތެރެއިން އެހިޔަނިތައް އަވަސް ހަރަކާތްތަކެއް ފަދައިން ދެކޮޅު ދެކޮޅަށް ދާންފެށިއެވެ.
“ކަލެއަށް އެބަ ފެނޭތަ ފާޑެއްގެ ހިޔަނިތަކެއް؟.”
އިސްމާއިލް އަހުސަލް ކައިރިއަށް ޖެހިލަމުން ވައިއަޑުން އެހިއެވެ.
އަހުސަލް އަނގައިން އެއްވެސް ބަހެއް ނުބުނެ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އޭރު ސަލީމްވެސް މަޑުމަޑުން ތުންތަޅުވަމުން ދިޔައެވެ.
އަނެއްކާވެސް ޔޫނުސް ކިޔެވުމުގެ އަޑު ބާރުކޮށްލިއެވެ. އެވަގުތު ޖެހެމުންދިޔަ ވައިރޯޅިތައްވެސް ބާރުވެގެން ދިޔައެވެ. ޖެހެމުންދިޔަ ވައިރޯޅީގެ ބާރުކަމުން އެމީހުން ތިބި ހިސާބުގައިހުރި ގަސްތަކުގެ ފަތްތައް ތެޅެމުން ދިޔައިރު ހީވަނީ އެހެންފަދަ ކަމެއްހެންނެވެ. އޭރު ބިންމަތީގައި ހުރި ހިކިފަތްތައްވެސް ވަޔާ އެނބުރެމުން ދިޔައެވެ. އަހުސަލް ފަސްއެނބުރި އަތިރިމައްޗާ ދިމާލަށް ބަލާލިއެވެ. ނަމަވެސް އަތިރިމަތީގައި ހުރި ގަސްތަކުގެ ފަތްތައް ހެލެމުން ދިޔައީ ނުހަނު މަޑުންނެވެ. ގަދަފަދަ ތޫފާނެއް ފަދައިން ވައިޖެހެމުން ދިޔައީ އެމީހުން ތިބި ހިސާބަށް އެކަނިކަން ޔަގީންވުމުން އަހުސަލް ގަނެފައިވާ ބިރު އެތައްގުނައަކަށް އިތުރުވެގެން ދިޔައެވެ.
ހަމަ އެވަގުތު ގަސްތަކުގެ ތެރެއިން ބަރުއަޑެއް އިވެން ފެށިއެވެ. ފިރިހެނަކު ކަރުބުޑުން ބަރުއަޑެއް ނެރިގެން ހަޅޭއްލަވާފަދަ އަޑެކެވެ. ނަމަވެސް އެއީ އިންސާނެއްގެ އަޑެއް ނޫންކަން އެހަތަރު މީހުންނަށްވެސް އެނގެއެވެ.
އިރުކޮޅަކުން އެއަޑު ކެނޑުނެވެ. ނަމަވެސް ކުއްލިއަކަށް ގަހެއްގެ އޮފިގަނޑެއްގައި ބާރަށް ކޮންމެވެސް އެއްޗަކުން ޖެހިގަތް ފަދަ އަޑަކަށްފަހު އޮފިގަނޑެއް އިރައިގެން ދިޔަފަދަ އަޑެއް މާހައުލުގައި ގުގުމާލިއެވެ.
އެއަޑަށް ސިހިފައި އިސްމާއިލަށް ފަހަތަށް ޖެހިލެވުނެވެ.
އެއަޑު އިވިފައި ހަތަރު މީހުންވެސް ސިހިގެން ދިޔަނަމަވެސް ޔޫނުސް ހުއްޓާނުލާ ކިޔެވުން ކުރިއަށް ގެންދިޔައެވެ.
“ކަލޭމެންނަކީ މިރަށުގެ މީހުންނެއް ނޫން…”
ވަލުތެރެއިން އައީ ފިރިހެނެއްގެ ވަރަށްބަރު އަޑެކެވެ. ނަމަވެސް އެއަޑު އާދަޔާހިލާފަށް ބަރެވެ.
ޔޫނުސް އެކަމަށް އެއްވެސް ރައްދެއް ނުދީ ކިޔަވަމުން ދިޔައެވެ. އިރުކޮޅަކުން ގަސްތަކުގެ ތެރެއިން ފެނުނު ކަޅު ހިޔަނިތަކުގެ އަދަދު ގިނަވާން ފެށިއެވެ. އެހިޔަނިތައް އަނދިރި ވެފައި އިސްކޮޅުން އާދަޔާ ހިލާފަށް ދިގެވެ. އަހުސަލްއާއި އިސްމާއިލް ތިބީ އިންތިހާއަށް ބިރުގަނެފައި ނަމަވެސް ތިބި ތަނުން ގުޑިވެސް ނުލައި ތިބީއެވެ..
“އޭނާ ބޭނުންވީ ކަންތައް އަހަރުމެން އޭނާއަށް ކޮށްދީފިން…”
އަނެއްކާވެސް އެ ބަރު އަޑުން ބުނިއަޑު އިވުނެވެ. އެވަގުތު އަނެއްކާވެސް ގަސްތަކުގެ ތެރެއިން އެއަޑުއައި ދިމާލުން ބާރު ވައިރޯޅިއެއް ޖެހުނެވެ. ހަމަ އެވަގުތު އަހުސަލްއަށް އޭނާގެ ކޮނޑުގައި މީހަކު ކޮށްޓާލިހެން ހީވުމުން ތެޅިގަނެފައި ފަހަތަށް ބަލާލެވުނެވެ. ނަމަވެސް މީހެއް ނުވަތަ އެއްޗެއްވެސް އެތާކު ނެތެވެ.
ޔޫނުސް ކިޔެވުން އަވަސް ކޮށްލިއެވެ. ވަރަށް ހަލުވިކޮށް ފަރިތަކަމާއެކު ކިޔަވަމުންގޮސް ކިޔެވުން ނިންމާލައި ފުންނޭވާއެއްލިއެވެ.
އޭގެ ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައި ވައިމަޑުވެ ދުވަމުންދިޔަ ނުބައި ވަސްވެސް އެއްކޮށް ކެނޑުނެވެ. އަދި ގަސްތަކުގެ ތެރެއިން ފެންނަން ތިބި ހިޔަނިތައްވެސް ގެއްލުނެވެ. އަދި މަޑުމަޑުން އެތަނުގައިވާ ނާމާންކަން ކެނޑި މާހައުލު އަމާންވިއެވެ.
ކިޔެވުން ނިންމާލުމަށްފަހު ޔޫނުސް އަތިރިމައްޗާ ދިމާލަށް ހިނގައިގަތުމުން ދެންތިބި މީހުންވެސް ޔޫނުސް ފަހަތުން ހިނގައިގަތެވެ. އެމީހުންގޮސް ދަބަސްތައް ބަހައްޓާފައިހުރި ގަސްދަށުގައި އިށީނެވެ.
“އެއްވެސް މީހެއް ވަކިނުވާތި… އެންމެން އެއްކޮށް ތިބޭނީ… އަޑެއް އިވުނަސް އެއްޗެއް ފެނުނަސް އޭގެފަހަތުން ނުދާތި.. ހާއްސަކޮށް ވަލުތެރެއަށް އެކަނި ނުވަންނާތި!..”
ކަންކުރަންވީގޮތް ޔޫނުސް އަހުސަލްމެންނަށް ކިޔާދިނެވެ.
“އެ އިވުނީނު ބަރުއަޑަކުން ވާހަކަ ދެއްކިއަޑު… އެއީ ޖިންނީގެ އަޑުތަ؟..”
އަހުސަލް ބިރުންއިނދެ އެހިއެވެ.
“އާނ… އެކަމަކު އެކަމާ އެއްވެސްމީހެއް މާބޮޑަށް ބިރުނުގަންނާތި.. ޖިންނީންނަށް އެކި ސިފަ ސިފައިގައި ފެނުމާއި އެކި އަޑުއަޑުން ވާހަކަ ދެއްކުމުގެ ބާރު ދެއްވާފައި ވަނީ މާތް ﷲ.. އޭއްޗިއްސަކީވެސް ހަމަ އަހަރުމެން ފަދައިން އެކަލާންގެ ހައްދަވާފައިވާ މަޚުލޫގުން…”
އަހުސަލްއާއި އިސްމާއިލް ބިރުން ތިބިވަރުން އެމީހުން އިތުރަށް ބިރު ނުގަންނާނެ ފަދަ ގޮތަކަށް ޔޫނުސް ޖަވާބުދިނެވެ.
“އެތާ އުޅުން އެއްޗެހި ތަކެއްވެސް… މަށަށްވެސް ފެނުން އެހިޔަނިތައް..”
އިސްމާއިލް ބުންޏެވެ.
“ތިމީހުންނަށް އޭއްޗެހި ފެނުނުކަން އަހަންނަށް އެނގޭ.. އަހަރެންގެ ވާހަކައަކީ އެކަހަލަ ކިތަންމެ ކަމެއް އަދި ފެނިދާނެއޭ.. އެހެންވީމާ ބިރުގަތަސް ވަރަށް ކެރިގެން މިކަންކަމާ ކުރިމަތިލާންވާނީ… އަހަރުމެން ބިރުގަންނަކަން ދައްކައިފިނަމަ އޭއްޗިއްސަށް ވަރަށް ފަސޭހަވާނެ އަހަރުމެން އިންސާނުންގެ ސިކުނޑިއާ ކުޅެލަން.. އަބަދުވެސް ގަބޫލުކުރަންވާނެ ނަމާދުކޮށް ދުޢާތަކާއި ޒިކުރުތައް ކިޔައިގެން ތިބޭނަމަ ﷲ ގެ ފަރާތުން ރައްކާތެރިކަން ލިބޭނެކަން..”
ޔޫނުސް އިތުރަށް ނަސޭހަތްތެރިވިއެވެ.
“އަހަރުމެން ހަތަރު މީހުންނަށް ފެނިފައިވާ މަންޒަރާއި އަޑުތައް އެއްގޮތް ނުވެދާނެ.. ޖިންނި ޝައިތާނުންގެ ކަންކަމަކީ ވަރަށް ފާޑެއްގެ ކަމެއް.. ކޮންމެ މީހަކުވެސް އެމީހަކަށް ފެނުނު މަންޒަރާ އިވުނު އަޑުތަށް އަދި ކުރެވުނު އިހުސާސް ކިޔާދީ..”
ޔޫނުސް އޭނާ ގެންގުޅޭ ނޯޓުފޮތް ހުޅުވާލަމުން ބުންޏެވެ.
ސަލީމުއާއި އިސްމާއިލް އަދި އަހުސަލް ޔޫނުސް އެބުނި ފަދައިން އެމީހުންނަށް ފެނުން އަދި އިވުނު އަޑުތައް ކިޔާދިނެވެ. އަހުސަލް އޭނާގެ ކޮނޑުގައި މީހަކު ކޮއްޓާލިހެން ހީވި ކަމުގައިވެސް ބުންޏެވެ. އެ ތިންމީހުންގެ އެހުރިހާ ވާހަކަތަކެއް ޔޫނުސް އޭނާގެ ނޯޓުފޮތުގައި ލިޔުނެވެ.
ލޮނުދޫއިން އެމީހުންނަށް ޒައިނަބަށް ޖެހިފައިވާ ސިހުރުގެ ހަގީގަތް އަދި ނުހޯދުނަސް އެރަށުގައި ކޮންމެވެސް ކަންތައްތަކެއް ފޮރުވިފައިވާކަން ޔަގީންވިއެވެ. އަދި އެއީ އެސިހުރާއި ގުޅުންހުރި ކަމެއްކަންވެސް އެނގުނެވެ. މިކަމަކީ ޔޫނުސް ހީކުރި ވަރަށްވުރެ މާބޮޑު ކަމެއްކަން އޭނާއަށް އިހުސާސްވިއެވެ. އެހާފަސޭހައިން މިކަން ނުނިމޭނެ ކަމާއި އަދިވެސް އިތުރަށް ލޮނުދޫގައި ފޮރުވިފައިވާ ސިއްރުތައް ހޯދަން އެނބުރި އަންނަން ޖެހޭނެކަން އޭނާއަށް އެނގުނެވެ.
ޔޫނުސް އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ބޮލުގެ ފުއްކިބަ ކަހަމުން ތެދުވިއެވެ. ހީވާގޮތުން އޭނާހުރީ ވަރަށްބޮޑު ވިސްނުމެއްގެ ތެރޭގައެވެ.
މަޑުމަޑުން އޮއްސެމުންދިޔަ އިރުގެ ރަތް ދޯދިތައް އުޑުމައްޗަށް ފެތުރެމުން ދިޔައެވެ. ހުއްޓުމެއްނެތި އަތިރިމައްޗަށް ބީއްސަމުންދިޔަ ކުދިރާޅުތަކުގެ އަޑުން މާހައުލުގައި ރީތި މިޔުޒިކެއް ގުގުމާލާފައިވާ ފަދައެވެ. އޭރު ޖެހެމުންދިޔަ ހިމޭން ވައިރޯޅިތަކުގައިވާ އާދަޔާހިލާފު ފިނިކަމުގެ ސަބަބުން އަހުސަލް އިނީ ހީކަރުވައި ގަނެފައެވެ.
އެއްކޮށް އިރުއޮއްސުމުން އެރަށް ނުހަނު އަނދިރި ވާނެއެވެ. އެރަށަކީ މީހުންނޫޅޭ ފަޅުރަށެއް ކަމުން ރޭގަނޑު ވެއްޖެނަމަ އެއްވެސް އަލިކަމެއް ނުހުންނާނެއެވެ. އަލިކުރަން ހަމައެކަނި ހުންނާނީ އެމީހުން ގެނައި ޓޯޗު ބައްތި ތަކެވެ.
އެހެންކަމުން އެމީހުން އިށީނދެގެން ތިބި ހިސާބުން ކޮންމެވެސް ވަރަކަށް ދަރު އެއްކޮށްގެން އަލިފާން ގަނޑެއް ޖެހުމުގެ މަސައްކަތުގައި އިސްމާއިލް އުޅުނެވެ.
“މިރޭ މިރަށުގަ މަޑުކުރަނީތަ؟..”
އިސްމާއިލް ޔޫނުސް ކައިރީގައި އެހިއެވެ.
“އާން އެހެންހަދަން މިވިސްނަނީ… އަދި އަހަރެން ބޭނުންވާ ވަރަކަށް މައުލޫމާތެއް ނުލިބޭ.. އިތުރަށް އެނގެން ބޭނުން ބައިވަރު ކަންކަން އެބަހުރި… އެހެންވީމަ އަދި ކުޑަކޮށް މަޑުކޮށްލަން ފެންނަނީ..”
ޔޫނުސް ބުންޏެވެ.
ޔޫނުސް ވުލޫ ކޮށްލައިގެން އައިސް އަޑުހަރުކޮށް ބަންގި ގޮވަންފެށިއެވެ. ސަލީމުއާއި އަހުސަލް އަދި އިސްމާއިލް ވެސް ވުލޫކޮށްގެން އައިސް ޔޫނުސްގެ ފަހަތުގައި ތިބެ މަޢްރިބް ނަމާދުކުރިއެވެ. ނަމާދުކޮށްގެން އިސްމާއިލް ގޮސް ދަބަސްތައް ކައިރީގައި އިށީނެވެ.
މިއަދު ފެނުނު ބިރުވެރި ކަންތައްތަކުގެ ސަބަބުން އަދިވެސް އިސްމާއިލްގެ ހިތުގައި ނުތަނަވަސްކަން ނުފިލާ ހުއްޓެވެ. އިރުއޮއްސި އަނދިރިވަމުން ދިޔަދިޔަހެން އިސްމާއިލް އިތުރަށް ބިރުގަންނަން ފެށިއެވެ. ނަމަވެސް މޫނުމަތިން އެކަން ނުދައްކާވޭތޯ އޭނާ ވަރަށް މަސައްކަތް ކުރިއެވެ. އެހެންއިނދެ އިރުއިރުކޮޅާ ގަސްތަކާއި ދިމާލަށް އިސްމާއިލް ބަލާލައެވެ.
“ކިހިނެއްވީ؟ ކީއްވެ އިރުއިރުކޮޅާ އެދިމާލަށް ތިބަލަނީ؟.”
އަހުސަލްއަށް އެކަން ފާހަގަވެގެން ގޮސް އިސްމާއިލް ކައިރީގައި އިށީންނަމުން އަހާލިއެވެ.
“ކަމެއްނުވޭ..”
އިސްމާއިލް ކުރު ޖަވާބެއް ދިނުމަށްފަހު ފެންފުޅި ނަގައި ފެންފޮދެއް ބޯލިއެވެ. ނަމަވެސް ހަގީގަތަކީ ގަސްތަކާ ދިމާލަށް ބެލުމުން އިސްމާއީލާއި އަހުސަލްއަށް އެމީހުންގެ ރަށުގެ ވަލުތެރެއިން ފެނިފައިވާ ކަޅުހެދުމުގައި ހުރި އަންހެންމީހާގެ މަތިން އޭނާ ހަނދާންވީއެވެ. އިރުއިރުކޮޅާ އެދިމާލަށް ބެލުނީ އެހެންވެއެވެ.
“އިސްމާއިލް… ކީއްވެ މާބިރުން ތީނީ؟ކިޔާދީބަލަ.”
އިސްމާއިލްގެ މޫނުމަތީގައިވާ ނުތަނަވަސްކަން ފެނިފައި ޔޫނުސް އެހިއެވެ.
އިސްމާއިލާއި އަހުސަލަށް ރަށުގެ ވަލުތެރެއިން ފެނުން އަންހެންމީހާގެ ވާހަކަ އޭނާ ވަރަށް ތަފްސީލުކޮށް ޔޫނުސަށް ކިޔާދިނެވެ. އެމީހާހުރީ ކަޅު ހެދުމެއް ލައިގެން ކަމާއި، އޭނާގެ އަތުގައި ގޯންޏެއްފަދަ އެއްޗެއް އޮތްކަމާއި އަދި އެމީއާ އިރުއޮއްސެމުން ދިޔަވަގުތު އިތުރަށް ވަލުތެރެއަށް ވަދެގެން ދިޔަވާހަކަވެސް ކިޔާދިނެވެ. ދައްތާއޭ ކިޔާފައި އިސްމާއިލް ގޮވާލުުމުން އެމީހާ ހުއްޓިފައި ފަސްއެނބުރި ބެލިނަމަވެސް އެއީ އިރުއޮއްސުނު ވަގުތުކަމުން އެމީހާގެ މޫނު ނުފެންނަ ކަމުގައިވެސް އިސްމާއިލް ބުންޏެވެ.
އެވާހަކަތައް އަޑުއެހުމަށްފަހު ޔޫނުސް އޭނާގެ ނޯޓުފޮތުގައި ކޮންމެވެސް އެއްޗެއް ނޯޓު ކޮށްލިއެވެ.
“އެހެންވީމަ ރަށަށްގޮސް އެދިމާ ރަނގަޅަށް ބަލަންވާނެ..”
ޔޫނުސް ބުންޏެވެ.
…………..
ފާތުންމެންގެ ގޭތެރޭގައި ޒައިނަބް އުޅުނީ ޝިފާއާއިއެކު ރޭގަނޑުގެ ކެއުމަށް ތައްޔާރު ކުރުމުގައެވެ. ލޮނުދޫއަށް ދެވުމުން އެރަށަށް ދެވުނު ކަމުގައިބުނެ އަހުސަލް ޒައިނަބަށް މެސެޖެއް ފޮނުވި ފަހުން އަދި އަހުސަލްގެ ހަބަރެއް ނުވާތީ ޒައިނަބްހުރީ ވަރަށް ކަންބޮޑުވެފައެވެ. އަހުސަލަށް އުނދަގޫ ވެދާނެތީ ނުގުޅާ މަޑުކޮށްގެން ހުރިނަމަވެސް އަހުސަލްގެ މެސެޖެއް އާދޭތޯ ޒައިނަބް އިރު އިރުކޮޅާ ފޯނަށް ބަލާލައެވެ.
“ދަރިފުޅާ އަހުސަލްއާ އިސްމާއިލްގެ ހަބަރެއް ނުވެގެން ކަންބޮޑުވަނީ ދޯ.. މާބޮޑަށް ނުވިސްނާ.. އެމީހުންނާއެކު ޔޫނުސްއާ ސަލީމްވެސް އެބަތިއްބެއްނު…”
ޒައިނަބްގެ ބޮލުގައި ފިރުމާލަމުން ފާތުން ބުންޏެވެ.
ރޭގަނޑުގެ ކެއުމަށްފަހު ޒައިނަބް ފާތުންނާއެކު އެގޭ ކައިރީގައި ޖޯލިފަތީގައި ފިނިކޮށްލަން އޮތްއިރުވެސް ވިސްނެމުން ދިޔައީ އަހުސަލްމެން މިހާރު ކުރާނެ ކަމަކާއި މެދުގައެވެ. އަނެއްކާ އެމީހުންނަށް ބިރުވެރި ކަމެއް ދިމާވީބާއެވެ؟.
…….
އޭރު ލޮނުދޫގައި އަހުސަލްމެން ރޭގަނޑުގެ ކެއުމަށް ބިސްކޯދާއި ކޭކާ އަދިވެސް ބައެއް ލުއިކާނާތައް ނަގައިގެން ކާންތިއްބެވެ. ސަލީމު ގެނައި ދޮންކޭލާއި އާފަލުވެސް އެތާ ހުއްޓެވެ.
ކައިނިމިގެން ޔޫނުސް ތެދުވެ ދެކޮޅަށް ހިނގަން ފެށިއެވެ. ކޮންމެވެސް ވިސްނުމެއްގައި ހުރެ ދެކޮޅު ދެކޮޅަށް ހިނގާ ފަދައިން އިރުކޮޅަކު އެހެން ހިނގުމަށްފަހު އައިސް އަހުސަލްމެން ކައިރީގައި އިށީނެވެ.
“މިރޭ އިތުރަށް ގަސްތައް ކައިރިއަށް ނުގޮސް މިތާ މަޑުކުރާނީ.. ނަމާދުކޮށްގެން ކިޔަވަން ތިބޭނީ ހަމަ… ދެން މާދަމާ އިތުރަށް ރަށުތެރެ ބަލާނީ..”
ޔޫނުސް ބުންޏެވެ.
އެތާގައި ޖަހާފައިވާ އަލިފާންގަނޑުން އެހިސާބު އަލިވެފައި ވީނަމަވެސް ދުރުން ގަސްތަކާއި ދިމާލުގައި ވަނީ ކަނު އަނދިރިކަމެވެ. ރެއަކީ ވައިމަޑު ރެއެއްކަމުން ގަސްތަކުގެ ފަތްތައްވެސް ހީވަނީ ހުއްޓިފައިވާ ހެންނެވެ. މާހައުލުގައިވާ ހަމަހިމޭންކަމުގެ ތެރެއިން ވަލުތެރެއިން ފަނިފަކުސާގެ އަޑު ފިޔަވައި ދެންއިވެނީ މަޑުމަޑުން އަތިރިމައްޗަށް ބީއްސަމުންދިޔަ ރާޅުތަކުގެ އަޑެވެ.
އެވަގުތު ކުއްލިއަކަށް ކައިރީގައި ހުރި ރުކެއްގެ ފަންތައް ބާރަށް ތެޅިލިއެވެ. ނަމަވެސް އިތުރު އެއްވެސް ގަހެއްގެ ފަތްތަކެއް ނުތެޅެއެވެ. ހަމަޔަގީނުންވެސް އެއީ ވައިރޯޅި އަކުން ވީކަމެއް ނޫނެވެ. އެހެންނަމަ އެހެން ގަސްތަކުގެ ފަތްތައްވެސް ތެޅޭނެތާއެވެ. އެކަން ފާހަގަވީ ހަމައެކަނި ޔޫނުސްއަށެވެ. އޭރު އަހުސްލްއާއި އިސްމާއިލް އަދި ސަލީމް ކޮންމެވެސް އޮލަ ވާހަކައެއްގައި ތިއްބެވެ. އެވަގުތު އެމީހުންތިބި ދިމާލުން ފަހަތުން ގަސްތަކުގެ ތެރެއިން ކަހަލަގޮތަކަށް މީހެއްގެ ފިޔަވަޅުގެ އަޑު އިވެންފެށިއެވެ. ޔޫނުސް ޓޯޗުބައްތި ދިއްލާލުމަށްފަހު އެ އަޑުއައި ދިމާލަށް އަލިކޮށްލިއެވެ.
ނަމަވެސް މީހަކު ނުވަތަ އެއްޗެއް ފެންނަން ނެތުމުން ޓޯޗުބައްތި ބޭއްވިއެވެ.
ލޮނުދޫގައި ފޮރުވިފައިވަނީ ކޮންފަދަ ބޮޑު ސިއްރުތަކެއް ބާއެވެ؟. ޔޫނުސް ހޯދަން އެއުޅޭ ހަގީގަތްތައް ހޯދުމަށް ކިތައްދުވަސް ނަގާފާނެ ބާއެވެ؟. ކަންތައްތައް ވަމުންދާ ގޮތުން މިކަމަކީ ފަސޭހައިން ނިމޭނެކަމެއް ނޫންކަން ޔޫނުސްއަށް ވިސްނުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (11)
Comments are closed.
Omggggg!
I need to read the next part
Pls upload the next part soon ☺️
Will upload very soon insha Allah 😊 hope you will like the next part too 🤍
Wow .. waiting for next part
Thank you Rau 🤍 Insha Allah v avahah will upload the next part ☺️
Hey Rau. Login nuve reply kohlevifa inee. thank you ingey for the comment 🤍 in sha Allah dhe dhuva thereyga upload kohlaanan next part ☺️
Girlll
I can’t wait
Plss upload fasttt
Will upload soon insha Allah 🤍
Girl
It has been 5 days
You have to write longer this timeeee
Hey… Ihnaane now upload kohfa dhigukoh ingey. hehe… So glad you are enjoying this story ☺️ I would really appreciate if you write name when you comment 🫰🏻🤍😊
omg this part was creepy but i feel like were closer to getting answers
Thank you for dropping a comment liya 😘 glad you enjoyed this part